އެހެން އިނދެ މަޑުމަޑުން ހަޔާތު ވާހަކަދައްކަން ފެށިއެވެ. ނަމަވެސް ކިޔާއެއްޗެއް އެކަކަށްވެސް ސާފެއް ނުވިއެވެ. އެހެންކަމުން ދެމީހުންނަށް އެއްފަހަރާ ކީކޭހޭ އަހައިލެވުނެވެ.
ނަމަވެސް ދެވަނަ ފަހަރަށް ވާހަކަ ދައްކާކަށް ހަޔާތު ގަސްތެއް ނުކުރިއެވެ. ދިއްކޮށްލީ އޭނާގެ ފޯނެވެ. ފޯނުގައި އިން މެސެޖް ޒަންމަތުއާއި ނަވާޒްއަށް ދެއްކުމަށެވެ. އެއާއިއެކު އަނެއްކާވެސް އޭނާއަށް ރޯން ފެށުނެވެ. އެ ހިތް މިއަދު ފުނޑު ފުނޑުވެގެން ގޮސްފިއެވެ. އެތައް ހާސް ހަންޖަރުތަކަކުން އެހިތް ޒަހަމްކޮށްލާފިއެވެ.
ފެންކަޅިވެފައިވި ދެލޮލުން ޒަންމަތު ހަޔާތުއަށް ބަލައިލެވުނެވެ. އުނގުގައި ބޯ އަޅައިލައިގެން އޮވެ އަދިވެސް ގިސްލަނީއެވެ. އެހެނަސް ކުރާނީ ކީއް ހެއްޔެވެ؟ އެއީ ހަޔާތުގެ ތަގްދީރުގައި ލިޔެވިފައިވާ ގޮތެވެ. އެގޮތް ބަދަލު ކުރެވޭނެ ހެއްޔެވެ؟ ތަގްދީރު ލިޔެވޭނެ ނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ ޒަންމަތުއަށް ބުނާނެ އެއްޗެއް އޭނާގެ ދުލަކާއި ހަމައަކަށް ނައެވެ. މެސެޖްގައި ވި ބަސްތައް އޭނާގެ ދުލުގައި ހިފަހައްޓާފައިވީ ފަދައެވެ. ނަމަވެސް އެދެލޮލުން ހުއްޓުމެއް ނެތި ކަރުނަތައް ފައިބަމުން ދިޔައެވެ. ލޭ ކަރުނައެވެ. ކަރުނަ ހުސްވާނެނަމަ އެދެލޮލުން މިއަދު ކަރުނަތައްވެސް ހުސްވީހެވެ.
ނަވާޒްއަށް ވެސް ވީ ޒަންމަތުއަށް ވީވަރެވެ. އެދެލޮލުން ކަރުނަ ނައި ނަމަވެސް ދެލޯ ވަނީ ތެތްމާލާފައެވެ. ހަޔާތަށް ކުރާނެ އަސަރު މިއަދު އެރުއިމުގެ އަޑުން އޭނާއަށްވެސް އަންދާޒާ ކުރެވުނީ ކަންނޭނގެއެވެ.
”ހަޔާ. ބޭކާރު މީހަކަށް ޓަކައި ތިވަރަށް ކަރުނަ އޮހުރުވުމުގެ އެއްވެސް ބޭނުމެއް ނެތް. މިއަދު ޝަމްވީލަށް ހަޔާތީ އެއްވެސް މީހެއް ނޫން. ހަޔާ ތިވަނީ އޭނާގެ ދިރިއުޅުމުން ބޭރު ކޮށްލާފަ. ވީއިރު ހަޔާގެ ދިރިއުޅުމުން ވެސް ޝަމްވީލްގެ ނަން ފޮހެލަން މަސައްކަތް ކުރޭ. އެއީ ހަޔާގެ ދިރިއުޅުމަށް ނާންނަ މީހަކަށް ހަދާލާ. އެވަރުގެ މީހަކާ ހެދި ތި ދެލޮލުން ކަރުނަ ބޭލުވުމުގެ އެއްވެސް އަގެއް ނެތް. ހަޔާ. ތިހާ ވަރަށް ނުރޮއި ހުއްޓާލާ. އަދި ހަޔާއަށް މާ ރަނގަޅު ކުދިންވެސް ލިބޭނެ. ޝަމްވީލްވި އަގެއް ނެތް ލޯތްބަށް ވުރެ ހަޔާދެކެ މާ ލޯބިވާނެ މީހަކު އަދި ލިބޭނެ. އުންމީދު ގެއްލުވާ ނުލާ. އުންމީދެއް އޮވެގެން ކުރިއަށް ދެވޭނީ.” ނަވާޒްގެ ދުލުން ބޭރުވި ކޮންމެ ލަފުޒެއް ދިޔައީ ހަޔާތުގެ ހިތް ތޮރުފަމުންނެވެ. ނަމަވެސް އޭނާ އެކަން ގަބޫލުކުރެއެވެ.
ބޭކާރު މީހަކަށް ޓަކައި ލޮލުން ކަރުނަ ބާލުވައި އެމީހަކަށް ޓަކައި ހިތާމަ ކުރުމަކީ ބޭކާރު ކަމެކެވެ. އެކަންތައް ގަބޫލުކުރެވުނު ނަމަވެސް އޭނާގެ ހިތަށް ތަދުވަނީއެވެ. ނުރޯން މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބު ނުވަނީއެވެ. ނުރޯން ކުރާ މަސައްކަތްތައް ދަނީ ބޭކާރުވަމުންނެވެ. ޝަމްވީލަކީ އޭނާގެ ހިތުގެ ބައިވެރިޔާއެވެ. އެއް އަހަރު ދުވަހަށް އޭނާއާއި އެކު އެންމެ ލޯބިން އުޅުނު އެކަކެވެ. ފާއިތުވެގެން ދިޔަ އަހަރުތަކުގައި އޭނާއަށް ލޯބިވެވުނު ހަމައެކަނި މީހާއެވެ. ވީއިރު އެނަން އޭނާގެ ހިތުން ފޮހެލަން ފަސޭހަވާނެ ހެއްޔެވެ؟ އެ ހަނދާންތައް އޭނާގެ ހަނދާނުން ފޮހެލަން ކުޅަދާނަވާނެ ހެއްޔެވެ؟ އެއީ އޭނާގެ ހިތުގެ ރަސްގެފާނެވެ. އެހިތަށް އެތަކެއް ހިތްހަމަޖެހުމެއް ލިއްބައިދިން މީހާއެވެ. އެހިތުގެ މިތުރެވެ.
ދެ ޖީބަށް އަތްޖަހައިލައިގެން ހިނގަމުން އައި މުޖާހަށް ހުއްޓެން މަޖުބޫރުވީ ނަވާޒް ދައްކަމުން ދިޔަ ވާހަކައަކުންނެވެ. އޭނާއަށް ގަބޫލުނުކުރެވިފައި ނަވާޒްގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ވާންވީ އުފާކަމެއް ނޫނީ ދެރަކަމެއްވެސް ނޭނގިފައެވެ. އެއްކޮޅުން އޭނާއަށް އޭނާގެ ލޯބި ހާސްލިކުރެވޭނެ މަގު ތަނަވަސްވީއެވެ. އަނެއްކޮޅުން އޭނާގެ ހިތް އެމީހަކަށް ޓަކައި އެދެމުންދާ މީހާގެ ހިތްއެވަނީ ހަލާކުވެފައެވެ. ރޯރޯ އެދެލޯ އެވަނީ ފޯވެފައެވެ. ދުޅަވެފައެވެ. ރަތްވެފައެވެ. އަނެއްކާވެސް މަޑުމަޑުން ހިނގަމުން މުޖާހަށް ކުރިއަށް ދެވުނެވެ. އޭރުވެސް ނަވާޒްކީ ބަސްތަކެއް އޭނާއަކަށް ގަބޫލެއް ނުކުރެވެއެވެ.
ހަޔާތު އޭނާގެ ދެލޯ ފޮހެލަމުން ބޯ ހިއްލައިލިއެވެ. ނަވާޒްގެ ބަސް އަޑުއަހައި އައު ހިތްވަރަކާއިއެކީއެވެ. އެދެލޮލުން ދެން ޝަމްވީލަށް ޓަކައި އެންމެ ކަރުނައެއްވެސް ވައްޓާނުލުމަށެވެ. އޭނާގެ ހަޔާތަށް އައި ވަގުތީ މީހަކަށް ޓަކައި ދިރިއުޅުން ބަރުބާދުކޮށްނުލުމަށެވެ. ބޯ ހިއްލާލާފައި އޭނާ ކުރިމައްޗަށް ބަލައިލިއެވެ. އިސްކޮޅުން ދިގު ވަރުގަދަ ހަށިގަނޑެއްގެ ވެރިއެއް އަންނަން ފެށުމުން ނޭނގޭ ގޮތަކަށް އޭނާގެ ހިތް ތެޅިލިއެވެ. ކައިރިވި ވަރަކަށް އެހިތުގެ ހިނގުން ބާރުވެގެން ދިޔައެވެ. ފިރިހެންވަންތަ ހިނގުމެއްގައި އަންނަމުން ދިޔައިރު އެމީހާގެ ހައިބަތު ވަރަށް ރަނގަޅަށްވެސް ހާމަވަމުން ދިޔައެވެ. އޭނާއަށް މަޑުމަޑުން ކުރިމަތިން އަންނަމުން ދިޔަ މީހާގެ މޫނަށް ބަލައިލެވުނެވެ. އެއީ މުޖާހުއެވެ. އެމޫނުމަތިން ހައިރާންވެފައިވާ ކުލަތައް ފެންނަމުން ދިޔައެވެ. އިސާހިތަކު ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ. ހަޔާތުއަށް ނޭނގޭ ގޮތްތަކެއް ވެގެން ދިޔައެވެ. ހަތަރު ކަޅި ހަމަވެގެން ދިޔަ ވަގުތު އޭނާގެ ގަޔަށްވެސް ހީވީ ކަރަންޓް ޝޮކެއް ޖެހިގެން ދިޔަހެންނެވެ. އަވަސްއަވަހަށް އެހެން ފަރާތެއް ބަލައިލާ ހަމައަކަށް އެޅެން މަސައްކަތް ކުރަމުންދިޔައެވެ. އޭނާގެ ހިތްވެސް ހީވަނި މޭކަށި ފަޅާފައި އޭގެ ޖާގައިން ނުކުމެދާނެ ހެންނެވެ. ނަމަވެސް މުޖާހު ފެނުމުން އެއީ މީގެ ކުރިން އޭނާއަށް ވީ ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި ވަނީ ފޫއްސެވެ. މުޖާހު ބަލައިލާ ގޮތުންވެސް އޭނާގެ ގާތަށް އަންނަނީ ރުޅިއެވެ. ނަފްރަތު ކުރެވެން ފަށައެވެ.
ހަޔާތު އަނެއްކާވެސް އޭނަގެ ދެލޯ ފޮހެލިއެވެ. މުޅި މޫނުވެސް ފޮހެލިއެވެ. އަދި އެއަށްފަހު ޒަންމަތުއަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ. ނަމަވެސް އެހިނިތުންވުމުގެ ފަހަތުގައި އެތައް ހާސް ރިހުމެއް ފޮރުވިފައިވިއެވެ. ވޭނީ ކެކުޅުންތައް ފަރުދާވެފައި ވިއެވެ.
މުޖާހު ގޮސް ހުއްޓިލީ ނަވާޒްގެ ގާތުގައިއެވެ. އަދި ނަވާޒް ހުއްޓާ ނުލައި ބަލަމުން ދިޔަ ފޯނު އޭނާގެ އަތުން ނަގައި އޭގައިވާ އެއްޗެކަށް ބަލައިލިއެވެ. ޝަމްވީލްގެ ނަމުން ސޭވްކޮށްފައިވާ ނަންބަރުން އައިސް އިން މެސެޖެކެވެ. އެހެންކަމުން އަވަހަށް އޭނާ އެމެސެޖް ކިޔަން ފެށިއެވެ.
”އަހަރެން ހަޔާތުދެކެ އެއްވެސް ލޯތްބެއް ނުވޭ. އަހަރެންނަށް އުނދަގޫ ނުކުރޭ. އަހަރެން ހަޔާތު މަތިން ހަނދާން ނައްތާލައިފިން. އަހަރެންގެ ދިރިއުޅުމަށް ހަޔާތު ކިޔާ މީހަކު ނާންނަކަމަށް އަހަރެން ނިންމައިފިން. ހަޔާތުވެސް އަހަރެންގެ ނަން ތިހިތުން ފޮހެލާ. އެއީ ހަޔާތަށް އެންމެ ރަނގަޅު ގޮތް. އެންޑް އަހަރެން އެހެން ކުއްޖަކާ މެރީ ކޮށްފިން. ތިކުރާ މެސެޖްތައް ކުރުން ހުއްޓާލާ އަހަރެންނަށް ދިރިއުޅުމާގެން ކުރިއަށް ދިޔުމަށް ފުރުސަތެއް ދީބަލަ. އިޓްސް ބެޓަރ ޔޫ ޓު ފޮގެޓް މީ އެން ލިވް ޔުއަރ އޯން ލައިފް. ޖަސްޓް ފޮގެޓް މީ. އައި ޑިޑިންޓް ލަވް ޔޫ. އެންޑް ދަ ތިންގްސް އައި ހެވް ސައިޑް ޓު ޔޫ އިޒް ޖަސްޓް ނަތިން. އައި ޑިޑިންޓް މީންޓް ދެޓް ޕްރޮމިސެސް. ދޯސް އާރ ޖަސްޓް ފޯ ފަން. ވެން ދަ ޓައިމް އައި ސެންޑް ދިސް މެސެޖް ޓު ޔޫ، ޔޫ އާރ ނަތިން ފޮރ މީ. ބައި.” އެމެސެޖް ކިޔާލާފައި މުޖާހަށް އޭނާގެ އަތް މުށްކަވާލެވުނެވެ.
އެހައި ހިތްހަރު އިންސާނެއް މީގެ ކުރިން އޭނާއަށް ފެނިފައެއް ނުވެއެވެ. އަންހެންކުއްޖަކަށް އެހައި ބޮޑު ލަޑެއް ދޭން ޝަމްވީލަށް ކެރުމުންވެސް އޭނާ ހައިރާންވިއެވެ. އޭނާއަކީ ދުވަހަކުވެސް އެކަހަލަ ކަމެއް ކުރި މީހެއް ނޫނެވެ. ކިތަންމެ އަންހެން ކުދިންނެއް އޭނާގެ ހަޔާތަށް އައި ނަމަވެސް އެ ހުރިހާ ކުދިންވެސް މުޖާހު ދޫކޮށްލާފައި ދަނީއެވެ.
ނަވާޒްގެ އަތަށް ފޯނު ލަމުން މުޖާހު އެތަނުން ޖޯއްޔެއްގައި އިށީންދެފައި ހަޔާތުއަށް ބަލައިލިއެވެ. ރުއިން ހުއްޓާލި ނަމަވެސް އެދެލޮލުން ހިތާމަވެރިކަން ފެންނަމުން ދިޔައެވެ. އެހެންކަމުން އޭނާގެ ހިތުގައިވެސް ރިއްސާލިއެވެ. އެހިތަށްވެސް ތަދުވެގެން ދިޔައެވެ.
”ހަޔާ. ހަޔާދެން ނުރޮއްޗެ. އެކަމާ ހިތާމަ ނުކުރައްޗެ. ޝަމްވީލް އޭނާގެ ހިތުން ހަޔާގެ ނަން ފޮހެލި ފަސޭހައިން ހަޔާވެސް ޝަމްވީލްގެ ނަން ފޮހެލާ. އެއީ އެންމެ ރަނގަޅު ގޮތް. ޝަމްވީލާމެދު ނުވިސްނަ މުސްތަގުބަލަށް ދެން ވިސްނާ. ޝަމްވީލަކީ ހަޔާގެ ޕާސްޓް. އެނަން މާޒީއަށް ދޫކޮށްލާ.” ޒަންމަތު ދިޔައީ ހަޔާތުއަށް ހިތްވަރު ލައި ދެމުންނެވެ.
އެކިއެކި ވާހަކަތައް ހިއްސާކޮށް ހަޔާތުއަށް އުފާވެރި ވަގުތެއް ދެމުންނެވެ. ނަމަވެސް އެގޮތުންވެސް ހަޔާތުގެ ހިތުގައި ލެވިފައިވި ފާރުގަނޑު ފަސޭހަ ނުވާނެކަން އޭނާއަށް އިނގެއެވެ. ކޮންމެސް ވަރެއް ކުރެވިދާނެ ނޫން ހެއްޔެވެ؟
ހަޔާތުއާއި އެކު އެތައް ވަގުތެއް ހޭދަ ކުރުމަށްފަހު ތިން މީހުންވެސް އެގެއިން ނުކުމެގެން ދިޔައީ ހަޔާތުއަށް އެތައް ހިތްވަރަކާއި އަޒުމެއް ލައިދިނުމަށްފަހުއެވެ. މުޖާހު އެތަނުގައި ނެގިމަޑުވެފައި އިންނަމަވެސް އޭނާގެ ހިތުން ހަޔާތުއާ ދިޔައީ އެތައް ވާހަކައެއް ދައްކަމުންނެވެ. ހަތަރު ކަޅި ހަމަވެގެން ދިޔަ ކޮންމެ ފަހަރަކު އެތައް ވާހަކައެއް ބުނެދެމުން ދިޔައެވެ.
***
ތިން މީހުން ގެޔަށް އައިސް ވަން އިރު ޖޯލިފަތީގައި ރަޝީދު އިނީ ކޮފީ ތައްޓެއް ހިފައިގެންނެވެ. ކަމަކާ ވަރަށް ބޮޑަށް ފިކުރުކުރަމުންދާ ކަން އެމޫނުމަތިން ހާމަވަމުން ދިޔައެވެ. އެހެންކަމުން މުޖާހު ގޮސް ރަޝީދުގެ ގާތުގައި އިށީންދެލައި މަޑުމަޑުން ބައްޕައަށް ބަލައިލިއެވެ. އެއާއިއެކު ރަޝީދުވެސް މުޖާހުގެ މޫނަށް ފުން ނަޒަރެއް ދިނެވެ. އަދި އެނެއް ފަރާތަށް މޫނު އަނބުރާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު ކޮޅަށް ތެދުވެލައި އެތަނުގައި ހުރި ޖަނބުރޯލްގަހުގެ އޮފިގަނޑެއްގައި ހިފަހައްޓާލިއެވެ.
”ދަރިފުޅު މިރަށަށް ބައްޕަ ގެނައި ކޮން ކަމަކުކަން ހަނދާން ނެތުނީތަ؟ ހަދަމުންދާ ތަން ބަލައިލަން ދަނީއެއް ނޫން. ނުވިތާކަށް އެތަނުގައި މަސައްކަތް ފެށިއްޖެ ތޯ މަސައްކަތް ދަނީ ކިހިނަކުން ތޯ ބަލަނީއެއް ނޫން. އެއީ ދަރިފުޅުގެ އެހީއާއިއެކު ދަރިފުޅު ހިޔާލާއެކު ބައްޕަ އަޅަން ގަސްތުކުރި ތަނެއް. އެކަމަކު އެއްވެސް އެއްބާރުލުމެއް، އެހީތެރިކަމެއް ދަރިފުޅު ބައްޕައަކަށް ނުދޭ. ތިގޮތަށް ވަންޏާ ބައްޕައަށް ދެން ޖެހޭނީ ދަރިފުޅު މާލެ ފޮނުވަން.” ރުންކުރު އަޑަކުން ރަޝީދު ވާހަކަދައްކަން ފެށިއެވެ.
ކުށްގަބޫލު ކުރާ ފަދައަކުން މުޖާހު އެތަނުގައި އިށީންދެލައިގެން އިންއިރު އެންމެ ހިނދުކޮޅަކަށްވެސް އިސްއުފުލާ ބަލައި ނުލައެވެ.
”އަހަރެންނަށް މަޢާފު ކުރޭ ބައްޕާ. ދެން އެހެންނެއް ނުވާނެ. އަހަރެންގެ ފުރިހަމަ އެއްބާރުލުން ބައްޕައަށް ލިބިގެން ދާނެ. އަހަރެން ވައުދުވަން. މާދަމާއިން ފެށިގެން އަހަރެން އެތަނުގައި ކަންތައްތައް ވަމުން ދާ ގޮތް އޮބްޒާވްކޮށް އެންމެ ގާތުން ބަލަހައްޓާނަން.” މާލެ ގޮސް ނުވޭތޯ މުޖާހު ދިޔައީ ވަރަށް މަސައްކަތް ކުރަމުންނެވެ.
އޭނާއަށް މާލެ ދާން ޖެހިއްޖެނަމަ އަނބުރާ ދެން އާދެވޭނެ ދުވަހެއް ނޭނގެއެވެ. ބައްޕަމެން އޭނާ އެރަށަށް ނުފޮނުވަ ވެސް ދާނެއެވެ. އެހެންވާކަށް އޭނާ ބޭނުމެއް ނޫނެވެ.
***
އެނދުމަތީގައި އޮށޯވެ އޮތް ހަޔާތައް ދިޔައީ ނުނިދިގެން ދެއަތް ދެއަތަށް ފުރޮޅެމުންނެވެ. އެކިއެކި ހިޔާލުތައް އައިސް އޭނާއަށް އުނދަގޫކުރަމުން ދަނީއެވެ. މުޖާހުގެ ހިޔާލާއި ޝަމްވީލްގެ ހިޔާލުތަކެވެ. ނަމަވެސް މުޖާހުގެ ހިޔާލުތައް އޭނާގެ ސިކުނޑި ހިސާރު ކުރަން ޖެހުނު ސަބަބެއް އޭނާއަކަށް ނުވިސްނެއެވެ. އެހެން ވާންވީ ކީއްވެ ކަމެއް ހުދު އޭނާއަކަށްވެސް ނޭނގުނެވެ.
”ދަރިފުޅާ ހަޔާ. އާދެބަލަ.” ފަރާހަތުގެ އަޑާއިއެކު ސިހުމަކާއިއެކު ހަޔާތަށް ކޮޅަށް ޖެހެވުނެވެ. އެހައި ދަންވެފައި ހުއްޓާ މަންމަ ގޮވަން ފެށުމުން އޭނަގެ ހިތުގައި ބިރުވެރިކަން ވަށައިލިއެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






