“އަހަންނަށް ހީވަނީ ޔީޝް ދައްތައަށް ކޮންމެސް ކަމެއް ވެއްޖެހެން؟” ނަހުވާން ބުނެލިއެވެ.
“ޔީޝްއަށޭ..؟؟ ކިހިނެއްވީ؟” ޔީޝާގެ ނަން އިވުމުން ދާނިޝް ކުރަން ހުރި މަސައްކަތް މަޑުޖެހުނެވެ.
“ޔީޝް ދައްތަގެ މަންމަ ދެންމެ ވަލީދުބެއަށް ގުޅި.. އެދެމީހުން އެދެއްކި ވާހަކައެއް ނޭނގުނު.. އެކަމު ވަލީދުބެ ބުނި ޔީޝް ދައްތަ އެއްވެސް އެއްޗެއް ކިޔައެއް ނުދޭހޭ.. ދެން ބުނީ މާދަމާ ފެރީއިން އެރަށަށް ދާ ވާހަކަ.. ވަލީދުބެ އަމިއްލަ ރަށަށް ދާންވެފަ އޮތްވާ އެހާ އަވަސް އަރުވާލާފަ އެރަށަށް ދާނީ ކޮންމެވެސް ބޮޑު ކަމެއް ވީމައޭނުން” ނަހުވާންގެ ވާހަކަ ނިމުމުން ދާނިޝް އިތުރަށް މަޑުނުކޮށް ވަލީދު ހޯދަން ދިޔައެވެ. ނަމަވެސް ދަނިޝް ނުކުތް އިރު ވަލީދު މިސްކިތަށް ދަނީއެވެ. ނަމާދުން ފާބައިގެން ވާހަކަ ދައްކާނީއޭ އޭނާ ހިތަށް އެރިއެވެ.
ނަމާދުން ފާބައިގެން ދާނިޝް މަޑުކުރީ މިސްކުތުގެ ބޭރު ފާރު ކައިރީގައެވެ. 15 ވަރަކަށް މިނެޓު އިންތިޒާރުގައި ހުރީރުވެސް މިސްކިތަކުން ވަލީދެއް ނުނިކުމެއެވެ. މިސްކިތުގައި މީހުންތަށް މަދުވެ ދެތިން މީހަކަށް ވެއްޖެއެވެ. ވަލީދު މިސްކިތުގައި ނެތްކަން އެނގުނީވެސް ދެނެވެ. އާންމުކޮށް ނަމާދުން ފާބައިގެން ކިޔަވަން މަޑުކުރާ ވަލީދު މިއަދު މާއަވަހަށް ގެޔަށް ދިޔައީބާއޭ ދާނިޝް ހިތަށް އެރިއެވެ. ދާނިޝްވެސް އިތުރަށް މަޑުނުކޮށް ގެޔަށް ދާން ހިނގާގަތެވެ.
ދޮރާށިން އެތެރެއަށް ވަދެވުމާއެކު ދާނިޝްގެ މިސްރާބު ހުރީ ވަލީދުގެ ކޮޓަރިއަށެވެ. ތަޅުގައި ހިފާލިއިރު ދޮރު ހުރީ ތަޅުނުލާކަން އެނގުނެވެ. ދޮރުގައި ޖެހުމެއްވެސް ނެތި ދާނިޝް އެތެރެއަށް ވަނެވެ. އޭރު ދަބަހަށް ފޮތް ތަކެއް އެޅުމުގައި ވަލީދު އަވަދި ނެތި އުޅެއެވެ.
“ވަލީދުބޭ..” ދާނިޝް ގޮވާލި އަޑަށް ވަލީދު ސިހުނެވެ. އަދި އަވަސް އަވަހަށް މޭޒުމަތީ ހުރި ފޮތް ތަށް ބޮނޑިއަކަށް ދަބަސް ތެރެއަށް ކޮއްޕާލިއެވެ. ދަބަހުގެ ޒިބު ދަމަނިކޮށް ބިންމައްޗަށް ވެއްޓުނު ދެފޮތް ދާނިޝް ނެގިއެވެ. ވަލީދުއަތަށް އެދިނުމުގެ ކުރިން ދާނިޝް އެފޮތުގެ ބަނޑޭރިގަނޑަށް ނަޒަރެއް ހިންގާލިއެވެ. އޭގައި ލިޔެފައި އޮތް އެއްޗެއް ދާނިޝްއަށް ނޭނގުނު ކަމުގައިވިއަސް އެއީ ފަންޑިތަ ހަދާގޮތުގެ ފޮތެއްހެން އޭނާއަށް ހީވިއެވެ.
“ރަށަށް ދަނީތަ؟” ދާނިޝް އަހާލިއެވެ.
“އެން.؟. އާން.. އާން ރަށަށް ދާން” ވަލީދު އެހެން ބުނީ ފާޑަކަށް އާގަންނަމުންނެވެ.
“ކޮން ރަށަކަށް؟” ދާނިޝް އަނެއްކާވެސް އަހާލިއެވެ.
“ތިބުނީ؟ ބޭބެ ދާނީ ބޭބެގެ ރަށަށޭނުން” ވަލީދު ގޮނޑިއެއްގައި އިށީންނަމުން ބުނެލިއެވެ.
“ދެން ކީއްކުރަން ޔީޝާގެ މަންމަ ބޭބެއަށް ގުޅީ.. ކުއްލިއަކަށް އެރަށަށް ދާން ތިއުޅެނީ ކީއްވެ؟” ދާނިޝް އައިސް ގޮނޑިކައިރީ ހުއްޓިލަމުން އަހާލިއެވެ.
“ބޭބެ ކުރާ މަސައްކަތާ ގުޅޭ ވާހަކަ އެހެން މިހުން ކައިރީ ދައްކައެއް ނޫޅެން” ވަލީދު އެހެން ބުނުމުން ދާނިޝްގެ މޫނު ފުސްވިއެވެ.
“ބޭބެ ކުރާ މަސައްކަތާ ބެހޭކަށް އަޅުގަނޑުގެ އެއްވެސް ޝައުގެއް ނެތް.. އެކަމު ޔީޝާއާ ގުޅުން ހުރި ކޮންމެ ކަމަކީ އަހަންނަށް ވަރަށް މުހިންމު ކަމެއް.. ޔީޝާއަށް ކިހިނެއްވީ؟” ދާނިޝް ބުނެލިއެވެ.
“ޔީޝާއަށް ކަމެއް ވީކަމެއް ބޭބެއަކަށް ނޭނގެ” ވަލީދު އެހެން ބުނުމުން ދާނިޝްގެ އަތް މުއްކެވިގެން ދިޔައެވެ.
“އަހަންނަށް އެނގޭ ބޭބެ އަހަންނަށް ބޮޑުކަމެއް ސިއްރު ކުރަނީކަން.. ޔީޝާ މިރަށުން ފުރައިގެން ދިޔަފަހުން ބޭބެ އަހަރެން ކުރާ އެއްވެސް ސުވާލަކަށް ތެދަކަށް ޖަވާބެއް ނުދޭ.. ޔީޝާ ބުނެގެން ދޯ ބޭބެ އަހަރެން ކައިރީ އެއްވެސް ކަމެއް ކިޔައި ނުދެނީ… އެކަމު ޔީޝާއަށް ކަމެއް ވެގެން އުޅޭއިރު އަހަންނަށް ސިއްރުކުރުމުގެ ބޭނުމަކީ ކޮބާ.. އަހަންނަށް އެކަން އެނގުމެއް ހައްގެއް ނޫންތަ” ދާނިޝް ރުޅިއައިސްފައިވީ ނަމަވެސް ވާހަކަ ދެއްކީ މަޑުންނެވެ. ވަލީދުއާ ބާރަށް ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ.
ދާނިޝްގެ މޫނަށް ބަލަން ހުރި ވަލީދުއަށް ފުންނޭވާއެއް ދޫކޮއްލެވުނެވެ. އިތުރަށް ދާނިޝްއަށް ކަންތަށް ސިއްރު ނުުރެވޭނޭކަން އެނގުމުން ހާގީގަތް ކިޔައިދޭން ވަލީދުއަށް މަޖުބޫރުވިއެވެ.
“ރަނގަޅަށް ތިބުނީ.. ޔީޝާއަށް ބޮޑުކަމެއް ވެއްޖެ. ޔީޝާ މިރަށުން ދިޔައީވެސް އެހެންވެ. ޔީޝާއަކީ ޖިންނި އަވަލާފަ ހުންނަ ކުއްޖެއް” ވަލީދުގެ ފަހު ޖުމްލަ އިވުމާއެކު ދާނިޝްގެ ދެލޯ ބޮޑުވިއެވެ.
“ޖިންނި.؟. ޖިންނި އަވަލާފައޭ؟” ދާނިޝްއަށް ގަބޫލެއް ނުކުރެވުނެވެ.
“އާން.. އޭނާ ވަރަށް ކުޑައިރުން ސުރެ އެޖިންނި އޭނާގެ ފަހަތުން އުޅޭ.. ޔީޝާއާ ގާތްވާ ކޮންމެ ފިރިހެން ކުއްޖަކުވެސް އޭނާއާ ދުރު ކުރުވަނީ އޭނަ. ޔީޝާ ކުރިން ރައްޓެހިވި ދެކުދިންވެސް. އަޒާންވެސް. ޔީޝާ މީން އެއްވެސް ކަމެއް ދާނިޝްއަށް އަންގަން ބޭނުން ނުވީ ދާނިޝްއަށް ގެއްލުމެއް ލިބެން ނޭދޭތީ..” ވަލީދުގެ ވާހަކަ އެހިސާބަށް ދިޔައިރު ދާނިޝްއަށް ކޮޅަށް ހުރުން ދަތިވިއެވެ. މިހުން ކައިރީ ދައްކައެއް ނޫޅޭނެނީ ކީއްވެ” ދާިޝްވެސް ގޮނޑީގައި އިށީންނަމުން އަހާލިއެވެ.
“ޔީޝް.. ޖިންނި އަވަލާފަ.. އެހެންވެތަ އަހަރެން ދޫކޮށްލާފަ އެ ދިޔައީ؟” ގޮނޑީގައި އިށީންދެވުމާއެކު ދާނިޝްއަށް އޭނާގެ މޫނުގައި އަތް ހާކާލެވުނެވެ.
“ޔީޝާ ކައިރިއަށް އެ ޖިންނި އަންނަނީ ދާނިޝްގެ ސިފާގަ.. އެކޮޓަރި ކައިރިން ބޭބެއަށް އެ ޖިންނި ފެނުނީ އަޒާންގެ ސިފާގަ.. ޔީޝާ ދާނިޝް ދެކެ ބިރުގަތީވެސް އެހެންވެ.. އަދި ތިދެކުދިން ދޭތެރޭ ޖެހުނު މައްސަލައަކީވެސް އެ ޖިންނީގެ ސަބަބުން ވީކަމެއް.” ވަލީދު އެހެން ބުނުމުން ދާނިޝްއަށް ބޮލުގައި އަތް އަޅާލެވުނެވެ.
“އަހަރެން ނުކުރާ ކަންތަކުގެ ވާހަކަ ޔީޝް އެދެއްކީ އެހެންވެ.. އަހަރެމެން ދެމީހުން މިހުރިހާ ދުވަހު މިއުޅެވުނީ ބޮޑު އޮޅުން ބޮޅުން ގަނޑެއް ތެރޭ.. ބޭބޭ.. ދެން ކިހިނެއް ހަދާނީ.. ޔީޝް އެޖިންނީގެ ކިބަޔަކުން ސަލާމަތެއް ނުކުރެވޭނެތަ.. ޔީޝް ސަލާމަތް ކޮށްދީ ބޭބޭ” ވަލީދު ކައިރިއަށް ޖެހިލަމުން ދާނިޝް އެހެން ބުނީރު އޭނާގެ އަޑުގައި ވަނީ އާދޭހެވެ.
” ބޭބެ އެރަށަށް ދާނަން.. ޔީޝާ އެކަމުން ސަލާމަތް ކޮށދޭން ބޭބެ މަސައްކަތް ކުރާނަން.. އެކަމު ދާނިޝް ހުންނަން ވާނީ ރަށުގަ.. ދާނިޝް އެނބުރި ޔީޝާ ކައިރިއަށް ގޮސްފިނަމަ އެޖިންނި ދާނިޝްއަށް ގެއްލުމެއް ދޭން މަސައްކަތް ކުރާނެ.” ވަލީދު އެހެން ބުނުމުން ދާނިޝް ބޯހޫރާލިއެވެ.
“ނޫން.. އަހަރެން އެރަށަށް ދާނަން.. ޔީޝާއަށް އެހާ ބޮޑުކަމެއް ދިމާވެގެން އުޅޭއިރު އަހަންނަކަށް ދުރެއްގަ ނުހުރެވޭނެ.. އަހަރެން ބޭނުން ޔީޝާ ކައިރީ ހުންނަން” ދަނިޝް އެހެން ބުނުމުން ވަލީދު ފުންނޭވާއެއް ދޫކޮއްލިއެވެ.
“އެކަމު ދާނިޝް”
” ނޫން ވަލީދުބޭ.. އަހަރެން ހުއްޓުވަން ނޫޅޭ.. އަހަރެން އެރަށަށް ދާނަން.. މާދަމާ މެންދުރު ފެރީން އަހަރެން އެރަށަށް ދާން ބޭނުން” ދާނިޝް އެހެން ބުނުމުން ވަލީދު ދަނިޝްގެ މޫނަށް ބަލާލިއެވެ. ދާނީޝްގެ އަޑުގައި ހުރި ސާބިތުކަން ފެނި އޭނާގެ ވިސްނުން ބަދަލު ނުކުރެވޭނޭކަން ވަލީދުއަށް އެނގުނެވެ.
“މާދަމާ މެންދުރު ފެރީއަކުން ޖާގައެއް ނުލިބުނު.. ހަވީރު ފުރާ ފެރީން އެކޮޅަށް ދާނީ.. އޭރުން އެރަށަށް ގާތް ކުރެވޭނީ އިރު އޮއްސޭފަހުން.. މާދަމާ ފުރަން ތައްޔާރުވޭ” ވަލީދު އެހެން ބުނުމުން ދާނިޝްގެ މޫނުގައި ހިތް ހަމަ ޖެހުމުގެ ހިނިތުންވުމެއް ފަވާލިއެވެ.
ޔީޝާއާ ބެހޭގޮތުން ވާހަކަ ދައްކަން އިނދެފައި ދާނިޝް އޭނާގެ ކޮޓަރިއަށް ދިޔައެވެ. އެނދުމަތީގައި އިށީނދެލާފައި ދާނިޝް ޖީބުގައި އޮތް ފޯނު ނެގިއެވެ. އަދި ޔީޝާގެ ނަންބަރަށް ފިއްތާލިއެވެ. މިފަހަރުވެސް ޔީޝާއަށް ގުޅޭ ގޮތެއް ނުވިއެވެ.
“ޔީޝް އަހަރެންގެ ނަންބަރު ބުލޮކު ކޮއްލީތަ.؟ އަހަރެންނަށް އޮޅުވާލާފަ ޔީޝް ރަށަށް ގޮސް ތިއުޅެނީ ހަމަ ޖެހިގެންތަ.. އަހަރެން މަތިން ހަނދާނެއް ނުވޭތަ؟” ޔީޝާއަށް ގުޅޭގޮތް ނުވުމުން ދާނިޝް އަފާގެ ނަންބަރަށް ފިއްތާލިއެވެ.
ޔީޝާ ގެޔަށް ދިޔުމުން އަފާ ނުކުތީ ބޭރަށެވެ. ސިޓިން ރޫމު ސޯފަގައި އިށީންދެ އިންއިރު ބޭރުގައި ހަރަކާތް ތެރިވަމުންދާ މީހުނަށް ނަޒަރެއް ދެވުނެވެ. އަފާގެ އާއިލާ މީހުން ފިޔަވާ އެތަނުގައި އުޅެނީ ޔައީޝް އާއި ޔާސިރު އެވެ. އެ އެންމެންވެސް އަވަދި ނެތި އެއުޅެނީ މާދަމާ އޮތް ޕަޓީއަށް ބޭނުންވާ ހުރިހާ އެއްޗެއް ޕާޓީ ބާއްވަން ހަމަ ޖެހިފައި އޮތް ތަނަށް ގެންދިޔުމުގައެވެ.. މިފަދަ ވަގުތެއްގައި ޔައީޝްއާ ވާހަކަ ދައްކަންވީބާއޭ އަފާގެ ހިތަށް އެރިއެވެ. ހަދާނެ ގޮތެއް ނޭނގިފައި ހުއްޓާ އަފާ ސިއްސައިގެން ދިޔައީ އުނގުމަތީ އޮތް ފޯނު ރިންގުވި އަޑަށެވެ.
ސްކުރީން ގަނޑަށް އަރާފައި އިން ދާނިޝްގެ ނަން ފެނިފައި އަފާއަށް ފުންމައިގެން ތެދުވެވުނެވެ. އަދި މުށުތެރޭ ފޯނު ބާރުކޮށްލަމުން ކޮޓަރިއާ ދިމާއަށް ހިނގާގަތެވެ. އަވަސް ފިޔަވަޅުގައިގޮސް އަފާ ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ.
“ހަލޯ ދާނިޝް..” ފޯނު ނަގާ ކަންފަތުގައި ޖައްސާލަމުން އަފާ ފޯނަށް ޖަވާބުދިނެވެ.
“ޔީޝާ ކޮބާ..؟ އަހަރެން ބޭނުން ޔީޝްއާ ވާހަކަ ދައްކާލަން.. ވަރަށް މުހިންމު ކަމަކު” އަފާގެ އަޑު އިވުމާއެކު ދާނިޝް ބުނެލިއެވެ.
“ޔީޝާ މިވަގުތު އަހަރެން ކައިރިއަކު ނެތް.. ކޮން ކަމަކާ ހާދަ ހާސްވެފަ.. ކަމެއް ގޯސްވީތަ؟” ދާނިޝްގެ އަޑުގައި ހުރި ހާސްކަން އިވި އަފާއަށް އަހާލެވުނެވެ.
“ޔީޝް ކައިރީ ބުނޭ އަހަންނަށް ގުޅާށޭ.. ދެން އިތުރަށް އަހަރެންނަށް ކަންތަށް ސިއްރު ނުކުރާށޭ.. އަފާއަށްވެސް ޔީޝާގެ ކަންތަށް އެނގޭނުން.. އެކަމު އަފާވެސް އަހަންނަށް ހުރިހާ ކަމެއް ސިއްރު ކުރީ” ދާނިޝް އެހެން ބުނުމުން އަފާގެ ދެލޯ ބޮޑުވިއެވެ
“ދާނިޝްއަށް ކިހިނެއް އެނގުނީ؟ ކާކު ބުނީ؟ ކިހިނެއް؟” ދާނިޝްއަށް ހުރިހާ ކަމެއް އެނގުނީކަން އެނގުމުން އަފާ ހައިރާންވިއެވެ.
“ވަލީދުބެ ފަރާތުން އަހަންނަށް އެނގުނީ.. އެކަމު އެޔެއް ނޫނެއްނު މުހިންމީ.. އަހަރެން މާދަން ތިރަށަށް ދާނަން.. އެއަށްފަހު އަހަރެން ބޭނުން ހަގީގަތް އަކުރުން އަކުރަށް އެނގެން..” ދާނިޝް ބުނެލިއެވެ.
“ވަލީދުބެވެސް ގޮވައިގެން އާދޭ.. ޔީޝްގެ މާމަ ބުނީ އެޖިންނި އަންދާލަން އުނދަގޫވާނޭ.. ޔީޝް ތަވީދު އަޅައިގެން ހުއްޓަސް އެ ޖިންނީގެ އުނދަގޫ ފޯރާ.. ޔީޝް މިހާރު ހުންނަނީ މޮޔަވެފަ.. އެއީ އަހަރެމެން ކުރިން ދަންނަ ޔީޝާއެއް ނޫން.. ޔީޝް މޮޔަކަމެއް ކޮށްދާނެތީވެސް އަހަރެން ބިރުގަނޭ.. މަންމަމެނަށް ހަގީގަތް ކިޔާދޭކެކަށް ޔީޝް އެއްބަހެއް ނޫން.. ޔައީޝް އަކަށްވެސް ނޭނގޭ.. ދާނިޝް. ޔީޝްއަށް ވިސްނަ ދީ.. ޔީޝާ ގަބޫލު ކުރާނެ ދާނިޝް ދައްކާ ވާހަކަ.. ދާނިޝް ބުނާ ގޮތް ޔީޝް ހަދާނެ.. އަހަރެން ދައްކާ އެއްވެސް ވާހަކައެއް ޔިޝް އަޑެއް ނާހާ” އަފާ ބުނެލިއެވެ. ދާނިޝްގެ ހާސްކަން ދެގުނަވިއެވެ. އޭނާ ހީކުރި ވަރަށް ވުރެވެސް ކަންތަށް ގޯސްވެއްޖެހެން ހީވާން ފެށިއެވެ.
މާދަން ދާނެ ވާހަކަ ބުނެފައި ދާނިޝް ފޯނު ބޭއްވިއެވެ. އަފާގެ ހިތަށް ކިރިޔާވެސް ހަމަ ޖެހުމެއް ލިބުނީ ދެނެވެ. އޭނާދެކެ ޔީޝާ ކިތަންމެ ރުޅިއައި ކަމުގައިވިއަސް އަފާއަށް ކަންތަށް މިކުރެވުނީ އެވަގުތަށް އެންމެ ރަނގަޅަށްކަން އޭނާއަށް ވިސްނުނެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. ހެނދުނުގެ ނާސްތާ ކުރަން ދާނިޝް އިން އިރު އޭނާގެ ސިކުނޑީގައި ފުނިޖެހިފައިވަނީ ޔީޝާގެ ހިޔާލުތަކެވެ. ޔިޝާއާ މެދު ފިކުރު ކުރެވޭވަރުން ދުވަސް ދާލެވެސް ލަސްހެން ހީވާން ފަށައިފިއެވެ. ޔީޝާ ކައިރިއަށް ދާހިތުން އެހިތަށް ކެތްވަނީކީވެސް ނޫނެވެ.
“ހާދަ މަޑުން އިނދެގެން ތިޔަ ސައިބޮނީ؟” ކާގެއަށް ވަދެގެން އައި ނާޒިޔާ ސަމާސާގެ ރާގަކަށް ބުނެލިއެވެ. ރައްދުގައި ދާނިޝް ކުޑަކޮށް ހީލީއެވެ.
“ދެންމެ އަފާ ގުޅި.. ބުނި ރޭގަ ދަރިފުޅަށްވެސް ގުޅިވާހަކަ. މަންމަ ހިޔެއް ނުކުރަން އެދެމީހުން އެހާ އަވަހަށް ކައިވެނި ކުރަން ނިންމަ ފާނެއެކޭ.. މިއަދު ދޯ ކައިވެނި ކުރަނީ..؟” ނާޒިޔާ ބުނެލިއެވެ.
“އަފާމެން ކައިވެނި ކުރަނީއޭ؟ އަހަރެން ކައިރީ ނުވެސް ބުނޭ” ހުސް ޖޯޑު މޭޒުމަތީ ބަހައްޓަމުން ދާނިޝް ބުނެލިއެވެ.
“އެހެންތަ.. މަންމަ ހީކުރީ އެމީހުން ކައިވެނި ޕާޓީއަށް ކަމަށް ދަރިފުޅު އެހާ އަވަސް އަރުވާލާފަ ދާން ތިއުޅެނީ. ވަރަށް ގިނަ ދުވަހަށްތަ ދަރިފުޅު އެރަށަށް ތިދަނީ؟ ” ސިންކު ކައިރީ ހުއްޓުނު ދާނިޝްއަށް ބަލަން ހުރެފައި ނާޒިޔާ ވާހަކަ ދެއްކިއެވެ.
“ނޫނޭ.. އެހާ ގިނަދުވަހެއް ނުވާނެ.. ހަފްތާއެއް ވަރުވާނީ..” ދާނީޝް ބުނެލިއެވެ.
“ދެން އަންނައިރު ޔީޝާ ގޮވައިގެންތަ އަންނާނީ…؟ މިހެން މިބުނީ މަންމައަށް އެނގޭ ދަރިފުޅު ޔީޝާދެކެ ވަރަށް ލޯބިވާކަން.. ދެން ލަސްނުކޮށް އަވަހަށް ދެކުދީން ކައިވެނި ކުރަން ވީނުން..” ނާޒިޔާ ބުނެލިއެވެ.
“އިންޝާﷲ..” ދާނިޝް އެހެން ބުނެފައި އަވަހަށް އެތަނުން ނުކުމެގެން ދިޔައެވެ. ކުއްލިއަކަށް ޏާޒިޔާ ކައިވެނީގެ ވާހަކަ ދެއްކުމުން ދާނިޝް ކުޑަކޮށް ލަދުގަތީއެވެ. ޔީޝާއާ ކައިވެނި ކުރުމަކީ އޭނާވެސް ދެކޭ ހުވަފެނެކެވެ. ނަމަވެސް އެފަދަ ކަމަކަށް މިވަގުތު ތަގުދީރުގައި ފުރުސަތެއް ދެވިފަކާ ނެތެވެ.
ސައިކަލަށް އެރުމަށް ފަހު ދާނިޝް މިސްރާބު ޖެހީ އާދިލްމެން ގެޔަށެވެ. ދޮރުގައި ޓަކި ޖެހުމެއް ނެތި އާދިލްގެ ކޮޓަރިއަށް ދާނިޝް ވަދެގެން ދިޔައެވެ. ނަމަވެސް ކޮޓަރިއަކު މީހެއް ނެތެވެ. ކޮޓަރީގައި ހުރި ފާހާނާގައި ފެން ބޭނުން ކުރާ އަޑު އިވޭތީ އާދިލް ފާހަނާގައިކަން އެނގުނެވެ. އެހެން ކަމުން ދާނިޝް އެނދުމަތީގައި ހުރި ފޮއްޓާ އަންނައުނުތަށް އެއްފަރާތް ކޮއްލަމުން އިށީނެވެ.
ފަސްވަރަކަށް މިނެޓު ފަހުން އާދިލް ފާހަނައިން ނުކުތެވެ. އެނދުމަތީގައި އިށީންދެ އިން ދާނިޝް ފެނި އާދިލް ސިއްސައިގެން ދިޔައެވެ. ކައްސާލާފައި ނުވެއްޓުނީވެސް ކިރިޔާއެވެ.
“ކަލޭ ކިޔެއް މިތާ ތިކުރަނީ.. ގުޅާވެސް ނުލާވިއްޔަ ތިއައީ” އާދިލް ބުނެލިއެވެ.
“މީ ކޮން ކަމެއް؟ ތަނަކަށް ފުރަންތަ ތިއުޅެނީ” ދާނިޝް އެހެން ބުނީ އެނދުމަތީ ހުރި އެއްޗެހިތަށް ފެނިފައެވެ.
“އަފާމެން ރަށަށް ދާންށޭނުން.. ދާނިޝް ނުދަންތަ؟” އާދިލް ބުނެލިއެވެ.
“ކަލެޔަށްވެސް އެނގޭތަ އެމީހުން މެރީކުރަން އުޅޭކަން. އަހަރެން ކައިރީ އެކަނި ދޯ ނުބުނަނީ.. މަށަށްވެސް އެނގުނީ މަންމަ ބުނީމަ” ދާނިޝް ބުނެލިއެވެ.
“ދާނިޝް ކައިރީ ނުބުނޭތަ.. އަހަރެންނަށް ގުޅި ރޭގަ.. ތިވާނީ ޔީޝާ ބުނީކަމަށް ދާނިޝް ކައިރީ ނުބުނާށޭ.. މާބޮޑަށް ދޯ ޔީޝް ދާނިޝް އެ ދުރު ކޮއްލީ. އަހަރެން ހީކުރީ ރުޅިވެފަ އެޓްލީސްޓު ރައްޓެހިން ގޮތުގަ ކަމަށް ތިބޭނީ” އާދިލް ބުނެލިއެވެ.
“އާދިލް.. އަސްލު ވަރަށް ބޮޑުކަމެއް ވެގެން މިއުޅެނީ.. އަހަރެން މިއައީވެސް އެވާހަކަ ދައްކަން.. އަސްލު އަހަރެންވެސް މިއަދު އެރަށަށް ދާންށޭ މިއުޅެނީ.. ވަލީދުބެޔާ އެކީ” ދާނިޝް ބުނެލިއެވެ.
“ކިހިނެއްވީ؟ ކީއްކުރަން ވަލީދުބެ ދަނީ؟” އާދިލް އަހާލިއެވެ. ދާނިޝް އޭނާ ދައްކަން އައި ވާހަކަ ފެށިއެވެ.
“ދޮގު ނަހަދާ.. ސަމާސާއެއް ދޯ ތިއީ” ޔީޝާއަށް ވެގެން އުޅޭ ކަންތަށް ކިޔާ ދިނުމުން އާދިލް ހުރީ ގަބޫލުކުރަން ދަތިވެފައެވެ. ދާނިޝް އެހަދަނީ ދޮގެއްކަމަށް ބުނެފައިވެސް މާތިރިވީ ދާނިޝްގެ މޫނުމަތީވި ކުލަވަރު ފެނިފައެވެ. ދާނިޝް އެކުރަނީ ސަމާސާއެއް ނޫންކަން އާދިލްއަށް ޔަގީންވިއެވެ.
“ދެން ދާނިޝް ކިހިނެއް ހަދަން ތި ގަސްތު ކުރަނީ؟” އާދިލް ސުވާލުކުރިއެވެ.
“އަހަރެން ބޭނުން ޔީޝްއަށް އެހީވާން.. އަހަންނަށް ކުރެވެން ހުރި ހުރިހާ ކަމެއް.. އެހީއެއް ވެވެން ނެތްނަމަ އެޓްލީސްޓު ޔީޝް ކައިރީ ހުންނަން ބޭނުން..” ދާނިޝް އެހެން ބުނުމުން އާދިލް އައިސް ދާނިޝްގެ ކޮނޑުގައި ޖަހާލިއެވެ.
“ހާދަ ލޯތްބެކޭ ދޯ ތިވަނީ.. އަހަރެން ހެލްޕު ވާނަން.. އިރާދަ ކުރެއްވިއްޔާ ޔީޝްއަށް ދެރަގޮތެއް ނުވާނެ” އެކުވެރިޔާގެ ހިތްވަރު ލިބުމުން ދާނިޝް ހިތްހަމަ ޖެހުނެވެ. އޭނާގެ ބަރުވެފައިވާ ހިތަށް ލުއި ކަމެއް ލިބުނެވެ.
ރީތިވާ މޭޒުކައިރީ އިން ޔީޝާ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލިއެވެ. ލައިގެން ހުރި ކަޅުކުލައިގެ އަތް ދިގު ސްވެޓާއާއި ކަޅު ޖިންސާ ގުޅޭގޮތަށް ތުންފަތުގައި ގަދަ ރަތް ކުލައެއް ޖައްސާލިއެވެ. ލިޕް ގުލޮސް ކޮޅެއް އުނގުޅާލުމަށް ފަހު ދެތުންފަތް ކާއްތާލިއެވެ. މޭޒުމަތީހުރި ޕާފިއުމް ފުޅިން ގަޔަށް ޖަހާލާފައި އަދި އެއްފަހަރު އަމިއްލަ ސޫރަ ބަލާލިއެވެ. އަމިއްލަ ރީތިކަމަށް ހިތުން ތައުރީފު ކޮއްލެވުނެވެ. ދާނިޝްއާ ރުޅިވި ފަހުން ޔީޝާ މިހާ ވަރަށް މޭކަޕުކޮށް ރީތިވި މިއީ ފުރަތަމަ ފަހަރު ކަންނޭނގެޔެވެ. މޭކަޕު ކުރަން ހަނދާން ހުރިކަންވެސް އެއީ ނަސީބު ކަންނޭގެޔޭ ޔީޝާ ހިތަށް އެރިއެވެ. ކުޑަކޮށް ނަމަވެސް މިއަދު ޔީޝާ ހިތް ހަމަ ޖެހުނެވެ. ނަމަވެސް އެ ހިތް ހަމަ ޖެހުންވެސް ނެތިގެން ދިޔައީ ކުއްލިއަކަށް އޭނާގެ ފަހަތުން ހުރަސް ކޮށްލި ހިޔަނި ފެނިފައެވެ. ޔީޝާއަށް ބަލާލެވުނީ ސީލިންގުގައި ހުރި ހޮޅިބުރިއާ ދިމާއަށެވެ. ހޮޅިބުރި ނިވި ދިއްލުނީ ޔީޝާ ބަލަހައްޓައިގެން ހުއްޓައެވެ. ޒަބޫރިޝް އައިސްފިކަން ޔީޝާއަށް އެނގުނެވެ. އެރެއަށްފަހު މިއީ ޒަބޫރިޝްގެ ހިލަމެއްވި ފުރަތަމަ ފަހަރެވެ. ޒަބޫރިޝް އަންނާނަމޭ ބުނެފައިވާ ދުވަސް އައީކަން ޔީޝާއަށް އެނގުނެވެ.
އިރުކޮޅަކަށްވެސް ކޮޓަރީގައި ހުންނަން ނުކެރިގެން ޔީޝާ އަވަހަށް ނުކުތެވެ. ރީތިވާ މޭޒުމަތީ އޮތް ދަބަހާ ފޯނު ހިފައިގެނެވެ. ބާރަށް ދޮރު ލައްޕާފައި އެނބުރުނު ވަގުތު ކުރިމަތީ ހުރި ރާޝިދާ ފެނި ޔީޝާ ސިއްސައިގެން ދިޔައެވެ.
“ދަރިފުޅާ.. ކިހިނެއްވީ ހާދަ ބިރެއް ތިގަތީ؟ މިއީ މަންމައޭ” މޭގައި އަތް އަޅާލައިގެން ހުރެ މައިނޭވާ ލަމުން ދިޔަ ޔީޝާ ފެނި ރާޝިދާ އަހާލިއެވެ.
“ބިރު ގަންނާނެއްނު.. ކުއްލިއަކަށް އެނބުރުނު ތަނާ މަންމަ ކައިރީގަ ހުއްޓާ ފެނުނީމަ.. އެންމެން ރެޑީތަ؟ ދާންވީތަ؟” ޔީޝާ ގަދަކަމުން ހީލާފައި ވާހަކަ ދެއްކިއެވެ.
“އާން… ދާންވީ ދެން.. ބައްޕަ އާ ބޭބެ ހިނގައްޖެ މިހާރު.. ޓެކްސީއަކަށް ގުޅައިގެން މިއުޅެނީ” ރާޝިދާ ބުނެލިއެވެ.
“މަންމާ.. އެޔޮށް އައީ ޓެކްސީ.. އާދޭ އަވަހަށް” ބޭރުން ޔުމްނާގެ އަޑު އިވުމާއެކު ޔީޝާއާއި ރާޝިދާ އަވަސް ފިޔަވަޅުގައި ހިނގާގަތެވެ.
ކޯޓު ކައިރިއަށް ޔީޝާ މެނަށް ދެވުނު އިރު ބައިވަރު މީހުން އެތަނުގައި ތިއްބެވެ. ދެއާއިލާގެ ރައްޓެހިންނާ ތިމާގެ މީހުނެވެ. ހުރިހާމެންވެސް އައިސް އެތިބީ ޔައީޝްއާއި އަފާގެ ކައިވެނީގެ އުފަލުގައި ބައިވެރިވުމަށެވެ.
ކޯޓުން ނުކުމެވުމާއެކު އަލަތު ދެމަފިރިންނަށް މަރުހަބާކީ ބޮޑު ފެން ބާލީއްޖެކެވެ. އެމީހުން ނުކުންނާނެ އިރަކަށް އިންތިޒާރުގައި ތިބި އަފާގެ ބޭބެއާއި ޔައީޝްގެ ދެރައްޓެހިން އެދެމީހުން ފެނުމާއެކު ފެން ޖެހީއެވެ. ލިބުނު ސިހުމުން ހަމައަކަށް ނޭޅި ހުއްޓާ ޔީޝާއާއި މަލަކާމެން ގޮސް އެދެމީހުންގެ މޫނުގައި ކުލަ އުނގުޅާލިއެވެ.
“ވަޓް ދަ!!” އަފާއަށާ ޔައީޝްއަށް އެއްފަހަރާ ބުނެލެވުނެވެ. އެއާއެކު އެންމެންގެ ހުނުން ފަޅައިގެން ދިޔައެވެ.
“ކޮންގުރެޓްސް ނިއުލީ ވެޑްސް” ޔީޝާ އެހެން ބުނެފައި އަނެއްކާވެސް އަތުގައި ބާކީ ހުރި ކުލަތަށް އަފާގެ ހެދުމުގަޔާއެކު ހާކާލިއެވެ.
“އަހަންނަށް ކުރިންވެސް އެނގުނޭ ކުލަޖަހާނެ ކަން.. މައި ޕުއާރ ޑުރެސް” އަފާ އެހެން ބުނެފައި މުނުމަތީ އަތް ހާކާލިއެވެ. އަދި ޔައީޝް ކައިރީ ޔީޝާ ހިފަހައްޓާށޭ ބުނެ ޔީޝާގެ ފަހަތުން ދުއްވާގަތެވެ.
އެދެމީހުން އެކުރަން އުޅޭ ކަމެއް ދެނެ ގަނެވުމުން ޔީޝާ އަމިއްލަ ސަލާމަތަށް ދުއްވައިގަތެވެ. ނަމަވެސް އަރާފައި ހުރި ކަށި ދިގު ބޫޓުގެ ސަބަބުން ޔީޝާއަކަށް ބާރަކަށް ނުދުވެވުނެވެ. ތަންކޮޅަކަށް ނުދެވެނީސް ޔައީޝް އައިސް ޔީޝާ ހިފަހައްޓާފިއެވެ.
“ހީކުރީތަ އަހަރެން ގަޔަށް ކުލަޖަހާފަ ސަލާމަތް ވެވި ދާނޭ” އަތުގައި ހުރި ކުލަތަށް ޔީޝާގެ މޫނުގައި އުނގުޅާލަމުން އަފާ ބުނެލިއެވެ.
“ސީރިއަސްލީ.. އަހަރެންނެއް ނޫނޭ ކައިވެނި މިކުރީ އަހަރެންގައިގަ ކުލަ އުނގުޅަން” މަލަކާއާއި ހައިފާވެސް އައިސް ޔިޝާގަޔަށް ކުލަޖަހަން ފެށުމުން ޔީޝާ އަށް ބުނެވުނެވެ. ބައިގަޑީރު ކުލަޖެހުމުގެ ސަކަރާތުގައި އުޅޭފައި ޔީޝާމެން ދިޔައީ ގައިގައި ހުރި ކުލަތަށް ފިލުވަން މޫދަށެވެ. އެމީހުން ދިޔުމުން ދެން ތިބި މީހުންތަށްވެސް އެމީހުންގެ ގެޔަށް ހިނގާގަތެވެ.
މޫދުން އައިސް ފެންވަރާލައިގެން ޔީޝާ ނުކުތީ މަންމައާ އެކު ޔައީޝްގެ ކޮޓަރި ފޮޅާލާ ސާފު ކޮއްލާށެވެ. ޔައީޝްގެ ކޮޓަރިއަށް ވަތްއިރު ރާޝިދާ ހިރަފުސް ފޮޅާ މާގަނޑު ހިފައިގެން އުޅެއެވެ.
“އަދިވެސް ކޮޓަރިން ކުލަވަސް ނުފިލާ ދޯ” ކުޑަދޮރު ހުޅުވާލަމުން ޔީޝާ ވާހަކަ ދެއްކިއެވެ.
“ކުލަވަހެއް ނޫން އެދޮވަނީ.. ފަރުނީޗަރުތަށް އާކުރީމަ ދުވާ ވަހެއް އެއީ.. ކޮޓަރީގަ ހުރިއްޔާ ހުރިޙާ އެއްޗެއް އާ ކޮއްލާފަ މިހިރީ.. އެސޮރު ބޭނުމެއް ނުވި ކުރިން ގެންގުޅުނު އެކައްޗެއްވެސް ބަހައްޓާކަށް.. ” ރާޝިދާ އެހެން ބުނުމުން ޔީޝާ ގާތަށް ހިނިއައެވެ.
“އާ ދިރިއުޅުމެއް ފަށާތީ ވާގޮތް ކަންނޭނގެ” ޔީޝާ އެހެން ބުނެފައި އަލަމާރީގައި ގުޅައަކަށް ހުރި އަންނައުނުތަށް ފައްޖަހަން ފެށިއެވެ. ދާދި ފަހުން ސާފުކޮއްފައި ހުރި ކޮޓަރިއެއްކަމުން މާގިނައިރުތަކެއް ނުވެ ސާފުކޮށް ނިމިއްޖެއެވެ. އެނދުމަތީ އޮތް ބެޑުސީޓު ނަގާ ގުޅައަކަށް ޖަހާލަމުން ރާޝިދާ ނުކުތީ އާ ބޭޑު ޝީޓެއް ނަގާ އަޅާލަދޭށޭ ބުނެފައެވެ. ތަޅުންގަނޑު މަތީ މޮޕުލާ ނިމުމުން އެނދުގައި ބެޑު ސީޓު އެޅުމުގައި ޔީޝާ އުޅުނެވެ. އުރަ ލައްވާފައި ހުރި ބާލީސްތަށް ރީތިކޮށް އެނދުމަތީ ބަހައްޓާފައި އެނބުރުނު ވަގުތު ޔީޝާ ސިހުނީ އޭނާއާ ނުހަނު ކައިރިން މީހާކު ދިޔަކަހަލަ އިހްސާސެއް ކުރެވިގެނެވެ.
“އަހަރެން ވަގުތުކޮޅެއް ބޭނުން.. އަދި ތައްޔާރެއް ނޫން” އެނދުގައި އިށީންނަމުން ޔީޝާ ބުނެލިއެވެ. ޔީޝާ އެހެން ބުނުމާއެކު އޭނަގެ ކަންފަތް ކައިރިން ހޫނު ނޭވާއެއް އިހްސާސްވިއެވެ. ޔީޝާއަށް އެނދުގެ ބެޑުސީޓު މުށުތެރެއަށް ބޮނޑި ކޮއްލެވުނެވެ.
“ޕުލީސް.. އަހަރެން ރެޑީއެއް ނޫން..” ޔީޝާ އަނެއްކާވެސް ބުނެލިއެވެ. މިފަހަރު ހީވީ މީހަކު އޭނާގެ އިސްތަށިގަނޑުގައި ލައްކެއް ޖެހިހެނެވެ. ޔީޝާ ފަހަތަށް ނުވެއްޓުނީ ކިރިޔާއެވެ. އެއާއެކު ކުއްލިއަކަށް ކޮޓަރީގެ ކުޑަދޮރު ލެއްޕިގެން ދިޔައެވެ. ޒަބޫރިޝް ކޮޓަރިން ނުކުތީއެއް ކަމެއް ނޫނީ ނޫންކަމެއް ޔީޝާއަކަށް ނޭނގުނެވެ. އޭގެ ފަހުން ޒަބޫރިޝްގެ ހިލަމެއް އެކޮޓަރިއަކުން ނުވެއެވެ. ނަމަވެސް މިރޭ ޒަބޫރިޝް އަންނާނޭކަން ޔީޝާއަށް އެނގުނެވެ. އެއައީ އެވާހަކަ ބުނަން ކަންވެސް އެނގުނެވެ. ނަމަވެސް ޔީޝާ އަދި ތައްޔާރެއް ނޫނެވެ. އޭނާ ވައުދުވި ކަންތަށް ކުރާކަށްވެސް ބޭނުމެއް ނޫނެވެ. ނަމަވެސް ދެން ޔިޝާއަށް ދެކޮޅު ހެދުމުގެ ފުރުސަތެއްވެސް ނެތެވެ. އޭނާ އެކަމަށް އިންކާރު ކޮއްފިނަމަ މިރެޔަކީ އޭނާގެ އެންމެ ފަހު ރެޔަށްވެސް ވެދާނެއެވެ.
ޔީޝާގެ ދެލޮލަށް ކަރުނަ ޖަމާވާން ގިނައިރު ތަކެއް ނުވެއެވެ. ދެލޯ ފޫދުއްވާލާފައި ކޯތާފަތް މައްޗަށް ރޮނގަކަށް ބަނޑުން ވިއެވެ. އޭނާގެ މޭގަނޑު ނަގަ ނަގާފައި ޖެހެމުން ދެޔެވެ. އޭނާ ބިރު ގަނެފައިވާވަރު ހެއްދެވި ފަރާތް މެނުވީ ނޭނގޭނެއެވެ. މީހެއްގެ ހިމާޔަތަށް އެދި އޭނާގެ ހިތް ގޮވަނީއެވެ. ބެޑު ސީޓުގައި ހިފަހައްޓައިގެން ހުރި ދެއަތް ޔީޝާ ހިއްލާލިއެވެ. ބެޑުސީޓުގެ ބަދަލުގައި މުށުތެރެއަށް ބޮނޑިކޮއްލީ އަމިއްލަ ބޮލުގެ އިސްތަށިގަނޑެވެ. އިސްތަށިގަނޑަށް ދަމާ ވާންކުރެވުނީ ތަދުވެގެން ނަމަވެސް އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔަ ތޫފާން ނިމުމަކަށް އާދޭތޯއެވެ. އަމިއްލަ މޮޔަކަމުން ވެއްޓުނު އަނދަވަޅުން އެރެވޭނެ ގޮތެއް އޭނާގެ ހިތަށް ނައުމުން އަމިއްލަ ބޮލަށް ދަމާ ތަދު ކުރަން ބޭނުން ވަނީއެވެ. އަޑުން އަޑުނަގާ ރޯންވެސް ބޭނުންވަނީއެވެ. އޭނާއަށް މިހާލުޖެހެން އޭނާގެ ކުށަކީ ކޮބާހޭ އަހަން ބޭނުންވަނީއެވެ. އޭނާ މިހާ ބަދުނަސީބީ ކީއްވެހެއްޔޭ ސުވާލުކުރަން ބޭނުންވަނީއެވެ. ނަމަވެސް އެސުވާލު ކުރަންވީ ކާކަށް ހެއްޔެވެ. ކުއްވެރި ކުރަންވީ ކާކު ހެއްޔެވެ. މުޅި ދުނިޔެ ކުއްވެރި ކުރިނަމަވެސް އޭނާއާ ކުރިމަތިވެފައިވާ މުސީބާތުން ސަލާމަތްވެވިދާނެ ހެއްޔެވެ.
މާޔޫސްކަން ހިތަށް ވެރިވި ވަރަކަށް އޭނާގެ ހިތަށް ޝައިތާނާ ޝަވާރުވާން ފެށިއެވެ. އަމިއްލަ ނަފްސަށް އަނިޔާ ދިނުމަށް ހިތް ގޮވަނީއެވެ. ތަފާތު އަޑުތަށް ސިކުނޑީގައި އެނބުރެނީއެވެ. އެއްފަހަރާ ކަންފަތް ބުޑުގައި ބައިވަރު މީހުންތަކެއް ވާހަކަ ދައްކާހެން ޔީޝާއަށް ހީވާން ފެށިއެވެ. އެއީ އޭނާގެ އަމިއްލަ އަޑެވެ. އަމިއްލަ ޟަމީރެވެ.
ޒަބޫރިޝްގެ އަތްދަށު ނުވަނީސް އަމިއްލަ އަށް މަރުވާންވީއޭ ބުނެލި އަޑު ޔީޝާގެ ކަންފަތާ ހަމައަށް ފޯރިއެވެ. އެއާއެކު އެއަޑު ސިކުނޑީގައި ގުގުމަން ފެށިއެވެ. ޖެހި ބުދެއްހެން ހުރި ޔީޝާ ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. ފަޔަށް ބާރުލާފައި ޔީޝާ ހިނގާގަތީ އޭނާގެ އަމިއްލަ ކޮޓަރިއަށެވެ.
“ޔީޝާ ދަރިފުޅާ؟ ކޮންތާކަށް؟ ކިހިނެއްވީ؟” ބާރުބާރަށް ހިނގާފައި ދިޔަ ޔީޝާ ފެނި ރާޝިދާ ހައިރާންވެފައި ގޮވަން ފެށިއެވެ. ނަމަވެސް ޔިޝާއަށް އޭނާގެ އަޑު އިވޭހެނެއް ހިޔެއްނުވެއެވެ. ޔީޝާގެ ހޭވިފައިވާ އިސްތަށިގަނޑާ ރަތްވެ ތެމިފައިވާ ދެލޯ ފެނި ބޮޑުކަމެއް ވެއްޖެކަން ރާޝިދާއަށް އެނގުނެވެ. ޔީޝާގެ ފަހަތުން ރާޝިދާވެސް ކޮޓަރިއާ ދިމާއަށް ހިނގާގަތެވެ. ނަމަވެސް ރާޝިދާއަށް އާދެވެން ވާއިރަށް ލިޔާ މޭޒުމަތީ ހުރި ގަލަން ޖަހާ އެތީ އޮތް ކަޓަރު ހިފައިގެން ޔީޝާ ފާހަނައަށް ވަދެ ދޮރު ޖަހާފިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.




Vaahaka v reethi
Waiting for the next part
Thank you ❤️❤️
Noon yeeshaa don’t do that…..?
Varah reethi ❤️?
thank you ❤️❤️
Arey baaburey…? yeesha ah kihiney eh vee…. yeesha ah ehen nahadhaa… ? anyway mi story akee hama ehvanaige story eh?? dheem&eekko ge vaahaka haadha salhi ey… i love it… ?❤ waiting for the next part.. when next part upload kuranee?
Yeesha ah vegen ulhey gotheh balaalan keh madhu vefa mi huree ??
Love you ❤
Take care ?
Stay safe ?
Thank you taengooo ☺️❤️❤️❤️
stay tuned to know what’s going on with yeesha ??
glad to know you are loving this story btw.
you too take care. love you too ❤️❤️?