ހިއްސާ ކޮށްލަމޭ ލޯބިވާ ވަރު 2
ކޮލެޖު ނިމުމުން މިޒްނާ އާއި ޒޯޔާ ކޮފީ އެއް ބޯލަން ކައިރީ ހުރި ރެސްޓޯރެންޓްކަށް ވަދެލީ ބޯ ހަމަ ޖައްސާލުމުގެ ނިޔަތުގައެވެ. މޭޒެއް ދޮށަށް މިޒްނާ ޖެހިލި ވަގުތު ފޯން ރިންގުވީ ހަމަޖެހިނުލެވެނީހެވެ. ފޯން ކަންފަތުގައި ޖައްސާލިތަނާ އެކޮޅުން ބުނެލި ޖުމްލައަކުން މުޅި މީހާ ގަނޑުވި ކަހަލައެވެ.
——————————————
“މިޒޫ. ބައްޕަ ވަރަށް ރުޅި އައިއްސަ އެބައިން. އަވަހަށް ގެއަށް އާދެބަލަ” އެއީ މިޒްނާގެ މަންމަ ރާމިޒާއެވެ. އަނެއްކާ މިޒްނާ ކުރި ކަންތައް ބައްޕަ އަށް ފަޅަ އެރީ ހެއްޔެވެ؟ އެވަގުތު މިޒްނާއަށް ޒޯޔާ ހުރިކަންވެސް ނޭނގޭ ކަހަލައެވެ. ބާރު ބާރަށް ގޮސް ޓެކްސީ އެއް ހުޓުވާ މިޒްނާ ގެއާ ދިމާލަށް މިސްރާބު ޖަހައިފިއެވެ.
ގެއަށް ގޮސް ވަދެވުމާ އެކު މިޒްނާއަށް އިވުނީ ގޭތެރޭން އަންނަ ހަޅޭކުގެ އަޑެވެ. ކުޑަ އިރުކޮޅަކަށް އަޑު އަހަން ހުރެލުމުގެ ނިޔަތުގައި މިޒްނާ ޖެހިލީ ފާރާ ކައިރިއަށެވެ. “އަހަރެން ހީނުކުރަން މިޒްނާ މިކަހަލަ ކަމެއް ކޮށްފާނެ ކަމަކަށް ރާމިޒާ. މިޒްނާ އެންމެ ފަހުން ގެންގުޅުން ކުއްޖާ އޭރުވެސް މަ ބުނިން ރަނގަޅެއް ނޫނޭ. އެކަމަކު ރާމިޒާއާ މިޒްނާ ބުނީ އޭނަ އެއީ ހަމަ ރަނގަޅު ކުއްޖެކޭ. ރުޅިވިތާ އެއްމަސް ދުވަސްވީ ފަހުން އެސޮރު ކަންތައް ބާލާބަލަ. ކިހާ ބޮޑު ލަދަކާ މި ކުރިމަތިލާން ޖެހުނީ؟” މިޒްނާގެ ބައްޕަ ހުސައިން ވާހަކަ ދެއްކި އަޑު އިވުނެވެ. މިޒްނާއަށް އަޑު އަހަން ހުރެވުނީ އެހިސާބަށެވެ. ގެއިން ނުކުމެފައި ދުއްވައިގަންނަމުން ނަންބަރަކަށް ޑަޔަލްކޮށްލިއެވެ.
މާނިއު ގޭގައި އެވަގުތު އިން މާއިޝް މާނިއުގެ ފޯން ރިންގްވި އަޑަށް ބަލައިލެވުނެވެ. ސްކްރީންއަށް އަރާފައި އިން ނަންބަރު ހިތުދަސްކޮށްފައި ހުރުމުން އެއީ މިޒްނާކަން ވަރަށް ރަނގަޅަށް ދެނެގަތެވެ. މާނިއު މިޒްނާގެ ނަންބަރު ސޭވްކޮށްފައިވަނީ “މިޒޫ ލަވް” މިހެން ޖަހާފައެވެ. “މޭން. މިއޮއް ގުޅަނީ ކައޭ ބިޓު!” މާއިޝްގެ ރުޅި ކޮންޓްރޯލް ކުރަމުން ހިނިގނޑެއް ޖަހާލިއެވެ. އާނ އެކެވެ. މާއަޝް މިޒްނާ ދެކެ ވަރަށް ލޯބިވެއެވެ. ދުވަހަކު ކަމެއް ގޯސްވުމުން މިޒްނާ ގުޅަނީ މާނިއު އަށެވެ. އެހެން ކަމުން މާއިޝް މާނިއުދެކެ ފޫހިވެއެވެ.
“މާނިއު. މަ ބަލާ އާދެބަ.” މިޒްނާ ރޮމުން ވާހަކަ ދެއްކީ މާނިއު ފޯން ނެގި އިރަށެވެ. “މިޒޫ ކީއްވެ ތި ރޮނީ؟ މީހަކު އެއްޗެކޭބުނީތަ؟” މާނިއު ކަންބޮޑުވީ މިޒްނާ ރޯތީއެވެ. “ޖަސްޓް ކަމް އެންޑް ގެޓް މީ. އައި އޭމް އައުޓްސައިޑް އޮފް މައި ހައުސް. އައި ވިލް ޓެލްޔޫ ވެން އައި ގެޓް ޓު ޔޯ ޕްލޭސް ވިތްޔޫ” މިހެން ބުނެ މިޒްނާ ފޯން ކަންޑާލީއެވެ. ފަސް މިނެޓު ތެރޭ މާނިއު ހުރީ މިޒްނާމެން ގޭ ކުރިމަތީގައެވެ. މިޒްނާ ބަލާކަށް ނުހުރެ ސައިކަށް އަރާ އަށީނުމާއެކު މާނިއު ސައިކް ދުއްވާލީ މާނިއު މެންގެއާ ދިމާލަށެވެ.
މާނިއުމެންގެ ގެއާ އަރާ ހަމަވުމުން މިޒްނާ ކުޑަކޮށް ހަމަ ޖެހިލަން މަސައްކަތް ކުރިއެވެ. އެކަމަކުވެސް މިޒްނާއަށް އެކަމެއް ނުވީ މާނިއުއަށް އެ ވާހަކަ ކިޔައިދޭން ޖެހޭކަން އިނގުމުންނެވެ. މުޅި މީީހާ ދާހިއްލާ ގޮތްވީ ކިޔައިދޭން އުޅޭ ވާހަކަޔަށްފަހު އަމަލު ކުރާނެ ގޮތަކާ ދޭތެރޭ ވިސްނާފައެވެ. މާނިއުގެ ކޮޓަރިޔަށް ވަދެވުން އިރުވެސް މިޒްނާ ހުރީ އަތް ފައި ފިނިވެ ފައްޓާނެ ގޮތެއް ނޭނގިފައެވެ. “މި ވާހަކަ ކިޔައިދޭންވެސް އަސްލު އަހަރެން ލަދުގަނޭ!. އެކަމަކު ނުކިޔައިދީ ވެސް ނެތް ވާކަށް. އެއީ ގްރޭޑް 10ގަ އަހަރެން އުޅެނިކޮށްވީ ކަމެއް”. މިޒްނާ ފެށީ އެނދުގައި އިށީނދެ ހަމަ ޖެހުމަށްފަހުގައެވެ.
އެހިސާބަށް މިޒްނާއަށް ކިޔައިދެވުނުތަނާ ރޯން ފެށީއެވެ. މިޒްނާ ރޯންފެށީ އެ ހާދިސާއެއް ހަދާންވުމުން ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ. މާނިއު ހުރީ މިޒްނާ ކިޔައިދޭން އެއުޅޭ އެއްޗެއް އަޑު އަހަން ކެއްމަދުވެފައެވެ. ނަމަވެސް މިޒްނާ ރޯތަން ފެނި އަހަން ނުކެރުނީއެވެ. އަހާނީވެސް ކިހިނެއް ހެއްޔެވެ؟
“މިޒްނާ އައިސްގެންތަ އެ…..” މާއިޝްގެ ޖުމްލައަށް ހުއްޓުން އެރީ މިޒްނާ އިން ހާލު ފެނުމުންނެވެ. މާއިޝްއަށް ދޮރު ހުޅުވާލިގޮތަށް ހުރިތާ ހުރެވުނީއެވެ. މާނިއު ހުރިހާ ވާހަކަ އެއް ކިޔައި ދިނީ ވެގެން އުޅޭގޮތް އަނގާލުމަށެވެ. މާނިއުގެ އިތުރުން މާއިޝްވެސް ފާރުގައި ލެނގިލައިން ތިބީ މިޒްނާ ހަމަޔަކަށް އެޅެންދެނެވެ. މިޒްނާ ރުއިން ގަދަކަމުން ހުއްޓާލަމުން އަނެއްކާވެސް ކިޔައިދޭންފެށިއެވެ.
– ނުނިމޭ –
(ނަޖްދާ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


