ހާފް ހިއުމަން-5
ނިދިޖެހުނުތަނާއެކުހެން ޔަލްވީއަށް ހޭލެވުނީ ފަޔަށްކުއްލިއަކަށްއެރި ބަޔާންކުރަން ނޭންގޭތަދާއެކުހެންނެވެ. ހީވީ އެއްހާސް ހިނިއެއްފަހަރާ އޭނާގެ ފައިގެ ފަލަމަސްގަނޑުގައި ދަތްއެޅިހެންނެވެ. ނިކަންއަވަހަށް ކައިރީގައި އިން ސްވިޗުޖައްސާލައި ހުދުބޮކި ދިއްލާލިއެވެ. ފައިގައި އޮޅާފައިއޮތް ފޮތިގަނޑު ހޫރުވާލުމާއެކުހެން ޔަލްވީ ބިރުންރޫރޫ އަޅައިގަތެވެ. މިވަނީ ކިހިނެއްކަމެއް ނޭންގި މުޅިމީހާ ހުދުވެ ފަލަމަސްގަނޑުގެ ފާރުގަނޑާއި ދިމާލަށް ކަޅިނުޖަހާ ބަހައްޓައިގެން ހުރެވުނެވެ.
ފަލަމަސްގަނޑުން ވީދައިގެންގޮސް ހުރިތަނުގައި އިންސާނެއްގެ މަހުގެ ބަދަލުގައިހުރީ ހުދުކުލައިގެ ދިހުންއަރާ ހުޅުބުތަކެއްޖަހާފައެވެ. ސުބުހާނައްﷲ! ޔަލްވީ މަހަކަށް ބަދަލުވަނީއޭހިތާ އަޑުންއަޑުނަގާއި ރޮއެގަނެވުނެވެ. މިވަނީ ކިހިނެއްކަން ނޭންގި ތުރުތުރުލަމުންދިޔައެވެ. ޔަލްވީ ރުއިމުގެއަޑު ވެހެމުންދިޔަވާރޭ ތެރެއަށް އޮބެމުންދިޔައެވެ.
ފަލަމަސްގަނޑުގައި ހުރި ރިހުން މުޅިދެފަޔަށް ބަދަލުވަމުންދިޔައެވެ. ތަދުމުޅިގަޔަށް ފެތުރެމުންދިޔައެވެ. ބުުރަކަށިންފެށިގެން ބަނޑަށެވެ. ބަނޑުންފެށިގެން މެއަށެވެ. މެއިންފެށިގެން ކަރަށެވެ. މޫނުމަތިން ނަގަންފެށި ދިލަތަދު ލޮލާހަމައަށްވެސް ފޯރާއިފިއެވެ. ގައިގެ އެންމެ ހިމަނާރަށްވެސް އޭގެ އަސަރުކުރަމުންދިޔައެވެ. ނެވާކޮޅަށްމިދަނީއޭ ހިތަށްއެރިވަގުތު ހެޔަށްގޮތަކެއްވަމުންދިޔައެވެ. ވަމުންދިޔަ އަނިޔާވެރިތަދަށް ކެތްނުކުރެވި ދެލޯމެރެމުންދިޔައެވެ.
ލޫނާއާއި މަލަކް ނުނިދިފައި ވައިބާރ އިން މެސެއްޖުކުރަމުންދިޔައެވެ. ދެކެވެމުންދިޔައީ ޔަލްވީގެ ވާހަކަ ނޫންއިތުރު ވާހަކައެއް ނޫނެވެ. ޔަލްވީކަމަކާ ހިތްހަމަނުޖެހިފަބާއޭ އެކަކު އަނެކަކާއި ސުވާލުކުރެވެމުންދިޔައެވެ. ކޮންމެ ދުވަހަކުހެން ތިންކުދިން އެކުގައިމެ ހިނގާލަންގޮސް ނިދުމުގެ ކުރިން މެސެޖްކޮށްލާއުޅެއެވެ. ޔަލްވީގެ ހަބަރެއްވޭތޯ މިއަދު ހަވީރުންސުރެ އެކުދިންއެތިބީ ކެތްމަދުވެފައެވެ. ގެކައިރިން މުގޯލިވެސް އެޅުނުވަރެއް ނޭންގުނެވެ.
ފަތިސްވިކަން ކޮޓަރީގައި އިން ގަނޑިން އިއުލާނުކުރަމުންދިޔައެވެ. ޔަލްވީގެ ހާލަތުވަރަށް ގޯހެވެ. މަޑުމަަޑުން ލޯހުޅުވާލިއިރު ވަރުބަލިކަން އިހުސާސްވަމުންދިޔައެވެ. މަޑުމަޑުން އިށީންދެ ފަލަމަސްގަނޑަށް ބަލައިލިއިރު ހުޅުންބުތައް އިތުރުވެފައިވާހެން ހީވެއެވެ. އާއެކެވެ. ކަކުލުންފެށިގެން ތިރިއަށް ހުޅުނބުތައް އެބަހުއްޓެވެ. ހުޅުބުތަކުގައި އަތްލުމަށް ހިއްލާލިއަތްފެނި އިންތަނުން ތެދުވެވުނީ ކުއްލިއަކަށެވެ. އަތުގެ ކޮނޑުންފެށިގެން ދެއަތުގެ އިނގިލިތަކާއި ހަމައަށްހުރީ ހުދުކުލައިން ހުޅުނބުޖަހާފައެވެ.
އަަލަމާއިކައިރިއަށް ގޮސްހުއްޓި ލޯގަނޑާއި ދިމާލަށް ބަލައިލަން ޖެހިލުންވެފައިހުރެމެ ބަލައިލިއެވެ. ހަޅޭއްލަަވައިގަތުމަށް ހުޅުވިއަނގަމަތީ ޔަލްވީއަށް އަތްއެޅުނީ ބޭރަށް އެއިން އަޑެއް ހިނގައިދާނެތީއެވެ. މިވަގުތު މައިންބަފައިން ހޭލައުޅެފާނެތީއެވެ. ޔަލްވީ ކަރުދޮށާއި ކޯމަތީގައިހުރި ހުޅުނބުތަކުގައި އަތަޖައްސާލިއިރު އޭނާގެ އަތްތުރުތުރު އަޅަމުންދިޔައެވެ. ލޮލުގެ ކުލަ މަޑުނޫކުލައަކަށް ބަދަލުވެފައިހުރިތަން ފެނި ޔަލްވީ ބިރުން ތުރުތުރުއަޅައިގަތެވެ. އޭނާ މިހުރި ސިފަ މީހަކަށްފެނިއްޖެނަމަ ބުނާނީ ކީކޭހެއްޔެވެ. ބުނެވެންވެސް އޮތީ ފަހެ ކީކޭ ހެއްޔެވެ. ޔަލްވީ ހީވަނީ މަހެއްގެ ކޮސްޓިއުމްއެއް ލައިގެންހުރިހެންނެވެ. މީހާހުރި އާދަޔާހިލާފު ސިފަފެނިފައި ގަބުވެފައިހުރެވުނީ ކިހާއިރަކުކަމެއްވެސް ނޭންގުނެވެ.
ޔަލްވީއަށް މިހެންމިދިމާވީ ކީއްވެ ހެއްޔެވެ. މިކަމުން ސަލާމަތްވާނީވެސް ކިހިނަކުން ހެއްޔެވެ. ހައްތާހާވެސް ޖަވާބުލިބެންނެތް ސުވާލުތަކެވެ. އެދުވަހު މޫދަށް ދެވުނީތީ އަމިއްލައަށް ކުދިކިޔަމުން ޔަލްވީ ވިސްނަމުންދިޔައީ މިކަމުން ސަލާމަތްވާނެ ގޮތަކާއި މެދުއެވެ. އެކަމު އޭނާގެ ބޮލުގައި ތާކުންތާކު ޖެހޭ ވިސްނުމެއްހަރެއްނުލިއެވެ.
ދުވަސް އެއްކޮށްހެން ޔަލްވީ ކޮޓަރިންބޭރަށް ނުނިކުމެ ހުރުމުން ވާހިދާ ކަންތައްބޮޑުވެގެން އުޅެންފެށިއެވެ. ކޮޓަރީގައި ޓަކިޖަހާލުމަށްފަހު ގޮވާލިއެވެ.
“ދަރިފުޅާ ޔަލްވީ. ދެން ހޭލާ. މަންމަހުންނާނެ ކާންހަދާފަ. އާދޭ ކާންދާން” ގަޑިން ތިންގަޑި ބައިވުމުން ވާހިދާއައިސް ޔަލްވީއަށް ގޮވާލިއެވެ. ވާހިދާ ހީކޮށްގެންހުރީ ޔަލްވީ އަދިވެސް ނިދާ ނުހޭލަނީކަމަށެވެ. މިހާ ލަސްވަންދެން ބައެއްފަހަރު ޔަލްވީ ނިދާނީ މެންދުރަކާއި ގާތްވަންދެން ނުނިދާހުރިއްޔާއެވެ.
“މަންމާ. ބަނޑުގައި ރިއްސާތީ މިއުޅެނީ. މިއަދު ނެތް ބޭރަށްނިކުންނަ ހިތެއް. މަންމަ ގެނެސްދީ ކާއެއްޗެއް.” ވާހިދާ ހިނގައިގަންނަން އުޅެނިކޮށް ޔަލްވީ އެތެރެއިން ވާހަކަ ދައްކަންފެށިއެވެ. އެންމެ ރަނގަޅޭބުނެ ވާހިދާ ޔަލްވީއަށް ކާންގެނެސްދޭން ދިޔައީ މައްސަރުކަންތައް ޔަލްވީއަށް ލައިގަތީއޭހިތައެވެ. ކޮންމެ މަހަކުވެސް ޔަލްވީއަށް ނުހަނު ވަރުވާކަން ވާހިދާއަށް އިގެއެވެ. އެހެންވެ އިތުރު ސުވާލެއްނުކޮށް އަވަސްވެގަތީ އެއްޗެއްކާންދިނުމަށެވެ.
ނޫޑުލިސް ތައްޓަކާއި ބުއްތައްޓެއްހިފައިގެން ވާހިދާކޮޓަރީގައި ޓަކިޖަހާލުމާއެކުހެން އިގިލިތަށް ނުފެންނަ އަތްދިގު ޓީޝާޓެއްލައިގެން ޔަލްވީ އަަތްދިއްކޮށްލިއެވެ. މުޅިކޮޓަރި އަދިރިކޮށްލާފައި ހުރުމުންތަނެއްދޮރެއް ނުފެނެއެވެ. ދޮރުފަހަތުގައިހުރި ޔަލްވީ ނިކަންއަވަސް އަވަހަށް ނޫޑުލީސްތަށިއާއި ވާހިދާދެން ހަވާލުކުރި ތަށި އެތެރެއަށްލާ ތަޅުލިއެވެ. ބޮކިދިއްލާލުމަށްފަހު ފެނުނު ބުއްތަށިން އޭނާ މޭ ނުބައިކުރިއެވެ. މަންމަ މިބުއްތަށި މިދިނީ ކީއްވެހެއްޔެވެ. ޔަލްވީ ނުލާހިކު ފަކުރުގަންނަ އެއްޗެއްކަން އިނގިހުރެ މިތަށި ގެނައީތީ ޔަލްވީ ތުންހަދާލިއެވެ. އޭނާގެ ޕީރިއަޑްދުވަސްތަކު މަންމަ ބުއްތަށިބޯން އަބަދުވެސް ހަވާލުކުރެއެވެ. ޔަލްވީއަށް ރޭކާލީދެނެވެ. ވާހިދާ ހީކޮށްގެން އެއުޅެނީއެހެންނެވެ. ބަނޑުގައި ރިއްސައޭ ބުނެވުނުކަން ނަސީބެކެވެ. ފާހާނައަށްވަދެ ބުއްތަށިއުކާލުމަށްފަހު ނިކަންއަވަހަށް ނޫޑޫލިސްތަށިކައިހުސްކޮށްލިއެވެ. ފޯނު ރިންގުވާއަޑަށް ފޯނުނަގާއި ބަލާލިއިރު ގުޅަނީ މަަލަކްއެވެ. ފޯނު ކެނޑެންދެން ދުރުގައި ބާއްވާފައި ޔަލްވީ ފުންވިސްނުމަކަށްދާންފެށިއެވެ.
ކުޑައިރު މަލަކްއާއި ލޫނާއާއި ޔަލްވީ އެއްކޮށްއުޅުނު ގޮތެވެ. އެންމެން އެއްކޮށްނިދާ ސަކަރާތްޖެހި ދުވަސްކޮޅެވެ. އަބަދުވެސް މޫދަށްގޮސް މަޖާކުރާމަންޒަރުތަކެވެ. ސުކޫލަށް އައިސް ގެއަަށްދާ ހިޔާލްތަކެވެ. މިކަންތައްލައިގަތް ފަހުން އެމީހުންނާއި ދުރުވެވިއްޖެކަން ވަރަށްބޮޑަށް އިހުސާސްވިއެވެ. ކަމެއްނުވޭބުނެ ދޮގުހަދަން ޔަލްވީ އިތުރަކަށް ބޭނުމެއްނޫނެވެ. މިކަންތަކުން މިންޖުވާނެ ގޮތެއްހޯދަންވީއެވެ. ހިޔާލަށް އަންނަނީ އެންމެކަމެކެވެ. އެގޮތަށްކަންތައްކުރާނީއޭ ހިތާ ލޮލުންފޭދިފައިހުރި ކަރުނަތައް ފޮހެލިއެވެ. ގަޑިބަލާލުމަށްފަހު އިރުއޮއްސެންދެން މަޑުކުރާނީއޭ ހިތާ އެކިކަންކަމާއި ވިސްނަންއޮތެވެ.
ގަޑިންފަހެއްޖަހަން ވަރަށްކައިރިވެއްޖެއެވެ. ވިދާލިވިދުވަރާއެކު ޔަލްވީ ސިހިފައި ކުޑަދޮރާއި ދިމާލަށްބަލައިލިއެވެ. ލަހެއްފަހެއްނެތި ޖެހިގުގުރީގެ އަޑާއެކު ޔަލްވީއަށް ތެދުވެވުނެވެ. ކުޑަދޮރުކައިރީގައިހުރެ ފޮތިގަނޑުކަހާލުމަށްފަހު ބޭރުބަލައިލިއެވެ. ކުދިކުދިމާގަސްތައް އޭނާގެ ކުޑަދޮރުކައިރީގައި ބަހައްޓާފައިހުރިއިރު ނުހަނު ރީއްޗެވެ. މާތަކުގައި ފެންހަރުލަމުންދިޔައީ ވެހެންފެށިވާރޭއިންނެވެ. ވަށާފާރުތިރިކޮށް ރާނާފައިހުރުމުން މަގުމަތިން ދާމީހުން ނުހަނު ރީއްޗަށްފެނެއެވެ. ބާރުބާރަށް ބައިސްކަލުތަކުގައި ދުއްވަމުންދިޔައީ ވެހެމުންދިޔަވާރޭ ކިބައިން ސަލާމަތްކަން ހޯދުމަށެވެ. ބަލަބަލަ ހުއްޓާ ވިއްސާރަ ބޯކޮށްލާ މަގުމަތީގައި ފެންކޯރު ހައްދާލައިފިއެވެ.
ޔަލްވީއަށް ކަމެއް ވިސްނިގެން ނިކަންއަވަސްއަވަހަށް އޭނާގެ ކަޅުވިއްސާރަކޯޓު ނަގާގަޔަށް މަހާލިއެވެ. ފޯނު ޗާރޖަށްޖަހާލުމަށްފަހު ލޯގަނޑާއި ދިމާލަށް ބަލައިލިއެވެ. މޫނާއި ލޯއިތުރަށް ފޮރުވާލުމަށްޓަކައި ކޯޓުތެރެއިން އަތްކޮއްޕާލާ ރަތްހުޑީ އިތުރަށް ތިރިއަށްދަމާލިއެވެ. ކޯޓުގެ ހޫޑީވެސް ތިރިކޮށްލިއެވެ. އަމިއްލަ މީހާގެ ނަޒަރުން އެހެންމީހަކަށް ކާކުކަން ނޭންގޭވަރަށް ހޫޑީތިރިކޮށް ބޫޓަކަށްއަރައިގެން ކުޑަދޮރުކައިރި ހުއްޓިލުމަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާއަށް ކުރަންމިއުޅޭ ކަމުގެ ރަނގަޅު ނުރަނގަޅެއްވެސް ނޭންގެއެވެ. އެހެނަސް ވިސްނުމަށް އަންނަ ގޮތަކީ މިއީއެވެ. ކުޑަދޮރުހުޅުވާލުމަށްފަހު ދެފަޅި ބަލައިލީ މީހަަކުހުރިތޯއެވެ. ނިކަންއަވަހަށް ބޭރަށްފުންމާލާ ކުޑަދޮރު ލައްޕާލުމަށްފަހު ތިރިފާރުބުރިމަތިން މަގުމައްޗަށް ފުންމާލިއެވެ. ވަށައިގެން އެކަކުވެސް ފެންނާކަށް ނެތެވެ. ޔަލްވީ ދުއްވައިގަތެވެ.
ރަށުގެ މީހުންނޫޅޭނެހެންހީވާ މަގުތަކުން ދުވަމުންދިޔައިރު ހިތްނެގިނެގިފައި ޖެހެއެވެ. މޫނުމަތީގައާއި އަތުގައިހުރި ހުޅުބުތަކަށް ފެންބުރަމުންދިޔައިރު ތަދުވިޔަސް ކެތްކޮށްލެވެއެވެ. ބާރުދުވުމެއްގައި ދެފަަޅިއަށް ފެންބުރުވަމުންކަހަލަ ގޮތަކަށް ދުވަމުންދިޔައީ ރަށުގެ ތުނޑިއާއި ދިމާލަށެވެ. އެއީ ފަޅުހިސާބަކަށްވީތީ އެހިސާބަށްގޮސް މީހުންނެއް ނޫޅެއެވެ.
ފަނަރަވަރަކަށް މިނެޓްދުވަމުންއައިސް ޔަލްވީއަށްހުރެވުނީ ސީދާތުނޑީގައެވެ. ވަރުބަލިފިލުވާލުމަށްފަހު ކޯޓުގަހެއްގައި އަޅުވާލަމުން މޫދާއިދިމާލަށް ހިގަމުންދިޔައެވެ. ވައިޖެހެމުންދިޔައީ ނުހަނު ގަދައަށްކަމުން ކުރިއަށްނަގަންޖެހޭ ފިޔަވަޅުތަށް ނެގެނީ ވަރަށް މަސެއްކަތުންނެވެ. ގޮނޑުދޮށައްބީއްސާލާ ރާޅުތަކުން ޔަލްވީއަށް ފަސްޖެހެވެމުންދިޔައެވެ. އަނބުރާ ދާންވީބާއެވެ.
އުޑުމަތިބަނަކޮށްލާފައި އޮތުމުން މާހައުލު ނާމާންކަމަށް ދައްކައެވެ. ރާޅުފެންފަށުގައި ޖެހިލުމާއެކު ނޭންގޭލުއި އަރާމުކަމެއްގަޔަށް އިހުސާސްވިއެވެ. އޮއެގަދަކަމުން ދެންމެ ދެންމެ ބޭރަށް ދަމައިގަނެފާނެހެންހީވެއެވެ. ކަކުލާހަަމައަށް މޫދުފެންއެރުމާއެކު ޔަލްވީތިރީގައި އިށީންދެލުމަށްފަހު މޫނުމައްޗަށް ފެންޖަހާލިއެވެ. މުޅިގަޔަށްލިބެންފެށިއަރާމަކުން އެނާއަށް މޫނުއަޑިއަށްލެވުނެވެ. ބޮލާއެއްކޮށްހެން ތެއްމާލާ އެއްވެސް ހިޔާލެއްފިކުރެއްނެތި އޮއެބާރުމޫދުގައި އެކަނި އިނެވެ.
މަޑުމަޑުން އަތުގައިހުރި ހުޅުންބުތަށްފިލަންފެށިއެވެ. ހަންގަނޑުގެ އަޑިއަށްވަންނަމުންދިޔައެވެ. މިވަނީ ކިހިނެއްހެއްޔެވެ. ޔަލްވީއަށް މުޅިއަތަށް ބެލެމުންދިޔައެވެ. ކަރުގައި އަތްލުމަށްފަހު ހުޅުނބުތަށްހުރިތޯ ބަލަމުންދިޔައެވެ. ބިންދާލިބޮޑު ރާޅާއެކު ޔަލްވީ އޮޔާއި ދަމައިގަތެވެ. ފައިޖެހުނަސް އޭނާއަށް ވަގުތުން ހަދާނެގޮތްހުސްވިއެވެ. ކުއްލިއަކަށް އެފަޅުރަށައް މޫދަށްއެރުނުދުވަސް ހަނދާންވަމުންދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.

this is a very mesmerizing story <3
keep up the good job!!
Thank You so much for your interest in this story. Enjoy up coming episodes as well. 🙂