
މަޑުމަޑުން ލޯ ހުޅުވާލީމެވެ. އަހަަރެެންނަަށް ވަށައިގެންވާ ތަންތަން ފެންނަނީ ފުސްކޮށެވެ. ވާނުވާ އެނގެންފެށީ އޭގެ ކުޑައިރުކޮޅެއް ފަހުންނެވެ. ގާތުގައި ރާޤީ އިނުމުން މާ ގިނައިރު ތަކެއް ނުވާކަން އަހަރެންނަށް އެނގުނެވެ. ބައްޕަ އާއި ދޮންބެ އަހަރެންގެ ގާތުގައި ހުއްޓެވެ. ބައްޕަގެ ލޮލުގައި ހުރީ ކަރުނައިގެ އަސަރެވެ. އަހަރެން ލޮލުގެ އިޝާރާތުން ވެގެން މިއުޅެނީ ކިހިނެތްތޯ އަހާލީމެވެ. ރާޤީ އަހަރެންނާ ދިމާލަށް އެނބުރިލާފައި ބުންޏެވެ. “ތިޔަހުރީ ސިހުރެއް ޖެހިފަ! އެންމެ ކަމަކަށް ނޫން. ހުރިހާ ކަމަކަށް ކަހަލަ ގޮތަށް އެބަހުރި.” “ސިހުރޭ؟” ސިއްސައިގެން ގޮސް އަހަރެންނަށް ކޮށްލެވުނީ ސުވާލެކެވެ. އާން. ގަބުރަށް، ލޮނަށް، ކާންދީފަ، ބޯންދީފަ، އަދި ނުވިތާކަށް މިގޭގައި ވަޅުލާފަ، ސިހުރު ފެން މި ގެއަށް އަޅާފަ އެބަހުރި. އަދި އެބަހުރި ސިހުރު ފެން ބުރުވާފަ ގަޔަށް. ގައިގަ ފެންނަން މިހިރި ކަޅު ލަކުނުތަކަކީ އެ. ހީވަނީ މި ކަން ކުރި ބަޔަކު މިހުރީ ސިހުރު ޓެސްޓް ކުރަން ހަދާފަހެން. ސާދަ އަހަރު މިވީ ރުގްޔާ ކުރާތާ. އަދި މިވަރު ވެފަ ހުރި އާދަމުގެ ދަރިއަކު ނުފެނޭ. ހީވާގޮތުގަ ގާތް މީހަކު ނުވަތަ ވަރަށް އިތުބާރު ކުރެވޭ މީހަކު މިހުރީ ކޮށްފަ. ވަރަށް ބައިވަރު ކާންދީފަ ހުރީމަ މިހެން މިބުނީ.” ރާޤީ މި ވާހަކަތަކާއެކު ބިރުން މޭ ފަޅާ ހިތް ނުނިކުތީ ކިރިޔާއެވެ. ގޭގެ ދެ ފެންތާންގީއާއި ފެންވަޅުން ފެން، ތައްޓަކަށް އަޅައިގެން ގެންނަން އެދުމުން ދޮންބެ ގޮސް އެބުނިތާކުން ފެނުގެ ސާމްޕަލް ގެނެއްސިއެވެ. އަދި އަހަރެންގެ ގާތުގައި އެ ފެންތަށީގެ ތެރެއަށް އިނގިލި ލުމަށް ބުނެ ކިޔަވަންފެށިއެވެ. އިރުކޮޅެއްފަހުން ކަންވާރު ބޮޅެއްގައި މަހެއް ގަތުމުން ކަންވާރު ތެޅޭފަދައިން އަހަރެންގެ އިނގިލި ތެޅެން ފަށައިފިއެވެ. ހުރިހާ ފެނަކުންވެސް ވީ ހަމަ މިގޮތެވެ. ކިޔަވަން ހުރި އެއްޗެއް ކިޔެވުމަށްފަހު މިހާރު ހުރި ދެ ފެން ތާންގީގައި ހުރި ސިހުރު ބާތިލު ކުރުމަށްފަހު ހުސް ކުރަން ޖެހޭނެ ކަމަށް ވެސް ރާގީ ބުންޏެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ފުޅީގައި ބަންދުކުރި ފެން ބޭނުން ކުރުމަކީ އެންމެ އެދެވިގެން ވާ ގޮތް ކަމުގައިވީތީ އެގޮތައް އަމަލުކުރަން ނިންމީމެވެ. ދިޔުމުގެ ކުރިން ރާގީ ދިޔައީ އަހަރެން ބުޔުމަށް ފެންފުޅިއަކަށް ޝިފާގެ އާޔަތްތައް ކިޔަވާފައެވެ.
މުޅިން އާދުވަހަކަށް އިރު އެރީ ތަންމަތީގައި ދެކޮޅަށް ފުރޮޅި ފުރޮޅި އޮއްވައެވެ. ރޭގައި ގަޔަށް އެރި ބާރުގަނޑުގެ ސަބަބުން ކަރުތެރެ ހުރީ ފާޑަކަށް ދުޅަވެފައެވެ. އަދި މުޅި ގައިގާ ކެތްނުވާވަރަށް ރިއްސަމުން ދިޔައެވެ. ފާހާނާ އަކަށް ދާންޖެހިފާ ހުރުމުން އެނދުން ތެދުވަން ކުރި މަސައްކަތް ވީ ނާކާމިޔާބެވެ. ބައްޕައަށް ގޮވުމަށްފަހު ބައްޕަގެ އެހީގާ ފާހާނައަށް ގޮސް އައީމެވެ. ވުޟޫ ކުރަން ވެއްޖެނަމަ އެނދުގާ އޮވެ ވުޟޫ ކުރަނީ އެއްޗެހި ދޮންނަ ސްޓީލް ތައްޓަށެވެ. ދުވަހުގެ ވަގުތު ހިނގަމުން ގޮސް އިރުއޮއްސި އަނދިރިކަން ވެރިވެއްޖެއެވެ. އަހަރެން އިންތިޒާރު ކުރަމުން ދިޔައީ އިޝާ ނަމާދު ކޮށްގެން ރާގީ އަންނާނެ އިރަކަށެވެ. ގޭގާ ސިހުރު ވަޅުލައިފާ ވަނީ ކޮން ތަންތަނެއްގައި ކަން ހޯދުމަށެވެ. އިންތިޒާރު ކުރި ވަގުތު އައިސް ޖެހިއްޖެއެވެ. ރާގީ އަތުވެއްޖެއެވެ. އައިސް އާރޓް ފޮތުގެ ގަނޑެއްގާ ކުރަހާފައިވާ މިގޭގެ ޗާޓައް ބަލާލުމައްފަހު ގަލަމުގެ ތުނޑައް ކިޔަވާލުމައްފަހު ފުމެލިއެވެ. އަދި ގަނޑުގައި ގަލަން ޖައްސަމުން ދާ ވަގުތު އެއްވެސް އުނދަގުލެއް ވާނަމަ އެނގިލާށޭ ބުނެ ގަލަން ޖައްސަމުން ދިޔައެވެ. ބަދިގެ ނިންމި އިރު އެއްވެސް އުނދަގުލެއް ނުވުމުން ގޭގެ ބޮޑު ދޮރާށީގައި ޖައްސަން ފެށިއެވެ. ދޮރާށީގެ މެދަކާއި ހިސާބައް ދެވުނު ތަނާހެން ކުއްލިއަކަށް ކަނާތު ފަޔައް މީހަކު ދަމަންފެށިހެން ހީވިއެވެ. ކުއްލިއަކަށް ފަޔައް ދަމާލިވަގުތު ގޮނޑިން ނުވެއްޓުނީ ހަމަ ކިރިޔާއެވެ. މިގޮތައް ބަލަމުން ބަލަމުން ގޮސް މުޅި ގެ ނިންމާލި އިރު ޖުމްލަ ފަސް ތަނެއްގައި ވަޅުލާފާ އަދި ސާދަ ތަނަކަށް ފެން އަޅާފާ ހުރިކަން އެނގުނެވެ. ގަނޑު ފަތްޖަހާލުމައްފަހު ފެންފުޅިއަކަށް ލަމުން ހިފާއްޓަން ބުނުމާއެކު އަހަރެން ފެންފުޅިގާ ހިފެހެއްޓީމެވެ. ރާގީ ހެމުން ހެމުން އެހެން މީހުން ހިފަހައްޓަންވީ އަހަރެންގެ ގައިގައި ކަމަށް ބުންޏެވެ. ބައްޕަ އާއި ދޮންބެ ވެދާނެ ކަމަކަށް ތައްޔާރުވެ އަހަރެންގެ ކައިރީގައި މަޑުކޮއްލިއެވެ. ފެންފުޅިއަށް ލަމުން ގެންދިޔައިރު ރާގީ ކިޔަވަން ފެށިއެވެ. އަދި ކުއްލިއަކައް އެނބުރުމެއް އަރާ މުޅި ގައިގައި ތަދުގަނޑެއް ދުވަން ފެށިހެން ހީވިއެވެ. އަދި ކުއްލިއަކަށް އަހަރެންގެ ކަނާތު ފަޔައް ދަމަން ފެށިހެން ހީވިއެވެ. ހީވަނީ އަހަރެންގެ ފައި ހަށިގަނޑާ ވަކިކުރަން އުޅޭހެންނެވެ. އެ ރޭވެސް ވެގެން ދިޔައީ ވޭނާއި ކެކުޅުމުގައި ނިދިން މަރުޙޫމްވި ރެއަކަށެވެ.
ޖެހިގެން އައި ދުވަހެވެ. އަހަރެން އިންތިޒާރުކުރަމުން ދިޔައީ ރާޤީ އަންނާނެ ވަގުތަކަށެވެ. އަސުރުގެ ވަގުތާއިއެކު ރާޤީ ވެސް އަތުވެއްޖެއެވެ. މިއަދު ހަމަޖެހިފައިވަނީ ރޭގައި ޗާޓުން ބަލައިގެން އެނގުނު ތަންތަނުގެ ސީދާ ޕޮއިންޓު ބެލުމަށެވެ. ދަނޑިކޮޅަކަށް ކިޔެވުމަށްފަހު ރޭގައި ކުރެހި ޗާޓުގެ ފޮޓޯއަށް ބަލަމުން ފާހަގަ ކޮށްފައިހުރި ތަންތަނުގައި މަޑުމަޑުން ޖައްސަމުން ދިޔައެވެ. ތަނަކަށް ފަހު ތަނެއް ނިންމަމުން ގޮސް ފެންއަޅާފަ ހުރި ތަންތަން ފާހަގަކުރެވިއްޖެއެވެ. އަދި ވަޅު ލާފައި ހުރި ތަންތަން ފާހަގަ ކުރުމަށްފަހު، ކޮންނަމުން ދިޔައެވެ. ފުރަތަމަ ތަނުން ފެނުނީ ލިޔެފާވާ ހިލަ ބުރިއެކެވެ. އެ ހިލަބުރީގައި ހަ ކަން ތަރިއެއް ކުރަހާފައި ވެއެވެ. އަދި ގޮޅިތަކެއްގެ ތެރޭގައި ލިޔެފައިހުރި އަރަބި ލަފުޒުތަކެއް ހުއްޓެވެ. އެ އަކުރުތައް ނުކިޔުމަށް ރާޤީ އެދިލެއްވިއެވެ. އަދި ބާކީ ހުރި ތަންތަނުން ފެނުނީ ފީވެފާވާ ލަކުޑި ކޮޅުކޮޅެވެ.
އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ވަކިވީ ރޭނގަޑަކަށް ފުރުސަތު ދެމުންނެވެ. ގެ އެޅުމުގެ ކުރިން އަޅާފައި ހުރި ސިހުރު ފެނާއި، ގެ އެޅުމުގެ ފަހުން އަޅާފައި ހުރި ފެން ބާތިލުކުރުމަށްޓަކައި ބޮޑު ބުރުމާއެއް ގެނެސް ތޮރުފުމުގެ މަސައްކަތް ފަށައިފިއެވެ. ތޮރުފަން ފެށުމާއެކު އަހަރެންގެ މުޅި ގަޔަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސާލިހެންނެވެ. ހަމައެއާއެކު އަހަރެންގެ އަތްފައި ތުރުތުރު އަޅަންފެށިއެވެ. ފޯނު ރިންގުވާއިރު ވައިބްރޭޓްވާ ބީދައިންނެވެ. ‘ތިހެން ނަހަދާށޭ، ނުތޮރުފާށޭ، އަހަރެން މިޔޮށްގެން މަރު ވަނީއޭ’ ކިޔާ އަހަރެން ހަޅޭއްލެވީމެވެ. ނަމަވެސް ތިއްތިބޭމެން ތޮރުފަމުން ގެންދިޔައެވެ. އެނދުގެ އެއްފަރާތުގައި އޮވެ، އަނެއް ފަރާތަށް އެނބުރިލި ވަގުތު އަހަރެން ދިޔައީ ވިރިގެންނެވެ. އަހަރެންގެ ކައިރީގައި އޮށޯވެލައިގެން އޮތީ އިންސާނެއްގެ ބައްޓަމަށް އޮތް ކަޅު ދުންގަނޑެކެވެ. މަންމައަށް ގޮވަން މަސައްކަތްކުރި ނަމަވެސް އަހަރެންގެ އަޑެއް ނުނިކުތެވެ. އެ ދިމާލަށް ނުބަލަންވެގެން މޫނު އަނބުރާލި ވަގުތު އަހަރެންނަށް ފެނުނީ އެނދު ކައިރީގައި ބަހައްޓާފައި ހުރި ގޮނޑީގައި އިން ހިޔަންޏެކެވެ. ވަގުތުން އަހަރެންގެ ދެލޯ ބޮޑުވިއެވެ. ނިތްކުރިމަތިން ދާހިއްލާ ބިރުން ރޫރޫ އަޅައިގަތެވެ. ކުއްލިއަކަށް އެ ހިޔަނީގެ އަތުން އަހަރެންގެ ކަރުގައި ހިފާ ނޭވާ ހާސްކޮށްލިއެވެ. ނޭވާކުރުވެ ނޭވާއަށަ ތެޅެމުން އެނދުގެ ފަޑީގައި އަހަރެންނަށް ލެވުނުބާރެއްލައި ތަޅަން ފެށީމެވެ. އެގޮތުގައި މާ ގިނައިރުތަކެއް ނުވެ އަހަރެންގެ ޙަބަރު ހުސްވިއެވެ.
(ނުނިމޭ) މި ޕާޓު ލަސްވި ކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މާފަށް އެދެން.