ޤާތިލް-15
ރޭގަނޑު ބާރަޖެހީޔެވެ. ނިދަންވީޔެވެ.
ޝަކީލާ ގިފިލިން ނިކުމެ ވަޙީދު ކައިރީގައި އެނދުގައި އޮށޯތެވެ.
”މިއަދު ޝަޔާމާ ކޮންމެވެސް ތާކުން އައިސް ރޮވިފައި އަހަރެން ގައިގައި ބައްދައިލީ”
”އަހަރެން މި ހިތަށް އަރަނީ ކިހިނެތްބާވައޭ އެވީ” ޝަކީލާ ބުނެދިނެވެ. މި ވާހަކަ އަހައިފައި ވަޙީދުވެސް ހައިރާންވިއެވެ.
އަނެއްދުވަހެވެ. ހެނދުނުގެ ވަގުތެވެ.
ވަޙީދު ޝަޔާމާ ގޮވައިގެން އިއްޔެ ހެދި ޓެސްޓުތަކުގެ ނަތީޖާ ބަލައި މަރުކަޡަށް ދަނީއެވެ.
މަރުކަޒަށް އާދެވިއްޖެއެވެ. ޓެސްޓުތަކުގެ ނަތީޖާ ލިބިއްޖެއެވެ. ނަތީޖާތައް ޑޮކްޓަރުދެއްވީ ޝަޔާމާގެ އަތަށެވެ. ޝަޔާމާ އެ ކަރުދާސް ގަނޑުތައް ބަލަން ފެށިއެވެ. ޝަޔާމާއަށް ހީވީ ފައިތިލަދަށުން ބިންގަނޑުކެހިގެން ދިޔަހެންނެވެ.
”ކީކޭތަ ތީގައި އޮތީ” ވަހީދު ސުވާލުކުރިއެވެ. ޝަޔާމާއަކަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ޑޮކްޓަރު ކުރިމަތީގައި ދޮގެއްވެސް ނުހެދޭނެއެވެ.
”އޭނަ ބަނޑުބޮޑު” ޑޮކްޓަރު ބުނެދިނެވެ.
ވަޙީދުގެ ދެލޯ ބޮޑުވިއެވެ. ވަޙީދުއަށް ހީވީ މީހަކު ގަޔަށް މޮހޮރުތަކެއް އުކިހެންނެވެ. ވަޙީދުގެ ދެލޯ އަގުރު އަލިފާންކޮޅަކަށް ވެއްޖެއެވެ. ޝަޔާމާގެ އަތުގައި ހިފައި ދަމައިފައި އޭނަ ގެންދިޔައެވެ.
ގެޔަށް އާދެވިއްޖެއެވެ. ވަޙީދު ގެޔަށް ވަދެ އަތުން ދޫކޮށްލައި ކުރިމަތީގައި ޝަޔާމާ ބެހެއްޓިއެވެ.
” ބުނެދީފައިނައްތަ ކީއްވެކަން”ވަޙީދު ރުޅިއައިސް ޝަޔާމާގެ އިސްތަށިގަނޑުގައި ހިފިއެވެ.
”ކީއްވެހޭ” އަނެއްކާވެސް ވަޙިދު ރުޅިއައިސް އެހިއެވެ. ވަޙީދުގެ މި ހަޅޭކުގެ އަޑަށް ވަޙީދުގެ އަންހެނުން ޝަކީލާ އަދި ޝަޔާމާގެ ޝައީމްބޭބެ އައެވެ.
”ވަޙީދު”
”ކިހިނެތްތަވެގެން ތި އުޅެނީ” ޝަކީލާ ރުޅިއައިސް އެހިއެވެ.
”ބައްޕާ”
”ކޮއްކޮއަށް އަނިޔާ ކުރަނީ ކީއްވެ” ވަޙީދުގެ އަމަލުތައް ހުރި ގޮތުން ޝައީމް ދެރަވިއެވެ.
”އޭނަގެ ބޮލުން ދޫކޮށްބަލަ”
”އޭނަޔަށް ތަދުވާނެކަމެއް ނޭނގޭތަ” ޝަކީލާ ގާތަށް ވަރަށް ރުޅިއައެވެ.
”އަހަންނަށްވެސް ހާދަ ތަދުވިޔޭ”
”އަހަރެންގެ ހިތަށް ހާދަ ތަދުވިޔޭ”
”އަހަރެންގެ ލޮލުގެ ކޮއިފަދަ ކުއްޖެކޭ މިއީ”
”ޝަކީލާ އަހައިބަލަ ކާކުގެ ފާފައިގެ ނިޝާނެއްތޯ ބަނޑުގައި އެވަނީ” ވަހީދަށް ގިސްލެވެން ފެށިއެވެ.
”ކީކޭ” ޝަކީލާއަށް އަނގަމަތީ އަތް އެޅުނެވެ. ޝައީމްއަށް އިސްދަށަށް ޖެހުނެވެ. ދެލޯމެރުނެވެ. ކަރުނަ އޮހޮރުނެވެ.
”އަހަރެން މިއަދު މިކުއްޖާގެ ދުވަސް ދުއްވައިލާނަން” ވަހީދު ފުރޯއެއް ގެނެސް ޝަޔާމާއާއި ދިމައަށް ހޫރައިލިއެވެ. ޝަކީލާ ވަހީދު ހުއްޓުވިއެވެ.
”މޮޔަވީތަ”
”އަމިއްލަ ދަރިފުޅު މަރައިލާނީތަ” ޝަކީލާގެ ރުޅިގަދަވިއެވެ.
”އަހަރެންގެ ދަރިފުޅަކީ ވަރަށް އަޙްލާގް ރަގަޅު ކުއްޖެއް”
”މީ އަހަރެންގެ ދަރި ޝަޔާމާއެއް ނޫން މިއީ އެހެން ޝަޔާމާއެއް” ވަޙީދަށް އަނެއްކާވެސް ގިސްލެވުނެވެ.
”ބައްޕާ” ބައްޕަގެ ވާހަކަތަކުން ޝަޔާމާ ވަރަށް ދެރަވެ ގޮވައިލިއެވެ.
”ހަބަރުދާރު މަށަށް ބައްޕާއޭ ނުކިޔާތި” ވަޙީދު އަނެއްކާވެސް ޝަޔާމާގެ ބޮލުގައި ހިފިއެވެ.
”ވަހީދޫ”
”ކިހިނެތްތަ ކަލެޔަށް ވެގެން ތި އުޅެނީ”
”ކަލޭ ވައުދުވީމެއްނު އޭނަޔަށް އަނިޔާ ނުކުރަން މަތިން” ޝަކީލާ ވަޙިދުގެ ވައުދު މަތިން ހަނދާންކޮށްދިނެވެ.
”އަހަރެން އެއްވެސް ވައުދެއް މަތިން ހަނދާނެއްނެތް”
‘އަހަރެން ވައުދެއް ވިއްޔާ ވީ އަހަންނަށް ޝަޔާމާ ދޭތެރޭ އިތުބާރު އޮތީމައި”
”އެކަމަކު އެ އިތުބާރު މިހާރު ޝަޔާމާ ނަގައިލައިފި”
”ކަލޭ ލަދެއް ނުގަންތަ”
”ހިތަކަށް ނާރާތަ މިހެން ވެދާނެއެކޭ”
”ކަލޭ ވިސްނައެއްނުލަންތަ’
”ކަލޭގެ ތަޢުލީމީ ހަޔާތަށް ކިހިނެތް ދެންވާނީ”
އަހަރެމެން ހީކުރީ ކަލެޔަށް ރީތި ފޭރާން ހޯދައިދީ ލެޔާއި ދަލާއި އޮހޮރައިގެން ތަޢުލީމު އުނގަންނައިދިނީމައި އަހަރެމެންނަށް ރީތި ނަމެއް ހޯދައިދޭނެކަމަށް”
”އެކަމު ކަލެޔަށް ހޯދައިދޭން ތި އެނގުނީ ހުތުރުނަމެއް”
”ކަލޭ ދެން އުޅޭނީ ކިހިނެތް”
”އަހަރެމެން އުޅޭނީ ކިހިނެތް”
”ކިހައި ބަޔަކު އަހަރެމެންގެ ޢާއިލާޔަށް އިނގިލި ދިއްކުރާނެ”
”ކިހައި މަލަމާތެއް ކުރާނެ”ވަޙީދު އެއްޗެތިކިއި ވަރަކަށް ޝަޔާމާއަށް ރޮވެމުން ދިޔައެވެ.
”ބައްޕާ”
”ކޮއްކޮއާއި ދިމާލާށް އެއްޗެތި ނުކިޔާ”
”ކޮއްކޮގެ އެއްވެސް ކުށެއްނެތް” ޝައީމް ބުނެދިނެވެ.
”ކަލޭ ކޮންމެހެން ކޮއްކޮ ދިފާޢުކުރަން އުޅޭނެކަމެއްނެތް”ވަޙީދު ރުޅިއައިސް ޝައީމްއާއި ދިމާލަށް ހަޅޭއްލަވައިގަތެވެ.
”ބައްޕާ އަޑުއަހައިބަލަ”
”އެއީ ކޮއްކޮ ރައްޓެހިވެގެން އުޅުނު ކުއްޖާދިން ލަނޑެކޭ”ޝައީމް ބުނެދިނެވެ.
”ރައްޓެހިވެގެން އުޅުނު ކުއްޖާއޭ”ވަޙީދު ހައިރާންވެ ދެލޯ ބޮޑުވިއެވެ. ޝަކީލާއަށްވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
”ރައްޓެހިވެގެން އުޅުނުކުއްޖާދޯ”
”މަށަށް އެނގޭ ކުއްޖަކާއި ރައްޓެހިވެގެން އުޅުނީމައިކަން މިހެން ވާނީ”
”ކަލެޔަށް ހުރިހާ އެއްޗެއް ކިޔައިދޭދޯ އޭނަ”ވަހީދުއެހިއެވެ.
”ޝައީމްވެސް މިހައި ބޮޑުކަމެއް އަހަރެމެންނަށް ސިއްރުކުރީ”
”އެ ކުއްޖަކާއި ބައްދަލުކުރަންދޯ އިރުއިރުކޮޅާއި ގެއިންބޭރަށް އެ ފިޔަވަޅު އަޅަނީ” ޝައީމް އެވަރުގެކަމެއް ސިއްރުކުރީތީ ޝަކީލާ ވަރަށް ދެރަވިއެވެ.
”މަންމާ އަހަރެންގެ ވާހަކަ އަޑުއަހައިބަލަ” ޝައީމް އެދުނެވެ.
” އަހަރެންގެ ވާހަކަ އަޑުއަހާ ޝައީމް”
”އެއްއަތުން އަތްތިލަބަޑިއެއް ނުޖެހޭނެ”ވަޙީދުގެ އަޑު ކުރިއަށް ވުރެން ބާރުވެއްޖެއެވެ. ޝައީމް ބިރުވެސް ގަނެއްޖެއެވެ.
ޝަޔާމާ މިހާރު އިސްކޫލަކަށް ނުދެއެވެ. އެ ހާލުގައި ދާނީވެސް ކިހިނެތްހެއްޔެވެ. ތަޢުލީމީ ހަޔާތްވެސް ގެއްލުނީއެވެ. އެކުވެރިންވެސް ގެއްލުނީޔެވެ. އެކުވެރިން އަނގައިން ނުބުނާ ތާނގައި ޝަޔާމާގެ މޫނު ފެނުނަސް އެ އެކުވެރިން މޫނު އަނެއްފަރާތަށް އަނބުރައިލައެވެ.ކޮންމެ ދިމާލަކުންވެސް މިހާރު ޝަޔާމާއަށް އިވެނީ ޝަޔާމާއާއި ޝަޔާމާގެ އާއިލާއޭ ކިޔައިގެން މީސްމީހުން ދައްކައި އަޑުއަހަންދަތި ހުތުރު ވާހަކައެވެ.ޝަޔާމާގެ މުޅި ހަޔާތް ބަރުބާދުވެއްޖެއެވެ. ދުނިޔެއަށް ބަދުނާމުވެއްޖެއެވެ. އަބަދު އިވެނީ މީހުންގެ ބަދުބަސްތަކެވެ. މިހުރިހާކަމެއް މިވީ އެ ޔަޝްފާންގެ ސަބަބުންނެވެ.ޝަޔާމާ ހިތަށް އެރިއެވެ. އަހަންނަށް ލަނޑުދީފައި އެ ޔަޝްފާން މިހާރު ފިލާވީ ކޮންތާކުބާވައެވެ.
ވަރަށް ބޯކޮށް ވިއްސާރަވެހެމުންދައި ދުވަހެކެވެ. މަގުމަތީގައިވަނީ ވަރަށް ފެން ބޮޑުވެފައެވެ. ވައި ވަރަށް ގަދައެވެ. ވިދާ ގުގުރައެވެ. ޝަޔާމާ ކޮޓަރީގެ ކުޑަދޮރުން ވިއްސާރައަށް ބަލަން ހުއްޓެވެ.
”ކޯންޗެއް ތި ބަލަނީ” މަންމަ އައިސް އެހިއެވެ.
”މި ބަލަނީ އަހަރެންގެ ދިރިއުޅުމަށް މިއައި ތޫފާނަށްވުރެން މި ވިއްސާރައިގެ ތޫފާން ބޮޑުތޯ” ޝަޔާމާ ޖަވާބުދިނެވެ.
”ދަރިފުޅާ”
”އެއީ ކޮންކުޖެއް” ޝަކީލާ ސުވާލުކުރިއެވެ. ޝަޔާމާ އެއްވެސް ޖަވާބެއް ނުދިނެވެ.
”މިހެން މިއެހީ މަންމަ ގަސްތުކުރަނީ އޭނަޔާއި ދަރިފުޅު ދެވަން” ޝަކީލާ ބުނެދިނެވެ. ޝަޔާމާ ހައިރާންވެ މަންމައާއި ދިމައަށް ބަލައިލެވުނެވެ.
”އޭނަ އަހަރެންނަކާއި ނީންނާނެ އަދި އަހަރެންވެސް ބޭނުމެއްނޫން އިންނާކަށް”
”އޭނަ އުޅުނީ އަހަރެންދެކެ ލޯތްބަކުން ނޫން”
”އޭނަ އަހަރެން މަސްތުކޮށް އަހަރެންގެ އިއްފަތްތެރިކަން ފޭރިގަތީ”
”މަންމާ ޤަބޫލުކުރޭ އަހަރެން ކުށެއް ނުކުރަމޭ” ޝަޔާމާއަށް ރޮވުނެވެ.
”މަންމަ ޤަބޫލުކޮށްފާނަން”
”އެކަމަކު އެހެން މީހުން ޤަބޫލެއްނުކުރާނެ”
”ޝަޔާމާއާއި ކާކު ދެން ކައިވެނިކުރާނީ” ޝަކީލާ ޒުވާބުކުރިއެވެ.
”އެކަމަކު ނުވޭއެއްނު އަހަރެން ހަޔާތެއް ފަށާކަށް އަދި”ޝަޔާމާ އަނެއްކާވެސް ރޮވިއްޖެއެވެ.
”ނުވެޔޭ”
”ތި އިނީ ދަރިޔަކަށް ބަލިވެޔޭ”
”ޝަޔާމާ ބޭނުމެއް ނުވޭތަ ތި ދަރިފުޅަށް ބައްޕަގެ ނަން ހޯދައިދޭކަށް”
”ބަލިވެ އިންދަކައި އެހެން މީހަކު ނީންނާނެ”
”ޝަޔާމާ އޭނަޔާއި ވާހަކަދައްކައިގެން އިންނަން އެއްބަސްކުރުވާ”
”ދަރިފުޅު އެ ކުއްޖަކާއި އިނުމުން ހުރިހާކަމެއް ހަމަޔަކަށް އެޅުނީއްޔޭ” ޝަކީލާ ބުނެދިނެވެ.
ރޭގަނޑު ބާރަޖަހައިކަށްހައިއިރެވެ. ޔަޝްފާން އެދަނީ ޝަޔާމާ ބުނެގެން ޝަޔާމާއާއި ބައްދަލުކުރަން ވަލުތެރެއަށެވެ. ޔަޝްފާން ގޮސް ވަލަށް ވަދެއްޖެއެވެ.
”ޝަޔާމާ” ޔަޝްފާން ގޮވައިލިއެވެ.
ޝަޔާމާ ހުރީ ފުރަގަހަށް އެނބުރިގެންނެވެ. ރީތި ރަތް ހެދުމެއްގައެވެ.
”މިއޮއް ދަންވަރު ކީއްވެ އަންނާށޭ ބުނީ”ޔަޝްފަން އެހިއެވެ.
”އަހަރެން ބިރުގަނޭ އަހަރެން މީހަކަށް ފެނިދާނެތީ” ޝަޔާމާ ޖަވާބުދިނެވެ.
”އެކަމު ކުރިން…
”ކުރިއާއި މިހާރު ވަރަށް ތަފާތު” ޝަޔާމާ ޔަޝްފާންގެ ވާހަކަ މެދުކަނޑުވައިލިއެވެ.
”އެހެންތަ” ޔަޝްފާން ޖީބަށް އަތްޖަހައިލިއެވެ.
”ބުނެބަލަ ކީއްވެތަ އަހަރެން މިތަނަށް ގެނައީ” ޔަޝްފާން އަނެއްކާވެސް ސުވާލުކުރިއެވެ.
ޝަޔާމާ ޔަޝްފާންއާއި ދިމައަށް އެނބުރުނެވެ.
”އަހަރެން މިއައީ ސަލާން ޖަހަން”ޝަޔާމާއަށް ރޮވުނެވެ.
”ކީކޭ”ޔަޝްފާންއަށް ބުނެވުނެވެ.
”ކަލޭ ނަގައިލި އަހަރެންގެ އަބުރާއި އިޢްޒަތް އަހަންނަށް އަލުން ހޯދައިދީ” ޝަޔާމާ ރޮވިފައި އެދުނެވެ.
”ކީކޭތަ ތި ކިޔަނީ”
”އަހަންނަކަށް ނޭނގުނު”ޔަޝްފާނަކަށް ނޭނގުނެވެ.
”އަހަރެންގެ ދުނިޔެ އަދިރި ކުރި މީހަކީ ތީ އެހެންވީމައި އެ ދުނިޔެ އަލިކުރަން ޖެހޭނީވެސް ކަލޭ”ޝަޔާމާ ކަރުނަތައް ފުހެލަމުން ރުޅިއައިސް ޔަޝްފާންއާއި ދިމައަށް ބުންޏެވެ.
”އަރަތް ނުކިޔާ ސީދާ ނުކުތާއަށް ދޭބަލަ”ޔަޝްފާން ހަޅޭއްލަވައިގަތެވެ.
”ކުރިންދުވަހު ކެފޭގައި ޔަޝްފާން ޖާވިދުމެން ގާތު ދެއްކި ވާހަކަތައް އަހަރެން އަޑުއެހިން” ޝަޔާމާ ބުނެދިނެވެ.
”އޯ”
”ދެން ކިހިނެތް ހަދަންވީ”ޔަޝްފާން އެހިއެވެ.
”ޔަޝްފާންގެ ސަބަބުން އަހަރެންގެ މުޅި ދުނިޔެ އަދިރިވެއްޖެ”
”އަހަރެންގެ ކިޔެވުން، އެކުވެރިން ގެއްލިއްޖެ” ޝަޔާމާ ރޮމުން ކިޔައިދިނެވެ.
”ކިހިނެތްތަވީ ކަލެޔަށް”ޔަޝްފާން އެހިއެވެ.
”އަ..އަ…އަހަރެން…އަހަރެން މި ..މިއިނީ ޔަ..ޔަޝްފާންގެ ދަރިޔަކަށް ބަލިވެ” ހިތްވަރުކޮށްފައި އެންމެފަހުން ޝަޔާމާއަށް އެ ވާހަކަ ބުނެވިއްޖެއެވެ.
”ކީކޭ”
”އަހަރެންގެ ދަރިޔަކަށް ބަލިވެޔޭ”
”ނުވާނެ ތިހެނެއް” ޔަޝްފާން އެ ވާހަކަ ޤަބޫލެއްނުކުރިއެވެ.
”އެއީ ކީއްވެ”
”ކަލެ އަހަރެންނާއި ބެހުނު އިރު ހިތަކަށް ނާރާތަ މިހެން ވެދާނެޔެކޭ” ޝަޔާމާ ރުޅިއައެވެ.
”ބަލަ ކަލެޔާއި އެކަންޏެއް ނޫނޭ އަހަރުން ބެހުނީ ކިތަންމެ ކުދިންނަކާއި ބެހުނިން”
”ނާދެޔޭ ތިހެން އަހަރެންގެ ދަރިޔަކަށް ބަލިވެޔޭ މި އިނި ކިޔައިފައެއް”
”އެހެންވެގެންނެއްނޫނު ތި އުޅެނީ”
”ޝަޔާމަ އަދިވެސް އަހަރެން ދެކެ ލޯބިވޭ”
”އަހަރެން ޙާސިލްކުރަން ހަދައި ދޮގު ތިއީ” ޔަޝްފާން އެއްޗިހިކިޔެވެ.
”އައްޗި”
” ތި ހީކުރަނީ އަހަރެން މިއީ ޔަޝްފާން ކަހަލަ ދޮގުވެރިއެއް ކަމަށްތަ މަކަރުވެރިއެއްކަމަށްތަ”
”ތިޔަ ރީތީ އަލި މޫނުގެ ފަހަތުގައިވަނީ ހުތުރު އަދިރި މޫނުމައްޗެއްކަން ކުރިން އެނގުނުނަމަ އަހަރެން ތި މޫނަށް ބަލައިވެސް ނުލީމުވެސް”
”އަހަރެން ހީކުރީ ތިޔަ ދެލޮލުން އަހަންނަށް ލޯބިފެނުންކަމަށް”
”ތިޔަ ދެލޮލޮގައިވައި ދަހިވެތިކަން ފެނުނުމަ އަހަރެން ޔަޝްފާންއާއި ހަތަރުކަޅިހަމައެއް ނުކުރީމުވެސް”
”އަހަރެން ބޭނުމެއް ނޫން ކޮންމެހެން ޔަޝްފާންއާއި އިންނާކަށް”
”އެކަމަކު އަހަރެންގެ ބަނޑުގައިވާ ކުއްޖާއަށް ބައްޕަގެ ނަން ހޯދައިދޭން ބޭނުން”
”އެހެންވެ އެހެންގޮތެއް ނެތިގެން މިއައީ”
”ޔަޝްފާން”
”އަހަރެންދެކެ ލޯބިނުވިޔަސް އަހަރެންގެ ބަނޑުގައިމިވައި މި މަޢުސޫމް ތުއްތު ފުރާނައަށްޓަކައި ހަމްދަރުދީވޭ”
” އަހަރެންނާއި ކައިވެނިކުރޭ”
”މިއީ ޔަޝްފާންގެއޭ” ޝަޔާމާ ރޮމުން ބަނޑުގައި އަތްޖައްސައިލިއެވެ.
”މިއުމުރުގައި ކައިވެންޏެއް ކުރަންވީތަ”
”އަހަރެންގެ ކިޔެވުމޯ”
”ނޫން ޝަޔާމަގެ ދިރިއުޅުން އާބާދުކުރައިކަށް އަހަރެންގެ ދިރިއުޅުން ބަރުބާދެއް ނުކުރެވޭނެ’
”ނުވާނެ ތިކަމެއް”
”ދާން އުޅޭ” ޔަޝްފާން ގަދައަޑުން އަމުރުކުރިއެވެ.
”ނުވާނެޔޭ”
”އެހެންވިއިރު އަހަރެން ޔަޝްފާންގެ މައިންބަފައިންނަށް ކިޔައިދޭނަން ޔަޝްފާން އަހަރެންނަށް ހެދި ގޮތް” ޝަޔާމާ ޔަޝްފާންއާއި ދިމައަށް ލޯއަޅައިލިއެވެ. އަދި ދާން ހިނގައިގެތެވެ. ޔަޝްފާން ހާސްވެއްޖެއެވެ. ނިތްމަތިން ދާ އޮހެރެންފެށިއެވެ.ހަދާނެ ގޮތެއް ނޭނގުނެވެ. މައިންބަފައިންނަށް މިކަން އެނގިއްޖިއްޔާ ވަރަށް ގޯސްވާނެއެވެ.ޢާއިލާގެ އަބުރާއި އިޢްޒަތް ގެއްލޭނެއެވެ. ކުއްލިއަކަށް ޔަޝްފާންގެ ލޮލުގައި އަޅައިގަތީ ވަލުތެރޭގައި ޖަހައިފައި އިން ފޭރާއެކެވެ. ޔަޝްފާން ޝަޔާމާ އެ ފޭރާއާއި ދިމައަށް ކޮށްޕާލިއެވެ. ފޭރާއަށް ހެރި ޝަޔާމާ ދުނިޔެ ދޫކުރީއްޔެވެ.
ޔަޝްފާނަށް މި ކުރެވުނު ކަންތައް އިޙްސާސްވެއްޖެއެވެ. ކުރިއަށްވުރެ މާބޮޑަށް ހާސްވެއްޖެއެވެ. ބިރުގަނެއްޖެއެވެ. ހިކިފަސްތަނެއްގައި ރޯމަހެއް ތެޅޭހެން ތެޅެންފެށިއެވެ. ޝަޔާމާއަށް ބަލަން ހުރެފައި އަވަހަށް ބިރުން ދުއްވައިގަތެވެ. ޔަޝްފާން ދިޔައީ ގެޔަށެވެ.
ގެޔަށް އައިއިރު ކާގެ ހުރީ ދިއްލައިފައެވެ. ޔަޝްފާން ކާގޭގައި މި ގަޑީގައި އުޅެނީ ކާކުތޯ ބަލަން ކާގެތެރެއަށް ވަނެވެ. ކާގޭގައި އުޅެނީ ޔަޝްފާންގެ ބައްޕައެވެ. ހުރީ ފެންފުޅިއެއް ހިފައިގެންނެވެ.
”ބައްޕަ ކީއްކުރަނި މިތާ” ޔަޝްފާން އެހިއެވެ.
”ފެންބޮވައިގަނެގެން” ޔަޝްފާންގެ ބައްޕަ ޖަވާބުދިނެވެ. ޔަޝްފާން ނިތްމަތިން ދާތިކިތައް ފުހެލިއެވެ.
”ހާދަ ހާސްވެފައި”
”ކިހިނެތްވީ” ޔަޝްފާނަށް ބަލައިލައިފައި ޔަޝްފާންގެ ބައްޕަ އެހިއެވެ. ޔަޝްފާން ވީގޮތް ބައްޕައަށް ކިޔައިދިނެވެ. ބައްޕަ އޭނަ ސަލާމަތްކުރާނެކަމުގެ އުންމީދުގައެވެ.
ޔަޝްފާންގެ ބައްޕަ ޔަޝްފާންގެ ވާހަކަ އަޑުއަހައިފައި ޔަޝްފާންގެ ކަންކަށިމަތީ އެތިފަހަރެއް އަޅައިލިއެވެ.
”ކަލޭ ތިޔަވަރުގެ ކަމެއް ކުރުމުގެ ކުރިން ތިއީ ކަތީބެއްގެ ދަރިއެއްކަން ވިސްނައިލިނަމަ”
”ޢާއިލާގެ އަބުރާއި މެދު ވިސްނިނަމަ” ކަތީބު ކަންބޮޑުވެލެއްވީ އޭނަގެ މަޤާމާއި އާއިލާގެ އަބުރާއި މެދެވެ.
”ކޮންމެއަކައަސް އަހަންނަށް ޖެހޭނީ ކަލޭ ތިކުރި ކަންތައް ފަސްއަޅައި ފޮރުވަން” ޔަޝްފާންގެ ބައްޕަ މިހެން ބުނުމުން ޔަޝްފާން ވަރަށް އުފާވިއެވެ. ދެން އެ ދެބަފައިން އެކުގައި ވަލަށް ހިނގައްޖެއެވެ. ކަތީބުގެ އަތުގައި ބޮޑު އުދައްޔެއް އޮތެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

