
ތިޔަ ލޯތްބަށް އެދެމޭ – 15
ހެނދުނުގެ ނާސްތާ ކޮށްގެން އިލްޔާ ބޭރަށް ނިކުތީ ފޫހިވާތީ އެވެ. އައިހާމެން ވެސް އަދި ނުހޭލައެވެ. މަޔާން މިއަދު އެގެއަކަށް ނާދެއެވެ. ހިޝާ ވީ ރާއިލް އާ އެކީ ބޭރަށް ގޮހެވެ. ލުޔާ ވާހަކަ ފޮތެއް ހިފައިގެން ކިޔަން އިނެވެ. އިލްޔާ ދުވެލާފައި ގޮސް ގޭ ދޮރު މަތީގައި ހުރި ބޮޑު ގާފުންޏަށް އެރިއެވެ. މަގުމަތީގައި ފުދޭވަރަކަށް މީހުން ހަރަކާތްތެރިވަމުން އުޅެއެވެ. އިލްޔާ ނުވިސްނައި ހުއްޓައި މީހަކު އިލްޔާގެ އަނގައިގައި އަތް އެޅިއެވެ. ހަޅޭއްލަވައި ގަންނަން އުޅެ އުޅެ ވެސް ހަޅޭ ލެވޭ ގޮތެއް ނުވިއެވެ.” ކިތަންމެ ވަރަށް ހަޅޭ ލަވަން އުޅުނަސް ނުވާނެ… މަޔާން އާ ދުރުގަ ހުރޭ.. އެހެންނޫނީ ކަލޭގެ ދުވަސް ދާނެ.. !! ” އެ މީހާ ވާހަކަ ދެއްކިއެވެ. އިލްޔާ ހިތް ނުހުއްޓުނީ ކިރިޔާއެވެ.
**15 ވަނަ ޕާޓު**
އިލްޔާ އަނގަމަތިން އެމީހާ އަތް ނަގާފައި އަވަހަށް ފިލިއެވެ. އިލްޔާ ފަހަތް ނުބަލާ ގޭތެރެއަށް ދުއްވައިގަތެވެ.” ހެލްޕް މީ.. ” ގޭތެރެއަށް ވަދެފައި އިލްޔާ ލުޔާ ކައިރީގައި އިށީނެވެ. އޭރު ވެސް ބިރުން އިލްޔާ ލޮލުގައި ކަރުނަ ޖަމާވެފައި ހުއްޓެވެ.” ކިހިނެއްވީ.. ” ލުޔާ ކަންބޮޑުވިއެވެ.” ދެ.. ދެންމެ.. މީހަކު.. އަ.. އަހަރެން އަނގަ މަތީ އަތް އެޅީ… ބުނީ ޔާން އާ.. ކައިރި ނުވާށޯ.. ” އިލްޔާ އަށް ރޯވުނެވެ. އޭނައާ މަޔާން އާ ދުރުކުރުން އެއީ ކާކުބާއެވެ؟ މިއުޅެނީ ރައްޓެހި ވެގެނެއް ވެސް ނޫނެވެ. ދެން ކީއްކުރަން ހެއްޔެވެ؟
” ކާކު؟ ” ލުޔާ ހާސްވިއެވެ.” ނޭނގެ.. އަންހެނެއްގެ އަޑު.. ” އިލްޔާ އަދި ވެސް ހުރީ ބިރުން ހަލާކުވާ ވަރު ވެފައެވެ. އެވަގުތުވި މަޔާން އެގޭތެރެއަށް ވަތް ވަގުތަށެވެ. އިލްޔާ ރޯން އިންތަން ފެނުމުން މަޔާން ކަންތައް ބޮޑުވިއެވެ. ބޮޑުކަމެއް ނުވަނީސް އިލްޔާ ނުރޯނެއެވެ.” އިލޫ ވަޓް ހެޕެންޑް.. ” މަޔާން އަހާލިއެވެ. ލުޔާ ވީގޮތް މަޔާން އަށް ކިޔާދިނެވެ.” ކާކުބާ.. ދެން އިލޫ ނުވާނެ އެކަނި އުޅެގެންނެއް.. ” މަޔާން ހިތުގައި ވެސް ބިރުވެރިކަން އުފެދުނެވެ.” ޔާ.. ބުނެފިން ތިހެން.. ކުރިން ދެތިން ދުވަހު މީހަކު އިލޫއަށް ފާރަވެސް ލީ ކަންނެ.. ” ލުޔާ ވާހަކަ ފޮތް މޭޒުމަތީގައި ބޭއްވި އެވެ.
ނަބާ ދުވެފައިގޮސް މީހުން ނޫޅޭ ހިސާބެއްގައި ހުއްޓުނެވެ. އިލްޔާއާ އެހެން ހަރުކަށިކޮށް ވާހަކަ ދެއްކުނީ ނަބާގެ ވަރުގަދަ ހިތްވަރުންނެވެ. ނަބާ ފޯނު ނަގައި ލީޝާއަށް ދެންމެ ކުރި ކަންތަކުގެ މެސެޖް ކޮށްލިއެވެ. ނަބާ އެކަން ކުރަނީ ބޭނުންވެގެނެއް ނޫނެވެ. ލީޝާ މަޖުބޫރު ކުރުވީއެވެ. އެއްވެސް އިންސާނަކަށް ނަބާގެ ސަބަބުން ގެއްލުމެއް ލިބޭކަށް ނަބާ ނޭދެއެވެ. ނަމަވެސް ލީޝާ މަޖުބޫރު ކުރުވުމުން ނަބާއަށް އެހެން ގޮތެއް ނެތުނީއެވެ.
ހަވީރު ހިނގައިލަން ގޮސްފައި ހިޝާ އައީ ރާއިލްމެން ގެއަށެވެ. އައި ގޮތަށް އައިސް ހިޝާ ވަނީ ފެންވަރަންށެވެ. ފެން ވަރައި ނިމިގެން ވެޑިންގް ޑްރެސް ލައިގެން ހިޝާ ލޯގަނޑު ކުރިމަތީގައި މަޑުކޮށްލިއެވެ. ހިޝާ އެހެން ހުއްޓައި ލުޔާ އާއި އިލްޔާ ޔާނީމެން ގޮވައިގެން އައެވެ. އިލްޔާ އެނދުމަތީގައި ބާއްވާފައި އޮތް ހުދު ކުލައިގެ ޝޯލް ނަގާ އަޅުވައިދިނެވެ.” މަޑުން އިންނާތި.. ހިތް ވެސް ބާއްވާތި މަޑުން.. ” ނިހާ މަލާމާތް ކޮށްލިއެވެ.” ޕިސް ސާބަހޭ.. ” ހިޝާ ތުން ދަމާލިއެވެ. ފަސް އަންހެން ކުދިން ވެގެން ހިޝާ ރީތިކޮށް ނިންމާލިއެވެ. ލޯގަނޑުން އަމިއްލަ ސޫރަ ފެނުމުން ހިޝާ ލަދުން ހަލާކުވިއެވެ.” މާ ބޮޑަށް ހާސް ނުވާތި އިނގޭ.. ހަމަޖެހިލައިގެން އިންނާނީ ” އިލްޔާ ހިޝާ އަތުގައި ހިފާލިއެވެ. ހިޝާ ހިނިތުންވެލަމުން ބޯ ޖަހާލިއެވެ.
ރާއިލް ކަޅުކުލައިގެ ކޯޓު ފަޓުލޫނު ލައި ތައްޔާރު ވެގެން އެނދުގައި އިށީނެވެ. ” ކޮން ކަމަކާ ވިސްނަނީ މިގަޑީގަ.. ” މަޔާން އައިސް ރާއިލް ކައިރީގައި އިށީނެވެ.” މަންމައާ މެދު.. މަންމަ ދުނިޔޭގަ ހުރިނަމަ ކިހާ ރަނގަޅު.. ކިހާ އުފާ ވާނެ.. ” ރާއިލް މޫނުމަތިން ދެރަވެފައިވާވަރު ބަލާލި ކޮންމެ މީހަކަށް އިނގޭނެއެވެ. މަޔާން ވެސް މަންމަ މަތިން ހަނދާން ވުމުން ފެންކަޅިވިއެވެ. މަޔާންމެންގެ ބައްޕަ ވަނީ ކާރު އެކްސިޑެންޓެއްގައި މަޔާންއަށް ދެ އަހަރުގައި ނިޔާވެފައެވެ. ބައްޕަ ނިޔާވުމުން މަޔާންމެންގެ މަންމަ އެކަނި މާ އެކަނި މަޔާންމެން ބަލިއެވެ. މަޔާންމެންގެ މަންމަ މަރުވީ މީގެ އަހަރުތަކެއް ކުރިންނެވެ.
” ހްމްމް.. ދެން އެކަމާ މެދު ވިސްނައިގެން މީހާ ނުތަނަވަސް ނުކުރޭ.. ތި ބުނީ ވެސް ދޮގެއް ނޫން.. އެކަމް.. ” މަންމަގެ ހަނދާންތައް އާވުމުން މަޔާންވެސް ހިތުގައި ޖެހުނެވެ.” ދެން އަޅާ ނުލާ.. ކޮބާތަ އެ ހިޝް.. ” ލޮލުގައި ޖަމާވެފައި ހުރި ކަރުނަތައް ފުހެލަމުން ރާއިލް ހިނިތުންވެލިއެވެ.” ވާނެ ކޮޓަރީގަ.. ” މަޔާން ވެސް ހިނިތުންވެލިއެވެ.” ކިހިނެއް ހުންނާނެ ބާއޭ ހިތަށް އަރާ އެބަ.. ” ރާއިލް ހުރީ ހިޝާ ދެކިލާހިތުން ކެތްމަދުވެފައެވެ. މަޔާން ހޭން ފެށިއެވެ.” ބޮޑު މާއްޔެއްހެން ތޯއްޗެއް ހުންނާނީ.. ” މަޔާން މަޖަލަކަށް ބުންޏެވެ.” އޭނައާ ދިމާއަށް އެއްޗެހި ނުކިޔާ.. ” ރާއިލް ލޯ އަޅާލާފައި ގޮސް ކައިވެނި ކުރަން ހަމަޖެހިފައިވާ މޭޒު ދޮށުގައި އިށީނެވެ.
ހިޝާ އިސްޖަހާލައިގެން ކޮޓަރިން ނިކުތެވެ. އޭރު އެންމެންގެ ނަޒަރު ހުއްޓިފައި ހުރީ ހިޝާއަށެވެ. ނަމަވެސް ހިޝާއަށް އެ ހުރިހާ ނަޒަރެއްގެ ތެރެއިން ފާހަގަވީ ރާއިލްގެ ނަޒަަރެވެ. ރާއިލް ފެނުމާއެކު ހިޝާ ލަދުން އިސްޖަހާލިއެވެ.” ލަދު ނުގަނެ ދޭބަލަ އަވަހަށް.. ” ޔާނީ ބުންޏެވެ. ހިޝާ މަޑު މަޑުން ހިނގާލާފައި ގޮސް ރާއިލްގެ ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. އޭރު ވެސް ހިތް ދިޔައީ އެޔެއް މިޔެއް ނުބަލާ ތެޅެމުންނެވެ.” ޔޫ ލުކް ސޯ ބިއުޓިފުލް މައި ޕްރިންސެސް.. ” ރާއިލް ހިޝާ ކަންފަތް ދޮށުގައި މަޑު މަޑުން ބުންޏެވެ.” ތެންކްސް.. ” ހިޝާ އިސްޖަހާލައިގެން އިނދެ ބުންޏެވެ.
އެންމެން ހަމަވުމުން ރާއިލް އާއި ހިޝާގެ ކައިވެނި ކޮށް ނިމުނެވެ. އޭރު ހަތްގަޑި ބައިވެއްޖެއެވެ. މީހުންނަށް ޕާޓީއަށް އައުމަށް ދައުވަތު ދީފައި އޮތީ އަށްގަޑި ފަނަރަ އަށެވެ. އެވަގުތު ކޮޅު ތެރޭގައި އިލްޔާމެން ކޮޓަރި ޑެކަރޭޓް ކޮށްލަން ރާއިލްގެ ކޮޓަރިއަށް ދެމިގަތެވެ.” އެހާ ހާސް ނުވައްޗޭ.. މިހާރު ތީ މައި ވައިފް.. ” ރާއިލް ހިޝާގެ އަތްތިލައަށް ބޮހެއް ދިނެވެ. ހިޝާ ލަދުން އެއްޗެކޭ ބުނާކަށް ނުކެރުނެވެ.” ލަދުން ނުހުރެ އެއްޗެކޭ ބުނެބަލަ.. ކައިވެނި ކުރި ފަހުން އަދި ހިޝްގެ އަޑެއް ނީވެއޭ..” ރާއިލް ހީލިއެވެ.” ކީކޭތަ ބުނަންވީ.. ” ހިޝާ ރާއިލް އާއި ހަތަރުކަޅި ހަމަކުރާކަށް ނުކެރުނެވެ.
ކޮޓަރި ޑެކަރޭޓް ކޮށް ނިންމާލެވުނު އިރު އަށެއް ޖަހަނީއެވެ. އަވަހަށް ކޮޓަރި ދޮރު ލައްޕާލާފައި އިލްޔާމެން ގޭތެރެއަށް ނިކުތެވެ. އޭރު ހިޝާ ރާއިލްގެ އަތުގައި ހިފާލައިގެން ހުންނަން ހަމަޖެހިފައިވާ ތަނަށް ގޮސް ހުއްޓުނެވެ. މުޅިތަން ވަނީ ހުދުކުލައިން ޒީނަތްތެރިކޮށްފައެވެ. އަށްގަޑި ފަނަރަ ވުމާއެކު މަދުމަދުން ޕާޓީއަށް މީހުން އަންނަމުން ދިޔައެވެ. ނަބާ އައިސް ހިޝާ އަދި ރާއިލް އާއި ސަލާމް ކޮށްލިއެވެ.” މަރުހަބާ.. ” ނަބާ ހިނިތުންވެލިއެވެ. ނަބާގެ އަޑު ކަންފަތުގައި ޖެހުމާއެކު ގިފްޓް ތަކުގައި ހިފަންހުރި އިލްޔާ އެދިމާ ބަލާލިއެވެ ނަމަވެސް ފެންނަން ހުރީ ފިރިހެނެކެވެ. އެއީ އިލްޔާ އަނގަމަތީގައި އަތް އަޅާފައި ވާހަކަ ދެއްކި ކުއްޖާގެ އަޑެވެ.
ޕާޓީ ނިމުނީ އެގާރަ ޖެހިފަހުންނެވެ. އާއިލާ މީހުން ފިޔަވައި ހަމަ އެކަކު ވެސް އެތާކު ނެތެވެ.” ދެން ގުޑް ނައިޓް ހިޝް.. ނޫނީ ދަ ވައިފް އޮފް ރާއިލް.. ” އައިހާ ހިނިގަނޑެއް ޖަހާލިއެވެ.” ހްމް ގުޑް ނައިޓް.. ” ހިޝާ ފަސް އަންހެން ކުދިން ގައިގައި ބައްދާލިއެވެ. އަދި އީތަން ، މަޔާން އަދި އަޒާމް އާއި ސަލާމް ކޮށްލިއެވެ. ސަނާ ވެސް ހިޝާ ގައިގައި ބައްދާލިއެވެ.” ބާއި.. ބާއްޖަވެރި ރެއަކަށް އެދެން.. ” އިލްޔާ ހީލިއެވެ.” ދެން ހިނގަދާން.. އެމީހުންނަށް ވަގުތު ދީފަ.. ” އަޒާމް ސަނާ ގޮވައިގެން ގެއިން ނިކުންނަމުން ބުންޏެވެ. އައިހާ މެން ވެސް އިލްޔާމެން ގޮވައިގެން ގެއިން ނިކުތެވެ. މަޔާން ވެސް އެއްލޯ މަރާލަމުން ކޮޓަރިއަށް ވަނެވެ. އެންމެން ދިއުމުން ރާއިލް ހިޝާ އަތްދަނޑިމައްޗަށް ލައިގެން ރާއިލްގެ ކޮޓަރިއަށް ވަނެވެ.
ހިޝާ ހުރީ އެ ކޮޓަރި ތެރެ ފެނުމުން އަޖައިބު ވެފައެވެ. ރާއިލް އަށް ވެސް ވީ އެވަރެވެ.” ކާކުބާ މިތަން ޑެކަރޭޓް ކުރީ؟؟ ޔަގީން އީތަންއާ އިލޫ މެންގެ ކަންތައް.. ” ރާއިލް ލައިގެން ހުރި ގަމީސް ބަލަމުން ބުންޏެވެ. ހިޝާ ވެސް ނިދާ ހެދުން ހިފައިގެން ފާހަނައަށް ވަނެވެ.” ތި ވެޑިންގް ޑްރެސް ތެމޭނެ ފާހަނައަށް ވަނީމަ.. ” ރާއިލް ދަތްތައް ފެންނަވަރަށް ހީލިއެވެ.” ދެން.. އަހަރެން ވީ މިތާ ޗޭންޖް ކުރަން؟؟ ” ހިޝާ ބޯ ހޫރާލިއެވެ.” ތިހެނެކޭ ވެސް ނުބުނަން… ” ރާއިލް ތުންފަތުގައި އިނގިލި ޖައްސާލިއެވެ.
” އެބަ އަންނަން ފެންވަރާލައިގެން.. ވަރަށް ހޫނު ވެއްޖެ އެތާ އުޅުނީމަ.. ” ގެއަށް ގޮސް އިލްޔާ ބުންޏެވެ. ލުޔާ އެންމެ ރަނގަޅޭ ބުނެފައި ކޮޓަރިން ބޭރަށް ނިކުތެވެ.” ލުޔާ.. ” އެވަގުތު ކޮޓަރިން ނުކުތް އީތަން ގޮވާލިއެވެ. ލުޔާއަލުން ކޮޓަރިއަށް ވަންނަން ހިތަށް އެރިއެވެ.” ދޮންބެ ކީއްކުރަނީ.. ” ލުޔާ ހީލިއެވެ.” ހަމަ ނިކުމެލީ ފިނިކޮށްލަން.. މީ.. މަ ވާހަކަ އެއް ބުނެފިއްޔާ ރުޅި އަންނާނަންތަ.. ” އީތަން ލައިގެން ހުރި ސޯޓުގެ ޖީބަށް އަތް ޖަހާލިއެވެ.” ނޯ.. ބުނެބަ.. ” ލުޔާ އިށީނެވެ.” މަށަށް ދޮންބެ ނުކިޔާ ދެން.. މަށާ ރައްޓެހި ވާނަންތަ..؟ ” އީތަން އަހާލިއެވެ. ލުޔާ އުފަލުން ޔެސް އޭ ކިޔާފައި ވަރަށް މަޑުން ހަޅޭއްލަވައި ގަތެވެ.” ތިހާ މަޑުން ހަޅޭއް ނުލަވާ ބާރަށް ހަޅޭ ލެވިނަމަ.. ” އީތަން ހީލިއެވެ.
” ޕާޓީއަށް ގޮއްސިން.. އެކަމް އަނެއްހެން މަޔާން އާ އިލްޔާއާ ގާތެއް ނުވޭ.. އެކަމް ފާހަގަ ވި ކޮންމެސް ފިރިހެން ކުއްޖެއް އިލްޔާއަށް ނޫނީ އިލްޔާއާ ވައްތަރު ކުއްޖާއަށް ބަލާކަން.. މަޔާން ހުރީ ތަންކޮޅެއް ދުރުގަ ވަކިން.. ” ނަބާ މެސެޖު ލިޔެލާފައި ލީޝާއަށް ފޮނުވާލިއެވެ. އަދި ލަސްނުކޮށް ގެއަށް ވަދެ ދޮރު ތަޅުލިއެވެ.” އޯކޭ.. ” ނަބާ އޮށޯތްތަނާ ލީޝާގެ މެސެޖެއް އައެވެ. މާދަން ކުރަން ޖައްސާނީ ކޮށް ކަމެއް ބާއޭ ނަބާ ހިތަށް އެރާފައި ފުން ނޭވާއެއް ލިއެވެ.
” ލުޔާ؟؟ ” އީތަން ލުޔާ ގެނެސް މެޔާއި ކައިރިކޮށްލިތަނުން އިލްޔާ ގޮވާލިއެވެ.” މި ދަނީ.. ” ލުޔާ އީތަން އާއި ދުރުވެލާފައި ކޮޓަރިއަށް ވަނެވެ. އޭރު އިލްޔާ ފެންވަރައިގެން އިނެވެ.” ކިހިނެއްވީ.. ” ލުޔާ ކޮޓަރިއަށް ވަދެފައި އަހާލިއެވެ. ކަމެއް ނުވެ.. އެކަނި އޮންނަން ނުކެރިގެން.. ” އިލްޔާ އޮށޯވެލިއެވެ.” އެހެންތަ.. އަމްމް…. ” ލުޔާ އިނގިލި ކޮޅުގައި ދަތް އަޅާލިއެވެ.” އަމްމް؟ ” އިލްޔާ ލުޔާއަށް ބަލާލިއެވެ.” އީތަން އަހައިފި ރައްޓެހި ވާން… ލުޔާ ބުނިން ޔެސްއޭ.. ” ލުޔާ މޫނުގައި އަތް އެޅިއެވެ.” އަހ.. ކޮބާ.. ތިއޮތީ ތިކަން ވެސް ވެފަ.. ” އިލްޔާ ދިމާކޮށްލިއެވެ.
” ޔަހ.. ދެން އިލޫ އުޅެބަލަ ކުއްޖަކާ ރައްޓެހިވާން.. ދެމީހުން ރައްޓެހިވީމަ މަންމަ ކައިރީ ބުނާނީ.. ” ލުޔާ ނިދާ ހެދުން ހިފައިގެން ފާހަނައަށް ވަންނަމުން ބުންޏެވެ. އިލްޔާ ކޮޓަރީގެ ދޮރުފޮތިގަނޑު އެއްފަރާތަކަށް ހުރުމުން އެ ކަހާލާފައި އައިސް އަނެއްކާ އެނދުގައި އޮށޯތެވެ.” އޭއި.. ދޮންބެ ކޮބައި؟ ކޮޓަރިއަކު ނެތް އަހަރެން ދިޔައިރަކު.. ” އިލްޔާ އޮށޯތްތަނާ އައިހާގެ މެސެޖެއް އައެވެ. އިލްޔާ ވިސްނާލިއެވެ. ލުޔާ ކައިރީގައި ރައްޓެހިވާން އަހާފައި އެދިޔައީ ކޮންތާކަށް ބާއެވެ؟ އެވަގުތު ވާރޭ ވެސް ވެހެން ފެށިއެވެ. ބާރު ގުގުރިއާއި އެކު އިލްޔާއަށް އިވުނީ ލުޔާ ހަޅޭއްލަވައި ގަތް އަޑެވެ.
– ނުނިމޭ –