
ތިޔަ ލޯތްބަށް އެދެމޭ – 14
ސައިބޮއިގެން ހަވީރު ފިންޏަށް އިލްޔާ އާއި ލުޔާއަދި ހިޝާގެ އިތުރުން އައިހާމެންވެސް ދިޔައެވެ. ރާއިލް އާއި މަޔާން ވެސް މެއެވެ. ހަފްތާއަކަށްފަހު މަޔާން ފެނުމުން އިލްޔާ ބޭނުންވީ މަޔާން އާއި ވާހަކަ ދައްކާލަންށެވެ.” ހައި ޔާން… މިހާރު ކިހިނެއް… ރާއިލްބެ ބުނީ ޔާން ބަލިވިއްޔޯ.. ” މަޔާން އާއި ކައިރިވެލަމުން އިލްޔާ ހިނިތުންވެލިއެވެ.” ހްމް.. މިހާރު ރަނގަޅު… ” މަޔާން ލައިގެން ހުރި ޖީންސްގެ ޖީބަށް އަތް ޖަހާލިއެވެ.” ކީއްވެތަ މާ މަޑުން ހުންނަނީ.. ކަމެއް ވީތަ.. އެންޑް ބުނީމެއްނު މީދޫ އިން ކަމުދާ އަންހެން ކުއްޖަކު ފެނުން ވާހަކަ… އެއީ ކާކުތަ.. ” އިލްޔާ ޝައުގުވެރިކަމާއެކު ބުންޏެވެ. ކުއްލިއަކަށް އިލްޔާއަށް އެއްލި ކަޅިއަކުން ފެނުނީ ގަސްތަކުގެ ފަހަތުގައި ހުރި ހިޔަންޏެކެވެ. އިލްޔާގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ.
**14 ވަނަ ޕާޓު**
އިލްޔާ އެ ގަސްތަކާއި ދިމަ ބަލަމުން މަޔާން އަތުގައި ހިފާލިއެވެ. މަޔާން ހައިރާންވެފައި އިލްޔާއަށް ބަލާލިއެވެ.” ކިހިނެއްވީ.. ” މަޔާން އަހާލިއެވެ. އިލްޔާ ގަސްތަކާއި ދިމާއަށް އިޝާރާތް ކޮށްލިއެވެ. މަޔާން އެދިމާ ބަލާލިއިރު އެ ހިޔަނީގެ މިސްރާބު ހުރީ ވަލުތެރެއާއި ދިމާއަށެވެ. ދެބުމަ ގޮށްޖަހާލަމުން މަޔާން އެ ހިޔަންޏާއި ދިމަ ބަލަހައްޓައިގެން ހުއްޓެވެ.” އަޅާ ނުލާ.. ވާނީ ވަގެއް ކަމަށް.. ” މަޔާން ހިނިތުންވެލިއެވެ. އިލްޔާ ވެސް ހީލަމުން ލަދުން މަޔާން އަތުން ދޫކޮށްލިއެވެ. އޭނަ މިހާ ލަދުގަންނަން ފެށީ ކޮން އިރަކު ހެއްޔެވެ؟ އިލްޔާ ހިތުގައި އެސުވާލު އުފެދުނެވެ. ނަމަވެސް ކަަމަކަށް ނުހަދައި މަޔާން ކައިރީގައި އެބަ އަންނަމޭ ބުނެފައި ލުޔާ މެން ކައިރިއަށް ޖެހިލިއެވެ.
” އެހެމް.. އާދެބަ.. ” ލުޔާ އަތުގައި ހިފާފައި އިލްޔާ ދުރަށް ގެންދިޔައެވެ.” ކިހިނެއްތަ ވީ.. ” ލުޔާ އިލްޔާ އަށް ބަލާލިއެވެ.” ދިމާ ކޮށްލަން.. ” އިލްޔާ ދޫ ނެރެލިއެވެ.” ޕިސް ޕިސް.. މިއޮށް ފަދަ ގަޑީގަ؟ ” ލުޔާ އަނގަ ހަދާލިއެވެ. ” އާނ.. ލުޔާއަށް ބުނަން ނުކެރެންޏާ އިލޫ ބުނެފާނަމޭ… ބުނަން ވީތަ؟؟ ” އިލްޔާ އީތަން އަށް ބަލާލިއެވެ. އޭރު އީތަން ރާއިލް އާއި އެކީގައި ހިނގަމުން ދިޔަ އެވެ.” ނޯ ނޯ ނޯ… ނުބުނާތި… ނޭނގެ އޭނަ ހީކުރާނެ އެއްޗެއް ވެސް.. ” ލުޔާ އިލްޔާ އަތުގައި ވިކައިލިއެވެ.” އައުޗް.. ” އިލްޔާ ލުޔާ ވިކައިލި ތަނުގައި އަތް އަޅާލިއެވެ.” ތަދު ވެސް ވާނެ ލަނޑުދޭން އުޅެންޏާ.. ” ލުޔާ ހީލިއެވެ.
” އިރުއޮއްސެނީ… އާދޭ ގެއަށް ދާން.. ” ޔާނީ ގޮވާލިއެވެ. އިލްޔާ އާއި ލުޔާ އެކީގައި ދުއްވައިގަތެވެ. މަޔާން ފަރުވާތެރިކަމާއެކު އިލްޔާ އަށް ބަލަމުން ދިޔައެވެ. އިލްޔާގެ ކޮންމެ ހަރަކާތެއް ވެސް މަޔާންއަށް ނުހަނު ކަމުދިޔައެވެ. ” ޕިސް ޕިސް ޕިސް ޕިސް… ތިހާ ވަގަށް ނުބަލަގަ… ” ރާއިލް އަށް މިތަން ފެނިގެން ދިމާ ކޮށްލިއެވެ.” ދެން ކިހިނެއްތަ މަ ބަލަންވީ؟؟ ” މަޔާން ދުރު ބަލާލިއެވެ.” އެންމެން ކުރިމަތީގައި… އަޅެ ދޭބަލަ ބުނަން ތިމަންނަ ވަރަށް ލޯބިވެއޭ އިލޫ ދެކެ.. ” ރާއިލް ހީގަތެވެ.” ޕިސް.. ނުވެސް އުޅެން.. ” މަޔާން މޫނު ކުނިކޮށްލިއެވެ.” އޯކޭ ހިނގާ މިސްކިތައް.. އީތަން.. ” ރާއިލް އީތަންއަށް ގޮވާލިއެވެ.
ނަމާދުކޮށްގެން ލުޔާ ކުޑަދޮރު ކައިރިއަށް ޖެހިލިއެވެ. ލުޔާއަށް އެތާ ހުރު ބޮޑު ބަނބުކެޔޮ ގަހުގެ ފަހަތުގައި މީހެއް ހުރިހެން ހީވިއެވެ. އެއީ ކާކުތޯ ބަލާލަން ލުޔާ ކުޑަދޮރު ހުޅުވާލަން އުޅުނު ވަގުތު އިލްޔާ ކޮޓަރިއަށް ވަނެވެ.” ކީއްކުރަން ކުޑަދޮރު ހުޅުވަނީ.. ” އިލްޔާ އެނދަށް އަރިއެވެ.” ބަނބުކެޔޮ ފަސްފަހަތުގައި މީހަކު ހުރީމަ ކާކުތޯ ބަލާލަން.. ” ލުޔާ ދޮރު ފޮތިގަނޑު ކަހާލާފައި އައިސް އިލްޔާ ކައިރީގައި އިށީނެވެ.” މިއަދު ހަވީރު ގަޑީގައި ވެސް އިލޫއަށް ފެނުން ހިޔަންޏެއް.. އަނެއްކާ އަހަރުންނަށް ފާަރަލަނީބާ.. ” އިލްޔާ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އިލްޔާ އަށާއި ލުޔާއަށް ނޭނގުނީ އިލްޔާ އެބުނީ ތެދެއް ކަމެވެ.
ފޯނު ނަގައި އަވަސް ހަރަކާތާއި އެކު ނަބާ ލީޝާއަށް ގުޅާލިއެވެ.” މަ ބުނިން ދޯ ނުގުޅާށޭ!! ” ފޯނު ނަގާފައި ލީޝާ ހަޅޭއްލަވައި ގަތެވެ. ނަބާ ހިތް ގުޑިލިއެވެ.” ސޮރީ… އެކަމް އޮޅުން އަރައިގެން މި ގުޅީ.. ” ނަބާ ތުރު ތުރު ލާ އަޑަކުން ވާހަކަ ދެއްކިއެވެ.” ކޮން އޮޅުމެއް.. މަ އޮންނާނީ ނަބާއަށް ސާފުކޮށް ކިޔާދީފަ.. ” ލީޝާ ބާރަށް ބުންޏެވެ.” ސޮރީއޭ.. އަސްލު ލީޝާގެ ކަމަކު ނޫނޭ.. އިލްޔާގެ ކަމެއްގަ.. ” ނަބާ އަތް ވެސް ތުރުތުރު އަޅައެވެ.” ހޫނ ކޮންކަމެއްތަ؟؟ ” ލީޝާ އަހާލިއެވެ.” މިރަށު މީހުން ކިޔައި އެބަ އި.. އިލްޔާއާ ވައްތަރު ކުއްޖަކު އުޅެއޯ…. އަހަރެން ގަބޫލެއް ނުކުރަން… އެކަމް މިއަދު ގަބޫލު ކުރެވިއްޖެ.. ” ނަބާ މޫނުގައި ހުރި ދާތިކިތައް ފުހެލިއެވެ.” ވަޓް؟؟ ކީކޭ.. އަދި ސާފެއް ނުވި… ” ލީޝާ މޫނު ހަދާލިއެވެ.
” އަހަރެން ލޮލުން ދެކުނިން އިލްޔާ އާ ވަރަށް ވައްތަރު ކުއްޖެއް.. ” ނަބާ ލީޝާ ދެކެ ބިރުން ރޮވެން އުޅޭހެން ވެސް ހީވިއެވެ.” އޭނަގެ އެއްބަނޑު އެއްބަފާ ކުއްޖެއް ވެސް ހުރޭތަ.. ” ލީޝާ ރުޅި މަޑުވެ ކަންބޮޑުވިއެވެ. މިހެންވިއްޔާ ދެމީހުން ވަކިކުރަން ހާދަ އުނދަގު ވާނެއެވެ. ނަމަވެސް ލީޝާ ހިތްވަރު އެލުވާ އެއް ނުލާނެއެވެ. ކޮންމެ ގޮތެއް ހަދައިފައި ވެސް މަޔާން އަތުލާނެއެވެ.” އަނެއް ހާ ކަންތައް !! މަ ބޯ ގޮވާ ވަރު ވޭ.. އެންމެ ރަނގަޅު.. ކަލެއަށް އިނގޭނެތަ އިލްޔާ އަކާ ތިބުނާ އިލްޔާގެ ކޮޕީ ވަކި ކުރަން.. ؟!! ” ލީޝާ އަހާލިއެވެ.” ނޯ ނޭނގެ.. ” ނަބާ ބުންޏެވެ.” ބަލާތި އިނގޭތޯ… ކޮންމެސް ގޮތެއް އޮންނާނެ ވަކިކުރަން… މަ ތިކޮޅަށް ގޮސްގެން އަދި ތިކަމެއް ވާނީ.. އެހަށް ނަބާ އެމީހުންނަށް ފާރަ ލާންވީ.. ! މަ ބިޒީ މިގަޑީގަ.. ނަބާ ގުޅީމަ މި ނެގީ ވެސް.. އިނގޭ ކުޑަ ކަމަކު ނުގުޅާނެކަން… ” އެހެން ބުނެފައި ނަބާއަށް އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ ލީޝާ ފޯނު ކަނޑާލިއެވެ.
” މިހާރު ތިހުރީ ރާއިލްބެ އާ ވާހަކަ ނުދައްކަން ހުވައި ކޮށްގެންތަ.. ” ނިދަން އަރައި އިލްޔާ އަހާލިއެވެ.” ނޯ.. ނުކެރެނީއޭ… އެ ވީ އެންމެ ދުވަހަކަށް ދެން.. ” ހިޝާ ނުތަނަވަސް ވިއެވެ.” އަމިއްލައަކަށް ނޫންތަ ދުވަސް އަވަސް ކުރީކީ.. ” ލުޔާ ހިނިގަނޑެއް ޖަހާލާފައި ބުންޏެވެ.” ދެން.. އޭރަކު ނޭނގެއޭ މިހެން ވާނެކަމެއް… ” ހިޝާ އަތް މޮޑެ މޮޑެ އިނެވެ.” ދެން އަހަރުން ކީއްކުރާނީ… ކުރެވޭނެ މާ ބޮޑު ކަމެއް ވެސް ނެތް… ރަހުމަތްތެރިންނަށާ އާއިލާ މީހުންނަށް ދައުވަތު ދީ ނިމިއްޖެ.. ” ލުޔާ ހިނިއައިސްފައި ހުރެ ބުންޏެވެ.” ހްމްމް… ” ހިޝާ ބާލީހުގައި ބައްދާލިއެވެ.
ހެނދުނު ހޭލިގޮތަށް މަޔާން މެން އުޅުނީ އެގޭތެރެ ތައްޔާރު ކުރަންށެވެ. ރާއިލް އާއި ދެމީހުން އެތާ ތިބި އެހެން މީހުންނަށް އެހީތެރިވުމުގައި އަވަދިނެތި އުޅުނެވެ.” އަންނަގަ ސައިބޯން… އަދި މިއަދު ސައި ވެސް ނުބޮއި ތިހުރީ.. ” އިލްޔާ އެގެއަށް ވަދެފައި ގޮވާލިއެވެ.” ދެން މެންދުރު ނަމާދަށް ގޮވީމަ ނަމާދުކޮށްގެން ދާނީ… ” ރާއިލް ގޮނޑީގައި އިށީނެވެ.” އޯކޭ ޔާން ވެސް ގޮވައިގެން އަންނަންވާނީ.. މިހާރު ނުވެސް އާދޭ އަހަރުން ގެއަކަށް..” އިލްޔާ ސޯފާގައި އިށީނެވެ.” މަ ގޮސްފާނަން… ” މަޔާން ބުންޏެވެ.
މުޅި ގޭތެރެ ޒީނަތްތެރިކޮށް ނިމުނީ ހަވީރު ވެސް ވީފަހުންނެވެ. ވަރުބަލިކަމާއި އެކު މަޔާން ފެންވަރާލައިގެން އެނދުގައި އޮށޯވެލިއެވެ. މިއަދު އިލްޔާ ބުނީތީ މެންދުރު ކެއުމަށް ދިޔަނަމަވެސް ދެން ދާކަށް ނުކެރޭނެއެވެ. ރާއިލް ވެސް ތާޒާ ވެލައިގެން އައިސް ލޯގަނޑު ކުރިމަތީގައި ރީތީވާން ހުއްޓުނެވެ.” ތިހެން ނޯވެ ހިނގާބަލަ ދާން… ވަރަށް ފޫއްސޭ ކައެ ނެތީމަ… އަނެއްކާ އިލްޔާ ވެސް ސުވާލު އަހާނެ ދޯ.. ” ރާއިލް ޓީޝާޓެއް ގަޔަށް މަހާލަމުން ބުންޏެވެ.” ދެން… އޯކޭ.. ” އުޒުރެއް ދައްކަން އުޅެފައި ވެސް ދައްކާނެ އުޒުރެއް ނޭނގިގެން މަޔާން އެއްބަސްވިއެވެ.
އިލްޔާ މެންގެއަށް ގޮސް މަޔާން އިނީ އެންމެންނާ ވަކިންނެވެ.” ކީއްވެ މިތާ ތީނީ.. އެންމެން ގޯތި ތެރޭގައި ސަކަރާތް ޖަހަނީ އެއޮއް… ” އަޒާމްއަށް މަޔާން ވަކިން އިންތަން ފެނުމުން ބުންޏެވެ.” ކަމެއް ނުވެ.. ” މަޔާން ލުއި ގޮތަކަށް ހީލިއެވެ.” ދެން ދަގަ އެތަނަށް.. ” އަޒާމް ހިތްހެޔޮ ކަމާއެކު ބުންޏެވެ. އަޒާމް އެހެން ބުނުމުން މަޔާންއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ލަސްފިޔަވަޅުތަކެއްގައި ގޮސް ޖޯލީގައި މަޔާން އިށީނެވެ. އިލްޔާ އައިސް މަޔާން ކައިރީގައި އިށީނެވެ. ހިތް އުފަލުން ނަށާލި ނަމަވެސް މަޔާން ނުތަނަވަސް ވިއެވެ.
” މި ދައްކަނީ މިހާރު ހިޝްމެންގެ ވާހަކަ.. އެ ދެމީހުން ވާހަކަ ނުދައްކާން ހުވައި ކޮށްގެން ތިބިހެން ހީވަނީ.. ” އިލްޔާ މަޔާން ކައިރީގައި ބުންޏެވެ. މަޔާން ރާއިލް އާއި ދިމަ ބަލާލިއެވެ. އޭރު ރާއިލް އިނީ ފޯނަށް ނަޒަރެއް ދީގެންނެވެ.” ހެވޭ ހެވޭ… މަ ވާހަކަ ދައްކާފަނަމޭ.. ހިޝް ހިނގާ.. !! ” ރާއިލް ހިޝާ އަތުގައި ހިފައިގެން ބޭރަށް ނިކުތެވެ. އެއާއެކު އެންމެން ހިނިގަނޑެއް ޖަހާލިއެވެ.” އެ ދިޔައީ ދޯ އެންމެ ފަހުން ގޮތް ދޫކޮށްފަ.. ” ލުޔާ ބުންޏެވެ. އެންމެން ވެސް ލުޔާއާ އެއްބަސްވެ ހޭން ފެށިއެވެ.
ރާއިލް ހިޝާ އަތުގައި ހިފައިގެން ގޮސް އަތިރިމަތީގައި އިށީނެވެ. ހިޝާ ވާހަކަ ނުދައްކާ އިނުމުން ރާއިލް ވާހަަކަ ދައްކަން ފެށިއެވެ.” ހިޝް.. ސޮރީ.. އެގަޑީ އެކަހަލަ ކަމެއް ކުރާކަށް މަ ނޫޅެން… އަސްލު އުޅުނީ ސިއްސުވާލަން.. އެކަމް.. ” ރާއިލް މޫދުގެ ލޮނުގަނޑާއި ދިމާއަށް ބަލަމުނ ބުންޏެވެ.” އެ.. އެ އޯކެ ވާނެ.. ދެން އެ ވާހަކަ ނުދައްކާ.. އަހަރެން ލަދުގަނޭ.. ” ހިޝާ މޫނުގައި އަތް އެޅިއެވެ.” އެންމެ ރަނގަޅު… ތީ ދުވަހަކު ވެސް ލަދު ނުގަންނާނަމޭ ބުނި މީހާ.. ” ރާއިލް ހިޝާ ކޮނޑުގައި ޖެހިލިއެވެ.” ތިގޮތަށް ލަދުގަތީމަ ހިޝް އަދި މާ ލޯބި.. ” ރާއިލް ހިޝާގެ ދަތް ދޮޅީގައި ހިފާ ރާއިލްއާއި ދިމާއަށް އަނބުރައިލިއެވެ.
އެދުވަސް ފާއިތުވެ ދިޔައީ އެކަހަލަ ގޮތަކަށެވެ. ނަބާ އިލްޔާއަށް ފާރަލަމުން ގެންދިޔައީ ނުލާހިކު ސިއްރުންނެވެ. ނަމަވެސް އިލްޔާއަށް މީހަކު އޭނާގެ ފަހަތުން އުޅޭހެން ހީވެއެވެ. މިފަހަރު ވެސް އެނބުރިލި ތަނާ އިލްޔާ އަށް މީހެއް ފެނުނެވެ. ނަމަވެސް މޫނު ފެންނަވަރެއް ނުވިއެވެ. ފާޑަކަށް އެ ގަސްތަކާއި ދިމަ ބަލަން ހުރެފައި ގޭތެރެއަށް ވަންނަން ދުއްވައިގަތެވެ. ރޭގަނޑު ކަމުން މަގުމަތީގައީ މީހުން ވަރަށް މަދެވެ.” ލުޔާ… ދެންމެ ވެސް އެއްކަލަ ކްރީޕީ މީހާ ފެނިއްޖެ.. މޫނު ސާފެއް ނުވި.. ” ގެއަށް ވަދެފައި ވާހަކަ ފޮތެއް ހިފައިގެން އިން ލުޔާ ކައިރީގައި ބުންޏެވެ.” ދެން އިލޫ އެކަނި ބޭރަށް ނުނިކުންނާތި.. ފަހަރެއްގާ އެމީހަކު އިލޫއަށް ކަމެއް ކޮށްފާނެ.. ” ލުޔާ ބިރުގަތެވެ. އިލްޔާ ބޯ ޖަހާލާފައި ކޮޓަރިއަށް ވަނެވެ.
ހެނދުނު އިރު އެރީ ހިޝާ ހޭލައި އޮއްވައެވެ. ހިޝާގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެމުން ދިޔައެވެ.” ޕިސް ޕިސް ޕިސް.. ހާދަހާ ބޮޑަށޭ ތި ހާސް ވަނީ… ” ލުޔާ ހޭލައިފައި ދިމާކޮށްލިއެވެ.” ދެން… އަޅެ ކިހިނެއްބާ ވާނީ ދެން.. ހިޝާ ބުންޏެވެ.” އަޅެ ދެރަ ކަމެކޭ… މިރޭ ނޫންތަ ކައިވެނި ކުރަނީ.. ތިހާ ބިރު ނުގަނެބަލަ… ރާއިލްބެ ހިޝް އަށް ދެރަގޮތެއް ނުހާދާނެއޭ.. ” އިލްޔާ ހިޝާގެ ބޮލުގައި ޖަހާލިއެވެ.” އޯކޭ އޯކޭ… ޝުކުރިއްޔާ ހަމައަކަށް އަޅުވައިލީމަ.. ” ހިޝާ ބޯ ކަހާލިއެވެ.” ދެންވެސް ދޭ ފެންވަރަން… ހުންނާނެ ހިޝްގެ އިންތިޒާރުގައި.. ” ލުޔާ ބުންޏެވެ.
ހެނދުނުގެ ނާސްތާ ކޮށްގެން އިލްޔާ ބޭރަށް ނިކުތީ ފޫހިވާތީ އެވެ. އައިހާމެން ވެސް އަދި ނުހޭލައެވެ. މަޔާން މިއަދު އެގެއަކަށް ނާދެއެވެ. ހިޝާ ވީ ރާއިލް އާ އެކީ ބޭރަށް ގޮހެވެ. ލުޔާ ވާހަކަ ފޮތެއް ހިފައިގެން ކިޔަން އިނެވެ. އިލްޔާ ދުވެލާފައި ގޮސް ގޭ ދޮރު މަތީގައި ހުރި ބޮޑު ގާފުންޏަށް އެރިއެވެ. މަގުމަތީގައި ފުދޭވަރަކަށް މީހުން ހަރަކާތްތެރިވަމުން އުޅެއެވެ. އިލްޔާ ނުވިސްނައި ހުއްޓައި މީހަކު އިލްޔާގެ އަނގައިގައި އަތް އެޅިއެވެ. ހަޅޭއްލަވައި ގަންނަން އުޅެ އުޅެ ވެސް ހަޅޭ ލެވޭ ގޮތެއް ނުވިއެވެ.” ކިތަންމެ ވަރަށް ހަޅޭ ލަވަން އުޅުނަސް ނުވާނެ… މަޔާން އާ ދުރުގަ ހުރޭ.. އެހެންނޫނީ ކަލޭގެ ދުވަސް ދާނެ.. !! ” އެ މީހާ ވާހަކަ ދެއްކިއެވެ. އިލްޔާ ހިތް ނުހުއްޓުނީ ކިރިޔާއެވެ.
– ނުނިމޭ –