
ބޭވަފާތެރިވުމުން ޔާރާ – 9
އެދަރިފުޅު ބޮޑުވާތަން ދެކެލުމުގެ ފުރުސަތެއް އޭނާއަކަށް ނުލިބޭނެއެވެ. ކުއްލިއަކަށް އޭނާގެ ހިތަށް ތަފާތު ގޮތެއް ވެލިއެވެ. ނައުރީން ކޮބައި ބާވައެވެ. އޭނާ މިހާރު ރަށަށް ފަޟީހަތް ވެދާނެއެވެ. އޭނާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހި އެކަނިވެރި ވެދާނެއެވެ. ހިތަށް އައި އެއްޗެހިން ބޯހޫރުވާލެވުނެވެ. ނައުރީންއަށް ކޮންމެ ގޮތެއް ވިޔަސް އޭނާއަށް ކީއް ހެއްޔެވެ؟ “ބޭބީ ދެކެލަން ބޭނުންނަމަ އެތެރެއަށް ދުރުވޭ” ޑޮކްޓަރު މޯޗަރީގެ ދޮރު ހުޅުވާލަމުން ބުނެލިއެވެ.
** **
ކެތްތެރިކަން ކުޑަވެފައިވާ ހާލު އީނާ އައިސީޔޫގެ ދޮރުމަތީ ދެކޮޅަށް ހިނގަމުން ގެންދިޔައެވެ. ވަގުތަކީ އެންމެ ފަހުގެ އަދާހަމަތައް ހިފައިގެން ޑޮކްޓަރު ނުކުތް ވަގުތެވެ. “ހާލު ރަނގަޅެއް ނޫން. މިކޮޅުން ދެވޭނެ އިތުރު ފަރުވާއެއް ނެތް. އިތުރު ފަރުވާއަށް ވީހާވެސް އަވަހަކަށް މާލެ ގެންދިޔުމަށް ލަފާދެން.” ޑޮކްޓަރުގެ އަޑުގައި ނާއުއްމީދުގެ އަސަރު ވިއެވެ. “ދެން ކިހިނެއް ހަދާނީ؟ މަންމަ ކައިރީ ވީގޮތް ނުބުނެ ނުވާނެ، ދެން ޖެހޭނީ ތިއްތިބޭ ގާތު ބުނަން” އީނާ އަމިއްލަ ނަފްސަށް ބުނެލިއެވެ. އޭނާ ތިއްތިބޭ ކިޔަނީ ނަޒްޔަކަށެވެ. “ހަލޯ ތިއްތިބޭ، ވަރަށް އަވަހަށް އީގެ އެކައުންޓަށް ފިފްޓީ ތައުޒަން ޖަމާކޮށްލަދީބަލަ” ރޮވިފައިހުރެ އީނާ ބުނެލިއެވެ. ކޮއްކޮއަށް ކޮންމެވެސް ބޮޑުކަމެއް ދިމާވެއްޖޭ ނަޒްޔަކްގެ ހިތް ބުނެލިއެވެ. “އޯކޭ ޖަމާކޮށްދީފާނަން އީ ބުނިވަރެއް، އެކަމަކު ވީގޮތެއް ކިޔައިދޭން ޖެހޭނެ” ނަޒްޔަކް ބުނެލިއެވެ. “ނައުރީން ފާހާނަ ސާފުކުރާ ފުޅި ބޯލީ” އީނާ ބުނެލިއެވެ. “ކީކޭ؟” ނަޒްޔަކްގެ ކަންފަތަށް އެޖުމްލަ އިވުނީ ހޮނުގުގުރީގެ އަޑަށްވުރެ ބާރަށެވެ.
** **
ސޯފާގައި އިށީނދެލައިގެން ނަޒްޔަކް އިންއިރު އެދެލޮލުގައި އުދާސްކަމެއް ވިއެވެ. “ކަމެއް ވެއްޖެ ޒެކްއަށް، އެހެންނަމަ ތިހާ މަޑަކުން ނީންނާނެ” ނަޒްޔަކްގެ އެންމެ ގާތް އެކުުވެރިޔާ އަދި ލޯބިވާ ދޮންބެ ނުހައިކް ބުނެލިއެވެ. “މިހާތަނަށްވެސް އަހަރެން އިކްއަށް އެއްވެސް ކަމެއް ސިއްރު ކޮށްފައެއް ނޯންނާނެ، ނައުރީން ފާހާނަ ސާފުުކުރާ ފުޅި ބޮއެގެން ވަރަށް ސީރިޔަސް ހާލަތުުގައި އޮތީ” ނަޒްޔަކް ދިޔައީ އިންސާނަކަށް ހިތްވަރު ކުރެވޭނެ އެންމެ މަތީ ދަރަޖައަށް ހިތްވަރު ކުރަމުންނެވެ. “ކީކޭ؟ ސުބްހާނަﷲ ޒެކް އެހެންވެދޯ ތިހާ ދެރަވެފައި ތިއިނީ. ހިތްވަރު ކުރޭ، އިންޝާﷲ ނައުރީން ރަނގަޅުުުވާނެ.” ނުުހައިކް ހިތްވަރު ދިނެވެ. “ހިތްވަރު ކުރާނަން، އެކަމަކު އިކްއަށް އެންމެ ރަނގަޅަށް އެނގޭނީ އަހަރެން ރީންދެކެ ލޯބިވާ ވަރު” ނަޒްޔަކް ބުނެލިއެވެ. “އައި އަންޑަސްޓޭންޑް. އެކަމަކު ޒެކްގެ ހިތުގައި ތި ލޯބި ފޮރުވައިގެން ހުއްޓަސް ކުރާނެ ފައިދާއެއް ނޯންނާނެ” ނުހައިކް ބުނެލިއެވެ. ބާރު ހިނގުމެއްގައި ނަޒްޔަކް ގޮސް ކޮޓަރިއަށް ވަނީ ނުހައިކްގެ އަނގައިގައި ޖުމްލައިގެ އެއްބައި އޮއްވައެވެ. ނުހައިކް ނަޒްޔަކް ދިޔަ ދިމާލަށް ބަލަން އިނދެ ހިތާހިތުން ދުއާކޮށްލީ އެކޮއްކޮއަށް އޭނާގެ ލޯބި ކާމިޔާބު ކޮށްދެއްވުމަށް އެދިއެވެ.
** **
އެސްފިޔަތައް ތަޅުވާލުމަށްފަހު ދެލޯ ހުޅުވާލި މަލްސާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ އައިވީ ފުޅިއެވެ. އޭނާއަށް އޮވެވުނީ ހޮސްޕިޓަލުގައިކަން ނަގައިގަންނަން މާ ގިނައިރެއް ނުނެގިއެވެ. ކުއްލިއަކަށް ބަނޑާއި ދިމާލުން ދިލަ ތަދެއް އަރައިގަތެވެ. “މަންމާ!” ނަގައިގަތް ތަދުން މަލްސާއަށް ރޮއެގަނެވުނެވެ. ވަގުތުން މަލްސާ ޖެހިގެން އިން މަރީނާ ހާސްވިއެވެ. “ދަރިފުޅާ، ޑޮކްޓަރަށް ގޮވަންވީތަ؟” މަރީނާއަށް އަހާލެވުނެވެ. ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ފޮހެލަމުން މަލްސާ އެކަމަށް އިންކާރު ކުރިއެވެ. “ބޭބީ ކޮބާ؟” އެވަގުތު އޭނާގެ ބަނޑުގައި ދަރިފުޅު ނެތްކަމުގެ އިހްސާސް ކުރެވުނެވެ. މަރީނާ އިސްޖަހާލަމުން ދުރު ބަލާލިއެވެ. “މަންމާ!” ރާގުލައިފައި އޭނާއަށް ގޮވާލެވުނީ މަންމަ ކޮންމެވެސް ކަމެއް ސިއްރުކުރާހެން ހީވުމުންނެވެ. ދޮގުހަދައިގެން އިތުރަށް އެދަރިފުޅަށް ކުލަނެތް ހުވަފެންތަކެއް ދެއްކުމަށްވުރެ ތެދުބުނުން މަރީނާގެ ހިތަށް މާފަސޭހައެވެ. ދޮގުހަދައިފިނަމަ އެދޮގު ފޮރުވަން ހާސްދޮގު ހަދަން ޖެހޭނެއެވެ. “ދަރިފުޅު ހަނދާންވޭތަ މީގެ ކުޑައިރުކޮޅެއް ކުރިން ދިމާވި ހާދިސާ؟ ދަރިފުޅު ސިޑިން ވެއްޓުނެއްނު. ވަގުތުން ސައީދާއާއި ރަޖުއާނު ވެގެން ދަރިފުޅު ގެނައީ ހޮސްޕިޓަލަށް. ގެނައިއިރުވެސް ބޭބީގެ ވިންދުވަނީ ދަށްވެފައި. އިތުރު ފަރުވާއެއް ދެވުމުގެ ކުރިން އެފުރާނަ މިދުނިޔެއާއި އަލްވަދާއު ކިޔައިފި” މަރީނާއަށްވެސް ކެތެއް ނުކުރެވުނެވެ. ފުރަތަމަ މާމަ ދަރިފުޅާއި ސަމާސާ ކޮށްލުމުގެ ފުރުސަތުވެސް ނުލިބި ވަކިވީއެވެ. “ކީކޭ؟ ބޭބީ ނިޔާވީއޭ؟” މަލްސާއަށް ގަބޫލު ނުކުރެވިފައި އަހާލެވުނެވެ. ހިތާހިތުން މިއީ ހުވަފެނަކަށް ވުމަށްއެދި ދުއާކޮށްލަމުންނެވެ. މަރީނާ ބޯޖަހާލިއެވެ. “މަންމާ، އެދަރިފުޅު ވަކިވެގެން އެދިޔައީ އަހަރެންގެ އިހުމާލުން، ތަންކޮޅެއް ބަލާލައިގެން އުޅެވުނު ނަމަ މިހެން ނުވީސް. މިއީ އަހަަރެންގެ ކުށް” މަލްސާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. “ނޫން ދަރިފުޅާ، ތަޤުދީރުގައި އެދަރިފުޅު މިދުނިޔޭގައި ލެއްވުން ނެތީމަ އެހެން އެވީ، ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް ދަރިފުޅާ. ދެން އެކުއްޖާއަށް ހެޔޮ ދުއާކުރެވޭތޯ އަހަރެމެން ބަލަންވީ” މަރީނާ ނަސޭހަތް ދިނެވެ.
** **
މަލްސާ އަތުލަފިކޮށްލައިގެން ރަޖުއާން ވަނީ މޯޗަރީއަށެވެ. ނަރުސް ދެއްކި މަގުން ދިޔައިރު ފޮތިގަނޑެއް އަޅާފައި ކުޑަކުއްޖެއް ބާއްވާފައި އޮތެވެ.. މަޑުހިނގުމެއްގައި މަލްސާގޮސް އެފޮތިގަނޑު ކަހާލިއެވެ. އެތުއްތު މޫނު ފެނުނު ވަގުތު މައިވަންތަކަމުގެ އިހްސާސްތަކުން މަލްސާގެ ހިތް ފުރުނެވެ. އަތްތިލަޔަށްވުރެ ކުޑަތަންކޮޅެއް ދިގު އެދަރިފުޅު ގައިގައި އަތްލެވުނު ވަގުތު ދުނިޔޭގެ ހުރިހާ ކަމެއް މަތިން ހަނދާން ނެތުނު ފަދައެވެ. ތަފާތު އަލިކަމެއްވާ އެކުޑަ މޫނުކޮޅުގައި ލުއި ހިނިތުންވުމެއް ވިއެވެ. ރަތް ދޮންކަަމެއް ލިބިފައިވާ އެ އަންހެންކުއްޖާ ރަޖުއާންގެ ހުރިހާ ރީީތިކަމެއް މިލްކުކޮށްލައިގެން އޮތްފަދައެވެ. “މައިހާ މުހައްމަދު ރަޖުއާން” އެދަރިފުޅާއި ދިމާލަށް ބަލަހައްޓައިގެން ހުރެ މަލްސާ ކިޔާލިއެވެ. އެއާއިއެކު ކަރުނައިގެ ތެރެއިންވެސް އޭނާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. އެދަރިފުޅުގެ މޫނުގައި ބޮސްދެމުން ލޯބިވާ ވާހަކަ ބުނެދީ ހެދިއެވެ. އެދަރިފުޅު ދެން އެނބުރި އައުމެއް ނެތްކަން ހަނދާންވާ ކޮންމެ ފަހަރަކު ހިތުގައި އުފެދެނީ ދިލަ ރިހުމެކެވެ. އެހެނަސް ދެން އޭނާ ކެތްކުރާނެއެވެ. އެދަރިފުޅާއި ސުވަރުގެއިން ބައްދަލްވުމަށް އޭނާ އެދެއެވެ.
** **
އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގެ ދޮރުމަތީގައި އީނާއާއި ނަޒްޔަކް ތިއްބެވެ. އެދެމީހުންގެ މޫނުމަތިން މާޔޫސްކަން ފާޅުވޭވޭ ހުއްޓެވެ. އިތުރު ފަރުވާއަށް ނައުރީން މާލެ ގެނައި ޚަބަރާއިއެކު ނަޒްޔަކް މާލެއައެވެ. އޭނާ ހަދަމުންދާ މާސްޓާސް އިން ބިޒްނަސްގެ ފަހު ސެމިސްޓާ ވެސް ނިމިފައި ވުމާއެކު މާލެއައުން ނަޒްޔަކަށް ދަތިކަމަކަށް ނުވިއެވެ. އައިސީޔޫގެ ދޮރު ހުޅުވާލުމަށްފަހު ޑޮކްޓަރު ނުކުތެވެ. “އަލްހަމްދުﷲ، ނުރައްކަލުން ބޭރުވެއްޖެ، ކުޑަ އިރުކޮޅެއްގެ ތެރޭ ހޭއަރާނެ ކަމަށް ބެލެވެނީ” ފުޅާ ހިނިތުންވުމަކާއި އެކު ޑޮކްޓަރު ބުނެލިއެވެ. “އަލްހަމްދުﷲ” ނަޒްޔަކަށް ބުނެލެވުނެވެ. އުފާވެރިކަމާއެކު އީނާވެސް ނަޒްޔަކާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން އެ ހިނިތުންވުން އިތުރަށް ފުޅާވެލިއެވެ.
** **
ހޭއެރުމާއެކު ނައުރީންއަށް ވަށައިގެން ނަޒަރު ހިންގާލެވުނެވެ. އަނގައިގައި ފާޑެއްގެ ހިތި ރަހައެެއް ހުއްޓެވެ. ފާޑަކަށް ބޮލަށް ބަރުވެފައި މޭނުބައި ކުރާކަހަލަ އިހްސާސެއްވެސް ކުރެވުނެވެ. “ޔެސް ޔޫއާ ފައިނަލީ އަވޭކް” އީނާއަަށް ކުޑަ ހަޅޭކަކާއެކު ބުނެލެވުނެވެ. ނައުރީން ފަނޑު ހިނިތުންވުމަކާއެކު ބޯޖަހާލިއެވެ. އެއަޑަށް ރޫމުގެ ކުޑަދޮރު ކައިރީ މާލޭގެ ހަލަބޮލި ކަމަށް ގެއްލިފައިހުރި ނަޒްޔަކްވެސް ބަލާލިއެވެ. އެއާއެކު އެތުންފަތަށް ވެރިވީ ހިތްތައް ކަތިލާފަދަ ރީތިކަމެކެވެ. “ޒެކް؟” ސުވާލުގެ ނަޒަރަކުން ނައުރީން ނަޒްޔަކަށް ބަލާލިއެވެ. “ޔެސް، އައިމް ބެކް. ދެން ދޮންބެއާއިއެކު ގްރެޖުއޭޓްވާން ދާނީ” ނަޒްޔަކް އެހިނިތުންވުމުގައި ހުރެ ބުނެލިއެވެ. ނުހައިކްއާއި ނަޒްޔަކް ކިޔެވީ އެއް ކޮލެޖަކުންނެވެ. އެމީހުން ގްރެޖުއޭޓްވަނީ ވެސް އެކީގައެވެ. ނައުރީން ސިއްރު ސިއްރުން ނަޒްޔަކްގެ މަތިން ތިރިއަށް ‘ފުލްބޮޑީ ސްކޭނެއް’
ކޮށްލިއެވެ. ހުދުކުލައިގެ ޓީޝާޓަކާއި ޖިންސުފޮތީގެ ޖެކެޓެއް މަތިން ލައިފައި ހުރިއިރު ތިރިން ލައިގެން ހުރީ ކަޅު ޑެނިމް ޖިންސެކެވެ. ދޮން ހަންގަނޑެއް ލިބިފައިވާ ނަޒްޔަކްގެ އެންމެ ޚާއްސަ ސިފައަކީ އޭނާގެ އަޅިކުލައިގެ ކަޅިއެވެ.
ހަތަރެސްކަން ބަށްޓަމަށްވާ މޫނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ތުނިކޮށް ކޮށާފައި ހުރި ތުނބުޅި މަތިމަހެވެ. އަންހެންކުދިން ފިދާވާފަދަ ކަސްރަތީ ހަށިގަނޑެއްވެސް އޭނާއަށް ލިބިފައި ވެއެވެ. “ނައުރީން!!” ނަޒްޔަކްގެ ރީތިކަމަށް ގެއްލިފައި އޮތް ނައުރީނަށް ސިހުން ގެނުވިއެވެ. “ހާދަ ރީއްޗޭ،” ނައުރީނަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ. “ކާކު؟” ނޫންކަމަށް ހެދެމުން އީނާ އަހާލިއެވެ. އެހެން ބުނެވުނީ ބާރަށްކަން ނައުރީނަށް ރެއަކާލީ ދެނެވެ. “މިފަހަރު ވަގު ހިފުނީދޯ” އީނާ ލާނެތް ހިނިތުން ވުމަކާއެކު ބުނެލިއެވެ. “ސާބަސް” ނައުރީން ލަދުވެތި ހިނިތުން ވުމަކާއެކު ބުނެލިއެވެ. 7 އަހަރު ފަހުން ނަޒްޔަކް ފެނުމާއެކު ހިތުގެ ކަނެއްގައި ފޮރުވާފައި ހުރި އިހްސާސްތައް އަލުން އުތުރި އެރިފަދައެވެ. އުމުރުން 17 އަހަރުގައި ނަޒްޔަކް ކިޔަވަން ފުރުމާއެކު އެދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުންވެސް ކެނޑުނީއެވެ. “ތިއްތިބޭ، ކެންޔޫ ޕްލީސް ގިވް އަސް ސަމް ޓައިމް” އީނާ ބުނެލިއެވެ. ބޯޖަހާލަމުން ނަޒްޔަކްވެސް ނުކުތީ އެކުދިންވެސް ދައްކަން ބޭނުންވާ ވާހަކަ ހުންނާނެތީއެވެ.
** **
“ރީން، އަހަރެން ހިނިތުންް ވެލައިގެން ހުރީތީ ހީނުކުރައްޗޭ އަހަރެން މިހުރީ ނައުރީން ކުރަން އުޅުނު ބޮޑު ފާފައާއި ދޭތެރޭ މާ އުފާވެ ފަޚުރުވެރި ވެފައޭ.” ނަޒްޔަކް ކޮޓަރިން ނުކުތުމާއެކު އީނާ ބުނެލިއެވެ. އެއަޑުގައި ރުޅިވެރިކަމެއް ނެތްނަމަވެސް މޮޅިވެރިކަމުގެ އަސަރު ވިއެވެ. ނައުރީންއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އިސްޖަހާލެވުނީ އެކުވެރިޔާގެ ހިތަށް ތަދުކުރެވިއްޖެ ކަމުގެ ކުށްވެރި އިހްސާސުންނެވެ. “ތިފަދަ ބޮޑު ފާފައަކަށް އަރައިގަންނަން އުޅުނުއިރު އެއީ ކިހާވަރެއްގެ އަމަލެއް ކަމެއް ނުވިސްނޭތަ؟ އަހަރެންނަކީ މާ ދީނީ މީހަކަށް ނުވިޔަސް އަމިއްލައަށް މަރުވުމަކީ ބޮޑު ފާފައެއްކަން އެނގޭ” އީނާ ބުނެލިއެވެ. ނައުރީން އިޚްތިޔާރުކުރީ ހަމަަހިމޭން ކަމެވެ. “އަހަރެން ވަަރަށް ދެރަވެއްޖެ. ގާތުގައި ނައުރީން ދެކެ ލޯބިވާ، ނައުރީންގެ އަޑުއަހާ އެކުވެރިންތަކެއް ތިބިކަން ހަނދާން ނައްތާލީތީ މިހިތަށް ވަރަށް އަސަރުކޮށްފި. އެންމެ ފަހަރަކުވެސް އަހަރެންނާއި އެވާހަކަތައް ހިއްސާ ކޮށްލިނަމަ! އަހަރެން ނައުރީންގެ ވާހަކަތައް އަޑުއެހީމުސް. އަބަދުވެސް ވާފަދައިން ގާތުގައި ހުރެދިނީމުސް” އީނާގެ އަޑު ބެދުނެވެ. “އަަހަރެން ބުނަން ބޭނުންވި، އެކަމަކުވެސް އަހަރެންނަށް އިހްސާސްވީ އަަހަރެންނަކީ ބޭކާރު މީހެކޭ. ރަޖުއާންގެ ބޭވަފާތެރިކަމުގެ ހިތިރަހަ އަހަރެންގެ އަރުބުޑުން ފިލުވާލަން އޮތް ހައްލަކީ އެއީ ކަމަށް އެވަގުތު ހީވީ” ނައުރީން ބުނެލިއެވެ. “އޯކޭ، ދެން އެކަމަކު ވައުދުވޭ އެފަދަ ފާފައެއް ނުކުރާނެ ކަމަށް. އަދި މީގެފަހުން ހުރިހާ ވާހަކައެއްވެސް އަހަންނާއި ހިއްސާ ކުރާނެ ކަމަށް” އީނާ ބުނެލިއެވެ. “ވައުދުވަން” ނައުރީން ބުނެލިއެވެ. ދެން އެކޮޓަރިތެރޭ ގުގުމާލީ ދެއެކުވެރިންގެ ހުނުމުގެ އަޑެވެ.
** **
ރޭގަނޑުގެ ވަގުތެވެެ. ނައުރީން ހޮސްޕިޓަލުން ޑިސްޗާޖް ކޮށްފައިވުމުން އެމީހުން ތިބީ ނަޒްޔަކް ކުއްޔަށް ނަގައިދިން އެޕާޓްމެންޓެއްގައެވެ. “މަންމައަށްވެސް، ނުޝްއަށާއި ނަފްއަށްވެސް ނޭނގޭނެ އަހަރެމެން މާލެއައިކަމެއް. އެދެކުދިން ހާސްކޮށްލަން ބޭނުން ނުވާތީ އަހަރެން ނުބުނީ. އެކަމަކު ދެންމެ ގުޅާފަ ބުނި ކޮންތާކުހޭ ތިތިބީ. އަހަރެން ބުނީ އަހަރެންގެ ތިއްތިބެ އަންނާތި އަހަރެން މާލެ ދާންޖެހޭތީ ނައުރީންވެސް ގޮވައިގެންނޭ އައީ.” އެއްނޭވާމަތިން އީނާ އެހެން ބުނެލިގޮތުން ނައުުުރީން ގާތަށް ހިނިއައެވެ. “އޯކޭޔޭ. ތިޔެއްނޫނޭ. ޒެކްއަށް މިހާރު 23 ވާނީދޯ”ނައުރީން އަހާލިއެވެ. “ސާބަހޭ ރަންކޮޅާ. މަށަށް އެއްޗެއް ހީވެއްޖެ. ހޫމް 23 އެވީ މިދިޔަ މަހު” އީނާ ބުނެލިއެވެ. “ނޫން އަހަރެން ނަޒްޔަކް ދެކެ ލޯތްބެއް ނުވޭ” ނައުރީން ބުނީ އޭނާގެ ހިތުުގައި އޮތް ގޮތަށެވެ. އަލުން ފިރިހެނެއްދެކެ އޭނާއަށް ލޯބިވެވުމަކީ އުނދަގޫ ކަމެކެވެ. އަލުުން އޭނާއަށް ފިރިހެނަކަށް އިތުބާރު ކުރަންވެސް ދަތިވާނެއެވެ. “ލޯތްބޭ ބުނެފިންތަ އަހަރެން؟” ލާނެތް ހިނިތުުންވުމަކާއެކު އީނާ ބުނެލިއެވެ. “ވަޓް ދަ….” ބާލީހެއް އީނާއާއި ދިމާލަށް އެއްލަމުން ނައުރީން ހަޅޭލަވައިގަތެވެ. ** **
“ޖައުޝް” ކޮލެޖުން ނުކުންނަން ދިޔަ ވަގުތު ފަހަތުން އިވުނު އަންހެން އަޑުން ޖައުޝްގެ މޫނަށް ފޫހި ވައްތަރެއް ޖައްސާލެވުނެވެ. “ޕްލީޒް ލޫނާ. އަހަރެންގެ ފަހަތުން ނޫޅެބަލަ” އާދޭހުގެ ރާގަކަށް ޖައުޝް ބުނެލިއެވެ. “އަހަރެން ކިތައް ފަހަރުތަ ބުނާނީ އަހަރެން ލޯބިވަނީ ޖައުޝް ދެކެއޭ.” ލޫނާ ބުނެލއެވެ. ޖަވާާބުދިނުމަކާއި ނުލާ ފަސްއެނބުރި ބެލުމއްނެތި ޖައުޝް ހިނގައިގަތެވެ. ލޫނާގެ ހިތަށް އެރިއެވެ. މިފަހަރު ޖައުޝްގެ ފަރާާތުން ޖވާުބު ހޯދާނަމެވެ. “ވެއިޓް އަ މިނިޓް. އާރ ޔޫއަ ގޭ*؟” ލޫނާ ގޮވާލިއެވެ. އެއާއެކު ޖައުޝްގެ ފިޔަވަޅުތަކަށް މާަޑުޖެހުމެއް އައެވެ. ފަސްއެނބުރި ބަލާލިއިރު ޖައުޝްގެ ދެލޮލުން ފެނުނު ނުރައްކާތެރި ވިދުވަރުން ލޫނާގެ ހިތްވެސް ބިރުވެރިކަމުން ފުރުނެވެ. “އަހަންނަކީ ފިރިހެނުންދެކެ ލޯބިވާާ ކަހަލަ މީހެއް ނޫން. އެކަމަކު މި ފޮޓޯ ބަލާ. މިއީ އަހަރެންގެ ލޯބިވާ، ފާތިމަތު އީނާ ބައްސާމް. ޖަވާާބު ލިބިއްޖެތަ ބި* ” ކަތުރުކަށިގަނޑުު ފާޅުވާ ވަރަށް ދަތްޕިލަ ޖައްސާލަމުން އިނގިރޭސިން ހަޑިއެއްޗެއް ޖައުޝް ބުނެލިއެވެ. އަދި އައިކޮޅަށް ހިނގައިގަތެވެ. “އީނާ އެންޑް ޖައުޝް. ޔޫވިލް ރިގްރެޓްް ދިސް” ލޫނާ ނުރައްކާތެރި އަޑަކުން ބުނެލިއެވެ. އެކަމަށް ފަރުވާާލެއް ނުބަހައްޓާ ހިނގައިގަތް ޖައުޝްއަށް އެއީ މާބޮޑު ކަމަކަށް ނުވިޔަސް އެކަމުގެ ނުރައްކާތެރިކަން އެނގޭނަމަ އޭނާ އެކަމާއި ވިސްނީހެވެ. އެއީ ކިހާާބޮޑު ތެދެއްކަން އޭނާއަށް ނޭނގުނީއެވެ. މި ހެދުނީ ހަޔާތުގައި ހެދުނު އެންމެ ބޮޑު ގޯސްކަން އޭނާއަކަށް ރެއަކާނުލިއެވެ.
=ނުނިމޭ=
3 Comments!
Comments are closed.
Heiii Rain lover..Long time dhw.. Mee Rain lover ge story ehkan inguny v fahun..v v salhi mi story vx.. vamey edhi edhi haa reethi♥️♥️♥️
Stay safe and Tc
Oh long time dhw. Iss ok yey ingey. Thankyou so much. Really? ♥♥♥♥??? stay safe
heiii dearr. really nice. keep going on. vvvvvv lwbi ingey mi stry. hama eh vana. i will support u always insha allah.
lysssm darl
SH
SS
TC