Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބޭވަފާތެރި ވުމުން ޔާރާ 10 & 11

Rain lover Level 310 Stories100 Comments100 Login
December 5, 2021 10 Mins Read
2 Comments

ވާހަކަ.ކޮމް އަށް މިވާހަކަ އަޕް ނުވާތީ 10 ވަނަބައިން ފެށިގެން  އަލުން ވާހަކަ ގެނެސްދޭނަން.. 9 ވަނަބައިން ދަށް އަޅުގަނޑު ކުރިން ވަނީ މިސައިޓަށް އަޕްކޮށްފަ..

****

އޭގެ އަނެއް ދުވަހު ނައުރީންއާއި އީނާ ރަށަށް ދާން ފުރީ ބޯމަތިވަމުން ދިޔަ ކޮޅިގަނޑުގެ ހިލަމެއް ނުވާ ހާލުގައެވެ.

** **

ދުވަސްތައް އޭގެ އެންމެ ހަލުވި މިނުގައި ފާއިތުވަމުން ދިޔައެވެ. އެކިމީހުންގެ ހަޔާތަށް އެކި ކުލަތައް ގެނުވަމުންނެވެ. ފައިސާ ލިބޭނެ މަގު ބަންދުވެފައި ވުމާއެކު ވަޒީފާއަކަށް ނުކުތުމަށް ނައުރީންއަށް މަޖުބޫރުވިއެވެ. އެތައް ތަނަކަށް ސިޓީ ލައިގެން އޭނާގެ ވަޒީފާ ހަމަޖެހުނީ ރަށު ކައުންސިލް އިދާރާއިންނެވެ. އޭނާއަށް އިތުރު އުފާވެރިކަމެއް ލިބުނީ ކިޔަވަން ދިޔުމުގެ ކުރިން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ބޭނުމުގައި އީނާވެސް ކައުންސިލް އިދާރާއާއި ގުޅުމުންނެވެ. އޭނާގެ މައިންބަފައިންވެސް އެއީ މައްސަލައެއް ކަމުގައި ނުދެކުނެވެ. ދަރިންގެ އުފަލަށް ހުރަސް އަޅަން ބޭނުން ނުވީއެވެ. އަދި ފައިސާއަކީ ކިހާ ބުރަ މަސައްކަތުން ހޯދާ އެއްޗެއްކަން އަންގައިދިނުމަކީވެސް އެމީހުންގެ މަގްސަދެކެވެ. ގްރެޖުއޭޓް ވުމަށްފަހު ނަޒްޔަކާއި ނުހައިކްވެސް ރަށަށް އައީ ބައްޕަގެ ވިޔަފާރީގައި އިހުނަށްވުރެ ބޮޑަށް އެހީވުމުގެ ބޭނުމުގައެވެ.

** **

ދޮރުފޮތިތަކުން އެޅުނު ރަން އަވިން ކޮޓަރިތެރެ އަލިކޮށްލިއެވެ. ސައިޑް ޓޭބަލްމަތީ އިން ގަޑިން 7 ޖެހިކަން އިއުލާން ކުރިއެވެ. އެއީ ނައުރީން އެލާމަށް ޖެއްސި ގަޑިއެވެ. 8 ޖަހާއިރަށް އޮފީހަށް ދާން ޖެހޭތީ ސައި ހަދާ ގޭތެރެ ފޮޅާލާނެހާ ވަގުތު އޮއްވާ ތެދުވަން އޭނާ ބޭނުންވީއެވެ. ތެދުވަން އުޅުނު ވަގުތު ބޮލަށް ހުރީ ނުހަނު ބޮޑަށް ބަރުވެފައެވެ. މާބޮޑު ކަމަކަށް އެކަން ނެހެދީ އޮފީހަށް ސަލާމް ބުނަން ބޭނުން ނުވުމުންނެވެ. އެވަގުތު ކުއްލިއަކަށް ހޮޑު ލަވައިގަތެވެ. ފާހާނައަށްވަދެ ހޮޑުލައިގެން ނުކުތްއިރު ބަނޑުގައިވެސް ރިއްސައެވެ. އެއީ ދާދިފަހުން ނައުރީން ފާހާނާ ސާފުކުރާ ފުޅި ބޮވުމުން އެކަމުގެ އަސަރު ނުކެނޑޭތީ ވީކަމެއް ކަމަށް ނިންމިއެވެ. ވަރުދެރަވެފައި ހުރުމުން ސައި ހަދާނެ ހިތްވަރު ނުލިބުނެވެ. ކައިރި ފިހާރައިން ހައެއްކަ ޕަނީނޯ ގަނެލައިގެން އައިސް ކޮއްކޮމެންނަށް ފެންނާނެހެން ގޮށިދަށަށް ލިއެވެ. މަގުމަތި ކުނިކަހާނީ މާދަމާ ކަމަށް ނިންމަމުން އޭނާ ފެންވަރަން ވަނެވެ.

** **

ކަޅުކުލައިގެ ކަކުލާއި ހަމައަށް ހުރި ހެދުމެއްގައި ނައުރީން ހުރިއިރު އެ ބްލޮންޑް އިސްތަށިގަނޑު މިނިވަންކަމާާއިއެކު ދޫކޮށްލާފައި އޮތެވެ. މޫނުގައި ހުރި ލުއި މޭކަޕުން އެސާދާކަން އިތުރު ކުރުވައެވެ. އެމޫނުގައި ވަރުބަލިކަން ވީނަމަވެސް އެރީތި ކަމަށް ފަނޑުކަމެއް ނާދެއެވެ. ފަހުކަމަކަށް ކޮންފެޓީ ބޮޑީސްޕްރޭ ބުރުވާލަމުން އަތްދަބަސް ނަގައިގެން ބޭރަށް ނުކުތެވެ. އޭރު އިންތިޒާރުގައި ސައިކަލުގައި އީނާ އިނެވެ. ނައުރީން ސައިކަލަށް އެރުމުން އީނާ ނައްޓާލިއެވެ. “މިއަދު ވަރަށް ޓަޔަޑް. ބަނޑުގައި ރިއްސާާފަ ފާޑަކަށް ބޮލަށް ބަރުވެފައި ހުންނަނީ. ހެނދުނު ހޭލާާާފައި ހޮޑުވެސް ލެވުނު” ނައުރީން ބުނެލިއެވެ. އެއާއެކު އުޖާލާވެފައިވި އީނާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. “ނައުރީން. ޔޫ ޕީރިއެޑް ވެއްޖެތަ” އީނާ މަޑުމައިތިރި އަޑަކުން އަހާލިއެވެ. “ނޯޕް، އަހަރެން އެހެން ނޫނަސް ޕީރިއެޑް ލަސްވެއެންނު” ނައުރީން އެހެން ބުނެލީ އެއީ މާބޮޑު ކަމެއް ނޫން ފަދައިންނެވެ، “މޯނިންގ ސިކްނެސް” ބޭއިޚްތިޔާރުގައި އީނާގެ ދުލުން ނުކުތެވެ. “ކީކޭ؟ ކަމެއް ގޯސްވީތަ؟” ނައުރީން ކަންބޮޑުވެފައި އަހާލިއެވެ. “ނޫނޭ އަނެއްހެން މާބޮޑު ކަމެއް ނުވޭ.” އީނާ ބުނެލިއެވެ. އޭނާގެ ހިތް ނުބައި އިންޒާރެއް ދެނީއެވެ. ނައުރީންއާއި ދޭތެރޭ ޝައްކުތަކެއް ކުރެވެނީއެވެ. ނަމަވެސް އެވާހަކަތައް ނައުރީންގެ ގާތު ބުނާނެ ގޮތެއް އޭނާގެ ސިކުނޑިއަކަށް ނައެވެ.

** **

ކޮންޕިއުޓަރ ދޮށުގައި ނައުރީން އިނީ ސިޓީއެއް ލިޔާށެވެ. ބްރޭކަށް ދާން އީނާ އެދުމުންވެސް މަސައްކަތް ނިންމާލާފައި ނޫނީ ނުދާން އޭނާ އިނީއެވެ. ކުއްލިއަކަށް ލޮލަށް ފުސްވާން ފެށިއެވެ. ރިހުން މަޑުވެފައި ހުއްޓާ އަނެއްކާވެސް ބޮލުގެ ރިހުން ގަދަވެލިއެވެ. ކޮންޕިއުޓަރުގެ ކީޕެޑްގެ އަކުރުތައް ވަކިނުވާ ވަރަށް ލޯ ފުސްވިއެވެ. މޫނުމަތިން ކޮކާ އުދުހެން ފެށި ކަހަލައެވެ. ސާފު ވައިކޮޅެއް ލިބުމުން ރިހުން މަޑުވެދާނެ ކަމަށް ހީވެ މަޑުމަޑުން އެތަނުން ނުކުންނަން މިސްރާބު ޖެހިއެވެ. އެކަމަކު އޭގެ ކުރިން ކަނޑާ ވައްޓާލި ރުކެއްހެން ނައުރީން ބިންމައްޗަށް ވެއްޓުނެވެ. އެމަންޒަރު ފެނުނީ ބްރޭކް ނިމިގެން ނައުރީންމެންގެ ސެކްޝަނަށް ވަތް އީނާ އަށެވެ. ނައުރީން ހޭއެރުވޭތޯ މަސައްކަތް ކުރިނަމަވެސް ހޭނޭރުމުން އެންބިއުލާންސް އަށް ގުޅިއެވެ.

** **

އެމަޖެންސީ ރޫމުގެ ދޮރު ހުޅުވާލަމުން ޑޮކްޓަރު ނުކުތެވެ. “ހޭއަރައިފި! ނުކައި ހުރީމަ ހަށިގަނޑުގެ ވަރުދެރަވެގެންް ދިމާވި ކަމެއް ކަމުގްައި ބެލެވެނީ. އިތުރަށް އެއްޗެއް ބުނެލަން އެނގޭނީ ލޭގެ ޓެސްޓު ތަކުގެ ނަތީޖާ ލިބުމުންް. އައިވީ ގުޅާފައި އޮތީ މިހާރު. އިރުކޮޅަކުން ވޯޑަށް ޝިފްޓު ކުރެވޭނެ. އެންމެ ރަނގަޅު ދެން އެތެރެއަށް ވަދެލިޔަސްްް” ޑޮކްްްޓަރު ބުނެލިއެވެ. ޑޮކްޓަރުގެ ބަހަށް ބޯޖަހާލަމުން އީނާ އެެތެރެއަށް ވަނެވެ.

** **

މެންދުރުގެ ވަގުތު ވެގެން އައިއިރު ނައުރީންް އަށް އޮތީ ނިދިފައެވެ. ގާތުގައި އިނީ އީނާއެވެ. ޓެސްްޓުތަކުގެ ރިޒަލްޓް ލިބޭނީ މެންދުރު ކަމަށް ބުނި ހިސާބުންް ފެށިގެން އީނާގެ ހިތް ނުބައި ގޮތަކަށް ދިޔައީ ތެޅެމުންނެވެ. ހިތް ދެމުން ގެންދިޔަ ބިރުވެރި އިންޒާރުން ނަފްްސަށް ނުތަނަވަސް ކަމެއް ވެރިވެއްޖެއެވެ. އެކަމުން ނައުރީންްއަށް ކުރާނެ އަސަރުތަކަށްވެސްް އޭނާއަށް ވިސްނާލެވުނެވެ. ވޯޑް ތެރެއަށް ހިނގާލާފައި ވަތް ޑޮކްޓަރު ފެނި އޭނާގެ ހިތުގެ ހިނގުން ދެގުނަ ބާރުވެލިހެން ހީވިއެވެ. ހިނިތުންވެފައިވާ ޑޮކްޓަރުގެ މޫނުފެނި ހުރިހާ ކަމެއް ބަރާބަރުހެން ހީވިއެވެ. އެހެނަސް ކުރެވުނީ ކުށްހީއެއް ކަން އޭނާއަށް ނޭނގުނެވެ. “ޕޭޝަންޓްގެ ހަޒްބެންޑް ކޮބާ؟” ޑޮކްޓަރު އަހާލިއެވެ. “ޝީ އިޒް ނޮޓް މެރިޑް ޔެޓް” އީނާއަށް ބުނެލެވުނެވެ. ޑޮކްޓަރުގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. “ވެލް، ޓެސްޓުތަކުގެ ރިޒަލްޓް ރަނގަޅު. ބަޓް، މިވާހަކަ ބުނާނެ ގޮތެއް ނޭނގޭ. ޝީ އިޒް ޕްރެގްނެންޓް” ޑޮޮކްޓަރު ބުނެލިއެވެ. ހަފަރާތުން އައިސް އީނާ ފިއްތާލި ފަދައެވެ. ހުރިހާ ޝައްކުތަކެއް ޔަގީނަށް ބަދަލުވީއެވެ. ރަޖުއާންގެ ދަރިއެއް ނައުރީންގެ ބަނޑުގައި އުފެދުނީއެވެ. އެ ކެހިވެރިޔާގެ ސަބަބުން ނިކަމެތި އަންހެން ކުއްޖަކަށް އެލިބުނީ ކިހާ ބޮޑު ދެރައެއް ހެއްޔެވެ؟ އީނާގެ ދުލުގައި ތަޅު އެޅުވުނު ފަދައެވެ. “ވަ..ވަޓް. ނައުރީން ބަނޑުބޮޑޭ.” އީނާއަށް އަދިވެސް ގަބޫލުކުރަން ދައްޗެވެ. ޑޮކްޓަރު ބޯޖަހާލިއެވެ. އަދި މާބަނޑު މީހަކާއި ދޭތެރޭ ކަންކުރަންވާ ގޮތް ކިޔައިދިނެވެ. އެއަށްފަހު އެތަން ދޫކޮށް ޑޮކްޓަރުވެސް ދިޔައީއެވެ. އީނާ ސިހިގެން ދިޔައީ ފަހަތުން އިވިގެން ދިޔަ އަސަރުގަދަ ރުއިމުގެ އަޑުންނެވެ. “ނޫން އީނާ، އަހަރެން ކިހިނެއް މިލަދާއ ކުރިމަތި ލާނީ. އަހަރެން ބަނޑުބޮޑުވީ. ނޫން… އަހަންނަށް ގަބޫލެއް ނުކުރެވޭ” ރޮމުން ރޮމުން ނައުރީން ކިޔަމުން ދިޔައެވެ. “ރަށު އެންމެންގެ ކުރިމަތީ އަހަރެންގެ އަގުވެއްޓި ފަޟީހަތްވީ. ނުބުންޏަސް މިއީ އަބަދަށް ސިއްރުވާނެ ކަމެއް ނޫން” ނައުރީން ބުނެލިއެވެ. އީނާއަށް އިނދެވުނީއެވެ. ބަސްހުއްޓިފައެވެ. ހިތްވަރުގެ ބަހެއްވެސް ބުނެލަން ނޭނގުނެވެ. ހަމަހިމޭން ކަމުގައި މާހައުލު އޮއްވާ ޑޮކްޓަރު އައިސް ނައުރީން ޑިސްޗާޖް ކުރިއެވެ. ހަމަހިމޭން ކަމާއެކު ހުރެ އީނާ، ނައުރީންގެ ރިޕޯޓްތައް ފައިލަކަށް އަޅާލިއެވެ. އަދި އެނދުން ތެދުވުމަށް އެހީވެދީ އެނދުގައި ބޭންދިއެވެ. “ނައުރީން، ތި ކުރެވުނު ކަންތަކާއި ދޭތެރޭ ތައުބާވޭ. މިދިޔަ ދުވަސްތަކުގައި އަހަރެންވެސް ދީނާ ބެހޭގޮތުން ވަރަށް ގިނަ ކަންކަން ދަސްކުރިން. އަހަރެން ނިންމިން ބުރުގާ އަޅަން. އަހަރެން ބުރުގާ އަޅާއިރު ނައުރީންވެސް ވީނުން ބުރުގާ އަޅަން.” އީނާ ބުނެލިއެވެ. “އަހަރެން ތައުބާ ވާނަން. ބުރުގާވެސް އަޅާނަން. ދެން އިންޝާﷲ އުޅޭނީ މާތްﷲ އެންގެވި ގޮތަށް” ނައުރީން ބުނެލިއެވެ. ދެއެކުވެރިން އެނުތަނަވަސް ވަގުތުގައިވެސް މާތް

ﷲ އަށް ވަކީލުކުރިއެވެ. ކެތްތެރިކަމާއި ހިތްވަރު ދެއްވާތޯ ދުއާކުރިއެވެ.

** **

ވޯޑުގެ ދޮރުމަތިން އީނާއާއި މުޑިއެރީ ރީނާއެވެެ. އެއީ ނައުރީންއާއި އީނާއަދި ޝާހާއާއި ޖައްސާލާފައި ހުންނަ އަންހެނެކެވެ. ވަގުތުން ފައިލް ވެއްޓި އޭގެ ތެރޭގައި ހުރި ރިޕޯޓްތައް ވެރުނެވެ. ރީނާގެ ފައިކައިރިއަށް ވެއްޓުނު ރިޕޯޓް ރީނާ ނެގިއެވެ. އޭގައި ލިޔެފައި އިން އެތި ފެނި އެކިޔާލުމުގެ ޝައުގުވެރިކަން ރީނާގެ ހިތުގައި އުފެދުނެވެ. “ޕްރެގްނެންސީ ޓެސްޓް. ޕޮޒިޓިވް؟” ލުއި ހުނުމަކާއެކު ރީނާ ބުނެލިއެވެ. އަދި ބާރު ހިނިގަނޑެއް ޖަހާލަމުން ނައުރީންއާއި ދިމާލަށް ވައްތަރެއް ޖައްސާލިއެވެ. ނައުރީންއަށް ތުންފަތުގައި ދަތްއަޅާލަމުން އިސްޖަހާލެވުނެވެ. މިކަން ހާމަވާންވެސް ލައްކަ ގިނައިރެއް ނުނެގި ތާއެވެ. “ކޮބާ! މިއޮތީ އަހަރެން ބުނި ދުވަސް އައިއްސަ. ދެންވެސް ރަށަށް އަރާ ބީރައްޓެހި ފިރިހެނުންނަށް ތުއިދެއްކޭތޯ ބަލާތި ޔޫ ޕްރެގްނެންޓް އޭސް” ރީނާ މިހެން ބުނެ ފޮނި ހިނގުމެއްގައި ގޮސް ވޯޑަށް ވަނެވެ. ދެން އެވާހަކަ ފެތުރެން މާގިނައިރެއް ނުނަގާނެކަން އޭނާއަށް އެނގުނެވެ. ދެން ކުރާނެ ކަމެއް ނެތެވެ. ވާންހުރިކަމެއް ވާނެއެވެ.

** **

ނައުރީން ކޮޓަރިއަށް ވަންގޮތަށް އެނދުމައްޗަށް ވެއްޓިގަނެވުނެވެ. އޭނާއަށް މަންމަގެ ވަސިއްޔަތް ފުރިހަމައެއް ނުކުރެވުނެވެ. ހިތަށް ތަދުވީ އެހެންވެއެވެ. ހޯސްލާފައި އެދެލޮލުން ކަރުނަތައް އޮހެމުން ދިޔައެވެ. ހަމައެއާއިއެކު އޭނާގެ ސަބަބުން އެހެން މީހުންނަށްވެސް ކުރިމަތިލާން ޖެހޭނެ ކަންކަމާއިމެދު އޭނާ ވިސްނާލިއެވެ. އަނެއްކާވެސް އޭނާއަށް ލިބުނީ އިތުރު ޚިޔާލެކެވެ. އެއީ ދަރި ވައްޓާލުމެވެ. އޭގެ ދެވަނަ ސިކުންތުގައި އެ ނުއުފަންނަ ދަރިފުޅާއިމެދު ޚާއްސަ ލޯތްބެއް އުފެދުނެވެ. އޭނާ މިދަރިފުޅު ދުނިޔެއަށް އުފަންކުރާނެއެވެ. އަދި ލޯބިދީ ބަލާ ބޮޑުކުރާނެއެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ދަރިން ނުލިބިފައި ތިބެނީ ކިތައް ކިތައް މީހުންނަށް ހެއްޔެވެ؟ މިފަދަ ނިއުމަތެއް ދެއްވުމުން އޭނާވީ ޝުކުރު ކުރާކަށް ނޫންހެއްޔެވެ؟ ކޮންމެ ގޮތަކަށް އުފަންވިޔަސް އެއީ އޭނާގެވެސް ލޭ ވިއްޔާއެވެ.

** **

ނައުރީން ބަދިގެއަށް ވަންއިރު ފިޔާއެއް ނެތެވެ. އެއާއެކު އޭނާއަށް މަޖުބޫރުވީ ފިހާރައަށް ދިޔުމަށެވެ. މިހާރު ޔަގީނުންވެސް އެވާހަކަ މުޅި ރަށުތެރެއަށް ފެތުރިދާނެއެވެ. ރުފިޔާއެއް ހިފައިގެން ނުކުމެ އިސްޖަހާލައިގެން ހުރެ އޭނާ ފިހާރައާއ ދިމާލަށް މިސްރާބު ޖެހިއެވެ. ނައުރީން ފެންނައިރަށް ކޮންމެ މީހަކުވެސް ބަލާލަނީ އެއީ ހަޑިއެއްޗެއް ފަދަ ގޮތަށެވެ. އެއްބައިމީހުން ސިއްރު ސިއްރުން ދެމީހުން ދެމީހުނާއި ކޮންމެ އެއްޗެއްވެސް ބުނެލައެވެ. “މަންޖޭ ކާކުގެ ދަރިއެއްތަ؟” އެހެން ދިޔަ މުސްކުޅި ދައިތައެއް އަހާލިއެވެ. ނައުރީންގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. “ހަމަ އަމާ ހިނގި މަގުން ހިނގާ މަންޖެއެއް. ބޮޑުސޯބު އެނބުރޭ ގޮތަށްތާ ދެންތިބި ސޯބުތައްވެސް އެނބުރޭނީ” އެހެން ދައިތައަކު ބުނެލިއެވެ. ނައުރީން ފިޔަވަޅުތައް ބާރުކޮށްލިއެވެ. “ރަށަށް އަރާ ބީރައްޓެހިންގެ ތަންމަތި ފަޅުފިލުވައިދޭން އުޅެނިކޮށް ރަނގަޅު ލަނޑެއް ލިބިއްޖެއްނު” އެހެން މީހަކު ބުނެލިއެވެ. ނައުރީން ގެއަށް ވަނެވެ. އަދި އަމިއްލަ ހިތަށް ވިސްނައިދިނެވެ. މިފަދަ އެތައް ވާހަކައަކާއި ބަދުބަސް އަޑުއަހަން ޖެހޭނެކަމެވެ. އޭނާ ޖެހޭނީ އެކަމަށް އަޅާނުލާ ހިތްވަރާއެކު ކުރިއަށް ދާށެވެ.

** **

ނައުރީން އޭނާގެ ދެކޮއްކޮ ގާތު ބަނޑުބޮޑުވި ވާހަކަ ބުންޏެވެ. އެކޮޮއްކޮމެން ހީކުރިގޮތާއި ޚިލާފަށް އޭނާޔަށް އެއްބާރުލުން ދިނެވެ. އަދި އަސްމާއާއި ބައްސާމުއަށްވެސް ނައުރީންއަށް ދިމާވި ހިތްދަތި ހާދިސާ ކިޔައިދިނެވެ. އެދެމީހުންވެސް އަމިއްލަ މައިންބަފައިން ފަދަައިން ނައުރީން ބަލައިގަތެވެ. އަދި ކުށްކުރެވޭނީ އިންސާނުންނަށް ކަމަށާއި ކުށަށް ތައުބާވާން ޖެހޭނެކަން ބުނެދިނެވެ. ނައުރީން ވިހަންވަންދެން އެގޭގައި ހުރެވޭނެކަމަށް އަސްމާ ބުންޏެވެ. އަދި އަމިއްލަ ދަރިއެއް ފަދައިން ގެންގުޅޭނެކަން ބުނެލިއެވެ.

** **

ނައުރީން އީނާއާއި އެކު ބުރުގާ އެޅިއެވެ. އަދި ލަމުން ދިޔަ ހެދުންތައް އަބާޔާއަށް ބަދަލުކުރިއެވެ. އެކުދިންނަށް އައި ބަދަލާއެކު އަސްމާ އަދި ބައްސާމުވެސް އުފާކުރިއެވެ. އާދައިގެ މަތިން ނައުރީން އިނީ އުނދޯލި ހެއްލާށެވެ. އީނާ އޮފީހަށްދާ ވަގުތުތަކުގައި އޭނާ ގިނައިން އިންނަނީ އުނދޯލި ހެއްލާށެވެ. އެހެން އިންދާ އެގެއަށްވަނީ ރީނާއާއި އޭނާގެ އެކުވެރިން ކޮޅެކެވެ. “އައްދެ އައްދޭ! މިހާރު އުނދޯލި ތިޔަ ހެއްލަނީ ދަރިވެއްޓޭތޯ ތަ؟ ކިތައްމެ ވަރަކަށް އުނދޯލި ހެއްލިޔަސް ތިޔަ ދަރިއެއް ނުވެއްޓޭނެ.” ރީނާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ. ” ކަޅުހެދުން ލައިފަ ކަޅު ބުރުގާ އެޅިޔަސް ޔޫ އާ އަ ހޯރ. ކަލޭ ކޮންމެ ކަމެއް ކުރިޔަސް ޒނޭ ނުކުރާ ކަމަކަށް ނުވާނެ” ރީނާ އިތުރުކޮށްލިއެވެ. އަދި ނައުރީންއާއި ދިމާލަށް ދޫ ހަދާލާފައި އެތަނުން ނުކުތެވެ. ނައުރީން އެކަން މާބޮޑު ކަމަކަށް ނުހެދީ މީހުނގެ ދޫތަކުގައި ނުހިފެހެއްޓޭނެކަން އެނގޭތީއެވެ.

** **

ދުވަސްތައް އޭގެ އެންމެ ހަލުވި މިނުގައި ފާއިތުވަމުން ގޮސް ނައުރީންގެ ބަނޑަށް 4 މަސް ވިއެވެ. އެދުވަހު ނައުރީންއަށް ލިބެނީ އެއްމާބަނޑު ދެއަންހެން ކުދިންކަން އެނގުނެވެ. ނައުރީން އެދުވަހު ހުރީ ދުވަހަކު ނުވާވަރަށް އުފާވެފައެވެ. އެދުވަހުން ފެށިގެން މަޑުމަޑުން ދަރިންނަށް ބޭނުންވާނެ ސާމާނު ހޯދުމަށް އޭނާ ފެށިއެވެ. އޭރު ކުރިން ކިޔާވަރަށް މީހުން އެއްޗެހި ނުކީ ނަމަވެސް އަދިވެސް އެއްޗެހި ކިޔައެވެ. ނަމަވެސް މިހާރު އެކަމަށް އާދަވެފައި ހުރުމުން އެއްވެސް އަސަރެއ ނައުރީންއަށް އެކަމުން ނުކުރެއެވެ.

** **

އީނާ އޮތީ އެނދުގައި އޮށޯވެލައިގެން އިންސްޓަގްރާމް ހާވާށެވެ. މިރޭ އަނެއްކާ މާބޮޑަށް ޖައުޝް ހަނދާންވާ ރެއެކެވެ. އިންސްްޓަ ގުރާމުގައި އޭނާގެ ނަން ޖަހާލުމުން އައިޑީ ފެނުނެވެ. އެރީތި ސޫރައަށްް ގެއްލިފައި އީނާއަށް އޮވެވުނެވެ. އެންްމެފަހުން ޖައުޝް ކޮށްފައިވި ޕޯސްޓަށް އޭނާއަށް ކްލިކް ކޮށްލެވުނެވެ. އޭނާގެ ކަސްރަތީ ހަށިގަނޑު ހާމަވާ ޕޯސްޓަށް އެތައް ލައިކެއް ލިބިފައި ހުއްޓެވެ. ކޮމެންޓްތަކުގައި އާއްމުކޮށް ހުރީ ފަޔާ އިމޯޖީއެވެ. ދެން އޭނާގެ ލޮލުގައި އަޅައިގަތީ ލޫނާ ކިޔާ މީހަކު ކޮށްފައި އިން ކޮމެންޓެކެވެ. “ސޯ ހޮޓް. އައި ލަވްޔޫ ސޯމަޗް” އެކޮމެންޓް ކިޔާފައި އީނާގެ ގާތަށް ވަރަށް ރުޅިއައެވެ. ދެން ބަލާލީ ޖައުޝް ދީފައި އިން ރިޕްލައި އެވެ. “ތޭންކްޔޫ. ބަޓް އައި ޑޯންޓް ލަވް” ޖައުޝްގެ ރިޕްލައި ކިޔާފައި އީނާއަށް ބޭއިޚްތިޔާރުގައި ހިނިތުން ވެލެވުނެވެ. “އޭއި ކަލޭ ތީ ކާކު މިދޭތެރެއަށް ވަންނަން ލޫނާ އިކްލިޕްސް” އީނާ މަޑުމަޑުން ކިޔާލިއެވެ. (ލޫނާ އިކްލިޕްސް އަކީ ހަނދުކޭތައެވެ)

……………..

11 ވަނަބައި

އީނާގެ މޫޑު ޚަރާބުވިއެވެ. ރުޅިއައިސްގެން ގޮސް މީހާގެ ނަފްސު ތުރުތުރު އަޅައިގަތެވެ. ލޫނާގެ ނަމުގައި ލައިފައި ހުރި ހުރިހާ ޕޯސްޓެއް އީނާ ބަލަން ފެށިއެވެ. އަބަދުވެސް ލައިފައި ވަނީ ޖައުޝްއަށް ޓެގްކޮށްފައި ހުރި ލަވްލެޓަރ ތަކެކެވެ. ނަމަވެސް ޖައުޝްގެ އެއްވެސް ޖަވާބެއް ލިބިފައިި ނެތެވެ. އަނެއްކާވެސް ޖައުޝްގެ ޕޯސްޓުތައް އޭނާ ސްކްރޮލް ކުރަން ފެށިއެވެ. ދެން ފެނުނު ޕޯސްޓަކުން އޭނާގެ ދެލޮލަށް ކަރުނަ ޖަމާވީ އިޚްތިޔާރަކާއި ނުލައެވެ. “ކަލާ އަަހަރެންނާއި އެތައް މޭލެއް ދުރުގައި ހުއްޓަސް މި ހިތާއި ހިތުގެ ގުޅުމެއް ނުކެނޑޭނެއެވެ. އަދި އަހަރެންނާއި ކަލާ ވަކިކުރެވޭނެ ހަަމައެކަނި އެއްޗަކީ މަރެވެ. މަރުދުވަހާއި ޖެހެންދެންވެސް އަހަރެން ކަލާދެކެ ލޯބިވާނަމެވެ.” އީނާއަށް ހީވީ ޖައުޝް އައިސް އެޖުމްލަތައް ކަންފަތް ބުޑުގައި ބުނެލި ހެންނެވެ. އޭނާއަށް ކަރުނަތައް ނުހިފެހެއްޓުނެވެ. ބޭނުންވީ ހިތްފުރެންދެން ރޯލާށެވެ.

** **

ދުވަސްތައް ފާއިތުވަމުން ދިޔައީ އޭގެ އެންމެ

ހަލުވި މިނުގައިއެވެ. އެއްބައި މީހުންގެ ހަޔާތަށް ބަހާރު މޫސުން ގެނުވަމުންނެވެ. އަނެއްބައި މީހުންގެ ހަޔާތަށް ޚަރީފު މޫސުން ގެނުވަމުންނެވެ. ނައުރީން ބަނޑުބޮޑުވި ޚަބަރާއެކު ނައުރީންއާއި ދޭތެރޭ ނަޒްޔަކް އިތުރަށް އަޅާލައެވެ. ނައުރީންގެ ބަނޑުގައިވަނީ ނަޒްޔަކްގެ ދަރިއެއް ފަދައެވެ. އަދި ނައުރީންއަކީ ނަޒްޔަކްގެ އަނބިމީހާ ފަދައެވެ. ބަނޑަށް 7 މަސް ވެފައިވުމާއެކު އިތުރަށް ނައުރީންގެ ބަނޑު ވަނީ ބޮޑުވެފައެވެ. ހަންގަނޑު އޮމާންވެލާފައި އިތުރަށް އެމޫނުގައި މަސްޖަހާލާފައި ހުއްޓެވެ. އިހުނަށްވުރެ ހަށިގަނޑު ފަލަވެލާފައި ހުރިިއިރު ކުރިއަށްވުރެ ރީތިކަމަށް ދައްކައެވެ. މި ފާއިތުވި ދުވަސްތަކުގެ ތެރޭގައި ނަޒްޔަކްގެ ލޯތްބާއި އަޅާލުމުގެ ސަބަބުން ނައުރީންގެ ހިތުގައި ނަޒްޔަކްއަށް ޚާއްސަ މަޤާމެއް ވަނީ ދެވިފައެވެ. އަދި ނަޒްޔަކާއިމެދު އިހްސާސްތަކެއްވެސް ވަނީ އުފެދިފައެވެ. އަބަދާއި އަބަދު ނަޒްޔަކް ދުށުމަށް އެދެވެނީއެވެ. އެލުއިލުއި މީރުވަސް އަބަދުވެސް ނޭފަތުގެ ހިނދުރީގައި ހަރުލާފައި ހުންނަ ފަދައެވެ. ނަމަވެސް އެ އިހްސާސްތަކަށް ދޭނެ ނަމެއް އޭނާއަކަށް ނޭނގެއެވެ. އެއީ ލޯބިކަން ޤަބޫލުކުރަން އޭނާގެ ޒަމީރު ދެކޮޅު ހަދަމުން ދިޔައެވެ.

** **

ހަވީރުގެ ފިނި ރޯޅިތައް ރަށުތެރެއަށް ހަނާއަޅަމުން ދިޔަ ވަގުތެވެ. ލޯގަނޑު ކުރިމަތީ ހުރެ ނައުރީން ތައްޔާރުވަމުން ދިޔައީ ހިނގާލަން ދިއުމަށެވެ. އެހެން ދުވަސް ދުވަހާއި ޚިލާފަށް ނައުރީންގެ މޫނުމައްޗަކު އުޖާލާ ކަމެއް ނެތެވެ. ކޮންމެވެސް ނުތަނަވަސްކަމެއް އޭނާއަށް ކުރިމަތިވެފައި ވާ ފަދައެވެ. ނައުރީންގެ މޫޑު އެހާބޮޑަށް ޚަރާބުވެފައިވަނީ ރޭގައި ފެނުނު ހުވަފެނެއްގެ ސަބަބުންނެވެ. އެކްސިޑެންޓެއްގައި އޭނާގެ ދެދަރިން ދުނިޔެ ދޫކުރާތަން ހުވަފެނުގައި ފެނުމުން ބިރުވެރިކަން އޭނާގެ ނަފްސު ވަށާލާފައި ވިއެވެ. ހުރިހާ ލަދަކާއި ކުރިމަތިލާ ބުރަ އުފުލައިގެން އެ ބަނޑުގައި ބޭއްވި ދެ ދަރިންނާއި ވަކިވުމެއް އޭނާއަކަށް ނޭދެވެއެވެ. ޚިޔާލުތަކުން ބޭރުވެވުނީ ކޮޓަރި ދޮރުގައި ޓަކިދިން އަޑުންނެވެ. “ވަދޭ!” ނައުރީން ބުނެލިއެވެ”ރީން! ކަމެއް ދިމާވީތަ؟” ނައުރީންގެ މޫނު ފެނުމާއިއެކު ވަގުތުން ކޮންމެވެސް ކަމެއް ހިނގައިފިކަން އޭނާއަށް ރެއަކާލިއެވެ. “ވަރަށް ބައިވަރު ހޮޑު ލެވިއްޖެ ދެންމެ ކުއްލިއަކަށް. އެހެންވެ ވަރަށް ވަރުބަލިވެފައި މިހުރީ” ނައުރީން ދޮގެއް ހަދައިލިއެވެ. “އަނެއްކާ ހިނގާލެވޭ ވަރުވޭތަ؟” އީނާ އަހާލިއެވެ. ނައުރީން ބޯޖަހައިލުމުން ދެއެކުވެރިން ހިނގާލަންދާން ނުކުތެވެ.

** **

އެކިވާހަކަ ތަކުގައި ތިބެ އެކުދިންނަށް ޕާކާއި ހިސާބަށް އާދެވުނެވެ. ނައުރީން ވަރުބަލިވާ ވާހަކަ ބުނުމުން ދެކުދިން ގޮސް ބެންޗެއްގައި އިށީނދެލިއެވެ. “އާހް،” އުނަގަނޑާއި ހިސާބުން އެރި ރިހުމާއެކު ނައުރީންއަށް ބުނެލެވުނެވެ. އިސާހިތަކު އެރިހުން މުޅި އުނަގަނޑުން ތިރިއަށް ފެތުރިއްޖެއެވެ. . “މަންމާ!” ނައުރީންގެ ދެލޮލުން ކަރުނަ އައެވެ. “ހޭއި އާޔޫ އޯލްރައިޓް؟” އީނާއަށް ހާސްވެފައި އަހާލެވުނެވެ. “އޯކޭ ނައު އައިމް ފައިން” ކުއްލިއަކަށް ރިހުން މަޑުވެލުމާއިއެކު ނައުރީންއަށް ބުނެލެވުނެވެ. “އެބަ އަންނަން ފެންފުޅިއެއް ގަނެގެން” ނައުރީން ބުނެލިއެވެ. “އުނހު! އަހަރެން ދާނީ. ނައުރީން އިނދޭ.” އީނާ ބުނެލިއެވެ. ނައުރީން އާދޭސްކުރަން ފެށިއެވެ. މިތާނގައި އިންނަން ފޫހިވާ ވާހަކަ ބުންޏެވެ. އެތައް ވާހަކަ ތަކަކަށްފަހު އީނާ އެއްބަސްވީ ނައުރީންއާއިއެކު އީނާވެސް ދާގޮތުގެ މަތީންނެވެ. މާބަނޑުވި ފަހުން އިހުނަށްވުރެ ނައުރީންގެ އަނގަ ގަދަވިހެން އީނާއަށް ހީވެއްޖެއެވެ. އެންމެ ހިނދުކޮޅަކުވެސް އަނގަ ހިމޭނުން ލައިގެން ހުރުމަކީ ނައުރީންއަށް ދަތިކަމެކެވެ. އެކި ވާހަކައިގައި ތިބެ މަގު ހުރަސް ކުރަން ދަނިކޮށް ނައުރީންގެ ފައި ކަހައިގަތެވެ. ވަގުތުން ތިރިވެ ފައި ކަހަން ފެށިއެވެ. ހިނގަމުންދިޔަ އީނާއަށް ނައުރީން ނެތްކަމުގެ އިހްސާސް ކުރެވުނީ މަގުގެ އަނެއް ފަޅިއަށް އެރުމުންނެވެ. ފަހަަތް ބަލައިލި ވަގުތު ފެނުނު މަންޒަރުން އީނާގެ މޭގަނޑު އަނގަޔަށް އައިފަދައެވެ. އީނާއާއި ފަސްވަރަކަށް ފޫޓު ދުރުގައި އޮތް ޕިކަޕު ފެނި އީނާއަށް ހަޅޭލަވައިގަނެވުނެވެ. “ނައުރީން” އީނާގެ ތޫލިއަޑު މުޅި ސަރަހައްދުގައި ގުގުމާލިއެވެ. ޕިކަޕުގެ ބަރުގޮނުގެ އަޑާއި އީނާގެ ހަޅޭކުގެ އަޑުއައީ އެކުއެކީގައެވެ. ކަނާއަތަށް އެނބުރުނު ވަގުތު ފެނުނު މަންޒަރުން ނައުރީންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. “މަގޭ ދަރި!” ނައުރީންއަށް ބަނޑުގައި އަތްއަޅާ ބާރުކޮށްލަމުން ދެލޯ މަރާލެވުނެވެ. ފަހު ވަގުތުކޮޅުހެން ހީވެ ޝަހާދަތުގެ ދެކަލިމަ ކިޔައިލެވުނެވެ. ހިނދުކޮޅެއްގެ ތެރޭ ބާރު ސްޕީޑްގައި އައި ޕިކަޕް ނައުރީންގެ ގައިގައި ޖެހި ނައުރީން މާދުރަށް ވިއްސައިގެން ދިޔައެވެ. އެއާއިއެކު މުޅި ތަނުގައި ލޭގެ ކޯރެއް ހެދުނެވެ.

** **

“ނައުރީން” ދުވަމުން އެދިމާލަށް އައި އީނާ ބުނެލިއެވެ. “އަދިވެސް ބަލަން ތިބީތަ؟ ދެންވެސް އެންބިޔުލާންސަށް ގުޅާބަލަ ތިން ފުރާނަ ގެއްލުމުގެ ކުރިން” އީނާއަށް ހަޅޭލަވައިގަނެވުނީ މަންޒަރު ބަލަން ބައެއް މީހުން ތިބުމުންނެވެ. “އައްޗި، ތިފަދަ ނަޖިސް ހަރާން އެއްޗަކަށް އަހަރެން ނޫޅެން އެހީވާކަށް” މީހުންތަކުގެ ތެރެއިން މީހަކު ގޮވާލިއެވެ. ނަސީބު ކަންދިމާކުރި ގޮތުން ނަޒްޔަކްއަށް އެވަގުތު އެތަނަށް އާދެވުނެވެ. “ތިއްތިބޭ” އީނާއަށް ރޮއެގަނެވުނެވެ. ނަޒްޔަކް އަވަސް އަވަހަށް އެންބިޔުލާންސަށް ގުޅިއެވެ. ހިނދުކޮޅެއްގެ ތެރޭ އެންބިޔުލާންސް އައުމުން ނައުރީން ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ފެށުނެވެ.

** **

“ބޭބީސްގެ ވިންދު ދަށްވަމުން ދަނީ، އަވަހަށް ބޭބީސް ނެގޭނެ ގޮތެއް ހޯދަންވީ. އެހެންކަމުން އެބަޖެހޭ މި ފޯމުގައި ސޮއި ކޮށްލަން” ޑޮކްޓަރުގެ މޫނުމަތިން ހާސްކަން ފާޅުވަމުން ދިޔައެވެ. އީނާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ނައުރީންއާއި ދޭތެރޭ ތަންކޮޅެއް ބޮޑަށް ސަމާލުކަން ދެވުނު ނަަމަ މިހެން ނުވީހޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. “ހައު އެބައުޓް މަމް؟” އީނާއަށް އަހާލެވުނެވެ. “އޭނާގެ ގައިންވެސް ވަރަށް ގިނަ ލޭ ބޭރުވެފައި ވަނީ.” ޑޮކްޓަރު ބުނެލިއެވެ. ތުރުތުރު އަޅަމުންދިޔަ އަތަކުން އީނާއަށް އެފޯމުގައި ސޮއިކޮށްލެވުނެވެ.

** **

5 ގަޑިއިރު ފަސް

“އަލްހަމްދުﷲ. ދެ ބޭބީގެ ހާލު ރަނގަޅުވަމުން އަންނަނީ. ނާސަރީއަށް ލުމުގެ މަސައްކަތް ފަށައިފިން. އެކަމަަކު މަމް…” ޑޮކްޓަރަށް ބުނެވުނީ އެހިސާބަށެވެ. “މަމްގެ ލޭ މަނައެއް ނުކުރެވުނު. ވިހެވުމުގެ ތެރޭގައިވެސް އެކްސިޑެންޓުގެ ތެރޭގައިވެސް ހަށިގަނޑުން ގިނަ އަދަދެއްގެ ލޭ ބޭރުވެފައި ވާތީ އަޅުގަނޑުމެންގެ ޓީމުން ވަނީ އުއްމީދު ކަނޑާލާފައި. ހަމަ ވީހާވެސް އަވަހަކަށް މާލެ ގެންދިޔުމަށް ލަފާދޭނީ” ޑޮކްޓަރު ބުނެލިއެވެ. އީނާއަށް ޝަކުވާ ކޮށްލެވުނެވެ. އަބަދާއި އަބަދު އެއެކުވެރިޔާއަށް ހިތާމަ ލިބެނީ ކީއްވެ ހެއްޔެވެ؟ އެ ނިކަމެތި އަންހެން ކުއްޖާއަށް އުފަލެއް ހައްޤު ނޫނީ ހެއްޔެވެ؟

** *

ޓްރީޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގެ ކުރިމަތީ ނަޒްޔަކް ހުއްޓިލައިގެން ހުރިއިރު އެ މޫނުމަތިން އުދާސްކަމާއި މާޔޫސްކަން ފާޅުވޭވޭ ހުއްޓެވެ. އެވަގުތު އެތަަނުން ޑޮޮކްޓަަރު ނުކުތެވެ. “ވަަރަށް ކްރިޓިކަލް ހަާލަތުގައި އޮތީ. ދެ އޮޕަރޭޝަން ކުރަން އެބަޖެހޭ. ބަޓް..” ޑޮކްޓަރު މެދުކަނޑާލިއެވެ. ނަޒްޔަކް ކިހިނެއްވީތޯ އަހާލިއެވެ. “ވަރަށް އެކްސްޕެންސިވް. ފުރަތަަމަަ އޮޕަރޭޝަނަށް އަަށްލައްކަ ރުފިޔާ ބޭނުންވޭ. ދެވަނަ އޮޕަރޭޝަނަށްވެސް ތިންލައްކަ ވަރު ބޭނުންވާނެ. އެފޯޑް ވަންޏާމުން ލަަސްނުކޮށް މަސަައްކަތް ފަށަަންވީ.” ޑޮކްޓަރު ބުނެލިއެވެ. “ޚަަރަދުތަަކާއި ދޭތެރޭ ނުވިސްނަވާ. އަަޅުގަނޑު ޕޭ ކޮށްލާނަން” ފަނޑު ހިނިތުންވުމެއް ދެމުން ނަޒްޔަަކް ބުނެލިއެވެ.

** **

އޮޕަރޭޝަން ތިއޭޓަރުުގެެ ރަތްބޮކި ފެެހިބޮތްކަށް ބަދަލުވާނެ އިރަކަށް ނަޒްޔަކް އިންތިޒާރު ކުރަމުން ގެންދިޔައެވެ. ކުޑަ ދެކުދިންގެ ހާލު ބަލާލަން ނަޒްޔަކް އިނީ އީނާއަށް ގުޅާލައިގެންނެެވެ. “އަދި ހާލު ރަނގަޅުކަމަށް ބުނަނީ. ނޭވާ ލުމުގައި ދަތިތަކެެއް ހުރީމާ ނާސަރީގައި ބައިތިއްބާފައި ތިބީ. އަނެއްހެެން ދެ ބޭބީވެސް ވަރަށް ހެލްތީ ކަމަށ ބުނަނީ” އީނާ ބުނެލިއެވެ. ނަޒްޔަކް އެ ބޮތްކަށ ބަލަހައްޓައިގެން އިންދާ ފެއްސަށް އެބޮކީގެ ކުލަ ބަދަލުވިއެވެެ.. “އީން މަޑުކޮށްލާ ތިއްތިބެ އެބައަންނަން. ޑޮކްޓރުވެސް ނުކުމެއްޖެ” ނަޒްޔަކް ބުނެލިއެވެ. ފޯނު ކަނޑާލުމަށްފަހު އޭނާ ދިޔައީ ތިއޭޓަރުން ނުކުތް ޑޮކްޓަރުގެ ގާތަށެވެ. “އަލްހަމްދުﷲ އޮޕަރޭޝަންތައް ކާމިޔާބު.. އެކަމަކު.24 ގަޑިއިރު ތެރޭ ހޭނާރައިފިނަމަ ކޯމާއަކަށް ދިޔުމުގެ ފުރުސަތު ބޮޑު” ޑޮކްޓަރު ބުނެލިއެވެ. ނަޒްޔަކަށް ﷲ އަށް ހަމްދު ކޮށްލެވުނެވެ. އަދި ނަައުުރީންގެ ހާލު އިތުރަށް ރަނގަޅުވުމަށް އެދިި ދުއާކޮށްލެވުނެވެ.

*****

24 ގަޑިއިރު ފާއިތުވެގެން ގޮސްފިއެވެ. އަަދިވެސް ނަައުރީން ހޭއެރި ޚަަބަރެއ ނުލިބެއެވެ. އެހެންކަމުން ނަޒްޔަކްގެ ހިތް ރޮމުން ދިޔައެވެ. ހޭއެރުމުން ގުޅުމަށް އީނާވެސް ވަނީ އެދިފަައެވެ. ހުއްޓމެއްނެތި އީނާ ދިޔަައީ ނަޒްޔަކްގެ ފޯނަަށް ގުޅަަމުންނެވެ. ޑޮކްޓަރު އަައިސީޔޫން ނުކުމެ ނައުރީން ހޭއެރި ޚަަބަރު ދިނެވެ. ވަގުތުން

ނަޒްޔަކް ޝުކުރުގެ ސަޖދައެއް ޖެހިއެވެ. އެންމެނާއި ގުޅާ އެ ޚަބަރު ހިއްސާކުރިއެވެ. ނަޒްޔަކް ޑޮކްޓަރުގެ ހުއްދައާއިއެކު އައިސީޔޫގެ ތެރެއަށް ވަނެވެ. ވަރުބަލިކަމާއެކު ދެލޯ ހުޅުވާލައިގެން އޮތް ނައުރީންފެނި ނަޒްޔަކްގެ ތުންފަތުގައި މައުނަވީ ހިނިތުންވުމެއް ކުޅެލިއެވެ. “ބޭބީމެން ކޮބާ؟” ނަޒްޔަކް އެއްޗެކޭ ބުނަން އަނގަ ހުޅުވައިލިތަނާ ނައުރީން އަހާލިއެވެ. “ރަށު ހޮސްޕިޓަލްގެ ނާސަރީގައި ތިބީ، އިރާދަކުރެއްވީތީ ހާލު ރަނގަޅު. ރީން ބޭނުމިއްޔާ ވީޑިއޯޯ ކޯލެއްް ކުރެވިދާނެ” ނަޒްޔަކް ފޯނު ހުޅުވާލަމުން ބުނެލިއެވެ. ނައުރީން ދަރިން ދެކެލަން ބޭނުމޭ ބުނުމުން ވީޑިއޯ ކޯލް ކުރިއެވެ. އެ ފުށްގަނޑެއްފަދަ މައުސޫމް ދެފުރާނަ ފެނުނު ވަގުތު ނައުރީންގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލިއެވެ. ދެއްވި ނިއުމަތަށް ޓަކައި އެތައް ފަހަރަކު ﷲ އަށް ހަމްދު ކުރިއެވެ.

** **

ހާލު ރަނގަޅު ވުމާއިއެކު ނައުރީން ބޭނުންވީ ކުރެވުނު ފާފައިގެ އަދަބު ލިބިގަންނާށެވެ. މާލޭގެ ކޯޓަކަށް ގޮސް ނައުރީން 100 އެތިފަހަރުން ހައްދު ޖެހިއެވެ. ހައްދު ޖެހުމާއިއެކު ކޮޅަށް ހުންނަން ދަތިވި ނަމަވެސް ބުނެދޭން ނޭނގޭ ހަމަޖެހުމެއްވެސް ހިތަށް އިހްސާސް ކުރެވުނެވެ.

** **

އޭގެ ދެދުވަސް ފަހުން އީނާ، އަސްމާ އަދި ނުހައިކް މާލެއައީ ނައުރީންގެ ދެކުދިންވެސް ގޮވައިގެންނެވެ. އަދި އެމީހުން އީނާއަށް ކިޔަވައިދިނުމަށްޓަކައި މެލޭޝިޔާއަށް 7 އަހަރަށް ބަދަލުވާ ވާހަކަ ބުންޏެވެ. އަދި ނައުރީން ގާތުވެސް މެލޭޝިޔާއަށް ދިއުމަށް އެދުނެވެ. ނައުރީން ވަކި ޖަވާބެއް ނުދީ އިސްޖަހާލިއެވެ. “އީންގެ ފެމިލީ މިހާރުވެސް އަހަރެންނަށް އަގު އަދާނުކުރެވޭ ފަދަ އެތައް ކަމެއް ކޮށްދީފި. ސޮރީ ތިކަން ޤަބޫލު ކުރެވޭކަށް ނެތް” ނައުރީން ބުނެލިއެވެ. “އަހަރެން ހީކުރީ ރީން ދެކެނީ އަހަރެންގެ އާއިލާއަކީ ވެސް ހަމަ ރީންގެ އާއިލާ ކަމަށް.” އީނާ ބުނެލިއެވެ. “ނޫން އަހަރެން ހަމަ ދެކެނީ ތިއީވެސް އަހަރެންގެ އާއިލާ ކަމަށް. އެކަމަކު” ނައުރީންއަށް ބުނެެވުނީ އެހިސާބަށެވެ. “އެކަމަކު މިކަމަކެއް ކިޔާނެކަމެއްނެތް، އަހަރެންގެ އެކުވެރިކަން ބޭނުންނަމަ އެއްބަސްވާންވީ” އީނާ ބުނެލަމުން ނައުރީންއާއި ދުރަށް ހިނގައިގަތެވެ. “ދޭންންން. ވައި އާޔޫ ފޯސިން މީ. މައްސަލައެއް ނެތް. އަހަރެން އެއްބަސްވެފާނަން” ނައުރީން އެންމެފަހުން ބަލި ޤަބޫލު ކުރިއެވެ. އީނާ ހެވިލާފައި އައިސް ނައުރީންގެ ގައިގައި ބައްދާލިއެވެ. “ޔޭއި. ޔޫ އާ މައި ބެސްޓް ފްރެންޑް” ދެއެކުވެރިން އެކުގައި ހީނލިއެވެ.

** **

ގޭތެރޭގައި ކުރިއަށް ދިޔައީ ނައުރީންގެ ދަރިންނަށް ނަންކިޔުމުގެ ކުޑަކަޑަ ހަފްލާއެކެވެ. އެތަނުން ކުޑަ ކުއްޖާއަށްކީ ފާތިމަތު ނާޔާ އެވެ. ބޮޑު ކުއްޖާއަށްކީ އައިމިިނަތު ނާލާއެވެ. އުފަލާއެކު އެ ހަފްލާ ނިންމާލުމަށްފަހު އެމީހުން ތައްޔާރުވީ މާދަމާގެ ދަތުރަށެވެ.

*****

ޗެކިން ނިމިގެން ބޯޑިިންއަށް ގޮވަންދެން ނައުރީންއާއި އީނާ އިނެވެ. އޭރު ނާލާ އުރާލައިގެން ނަޒްޔަކް ހުރިއިރު އަސްމާ އިނީ ނާޔާ އުރާލައިގެންނެވެ. ނުހައިިކް ހުރީ ތަންކޮޅެއް ދުރުގައިި ފޯނެއްގައިއެވެ. ދެގަޑިއިިރެއްގެ ތެރޭ ބޯޑިންއަށް ގޮވުމުން ނައުރީންމެން ބޯޓަށް އަރަން ދިޔައެވެ. ސީޓުގައި ހަމަޖެހެލެވުމާއެކު ބޯޓު ނައްޓާލަން އުޅޭކަން އިއުލާނުކުރިިއެވެ. ބޯޓިު ރަންވޭއިން އެރިވަގުތު ގެއްލެމުންދިޔަ ކުދިކުދި ޖަޒީރާ ރަށްތަކަށް ބަލާލެވުނެވެ. އެއިރު ނައުރީންއާއި އީނާގެ ހިތުގައިވެސްވީ އެއް އަޒުމެކެވެ. މޮޅަށް ކިޔަވައިގެން ގައުމަށް ހިދުމަތްކުރަން އައުމެވެ. ރާއްޖެއަށް ބަލާލާފައި ނައުރީން ހިތިގޮތަކަށް ހިނިތުންވެލިއެވެ. އެއީ އޭނާގެ އެތައް ހަނދާންތަކެއް ރައްކާކުރެވިފައިވި އުފަން ފަސްގަނޑެވެ. ފަހުފަހަރަށް ގެއްލެމުން ދިޔަ ރާއްޖެއަށް ބަލާލިިއެވެ. ލޮލަށް ޖަމާވި ކަރުނަތައް ފޮހެލަމން ދެލޯ މަރާލިއެވެ. މާޒީގެ ހަނދާންތަކުން ދުރުވެލާ ކާމިޔާބު މުސްތަގުބަލަކަށް އެދެމުންނެވެ.

** **

7 އަހަރު ފަސް…….

 

=ނުނިިމޭ=

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rain lover

Level 310 Stories100 Comments100 Login

hey I'm fizzy,

Other Articles

Previous

ހައިދަރު-4

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ނުވަދިހަ އެއްވަނަ ބައި)

Next
December 5, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ނުވަދިހަ އެއްވަނަ ބައި)

Previews
December 4, 2021

ހައިދަރު-4

2 Comments!

  1. mariyam nausheen says:
    December 5, 2021 at 1:12 pm

    Omg…… Varah dhuvas kohfa mi vaaahaka mi kiyan libunee…. Varah reethi vaahaka eh mee

  2. widhaadhaa ismail says:
    December 5, 2021 at 4:19 pm

    masha allah mi part ves varah reethi. keep up your hard work. ❤️❤️❤️❤️
    waiting for the next part ?

Comments are closed.

Next Episodeބޭވަފާތެރި ވުމުން ޔާރާ 12، 13، 14←


All Right Reserved!