
ބޭވަފާތެރިވުމުން ޔާރާ – 8
“ވެލް ވެލް ވެލް! އަހަރެންގެ ދެވަނަ ސިއްރުވެރި ހަގީގަތްވެސް އެނގުނީނު” ރަޔާންގެ އަޑާއެކު ނައުރީން ދިޔައީ އެއްލިގެންނެވެ. “ޔޫ.. އަރ.. ރަޖުއާންގެ ދޮން..ބެ” އަޅައަޅައިގަންނަމުން ނައުރީންއަށް ބުނެވުނެވެ. މިއީ ބިރުވެރި ހުވަފެނަކަށް ވާނެނަމަ ކިހައި ރަނގަޅު ހެއްޔޭ އޭނާގެ ހިތަށް އެތައް ސަތޭކަ ފަހަރަކު އެރިއެވެ. ނަފްސަށް ލިބުނު ސިހުމުގައި ބަސްހުއްޓި އާގަމަވިއެވެ. “އާނ. އަހަންނަކީ މުހައްމަދު ރަޖުއާން ރަމީޒުގެ ލޯބިވާ ދޮންބޭބޭފުޅު އިސްމާއީލް ރަޔާން ރަމީޒް. ސައީދާއާއި ރަމީޒުގެ ކައިވެންޏަށް ލިބުނު ފުރަތަމަ ދަރިފުޅު” ރަޔާން އެއްމިޔަކަނިން ހީނލަމުން ބުނެލިއެވެ. ކަންތައްތައް ވަމުން މިދަނީ ކިހިނެއް ހެއްޔެވެ؟ ކަމުގެ ދޮންކަަޅުމިން ވެސް އޭނާއަށް ރެއަކާނުލައެވެ. ހާމަވީ ހަގީގަތާއެކު ލިބުނު ސިހުން ބޮޑުވި ފަދައެވެ. ޤަބޫލު ނުކުރެވިފައި އެތައް އިރަކު ހުއްޓެވެ. “ކިހިނެއްތަ މިވަނީ؟ ވާގޮތް އަހަންނަށްވެސް ކިޔާދީބަލަ.” ނައުރީން ކުޑަ ހަޅޭކަކާއެކު ބުނެލިއެވެ. “ހެހެހެހެ. އަދި ވާގޮތް ނޭނގިގެން އުޅޭވަރެއް ނުވެޔޭ ރީން.. ފުރަތަމަ މި ކިޔައިދޭ ވާހަކަތަކުގެ ސަބަބުން ކެތްކުރެވޭނެހޭ އަހާލަން ބޭނުން. އަހަންނާ ބެހޭ ކަމެއްވެސް ނޫން ކެތްނުކުރެވިގެން އަމިއްލައަށް މަރުވުމަކީ” ރަޔާން ބުނެލިއެވެ. ނައުރީން ބޯޖަހާލީ ކެތްކުރެވޭނެޔޭ ބުނުމުގެ ގޮތުންނެވެ.
______
މާޒީގެ ސަފްހާއެއް
ޖަލުން ސަލާމަތްވީ ދުވަހު އަނެއްކާވެސް ރަޔާން އަޒުމް އާކުރިއެވެ. ނައުރީން ފަޟީހަތްކޮށްލުމަށެވެ. މަންމަ ސައީދާ ގާތު ދޮގުހަދާފައި އިތުރު އަހަރެއް އެރަށުގައި މަަޑުކުރާ ވާހަކަ ބުންޏެވެ. ސައީދާއަކީ އެއް އިރެއްގައިވެސް ދަރީންގެ އުފަލަށް ހުރަސްއެޅި މައެއް ނޫންކަމުން އެފަހަރުވެސް ދަރިފުޅަށް އެރަށުގައި މަޑުކުރުުމުގެ ހުއްދަ ދިނެވެ. ފަރުދާގެ ފަހަތުގައި ކުޅެވެމުންދިޔަ ކުޅިވަރުގެ ހިލަމެއްވެސް ސައީދާއަކަށް ނުވެއެވެ. މާލެ އައިއިރު އޭނާގެ ލޯބިވާ ކޮއްކޮ އެއާޕޯޓުގައި ބަލައި އައިސް ހުއްޓެވެ. ހުރިހާ ހަގީގަތެއް އެނގޭ ހަމައެކަނި މީހަކީ ރަޖުއާނެވެ. “ދޮންބޭ. އާ ޔޫ އޯކޭ؟” ރަޖުއާން އަހާލިއެވެ. ބަދަލުގައި ރަޔާން އެއްވެސް ޖަވާބެއް ނުދިނެވެ. ރަޖުއާންގެ މޫނަށް ބަލަހައްޓައިގެން ހުރީއެވެ. އެހިތުގައި ހިނގަމުން ދިޔައީ ކޮންފަދަ އިހްސާސްތަކެއް ކަމެއްވެސް ނޭނގެއެވެ. “ދޮންބޭ…” ހާސްވެފައިވި އަޑަކުން ރަޖުއާނަށް ގޮވާލެވުނެވެ. ރަޔާން ސިއްސައިގެން ދިޔައެވެ. “ސޮރީ! ކޮބާތަ މަލްސާ ފަހަރި. އެންމެންގެ ހާލުވެސް ރަނގަޅު ދޯ” ރަޔާން ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ގެނުވިއެވެ. “އާނ ދޮންބޭ. މަލްސާވެސް ރިޔާވެސް ރަނގަޅު. އެކަމަކު މަންމަ އެންމެ ފަހުން ދެއްކިއިރު ލޭ ކުޑަކޮށް މައްޗަށް ގޮސްފައި ހުރި ވާހަކަ ޑޮކްޓަރު ބުނުއްވި.” ރަޖުއާން ބުނެލިއެވެ. “އެހެންތަ؟” ރަޔާން އަނެެއްކާވެސް ފުންވިސްނުމަކަށް ގެއްލުނެވެ.
** **
އެތައް ދުވަހަކަށްފަހު ރަޔާން ފެނުމުން ސައީދާއަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބުނެވެ. އެދަރިފުޅު ގައިގައި ލޯބިން ބައްދާލިއެވެ. “ހޫމް. މަންމަގެ ފޭވަރިޓު ދަރި އައީމަދެން އަހަރެމެން މަތިން ހަނދާންވެސް ނުވާނެ ދޯ ކުޑަބޭ” ރަޖުއާނަށް ދޯއެއް ދެމުން ރިޔާޝާ ބުނެލިއެވެ. “ހޫންހޫން. ދޮންބެ މިދަނީއޭ. މަންމަގެ ބޮޑުނުވާ ބޭބީގަނޑު ދޭބަލަ މަންމަ ގައިގައި ބައްދައިގެން އޮންނަން” ސަމާސާ ރާގަކަށް ރަޔާން ބުނެލިއެވެ. ރިޔާޝާ ތުން އަނބުރާލަމުން ފޫހިއަޑެއް އަނގައިން ލައްވާލިއެވެ. “އާން. ދޮންބެއަކަށް ނޭނގޭ މި ވާހަކަ ބުނާނެ ގޮތެއް. އެކަމަކު މިރޭ އެވާހަކަ ދައްކާނަން. ޓެރަސްއަށް އަންނައްޗޭ 10 ޖަހާއިރު.” ރަޔާން ބުނެލިއެވެ. ދޮންބެ އަނެއްކާ ދައްކަން އެއުޅެނީ ކޮންކަހަލަ ވާހަކައެއް ބާވައެވެ؟ ރަޖުއާންގެ ހިތްް އެކި ކަހަލަ ޝައްކުތަކާއި ވަހުމް ތަކުން ފުރާލިއެވެ. “އެންމެ ރަނގަޅު” ރަޖުއާން އެއްބަސްވިއެވެ.
** **
“ކުރިންވެސް ބުނިހެން ދޮންބެއަކަށް ނޭނގޭ މި ވާހަކަ ބުނާނެ އިތުރު ގޮތެއް.” ރަޔާން ބުންޏެވެ. ދެމީހުންވެސް ތިބީ ޓެރަހުގައެވެ. ހަނދުވަރުގެ ރިހި އަލިން މުޅި ތަނަށް އަލިކަން ގެނެސްދީފައި ވެއެވެ. “ކޮން ވާހަކައެއްތަ އަނެއްކާ؟ ދޮންބެ އަހަރެން ބިރުގަނޭ އެބަ މިހާރު” ރަޖުއާން ފާޑަކަށް ބުނެލިއެވެ. “އަބަދުވެސް ތިއީ ދޮންބެގެ އެންމެ ލޯބިވާ ކޮއްކޮ. އެކަން ބަދަލެެއް ނުކުރެވޭނެ. ރަޖުއާންއަށްވެސް އޮތީ ދެގޮތް” ރަޔާން ދިޔައީ އިތުރަށް ރަޖުއާންގެ ހިތް ތަޅުވަމުންނެވެ. “ދޮންބޭ! ދެން ތި ބުނަން އުޅޭ އެއްޗެއް ބުނެބަލަ” ރަޖުއާން ހިތްއަވަސްވެފައިވާ ހާލު ބުނެލިއެވެ. “ދޮންބެ ކީމެއްނު ނައުރީންގެ ވާހަކައެއް. އޭނަޔާއި ހުރެ ދޮންބެއަށް ޖަލަށް ދާން ޖެހުނީ. ދޮންބެ ބޭނުމީ އޭނާގެ ކިބައިން ބަދަލު ހިފަން. އެކަމަށް ބޭނުންވަނީ ރަޖުއާންގެ އެހީ” ރަޔާން ފުން ނޭވާއެއް ދޫކޮށްލަމުން އުޑުމަތީ ހުރި ތަރިތަކަށް ނަޒަރު ހިންގާލިއެވެ. “ކޮން ގޮތަކުން. އަހަރެން ކީއްތަ ކޮށްދޭންވީ” ރަޖުއާން ބުނެލިއެވެ. “ރަޖުއާން ޖެހޭނީ ކުޅުދުއްފުއްޓަށް ދާން. މައުލޫމާތު ލިބިފައިވާ ގޮތުން މިހާރު ނައުރީން މެންގެ ގެއަކީ ކޮޓަރި ކުއްޔަށްދޭ ގެއެެއް. މީހަކަށް ޝައްކުވިޔަ ނުދިނުމަށްޓަކަައި އެބަޖެހޭ އެރަށުގައި ގެސްޓް ހައުސް ޕްރޮޖެކްޓެއް ފަށަން. ރަޖުއާން އޭނާއަށް ކަތި ސިގްނަލްތައް ދޭންވީ. އޭރުން އޭނާ ރަޖުއާންގެ ލޯތްބަށް އެދެން ފަށާނެ. ދެން އޭނާއަށް ލޯބި ހުށަހަޅާ. ވަގުތުން އާނބަސް ބުނާނެ ކަމުގެ ޔަޤީންކަން މަގޭ ހިތުގައި އެބައޮތް. ދެން ކޮންމެވެސް ހަނި ފުރުސަތެއް ހޯދުމަށްފަހު ނައުރީނާއި ގާތްވޭ. އަދި އޭނާ ބަނޑުބޮޑު ކޮށްލެވެން ރަޖުއާންގެ ފަރާތުން ކުރެވެން ހުރި ކަމެއް ވިއްޔާ ކުރޭ. އޭރުން ދުވަސްކޮޅަކުން މާބަނޑުވެ ރަށަށް ފަޟީހަތްވާނެ” ރަޔާން ނުހަނު ސާފުކޮށް ކަންތައް ކުރަންވީ ގޮތް ކިޔައިދިނެވެ. “ވަޓް؟ ނޫން. ދޮންބެ މޮޔަވީތަ؟ ދޮންބެ އެހެން ނޫޅުނުނަމަ ދޮންބެ ފަޟީހަތެއް ނުވީހެއްނު. އެއީ ދޮންބެ އަމިއްލައަށް ބުއި ބޮނޑިއެއް. ތި ދޭތެރެއަށް އަަހަރެން ވައްދަން ނޫޅޭ. އެހެންނޫނަސް އަހަރެންނަކީ މީހެއްގެ ފިރިއެއް، އަނެެއްކާ އެ އަންހެން ކުއްޖާއަށް އެހެން ހަދައިފިިނަމަ އެކުއްޖާއަށް އެދެވެނީ ކޮންފަދަ ބޮޑު ނިކަމެތިކަމެއް. ތިހެން ބުންޏެއްކަމަކު އަހަރެންވެސް ފަޟީހަތް ނުވާނެ ކަމުގެ ކިހާ ޔަގީންކަމެއް ދޮންބެއަށް އޮތީ. އަަހަރެން ނެތިން ތި މަޅީގައި ބެދި ހައްޔަރު ވާކަށް.” ރަޖުއާން ގާތަށް ރުޅިއައެވެ. އަދި ފާޅުގައި އެކަމަށް އިންކާރު ކުރިއެވެ. “ބައްޔެއްނު. ކަލެއަށްވެސް މިކަމަށް އެއްބަސްވުން ނޫން ގޮތެއް ނޯންނާނެ. ދެގޮތެއް އޮތީ ކަލެޔަށް. ކުންފުނީގެ ހިއްސާ ބެހިއިރު މަންމަ ހިއްސާ ބޭނުމެއް ނުވި. އެހެންނު. މަށަށް ބައްޕަ ދިން 40 ޕަސެންޓް. ކަލެޔަށާއި ރިޔާޝާއަށް 30 ޕަސެންޓު. ވާހަކައަކީ.. ކަލޭ މިކަމަށް އެއްބަސް ވެއްޖެޔާ މަ ކަލެޔަށް މަގޭ ހިއްސާގެ 10 ޕަސެންޓު ދޭނަމޭ. އެއްބަސް ނުވެއްޖެޔާ ވިޔަފާރީގެ އިސްވެރިޔާގެ ހައިސިއްޔަތުން ކަލޭގެ އަތުން 10 ޕަސެންޓް އަތުލެވޭނެ. މިކަން ކުރާނީ ކިހިނެއް ކަން އޮތީ ހަމަ ކަލޭގެ އަތްމަތީގައި.” ރަޔާންގެ ގާތަށް ރުޅިއައިވަރުން އެހެންޏާ ކޮއްކޮއާއި ދިމާލަށް ނުކިޔާ އެއްޗެހިވެސް ކިޔެވެ. ރަޖުއާންގެ ހިތަށް ‘ކަލޭ’ މި ލަފްޒު ބޭނުންކުރުމުން ފުދޭވަރަކަށް އަސަރު ކުރިއެވެ. “ގާތްގަނޑަކަށް ހީކޮށްލާ މިއީ ވިޔަފާރި އެއްބަސް ވުމެކޭ” ރަޔާން އިތުރުކޮށްލިއެވެ. “މައްސަލައެއް ނެތް. އަަހަރެން އެއްބަސް. ދޮންބެއަށް އެނގެޔެއްނު މަވެސް ވިސްނާނީ ދުނިޔަވީ ފައިދާއަށްކަން” ރަޖުއާން ހީނލަމުން ބުނެލިއެވެ. ދެމީހުން އެކުގައި ވިހަގަދަ ހިނިގަނޑެއް ޖަހާލީ ނިޔަނެތި އަންހެން ކުއްޖެއްގެ ދިރިއުޅުމަށް ޒަހަރުލާން ތައްޔާރު ވަމުންނެވެ.
_______
މިހާރު
“ތިއީ ކަލޭމެން ދެމީހުންގެ މަކަރުވެރި ރޭވުމެއްތަ؟ އަަހަރެންނަށް ތިކަމުން ލިބުނު ހިތާމައާއި ސިހުމެއް ނޭނގޭތަ؟ ކުޅެވުނީ ކުށެއް ނެތް މައުސޫމް އަންހެން ކުއްޖެއްގެ ދިރިއުޅުމަކާއި ކަމެއް ނޭނގޭތަ؟” ނައުރީނަށް ރޮވުނެވެ. “ހެހެ. ޔެސް. ތެދަށް ބުނަންޏާ އަހަންނަށް ތިހުރިހާ ކަމެއް އެނގޭ. އަދި ތިކަމާއި ދެރައެެއްވެސް ނުވޭ. ތިކަން ތިހެން ނުކުރެވުނު ނަމައޭވެސް ހިތަކަށް ނާރާ. ދުވަސްކޮޅަކުން އަހަރެން ތަހައްމަލްކުރި ލަދުގެ ދުވަސްތައް ނައުރީންވެސް ތަހައްމަލް ކުރަން ޖެހޭނެ” ރަޔާން ބުނެލިއެވެ. “ދެން ތިބުނީ އާން އަހަރެންދެކެ ލޯތްބެއް ނުވެޔޭތަ؟” ނައުރީނަށް އަހާލެވުނެވެ. ޒަހަރަށްވުރެ ހިތި އެ ހަގީގަތް ގަބޫލުކުރަން އޭނާގެ ހިތް ދެކޮޅު ހަދަނީއެވެ. “އާނ. ލޯތްބެއް ނުވޭ. އޭނާގެ ދިރިއުޅުމަށް ވަންނަން ނަހަދާތި. އޭނާގެ އަންބެއްވެސް ހުރޭ. އޭނަ އިނީ ބަލިވެ، ބަނޑަށް 5 މަސް” ރަޔާން އަސަރެއް ނެތް ގޮތަކަށް ބުނެލިއެވެ. އެއާއެކު ނައުރީންގެ ނާޒުކު ހިތް ވަޅިއަކުން ކޮށާ ކުދިކޮށްލިފަދަ އިހްސާސެއް ކުރެވުނެވެ. ރަޖުއާން އޭނާއަށް އެހާބޮޑު އޮޅުވާލުމެއް އޮޅުވާލީ ކީއްވެ ހެއްޔެވެ؟ ގައިމު އޭނާ ރަޖުއާންދެކެ ވީ ހަގީގީ ލޯބި ވިއްޔާއެވެ. އޭނާގެ ކުށެއްނެތި އެފަދަ ބޮޑު އަނިޔާއެއް އޭނާއަށް ލިބުނީ ކީއްވެ ހެއްޔެވެ؟ މިދުނިޔެމަތީ އޭނާއަށް އެއްވެސް އުފަލެއް ލިބުން ހައްގު ނޫނީހެއްޔެވެ؟ މިފަދަ އެތައް ސުވާލުތަކަކުން އޭނާގެ ހިތް ފުރެމުން ދިޔައެވެ. މޭ ފިތެމުންދާ ފަދަ އިހްސާސެއް އޭނާއަށް ކުރެވުނެވެ. ހިތަށް ކުރި އަސަރުން އަނގަމަތީ އަތްއަޅައިގެން ހުރެ އެތަނުން ނުކުތުމަށްފަހު ދުއްވައިގަތެވެެ. ރަޔާން ނުލަފާ ހިނިގަނޑެއް ޖަހާލިއެވެ. އަދި ކަލަންޑަރު ބަލާލިއެވެ. ފެބްރުވަރީ މަސް ނިމެން އޮތީ 2 ދުވަހެވެ. އޭނާގެ މަގްސަދު ހާސިލްވާންވެސް ދެތިން ދުވަހެވެ. އުފަލުގެ ކޮޅެއް ނެތެވެ.
** **
ރޮމުން ރޮމުން ގެއަށްވަތް ނައުރީން ފެނި ސޯފާގައި ތިބި ޝާހާއާއި އީނާއަށް ކަމެއް ގޯސްވެއްޖެ ކަމުގެ އިންޒާރު ލިބުނެވެ. އަވަސް އަވަހަށް ނައުރީންގެ ފަހަތުން ކޮޓަރިއަށްވަދެ އެނދުގައި އިށީނދެލިއެވެ. “ކިހިނެއްވީތަ ރީންް؟” އީނާ އަހާލިއެވެ. “އެކަކުވެސްް އަހަރެންްގެ ހާލު ބަލާނެކަމެއް ނެތް. މިދުނިޔޭގައި އަހަރެންދެކެ ލޯބިވާނެ މީހަކު ނެތް” ނައުރީން ގިސްލަމުން ބުނެލިއެވެ. “ކިހިނެއްްތަވީ؟ ބުނީމއެއްނު ކަމެއްް ކޮށްދެވޭނީވެސް” ޝާހާ ބުނެލިއެވެ. އެއާއެކު ނައުރީންގެ ރުއިން ބާރުވެލިއެވެ. އަދި އެނދުމަތިން ތެދުވެ އިށީނދެލަމުން މޮހިފައިވާ އިސްްތަށިގަނޑު އައްސާލިއެވެ. އަދި ވީ ހުރިހާ ކަމެއް އަކުރުންް އަކުރަށް ކިޔައިދިނެވެ. “ސުބްހާނަﷲ. ކޮންފަދަ ނުބައި ބައެއް. އެވަރުގެ ކަމަކާއި ރީންއަށްް އެވަރު އެކޮށްލީ. ޕިސްޕިސްްް. އެހެންނޫނަސް އެއީ އޭނަ އަމިއްލައަށް ބުއި ބޮނޑިއެއްނު.” އީނާ ބުނެލިއެވެ. “ތެދެއް. ބޭވަފާތެރިއަކަށްޓަކައި ތިލޮލުގެ އަގުހުރި ކަރުނަތައް ހުސްްނުކުރޭ. ހިތްްްވަރުކޮށް ދުނިޔެއާއި ކުރިމަތިލާ. އަހަރެމެން މިތިބީ ނައުރީންއާއެކު” ޝާހާ ބުނެލިއެވެ. އެމީހުންގެ ވާހަކައިން ހަޤީޤީ އެކުވެރިންނަކީ ކޮބައިކަންްް އެނގި ހާމަވާނެއެެވެ. “ޕިސްޕިސް. އަދި މީހެއްގެ ފިރިޔެކޯ، ހާދަ ހަޔާތްވެސް ކުޑައޭ” އީނާ އަނގައިންްް ފޫހި އަޑެއް ލައްވާލަމުން ބުންޏެވެ.
** **
ޝާހާއާއި އީނާ ކޮޓަރިން ނުކުތުމާއެކު ނައުރީންގެ ހަފަރާތުން ހިތާމަވެރިކަން އައިސް ވަށާލިފަދައެވެ. ނާއުއްމީދުން އެހިތް އިތުރަށް ބަލިކަށި ކުރުވަމުން ދިޔައެވެ. މިދުނިޔެމަތީ އޭނާއަށް އުފަލެއް ލިބުން ނެތީ ހެއްޔެވެ؟ ތަޤްދީރު އޭނާއާއި ކުރަނީ ކޮންފަދަ ނުބައި ސަމާސާއެއް ހެއްޔެވެ؟ އޭނާއަށް ލޯބި ހައްޤު ނޫނީ ހެއްޔެވެ؟ ލޯބިން އެހިތުގައި ލެވިފައިވި ޒަޚަމްތައް ފަސޭހަކޮށްދޭނެ މީހެއް ނެތީ ހެއްޔެވެ؟ ފިސްފިސް ވެފައިވާ ހިތް އުފާކޮށްދޭނެ ބައިވެރިޔަކު ނެތީ ހެއްޔެވެ؟ ތަފާތު ސުވާލުތަކުން އޭނާގެ ހިތް ޝަކުވާ ކުރަމުން ގެންދިޔައެވެ. އެކި ޚިޔާލުތަކުގައި އޮއްވާ އޭނާާގެ ވިސްނުމަށް އައީ ހީނުކުރާހާ ނުރައްކާތެރި ކަމެކެވެ. ކުފުރުގެ އަމަލެކެވެ. “މިދުނިޔޭގައި އަހަންްނަށް އަޅާލާ އޯގާތެރިވެ ލޯބިދޭނޭ މީހަކު ނެތް.” އެއްދިމާލަކަށް ބަލަހައްޓައިގެން ހުރެ މޮޔަޔަކު ފަދައިން ނައުރީން ކިޔަމުުން ގެންދިޔައެވެ. މިހެން ކިޔަމުން ގޮސް ފާހާނާ ދޮރު ހުޅުވާލަމުން ފާހާނައަށް ވަނެވެ. އެއާއެކު އޭނާގެ ނަޒަރު ހުއްޓިގެން ދިޔައީ ފާހާނާ ސާފުކުރާ ފުޅިއަށެވެ. ބަލާކަށް ނުހުރެ އެނަގާ އޭގެ މަތި ހިއްލާލިއެވެ. ފުޅީގައި ތުންޖަހަމުން އެ ބޯން ފެށިއެވެ. ފުޅީގެ މެދާއި ހިސާބަށް ދިޔަތަނާ ޚަބަރު ހުސްވެގެން ނައުރީން މުށިގަނޑު މައްޗަށް ވެއްޓުނެވެ.
** **
ދަބަސް ނަގައިގެން މަލްސާ ލިފްޓާއި ދިމާލަށް ހިނގައިގަތެވެ. “އާން. މިދަނީ އިނގޭ. ތިރީގައިދޯ ތިހުރީ.” ވާހަކަ ދައްކަމުން މަލްސާ ލިފްޓަށް އަރަން ވެގެން އުޅެއުޅެ ލިފްޓް މަސައްކަތެއް ނުކުރިއެވެ. ހޮސްޕިޓަލަށް ދާ ގަޑިޖެހެމުން ދާތީ މަލްސާ ނިންމީ ސިޑި ބޭނުން ކުރާށެވެ. ފޯނަށް ބަލައިގެން ހުރެ އަވަސްއަވަހަށް ސިޑިން ފައިބަން އުޅެނިކޮށް ދެ ހަރުފަތް ދޫކޮށްލެވުނެވެ. އެއާއެކު އޭނާ ސިޑިން ވެއްޓުނެވެ. ފުރޮޅެމުން ފުރޮޅެމުން ގޮސް އެންމެ ތިރިއަށް ވެއްޓުނެވެ. “މަންމާ……” ބަނޑުން ނަގައިގަތް ދިލަ ތަދާއެކު މަލްސާއަށް ގޮވާލެވުނެވެ. އެފަދަ ވޭންހުރި ތަދެއް ދުވަހަކުވެސްް މަލްސާ ތަހައްމަލެއް ނުކުރެއެވެ.
** **
“ނައުރީން.” މާ ގިނައިރު ވަމުން ދާތީ އީނާ އެ ކޮޓަރިއަށް ވަނެވެ. ފާހާނައިގާ ކަމަށް ހީކޮށް ލައްކަ އިރު ހުރެވިއްޖެއެވެ. ފެންއޮހޭ އަޑުވެސް ފާހާނާއިން ނީވުނެވެ. އެއާއެކު އޭނާގެ ސިކުނޑި ނުބައި އިންޒާރެއް ދިނެވެ. ފާހާނާ ދޮރުގައި ހިފާލިއިރު ދޮރު ހުރީ ތަޅުނުލައެވެ. ދޮރު ހުޅުވާލުމާއެކު ފެނުނު މަންޒަރުން އޭނާއަށް ހަޅޭލަވައިގަނެވުނެވެ. ނައުރީން މުށިގަނޑު މައްޗަށް ވެއްޓިފައި އޮތްއިރު އަނގައިން ހުދު ފޮނުތަކެއް ނުކުންނަމުން ދިޔައެވެ. ދެލޯ ހުޅުވިފައި ހުރިއިރު ވިންދު ހުރިތޯ އޭނާ ޔަޤީން ކުރިއެެވެ. މަޑުމަޑުން ނަމަވެސް ވިންދު ހުއްޓެވެ. އަވަސް އަވަހަށް އެންބިޔުލާންސް އަށް ގުޅާލިއެވެ.
** **
މަލްސާ ނުނުކުމެ ލަސްވަަމުން ދާތީ ރަޖުއާން ރުޅިއައިސް ހުރެ ދޮރުން ވަނެވެ. އެއާއެކު ސިޑިކައިރީ ވެއްޓިފައި އޮތް މަލްސާ ފެނުނެވެ. ކައިރީގައި ލޭގެ ކޯރެއް ހެދިފައި ވީއިރު ލައިފައި ހުރި ހުދު ޖީންސު މުޅީން ރަތްވެއްޖެއެވެ. ޚަބަރު ހުސްވެފައި އޮތްއިރު ގައިގެ ތަންތަން މަށަމަށައިގެން ގޮސްފައި ހުއްޓެވެ. “މަންމާ! ނޫން” ރަޖުއާންގެ ހަޅޭކުގެ އަޑަށް ގޭ އެންމެން އައެވެ. “ގުޅާބަލަ އެންބިޔުލާންސަށް” ހާސްވެފައި ހުރެ ސައީދާ ބުންޏެވެ. ބޯޖަހާލަމުން އެންބިޔުލާންސްއަށް ގުޅާލިއެވެ.
** **
“އައިމް ސޮރީ ޓު ސޭދިސް. ނައުރީންގެ ހާލު ވަރަށް ބޮޑަށް ދަށަށް ގޮސްފައި ވަނީ. އެހެންވެ ވެންޓިލޭޓަރ އަށް ލަނީ. ވިހައިގެ އަސަރު ހަށިގަނޑުގެ 75 ޕަސެންޓަށް ކޮށްފައިވަނީ. ސަލާމަތް ކުރެވޭނެކަމުގެ އުއްމީދު ވަރަށް ކުޑަ. ވީ ވިލް ޓްރައި އަވާ ބެސްޓް” ޑޮކްޓަރު ނުކުމެ ދިން ޚަބަރުން އީނާ އަށް އަސަރުކުރިއެވެ. އެކުވެރިޔާ ހެޔޮހާލުގައި ލެއްވުމަށް އެދި ދުއާކޮށްލެވުނެވެ.
** **
“ވަަރަށް ބޮޑަށް ހަށިގަނޑުން ލޭ ބޭރުވެފައި ވަނީ. ވަރަށް އަވަހަށް ލޭ ބޭނުންވޭ، ނޫންނަމަ ފުރާނައަށް ނުރައްކާ ވެދާނެ. ބަޓް ސޮރީ ޓު ސޭ ދިސް.. ހޮސްޕިޓަލަށް ގެނައި އިރުވެސް ބޭބީގެ ވިންދެއް ނެތް. މާނައަކީ އަޅުގަނޑުމެންނަށް ބޭބީ ސަލާމަތެއް ނުކުރެވުނޭ. ހިތްވަރު ކޮށްލާތި. ބޭބީ ދައްކާލަން ނެރެލާނަން އިރުކޮޅަކުން.” ޑޮކްޓަރު މިހެންބުނެ އެތަނުން ދިޔައެވެ. ރަޖުއާނަށް ރޮއެގަނެވުނެވެ. މަލްސާދެކެ ލޯބިނުވިޔަސް އޭނާ އެދަރިފުޅު ދެކެ ލޯބިވިއެވެ. އަބަދަށްވެސް ލޯބިވާނެއެވެ. އެ.ދަރިފުޅު އުރާލުމުގެ ފުރުސަތު އޭނާއަކަށް ނުލިބުނެވެ. އެދަރިފުޅު ބޮޑުވާތަން އޭނާއަކަށް ނުފެންނާނެއެވެ
One Comment
Comments are closed.
Wow very nice waiting for the next part of the story. Keep it up and be safe.