ހަވީރު ގަޑީގައި އިލްޔާ އާއި ލުޔާ ތައްޔާރު ވެގެން ތިއްބެވެ. ޔާނީ އާއި ނިހާ ވެސް އައިސްފިއެވެ. އައިހާ އާއި އީތަންވެސް މެއެވެ. އެންމެން ހަމަވުމުން ލުޔާ އާއި އިލްޔާ ކޭކު ފެޅިއެވެ. ހަމަ ގައިމުވެސް މި އުފަންދުވަހު މި ލިބުނީ ދުވަހަކު ވެސް ހަނދާނުން ފޮހެ ނުލެވޭފަދަ ހަދިޔާ އެކެވެ. ކުޑައިރުއްސުރެ އެއްބަނޑު އެއްބަފާ ދައްތައެއް ނުލިބިގެން އޭނަ އުޅުނެވެ. ނަމަވެސް މިއަދު ﷲ އިރާދަފުޅުން އެކަން ވެސް ވަނީ ފުރިހަމަ ވެފައެވެ. ދެން އިލްޔާ ވިސްނެމުން ދަނީ ރަށަށް ގޮސް ސަނާ ދައްކާނެ ވާހަކަ އާއި މެދުއެވެ.

 

** 11 ވަނަ ޕާޓު**

 

” ލުޔާ.. މިހުރިހާ ދުވަހު ކާކާ އެއްކޮށް އެޅުނީ… ” ކޭކު ފަޅައި ހުރިހާ ކަމެއް ނިމި އެންމެން ދިއުމުން އިލްޔާ ލުޔާ ކައިރީގައި އަހާލިއެވެ.” މިރަށުގަ އުޅޭ ފަހީމާ ކިޔާ މީހެއް އަހަރެން ބެލީ… ހަނދާން ހުންނަން ފެށީއްސުރެ ފަށައިގެން ފަހީމާއްތަ ކައިރީގަ އަހަރެން އުޅެނީ… އަހަރެންނަށް އަދި މަންމައެއް ފޮޓޯ އިން ފިޔަވާ ނުފެނޭ… ބައްޕަ އާދޭ މަދު މަދުން އަހަރެން ކައިރިއަށް.. ވަރަށް ގިނައިން ފަހީމާއްތަ އާ ވާހަކަ ވެސް ދައްކާނެ.. ” ލުޔާ ކިޔާދިނެވެ.” އެހެންތަ… ދެރަ ދޯ…ދެން ރަށަށް ފުރަންވެފަ މިހުރީ ވީހާވެސް އަވަހަކަށް… އޭރުން ލުޔާއަށް މަންމައާ ވެސް ބައްދަލު ވެވޭނެދޯ… ” އިލްޔާ ހިނިތުންވެލިއެވެ.

 

” ހްމްމް.. އިންތިޒާރު ކުރެވޭ މަންމައާ ބައްދަލު ވާނެ ދުވަހަކަށް… ” ލުޔާ ފަނޑު ގޮތަކަށް ހީލިއެވެ. ދެކުދިން ވާހަކަ ދައްކަން ތިއްބައި އެތަނަށް އައީ މަޔާން އެވެ.” ދެން މިހާރު މަގޭ މަތިން ހަނދާން ވެސް ނުހުންނާނެ ވިއްޔަ… ” މަޔާން ދެރަވާ ކަމަށް ހެދުނެވެ.” ނޯވޭ ޔާން… ކިހިނެއްތަ ޔާން މަތިން ހަނދާން ނެތޭނީ… ދެން ތިކަހަލަ އެއްޗެހި ނުކިޔަބަލަ.. ” އިލްޔާ ތުން ދަމާލިއެވެ.” ލުޔާ އަޅައި ނުލާ… ޔާން އެކަހަލަ އެއްޗެހި ކިޔާނެ މަޖަލަކަށް.. “ލުޔާ ފާޑަކަށް ބަލަން އިނުމުން އިލްޔާ ބުންޏެވެ.

 

” އޯކޭ.. ޓިކެޓު ކަންތައް ހަމަ ޖައްސާލަން މިއުޅެނީ ރާއިލް ލައްވާ.. ހީވަނީ މާދަން ނޫން އަނެއް ދުވަހުހެން އެންމެ އަވަހަކަށް ވެސް ފުރެން އޮތީ.. ” މަޔާން ދަތުރު ވާހަކަ ފެށިއެވެ.” ޔާހ… ލުޔާ ވެސް ވަރަށް ބޭނުންވޭ މަންމައާ ބައްދަލު ކޮށްލަން… ” އިލްޔާ ބުންޏެވެ.” އެހެންތަ… ލަސްތަކެއްނުވެ ދެން ބައްދަލު ވާނެ… އެންޑް އިލޫގެ އުފަންދުވަހުގެ ހަދިޔާ އަކަށް ސިސް އެއް ލިބިއްޖެއްނު… ސޯ ދެން މަ އެއްޗެއް ނުދިނަސް އޯކޭ ދޯ… ” މަޔާން އިލްޔާ އަށް ލޯ މަރާލިއެވެ.” ހެވޭ.. ” އިލްޔާ މަޔާން އަށް ލޯ އަޅާލިއެވެ.

 

ލުޔާ މިރޭ އިލްޔާމެން ތިބޭ ގޭގައި ނިދުމަށް ކިޔާތީ ލުޔާއަށް ޖެހުނީ އެގެއަށް އަންނަންށެވެ. ފަހީމާ ކައިރީ ބުނެފައި ލުޔާ އިލްޔާ މެންގެއަށް ދިޔައެވެ. އޭރު އިލްޔާ އުޅެނީ އެއްޗެހިތައް ޕެކް ކުރުމުގައި އަވަދިނެތި އެވެ. ލުޔާ ވެސް ގޮސް އިލްޔާ އަށް އެހީތެރި ވެދިނެވެ. ” ދެން ލުޔާ ޕެކް ނުކުރަންތަ… ” އިލްޔާ އަހާލިއެވެ.” ނޯ.. ފަހީމާއްތަ ކައިރީގަ ކޮށްލަން އެދިފަ މިއައީ… ” ލުޔާ އެނދުގައި އޮށޯވެލިއެވެ.” އެބަ އަންނަން ރާއިލްބެ ކައިރީގަ އެއްޗެއް އަހާލާފަ.. ” އިލްޔާ ބޭރަށް ނިކުންނަމުން ބުންޏެވެ. ލުޔާ ބޯ ޖަހާލިއެވެ.

 

” ރާއިލްބޭ… ” އިލްޔާ ގޮވާލިއެވެ. ނަސީބަކުން މަޔާން ފެންނާކަށް ނެތެވެ.” ހްމްމް؟ ” ރާއިލް އެއްބުމަ އަރުވާލިއެވެ.” މީ… ޔާން ވަރަށް ދުރުކަން ފާހަގަ ކުރަން… ވާހަކަ ވެސް ނުދައްކާ… މިއަދު ދެން ދެއްކި ފުދޭވަރަކަށް… ރާއިލްބެ އަށް އިނގޭނެތޯ ބަލާލަން މި އައީ.. ” އިލްޔާ ބުންޏެވެ. ރާއިލްއަށް ދޭނެ ޖަވާބެއް ނޭނގުނެވެ.” ނޭނގެ… މަށާ ވާހަކަ ދައްކާ… އަހާނަން ޔާން ކައިރީ.. ” ރާއިލް އެހެން ބުނެފައި ކޮޓަރިއަށް ވަނެވެ. އިލްޔާ ވެސް އިރުކޮޅަކު އިނދެފައި ކޮޓަރިއަށް ވަނެވެ. އޭރު ލުޔާ އޮތީ ނިދާފައެވެ. އިލްޔާ ވެސް އޮށޯތީ ނިދަންށެވެ.

 

ހެނދުނު ހޭލައިގެން އެންމެފުރަތަމަ ވެސް އިލްޔާ ގޮވީ ލުޔާ އަށެވެ. ދެކުދިން ރީތިވެގެން ބޭރަށް ނުކުތްއިރު މަޔާން ސޯފާގައި ހިޔާލަކަށް ގެއްލިފައި އިނެވެ.” ކޮން ހިޔާލެއްގަތަ… މިރަށަށް އައިސް ހާދަ ބަސްމަދު ވެއްޖޭ.. ” އިލްޔާ ބުންޏެވެ.” ކީކޭ؟؟ ” މަޔާން އިލްޔާއަށް ބަލާލިއެވެ.” އެއްޗެކޭނޫން ” އެހެން ބުނެފައި އިލްޔާ ގެއިން ބޭރަށް ނިކުތެވެ.

 

” އޭއި… މަ ހަނދާންނެތިފަ މިހުރީ އަދި.. ” ރާއިލް އެތަނަށް އައިސް ބުންޏެވެ. މަޔާން ކޮން ކަމެއްހޭ އަހާފަދަ ގޮތަކަށް ރާއިލް އަށް ބަލާލިއެވެ.

” ރޭގަ އެއްކަލަ އިލޫ މަ ކައިރީ އަހަނީ ކައެ މާ މަޑުން ހުންނާތީ…މަ ބުނާނީ ވެސް ކީކޭ… ކަލޭ ރުޅިއައިސްދާނެތީ މަ ނުބުނީ އެ ވާހަކަ ވެސް.. އެކަމު ދެން އަހާފިއްޔާ ބުނާނަން… ” ރާއިލް ސޯފާގައި އިށީނެވެ.” އޭ ނޯ… ނުބުނާތި.. ” މަޔާން ރާއިލް ގައިގައި ޖެހިއެވެ.” ޕިސް ޕިސް… ތަންކޮޅެއް ގިނައިން ސަކަރާތް ޖަހާބަލަ އިލޫ އާ އެއްކޮށް.. އޭރުން އޭނައަށް ނޭނގެނީ… ތިހެން އުޅޭތީއޭ ޝައްކު ވަނީއެ.. ” ރާއިލް މަޔާން ކޮނޑުގައި ޖަހާލިއެވެ.” ހްމް ބަލާނަން… ” މަޔާން ޖަވާބުދިނެވެ.

 

އިލްޔާ އާއި ލުޔާ ގޮނޑުދޮށުގައި ހިނގަމުން ދިޔައީ އައިހާ މެންނާވެސް އެކީގައެވެ. ޔާނީ އަނގަގަދަ ކަމުން އިލްޔާ ހުރީ ހިނިއައިސްފައެވެ. ހީވަނީ ބޮލިރަވަ އެއްހެންނެވެ. އެތަނުން އެންމެ މަޑުމައިތިރިކޮށް ހުރީ ނިހާ އެވެ. ލުޔާ ވެސް ބައެއްފަހަރު ސަކަރާތް ޖަހައެވެ. އައިހާ ހުންނަނީ އެމީހުންގެ ސަކަރާތުގައި ބައިވެރިވާންށެވެ.” ދެން އިލޫ ވެސް ބީރަށްޓެހިކޮށް ނުހުރެ އަނގަ ތަޅާބަލަ… ” ޔާނީ އިލްޔާކައިރީގައި ބުންޏެވެ.” ހޫނ ހޫނ… އެންމެން ނުވާނެ ޔާނީ ހާ އަނގަ ގަދައެއް… ތިޔަ ބޮލިރަވަ ހުރިއްޔާ މީހަކު ފޫހިވާނެތަ އަޅެ… ” ނިހާ ވެސް ހުރެފައި ބުންޏެވެ.” ނުވާނެކަން ގައިމެއްނު.. ޔާނީ ވެސް އެބުނި ދޮގެއް ނޫނޭ.. ” އައިހާ ހޭންފެށިއެވެ.

 

” އެންމެ ރަނގަޅޭ… މަށަށް ކިޔާނެ އެއްޗެއް ނޭނގިފަ މިހުރީ ކަލޭމެން އަނގަ ގަދަކަމުން… ” އިލްޔާ ވެސް ހިނިގަނޑެއް ޖަހާލިއެވެ.” ކިޔާނެ އެއްޗެހި އެބަ ހުއްޓޭ އިލޫ… ” ލުޔާ ވެސް އިލްޔާ އަތުގައި ޖަހާލިއެވެ.” މިސާލަކަށް؟؟ ” އިލްޔާ ބުންޏެވެ.” މަޖާ އެއްޗެހި… ” ޔާނީ އިލްޔާ ކޮނޑަށް އަތް ވައްޓާލިއެވެ.

 

” މާދަން ފުރަންވީ… އެއްޗެހި ޕެކްކޮށް ނިމުނީތަ… ” ރާއިލް ޓީވީ ބަލަން އޮއްވައި މަޔާން އައުމުން ބުންޏެވެ.” ހްމްމް… މިހާރު ހިޝް ހާދަ ނުފެނެއޭ… ބަލީތަ.. ” ރާއިލް އަށް ބަލާލަމުން މަޔާން އަހާލިއެވެ.” ނޫނޭ މިދުވަސްކޮޅު ބިޒީކަމުން ހަމަ… ހާދަ ފޫއްސޭ ދޯ.. ” ރާއިލް އިނީ ފޫހިވެގެން ގޮސް ހަލާކު ވާވަރު ވެފައެވެ.” އެ އީތަން ގަނޑު ވެސް ނޭނގެ ވީ ދުނިޔެއެއް.. ” ރާއިލް ޓީވީ އޮފް ކޮށްލިއެވެ.” އަޅެފަހެ ކަލޭ އެއްޗެކޭ ބުނެބަލަ… ” މަޔާން އެއްޗެއް ނުބުނެ އިންނަން ފެށުމުން ރާއިލް މަޔާން ބޮލުގައި ޖަހާލިއެވެ.

 

” ހްމްމް… ކޮންޗެކޭ ކިޔަންވީ.. ” މަޔާން ރާއިލް އަށް ބަލާލިއެވެ.” ސާބަހޭ ދެން ތިހެން ނުހުރެ ބުނެބަލަ އޭނަ ކައިރީ… ” ރާއިލް އަނެއްކާ ވެސް ކިޔަން ފެށިއެވެ.” ނޯ އޭ… އޭނަ ނޫނެކޭ ބުނެފިއްޔާ މަ ކިހިނެއް ހަދާނީ… މަށަށް ހަމަ ޔަގީން އޭނަ މަށާއި މެދު އެކަހަލަ އެއްވެސް އިހުސާސް އެއް ނެތް ކަން.. ” މަޔާން މާޔޫސްވެފައިވާ ރާގެއްގައި ބުންޏެވެ.” އެހާ އަވަހަށް އުންމީދު ކަނޑާލާކަށް ނުވާނެ ޔާން… ” ރާއިލް މަޔާން އަށް ވިސްނަދެވޭތޯ އުޅުނެވެ.” އެކަމާ އަޅައި ނުލައިބަލަ… އޭ ހިނގާބަލަ ބޭރަށް.. މަ ހާދަ ފޫހިވެއޭ.. ” މަޔާން ވާހަކަ އޮޅުވާލިއެވެ. ރާއިލް ވެސް މަޔާން އިތުރަށް މާޔޫސް ވެދާނެތީ އެވާހަކަ ނުދައްކާ ބޭރަށް ދާން ނިކުތެވެ.

 

ގެއަށް އައިސް އިލްޔާ ވަނީ ކޮޓަރިއަށެވެ. އިލްޔާ ހުރީ މާދަން ރަށަށް ދެވޭތީ ނުހަނު އުފަލުންނެވެ. މަޔާން ވެސް ލީޝާ މަތިން ހަނދާން ނެތިއްޖެއެވެ. ދެން އިތުރަށް މީދޫގައި ހުރުމުގެ ބޭނުމެއް ނެތެވެ. އިލްޔާ މަޣުރިބު ނަމާދަށް ގޮވުމުން ނަމާދު ކޮށްލައިގެން އެނދަށް އަރާ އޮށޯތެވެ. ދެން ވިސްނެން ފެށީ ލުޔާ އާއި މެދުއެވެ. ސަނާ އޭނަ އާއި އޭނަގެ އެއްބަނޑު އެއްބަފާ ކޮއްކޮ ވަކިން ގެންގުޅުނީ ކީއްވެބާއޭ އެތަށް ފަހަރަކު އިލްޔާ ހިތަށް އެރިއެވެ. އެހެން އިންދައި އިޝާ ނަމާދަށް ގޮވަންފެށިއެވެ. އިލްޔާ ވުޟޫ ކޮށްގެން ނަމާދަށް އެރިއެވެ.

 

ނަމާދުކޮށް ނިމިގެން އިލްޔާ އޮށޯތީ ނިދަންށެވެ. މާދަމާ ރަށަށް ދެވޭނޭ ކަމުގެ ފޮނި އުންމީދުގައެވެ. ނަމަވެސް އަވަހަށް ނިދޭ ގޮތަކަށް ނުވިއެވެ. އެކި ހިޔާލުތައް އައިސް ސިކުނޑި ވަށާލިއެވެ. ކޮންމެސް ނުބައެއް އުޅޭހެން އިލްޔާއަށް ހީވިއެވެ. އެކަމާ އަޅައި ނުލައި އިލްޔާ ލޯ މަރާލި އެވެ. ނަމަވެސް ހިތުގައި ކުޑަ ބިރުވެރިކަމެއް ވިއެވެ.

 

” އަޒާމް.. އިލޫމެން މާދަން އަންނަން އެއުޅެނީ… ކޮންމެ ގޮތެއްވިއަސް އެ ޖެހުނީ ކިޔާދޭން.. އަޒާމް ކިޔާދީބަލަ… ” ސަނާ ނިދަން އޮށޯވެ އޮވެގެން އަޒާމް އާއި ވާހަކަ ދެއްކިއެވެ.” އާނ ދެން ކިޔާދޭނީ… ސަނާ ހާސް ނުވޭ އޭނަ ރުޅިއެއް ނާދޭނުން ހިލްޔާ ވާހަކަ އެނގުނީމަކާ ވެސް.. ” އަޒާމް ސަނާ ހަމަޖައްސާލިއެވެ.” އާނ އަހަރެމެންގެ ނަސީބު ހަމަ… އެމަންޖެ ދެކޭ ހިތުން މަށަށް ހުރެވެނީކީ ނޫން… ” ސަނާ ހިނިތުންވެލިއެވެ.

 

” ކަލޭއަށް އަޑު އިވިއްޖެތަ މަ ބުނި ވާހަކަ.. !! ފުރަތަމަ ޕްލޭން ފުރިހަމަ ނުވެއްޖެނަމަ ކަލޭގެ މުސާރައިން އެއްބައި މަދުވާނެ.. މަ ބުނާ ގޮތަށް ހަދަން ޖެހޭނީ.. ” އެ ޒުވާން އަންހެން ކުއްޖާ ހަރުކަށިގޮތަކަށް ބުންޏެވެ. ކުރިމަތީގައި ހުރި ކުއްޖާ ބޯ ޖަހާލިއެވެ.” އޯކޭ ލީޝާ.. ” އެ ކުއްޖާ އެހެން އަދަބުވެރިކަމާއެކު ބުނުމުން ލީޝާ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިވިއެވެ.” ގެޓް ރެޑީ ޓު ޑައި އިލްޔާ !!… ” ލީޝާ އަތަށް ބާރު ކޮށްލަމުން ބުންޏެވެ.

– ނުނިމޭ –

###

” ކަލޭއަށް އަޑު އިވިއްޖެތަ މަ ބުނި ވާހަކަ.. !! ފުރަތަމަ ޕްލޭން ފުރިހަމަ ނުވެއްޖެނަމަ ކަލޭގެ މުސާރައިން އެއްބައި މަދުވާނެ.. މަ ބުނާ ގޮތަށް ހަދަން ޖެހޭނީ.. ” އެ ޒުވާން އަންހެން ކުއްޖާ ހަރުކަށިގޮތަކަށް ބުންޏެވެ. ކުރިމަތީގައި ހުރި ކުއްޖާ ބޯ ޖަހާލިއެވެ.” އޯކޭ ލީޝާ.. ” އެ ކުއްޖާ އެހެން އަދަބުވެރިކަމާއެކު ބުނުމުން ލީޝާ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިވިއެވެ.” ގެޓް ރެޑީ ޓު ޑައި އިލްޔާ !!… ” ލީޝާ އަތަށް ބާރު ކޮށްލަމުން ބުންޏެވެ.

 

**12 ވަނަ ޕާޓު**

 

ހެނދުނު ރަށަށް ދާ ހިތުން އިލްޔާއަށް ފޯނު އެލާމް ވުމުގެ ކުރިން ހޭލެވުނެވެ. ފޯނު އެލާމް ވާ އަޑު އިވުނީ ފާހާނާއިން ނިކުތްތަނާ އެވެ. އަވަސްއަވަހަށް ރީތިވެލައިގެން އިލްޔާ ބޭރަށް ނިކުތެވެ. އޭރު ޝަމާ ހުރީ ސައި ހަދާ ނިންމާލާފައެވެ.” މިއަދު ހާދަ ހެނދުނަކާ ސައި ހެދީ.. ” އިލްޔާ އަހާލިއެވެ.” އާނ ދެން އިލޫ މެން ދާތީ ހިތަށް އެރީ ކުރިން ހަދާލާނީއޭ… މަޔާން މެންނަށް އަދި ނާދެވޭ.. ” ޝަމާ ބުންޏެވެ. އެވަގުތު މަޔާން އާއި ރާއިލް ކޮޓަރިން ވެސް ނިކުތެވެ.” ކަލޭމެން ލަސްވެގެން އެ ވާހަކަ މި ދައްކަނީ… ބައި ގަޑީރަށްވީ މިހާރު.. އާދޭ އަވަސް ކުރަން.. ” އިލްޔާ ލޯ އަޅާލިއެވެ. މަޔާން އެއްޗެއް ނުބުނެ ގޮސް އިށީނެވެ. ރާއިލް ވެސް މަޔާން ކައިރީގައި އިށީނެވެ.

 

ސައި ބޮއި ނިމިގެން ރާއިލް އާއި މަޔާން ފޮށިތައް ހިފައިގެން ބަނދަރާ ދިމާއަށް ދިޔައެވެ. އިލްޔާ އާއި ލުޔާއަދި ހިޝާ އޮލަ ވާހަކައިގައި ފަހަތުން އައެވެ. މަޔާން ހުރީ މަޑު މަޑުންނެވެ.” ކައެ ކައިރީ ކިތައް ފަހަރު ބުނާނީ މަޑުން ނުހުންނާށޭ… އަނެއްކާ އޭނައަށް ޝައްކުވެދާނެއޭ… ” ރާއިލް މަޔާން ކަންފަތް ދޮށުގައި ސިއްރުން ބުންޏެވެ.” ސާބަހޭ… ” މަޔާން ފުން ނޭވާއެއް ލިއެވެ. ރާއިލް ބޯ ހޫރާލިއެވެ. ބަނދަރަށް ދެވުން އިރު ލޯންޗް އޮތެވެ. ރާއިލް ފޮށިތައް އަރުވާފައި އެންމެން އެރުވިއެވެ.

 

ފުދޭވަރަކަށް ގިނައިރުގެ ދަތުރުތަކަށްފަހު އިލްޔާމެން ރަށަށް އާދެވުނެވެ. ސަނާ އާއި އަޒާމް ވެސް އިލްޔާމެން ބަލައި އައިސް ތިއްބެވެ. ސަނާއަށް ލުޔާ ފެނުމުން އުފަލުން ރޮވުނެވެ. އޭރު އެތާ ތިބި މީހުން އަޖައިބު ވެގެން ބަލަން ތިއްބެވެ.” މަންމާ.. ” ލުޔާ ދުވެފައި ގޮސް ސަނާ ގައިގައި ބައްދާލިއެވެ.” ދަރިފުޅާ.. ” ސަނާ ރޮމުން ބުންޏެވެ.” އަދި ކިރިޔާ މި ފެނުނީ މަންމަ… ” ލުޔާ ހިނިތުންވެލިއެވެ.” މިހުރީ ކޮން ކުއްޖެއްތަ.. ” ސަނާ ހިޝާ އަށް ބަލާލިއެވެ.

 

” އެއީ ރާއިލް އިންނަން އުޅޭ ކުއްޖަ ހިޝާ.. ” މަޔާން ރާއިލް އަށް ބަލާލިއެވެ. އެތާ އަޒާމް ހުރުމުން ރާއިލް ރަކިވީވަރުން ބޯ ކަހާލިއެވެ.” އެހެންތަ.. ” ސަނާ ހީލިއެވެ. ހިޝާ ވެސް ލަދުރަކި ގޮތަކަށް ހިނިތުންވެލިއެވެ.” ހިނގާ ގެއަށް.. ހުންނާނެ ސައި ހަދާފަ… ” ސަނާ ބުންޏެވެ.” ހިޝާ ހުންނާނީ އަހަރެމެންގޭގަ އޯ.. އޯކޭތަ މަންމާ.. ބައްޕާ..” އިލްޔާ ބުންޏެވެ. ސަނާ އާއި އަޒާމް ބޯ ޖަހާލިއެވެ. ރާއިލް އާއި މަޔާން ފޮށިތައް ހިފައިގެން ސަނާ ފަހަތުން ހިނގައިގަތެވެ. ހިޝާ އާއި އިލްޔާ އަދި ލުޔާ އެކި ވާހަކައިގައި ގެއާއި ދިމާލަށް މިސްރާބު ޖެހިއެވެ.

 

ސައިބޮއިގެން އިލްޔާ އާއި ހިޝާ ވެފައި ހުރި ވަރުބަލިން އެނދަށް އެރިތަނާ ނިދުނެވެ. ނަމަވެސް ލުޔާ އަކަށް ނުނިދުނެވެ. އެނދުގައި ދެފަރާތަށް ފުރޮޅި ފުރޮޅި އޮވެފައި އެންމެ ފަހުން ނުނިދިގެން ކުޑަދޮރު ކައިރިއަށް ޖެހިލިއެވެ. އުޑުމަތި ކުޑަކޮށް ބަނަކޮށްފައި އޮތުމުން ލުޔާ ބިރުގަތެވެ. ވާރޭ ވެހި ގުގުރާވިދާ އިރު ލުޔާ ބިރުގަންނަ ގޮތްވެއެވެ. ލުޔާ ބޭރަށް ނަޒަރު ހުއްޓާލައިގެން އިން އިރުވެސް ހިތަށް އުނދަގޫ ކުރަމުން ދިޔައީ އީތަންގެ ހިޔާލުތަކެވެ. ކިތަންމެ ބޭނުން ނުވިޔަސް އީތަންގެ ނަން ދިޔައީ މަޑު މަޑުން ލުޔާގެ ހިތުގައި ފެވެމުންނެވެ. އީތަންގެ ހިޔާލުތަކުން ދުުރުވެވުނީ ވާރޭ ވެހެން ފެށުމުންނެވެ. ލުޔާ ބިރުން އިލްޔާ ކައިރިއަށް އަރާ އޮށޯވެ ރަޖާ އަޅައި ގައި ފޮރުވާލިއެވެ.

 

އީތަން އަކީ މަޑުމައިތިރި މިޒާޖެއްގެ ހިތް ދަމައިގަންނަ ފަދަ ގޮތެއް ހުންނަ ޒުވާނެކެވެ. އޭނައަށް ލިބިފައިވާ ފަން އިސްތަށިގަނޑާއި ކަޅުކަންގަދަ ކަޅިއަކީ މީހުން އަޅައިގަންނަ އެއްސިފައެވެ. އާންމުކޮށް ސަކަރާތް ނުޖަހާ އުޅުނަސް ގާތް އެކުވެރިއެއް ނޫނީ އާއިލާ މީހެއް ހުރިއްޔާ ސަކަރާތް ޖަހައެވެ. ކިތަންމެ ޖެއްސުން ކުރިޔަސް އެހެން މީހުންނަށް އަޅާލައެވެ. އެއީ ލުޔާއަށް އެންމެ ކަމުދާ އެއް ސިފައެވެ. އީތަން އާއި ދުރަށް އަންނަން ޖެހުމުން ލުޔާގެ ހިތަށް ވަރަށް އުނދަގޫ ވިއެވެ. ގާތް އެކުވެރިން ވެސް ދޫކޮށް އަންނަން ޖެހުމުން ލުޔާ ނުހަނު ދެރަވިއެވެ.

 

ލުޔާ ނުނިދިފައި އޮއްވައި އިލްޔާ ހޭލިއެވެ.” ލުޔާ ނުނިދަންތަ..؟؟ ” އިލްޔާ އަހާލިއެވެ.” ނުނިދިފަ މިއޮތީ… ” ލުޔާ ދެލޯ މަރާލިއެވެ.” އެހެންތަ.. ކޮން ކަމަކާ ވިސްނަނީ… ” އިލްޔާ އެނދުގައި ހަމަޖެހިލިއެވެ.” އައިހާ މެންނާމެދު ވިސްނާލަނީ… އެމީހުން ދޫކޮށްފަ އަންނަން ޖެހުނީމަ ދެރަވޭ.. ” ލުޔާ ބުންޏެވެ.” ދެން ދާނަން އަދި އިރާދަކުރެއްވިޔާ އެރަށަށް… އޭރުން ދިމާވާނެ… ” އިލްޔާ ހިނިތުންވެލިއެވެ.” ޔަހ… ދެން ނިދަންވީ… މިހާރު ތިނެއް ޖަހަނީ.. ” ލުޔާ ގަޑި ބަލާލިއެވެ.” ހްމް.. ވާރޭ ވެހެން ފެށީމަ ކަންނެ މި ހޭލެވުނީ ވެސް… ” އިލްޔާ ބާލީހުގައި ބައްދާލިއެވެ.

 

ހެނދުނު ތެދުވެފައި އިލްޔާ ގޭތެރެއަށް ނުކުތެވެ. ސަނާ ޓީވީ ބަލަން އިނުމުން އިލްޔާ ވަނީ ފެންވަރާލަންށެވެ. ފެންވަރައި ނިމިގެން އިލްޔާ ލުޔާ އަށާއި ހިޝާ ގޮވާފައި ގޭތެރެއަށް ނުކުތެވެ. ” ބައްޕާ… ” ސަނާ ކައިރީގައި އަޒާމް އިނުމުން އިލްޔާ ގޮވާލިއެވެ.” ކޮބާ ލުޔާއާ ހިޝާއާ… އާދޭ މިތާ އިށީންނަން.. ” އަޒާމް ހިނިތުންވެލިއެވެ. އިލްޔާ ގޮސް ސަނާ އާއި އަޒާމްގެ މެދުގައި އަށީނެވެ.” ލުޔާ ފެންވަރަން ވަދެފި… ހިޝް އެބައިން ލުޔާ ނިމެންދެން… ” އިލްޔާ ބުންޏެވެ.” ލުޔާއާ ހިޝާ އައީމަ ސައި ބޯނީ ދޯ.. ” ސަނާ އިލްޔާ ބޮލުގައި ފިރުމާލިއެވެ. އިލްޔާ ބޯ ޖަހާލިއެވެ.

 

ލުޔާއާއީ ހިޝާ އައުމާއެކު އެ ކުޑަ އާއިލާ ސައިބޯން ދިޔައެވެ. ސައިގެ ތެރޭގައި ވަރަށް ގިނަ ވާހަކަ ދެކެވުނެވެ.” މަންމަ ކިޔާދޭންވީނު އަސްލު ވީ ގޮތް.. ” ސައި ބޮއި ނިމިގެން އިލްޔާ ބުންޏެވެ.ހިޝާ އެ އާއިލާއަށް ވަގުތު ދީފައި ކޮޓަރިއަށް ވަނެވެ. ސަނާ ބަލާލީ އަޒާމް އަށެވެ.” ވާހަކަ ފަށާނީ ކޮން ހިސާބަކުން.. ” ސަނާ ވިސްނާލިއެވެ.” ކޮންމެސް ހިސާބަކުން.. ” ލުޔާ ބުންޏެވެ. ސަނާ ފުން ނޭވާއެއް ލާފައި ވާހަކަ ދައްކަން ފެށިއެވެ.

 

” މާމަ ހިތް ހަމަ ނުޖެހުނީ…މަންމަ ބަނޑު ބޮޑުވެގެން ޑޮކްޓަރ އަށް ދެއްކީމަ އިނގުނީ ޓްވިން އެއް ކަން… ދެން މާމައަށް އިނގުނީމަ ވަރަށް އެއްޗެހިކީ… ދަރިފުޅުމެންގެ މާމަ ހީކުރީ އެއް ކުއްޖަކު ކަމަށް… މަންމަ އަކަށް ވެސް ނޭނގެ ކީއްވެ ކަމެއް މާމަ ދެކުދިންނަށް ނުރުހެނީ… ދެން ދަރިފުޅުމެން ވިހެއީމަ މާމަ ބުނީ އެކަކު ގެންގުޅެންޏާ ގެންގުޅޭށޯ.. ދެން ދަރިފުޅުމެން ބައްޕަ އެއްބަހެއް ނުވި އެކަމަކާ… އެހެންވެ އެރޭ ދަންވަރު މާމަ އަހަރެމެންނަށް ވަގަށް ލުޔާ ގޮވައިގެން ދިޔައީ… އަނެއް ދުވަހު ހޭލިއިރު ލުޔާ ނުފެނުން.. މާމަ ކައިރީ އެހީމަ ބުނީ ފޮނުވައިފައިފީމޭ އެހެންތާކަށް… ކޮންތާކަށްހޭ ބުނީމަ ނުބުނި… ދެން އެއްދުވަހަކު ބައްޕަގެ ގާތް ރައްޓެއްސެއް.. ފަހީމާ ކިޔާ މިހެއް.. އޭނައަށް ލުޔާ ފެނުނީ ސީނު އަތޮޅު މީދޫއިން… ފެނުނީމަ ބައްޕަ އަށް ގުޅާފަ ބުނެފި… އޭރު ދަރިފުޅުގެ އުމުރުން އެންމެ އަހަރެއް… މާމަ ކައިރީ ގެންނަންހޭ އެހީމަ އެއްބަހެއް ނުވި… ދެން ދަރިފުޅު ބޮޑުވަމުން ގޮސް ފަނަރަ އަހަރުވަނިކޮށް މާމަ ނިޔާވީ… ދެން އިލޫ ހިތްހަމަ ނުޖެހިދާ ނެތީ މަންމަ ލުޔާ ނުގެނައީ.. ” ސަނާ ވާހަކަ ދެއްކި އިރު އިނީ ފެންކަޅިވެފައެވެ.

 

” މަންމާ… އަހަރެން ހިތްހަމަޖެހޭނެއޭ.. ” އިލްޔާ ބުންޏެވެ.” މިއަދު އިނގިއްޖެ… ހެހެ… ލުޔާ އަށް އިނގޭތަ އިލޫ ކުޑައިރު އެއްބަނޑު އެއްބަފާ ކުއްޖެއް ނުލިބިގެން ވަރަށް ޝަކުވާ ކުރާނެ.. މަޔާންގެ ވެސް ހުރޭ ވިއްޔަ.. ދޯ އިލޫ.. ” ސަނާ އިލްޔާ އަށް ބަލާލިއެވެ.” ދެން.. ޔާން އާ ރާއިލްބެ އާ ސަކަރާތާ ޖަހާތަން ފެނުނީމަ އިލޫ ވެސް ބޭނުންވީ… މިހާރު ލިބިއްޖެ.. ” އިލްޔާ ފުޅާ ހިނިތުންވުމެއް ސަނާއަށް ދިނެވެ.” ބައްޕަ ވެސް ވަރަށް އިފާވެއްޖެ އިލޫ ހިތްހަމަ ޖެހޭ ކަން އިނގުނީމަ.. ” އަޒާމް އިލްޔާ އާއި ލުޔާ ބޮލުގައި ފިރުމާލިއެވެ.” ދެން އެއްޗެއް ނުބުނެ ނީންނައްޗެ… މީ ހަމަ ދަރިފުޅުގެ ވެސް މަންމައާ ބައްޕަ އާ… ” ސަނާ ލުޔާއަށް ބަލައިލިއެވެ. ލުޔާ ބޯ ޖަހާލިއެވެ.

 

ހަވީރުގަޑީގައި އިލްޔާމެން ރީތިވެގެން ނިކުތްއިރު ސަނާއާއި އަޒާމް ، މަޔާން , ހިޝާ އަދި ރާއިލް ތިބީ ކައިވެނީގެ ވާހަކަ ދައްކަންށެވެ. އޭރު ހިޝާ ރަނގަޅު ވެޑިންގް ޑްރެސް އެއް ނުފެނިގެން އުޅުނެވެ.” ޕިސް ޕިސް… ނަގާނެ ނުނަގާނެ އެއްޗެއް ނޭނގިގެން ދޯ ތިއުޅެނީ.. ދައްކަބަލަ.. ” އިލްޔާ ހިޝާ ކައިރީގައި އިށީނެވެ. އިލްޔާ އާއި ލުޔާ އެތަނަށް އައިސްގެން އެންމެފަހުން ހިޝާއަށް ކަމުދާ ހެދުމެއް ފެނުނެވެ.” ތިއޮތީ ފެނިފަނުން… މި މީހުން ނާންނަނިސް ކަމެއް ނުވަނީ ދޯ.. ” އަޒާމް ބުންޏެވެ.” ވެދާނެ… މާ މޮޅު ބަޔަކީ ދޯ ހަމަ.. ” ރާއިލް ހިނިގަނޑެއް ޖަހާލިއެވެ.” އެއީ އޭ މޮޅު މީހުންނަކީ… ދޯ އިލޫ.. ލުޔާ.. ” ހިޝާ ބުންޏެވެ.” ތިހެން ކެރިފަ އުޅުނަސް ކައިވެނި ކުރާ ދުވަހުން ހުންނާނެ ލަދުން މަރުވާވަރު ވެފަ.. ” އިލްޔާ ހިޝާއާއި ދިމާ ކޮށްލިއެވެ.

 

” ކޮންތާކު… އަހަރެން ދުވަހަކު ވެސް ލަދު ގަނޭތަ ރާލް ކުރިމަތީ..؟؟ ” ހިޝާ ފޮނިވެލިއެވެ.” ތިއެއް އިނގޭނެ އެދުވަހަކުން… ” ލުޔާ ބުމަ އަރުވާލިއެވެ.” އާނ… މަ ވެސް ހުންނާނަން ދިމާ ކުރަން… ” މަޔާން ހިޝާ އަށް ބުންޏެވެ.” ދިމާ ކުރިޔަސް ނުގަންނާނެ ލަދެއް… ” ހިޝާ ސޯފާއިން ތެދުވިއެވެ.” ދެން ކައިވެނި ކުރަނީ ކޮން ދުވަހަކުތަ.. ” ސަނާ އަހާލިއެވެ.” އަދި ފައިނަލް އެއް ނުކުރަން… ހެދުން ފެހުނީމަ އަދި ފައިނަލް ކުރާނީ.. ހަމައެކަނި ފެމެލީ އެންޑް ފްރެންޑްސް އަށް އެކަނި ދައުވަތު ދޭނީ..” ހިޝާ ބުންޏެވެ.

 

އެރޭ ސަނާމެން ނިދަން އޮށޯތީ ހިޝާއަށް ރީތިވި ހެދުމުގެ ފޮޓޯއެއް އެރަށުގެ މޮޅު ފަހާމީހަކަށް ދީފައެވެ. ވަކި ތާރީހެއް ނުބުނިނަމަވެސް އެއް ހަފްތާ އެމީހާއަށް ދިނެވެ.އެ ހަފްތާ އެގޭ އެންމެން އުޅުނީ ހިޝާމެން ކައިވެނީގެ ތައްޔާރީތައް ވުމުގައެވެ. މީދޫގައި ތިބި ލުޔާގެ އެކުވެރިންނަށް ވެސް ހިޝާ ދައުވަތު ދިނެވެ. އަނެއްކާ ވެސް އީތަން ފެންނާތީ ލުޔާ ހުރީ އުފަލުން ފޮޅިފައެވެ.

 

” މިހާރު ލުޔާ ހާދަ އުފަލުން ހުންނަ ހެން ހީވެއޭ… ކަމެއް ހިނގަނީތަ އަހަރުންނަށް ނޭނގި.. ” ލުޔާ މާ އުފަލުން ހުންނާތީ އިލްޔާ ދިމާކޮށްލިއެވެ. ” ނޯ… އަދި ނުހިނގާ.. އެކަމް… ” ލުޔާ އަނގަ ލައްޕާލިއެވެ.” ހްމް؟ އެކަމް..؟؟ ” އިލްޔާ ކެތްތެރިކަން ކުޑަ ގޮތަކަށް އެއްސެވެ.” އައި ލައިކް ސަމްވަން… އޭނަ ފެންނާން އުޅޭތީ އުފާވަނީ ހަމަ… ނުބުނައްޗޭ ހަމަ އެކަކު ކައިރީ ޕްލީޒް.. ” ލުޔާ ތިރީ ތުންފަތުގައި ދަތް އަޅާލިއެވެ.” ހޯތް… މަގޭ ކޮއްކޮގަނޑު ބޮޑުވަނީދޯ.. އެންމެ ރަނގަޅޭ އިތުބާރު ކޮށްބަލަ… ނުބުނާނަމޭ.. އަނެއްކާ ކާކުތަ..” އިލްޔާ ލުޔާއަށް މަލާމާތް ކޮށްލިއެވެ. ޖަވާބު ދޭން އަނގަ ހުޅުވާލާފައި ކުއްލިއަކަށް ލުޔާ ސިއްސައިގެން ގޮސް އެތަނަށް ވަތް ސަނާ އިލްޔާއަށް ދައްކާލިއެވެ.

– ނުނިމޭ –

 

 

 

 

24

2 Comments

  1. crazy idiot

    March 23, 2021 at 11:26 pm

    varah reethi story ah…keep it up..stay safe

  2. Lailac Baby

    March 24, 2021 at 1:38 pm

    Nice 🌹🌹🌹

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!