
ނިކަން ލޯބިން-29
މިގޮތުގެމަތިން އިޖާޒް ޑޮކްޓަރަށް ދައްކަން އަހަރެންގެ ބައްޕައާއިއެކު ދިޔަ ފަހަރެކެވެ.އަހަރެންގެ މަންމަވީ ސްކޫލްގައެވެ. މަންމައަށް ގެއަށް އާދެވޭނީ ޢާންމުކޮށް ދޭއްގެ ފަހުންނެވެ. އިޖާޒްގެ މަންމަ އާއި ބައްޕަވެސް އެދުވަހު ދިޔައީ ކުޅުދުއްފުށްޓަށް މަންމަ ޑޮކްޓަރަށް ދައްކާލަންށެވެ. އަހަރެންނާ އީރާ ނުދިޔައީ ކަނޑުގަދަވީމައެވެ. މަންމަމެން ދިޔައީ ހެނދުނު ގޮސް ހަވީރު އަންނަގޮތަށެވެ. އެހެންކަމުން ގޭގައި ތިބީ އަހަރެންނާއި އީރާ އެކަންޏެވެ. އަހަރެން މަންމަ އިންޓަވަލް އަށް ގެއަށް އައިސް ލައިތްއަށް ސައި ހަދާދީފައި ، ލައިތް އައުމުން ސައިތަށްޓެއް ހަދާލަދޭން ބުނެފައި ދިޔައެވެ. އަހަރެންއިނީ އީރާ ގޮވައިގެން އަހަރެމެންގޭ މަތީ ޓެރަސްމަތީގައި ބާތް ޓަބަކަށް ފެން އަޅައިގެން ކުޅޭށެވެ. ލައިތް ގެއަށް ވަންނަން އައިއިރު އަހަރެން ފެނިގެން އައިގޮތަށް މައްޗަށް އެރިއެވެ. އަހަރެން ލައިތް ކައިރީ އީރާކައިރީ މަޑުކޮށްލަދޭން އެދުމަށްފަހު ތިރިއަށް ގޮސް ސައިތަށްޓެއް ހަދާ ދިނީމެވެ. އަދި އީރާގޮވައިގެން ގެއަށް ގޮސް އީރާ ފެންވަރުވާ ނިންދެވުމަށްފަހު ބަތްކައްކަން އުދާލާފައި އައިސް ގޯތިތެރޭގައި އިން އުނދޯލީގައި އިށީނީމެވެ. އަހަރެން އެތާ އިށީންތާ މާގިނައިރެއް ނުވެ ލައިތްވެސް އައިސް އަހަރެންނާއި ޖެހިގެން އިށީނެވެ. އެގަޑީ ގެއަށް މީހަކު ނާންނާނޭކަން ޔަޤީންކޮށް ލައިތްއައީ އޭނާގެ ހިތުގެ ސުވާލުތަކަށް ޖަވާބު ހޯދާށެވެ. ފުރުސަތުގެ ބޭނުންހިފާ އަހަރެންވެސް ބޭނުންވީ ލައިތްއާއި ވާހަކަ ދައްކާ މި ގުޅުން ނުކެނޑި އިންވާފަށް އަބަދަށްޓަކައި ސުލްހަ ވެރިކަމާއިއެކު ނިންމާލާށެވެ. އަދި ލައިތްކައިރީ މިރަށުން ދިޔުމަށް އެދޭށެވެ.
“ތެދުވެގެން ނުދާނަންތަ” ލައިތް އެންމެ ފުރަތަމަވެސް ކޮށްލީ ސުވާލެކެވެ.
“އާން! ލައިތް ބޭނުން ސުވާލެއް ކުރޭ. އަހަރެން ލައިތް އަށް ޖަވާބުދޭނަން” އަހަރެން ވަރަށް ކެރޭކަމަށް ދައްކާލީމެވެ.
“ކީއްވެ އަމަތުﷲ؟” ލައިތް ކުރީ އަހަރެން ހީކުރި ސުވާލެއް ނޫނެވެ. އެކަމަކު އެ ސުވާލުވެސް ކުރާނޭކަން އެނގެއެވެ.
“ލައިތް އަށް އެނަން ރީތިވީމަ.” ވަގުތުން ޖަވާބު ދިނީމެވެ.
” އަހަރެން މަތިން އަދިވެސް ހަނދާންވޭތ؟” ލައިތްގެ ދެވަނަ ސުވާލު އަހަރެންނާ ދިމާއަށް އެއްލިއެވެ.
“އާނ!” އަހަރެން ބެލީ ވީހާވެސް ކުރުކޮށް ޖަވާބު ދެވޭތޯއެވެ. ތަފްސީލަކަށް ދާން އުޅެފިނަމަ އަހަރެން ފިނޑިވެދާނެއެވެ.
” ދެން ކީއްވެ އަހަރެންނަށް އިންތިޒާރު ނުކުރީ؟” އެ ސުވާލާއިއެކު ލައިތްގެ މޫނަށް އަހަރެން ބަލާލީމެވެ.
“ލައިތްގެ ހުވަފެންތަކުގައި ކުލަ ޖެހުމުގެ ހުރަހަކަށް އަހަރެންވާން ބޭނުން ނެތީމަ. އަހަރެން ބޭނުންވީ މިރަށުގައި އަހަރެންނާއި އެކީ އުޅޭނެ އަހަރެންގެ މައިން ބަފައިން ބެލޭނެ މީހެއް” ހަޤީގަތަށް އަހަރެން ބުނީމެވެ.
” އެންމެ ފަހަރަކުވެސް އާޔާ އަހާލިންތަ އަހަރެންކައިރީ އަންނާނަންހޭ؟ ނޫނީ ބުނިންތަ އާޔާ ބޭނުމީ ވަކި ކަހަލަ މީހެކޭ؟ އަހަރެން ކައިރީ އަހާފަ އަހަރެން ދޭ ޖަވާބަކުން ތި ފަދަ ނިންމުމެއް ނިންމި ނަމަ.” ލައިތް އެބުނީ ތެދެކެވެ. އަހަރެން އެއްފަހަރުވެސް ރަށުގައި އުޅެން އަންނަން އަހަރެން ނޭދެމެވެ.
“ދެން އެކަން އެހެން ވެއްޖެ އެއްނު. ދެން ބަދަލެއް ނުކުރެވޭނެއެއްނު. އހަރެން މީ މީހެއްގެ އަތްބެއް. މަންމައެއް. އެހެންވީމަ ލައިތް އެކަން ޤަބޫލުކޮށްގެން އެހެން މީހަކާ އިނދެގެން އަވަހަށް މާލެ ބަދަލުވޭ. އަލުން ޕައިލަޓްކަންކުރަން ފަށާ!” މި ފަހަރު ލައިތް އަހަރެންނާއި ދިމާއަށް ބަލާލީ އަސަރުން ފުރިގެންވާފަދައަކުންނެވެ.
“އާނ! އަހަރެން މީހަކާ އިންނާނަން. އެކަމަކު އަހަރެން އިންނާނެ މީހެއް ހޯދާނީ އާޔާ! އެ ދުވަހެއް އަންނަންދެން އަހަރެން މިރަށުގައި ތި ގޭގައި އުޅޭނަން” ލައިތްގެ ނިންމުން އިއްވާލިއެވެ.
“އަހަރެން މީހަކާ އިންކަން އެނގޭ އިރުވެސް ލައިތް މި ރަށަށް ތިޔައީ ކީއްކުރަން؟ ލައިތްގެ މަޤްޞަދަކީ އަހަރެންނާއި އިޖާޒް ދުރުކުރުންކަމުގައި ވަންޏާ އެކަން ހުއްޓާލާ އަވަހަށް.” އަހަރެން ނުރުހުމުގެ ރާޤެއްގައި ބުނީމެވެ.
“އާޔާ އަނެއްކާވެސް ޖަޖު ކުރަނީއޭތި! އެއް ފަހަރުވެސް ހަޤީގަތް ހޯދާފަ ނިންމާ ނިންމުނަތައް ނިންމަބަލަ. ނޫނީ ބުނާ އެއްޗެހި ބުނެބަލަ” ލައިތްވެސް ވާހަކަ ދެއްކީ މަޑުމަޑުންނެވެ.
“ދެން ކީއްކުރަން ލައިތް ތިއައީ؟ ކޮންކަމެއް ހާސިލް ކުރަން؟ ކިއާދީބަލަ” އަހަރެންގެ އަޑު މަޑުކޮށްލީމެވެ.
“އާޔާގެ މެސެޖް ލިބުނީމަ ވަރަށް މަސައްކަތް ކުރިން ގުޅަން. އެކަމަކު ބްލޮކް ކޮށްފަ. ދައްތައަށްވެސް ގުޅިން އެކަމަކު އާޔާވާހަކަ އަހާނެ ހިތްވަރެއް ނުލިބުނު. ދެން ބެލީ ރިޒައިންކޮށްފަ އަވަހަށް އަންނަން. އެކަމަކު ކޮންޓްރެކްޓް ހަމަ ނުވަނީސް ކަނޑާލާކަށްވެސް އެމީހުން އެއްބަހެއް ނުވި. އެކަމަކު އެތާ ހުރެފަ ކެނޑެން ސިޓީލިން. ސިޓީލީތަނުން އެޗް.އާރުން ބުނީ މިރަށު އެއާޕޯޓް މެނޭޖަރެއް ހޯދާވާހަކަ. އަހަރެން ދެން މަސައްކަތްކުރީ އެ ވަޒީފާ ހޯދަން. އެކަންވެސް ވި. އެކަމަކު މިރަށަށް އާދެވެން އޮތީ 2 ހަފްތާ ޓްރެއިނނިންއެއް ހަދާފަ. އާޔާ ވިހޭ ދުވަހަކީ ކޮންޓްރެކްޓް ހަމަކޮށް، ޕައިލެޓެއްގެ ވަޒީފާއިން ރިޓަޔާވެގެން އަހަރެން މާލެއައި ދުވަސް. ދައްތަ ގުޅާފަ ބުނީ އާޔާ އެޑްމިޓްކޮށްގެން އެބައުޅެއޭ ލޭ ހޯދަން. މި ހުރިހާ ކަމެއް ހިނގިއިރުވެސް އަހަރެން ހަމަ އެއްގޮތަކަށްވެސް ހިތަކަށް ނާރާ އާޔާ އަސްލުގަވެސް އެހެން މީހަކާ އިނދެފާނެއެކޭ.އަންބްލޮކްކުރޭތޯ ވަރަށް ގުޅިން. ހޮސްޕިޓަލަށް ލޭދޭން ދިޔަތަނުން އިޖާޒް އާއި ދިމާވީ. ދެން އިނގުނީ ބަނޑުބޮޑުކަންވެސް. ވިސްނާލާ އާޔާ އަހަރެންގެ ހިތަށް ކުރާނެ އަސަރު. މިރަށަށް ނާންނަންވެސް މަސައްކަތްކުރިން އެކަމަކު ވަޒީފާ ހޯދުނީ އެހާއުނދަގުލުން. އަނެއްކާ އަހަރެން ބޭނުންވި އާޔާ ތިހެން ހެދީ ކިހިނެއްވެތޯ ބަލަން.އެހެންވެ އައީ. ” ލައިތްގެ ވާހަކަ އަޑުއިވުމުން އެހިތުގެ އުދާސްތައް ކިތަންމެ ރަނގަޅަކަށްވެސް އަހަރެންނަށް އިހްސާސްކުރެވުނެވެ.
” މިހާރު އެނގިއްޖެއެއްނު! އައިއެމް ސޮރީ! އަހަރެންދެކެ ނަފްރަތުކުރިއަސް އޯކޭ. އެކަމަކު ދެން ލައިތް އެނބުރިދޭ. އެހެން މީހަކާ އިނދެގެން ދިރިއުޅުމެއް ފަށާ. އަހަރެންމަތިން ހަނދާން ނައްތާލާ” އަހަރެން ވާހަކަ ދެއްކި އިރުވެސް ރޮވެއެވެ.
“އަހަރެން ބުނީމެއްނު ނިކަން ލޯބިން އިންތިޒާރު ކުރާނަމޭ! އަދިވެސް ނިކަން ލޯބިވޭ. އާޔާ ނުލިބުނަސް އާޔާއާ އީރާ އުފަލުގަ އުޅޭތަން ގާތުން ފެނުން އެއީ އަހަރެންގެ އުފަލަކަށްވެއްޖެ. އާޔާ ހާސްނުވާތި. ތި ދެމީހުންގެ ދެމެދަކަށް އަހަރެން ނުވަންނާނަން. އެކަމަކު އެންމެ ފަހު ނޭވާއާއި ހަމައަށްވެސް އާޔާ ކުރިމަތީ އަހަރެން އުޅޭނަން. މީހަކާވެސް އިންނާނަން. އާޔާ ހޯދާފަ ދައްކާ! ދެން އާޔާ ދަސްކުރޭ އަހަރެން ކުރިމަތީ އުޅެން. އަހަރެންނާ ނުލާ އުޅެން އާދަކުރިހެން އަހަރެންކުރިމަތީ އުޅެންވެސް އާދަ ކުރޭ!” ލައިތް މިފަހަރަ ވާހަކަ ދެއްކީ ކޮޅަށް ތެދުވަމުންނެވެ.
“ނޫން ލައިތް! ޕްލީސް އަހަރެން އުފަލުގަ ބަހައްޓަން ބޭނުމީއާ ލައިތް ދޭ” އަހަރެން އާދޭހުގެ ރާގެއްގަ ބުނެލީމެވެ.
“އާޔާ ދުޢާކުރޭ އަހަރެންގެ ހިތް ބަދަލުވޭތޯ! އަދި ދާ ހިޔާލެއް ނުކުރަން. އާޔާ އާއި އީރާ އުފަލުގަ އުޅޭތަން ފެނުނީމަ އަހަރެން ގެ ހިތް އުފަލުން ފުރޭ! މިވީ އަހަރެއްހާ ދުވަސް ތެރޭގަ އީރާވެސް އަހަރެންނާ ނުލާހިކު ގާތް. ބައްޕައަކަށް ނުވިއަސް އީރާގެ އެންމެ ކްލޯސް އަންކަލް އަކަށް އަހަރެންވާނަން. އައިމް ރިއަލީ ހެޕީ ހިޔާ” އެހެން ބުނެލުމަށްފަހު ނުކުންނަން ދަމުން ހުއްޓިފަ ފަހަތް ބަލާލިއެވެ.
“އެނގޭތަ މިހާ އުފާވަނީ ކީއްވެކަން؟ އަހަރެންނަށް ޔަޤީންވެއްޖެ އާޔާ އަދިވެސް ލޯބިވަނީ އަހަރެންދެކެކަން. އެކަމަކު އެ ލޯބި ހިތުގަ ފޮރުވާފަ އިޖާޒްއަށް ތިޔަދޭ އަޅާލުމާއި އޯގާތެރިކަން ފެނިފަ އާޔާދެކެ އިތުރަށް ލޯބި ވެވިއްޖެ. މި ގުޅުން ފެށުނީވެސް މިސް އަންޑަސްޓޭންޑިންއަކުން، ނިމުނީވެސް އެހެން” ލައިތް އިތުރު އެއްޗެއް ނުބުނެ ނުކުމެގެން ދިޔައީއެވެ. ލައިތް އެބުނީ އަހަރެންނަށް ހުޝާމްއާއި ލައިތް އޮޅުނު ވާހަކަކަން އަހަރެންނަށް އެނގުނެވެ. އަދި އިޖާޒްއާއި އިންނަން ނިންމީ ލައިތް އާއި މަޝްވަރާނުކޮށް އަމިއްލަ ވިސްނުންތަކެއްގެ މައްޗަށް ބިނާކޮށެވެ.
ލައިތް ނުކުތް ދޮރާދިމާއަށް ބަލަހައްޓައިގެން ޖެހި ބުދެއްހެން އިންއިރުވެސް އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައެވެ. ލައިތް ގެ ހިތަށް ކުރާނޭ އަސަރު މިހާރު އަހަރެންނަށް އެބަ އިހްސާސްކުރެވެއެވެ.އެކަމަކު ލައިތް އެ ބުނިހެން ލައިތްއަށް އިންނާނޭ މީހަކު އަހަރެން ހޯދަ ދޭނީ ކިހިނެއްހެއްޔެވެ؟ އަހަރެންގެ މާ ގިނަ ރަށްޓެހިންތަކެއް ނުތިބެއެވެ. އެހެން ނޫނަސް ލައިތްއަކީ އަހަރެންގެ ލޯތްބެވެ. ހަޤީގަތަށް ބުނަންޔާ އަހަރެންގެ އަމިއްލަ އެދުންވެސް ތަންކޮޅެއް ބޮޑީ ކަންނޭގެއެވެ. އަހަރެންގެ މީހަކަށް ލައިތް ނުހެދިތާ ލައިތް އެހެން މީހަކާއި އިންނަތަން ދެކޭކަށްވެސް އަހަރެންގެ ހިތެއް ނޭދެއެވެ.
ލައިތް ދިޔުމުން އަހަރެން ފާޚާނާއަށްވަދެ މޫނު ދޮވެލައިގެން ގޮސް ބަދިގެއަށްވަދެ މެންދުރު ކެއުމަށް ތައްޔާރުކުރަންފެށީމެވެ. އިޖާޒް އައިސް ގެއަށްވަނީ އެގަޑީގައެވެ.
“އިޖާޒް؟ ނުވެސް ބުނަމެއްނު މިއަދު އަންނަ ވާހަކައެއް؟” އެހެން ނޫނީ އަންނަމުން ބުނެލައެވެ. އެދުވަހު ހެނދުނުވެސް އިޖާޒް އަށް ގުޅީމެވެ. ބުނީ ޑޮކްޓަރު އިންނެވީ ހަވީރު ކަމަށާއި އެރެއަށް ފްލައިޓެއް ނެތުމުން އަނެއްދުވަހުގެ ހެނދުނު އަންނަ ވާހަކައެވެ.
“އާނ.. ޑޮކް ހާއްސަ އެޕޮއިންޓްމެންޓެއް ދިނީއޭ. ދެން ހިތަށް އެރީ ސަޕްރައިޒް ކޮށްލަން”
“ދޭ ފެންވަރާލައިގެން ކާން އަންނަން. އީރާވެސް އޮތީ ނިދިފަ” އަހަރެން އެހެން ބުނެލުމާއިއެކު ކޮލަށް ބޮސްދިނުމަށްފަހު ކޮޓަރިއާއި ދިމާއަށް އިޖާޒް ހިނގައިގަތެވެ.
އެދުވަހުގެ ހަވީރެވެ. އަހަރެންގެ ބައްޕަ އީރާ ގޮވައިގެން އުންދޯލީގައި އިންއިރު އަހަރެންކައިރީގައި އިނީމެވެ.އިޖާޒްވީ އޮފީހަށް ގޮހެވެ. އެކިވާހަކައިގެ ތެރެއިން ބައްޕަ އަހާލިއެވެ.
“ޑޮކްޓަރު ދެއްކި ވާހަކަ އިޖާޒް ކިއާދީފިތަ؟ ރޭގަ ޑޮކްޓަރަށް ދައްކާ ނިމުން އިރު މާ ލަސްވެފަ ހުރީމަ ދަރިފުޅު ނިދާފަ އޮންނާނެތީ ނުގުޅީ. ދެން ރަށަށް އައިސް ބުނާނީއޭ ބުނީ” ބައްޕަ ގެ ވާހަކަ އާއި އިޖާޒް ގެ ވާހަކައިގަ ކުޑަ ތަފާތުކަމެއް އަހަރެންނަށް ވަގުތުން ފާހަގަ ކުރެވުނެވެ އިޖާޒް އަށް ހެނދުނު ގުޅުމުން ބުނީ އެދުވަހު ހަވީރު ޑޮކްޓަރަށް ދައްކާވާހަކައެވެ. ނަމަވެސް ބައްޕަ ބުނި ގޮތުންވިއްޔާ ކުރީރޭ ޑޮކްޓަރަށް ދައްކާ ނިމިއްޖެއެވެ.
“އަދި ވާހަކަ ދައްކާ ނުލެވޭ. އޮފީހުން އައީމަ ވާހަކަ ދައްކާލާނީ. މިއަދު ފްލައިޓް ޑިލޭ ވީތަ؟ ވަރަށް ނާންނަ ގަޑިއަކު ދޯ އައީ؟ އަހަރެން އެހެން އަހާލީ އިޖާޒް ގެއަށް އައީ ބާރަ ޖަހާލާއިރުކަމަށް ވުމުންނެވެ. ނޯމަލް ޝެޑިޔުލް ދަތުރުތަކުގައި ހޯމަ ދުވަސްދުވަހު ހެނދުނު 10 ޖަހާއިރު ފްލައިޓްގެ ފަހުން ދެން އިންނަނީ ހަވީރު 4 ޖަހާއިރުއެވެ. 10 ޖަހާއިރު އަންނަ ފްލައިޓަކުން އެންމެ ލަސްވެގެންވެސް 10:30 ހާއިރު ގެއަށް އާދެވެއެވެ. އެއާޕޯޓްގައި ލަސްވިއަސް 11 ޖަހަން ވާއިރަށް ގެއަށް އާދެވޭނެއެވެ.
“އުނހު.ދިހަ އެއް ޖެހިއިރު އާދެވުނު. އިޖާޒް ގެއަށް ދަބަސް ލާފައި ބައްޕަ އާ އެކީ ފިހާރަ ކަމަކަށް ނުކުމެލީ. ބުނި ދަރިފުޅު ނިދިފަ އެބައޮތޭ” އަހަރެންގެ ހިތް ނުތަނަވަސްވާންފެށިއެވެ. އިޖާޒް ކޮޓަރިއަކަށް ގައިމުވެސް ނުދެއެވެ. އަހަރެން ނުވެސް ނިދަމެވެ. އެހެންވީއިރު އިޖާޒް އެހާ ބޮޑު ދޮގެއް ހެދީ ކީއްވެބާއެވެ. އަހަރެންނަށްވެސް ދޮގުހެދީއެވެ. އެއީ މީގެ ކުރިން އިޖާޒް ކުރިކަމެއް ނޫނެވެ. އަނެއްކާ އަހަރެންނާއި ލައިތްގެ ވާހަކަތައް އިޖާޒް އަށް އަޑު އިވުނީބާއެވެ. އަހަރެން ހާސްވާން ފެށިއެވެ. އިޖާޒް ހިތަށް އަރާނީ ކީކޭބާއެވެ.
އެހެން ރޭރެއާއި ޚިލާފަށް ކުރިން އަހަރެން ނިދަން ވަނީމެވެ. އަދި އިޖާޒް އަށް އިންތިޒާރުކުރަން އޮވެވުނެވެ. މާ ލަސްތަކެއް ނުވެ އިޖާޒް އައިސްވަނެވެ. އެއްޗެހި ބަދަލުކޮށްލައިގެން އައިސް އެނދުގައި އޮށޯވެލުމާއިއެކު އަހަރެން ވާހަކަ ދައްކަން ފެށީމެވެ.
“އިޖާޒް. ބައްޕަ ބުނި ރޭގަ ޑޮކްއަށް ދައްކާ ނިމުން ވާހަކަ. މިއަދު 10 ގެ ފްލައިޓުން އައި ވާހަކަ. ގެއަށް އައިސް ދަބަސް ލާފަ ގޮސް ބައްޕަ ކައިރީ އަހަރެން ނިދާފަ އޭ ބުނި ވާހަކަ. ވައި އޯލް ދިސް ލައި؟ ކަމެއް ވީތަ؟” އިޖާޒް އަށް އަހަރެންނާއި ލައިތް ދެއްކިވާހަކަ އަޑު އިވުނުކަން ޔަޤީން ނުވާތީ އަމިއްލަ އަށް ބޭޒާރުވާކަށް އަހަރެންވެސް ބޭނުމެއްނޫނެވެ.
” އަސްލު ހަމަ ސަޕްރައިޒް އެއް ދޭން ވެގެން ނުބުނީ. މޫސަބޭވެސް ރަށުގަ ނެތީމަ ބައްޕަ އުޅުނީ ފިހާރައަށް ގެނައި އެއްޗެހިތަކެއް ކްލިއަރ ކުރަން ވެގެން. ގެއަށް އަންނަން ލަސްވާނެތީ ގޮސް ޕޮލިސް ސްޓޭޝަންގަ ދަބަސް ބާއްވަފަ ދިއައީ. އެކަމަކު ގެއަށް ނައިސް ދިއަކަން އެނގިއްޖެއްޔާ ބައްޕަ ހިތްހިމަ ނުޖެހިދާނެތީ ދޮގު ހެދީ. ސޮރީ ލޯބިވާ” އަހަރެން ގައިގައި ބައްދާލަމުން އިޖާޒް މާފަށް އެދުނެވެ.
” ކީކޭ ޑޮކްޓަރު ބުނީ” އަހަރެންގެ ސުވާލާއެކު މުޅިތަނަށް ވެރިވީ ހިމޭންކަމެވެ. އިޖާޒް އެއްވެސް އެއްޗެއް ނުބުނެއެވެ. އަހަރެންގެ ގައިގައި އިހުނަށްވުރެ ބާރަށް ބައްދާލިއެވެ.
“ކަމެއް ގޯހީތަ؟” އަހަރެން އިޖާޒްއާއި ވީ ފަރާތަށް އެނބުރުނީމެވެ. އިޖާޒްގެ ލޮލުން ފެން ފާއްދާލިއެވެ. އީރާ ދުނިޔެއަށް އައިދުވަހު އިޖާޒް ރުއީ އުފަލުންނެވެ. އެކަމަކު އެރޭ އެދެލޮލުން އަހަރެންނަށްފެނުނީ ހިތާމައެވެ.
(ނުނިމޭ)