
ލޯތްބަށްޓަކައި އަހަރެން ހުވާ މަރުވެސް ވެދާނަމޭ 1
ލ މާޒް އިންޓަރނޭޝަނަލް ކޮލެޖުގެ ގޯތިތެރޭގައި ކުދިންނާއި ޓީޗަރުން ހޭލަމޭލަވަމުން ދިޔައެވެ. އެކުވެރިން ތަކާއެކު ވާހަކަ ދައްކަމުން އައި ޖަޒްލާގެ ދެންމެފޮޅުނު ތާޒާ ޅަ ފިނިފެންމަލެއް ފަދަ ދޮން މޫނުގައި ފަރިވެފައިވީ އުފާވެރިކަމުފެ ލުއި ހިނިތުންވުމެކެވެ.
އޭނާއަކީ ދުނިޔޭގައި ހުރި އެންނެ އުފާވެރި އަދި އެންމެ ނަސީބުރަނގަޅު ކުއްޖާ އޭ ފެންނަ މީހެއްގެ ހިތަށް އަރައިފާނެއެވެ. މަޑު ނޫ ކުލައިގެ އަތްދިގުޓޮޕަކާއި ކަޅުކުލައިގެ ޖިންސެއް ލައިފައި ހުރިއިރު ރީތިކަމުގެ އިންތިހާއެވެ. ކައިރީގައިތިބި ދެ އެކުވެރިންނާއެކު ސަމާސާ ވާހަކަތަކެއް ދައްކަމުން ދިޔައިރު އޭނާގެ ބޮޑު ދެލޮލުގައިވީ ހިތްހަމަޖެހުމެވެ. ގަތާލައިފައި އޮތް އޭނާގެ ކަޅުކަންގަދަ އިސްތަށިގަނޑުވެސް ބަސްއަހައިގެން އޮތެވެ. ވިލުނޫކުލައިގެ ކަޅި އާއި އޭގެ ތެރޭގައި ވާ ސިއްރުތަށް އޭނާގެ ވަރުގަދަ އެސްފިޔަތަކުގެ ތެރޭގައި ވަނީ ފޮރުވިފައެވެ.
“އޭ ޝެބީ ޓެސްޓަށް ދަސްކުރިންތަ؟ ޖަޒްލާގެ ނަޒަރު ޝަބާގެ މޫނަށް ދަތުރު ކޮށްލިއެވެ.އޭނާގެ ނުކިޔަމަންތެރި ބުޅި އިސްތަށިގަނޑު ވޫލްކޮޅަކުން އައްސައިލައިފައި ވާއިރު، ވޫލުން ނެއްޓިފައިވާ އިސްތަށިކޮޅު އެ ދޮންމޫނުމަތީގައި ސަމާސާކުރަމުން ދިޔައެވެ. ކޮނޑުގައި އަޅުވައިފައި ހުރި ދަބަހުގެ ވާގަނޑާއި ކުޅެމުން ދިޔައިރު އޭނާގެ ފުރިހަމަ ސަމާލުކަން ހުއްޓިފައި ވަނީ ކައިރީގައި ތިބި 2 އެކުވެރިންނަށެވެ.
“ފޮތް ކިޔާލިން. އަދި އެހާބޮޑަކަށް ދަހެއްނުވޭ. އިއްޔެ އުޅެން ޖެހުނީ އެސައިންމެންޓް ނުނިންމިގެން. ޖޭޒް ދަސްކުރިންތަ؟”
“އާނ މަ އިއްޔެ ގެޔަށް ދިޔަގޮތަށް ގޮސް އަވަހަށް އެސައިމެންޓް ހަދައިފިން. ހަވީރު ވާން ވާއިރަށް ނިމިއްޖެ. ދެން ހަވީރު ފިލާވަޅު ދަސް ކުރެވޭނެ އެއްނު” ޝަބާ ކުރިސުވާލަށް ޖަވާބު ދިން ޖަޒްލާގެ ނަޒަރު ހުއްޓުނީ ހިމޭނުން އިން އީރަމްއަށެވެ.
“ކިހިނެއްވީ އިރޫ މާ މަޑުން ތިއިނީ؟ އީރަމްގެ މޫނުގައި ވިކުލަވަރު ދިރާސާ ކުރަމުން ޖަޒްލާ އަހައިލިއެވެ. އީރަމްގެ ތުންފަތުގައި ވި ލާނެތް ހިނިތުންވުން ވަނީ ގެއްލިފައެވެ.
“އަހަރެން ހަނދާނެއް ނެތް އެސައިމެންޓް ނިންމާކަށް.” އީރަމްގެ އަޑުގައި ވީ ކަންބޮޑުވުމެވެ. “އޯ އެމް ޖީ .އިރޫ ދެން ކިހިނެތް ހަދާނީ؟” ޝަބާގެ މޫނަށް ވެސް ނުތަނަވަސް ކަމުގެ ހިޔަނި އެޅިއެޖެއެވެ. “ސަރ ވަރަށް ރުޅިއަންނާނެ!”ޖަޒްލާގެ އަޑުން ވެސް ފާޅުވަމުން ދިޔައީ ޖެހިލުންވުމެވެ.
“ދެން ހިނގާ ދާން. އިރޫ ދެން ދުޢާ ކޮށްލާ މިއަދު ސާރ ސުކޫލަށް ނާދޭތޯ!” ޖަޒްލާގެ މޫނަށް އަނެއްކާވެސް ލާނެތް ހިނިތުންވުމެއް ވެރިވެއްޖެއެވެ. ތިންކުދިންވެސް މިފަދަ އެކި ވާހަކަތައް ދައްކަމުންގޮސް ކުލާހަށްވަނެވެ.
ގޮނޑީގައި އިށިންދެ ހަމަޖެހިލި ޝަބާގެ ލޮލުގައި އަޅަައިގަތީ ދޮރުން ވަދެގެން އައި އިސްކޮޅުން ދިގު ބާމަތިފުޅާ ހަށިގަނޑެއްގެ ވެރި ޒުވާނާ އެވެ. ކޮލެޖްގައި އުޅޭ ގިނަ އަންހެންކުދިންގެ ހިތުގެ ރަސްގެފާނެވެ. ގަދަ ނޫ ކުލައިގެ ޖިންސަކާއި ކަޅުކުލައިގެ ހޫޑެއްގައި އައި ޒީވާން ހީވަނީ ބޭރުގެ މޮޑެލް އެއް ހެންނެވެ.
“އޭ އެއޮތް އަންނަނީ ޒީވާން” ޖަޒްލާ ގެ ކަންފަތް ދަށުގައި އެހެން ބުނެލި ޝަބާގެ ނަޒަރު ޒީވާންގެ ފިރެހެން ވަންތަ މޫނުން ވަކިނުވެއެވެ. ޒީވާން ފެންނަ ކޮންމެ ފަހަރަކު ޝަބާގެ ހިތުގެ ތެޅުން އަވަސްވެއެވެ.އައިސް ކިޔުބެއް ފަދައިން އަތްފައި ފިނިވެއެވެ. އައިބެއްނުވާ އެދޮން މޫނަށް ގެއްލިފައި ކިތަންމެ އިރެއް ވަންދެންވެސް އޭނާއަށް ހުރެވިދާނެއެވެ.
ޒީވާން އައިސް އިށިންނީ އޭނާގެ ލޯބިވެރިޔާ ޔަލްވީގެ ކައިރިގައެވެ. ޔަލްވީގެ ކަންފަތް ކައިރީ ސިއްރެއް ބުނެލި ޒީވާންގެ ފުންކަނޑެއް ފަދަ ދެލޮލުގައި ނަށަނަށާ ހުރީ ލާނެތްކަމެވެ. ޒީވާން ޔަލްވީ އަށް ލޯބިވެތި ނަޒަރަކުން ބަލަހައްޓައިގެން އިންއިރު ޒީވާންގެ ލޯތްބަށްޓަކައި ޝަބާގެ ހިތް ތެޅިފޮޅެނީއެވެ.
އެހިތުގައި ޒީވާން ނޫން ނަމެއްް ލިޔެވިފައެއް ނެތެވެ. ރޭގަނޑު ނިދާފައި އޮންނަ އިިރާއި ދުވާލު ހޭލާ ހުންނަ އިރުވެސް އޭނާގެ ލޮލުކުރިމަތިން ސިފަވަނީ ޒީވާންއެވެ. އޭނާގެ ހިތް އެދެމުން ދިޔައީ ޒީވާންގެ ބާރުގަދަ ދެއަތުގެ ހިމާޔަތަށެވެ. އޭނަގެ ޖިސްމު ބޭގަރާރު ވަމުން ދިޔައީ ޒީވާންގެ ދެއަތުގެ ފިރުމުން ތަކަށެވެ. ޝަބާގެ ހިތްތެޅެނީ ޒީވާންއަށް ޓަކައެވެ. އެލޯބީގެ ހައްގުގައެވެ. ލޯތްބަށްޓަކައި އަހަރެން ހުވާ މަރުވެސް ވެދާނަމޭ ބުނާކަށް ޝަބާ ކުޑަކޮށްވެސް ޖެހިލުމެއް ނުވެއެވެ.
ޝަބާ ދެއްކި ދިމާލަށް ބަލައިލި ޖަޒްލާގެ ލޮލުގައި ވީ ފޫހި ކަމެވެ. އެހެން ހުރިހާ ކުދިން ޒީވާންއާއި ހެދި މަރުދަން ޖެހުނަސް އޭނާ އަށް ފަރުވާލެއް ނެތެވެ. އެރީތި ކަމުގެ ޖާދޫގައެއް އޭނާ ނުޖެހޭނެއެވެ. ޒީވާން އަކަށް ވެސް އަދި އެއްވެސް ފިރެހެނަކަށް ވެސް އޭނާގެ ހިތާއި ހަމައަށް ވާސިލް އެއްނުވެވޭނެއެވެ. ފިރެހެނަކު އޭނާއަށް ބަލައިޔަސް އޭނާ ވަނީ އަމަށަކު ފޫއްސެއްނުނެވެ.
ޝަބާ ދެއްކި ދިމާލަށް ބަލައިލި އީރަމްގެ ހިތަށް ކުރީ ފުން އަސަރުތަކެކެވެ. އެ ބޮޑު ދެލޮލުން ކަރުނަ ފައިބަން ފެށީ އޭނާގެ އިޚްތިޔާރުން ބޭރުގައެވެ. ކޯތާފަތް މަތީ ބޮސްދިން ކަރުނަތިކި އީރަމް ފޮހެލީ އޭނާގެ އެކުވެރިންނަށް އޭގެ ހަގީގަތް ސިއްރުކުރަން ބޭނުންވެފައި ހުރި ވަރުންނެވެ. އެކަރުނަަ ތިކި ފޮހެލި ނަމަވެސް އީރަމް އަކަށް އޭނާގެ ހިތުގައިވާ ނުތަނަވަސް ކަމަށް ހައްލެއް ނުހޯދުނެވެ. އޭނާގެ ހިތުގައި ވާ ވޭނީ ރިހުމަށް ޝިފާ އެއް ނުހޯދުނެވެ. ކަންބޮޑުވުމުގެ ޝިކާޔަތު އޭނަގެ ހިތުން ފިލުވައެއް ވެސް ނުލެވުނެވެ. ފެނުނު މަންޒަރުން އީރަމްގެ ތަބީއަރށް ބޮޑުބަދަލެއް އަތުވެއެއްޖެއެވެ.
ގޮނޑިން ތެދުވި އީރަމް ދަނީ ކޮންތާކަށް ތޯ ޖަޒްލާ ސުވާލު ކުރިއެވެ. މިދަނީ ފާހަނައަށް ކަމުގައި ބުނެ އެކުވެރިންނަށް ޖަވާބުދަރީ ވުމަށްފަހު އީރަމް އަވަސް ފިޔަވަޅުތަކެއްގައި މިސްރާބު ޖެހީ ފަހަނާއަށް ދިޔުމަށެވެ.
ފާހަނާ ތެރެޔަށް ވަން އީރަމްގެ ދެތުންފަތް ފޫދުއްވާލުމަށް ފަހު ވޭނީ އާހެއްގެ އަޑު ބޭރުވިއެވެ. ހޫނު ކަރުނަތައް އޭނަގެ ލޮލަށް ބޮނޑި ވަމުން ދިޔައެވެ. ލޯގަނޑުން ފެންނަމުން ދިޔަ އޭނާގެ ސޫރަ ފުސްވަމުން ދިޔައެވެ. އޭނާގެ ބާރެއް ނުފޯރުވި ކަރުނަ ތިކިތައް އޭނަގެ ކޯތާފަތުގައި ބޮސްދިނުމަށް ފަހު ތިރިއަށް ފިރުކެމުން ދިޔައެވެ. އެކަރުނަތިކިތަކަށް ބާރު ނުފޯރުވުނު ފަދައިން ހަޔާތުގެ އެއްވެސް ކަމަކަށް އޭނައަށް ބާރު ނުފޯރުވޭނީ ހެއްޔެވެ. ހަޔާތުގެ ދަތުރުގައި ބަސްނުވިކޭ އޮޑީގެ ދިރުނބާ ކޮޅުގައި ހުރުން ނޫން އިޚްތިޔާރެއް އޭނައަށް ލިބޭނެ ބާއެވެ. ދެން ހަދާނީ ކިހިނެއްބާއެވެ. އެވަގުތު އޭނަގެ ހިތަށް އައީ ކަލަޔާނުލާގެ ބައިތެއް ކަމަށްވަ “ލޯތްބަށްޓަކައި އަހަރެން ހުވާ މަރުވެސް ވެދާނަމޭ” އެވެ. ލޯބީގެ މިލަވައިގަ ބުނާ ވާހަކަ އޭނާ ތެދު ކޮށްދޭނެއެވެ. ލޯބި ވެރިޔާއަށްޓަކައި ފުރާނަ ދޭންވެސް އޭނާ މިހުރީ ތައްޔާރަށެވެ. އެކަމަކު އޭގެ އޭނާވީ ގުރުބާނީގެ އަގު ލޯބިވެރިޔާ ވަޒަން ކުރާނެބާއެވެ.އޭނާ ނެތަސްް އެކަން އެ އިހުސާސްވެސް ވާނެ ކަމެއް ނޭނގެއެވެ. ޔަލްވީ ނޫނަކަސް އޭނާއަކީ ވެސް އަންހެންކުއްޖެކެވެ. ލޯބިވެރިޔެއްގެ އޯގާތެރި ފިރުމުންތަކަށް އޭނާގެ ހިތް އެދެެއެވެ.
ކޮންމެހެން އޭނާ ޔަލްވީ އާއި ދޭތެރޭ ހަސަދަ ވެރި ވަނީ އެއްނޫނެވެ. ޔަލްވީ އަށް ލިބިފައިވާ ނިއުމަތްތަކާއި މެދު އޭނާ އުފާވެއެވެ. ނަމަވެސް ކިޔާންގެ ފަރާތުން އޭނާއަށް ވެސް އެފަދަ ލޯބިވެތި ފިރުމުންތަކަށް އެދެވެއެވެ. ލާނެތް ސަމާސާތަައް ކުރުން އެދެވެއެވެ. ލޯބީގެ ކުދި ގޯނާ ތަކަށް އުއްމީދު ކުރެވެއެވެ. އެހެނަސް ކިޔާން ގެ ފަރުވާކުޑަ ކަމުން އޭނާގެ ހުރިހާ އުންމީދުތަށް ފެނަށް ވަނީއެވެ. އެދޭ އެދުންތަކަށް ހިރަފުސް އަރައި ނެތިގެންދަނީއެވެ. ލޯބީގެ ގަދަކަނޑުގައި އޭނާ ގެނބެނީއްޔެވެ.
މިހުރިހާ އުނިކަނތަކަކާ އެކުވެސް އޭނާ ކިޔާންދެކެ އިންތިހާއަށް ލޯބިވެއެވެ. ދުވަހަކުވެސް ވަކިނުވެ ވަފާތެރިކަމާއެކު އުމުރަށް ވާނެކަމަށް ބުނި ވައުދުގައި ހިފަހައްޓައިގެން އޭނާ މިހުރީ އުއްމީދުގެ ދޯދިން އަތް ފޮޅައި ނުލަން ވެގެންނެވެ. ކިޔާން ކިތަންމެ ފަރުވާ ކުޑަނަމަވެސް އޭނާއަށް ބޭވަފާތެރިއެއް ނުވެއެވެ. ކިޔާން އަކީ ވަފާތެރިއެކޭ ބުނަން އޭނާ ޖެހިލުން ނުވަނީ އެހެންވެއެވެ.
އޭނާއާއި ކިޔާން އަކީ އެކުވެރިންގެ ތެރޭގައި ވަރަށް ލޯބިން އުޅޭ ދެ ލޯބިވެރިން ކަމަށް މަޝަހޫރުވެފައިވާ ކަޕްލް އެކެވެ. ލައިލާއާއި މަޖުނޫނަށް ވުރެ ރޯމިއޯއާއި ޖޫލިއެޓަށް ވުރެ އޭނާ އާއި ކިޔާން އުޅޭލެއް މާލޯބިކަމަށް ޝަބާ ވެސް ބުނެއެވެ. އަހަރެން ވެސް ބޭނުމީ ކިޔާން ކަހަލަ ލޯބިވެރިޔެކޭ ބުނެ ޖަޒްލާ ވެސް ދިމާކުރެއެވެ.
އެހެންކަމުން ކިޔާންގެ އެފަދަ އުނިސިފަތށް އެކުވެރިންގެ ކުރިމަތީ ވަންހަނާ ކުރުމަށް އޭނާ އަބަދުވެސް ސަމާލުކަންދެއެވެ. އެކުވެރިންގެ ދުލުން ކިޔާންއަށް ބަދުބަސް ރައްދުވާކަށް އޭނާ ނޭދެއެވެ.އެހެންނޫނީ މިހާރު އެދެމެދުގައި އޮތް ނާޒުކް ގުޅުމުގައި ކުނި ޖެހި އިތުރަށް ރަނގަޅު ނުވާ ހިސާބަށް އެގުޅުން ގޮސްދާނެއެވެ.
އިރުކޮޅެއްވަންދެން ފުސްވެފައިވާ އޭނާފެ ސޫރައަށް ބަލަން ހުރުމަށް ފަހު ޖަޒްލާ މޫނު ދޮވެލިއެވެ. މޫނު ހިއްކައިލުމަށްފަހު މޮއިސްޗަރައިޒާރ އުނގުޅާލިއެވެ. އީރަމް ރީތިވެލައިގެން އަވަސް ފިޔަވަޅު ތަކެއްގައި މިސްރާބު ޖެހީ ކްލާހަށް ދިޔުމަށެވެ.
ކްލާސް ތެރެއަށް ވަން އީރަމްއަށް ސިހުން ލިބުނީ ކްލާސް ތެރޭގައި ހުރި އިނގިރޭސި މުދައްރިސް ފެނުމުންނެވެ. މިއީ އެކައުންޓް ގަޑިކަން އޭނާއަށް ރަނގަޅަށް އިނގެއެވެ. މުދައްރިސްގެ އަރިހުން ހުއްދަ ހޯދުމަށްފަހު އީރަމް ގޮޑީގައި އިށިންދެލިއެވެ.
“މިއަދު އެކަންޓް ކިޔަވައިދޭ މިސް ސުކޫލަކަށް ނާދޭ.” ޖަޒްލާގެ ދުލުން ބޭރުވި ބަސްތައް އީރަމްގެ މޫނުގައި ލުއި ހިނިތުންވުމެއް ކުރަހާލަދިނެވެ. “އިރޫ ގެ ދުޢާ އިޖާބު ކުރައްވައިފި.” ޝަބާ ވެސް ޖަޒްލާ އާއި އެއްބައި ވެލިއެވެ. ތިން އެކުވެރިން ވެސް ވާހަކަ ހުއްޓައިލުމަށްފަހު މުދައްރިސް ދިން ނޯޓްތަށް ލިޔަން ފެށިއެވެ.
ކުލާހުގައި އިން އިރު ވެސް ދޭތެރެއަކުން ޝަބާއަށް ޒީވާން އާއި ދިމާލަށް ބަލައިލެވެއެވެ.
ކްލާސްތަށް ނިމޭ ބެލް ޖެހުމާއެކު ހީވީ ސުނާމީ އެއް އެރިހެންނެވެ. އަވަސްހިނގުމެއްގައި ހުރިހާ ކުދިން ހިނގަމުން ދިޔައީ ކޮލެޖުން ނިކުތުމަށެވެ. އެހެންކުދިންނާއި ޚިލާފަށް ތަންކޮޅެއް ލަސްހިނގުމެއްގައި ޖަޒްލާ ޝަބާ އަދި އީރަމް އައީ އޮލަ ވާހަކައެއް ދައްކަމުންނެވެ. އެކުދިން ވަކިވީ ކޮލެޖު ގޭޓާއި ހަމައިންނެވެ. އީރަމް އެކަނި ހިނގައިލައިފައި ދިޔައިރު ޝަބާ ދިޔައީ އޭނާގެ ދޮންބެ އާއި އެކުގައެވެ. އާދައިގެ މަތިން މިއަދުވެސް ޖަޒްލާ ގެޔަށް ދިޔައީ ހިނގައިލައިފައެވެ.ފަރި ހިނގުމެއްގައި ގެޔަށް ދިޔަ ޖަޒްލާގެ ޚިޔާލުގައި ވީ މިއަދު ސްކޫލުގައި ހިނގި އެކި ކަންތައްތަކެވެ. ގެޔަށް ވަދެވުނު ޖަޒްލާ ސިޑިން އެރީ އަވަސް ފިޔަވަޅުތަކެއްގައެވެ. ތަޅުދަނޑި ނަގައި ގޭގެ ދޮރު ހުޅުވާލި ޖަޒްލާއަށް ފެނުނު މަންޒަރުން އޭނާގެ މޫނު ފިނިފެންމަލެއް ފަދައިން ފޮޅިގެން ދިޔައެވެ.