
ޕެންޓް ހައުސްއަށް ވަދެވުމާއެކު ޖޫން މަޑުކުރުމެއްނެތި މިސްރާބު ޖެހީ ކޮޓަރިއާ ދިމާއަށެވެ. މަންޒަރު ބަލަން ހުރި ނަޖުމާ ނަޒަރު ހިންގާލީ އައިވިން އާ ދިމާއަށެވެ. ކައިވެނި ކުރިތާ އެއްދުވަސް ނުވެ ދެމީހުން މާލެ އަންނާނެ ކަމަކަށް ނަޖުމާ ހީކޮށްފައެއް ނެތެވެ. ފޮށި ދަމަމުން ގޭ ތެރެއަށް ވަތް އައިވިން ނަޖުމާއަށް ހިނިތުންވުމެއް ރައްދުކުރިއެވެ. އެހެނަސް އެހިނިތުން ވުމުގައި ދިރުމެއްނުވާކަން ނަޖުމާއަށް އެނގެއެވެ.
ކޮޓަރި ހުޅުވާލަމުން އެތެރެއަށް ވަތް އައިވިންގެ ލޮލުގައި އަޅައިގަތީ އޭނާއާ ފުރަގަސްދީގެން އެނދުގައި އިށީނދެ އިން ޖޫނެވެ. ގެނައި ފޮށިތައް ކޮޓަރިއަށް ވެއްދުމަށްފަހު މަޑުކުރުމެއްނެތި އައިވިން ވަނީ ފާޚާނާއަަށެވެ.
އިރުކޮޅެއްފަހުން ނިކުން އިރު މީހާ ހުރީ ތާޒާ ވެލައިގެންނެވެ. އޭރުވެސް ޖޫން އެނދުގައި އިށީނދެެގެން އިން ގޮތަށް އިނެވެ. އިރުކޮޅަކު ޖޫން އަށް ބަލަހައްޓައިގެން ހުރި އައިވިން ފުންނޭވާއެއް ދޫކޮށްލިއެވެ. ޖޫންގެ ހިތުގައިވާ ހިތްހަމަ ނުޖެހުމާއި ޝަކުވާ އޭނާއަށް ވިސްނެއެވެ. އެހެނަސް އޭނާއަކަށް ޖޫން މަސަލަސް ކުރާނެ ގޮތެއް ނޭނގެއެވެ. ހިތް ނޭދޭ އިރު ޢަމަލުން އެކަން ދައްކާނީ ކިހިނެއް ހެއްޔެވެ؟
ކޮޓަރީގެ ދޮރު ލެއްޕުނު އަޑަށް ޖޫން ފަހަތް ބަލައިލިއެވެ. އައިވިން ފެންނަން ނެތުމުން ކޮޓަރިން ނިކުތީކަން އެނގުނެވެ. ވީ ދެރައާއި ރުޅިންް މުޅި މީހާ ފޯވަމުން ދިޔައެވެ. އެންމެ ސިކުންތަކަށްވެސް އައިވިންގެ ސަމާލުކަން އޭނާއަށް ހުއްޓޭނެ ގޮތެއް ނެތީހެއްޔެވެ؟ އޭނާގެ ރުޅިވެރިކަން ބާލައިލީ އެނދުގައި އޮތް ބާލީސްތަކަށެވެ. ހިތްހަމަ ޖެހޭ ވަރުވީ އެހުރިހާ ބާލީސްތައް ކޮޓަރީގެ އެކި ދިމާއަށް އުކާލެވުމުންނެވެ.
*****
ނަޖުމާ ކާން އެދުމުންވެސް އައިވިން އިންކާރު ކުރިއެވެ. އެޕާޓްމެންޓިން ނިކުމެގެން ދިޔަ އައިވިން އަށް ބަލަހައްޓައިގެން ނަޖުމާއަށް ހުރެވުނީ ކަންބޮޑުވެފައެވެ. ފަހަކަށް އައިސް އައިވިން ގޭގައި އުޅޭ ވަޤުތުތަކަށްވުރެ ބޭރުގައި ހޭދަވާ ވަޤުތު ގިނައެވެ. ކެއުމާވެސް އެހާ ދުރެވެ. ދޭތެެެރެ އަކުން ސިނގިރޭޓު ބޯތަންވެސް މިހާރު އޭނާއަށް ވަނީ ފެނިފައެވެ. އައިވިންގެ މިޒާޖަށް އަންނަމުންދާ ބަދަލުތަކުގެ އަސްލަކީ ޒޯޔާކަން ނަޖުމާއަށް އެނގެޔެވެ. ދެރައީ އައިވިން އަށް ޓަކައި ކޮށްދެވޭނެ ކަމެއް އޭނާގެ އަތުގައި ނެތީމައެވެ.
********
މާލޭގެ ހަލަބޮލި މަގުތަކުގައި ކާރު ދުއްވަމުން ދިޔަ އައިވިންގެ ވަކި މަންޒިލެއް ނެތެވެ. ގޭގައި ހުރެ ބޯ ގޮވުމަށްވުރެ މިގޮތްވެސް އޭނާގެ ހިތަށް މާ ފަސޭހައެވެ. މަގުތަކުގައި ދުއްވާ އެއްޗިއްސަށާއި ހިނގާފައިދާ މީހުންނަށް އައިވިން ކަޅި އެއްލަމުން ދިޔައެވެ. އެ ބައިބޯ މަޙައުލުންވެސް އޭނާއަށް ޒޯޔާގެ ހިލަމެއްވެދާނެތީއެވެ.
މިއީ ފަހަކަށް އައިސް އައިވިންގެ އާދައެކެވެ. ކަމަކާ ނުލާ މާލޭގެ މަގުތަކުގައި ބުރުޖެހޭ އަދަދެއްވެސް ނޭނގެޔެވެ. ޒޯޔާގެ ފަސްފަހަތްވެސް ފެނިލާތޯއެވެ. ފަހަރުގައި ޒޯޔާ ރަށަށް ދިރިއުޅުން ބަދަލުވީ ކަމުގައިވެދާނެ ކަމަށް ހީވިޔަސް އެކަން ޔަޤީންނުވާ ހިނދަކު އައިވިން ބަލި ޤަބޫލު ކުރާކަށް ބޭނުމެއްނުވެއެވެ.
ލޮނުޒިޔާރާތްކޮޅު މަގަށް ވަދެގެން އައިސް ކާރު ޕާކުކޮށްލުމަށްފަހު އައިވިން ފޭބިއެވެ. މަޑު ހިނގުމެއްގައި އައިސް އުސްފަސްގަނޑާ ދިމާލުގައި އައިވިން މަޑުކޮށްލިއެވެ. ވަރުނުލާރާޅުތައް ތޮށިގަނޑު މައްޗަށް ބިންދަމުންދާ މަންޒަރު ފެންނަމުން ދިޔައީ ނުހަނު ހިތްގައިމުކޮށެވެ. ހަވީރުގެ މަރިޔާދު ވަޤުތުކަމުން އާއިލާތަށް ގިނަ އަދަދަކަށް ހިނގާލަން ނިކުމެ އުޅޭތަން ފެންނަމުން ދިޔައެވެ.
މާޙައުލަށް ނަޒަރެއް ދެމުން އައިވިން އެނބުރުނީ ކާރާ ދިމާއަށް ދިޔުމަށެވެ. އަނެއްކާވެސް އިތުރު މަންޒިލަކަށް ދިޔުމަށެވެ. އެހެނަސް އެއްލިކަޅިއަކުން ފެނުނު މަންޒަރުން އައިވިން ގަނޑުވިފަދައެވެ.
“ޒޯޔާ..” އައިވިން އަށް ލަސްލަހުން ކިޔާލެވުނެވެ. ނޭވާ އަވަސްވެ މުޅި މީހާ ދާހިތްލަން ފެށީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އޭނާ އާ ދިހަވަރަކަށް ފޫޓު ދުރުގައި ހުއްޓިގެން އެހުރީ ޒޯޔާކަން ޔަޤީނެވެ. އުރުގައި އިން ޒައިކް އާ މައްލަވަ ކުރަމުން ދިޔައިރު ޒޯޔާގެ ތުންފަތުގައިވަނީ ހިނިތުންވުމެކެވެ.
އައިވިން އަށް ދެއަތް މުއްކަވާލެވުނެވެ. ކުރިޔަށް ފިޔަވަޅު އަޅަން ބޭނުންވި ނަމަވެސް އެހިތްވަރު އޭނާގެ ގައިގާ ނެތްފަދައެވެ. ބޭޤަރާރުވެފައިވާ ބެލުމަކުން އައިވިން އަށް ޒޯޔާއަށް ބަލަހައްޓައިގެން ހުރެވުނެވެ.
ކުއްލިއަކަށް ޒޯޔާ ބަލައިލީ ސީދާ އައިވިން ހުރި ދިމާއަށެވެ. ޒޯޔާގެ ލޮލުން ފެނުނު ސިހުން ކުޑަ ވަޤުތުކޮޅަކަށް ނަމަވެސް އައިވިން އަށް ފެނިގެން ދިޔައެވެ. ނަމަވެސް ދެން ވީނުވީއެއް ނޭނގުނެވެ. ކުރިމަތިން ހިނގާފައި ދިޔަ މީހުންތައް އައިވިންގެ ކުރިމަތިން ހުރަސްކެނޑި އިރު ޒޯޔާގެ ނިޝާނެއް ފެންނާކަށް ނެތެވެ. ހާސްވެ ހުރެ އައިވިން އަށް އެކި ކޮޅުކޮޅަށް ނަޒަރު ހިންގާލެވުނެވެ. ދުވެފައި ގޮސް ޒޯޔާ ހުއްޓި ހުރި ހިސާބަށް އައިސްވެސް ހޯދާ ބެލިއެވެ. އެހެނަސް ޒޯޔާގެ ހިލަމެއްވެސް ވާކަށް ނެތެވެ. ހީވި ހީވުމެއްކަމަށް ބަލާ ސިކުނޑިއަށް ވިސްނައިދެން މަސައްކަތް ކުރިނަމަވެސް އެކަމެއްނުވިއެވެ. އޭނާގެ ދެލޯ ދޮގެއް ނަހަދާނެ ކަމުގައި ހިތްބުނަމުން ދިޔައެވެ. އެއީ ހަމަ ޒޯޔާއެވެ. އައިވިންގެ ހިތް ވަޤުތުން ގެނބިގެންދިޔައިރު މާޔޫސްކަމާއެކު އިސްޖަހާލެވުނެވެ.
***********
ކޮޓަރީގެ ދޮރުގައި ޓަކި ދޭ އަޑަށް ޖޫން އެނދުން ތެދުވިއެވެ. ފޫހިކަމާއި ކަންނެތްކަމާއެކު އައިސް ދޮރު ހުޅުވާލި އިރު މޫނުމަތިންވެސް އެ އަސަރުތައް ފާޅުވަމުން ދިޔައެވެ. ނަމަވެސް ދޮރުކުރިމަތީގައި ހުރި ފަޒްލާ ފެނުމާއެކު ޖޫން އަށް ސިހުންގެނުވިއެވެ. އަވަސް އަވަހަށް މޫނުމައްޗަށް މަސްނޫއީ ހިނިތުންވުމެއް ވެރިކުރުވިއެވެ.
“މަންމަތަ.. ވަދޭ.. ކަމަކުތޯ ތިދުރުވީ..؟” ޖޫން އެއްފަރާތަކަށް ޖެހިލަމުން ފަޒްލާއަށް ވަންނާނެ ތަން ދެއްކިއެވެ.
“ނޫން.. ކަމަކު ނޫން.. ދަރިފުޅު ދެކިލަން މިއައީ ހަމަ.. މަންމަ ވަރަށް ހައިރާންވި ރިސޯޓުގަ މަޑުވެސް ކޮށްނުލާ ތިދެކުދިން އައީމަ…”ފަޒްލާ އެތެރެއަށްވަދެ ސޯފާގަައި އިށީންނަމުން ވާހަކަ ދެއްކިއެވެ. ފަޒްލާގެ ވާހަކަ ތަކާއެކު ޖޫންގެ މޫނުމައްޗަށް މާޔޫސްކަން ވެރިކުރުވިއެވެ.
“އަނެއްކާ ކަމެއް ގޯސްކޮށްދަނީތަ..؟ ކަމެއް ވެއްޖިއްޔާ މަންމަ ކައިރި ނުބުނެ ނުހުންނައްޗޭ…މިހާރު އައިވިން ވީ ތަނެއް އިނގޭތަ..؟” ޖޫންގެ މާޔޫސްކަން ފެނުމާއެކު ފަޒްލާއައިސް ޖޫންގެ ގާތުގައި އިށީނދެ އޭނާގެ އަތުގައި ހިފާލިއެވެ.
“ނޭނގެ މަންމާ.. ކީއްވެތަ މަންމަގެ ދަރިފުޅު އެހާ ބޯހަރީ..؟” ޖޫންގެ އަޑު ކުރެހިގެން ދިޔައެވެ. އޭނާ ހުރީ އުފަލުން ނޫންކަން ވަޤުތުން ފަޒްލާއަށް ޔަޤީންވިއެވެ. ފަޒްލާ އަށް ތެޅި ފޮޅި ގަނެވުނެވެ. މިހާ އަވަހަށް ޖޫންގެ ހިތުގައި އައިވިން އާ މެދު ޝަކުވާ އުފެދިގެން ނުވާނެއެވެ. ޖޫން އައިވިން އާއި ވަކިވެއްޖެނަމަ އޭނާގެ އުންމީދުތައް މުޅިން ފުނޑު ފުނޑުވެގެން ދާނެއެވެ.
“ދަރިފުޅާ ޖޫން.. އައިވިންގެ ފަރާތުން މި މަންމަ މަޢާފަށް އެދެން.. އޭނާއަށް މަޢާފް ކޮށްދީ.. ދަރިފުޅަށްވެސް ކޮންމެވެސް ވަރަކަށް އެނގޭނެ އައިވިން އަށް ދިމާވި ހާލު.. އެނުލަފާ ޒޯޔާ އެދިޔައީ އަހަރެންގެ ދަރިފުޅުގެ ދިރިއުޅުން މުޅިން ހަލާކު ކޮށްލާފަ.. ދަރިފުޅާ ޖޫން.. ދަރިފުޅު ޖެހޭނެ ވަރަށް ކެތްތެރިވާން.. އައިވިން އަށް ވަޤުތު ބޭނުންވާނެ.. ވަޤުތާއެކު އައިވިންގެ ހިތްވެސް ދަރިފުޅުގެ މައްޗަށް ލެނބިގެން ދާނެ.. ދަރިފުޅު ކޮށްދެންވީ ކަމަކީ އައިވިންގެ ހިތް ފުރެންދެން ލޯބި ދޭންވީ..” ފަޒްލާ ވިސްނުން ތެރިކަމާއެކު ޖޫން އަށް ހަދަންވީގޮތް ކިޔައިދެމުން ދިޔައެވެ.
“އަދި މަންމައަށް ހީވާ ގޮތެެއް ބުނަންތަ..؟” ފަޒްލާ އިރުކޮޅަކު ވިސްނަން އިނުމަށްފަހު ބުންޏެވެ. ޖޫން ބަލައިލީ އެކަމެއް ދެނެގަންނަން ބޭނުންވެފައި އިންހެންނެވެ.
“މަންމައަށް ހީވަނީ ދަރިފުޅުމެން ދެކުދިން އަވަހަށް ކުއްޖެއް ހޯދަންވީހެން.. ލަސްކުރާނެ ކަމެއްނެތް.. އަނެއްކޮޅުން ދަރިއެއް ލިބުނީމަ އައިވިންވެސް ބަދަލުވެދާނެ.. މިހާރު އެދާހެން ބޭރަކަށްވެސް ނުދާނެ..” ފަޒްލާ އޭނާގެ އެންމެ މޮޅު ޙިޔާލު ހިއްސާކުރިއެވެ. ޖޫން އަށް އިރުކޮޅަކު އެކަމާމެދު ވިސްނަން އިނދެވުނެވެ. ކުދިން ބެލުމާއި ގެންގުޅުމަކީ ޖޫން އެއް އިރެއްގަވެސް ކުރި ކަމެއްނޫނެވެ. އޭނާއަކީ ކުޑަކުދިންނާ މާ ގަޔާވާ މީހެއްވެސް ނޫނެވެ. އަނެއްކޮޅުން މާ ބަނޑު ދުވަސް ވަރު ދިމާވާ އުނދަގޫތަކާއި ހަށިގަނޑަށް އަންނަ ބަދަލު ތަކުގެ ވާހަކަ ޖޫން އަށްވެސް އަޑުއިވެއެވެ. އެފަދަ ބުރައާއި ތަކުލީފުތައް އުފުލާކަށް ޖޫން ބޭނުމެއްނޫނެވެ. ނަމަވެސް އައިވިންގެ ހިތް މިލްކު ކުރެވެން އޮތީ އެގޮތުން ކަމުގައި ވަނީނަމަ އެކަން ކުރަންވެސް ފަސް ޖެހޭކަށް ޖޫން ބޭނުމެއް ނޫނެވެ. އޭނާއަށް އެހެން އެއްވެސް ކަމަކަށްވުރެ އައިވިން މުހިއްމެވެ.
”އަޅުގަނޑު ތިކަމާ ވިސްނާނަން..” އިރުކޮޅަކު ހިމޭނުން އިނުމަށްފަހު ޖޫން ބުނެލިއެވެ. އެހިނދު ފަޒްލާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެެރިވެގެން ދިޔައެވެ. ޖޫންގެ އަތަށް ބާރުކޮށްލުމަށްފަހު އަދި ފަހުން އަންނާނަން ކަމުގައި ބުނެ ފަޒްލާ ހިނގައިގަތީ ކޮޓަރިން ބޭރަށެވެ.
”ދަރިފުޅު ރަނގަޅަށް ކައިގެން ހުންނައްޗޭ.. މިއީވެސް އަމިއްލަ ގެ ކަމުގަ ދެކިގެން އުޅޭނީ.. މަންމަ ހުއްޓަ އިރާދަ ކުރެއްވިއްޔާ ދަރިފުޅު މާޔޫސްވިޔަކަ ނުދޭނަން..” ކޮޓަރިން ނިކުމެ ދޮރުމަތީ ހުއްޓެމުން ފަޒްލާ ބުންޏެވެ. ކޮޓަރީގެ ދޮރު ލެއްޕުމާއެކު ޖޫންގެ ތުންފަތަށް ކާމިޔާބީގެ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ފަޒްލާ ހުރީ އޭނާގެ ކޮޅުގައިކަން ޔަޤީންވުމާއެކު ނޭނގޭ ބާރުވެރިކަމެއް ލިބިގެން ދިޔަ ކަމުގެ އިޙްސާސް ކުރެވިގެން ދިޔައެވެ.
********
“ޒޯ ކިހިނެއްވެފަ ތިހިރީ.. ތިޔޮށްގެން މައިނޭވާ ލެވެނީނު..؟”ކޮންތާކުން ތިޔައީ.. ؟“ ޒޯޔާ ފެނުމާއެކު ޝަބާ ކަންބޮޑުވުމާއެކު ސުވާލުކުރިއެވެ. ޒޯޔާގެ އުރުގައި އިން ޒައިކް އުރާލަމުން ވީ ގޮތް އޮޅުން ފިލުވަން ޝަބާ މަސައްކަތް ކުރަމުން ދިޔައެވެ.
”ކޮންއިރަކުން ގެޔަށް ދާނީ..؟” ޒޯޔާ ފެށީ މުޅިން އެހެން ވާހަކައެކެވެ. އޭނާގެ ސުވާލުތަކުން ރެކެން މަސައްކަތް ކުރަނީކަން ޝަބާއަށް ދޭހަވިއެވެ.
”ދޮންބެ މަންމަ ގޮވައިގެން އައީމަ ދާންވީ ހަމަ.. އަދި ޑޮކްޓަރު ބުނެގެން ޓެސްޓެއް ހަދަނީއޯ..” ޝަބާވެސް އިތުރަށް އެ މަޢުޟޫއަށް ވާހަކަ ނުދެއްކީ ޒޯޔާ ބުނަން ބޭނުން ނޫން ވާހަކައެއް ގަދަކަމުން ހޯދަން ބޭނުން ނުވުމުންނެވެ.
ޒޯޔާ ގަޑިއަށް ބަލައިލަމުން އިންތިޒާރު ކުރަމުން ދިޔައީ ގެޔަށް ދެވޭނެ އިރަކަށެވެ. އައިވިން ފެނުމާއެކު އޭނާގެ ޠަބީއަތަށް ބަދަލު އަތުވެއްޖެއެވެ. މުޅިމީހާ އުދާސްވެއްޖެއެވެ. މާލެ އާދެވުމަކީ ކުރެވުނު މޮޔަކަމެއް ކަމުގައި ހީކުރެވިއްޖެއެވެ.
ނުތަނަވަސްކަމާއެކު އަތުތެރޭގައި އޮތް ފޯނަށް ބާރުކުރަމުން ދިޔަ އޭނާގެ ދެއަތަށް ޒޯޔާއަށް ބަލައިލެވުނެވެ. އެވަޤުތު ވާއަތު ކަށި އިނގިލީގައި އިން އަނގޮއްޓިއަށް ލޯ ހުއްޓިގެން ދިޔައެވެ. އެއީ އައިވިން އޭނާއަށް “ޕްރޮޕޯޒް” ކުރި ރޭ އަޅުވައިދިން އަނގޮއްޓިއެވެ. އަދި އަދަށްދާން ދެންވެސް އެ އަނގޮއްޓި ބޭލުމުގެ ޚިޔާލެއް އޭނާގެ ނެތެވެ. އައިވިންގެ ހަނދާނަކަށް އޭނާގެ އަތުގައި އޮތް ހަމައެކަނި އެއްޗަކީ އެއީއެވެ. އަނގޮއްޓިއަށް ބަލަހައްޓައިގެން އިސްޖެހިފައި ހުރި ޒޯޔާގެ ދެލޯ ފުރެމުން އަންނަކަމުގެ އިޙްސާސްކުރެވިގެން ދިޔައެވެ.
-ނުނިމޭ-
7 Comments!
Comments are closed.
Wow this part is very nice too
Love it
Waiting for the next part……..
☺️☺️☺️☺️☺️
Thank u so much shark_shaya. V ufaavejje mi bai ves kamudhiyaeema. Next part avahah up kohla dheveythoa balaanan☺️❤️
Wowwww very nice waiting for the next part me and my family love this story. Keep it up and be safe .
Thank u so much sahoo. V ufaavejje mi story dear ashaa family ah kamudhiyeema. Thidhey support ah thi dear ashaa family ah thank u. U all b safe too☺️❤️
Heiiii sisoo☺️♥️♥️
Vrh Sali mi part vxx Masha Allah♥️♥️♥️
Aleyy sis vrh miss vi ingeyy♥️♥️♥️☺️☺️
Jooon haadha kantha bodey dhw Joon deke vrh ruli aadeyyy Ril hehehee♥️♥️???
Ey aivin as Zoya fenuny dhw hope edemeehun avaha guleythoo♥️♥️☺️☺️
Sis me Vrh long stry eh tha☺️☺️☺️
Btw waiting for the next part ♥️♥️
Love u sooooo much ♥️♥️♥️
Stay safe☺️☺️♥️♥️♥️
Heii Ril. Thank u so much dear. V ufaavejje mi part ves kamudhiyaeema. I miss u morre dear. Ya dhww.. joon is obsessed with aivin. Ya lets hope for the best. Fudhey varakah dhiguvaane mi vaahaka. Lymm dear. Stay safe☺️❤️
Wow nice story, keep it up ?