
ލޯބިވާ ޔާރާ 3
“ނަންވެސް ނުބުނަމެއްނު.. އޭމް ޔަޒަން.. ” ސްމައިލީ އަކާއިއެކު އިން މެސެޖް ކިޔާލުމާއިއެކު މާލާގެ ފިޔަވަޅުތަކަށް އަނެއްކާވެސް ހުއްޓުން އެރިއެވެ.
އެޒުވާނާ ފޯނު ގެނެސް ދިނުމުން މާލާ އެހުރީ ވަރަށް ހިތްހަމަޖެހިފައެވެ. މިޒަމާނުގައި އެކަހަލަ ޒުވާނުން ވަރަށް މަދުވާނެއޭވެސް އޭނާގެ ހިތައް އެރިއެވެ. އެހެންމަވެސް އޭނާގެ ހީ ރަނގަޅެއް ނުވިތާއެވެ. ފޯނު ގެނެސްދިންއިރު އެއައީ އޭގެ ނަމްބަރުވެސް ހޯދައިގެންނެވެ. ލޮކް ކޯޑެއް ނަމަވެސް ޖަހާލައިގެން އުޅެވޭނަމަ މިއަދު އެލަނޑެއް ނުލިބުނީހެވެ. މާ ޚާއްސަ އެއްޗެއް ފޯނުގައި ނުހުންނާތީ ލޮކް ކޯޑް ޖެހުމަކީ ދުވަހަކުވެސް މާލާ ކުރިކަމެއް ނޫނެވެ. އެހެންވިޔަސް އެޒުވާނާ.. ޔަޒަން އޭނާގެ ނަމްބަރު ނަގަން ޖެހޭ ހެއްޔެވެ؟ އޭނާގެ މަގްސަދަކީ ކޮބާ ހެއްޔެވެ؟ ދެބުމަ ކައިރިކޮށްލަމުން ސުވާލުގެ ނަޒަރަކުން މާލާ ފަސް އެނބުރި ބަލާލިއެވެ. އެއާއިއެކު ފަހަތުގައި ހުރި ޔަޒަން ލާނެތް ގޮތަކަށް ހީނލަމުން ފޯނު ދައްކާލާ އަތް ހޫރާލިއެވެ. މާލާ ލޯބޮޑުކޮށްލަމުން ގެއާއި ދިމާއަށް ހިނގައިގަތީ ކުރިއަށްވުރެ ހަލުވި ފިޔަވަޅު ތަކެއްގައެވެ.
ޔަޒަންގެ މެސެޖަށް ޖަވާބެއް ނައުމުން އޭނާ މާލާގެ ނަމްބަރަށް ފުލު ފުލުން މެސެޖް ކުރަންފެށީ އުނދަގޫ ވެގެން ނަމަވެސް އެއްޗެއް ބުނޭތޯއެވެ. ރަހްމަތްތެރީންގެ ކޮފީތަކާއި، ހުރިހާ ދައުވަތުތަކަށް ނޫނެކޭ ބުނުމަށްފަހު ގޭގައި އޮވެގެން އެ ބީރައްޓެހި އަންހެން ކުއްޖާއަށް ޖެއްސުން ކުރުމުގައި ޔަޒަންގެ ވަގުތުތައް ހޭދަކުރަމުން ދިޔައީ ހިނިތުންވެލާފައި އޮވެގެންނެވެ. ބައެއް ފަހަރު އޭނާގެ ޢަމަލުތަކުގެ ސަބަބުން އަމިއްލަ ނަފްސުވެސް ހައިރާންވާ ފަހަރު ދެއެވެ. މާލާއަށް މެސެޖްފަތި ކުރަން ހަދައިގެން އޭނާއަށް މިރޭ ލުއާ އާއިވެސް ވާޙަކަ ދައްކާ ނުލެވުނެވެ. އެކަން ހަނދާން ވުމުން ޔަޒަން ފުން ނޭވާއެއް ދޫކޮށްލުމަށްފަހުވެސް ފާޑު ފާޑުގެ ސްމައިލީތައް ޖަހަމުން މާލާގެ ނަމްބަރަށް މެސެޖް ކުރަމުން ދިޔައެވެ.
“ވަޓްސް ރޯންގް ވިތް ޔޫ..” ޔަޒަންގެ ފޯނަށް މާލާގެ މެސެޖެއް އައީ އެރޭގެ 10 ގަޑި ބައިވެސް ވީފަހުންނެވެ. އެ މެސެޖް ލިބުމާއިއެކު ހިނިންވެލަމުން އޭނާ އެނދުމަތީގައި ހަމަޖެހިލުމަށްފަހު މާލާގެ ނަމްބަރަށް ގުޅާލިއެވެ.
“ފޯނު ފިހާރަ ތެރޭގަ އޮއްވަ ގެނެސްދިނީމަ ވަރަށް ބޮޑަށް ޝުކުރިއްޔާ.. މީހަކަށް ހެޔޮކަމެއް ކޮށްދެވުނީމަ އެއާ ވާވަރަށް އުނދަގޫވެސް އެބަ ކުރެވެއެއްނު..” ފޯނު ނެގިގޮތަށް ރުޅިވެރި އަޑަކުން މުޚާތަބު ކުރިއިރު ޔަޒަން އޮތީ ދެލޯބޮޑުކޮށްލައިގެންނެވެ. މާލާގެ އަޑު އިވުމާއިއެކު އޭނާ ހަނދާންވީ ވަރުގަދަ އަޑުގެ އަންހެން ލަވަކިޔުންތެރީންނެވެ. މާލާއަށްވެސް ލިބިފައިވަނީ އެފަދަ ތަފާތު އަޑެކެވެ.
“އުނދަގޫ ކުރާކަށް ނޫނޭ.. ނަން ނުބުނީމަ..” “މާލާ.. އޯކޭ އެއްނު.. ދެން ނުގުޅާތި..” ކުއްލިއަކަށް ނަން ބުނެލާފައި ފޯނު ކަނޑާލަމުން ޔަޒަންއަށް އޮވެވުނީ އެސްފިޔަ ޖަހާލަންވެސް ނޭނގިފައެވެ. އޭނާއާއިހެދި ދުވަހަކުވެސް އަންހެން ކުއްޖަކު އެހާ ރުޅިއައި ކަމެއް ނޭނގެއެވެ.
“މާލާ.. ލޯބި ލޯބި ނަމެއް.. ފްލާވަރ ދޯ އަސްލު.. ގުޑް ނައިޓް ގްރަމްޕީ ގާރލް..” ޔަޒަން ހީނލަމުން މާލާއަށް މެސެޖްކޮށްލީ އޭނާގެ ރިޕްލައި ލިބޭނެ ކަމަކަށް ނޫނެވެ. އެހެން ނަމަވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ ފޯނަށް މެސެޖެއް އަތުވެއްޖެއެވެ.
“ގުޑް ނައިޓް ސްޓްރޭންޖަރ.. މެސެޖް ނުކުރާތި ދެން.. ނުވެސް ގުޅާތި..” ޔަޒަން މެސެޖް ކިޔާލުމަށްފަހު އިތުރަށް ހީނލިއެވެ. އޭނާގެ ހިތުގައި ހިނގަނީ ކޮންފަދަ ކަމެއްކަން ޚުދު އޭނާއަށްވެސް ނޭނގެއެވެ.
ޔަޒަންއާއި މާލާގެ ކުޑަ ކުޑަ ބައްދަލުވުމަށްފަހު ދެތިން ދުވަސް ފާއިތުވެގެން ދިޔައީއެވެ. އެރޭގެ ފަހުންވެސް ޔަޒަން މާލާއަށް ކޮންމެވެސް ވަރަކަށް ގުޅާ، މެސެޖު ކޮށްލާ ހެދިއެވެ. އެހެން ނަމަވެސް މާލާގެ މާ ބޮޑު ސަމާލުކަމެއް ނުލިބުމުންނާއި އަދި އިތުރަށް ފެނިވެސް ނުލުމުން ޔަޒަންވެސް ހުރީ އެކަން މަތިން ހަނދާން ނެތޭ ގޮތް ވެފައެވެ. އޭނާގެ ހަގީގަތަށް ބަލާފައި ރަނގަޅު ގޮތަކީވެސް އެއީއެވެ. އެންމެ ފުރަތަމަ ފެނިލުމުން މާލާ ފަދައިން ކޮންމެ ކޮންމެ ކުއްޖަކަށް ޔަޒަންގެ ހިތާއި ކުޅެލުމަކީ ފަސޭހަ ކަމެއް ކަމުގައި ނުވިޔަސް ކުރިންވެސް އެފަދަ ދެތިން އަންހެން ކުދިން އޭނާގެ ހަޔާތަށް އައެވެ. އެހެން ނަމަވެސް އޭނާގެ ދިރިއުޅުމަށް ބަލާފައި ރަހްމަތްތެރިކަމަށް ވުރެ އިތުރު ގުޅުމެއް އެއިން އެއްވެސް ކުއްޖަކާއިއެކު އޭނާއަކަށް ނުއުފެއްދެއެވެ. ވީއިރު އެއްވެސް ގުޅުމެއް ބާއްވަން ބޭނުން ނުވާ ކުއްޖަކަށް މަޖުބޫރު ކުރަންވީ ކީއްކުރަން ހެއްޔެވެ؟ މުސްތަގުބަލުގައި އެކުއްޖަކު ޔަޒަންދެކެ ލޯބި ވެއްޖެނަމަ އޭނާގެ ހިތް ހަލާކުކޮށްލުން ނޫން އެހެން ކަމެއް ނުކުރެވޭނެއެވެ. ހަމަ ގައިމުވެސް އޭނާގެ ލުއާ އޭނާއާއި ދުރަށް ދާނޭފަދަ އެއްވެސް ކަމެއް އޭނާ ނުކުރާނެއެވެ.
ކޮލެޖުގެ ގަޑިތައް ނިންމާލާފައި ހަލުވި ހިނގުމެއްގައި މާލާ ހިނގަމުން ދިޔައީ ކަޅު ވިލާތަކުން ބައްދަމުން ދިޔަ އުޑުމަތި ފެނި އަންނަން އުޅޭ ބޯ ވިއްސާރަ ގަނޑުގެ ކުރިއަށް ގެއަށް ދެވޭތޯއެވެ. ގަދަ ވަޔާއިއެކު ބޯކޮށް ވާރޭ ވެހެން ފެށިއިރު މާލާއަށް އޭނާގެ ގެ ހުންނަ މަގަށް އެޅުނު ކަމުގައިވިޔަސް އެދޭތެރޭގައި ފުދޭވަރެއްގެ ދުރުމިނެއް ހުއްޓެވެ. އަތުގައި އޮތް ދަބަހާއި، ފޮތްތައް ތެމިދާނެ ކަމުގެ ބިރަށްޓަކައި ތެމިގެން ދާކަށްވެސް އޭނާއަކަށް ނުކެރުނެވެ. އެންމެ ފަހުން ދެވިފައި ހުރި ހިސާބުގައި ހުރި ކުޑަ ކުޑަ ފިހާރައެއްގެ އަސްކެނި ދޮށަށް އޭނާ ދެމިގަތީ ވާރޭގެ ތިކިތަކުން ތެމެމުން ދިޔަ ދަބަހާއި ފޮތްތައް ގަޔާއި ލާ ބޮނޑިކޮށްލަމުންނެވެ. ކަން ދިމާކުރި ގޮތުން އޭރު އޭނާ ހުރި ހިސާބުގައި މާ ގިނަ މީހުންނެއް ނެތެވެ. ސައިކަލުތަކާއި، ކާރުތައް ބާރު ސްޕީޑުގައި މަގުން ލާފައި ދިޔަ ކަމުގައި ވިޔަސް ވިއްސާރައިން ސަލާމަތްވުމަށް މަޑުކޮށްލައިގެން އެވަގުތު އެތާ ހުރީ އޭނާ އެކަންޏެވެ. އެފިހާރައިގެ ތެރޭގައި ދެތިން ބިދޭސީން ތިބިކަން އެނގުމުން ޖެހިލުންވީ ނަމަވެސް އެކަން މާ ބޮޑު ކަމަކަށް ނުހަދާ މާލާ އޭނާގެ ދަބަހުން ޓިޝޫއެއް ނަގާ ތެމިފައިވާ މޫނު ފޮހެލިއެވެ. ފިހާރަ ތެރޭގައި ތިބި ބިދޭސީންގެ ތެރެއިން އެކަކު ފިހާރައިގެން ދޮރު މައްޗަށް އެރީ އެވަގުތުއެވެ.
“އެތެރެއަށް ވަދޭ.. ތެމެނީނު..” ބިދޭސީ މީހާ ނުކުތް ގޮތަށް ހެވިފައި ހުރެ މާލާއާއި ވާހަކަ ދެއްކިއެވެ. އެއާއިއެކު ފޮރުވައިގެން ހުރި ނުތަނަވަސްކަން ކަޝްފުވެ މާލާގެ ހިތް ބިރުވެރިކަމާއިއެކު ތެޅިގަތެވެ. ހުރިވަރަށްވުރެ އިތުރަށް ދެތިން ފިޔަވަޅު ދުރަށް ޖެހިލަމުން އޭނާ އެ ބިދޭސީ މީހާއަށް ނޫނެކޭ ބުނެލީ ބޮލުގެ އިޝާރާތުންނެވެ. އޭރު އެމީހާގެ ނަޒަރު ހުއްޓިފައިވަނީ ހުޅިއަކަށް ވާގޮތަށް އޮޅާލެވިފައިވާ އިސްތަށިގަނޑުގެ ސަބަބުން މާލާގެ ހާމަވެފައިވާ ދޮން ކަނދުރާއަށެވެ. ދަހިވެތި ނަޒަރަކުން މާލާގެ ބޮލުން ފެށިގެން ފަޔާއި ހަމައަށް އެމީހާ ބަލަން ހުރި އިރު މާލާގެ ހިތުގައިވާ ބިރުވެރިކަން އިތުރުވަމުން ދިޔައެވެ. ހަދާނެ ގޮތް ބޮޑުވެފައި ހުރެ އޭނާ އުޑުމައްޗަށް ބަލާލިއެވެ. ވެހެމުން ދިޔަ ވާރޭ ހުއްޓާލަން އުޅޭ ކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ. ހިތައް ވެރިވަމުން ދިޔަ ބިރުވެރި ޚިޔާލުތަކުގެ ސަބަބުން ހަށިގަނޑުގައި އުފެދެމުން ދިޔަ މަޑު މަޑު ތުރުތުރު ހަމައަކަށް އަޅުވާލުމުގެ މަގްސަދުގައި އޭނާ ލޯ މަރާ ބާރުކޮށްލިއެވެ. އެހެން ނަމަވެސް ހަމަ އެ ސިކުންތުގައި އޭނާއަށް ލޯ ހުޅުވާލަން މަޖުބޫރުވީ ކުއްލިއަކަށް އޭނާގެ ކުރިމަތިން ސައިކަލެއްގެ އަޑު އިވުމުންނެވެ. ވަގުތުން ލޯ ހުޅުވާލިއިރު ސައިކަލެއްގައި އޭނާގެ ކުރިމަތީގައި މަޑުކޮށްލައިގެން އިން ޒުވާނާ ފެނިފައި މާލާއަށް ހައިރާންކަމާއިއެކު އަނގަ ހުޅުވާލެވުނެވެ.
“ޔަ..ޒަ..ން..” ވިއްސާރައިން ސަލާމަތް ވުމަށް ލާފައި އިން ކަޅު ކޯޓުގެ ތެރެއިން ހަމަ އެކަނި ޔަޒަންގެ މޫނު ފެންނާތީ ސިއްރުވެރި ގޮތެއް ހުއްޓެވެ. މާލާގެ ހައިރާންވެފައިވާ އަޑު އިވުމާއިއެކު ޔަޒަން އޭނާގެ މޫނަށް ބަލާލިއެވެ. އެވަގުތު މާލާއަށް ފާހަގަވީ ކުރިން ފެނިލި ދެތިން ފަހަރާއި ޚިލާފަށް އެމޫނުމަތީގައިވާ ނުރައްކާތެރި، ސީރިއަސް ކުލަވަރެވެ. ހިތުގައި އުފެދިފައިވާ ބިރުވެރިކަމުގެ މައްޗަށް ހައިރާންކަން ވެރިވެ ދެލޯ ބޮޑުކޮށްލައިގެން ހުރެ އޭނާ ޔަޒަންގެ މޫނަށް ބަލަމުން ދިޔައީ އޭނާ އެތަނަށް އައި ސަބަބެއް ނޭނގޭތީއެވެ.
“މި ލައިގެން ސައިކަލަށް އަރާ.. ގެއަށް ދާން..” މާލާގެ ސުވާލުން ފުރިގެންވާ މޫނަށް މާ ބޮޑު ސަމާލުކަމެއް ނުދީ ޔަޒަން ސައިކަލުން ފޭބުމަށްފަހު މަޑި ދަށުން ނެގި ކޯޓެއް ދިއްކޮށްލަމުން އަމުރުވެރި ރާގަކަށް ބުނެލިއެވެ. އެއާއިއެކު އަންތަރީސްވެފައި ހުރި މާލާގެ ހައިރާންކަން ދެގުނައަށް އިތުރުވެ ފާޑަކަށް އަނގަވެސް ހުޅުވިއްޖެއެވެ. ވާނީވެސް އެހެންތާއެވެ. އެ ޒުވާނާ އޭނާއަށް އަމުރުވެރި ވެލިއިރު ހީވަނީ އޭނާގެ އަންބަކާއި މުޚާތަބު ކޮށްލި ހެންނެވެ. އައި ރުޅީގައި ވަގުތުން އޭނާ ދިއްކޮށްލި ކޯޓުގައި އަތުން ޖަހާ ވައްޓާލަން މާލާގެ ހިތައް އެރިއެވެ. އެހެން ނަމަވެސް އޭނާއާއި ނުހަނު ގާތުގައި ލޯ އަޅާފައި ބަލަން ހުރި ބިދޭސީ މީހާއަށް ވައްކަޅިން ބަލާލަމުން މާލާ އެކޯޓުގައި ހިފައިފިއެވެ. ޔަޒަންގެ ސައިކަލަށް އަރައިފިނަމަ މިވަގުތު އެމީހާގެ ފަރާތުން ސަލާމަތްވާނެއެވެ. އެހެން ނަމަވެސް ޔަޒަން އަކީ އޭނާ އިތުބާރު ކުރަން ވަކި ކާކު ހެއްޔެވެ؟ ޔަޒަން އޭނާ ގޮވައިގެން ދާނެ ތަނެއް އެނގޭ ހެއްޔެވެ؟ ނޫނެކެވެ. ސައިކަލުގައި ދާއިރު އޭނާގެ ނުރުހުމުގައި އެއްވެސް ތަނަކަށް ނުދެވޭނެއެވެ. ގެއާއި ވީކޮޅަށް ނުދާނަމަ ސައިކަލުން ފޭބީމަ ނިމުނީ ނޫން ހެއްޔެވެ؟
“ތި ލާބަލަ އަވަހަށް.. ގެއަށް ދާން..” ކޯޓުގައި ހިފަހައްޓާލި ގޮތަށް ލޯ ހަނިކޮށްފައި ޔަޒަން މޫނަށް ބަލަން ހުރި މާލާއާއި މުޚާތަބުކޮށް ޔަޒަން ބުނެލިއެވެ. މާލާއަށް ވެފަ ހުރި ގޮތް ފެނުމުން ހޭން ބޭނުންވެފައި އިން ނަމަވެސް، ހާލަތުގެ ގޮތުން އޭނާގެ މޫނުމަތިން ދައްކަނީ ސީރިއަސްކަމެވެ.
ވެހެމުން ދިޔަ ވާރޭގެ ތެރޭގައި ދުއްވަމުން ދިޔަ ޔަޒަންގެ ސައިކަލު ފަހަތުގައި އިން މާލާގެ ހިތުގައި އެ ގޮތް ނޭނގޭ ޒުވާނާއާއި މެދު އިތުބާރު އުފެދެމުން ދިޔައީ ހީނުކުރާހާ އަވަހަށެވެ. ޔަޒަންގެ ހަމައެކަނި ބޭނުމަކީ ރައްކާތެރިކަމާއިއެކު އޭނާ ގެއަށް ގެންގޮސްދިނުން ކަމުގައި އޭނާގެ ހިތް ބުނަމުން ދިޔައެވެ. އިތުރު އެހެން ގޮތަކަށް ވިސްނާނެ ފުރުސަތެއް، ހަރަކާތެއްވެސް ޔަޒަންގެ ފަރާތަކުން ނުފެނެއެވެ. މާލާގެ ގެއާއި އަރާ ހަމަވެ ސައިކަލު މަޑުކޮށްލިއިރުވެސް އޭނާގެ ހިތުގައި ހިނގަމުން ދިޔައީ އެފަދަ ޝުޢޫރުތަކެވެ.
“މްމް.. ތޭންކްސް..” ސައިކަލު މަޑުކޮށްލުމުން ގޭގެ ދޮރާށި ތެރެއަށް ވަދެ ވިއްސާރައިން ނިވާވުމަށްފަހު ލާފައި ހުރި ކޯޓު ބާލާ ޔަޒަންއަށް ދިއްކޮށްލަމުން މާލާ ވަރަށް މަޑުމައިތިރިކަމާއިއެކު ބުނެލިއެވެ. އޭރު އޭނާގެ ލޮލުން ފެންނަ މަޑުމޮޅިކަމާއި، މޫނުމަތީގައިވާ މައުސޫމްކަމުން އޭނާ ހަގީގަތުގައިވެސް ޝުކުރުވެރި ވެއްޖެކަން ޔަޒަންއަށް އެނގުނެވެ. މާލާގެ މޫނަށް ބަލަހައްޓައިގެން އިނދެ އެއްމިޔަކަނުން ހީނލަމުން އޭނާ ސައިކަލުން ފޭބުމަށްފަހު މާލާގެ އަތުގައި އޮތް ކޯޓުގައި ހިފަމުން އޭނާގެ ކައިރީގައި ހުއްޓިލިއެވެ. އެއާއިއެކު ޔަޒަންއަށްޓަކައި ހިތުގައި މަޑުމޮޅިކަން އުފެދިފައިވާ މާލާގެ ހަށިގަނޑު ހަރުދަނޑި ވެގެން ދިޔައެވެ. ބޭނުން ނުވިޔަސް ޔަޒަންގެ އެ ގާތްކަން އޭނާގެ ހިއްސުތަކާއި ކުޅެލައިފިއެވެ. ޔަޒަން ބުނަން އުޅޭ އެއްޗެއްގެ އިންތިޒާރުގައި އަވަސްވެފައިވާ ހިތަކާއިއެކު މާލާ ހުރީ އިސްޖަހާލައިގެންނެވެ. އޭރު އޭނާގެ ގާތުގައި ހުރި ޔަޒަންގެ ލޯ އަމާޒުވެފައި ހުރީ އޭނާގެ ދޮން ކަނދުރާއަށެވެ. ދެމީހުންގެ އިސްކޮޅުގައި ހުރި ތަފާތުގެ ސަބަބުން، އެހެން ހުރިއިރު ޔަޒަންއަށް މާލާގެ ކަނދުރާ ހުރަހެއް ނެތި ފެނެއެވެ. ޖެހިގެން އައި ސުކުންތުގައި ދެން ފެނުނީ ލޯ މަރާލުމަށްފަހު ބޯ ހޫރާލި ޔަޒަން މާލާގެ އިސްތަށިގަނޑު ހަރުލައްވަން ޖަހާފައި އިން ދަތި ދަމައިގަތްތަނެވެ. އެއާއިއެކު ނިއުޅިގެން ދިޔަ މާލާގެ ބޯ، ރާޅުބާނީ އިސްތަށިގަނޑުން އޭނާގެ ކަނދުރާއާއި، ކޮނޑުމައްޗާއިއެކު ބުރަކަށިންވެސް ބޮޑު ބައެއް ނިވައިވެގެން ދިޔައެވެ.
“ކީއް ތިކުރީ..” ޔަޒަންގެ އެ ހަރަކާތުގެ ސަބަބުން ލިބުނު ސިހުމުގައި ދެލޯ ބޮޑުވެފައި ހުރި މާލާ ކުއްލިއަކަށް ދުރަށް ޖެހިލަމުން އަހާލިއެވެ. އޭރު ޔަޒަން ހުރީ އޭނާގެ އަތުގައި އޮތް މާލާގެ ދައްޗަށް ބަލަހައްޓައިގެންނެވެ. މާލާގެ ސުވާލާއިއެކު ލަސްލަހުން ހިނިތުންވެލަމުން އޭނާ މާލާގެ އަތަށް އެ ދަތި ލައިދިނުމަށްފަހު އެތަނުން ނުކުމެ ސައިކަލަށް އެރިއެވެ. އޭރުވެސް ވީނުވީއެއް ނޭނގިފައި މާލާ ހައިރާންކަމާއިއެކު ޔަޒަންގެ މޫނަށް ބަލަހއްޓައިގެން ހުއްޓެވެ.
“ކަނދުރާގަ.. ވަރަށް އަޅައިގަންނާނެ.. ފޮރުވައިގެން އުޅޭ..” ކުޑަ ކުޑަ ހަރަކާތަކުން ކަނދުރާއަށް އިޝާރާތް ކޮށްލަމުން ޔަޒަން އެހެން ބުނެލުމަށްފަހު ސައިކަލު ދުއްވާލިއެވެ. އޭރު އޭނާ ބުނި އެއްޗެއް ޔަގީން ނުވެފައި ހުރި މާލާ ކަނދުރާގައި އަތްލައިގެން ޔަޒަން ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރީ ގަބޫލު ނުކުރެވިފައެވެ. އެ ޒުވާނާ ހަގީގަތުގައިވެސް ހީކުރަނީ މާލާއަކީ އޭނާގެ އަންހެނުން ކަމަށް ހެއްޔެވެ؟ ވެދިޔަ ކަންތަކާއިމެދު ވިސްނަމުން، ސުވާލުން ފުރިފައި ހުރެ ގޭ ތެރެއަށް ވަންއިރުވެސް މާލާއަށް ހުރެވުނީ އެސްފިޔަ ޖަހާލަންވެސް ނޭނގިފައެވެ.
“އޯކޭ ގުޑް ނައިޓް.. ލަވް ޔޫ ބޭބީ..” ފުޅާ ހިނިތުންވުމަކާއިއެކު އެހެން ބުނެލުމަށްފަހު ޔަޒަން ފޯނު ކަނޑާލުމަށްފަހު ފޯނުގެ ސްކްރީނުން ގަޑިއަށް ނަޒަރު ހިންގާލިއެވެ. އޭރު ގަޑިން ރޭގަނޑު 9 ގަޑި ބައިވަނީއެވެ. ލަސްލަހުން ހަށިގަނޑު ތެދުކޮށްލާ، މޯޅި އަކަށް ދެމިލަމުން އޭނާ ކޮޓަރިން ނުކުމެ ކޮފީއެއް ހަދާލައިގެން ސިޓިންގް ރޫމުގައި ހުރި ސޯފާގައި އިށީނދެލިއެވެ. މެންދުރުން ފެށިގެން މެދުނުކެނޑި ވެހެމުން ދިޔަ ވާރޭ ތުނިކޮށްލާފައި ވީ ނަމަވެސް މޫސުން ރަނގަޅުވާން އުޅޭ ކަމަކަށް ނުދައްކައެވެ. ވައިގަދަވެ، ވިއްސާރައިގެ ސަބަބުން ފިނިކަން ވެރިވެފައިވާ އެމާހައުލުގައި ޔަޒަން ފިޔަވައި އިތުރު އެއްވެސް މީހަކު ނެތެވެ. އޭނާގެ މަންމައާއި ބައްޕަ އަދި ޔަކްޒަންވެސް ރޭގަނޑު ކައިގެން ނިދަން ވަތްއިރު 9 ޖެހި ކަމެއްވެސް ނޭނގެއެވެ. ވާހަކަ ދައްކާލާނޭ މީހަކު ނެތުމުންނާއި، ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބޭރަށްވެސް ގޮސް ނުލެވިފައި، ފޫހިވެފައި އިން ޔަޒަން ލުއާއާއި ވާހަކަ ދައްކާލުމުން ހަމައަކަށް އެޅިފައިވީ ނަމަވެސް އޭނާގެ ލޯމަތީގައި އަދިވެސް އެދުވަހު ހިނގާ ދިޔަ ކަންތައްތައް ސިފަވަމުން ދިޔައެވެ. މާލާއާއިއެކު އެ ހޭދަކޮށްލެވުނު ކުޑަކުދަ ވަގުތުކޮޅު މިފަހަރު އޭނާގެ ހިތުން ފިލައިގެންނެއް ނުދާނެއެވެ.
ކޮފީ މަގު ތުނބުން ނައްޓާލުމަށްފަހު ޔަޒަން ފުން ނޭވާއެއް ލަމުން ލޯ މަރާލިއެވެ. ލޯ މަރާލުމާއިއެކު އޭނާގެ ލޯ މަތީގައި މާލާގެ ހިތްގައިމު ތަސްވީރު ކުރެހިލައިފިއެވެ. އެދުވަހު އޭނާ ޔަކްޒަން ސްކޫލަށް ގެންގޮސް ދިނުމަށްފަހު ގެއަށް އައި މަގުމަތީގައި މާލާ ނުފެނުނުނަމަ، އެވަގުތު އެ އަންހެން ކުއްޖާއަށް ވާނީ ކިހިނެތްބާވައެވެ. އެހާ މީހުން މަދުވެފައިވާ ދަނޑިވަޅެއްގައި ގޮތް ނޭނގޭ ބިދޭސީންތަކެއްގެ ތެރޭގައި އެ އަންހެން ކުއްޖާއަށް މަޑު ކުރަން ޖެހިލުމެއް ނުވި ބާވައެވެ. އެއީ އެހާ ވަރު ނުވިސްނޭ މައުސޫމް އަންހެން ކުއްޖަކީ ހެއްޔެވެ؟ ގޮތް ނޭނގޭ ފިރިހެނަކު ކައިރީގައި ހުރެގެން އެ ހަށިގަނޑަށް ކަޅި އަޅާނެ ކަމުގައި އޭނާއަށް ނުވިސްނުނީ ހެއްޔެވެ؟ ބުރުގާ ނާޅާއިރު، އިސްތަށިގަނދު މައްޗަށް ނެގުމުން، ކޫރުމެއްވެސް ނުވާ އެ ދޮން ކަނދުރާއަށް މީހުންގެ ދަހިވެތި ނަޒަރު ހުއްޓޭނެކަން ނޭނގެނީ ހެއްޔެވެ؟ އެހެން ދިޔަ މަގުމަތީގައި އެބިދޭސީ މީހާ ނުކުތް ވަގުތު ޔަޒަންއަށް ނުފެނުނު ނަމަ އޭނާވެސް އެކަމާ އަޅައެއް ނުލީހެވެ. އެހެން ވީ ނަމަ އެ ނާޒުކު އަންހެން ކުއްޖާ މިއަދު ކުރިމަތީލާނީ ކޮން ކޮން ކަންތައްތަކަކާއި ބާވައެވެ.
ޔަޒަން ބޯ ހޫރާލަމުން ލޯ ހުޅުވާލިއެވެ. އޭނާއަށް އެކަމާއިމެދު ވިސްނެމުން އެދަނީ މާ ބޮޑަށެވެ. މާލާއާއިމެދު އޭނާ އެހާ ވަރަށް ވިސްނަންޖެހޭ ސަބަބެއް ނެތެވެ. ނޫނެކެވެ. އޭނާ އެ ވިސްނަނީ މާލާއާއި މެދުއެއް ނޫނެވެ. މަގުމަތިން ދިމާވާ އެފަދަ އެތައް ބަޔަކަށް އެތައް ފަހަރަކު އޭނާ އެހީތެރިވެފައި ވާނެއެވެ. މިއަދުވެސް ވީ ހަމަ އެ ފަދަ ގޮތެކެވެ. އެވަގުތު އެތާ އެހީތެރިކަމަކަށް ބޭނުންވެފައި ކޮންމެ މީހަކު ހުރި ނަމަވެސް އޭނާ އެހީތެރި ވީހެވެ. ޔަޒަން ހިނިތުންވެލިއެވެ. މާލާ އަކީ ކިތަންމެ ރީތި، ކިތަންމެ ނާޒުކު ކުއްޖެއް ކަމުގައި ވިޔަސް އޭނާއަށް މާލާއާއިމެދު މާ ބޮޑަށް ވިސްނުމުގެ ހައްގެއް ނެތެވެ.
ކޮފީ މަގުގައި ހިފަހައްޓާލައިގެން ކުރިމަތީގައި ހުރި ޓީވީއިން ދައްކަމުން ދިޔަ ޕްރޮގްރާމަށް ނަޒަރު ހުއްޓާލައިގެން އިން ޔަޒަންއަށް ޓީވީއިން ނަޒަރު ވަކިކޮށްލަން ޖެހުނީ އޭނާގެ ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވެލުމުންނެވެ. މެސެޖު އައީ މެލޭޝިޔާއިން ކަމުގައި ހީކޮށްފައި، ފޯނު ނަގާ ހުޅުވާލުމާއިއެކު އޭނާގެ ލޮލުގައި ކޮންމެވެސް މިންވަރަކަށް ހައިރާންކަން އުފެދިއްޖެއެވެ. އެހެން ނަމަވެސް ހަމަ އެއާއި ޖެހިގެން އައި ސުކުންތުގައި އޭނާގެ ތުންފަތުގައި ފިރިހެންވަންތަ ހިނިތުންވުމެއްވެސް އުފެދިއްޖެއެވެ. އަދި ސޯފާގައި ރަނގަޅަށް ހަމަ ޖެހިލަމުން އޭނާގެ ހުރިހާ ސަމާލުކަމެއް އަތުގައި އޮތް ފޯނަށް ހުއްޓާލިއެވެ.
ނުނިމޭ