
ލޯބިވާ ޔާރާ 2
އެއާއިއެކު ޔަޒަން ހިނިތުންވެލުމުން ސުވާލުގެ ނަޒަރަކުން އިތުރަށް ބަލާލުމަށްފަހު ތިރީގައި ހުރި ވަށިގަނޑު ހިފައިގެން ހިނގައިގަތީ ސިޑިއާއި ދިމާއަށެވެ. ލޯމަތިން އެކުއްޖާ ގޮސް ގެއްލުމުން ޔަޒަން އިތުރަށް ހިނިތުންވެލިއެވެ. އެހާ ރީތި ކުއްޖަކު އޭނާ އަދި ނުދެކެއެވެ. ނޫނެކެވެ. އޭނާގެ ލުއާ އެއަށްވުރެ މާ ރީއްޗެވެ. މައުސޫމްކަން ގަދަވެފައި މާ ލޯތްބެވެ. ލުއާ މަތިން ހަނދާންވުމުން ޔަޒަން ފުޅާ ހިނތުންވުމަކާއިއެކު އެތެރެއަށް ވަނީ ފޯނުގެ ފިއްތަކާއި ކުޅެމުންނެވެ. ލުއާއާއި ވާހަކަ ދައްކާލާ ހިތްވީއެވެ.
އެއްޗެހިތައް ހިއްކަން އަޅާލުމަށްފަހު ކޮޓަރިއަށް އާދެވުނުއިރު މާލާ ހުރީ ވަރުބަލިވާގޮތް ވެފައެވެ. އޭނާ ކިޔަވާ ކޮލެޖްގެ ގަޑިތައް ހުންނަ ގޮތުން އެކަހަލަ ކަމެއްވެސް ކޮށްލެވޭނީ އެފަދަ ވަގުތެއްގައެވެ. ފުދޭވަރަކަށް މީހުން ގިނަ ގެއެއްގައި އުޅެން ޖެހިފައިވުމުން ހަފްތާ ބަންދުގައި އެއްޗެހި ދޮވުމަކީ ނުހަނު އުނދަގޫ ކަމެކެވެ. މާލާ ކޮޓަރިއަށް ވަންއިރު އޭނާއާއިއެކު އެކޮޓަރީގައި އުޅޭ ވިމްލާ އޭނާގެ އެނދުގައި ނިދާފައި އޮތެވެ. ކިޔެވުމަށްޓަކައި ކުދިން ބަހައްޓައިދޭ ގެއެއްގައި އުޅެން ޖެހިފައިވުމުން ގޭގައި އުޅެނީ މުޅީންވެސް ބީރައްޓެހީންނެވެ. އެހެންނަމަވެސް މާލެ އައިފަހުން މަހެއްހާ ދުވަސް ވެފައިވާތީ މިހާރު ކޮންމެވެސް ވަރަކަށް އެ ބީރައްޓެހިކަން ކުޑަވެއްޖެއެވެ. މާލާ އެތެރެއަށްވަދެ އެނދުގައި ޖައްސާލުމާއިއެކު ހަނދާނަށް އައީ ދެންމެ ހިނގާދިޔަ ހާދިސާއެވެ. އެ ޒުވާނާއަކީ ކާކު ހެއްޔެވެ؟ އޭނާ ބަލަހައްޓައިގެން ހުރީ ހާދަ ފާޑަކަށެވެ. މާލާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އެއީ ކޮންމެ މީހަކަށް ވިއްޔާ އޭނާއަށް ކީއް ހެއްޔެވެ؟ އަންހެން ކުދިން ފެނުމުން އެވައްތަރަށް ބަލާ ޖެއްސުން ކުރުމަކީ މިހާރުގެ ފިރިހެނުންގެ އާދައެވެ. އަޅާލުމަށްވުރެ ނުލުން މާ ރަނގަޅުވާނެއެވެ.
މާލާގެ ފޯން ރިންގުވާންފެށީ އޭނާ އެޒުވާނާއާއިމެދު ވިސްނަން އޮއްވައެވެ. ފޯނު އަތަށް ހެޔޮވަރު ކޮށްލުމަށްފަހު ސްކްރީނަށް ބަލާލުމާއިއެކު އޭނާގެ ތުންފަތުގައި ދުވެލީ އުފާވެރި ހިނިތުންވުމެކެވެ.
“ހަލޯ މަންމާ..” މާލާ ފޯނު ކަންފަތުގައި ޖައްސާލި ގޮތަށް ވާހަކަ ދައްކަން ފެށިއެވެ. އޭނާ އޭނާގެ މަންމައާއި ވާހަކަ ދައްކަމުން ދިޔައިރު މޫނުމަތިން ހިތްހަމަޖެހުމާއި އުފާވެރިކަން ފާޅުވާން ހުއްޓެވެ. އޭނާއަށް އެމާހައުލުގައި އުޅެމުންދާއިރު އެންމެ އުފާވާ ވަގުތުކޮޅަކީ ރަށުގައިތިބި އޭނާގެ އާއިލާގެ މެމްބަރުންނާއި ވާހަކަ ދައްކާލެވޭ ވަގުތުކޮޅެވެ. ތެދެކެވެ. މާލާއަކީ ރާއްޖެ ތެރޭ ރަށަކަށް އުފަން މެދުފަންތީގެ އާއިލާއެއްގެ ކުއްޖެކެވެ. އޭނާއަކީ މަލިކާއަށާއި ވާހިބަށް ލިބުނު ހަތަރު ކުދީންގެ ތެރެއިން 2 ވަނަ ކުއްޖާއެވެ. މާލާގެ ދޮންބެ މައާލްއަށް 29 އަހަރުވެފައިވާއިރު މަލިކާއާއި ވާހިބުވެސް ގަދަވެ ސަލާމާތުން ދުނިޔޭގައި އެބަތިއްބެވެ. ރަށު ކައުންސިލްގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރަމުންދާ ވާހިބާއި އޭނާގެ އަންހެނުން އެކި އެކި ގޮތްގޮތުން ހޯދާ ލާރިން އެއާއިލާއަށް ހަމަޖެހިލައިގެން އުޅެވޭވަރުވެއެވެ. މާލާ ރަށުން ކިޔަވާ ނިންމުމަށްފަހު ޓީޗަރަކަށް ވުމުގެ ފޮނި އުންމީދު ކުރި ނަމަވެސް ވޭތިވެދިޔަ ހައެއްކަ އަހަރު ރަށުގައި ވަގުތީ މުދައްރިސަކަށް އުޅުނީ ކޮންމެވެސް ވަރަކަށް އަމިއްލައަށް ފައިސާކޮޅެއް އެއްކޮށްލުމުގެ މަގްސަދުގައެވެ. އެންމެ ފަހުން ހަމަޖެހިލައިގެން ޓީޗަރު ކޯސް ހެދުމަށް އޭނާއަށް ތައްޔާރުވެވުނު އިރު އުމުރުން 26 އަހަރާއި ގާތްވީއެވެ. ކިޔެވުމަށް މާލެ އަންނަން ޖެހުނީ ރަށު ކެމްޕަހުގައި އޭނާ ބޭނުންވާ ކޯހަށް ކުދިން ހަމަ ނުވުމުންނެވެ. މާލާގެ މަގްސަދަކީ ކިޔަވާ ނިންމައިގެން ރަށުގައި އާއިލާގެ ގާތުގައި ދިރިއުޅުމެވެ. ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިންވެސް އަމިއްލަ ފައިމައްޗަށް ތެދުވެ މައިންބަފައިން ބެލެހެއްޓޭ ވަރުގެ ދަރިއަކަށް ވުމެވެ.
“ކޮބާ މިހާރު މަލާމެން ރަށަށް އައީތަ؟” މާލާ ފޯނުން އޭނާގެ މަންމައާއި ސުވާލު ކޮށްލީ އޭނާގެ ހަގަށް ހުންނަ މަލާކްއާއި ބެހޭގޮތުންނެވެ. މަލާކް އަލަތު ކައިވެންޏަށްފަހު ފިރިމީހާއާއިއެކު ރިސޯޓަކަށް ދިޔަތާ އެވަނީ ހަފްތާއެކެވެ.
“ނޫނޭ.. އަދި ދެތިން ދުވަސް ފަހުންނޯ.. މީޒާ އެބަ ގޮވާ ދަރިފުޅަށް.. މަޑު ކުރައްޗޭ..” ލައިލާ އެކޮޅުން ބުނެލާ އަޑު އިވުނެވެ. ދެން މާލާ ވާހަކަ ދެއްކީ އޭނާގެ އެންމެ ހަގު ކޮއްކޮ މީޒާއާއިއެވެ. މީޒާއާއި ކުޑަ ވަގުތުކޮޅެއްގައި ވާހަކަ ދެއްކުމަށްފަހު ފޯނު ބޭއްވިއިރު މާލާގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. މީގެ ކުޑަ ވަގުތުކޮޅެއް ކުރިން ފެނުނު ޒުވާނާގެ މަތިން އޭނާ ހަނދާން ހުރިހެންވެސް މިހާރު ހިއެއް ނުވެއެވެ. އޭނާ ބާލީހުގައި ބައްދާލަމުން ލޯ މަރާލީ ކުޑަވަގުތު ކޮޅަކު އަރާމުކޮށްލުމުގެ ބޭނުމުގައެވެ.
އެރޭގެ ވަގުތެވެ. ހަވީރުއްސުރެ ފޫހިވެގެން އުޅެއުޅެފައި އެންމެފަހުން ޔަޒަން ރައްޓެއްސަކާއިއެކު ކޮފީއަކަށް ދާން ނުކުތްއިރު ގަޑިން 9 ޖަހަނީއެވެ. ފެން ވަރާލާ ތާޒާ ވެލައިގެން، ސައިކަލުގައި ނައްޓާލިއިރު އޭނާގެ މޫނުމަތިން ހިތްހަމަޖެހުމާއި އުޖާލާކަން ފެނެއެވެ. ހަވީރު ގަޑީގައި ލުއާއާއި ވާހަކަ ދައްކާލެވުމުން ޔަޒަން އިނީ ނުހަނު އުފާވެފައެވެ. ލައިގެން އިން ހުދުކުލައިގެ އަތްދިގު ގަމީހާއި، ނޫ ޖީންސްގައި އޭނާ ފެންނަލެއް ފިރިހެންވަންތަވެފައި ފުރިހަމައެވެ. ރީތި ވަރަކަށް ކޮށާލާފައިވާ ފަން އިސްތަށިގަނޑަށް ޖައްސާފައިވާ ސްޓައިލްގައި ނިކަން ޒަމާނީ ގޮތެއްވެސް ހުއްޓެވެ. ފިރިހެންވަންތަ ދޮން މޫނުގައިވާ ވަރުގަދަ ދެބުމައާއިއެކު ތޫނު ދެލޯ އޭނާގެ ރީތިކަން އިތުރުކޮށްދެއެވެ. ޔަޒަން އާދައިގެ ދުވެއްޔެއްގައި ސައިކަލު ދުއްވާލާފައި ގޮސް މަޑުކޮށްލީ ހެންވޭރު ކޮޅު ސަރަހައްދުގައެވެ. އެއަށްފަހު ފޯނު ނަގާލާފައި ކޮންމެވެސް މީހަކަށް ގުޅާލުމަށްފަހު “ވަންނަންވީ ކޮންތަނަކަށްހޭ” އަހާލިއެވެ.
ރަހްމަތްތެރީންނާއިއެކު ކޮފީއަކަށްފަހު ކޮފީއެއްގައި ވަގުތު ހޭދަކުރުމަށްފަހު ޔަޒަން ގެއަށް އައިއިރު 11 ޖަހައިފިއެވެ. ޖެހިގެން އޮތީ ހުކުރު ދުވަސް ކަމުން އޭރު ޔަކްޒަން ޓީވީއިން އިނގިރޭސި ފިލްމެއް އަޅުވާލައިގެން އިންއިރު ލައިލާއާއި ޔާސީން ފެންނަ ހިސާބެއްގައި ނެތެވެ.
“ޔަކްޒަންބޯ….” ޔަޒަން ގޭތެރެއަށް ވަންގޮތަށް އޭނާގެ ކޮއްކޮގެ އިސްތަށިގަނޑުގައި ހިފާ ޖެއްސުން ކޮށްލީ އާދައިގެ މަތީންނެވެ. އަބަދުވެސް ޔަކްޒަން ރުޅި އަރުވާފައި ބެހެއްޓުމަކީ އޭނާގެ ހިތްހަމަ ޖެހުމެކެވެ.
“ކިހާ ދެރެ ކަމެއް ޒެންބޯ..” ޔަކްޒަން ވަގުތުން ޔަޒަންގެ އަތްތިލާގައި ހިފާ ފޮޅުވާލިއެވެ. އެއާއިއކު ޔަޒަން ހެމުން ހެމުން ކޮޓަރިއާއި ދިމާއަށް ހިނގައިގަންނަން އުޅެފައިވެސް އެއްޗެއް ހަނދާންވެގެން ކަހަލަ ގޮތަކަށް ހުއްޓިލުމަށްފަހު ބެލްކަންޏާއި ދިމާއަށް ދިޔައެވެ. ބެލަކްނީގައި ހުއްޓިލުމަށްފަހު އޭނާ ބޯއަރިކޮށްލީ ކުރިމަތިން ހުރި ގޭގެ ޓެރަސް ފެންނާނޭ ހެންނެވެ. އޭރުވެސް ހަވީރު އެތަނުގައި ހިއްކަން އެޅި އެއްޗެހިތައް ހުއްޓެވެ.
“ރޭގަނޑުވެސް އެއްޗެހި ނުނަގަނީތަ؟” ޔަޒަން ހިތާއިހިތުން ބުނެލިއެވެ. އޭނާގެ ހިތް އެދެމުން ދިޔައީ އެ ރީތި އަންހެން ކުއްޖާ އަދި އެއްފަހަރު ފެނިލުމަށެވެ. ފުން ނޭވާއަކާއިއެކު ލޯ މަރާލަމުން އޭނާ އުޑުމައްޗަށް ނަޒަރު ހިންގާލިއެވެ. ފުރިހަމަވާން ނުހަނު ގާތްވެފައިވާ ފަޅި ހަނދާއިއެކު އުޑުގައި ފިޔަޖަހަމުންދާ ތަރިތަކުގެ ސަބަބުން ޔަޒަންއަށް ހިނިތުންވެލެވުނެވެ. ގުދުރަތުގެ އެފަދަ ރީތި މަންޒަރުތައް ބެލުމަކީ ޔަޒަން އަބަދުވެސް ލޯބި ކުރާކަމެކެވެ. އިރުކޮޅަކު ހަމަހިމޭނުން ހުރުމަށްފަހުވެސް ކުރިމަތީ ހުރި ޓެރަހަށް ދެތިން ފަހަރަކު އޭނާ ބަލާލިއެވެ. އެހެން ނަމަވެސް އެއަންހެން ކުއްޖާގެ އެއްވެސް ހިލަމެއް ނުވުމުން އޭނާ މަޑުމަޑުން ކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހިއެވެ.
އަނެއްދުވަހުގެ ހެނދުނު ހެނދުނާއި ހޭލި ގޮތަށް މާލާގެ ފުރަތަމަ ކަމަކަށްވީ ޓެރަސް މަތީގައި ހުރި އެއްޗެހިތައް ނެގުމެވެ. ރޭގައި އެއްޗެހިތަކުގެ މަތިން ހަނދާންވީއިރު މާ ލަސްވެފައި ހުރުމުން އޭނާ ބޭނުންވީ ހެނދުނު ހޭލައިގެން އެކަން ކުރުމަށެވެ. ނިދަން ލައިގެން އުޅުނު ބޮޑުޓީޝާޓާއި، ހަރުވާޅާއިއެކު އޭނާ ޓެރަސް މައްޗަށް އެރީ އެގަޑީގައި އިތުރު މީހަކަށް އެމަންޒަރު ނުފެންނާނޭކަމުގައި ޔަގީން ކޮށްފައެވެ. އެހެންނަމަވެސް ކަންތައްވީ އެހެންނެއް ނޫނެވެ. މާލާ ޓެރަސް މައްޗަށް އެރިއިރު ކުރިމަތީ ހުރިގޭގެ ބެލްކަނީގައި އިއްޔެވެސް ފެނުނު ޒުވާނާ ކޮފީ ޖޯޑެއް ހިފައިގެން ހުއްޓެވެ. ހަމައެކަނި ކަށިމަތީ ސޯޓެއްގައި އޭނާ ހުރީ އިއްޔެވެސް ހުރި ގޮތަށެވެ. ދޮން، ޒުވާން ހަށިގަނޑު އިޝްތިހާރު ކުރަން ހުރި ފަދައެވެ. މާލާ ފެނުމާއިއެކު އެޒުވާނާ ތުނބުގައި ޖަހާލި ކޮފީ ޖޯޑު ނައްޓާލާ ބެލްކަނީގައި ބަނޑުއަޅުވާލުމަށްފަހު ހަމަޖެހިލިއެވެ. އެ ޒުވާނާ އޭނާއަށް ބަލާކަން އެނގުމުން މާލާއަށް އަމިއްލައަށް ބަލާލެވުނީ ލައިގެން ހުރި އެއްޗެއްސަށެވެ. ބޮޑު ޓީޝާޓާއި، ބޮޑު ހަރުވާޅާއިއެކު އިސްތަށިގަނޑު ނިއުޅާލައިގެން ހުރިއިރު ހަމަގައިމުވެސް އޭނާ ހުންނާނީ މޮޔައެއް ހެންނެވެ. މާލާ ބޯ ހޫރާލިއެވެ. ކޮންކަމެއް ހެއްޔެވެ؟ އޭނާ އެއުޅެނީ މީހަކަށް ތުއި ދައްކާކަށް ނޫން ވިއްޔާއެވެ. އަވަސް އަވަހަށް ނުދެނެހުރި ކަމަކަށް ހަދާލާފައި އޭނާ ރޯނުގައި ހުރި އެއްޗެހިތައް ނަގަންފެށި ނަމަވެސް ދޭތެރެއަކުން އޭނާގެ ސިއްރު ނަޒަރު އެޒުވާނާއަށް ހުއްޓާލެވެއެވެ. އެކަން އޭނާއަށް އެނގުނީ ކަންނޭނގެއެވެ. އެއްމިޔަކަންނުން ހިނިތުންވެލައިގެން މާލާގެ ހަރަކާތްތަކަށް ބަލަން ހުރިއިރު ހީވަނީ އޭނާ ލަދުގަންނަވަން އުޅޭހެންނެވެ.
އެއްޗެހިތައް ނެގުމަށްފަހު ކިހިލީގައި ވަށިގަނޑު ޖަހާލާފަ ދަމުން މާލާ ފަސްއެނބުރި އެޒުވާނާއަށް ބަލާލިއެވެ. ނުހަނު ފިރިހެންވަންތަވެފައި ރީއްޗެވެ. މޫނުމަތިން ފެންނަނީ ރަހްމަތްތެރި ސަކަ މިޖާޒެކެވެ. މާލާ ބަލާލުމުން އެޒުވާނާ އެއްލޯ މަރާލުމާއިއެކު އޭނާގެ ތުންފަތުގައިވެސް ހިނިތުންވުމެއް އުފެދުނެވެ. އެހެން ނަމަވެސް މާގިނައިރު މަޑު ކުރުމެއްނެތި އޭނާ އެތަނުން ފައިބައިގެން ދިޔައީ ހިތާއި ދެކޮޅަށެވެ.
މާލާ ދިއުމާއިއެކު ޔަޒަންގެ މޫނުމަތީގައިވީ ލާނެތް ހިނިތުންވުން ކުރިއަށްވުރެ ފުޅާވެގެންދިޔައެވެ. އޭނާއަށް ވެފައި އެހުރީ ކިހިނެއް ހެއްޔެވެ؟ އަންހެން ކުދިންނާއި ރަހްމަތްތެރިކޮށް، ގާތްކޮށް އުޅުނު ކަމުގައިވިޔަސް އޭނާ ދުވަހަކުވެސް އެކަހަލަ ޖެއްސުމެއް ކުއްޖަކާއި ނުކުރެއެވެ. ވަކީން ޚާއްސަކޮށް ނުދަންނަ ކުއްޖަކު ފެނުމުން ފާޑު ފާޑު ވައްތަރު ޖެއްސުމަކީ އެއްގޮތަކަށްވެސް ކުރާ ހިތްވާ ކަމެއް ނޫނެވެ. އޭނާގެ ރަހްމަތްތެރީންވެސް މަގުމަތީން ފެންނަ އަންހެންކުދީންނާއި ފޮށޭތީ ނުހަނު ރުޅި އާދެއެވެ. ވީއިރު އެ އަންހެންކުއްޖާއާއި އެގޮތަށް ޖެއްސުންކޮށްލާ ހިތްވީ ކީއްވެގެން ހެއްޔެވެ؟ ޔަޒަން ކޮފީ ޖޯޑު ހުސްވުމުން ސިންކުތެރޭގައި ބެހެއްޓުމަށްފަހު ކޮޓަރިއަށް ގޮސް އެނދު މައްޗަށް ވެއްޓިގަތެވެ. މާ ހެނދުނާއި ހޭލެވުމުން ދެން ފޫހިވުން ނޫން ކަމެއް އެބަ އޮތް ހެއްޔެވެ؟ ލޯ މަރާލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލި ވަގުތު ހިތައް އެރި އެއްޗަކުން އޭނާގެ ތުންފަތުގައި އަނެއްކާވެސް ލާނެތް ހިނިތުންވުމެއް އުފެދިއްޖެއެވެ. ލުއި ގޮތަކަށް ހީނލަމުން ޔަޒަން ބާލީހުގައި ބައްދާލިއިރު މޫނުމަތީގައިވަނީ އުޖާލާކަމެވެ.
ހުކުރު ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ގޭތެރެ ސާފު ކުރުމާއި، ކެއްކުމާއި، ތަންތަން ފޮޅުމުގެ ބުރަ މަސައްކަތްތައް ކޮށް ނިންމާލެވުނު އިރު މާލާގެ ހަށިގަނޑަށް ހުރީ ވަރުބަލިކަން ވެރިވެފައެވެ. އެހެން ނަމަވެސް ގަންނަން ޖެހޭ ބައެއް އެޗެހި ހުރުމުން ހަވީރުގެ ވަގުތުގައި ޖައްސާލާ އަރާމުކޮށްލުމުގެ ބަދަލުގައި އޭނާ ގަސްތުކުރީ ފެންވަރާލައިގެން ފިހާރައަށް ދިއުމަށެވެ. މާ ގާތް ރަހްމަތްތެރިއަކު ނުހުންނާތީއާއިއެކު މާލާ އޭނާގެ ކުދި ކުދި ވިޔަފާރިތައް ކޮށްލަނީ ގޭ ކައިރީގައި ހުންނަ ފިހާރަތަކުން އަމިއްލައަށެވެ.
ފެން ވަރާލައިގެން ކަޅުކުލައިގެ ކުރުތާއަކާއި، ނޫ ޖީންސެއް ލައިގެން އޭނާ ރީތިވެލީ އާދައިގެ ސާދާ ގޮތަކަށެވެ. ރާޅުބާނީ ދިގު އިސްތަށިގަނޑު މައްޗަށް އައްސާލިއިރު ނިތްމައްޗައް އިސްތަށިކޮޅެއް ވެއްޓިފައި އިނެވެ. އެއަށްފަހު ޕަރސް އަތުން ހިފާލައިގެން ގެއިން ނުކުތީ ގެއާއި ކައިރީގައި ހުރި ހުރިހާ ވައްތަރެއްގެ ސާމާނު ވިއްކާ ފިހާރައަށް ދިއުމަށެވެ.
މަޑުމައިތިރި ހިނގުމެއްގައި ގޮސް ފިހާރައިގެ ދޮރުމައްޗަށް އެރި ވަގުތު އެތަނުން މީހަކު ނުކުންނާތީ މާލާ ކުޑަކޮށް މަޑުކޮށްލިއެވެ. އެވަގުތު ފިހާރައާއި ދިމާގައި ތިބި ދެ ޒުވާނަކު އޭނާއާއި ފޮށިލާ އެއްޗެއް ބުނެލައިފިއެވެ. މާލާ ދެނެހުރި ކަމަށްވެސް ނުހަދާ ގޮސް ފިހާރަ ތެރެއަށް ވަތްނަމަވެސް ހިތުގައި ނުތަނަވަސްކަމެއް ވެރިވެފައިވެއެވެ.
ގަންނަން ބޭނުންވާ އެއްޗެހި ވަށިގަނޑަށް އަޅާލުމަށްފަހު ކައުންޓަރަށް ދިޔައިރު މާލާއަށް ނޭނގުނީ އޭނާގެ ހަރަކާތްތަކަށް ބަލަން އެތަނުގެ ތެރޭގައި މީހަކު ހުރިކަމެވެ. ކައުންޓަރުން އެއްޗެއްސަށް އަގު ދައްކާލުމަށްފަހު އޭނާއަށް ފިހާރައިން ނުކުމެވުނީ ހަނދާންނެތިގެން ކައުންޓަރުމަތީގައި ފޯނުވެސް ބާއްވާފައެވެ.
“އެކްސްކިއުޒް..” އާދައިގެ ފިޔަވަޅުތަކެއްގައި ގެއާއި ދިމާއަށް ދިޔަ މާލާގެ ފިޔަވަޅުތައް މަޑު ޖެހިލީ ފަހަތުން އިވުނު ޒުވާން ފިރިހެންވަންތަ އަޑުންނެވެ. މަޑުމަޑުން ފަހަތް ބަލާލުމާއިއެކު އޭނާގެ މޫނުމަތީގައި ހައިރާންކަން އުފެދިގެން ދިޔައެވެ. އެއީ އެޒުވާނާއެވެ. ބެލްކަނީގައި ހުރެ ހަށިގަނޑު އިޝްތިހާރު ކުރާ ޒުވާނާއެވެ. މާލާ އެނބުރިލުމާއިއެކު އެމޫނުގައިވާ ގާތް ހިނިތުންވުން ފުޅާވެގެން ދިޔަތަންވެސް ފެނުނެވެ. މާލާ ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ދެބުމަ ހިއްލާލާފައި “ކީކޭ؟”ހޭ އަހާލާ ފަދަ ގޮތަކަށް ބޯ ހޫރާލިއެވެ. އެއާއިއެކު އެޒުވާނާ ހިނިތުންވެލާފައި އަތުގައި އޮތް ފޯނު ދައްކާލިއެވެ.
“ފޯނު ކައުންޓަރު މަތީ ބާއްވާފައެއްނު..” ޔަޒަން ގާތްގޮތަކަށް ފޯނު ދިއްކޮށްލަމުން ވާހަކަ ދެއްކިއެވެ. އެއާއިއެކު މާލާ “އޯހްހް” އޭ ބުނެލަމުން ފޯނުގައި ހިފީ ހިނިތުންވެލަމުންނެވެ.
“ތޭންކްސް..” ކުދިކުދި ހުދު ދަތްތައް ފެންނަވަރަށް ހިނިތުންވެލަމުން މާލާ ޔަޒަންއާއި މުޚާތަބު ކުރިއެވެ. އެވަގުތު ޔަޒަން އިސްތަށިގަނޑު ތެރޭގައި އަތް ހިންގާލަމުން ހީނލީ ހިތް ދަމައިގަންނަފަދަ ގޮތަކަށެވެ. މާލާގެ ހިތް ތެޅިލުމާއިއެކު އަވަސް އަވަހަށް އެނބުރި ހިނގައިގަތީ އިތުރު އެއްޗެއް ބުނުމަކާއި ނުލައެވެ. ކުޑަ އިރުކޮޅެއް ފަހުން އޭނާގެ ފޯނަށް މެސެޖެއް އައުމުން މެސެޖް ހުޅުވާލިއިރުވެސް ހިތުގައި ފާޑެއްގެ ނުތަނަވަސްކަމެއް ވެއެވެ.
“ނަންވެސް ނުބުނަމެއްނު.. އޭމް ޔަޒަން.. ” ސްމައިލީ އަކާއިއެކު އިން މެސެޖް ކިޔާލުމާއިއެކު މާލާގެ ފިޔަވަޅުތަކަށް އަނެއްކާވެސް ހުއްޓުން އެރިއެވެ.
ނުނިމޭ