
އައި ރުޅީގައި މާއިން ކަންފަތްމައްޗަށް ހޫނު އެތިފަހަރެއް ވީއްލައިލިއެވެ. ” މަންމަ އާ ތިހެން ތަ ވާހަކަ ދައްކަނީ..” މަނިކުގެ ހަޅޭއްލަވައިގަތެވެ. ” އޭ އަހަރެންގެ މަންމަ އެއް ނޫން.. ކިތައްފަހަރު ބުނާނީ އޭ އަހަރެންގެ މަންމަ އެއް ނޫނޭ.. އަހަރެންގެ މަންމަ އަށް ކިޔަނީ ޒާހިދާ ނަސީމް..” އެއަށްވުރެ ބާރަށް މާއިން ބުންޏެވެ. އެއަށްފަހު ބާރުބާރަށް ގޮސް ކޮޓަރިއަށްވަނީ މަނިކު ގޮވަގޮވާ ހުއްޓައެވެ. އެދިޔަ ގޮތައް ގޮސް ޖެހުނުހާ ބާރަކަށް ދޮރު ޖެހިއެވެ. ދެން އެއަށްފަހު މާއިންގެ ރުޅިގަނޑު އަމާޒުވީ ކޮޓަރީގައި ބެހެއްޓިފައިވާ ސާމާނުތަކަށެވެ. އެވަރުންވެސް މާއިންގެ ރުޅިގަނޑު މައިތިރިވާ ގޮތެއް ނުވިއެވެ. ފަހަރަކު އެއްޗެއް ނަގާ ހޫރަމުން ދިޔަ މާއިންގެ ހަރަކާތަށް ހުއްޓުމެއް އައީ އަތަށް ނެގުނު ބިއްލޫރި ބޯޅައިގެ ސަބަބުންނެވެ. އެއާއެކު މާއިންގެ މޫނުމަތިން ރުޅިވެރިކަން ކެނޑި ހިތާމައިގެ އަސަރު ފައަޅުވާން ފެށިއެވެ. އެބޯޅައިގައި މަޑުމަޑުން ފިރުމާލުމަށްފަހު ގޮސް ފާރުބުޑުގައި އިށީނދެލިއެވެ. ” މާއިން.. މީ އިޒީ މާއިން އަށް ދިން ހަދިޔާއެއް.. އިޒީގެ ހަނދާނަކަށް ބާއްވައްޗޭ އަބަދުވެސް..” ކުޑަކުޑަ އިޒީގެ އަޑު އަދިވެސް މާއިންގެ ކަންފަތުން ނުފިލާ ކަހަލައެވެ. މާއިންގެ ހަޔާތުގައިވީ ހުރިހާ އުފަލެއް އިޒީއާއިއެކު ވަކިވެގެން ދިޔައީއެވެ. އެންމެ ގާތްކޮށް ތިބި މީހުންގެ ފަރާތުން މާއިން އަށް ފެނުނީ މަކަރާ ހީލަތެވެ. މާއިން އޭނަ ހަޔާތުގައި އެންމެ ލޯބިވީ މީހަކީ އޭނަގެ މަންމައެވެ. އެއަށްފަހު އިޒީއެވެ. ދެމީހުންވެސް އޭނަ ދޫކޮއްލާފައި ދިޔައީއެވެ. ކިތައްމެ ޝަކުވާ ކުރަން ބޭނުންވިނަމަވެސް އެކަން ކުރެވޭކަށް ނެތެވެ. ކިތައްމެ މަޝްހޫރު ކާމިޔާބު މީހަކަށްވިނަމަވެސް މިއަދު މާއިންއަށްވުރެ އެކަނިވެރި މީހަކު މިދުނިޔޭގައި ހުންނާނެކަމާމެދު ޝައްކެވެ. އެބޯޅަ ހިފައިގެން މުށިގަނޑުމަތީ އޮއްތާލި މާއިން އަށް ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭނގެއެވެ.
” މަނިކް..” ފިއުނާ މަޑުމަޑުން ފުރަގަސްދީގެން އިން މަނިކުއަށް ގޮވާލިއެވެ. އޭރުވެސް އޭނަ މޫނުގައި ނުލަފާ ހިންޏެއް އައިއްސައި ހުއްޓެވެ. މަނިކު ފިއުނާ އާއި ދިމާލަށް ބަލައިލިލެއް ލަސްވީއެވެ. އެއަށްވުރެ އަވަހަށް މޫނުގެ ކުލަވަރު ބަދަލުކޮއްލިއެވެ. އިހުޒަމާނުގެ ފިލްމީ ތަރިއެއްކަމުން މިކަހަލަ ކަންތައްތަކަށް ކުޅަދާނަވާނެކަން ގައިމެވެ. ” އަހަރެން އަސްލު ވަރަށް މަސައްކަތް ކުރަން މާއިންގެ ހިތުން އަހަންނަށް މަންމައެއްގެ ޖާގައެއް ލިބޭތޯ.. އެކަމަކު މާއިން އަދިވެސް ދެކެނީ އަހަރެން މީ އޭނަގެ ދޮންމަންމަގެ ގޮތުގައި.. މިއަދު މާއިންގެ އެ ހަޔާތް ކުޑަކަން ފެނިފައި ލަދުވެސް ގައިން.. ކީއްކުރާނީ.. ޒާހިދާ ރަނގަޅު ތަރުބިއްޔަތެއް ދިންނަމަ..” މަނިކް ކޮނޑުގައި ބޯއަޅާލަމުން ފިއުނާ ވާހަކަ ދެއްކިއިރު އެއަޑުން ފާޅުވަނީ ހިތާމައިގެ އަސަރެވެ. ނަމަވެސް އެމޫނުމަތިން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. މަނިކުއަށް އޭނަގެ އަނބިމީހާގެ ހަގީގީ ކުލަވަރު ނޭގެނީއެވެ. ފިއުނާގެ ހަޔާތުގައިވަނީ މިހާރު އެންމެ މަގުސަދެކެވެ. ދަރިފުޅާ ބައްޕަ ވީހާވެސް ބޮޑަކަށް އެކަކު އަނެކަކާ ދުރުކުރުވުމެވެ. މިވޭތުވެދިޔަ އަހަރުތަކު ތެރޭގައި ފިއުނާ ވަނީ ރަނގަޅަށްވެސް އެކަން ކޮއްފައެވެ. މާއިންގެ ހިތުގައި މަނިކުއަށްޓަކައި ނަފްރަތުވާއިރު މަނިކުގެ ހިތުގައިވެސް މާއިންއާއި ދޭތެރޭވަނީ ޝަކުވާއެވެ.
***
ކޮޓަރިތެރޭގައިވާ ހިމޭންކަން ނަގާލައިފައިވަނީ އެތާހުރި މެޝިން ތަކުން ގޮވަމުން ދިޔަ އަޑުގެ ސަބަބުންނެވެ. ރޭގަނޑުގެ އެހިތްގައިމު ވަގުތުގައި އެކޮޓަރީގައި ހުރި ދޮރުތައްވަނީ ހުޅުވާލެވިފައެވެ. ދޭތެރެ ދޭތެރެއިން ޖެހެމުން ދިޔަ ފިނިވައިރޯޅީގެ އަސަރު ކޮޓަރިތެރެއަށް ކުރަމުން ދިޔައެވެ. އެނދުމަތީގައި އެކިކަހަލަ ވާތައްގުޅާފައި މެދުއުމުރުގެ އަންހެނެއް އޮތެވެ. އެމީހާގެ އަތުގައި ހިފަހައްޓާލައިގެން ކައިރީގައި އޮތް ކުޑަކުޑަ ފިރިހެންކުއްޖާއަށް ވަނީ ނިދިފައެވެ. އެއަންހެންމީހާއަށް މަޑުމަޑުން ލޯހުޅުވާލެވުނެވެ. ކައިރީގައި ނިދާލާފައި އޮތް އޭނަގެ ލޯބިލޯބި ފިރެހެން ދަރިފުޅަށް ބަލަހައްޓައިގެން އެހެން އޮވެވުނީ އިރުކޮޅަކުއެވެ. ކުއްލިއަކަށް ނޭވާލާން އުނދަގޫވާގޮތްވިއެވެ. މެއަށް އެރީ ތޫނު ތަދެކެވެ. ” ދަ.. ދަރި.ފު.ޅާ..” ވަރަށް މަސައްކަތުން ކައިރީގައި ނިދާފައި އޮތް އޭނަގެ ދަރިފުޅަށް ގޮވާލިއެވެ. ” ދަރި.. ދަރިފުޅާ.. މާ… މާ..އިން..” އަނެއްކާވެސް ގޮވާލިއެވެ. މިފަހަރު ނަސީބަކުން މާއިންއަށް ހޭލެވިއްޖެއެވެ. މަންމަ އޮތްހާލު ފެނުމާއެކީ ކުޑަކުޑަ މާއިން އަށް ރޮވެން ފެށުނެވެ. ހަދާނެ ގޮތް ހުސްވެފައި އިރުކޮޅަކު ހުރެވުނެވެ. އެއަށްފަހު އަވަހަށް ބައްޕަ މަތިން ހަނދާންވެގެން ބައްޕަ ހޯދަން ދުއްވައިގަތެވެ. ” ބައްޕާ.. ބައްޕާ..” ގޭތެރޭގައި ދުވަމުން ދިޔަ މާއިން ބައްޕައަށް ގޮވަމުން ގޮވަމުން ގޮސް ފަހަރަކު ކޮޓަރިއެއް ހުޅުވަމުން ދިޔައެވެ. ބައްޕަ މިގަޑީ ވާނީ ސްޓަޑީ ރޫމްގައި ކަން ހަނދާންވުމުން އަވަހަށް އެދިމާލަށް ދާން ދުއްވައިގަތެވެ. ފަހަރަކު ހަރުފަތެއް ގިރާކުރަމުން ދިޔަ މާއިންއަށް މައިނޭވާ ލެވެމުން ދިޔައެވެ. ” ބައްޕާ މަންމައަށް ނޭވާނު…..” ހުޅުވާލެވުނު ދޮރާއެކީ މާއިންގެ އަޑަށް ހުއްޓުމެއްއައީ ކުރިމަތިން ފެނުން މަންޒަރުންނެވެ. މާއިންއަށް ހީވީ އޭނަގެ ފައިދަށުން ބިންގަނޑުދަމައިގައިންހެންނެވެ. އޭނަގެ ބައްޕައަކީ އެހާ ގޮތްކުޑަ މީހެއް ހެއްޔެވެ؟ އޭނަގެ މަންމަ މިއަދު ބަލިހާލުގައި އޮތްއިރު އެހެން އަންހެނެއް ވައްދައިގެން އުޅެން ލަދެއް ނުގަނޭބާއެވެ. އެވަގުތު އޭނަގެ ބައްޕައަށްޓަކައި ނަފްރަތުން އެހިތް ފުރިގެން ދިޔައެވެ. ބަލާކަށްނުހުރެ އަނެއްކާވެސް ދުއްވައިގަތީ މަންމަ ކައިރިއަށް ދިއުމަށެވެ. ދުވެފައިގޮސް މަންމަ ކައިރިޔަށް ދިޔައިރު މަންމަގެ ދެލޯވަނީ މެރިފައެވެ. ބާރަށް ރޮއެގަންނަމުން މަންމަ އަށް ތަކުރާރުކޮށް ގޮވަމުން ދިޔައެވެ. ނަމަވެސް އެއްވެސް ހަބަރެއް ނުވިއެވެ. ” މަންމާ… މަންމާ..” ރޮމުން ދިޔަ މާއިންގެ އަޑުދިޔައީ ހައްތަހާ ގަދަވަމުންނެވެ.
***
“މަންމާ…” ފުންމައިގެން ތެދުވި މާއިން އަށް ބާރުބާރަށް ގޮވާލެވުނެވެ. އޭރު މުޅިމީހާވަނީ ދާހިތްލާފޯވެފައެވެ. މާޒީގެ އެސަފްހާ އަނެއްކާވެސް ހުވަފެނެއްގެ ސިފައިގައި މާއިންއަށް ފެނުނީއެވެ. ދެއަތުން ބޮލުގައި ހިފާ ބާރުކޮއްލެވުނެވެ. އިރުކޮޅަކު އެގޮތަށް އިނުމަށްފަހު ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލެވުނެވެ. ކޮޓަރިއޮތް ހާލު ފެނުމުން ދެފަރާތައް ބޯހޫރާލެވުނެވެ. ކައިރީގައި އޮތް ބިއްލޫރި ބޯޅަ ނަގައި ރީތިވާ މޭޒުމަތީ ބެހެއްޓުމަށްފަހު ފާހަނައަށް ވަންނަން ދިޔައެވެ.
ހެނދުނުގަޑީ ގޭތެރެއިން ފެންނަމުން ދިޔައީ ހަލަބޮލި ކަމެވެ. މަނިކު އޮފީހަށް ދާން ތައްޔާރުވެގެން ނިކުއިން އިރު ގޭގަ މަސައްކަތް ކުރަން ގެންގުޅޭ މީހުން ހެނދުނުގެ ނާސްތާ މޭޒުމަތީ އަތުރަމުން ދިޔައެވެ. އައްފާނު ސޯފާއގައި ހުރެގެން ފާޑެއްގެ ވީޑިއޯ ގޭމެއް ކުޅެން އޭނަގެ ބައްޕައާއި އެކީ އިނެވެ. މަނިކު އަންނަތަން ފެނުމުން އައްފާނުގެ ބައްޕަ އާދިލް މަނިކު ކައިރިއަށް ދިޔައީ އޮފީހުގެ ވާހަކައެއް ދެއްކުމަށެވެ. އެއާއެކު އެކުއެކީހެން ދެބެން ހެނދުނުގެ ނާސްތާ ނެގުމަށްޓަކައި ދިޔައެވެ. އައްފާނުވެސް އަވަހަށް އައިސް އޭނަގެ ބައްޕައާއި ޖެހިގެން އިން ގޮނޑީގައި އިށީނެވެ. ” ކޮބާ އައްފާން.. މަންމަ އަންނަނީ ކޮންއިރަކުން..” މަނިކު އައްފާނުއާއި ވާހަކަ ދެއްކިއެވެ. ” މަންމަދޯ.. މަންމަ އަންނާނަމޭ ބުނި އަންނަ ސަންޑޭގައި..” އައްފާން މަޑުމަޑުން ޖަވާބު ދިނެވެ. ދެން އެއަށްފަހު ދެކެވެމުން ދިޔައީ ބޮޑަށް އޮފީހުގެ ވާހަކައެވެ. ފެންވަރާލައިގެން ނިކުއިން ގެއިން ނިކުމެގެން މާއިން ކާމޭޒުދޮށުގައި ތިބިމީހުން ހުރަސްކޮއްފައި ދިޔައީ އެކަކާވެސް އަނގައިން ބުނުމެއް ނެތިއެވެ. މަނިކުވެސް އެކަމާ މާބޮޑަކަށް އަޅައެއް ނުލައެވެ. ހެނދުނު ހެނދުނާ ޒުވާބު ކުރަން ބޭނުންނުވީ ކަންނޭނގެއެވެ. އަނެއްކޮޅުން ފިއުނާއަށް އިރުއެރީ މަނިކު އޮފީހަށް ދިޔަފަހުންނެވެ. އިއްޔެ ހިނގާދިޔަ ކަންތަކުގެ ސަބަބުން އެހިތައް އަޖައިބެއްކަހަލަ ހަމަޖެހުމެއް ލިބިފައިވާ ކަހަލައެވެ.
މާއިން ދިޔައީ އެކަނިމާއެކަނި މާލެތެރޭގައި ކާރުދުއްވުމުގައެވެ. އިރުކޮޅެއްފަހުން މާއިންގެ ފޯނު ރިންގުވާން ފެށިއެވެ. ބަލާލިއިރު ގުޅަނީ އާހިލްއެވެ. ” ގުޑް މޯރނިންގް..” ފޯނު ނެގުމާއެކީ އެކޮޅުން އާހިލް ވާހަކަދެއްކިއެވެ. އޭރުވެސް އާހިލްގެ އަޑުގައި ނިދީގެ އަސަރުވިއެވެ. ” އަދި ދޯ ތިހޭލެވުނީ؟..” ” އާން.. އޭ ކޮންތާކު ތިއުޅެނީ؟.. އާދޭ މަބަލާ އިރުކޮޅަކުން.. ފެންވަރައިގެން ނިކުންނަން ވާއިރަށް…” އާހިލް އެހެން ބުނުމަށްފަހު ފޯނު ބޭއްވިއެވެ. މާއިން ދެފަރާތައް ބޯހޫރާލުމަށްފަހު ގެއާ ދިމާލަށް މިސްރާބު ބަދަލު ކޮއްލިއެވެ.
***
ހެނދުނު ސާފުކޮށް އުޑުމަތި ބަނަވާކަށް މާ ގިނައިރުތަކެއް ނުނަގައެވެ. ޖެހެމުން ދިޔަ ވައި ދިޔައީ ކުރިއަށްވުރެ ބާރުވަމުންނެވެ. ބެލެކަނީއަށް ނިކުމެވެން އިން ދޮރުހުޅުވާލެވިފައިވާއިރު ދޮރުފޮތިތައް ވަޔާ ވިހުރެމުން ދިޔައެވެ. ރަތްކުލައިގެ ހެދުމެއް ލައިގެން އިން ޕަރީއެއްފަދަ ރީތި އަންހެން ކުއްޖާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ވިއެވެ. ބެލްކަނީގަ ދެއަތުން ހިފަހައްޓާލައިގެން އިންއިރު އެދެލޯ ވަނީ މަރާލެވިފައެވެ. ޖެހެމުންދިޔަ ވައިރޯޅިތަކުން އެހިތައް ހަމަޖެހުން ލިބިގެން ދިޔަކަހަލައެވެ. ” އައިމިނަތު….” ފަހަތުން އިވުނު އަޑާއި އެކީ މެރިފައިވާ ދެލޯ ހުޅުވާލެވުނެވެ. މޫނުމަތީގައިވީ ރީތި ހިނިތުންވުން ވަގުތުން ފިލައިގެން ދިޔައެވެ. ބިރުންގޮސް މުޅިމީހާ ތުރުތުރުލާންފެށިއެވެ. އަވަސްއަވަހަށް ފަހަތުން އައި އަންހެންމީހާއާއި ދިމާލަށް އެނބުރިލުމަށްފަހު އިސްޖަހާލިއެވެ. ” ތައްޔާރުވީތަ؟..” އެއަންހެންމީހާ ރުންކުރުގޮތަކަށް އަހާލިއެވެ. ” ލަ..ލައްބަ ބޮޑުދައިތާ..” ތުރުތުރުލެވިފައިވާ އަޑަކުން އައިމިނަތު ޖަވާބު ދިނެވެ. ” ހޫން.. ތި މޫނުގައި މޭކްއަޕްކޮޅެއްވެސް ހާކާލަން ނޭނގުނީތަ؟ ” ބޮޑުދައިތަގެ މޫނުމަތިން ފެންނަމުން ދިޔައީ ފޫހިކަމެވެ. އައިމިނަތުގެ އަތުގައި ހިފާ ގެންގޮސް ގޮނޑިއެއްގައި ބޭންދުމަށްފަހު އެމޫނުގައި މޭކްއަޕް ކުރިއެވެ. ” ހޫން.. މިހާރު ރަނގަޅު.. ތި އިންގޮތައް އިނދޭ ދެން.. ދާ ގަޑިއެއް ޔަގީންވީމަ ބުނާނަން..” މިހެން ބުނެލުމަށްފަހު ބޮޑުދައިތަ އެކޮޓަރިން ނިކުމެގެން ދިޔައެވެ. ބޮޑުދައިތަ ދިޔަދިމާލަށް ބަލަހައްޓައިގެން އައިމިނަތުއަށް ހުރީ ގުޑިލާންވެސް ނުކެރިފައެވެ. އެދެލޯ ވަގުތުން ފެންކަޅިވާންފެށިއެވެ. ކޮންމެވެސް ކަމެއް ގޯސްވާން އުޅޭކަމަށް އިހުސާސް ކުރެވެން ފެށިއެވެ. އެހެންޏާ އޭނަ ލާން މިހާ ރީތި ހެދުމެއް ދީފައި މޭކްއަޕް ކުރުވާ ރީތިކުރުވާކަށް ނޫޅެއެވެ. ނުވިތާކަށް ގެއިން ބޭރަށް ނިކުތުންވެސް އޮންނަނީ މަނާކޮއްފައެވެ. އުމުރުން ތޭވީސް އަހަރުވީ އިރު އަތުގައި ފޯނެއްހާ ހިސާބުވެސް ނޯވެއެވެ. މައިންބަފައިން މިދުނިޔެ ދޫކުރުމަށްފަހު އައިމިނަތު ބަލަން ހަވާލުވީ އޭނަގެ ބޮޑުދައިތަ އަމީނާއެވެ. ނަމަވެސް އަމީނާމެން ގޭގައި އޭނަ އުޅެން ޖެހުނީ ނޯކަރެއްގެ ގޮތުގައެވެ. އެއުމުރުގެ އެހެން ކުދިންނަށް އޮންނަ މިނިވަންކަމެއް އޭނައަކަށް ނޯވެއެވެ. އައިމިނަތުއަށް ކިރިޔާވެސް ހަމަޖެހުމެއް ލިބެނީ އޭނަގެ ދެބެންގެ ދެދަރި އަލީނާގެ ސަބަބުންނެވެ. އަމީނާގެ ދަރިއެއް ނަމަވެސް އަލީނާ، އައިމިނަތު ދެކެ އެއްބަނޑު އެއްބަފާ ކޮއްކޮއެއް ފަދައިން ލޯބިވެއެވެ. އެނޫން މީހަކަށް އޭނައަކީ އުޅޭ މީހެއްކަންވެސް ނޭނގޭނެހެންވެސް ހީވެއެވެ. މިދުވަސްކޮޅު އަލީނާ ނެތީމަ އެކަމުގެ ފަޅުކަން ކިތައްމެ ބޮޑަށްވެސް އިހުސާސްކުރެވެއެވެ. އަމީނާދެކެ އައިމިނަތު ކުޑައިރުއްސުރެވެސް ވަރަށް ބިރުގަނެއެވެ. ކިރިޔާވެސް ކަމެއް ގޯސްކޮށް ކުރެވިއްޖެއްޔާ އެކަމުގެ އަދަބު އެހާ ހަރުކަށިވާނެވެ. ބައެއްފަހަރު ކާންނުދީ ބަހައްޓަފާނެއެވެ. އަނެއްބައިފަހަރު އަނިޔާކޮށް ހަދާނެއެވެ. އަލީނާއަށްވެސް އަމީނާ ކުރިމަތީ އެއްޗެކޭ ބުނަން ނުކެރެނީއެވެ. އަމިއްލަ ދަރިއެއްކަމަކު އަމީނާގެ ހިތްހެވެއް ނޫނެވެ. އަމީނާއަށް މުހިއްމީ ހަމަ އެންމެ އެއްޗެކެވެ. ފައިސާ އާއި މުދަލެވެ. މުއްސަނދި ދިރިއުޅުން ހާސިލްކުރަން އޭނަ ނުކުރާ ކަމެއް ނޯންނާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
އައިމިނަތު އޭނަގެ ބޮޑުދައިތައިގެ އިންތިޒާރުގައި އެތައް އިރެއްވީއިރުވެސް ނާދެއެވެ. ނަމަވެސް ކޮޓަރިން ބޭރަށް އެންމެ ފިޔަވަޅެއް އަޅަންވެސް އައިމިނަތު ޖެހިލުންވިއެވެ. އެހެން ހުއްޓާ އެންމެފަހުން އައިމިނަތުގެ ލޮލަށް ނިދިއަންނަންފެށިއެވެ. އެއިންގޮތައް އެތާއިނދެ އޭނައަށް ނިދުނުއިރުވެސް ނޭނގުނެވެ.
***
” މާއިން .. މާދަން އެބަޖެހޭ އިންޓަވިއު އެއް ދޭން.. ބީ ރެޑީ.. އެންޑް……. ޔޫ ބެޓާ ހޭވް އެން އެކްސްޕްލެނޭޝަން ފޯ ޔެސްޓަޑޭ..” ފޯނުގެ އަނެއްފަރާތުން ވާހަކަދައްކަމުން ދިޔައީ މާއިންގެ މެނޭޖަރެވެ. “ހޫމް..” އަކުން ފުއްދާލުމަށްފަހު މާއިން ފޯނު ބޭއްވިއެވެ. ” އޭ މިހާރު ލަސްވެއްޖެ.. މުޅި ދުވަހު ގެއަށް ނުވަދެ ތިދިޔައީ.. ހިނގާ ދާން.. އެހެންނޫނަސް މަވަރަށް ނިދިއާދޭ އެބަ..” އާފުރެމުން ކަހަލަ ގޮތަކަށް އާހިލް ވާހަކަ ދެއްކިއެވެ. މިހެން ބުނުމުން އާހިލް ގެއަށް ލާފައި އަނެއްކާވެސް ދުއްވާލަން ނިކުތީ މިގަޑީ ގެއަށް ވަންނަހިތް ނެތުމުންނެވެ. އިރުކޮޅަކުން އަންނާނެކަމަށް ވައުދުވުމަށްފަހު މާއިންގޮސް މާ ދުރު ނޫން ހިސާބެއްގައި ކާރު ޕާކު ކޮއްލުމަށްފަހު ކުޑަކޮށް ހިނގާލަން ނިންމިއެވެ.
“މަންމަ…” ނިދިފައި އޮތް އައިމިނަތުއަށް ހޭލެވުނީ މޫނުމައްޗަށް މީހަކު ފެން އެއްޗެއް އޮއްސާލުމުންނެވެ. ފުންމައިގެން ތެދުވެ ބަލައިލިއިރު އަމީނާ ފާޑަކަށް ބަލަހައްޓައިގެން އިނެވެ. ” ކަލޭ ކައިރީ ނިދާށޭ ކިޔާފަތަ މަދިޔައި؟……. އޭން؟ އަނެއްކާ މިޖެހުނީ ރީތި ކުރާށޭ.. ބޮޑު ބަލާއެއް ޖެހިފައި އޮތްމި.. މިކަމުން ސަލާމަތެއްވެސް ނުވާނެ.. އަމަޔާ ބަފާ ދިޔައިރު މީއްޗަކުވެސް ގެންދިޔަނަމަދޯ.. ހުވާ މިބުނީ..” އާދައިގެ މަތިން އަމީނާގެ ދުލަށް އައިހާ އެއްޗެއްގޮވަމުން ދިޔައެވެ. އައިމިނަތު އިސްޖަހާލައިގެން އިންއިރު ދުލުން އެންމެ ބަހެއްވެސް ބޭރުކުރާކަށް ނުކެރުނެވެ. އެހިތައް ކިތައްމެ ބޮޑަށް އަސަރު ކުރިނަމަވެސް ކެތްތެރިވުން ނޫން ގޮތެއް އޭނައަކަށް ނެތެވެ. އަވަހަށް އައިމިނަތު ގޮވައިގެން އަމީނާ ބޭރަށް ނިކުތެވެ. ކާރުގައި ދަތުރުކުރަމުން ދިޔައިރު އައިމިނަތުގެ ނަޒަރު ބޭރުން ވަކިނުވެއެވެ. އަލަށް ތަނަކަށް އާދެވިގެން އުޅޭ މީހެކޭ އެއްގޮތެވެ. ވާނީވެސް އެހެންތާއެވެ. މީގެ ކުރިން ބޭރަށް ނިކުމެވުން ޒަމާނެއްވެސް އައިމިނަތު ހަނދާނެއް ނެތެވެ. ކާރު ކުޑަވަރެއްގެ އިމާރާތެއް ކުރިމަތީ ހުއްޓުމުން އަމީނާ އައިމިނަތު ގޮވައިގެން ފޭބިއެވެ. އެއަށްފަހު ސިޑިން މައްޗަށް އެރުމަށްފަހު އެތާއިން ކޮޓަރިއަށް ވަންނަން އަމުރުކުރިއެވެ. އެހިސާބުން އައިމިނަތުގެ ހިތައް ބިރުވެރިކަން ވަންނަން ފެށިއެވެ. އަމީނާގެ ނިޔަތާމެދު ކަންބޮޑުވާންފެށިއެވެ. ” ވަންނާށޭ..” އަމީނާ ތަންކޮޅެއް ބާރަށް އެހެން ބުނުމުން ސިއްސައިގެން ގޮސް އަވަސް އަވަހަށް އެތަނަށް ވަނެވެ. ހަމަޖެހުމުގެ ނޭވާއެއް ލެވުނީ އެތާގައި އިތުރު އެއްވެސް މީހަކު ނެތުމުންނެވެ. ” އަހަރެން އެބަ އަންނަން އެއްޗެއް ހިފައިގެން.. ހަބަރުދާރު މިތަނުން ބޭރަށް އެންމެ ފިޔަވަޅެއްވެސް އެޅިޔަސް..” ހަރުކަށި ރާގަކަށް މިހެން ބުނެލުމަށްފަހު އަމީނާ ގޮސް ގެއްލުންވެ. އައިމިނަތުއަށް ވަށައިގެން ނަޒަރު ހިންގާލެވުނެވެ. ކުޑަވަރެއްގެ ތަނެއްނަމަވެސް އެތަން ހަދާލެވިފައިވަނީ ފެންވަރުގައެވެ. އަމީނާ އަންނާނެ އިރެއްގެ އިންތިޒާރުގައި އިން އައިމިނަތު ސިއްސައިގެން ދިޔައީ އެތަނަށް ވަދެގެން އައި ހަތަރު ފިރެހެނުން ފެނިފައެވެ. އެމީހުން ނުބައި ގޮތަކަށް އައިމިނަތުއާއި ދިމާލަށް ބަލަން ފެށިއެވެ. އެތަނުން އެކަކު ފޯނުގައި އޮތް އިރު އަނެކަކު އަތައް ސިގިރެޓު ޖަހާލެވިފައި ހުއްޓެވެ. ” މަ ހިޔެއް ނުކުރަން މިހާ ރީތި މަންޖެއެއް ކަމަކަށް .. އެހެންނަމަ މަ ހަމަޖެއްސީހީ މަށަށް އެކަނި..” ފޯނު ބާއްވަމުން އެމީހާ ނުލަފާ ގޮތަކަށް ހީގަންނަމުން ވާހަކަ ދެއްކިއެވެ. އެއާއެކު އައިމިނަތު ހަދާނެ ގޮތް ހުސްވިއެވެ. ބިރުން ގޮސް މުޅިމީހާ ތުރުތުރުލާންފެށިއެވެ. އެދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ” އޭ.. މައެވެސް ބޭނުން އިނގޭ..” އެތާ ހުރި އަނެއްމީހާ އިއްވާލިއެވެ. އެއާއެކު ހަތަރު މީހުން އެއްފަހަރާ ހޭން ފެއްޓިއެވެ. ބޮޑު ސިންގާ ހަތަރު ފިރެހެނުންނާ އޭނަ އެކަނި ކުރިމަތިލާނިވެސް ކިހިނެތްވިއްޔާއެވެ. ” އިހަށް ކަލެމެން ބޭރުގައި މަޑުކުރޭ.. ފުރަތަމަ މަ މިމަލުން ފޮނިބޯލާނީ.. އޯކޭ..” މިހެން ބުނުމާއެކީ އަނެއް ތިންމީހުން އެތަނުން ނިކުތެވެ. އަދި އެއަށްފަހު އެފިރެހެންމީހާ ފަހަރަކު ފިޔަވަޅެއް އައިމިނަތު އާއި ދިމާލަށް އަޅަންފެށިއެވެ. އައިމިނަތު ފަހަރަކު ފިޔަވަޅެއް ފަހަތައް އަޅަމުން ދިޔައެވެ. ހަދާނެ ގޮތަކާމެދު ވިސްނަމުން ދިޔަ އައިމިނަތުގެ ލޮލުގައި މޭޒުމަތީ ބެހެއްޓިފައިވާ ވާސް ލޮލުގައި އަޅައިގަތެވެ. އެދިމާލަށް ދާން ހިނގައިގައިން ތަނާހެން ހަމަ އެ ފިރެހެންމީހާ އައިމިނަތުގެ އަތުގައި ހިފިއެވެ. އެއާއެކު ގެންގޮސް ފާރުގައި ޖެއްސިއެވެ. ފާރުކައިރީ އިން ވާސް އައިމިނަތުއަށް ނެގުނީ ހަމަ ކިރިޔާއެވެ. ބަލާކަށްނުހުރެ އޭނައާއި ދިމާލަށް ގުދުވަމުން ދިޔަ ފިރިހެންމީހާގެ ބޮލުގައި ޖެހުނުހާ ބާރަކަށް ޖެހިއެވެ. އެއާއެކު ވާސްތަޅައިގެން ދިޔައެވެ. އެމީހާގެ ބޮލުން ފަޅައިގެން ދިޔަ ތަނުން ލޭއަންނަން ފެށިއެވެ. ވީތަދުން އެމީހާ ހުރިތަނަށް ތިރިވިއެވެ. ފުރުސަތުގެ ބޭނުންހިފާ އަވަހަށް އައިމިނަތު އެތަނުންދާން ދުއްވައިގަތެވެ. ތިރިއަށްފައިބާ ހުރި ތިންމީހުންނަށް އެތަން އަނދިރި ކަމުން އައިމިނަތު ދާތަނެއް ނުއެއް ފެނެއެވެ. އެމީހުންނަށް ރޭކާލީ އެފިރެހެންމީހާ ގޮވާފައި ބުނީމައެވެ. އަވަހަށް ހަތަރު މީހުން އައިމިނަތު ހޯދަން ދުއްވައިގަތީ އޭނަ ގޮސް މިކަން ފުލުހުންނަށް ރިޕޯޓު ކޮއްފާނެތީއެވެ. ފަޔަށް ލެވުނުހާ ބާރެއް ލާފައި އައިމިނަތު ދުވަމުންދިޔައީ އެއްވެސް މިސްރާބެއް ނެތިއެވެ. ގެއަށް ދާނެމަގެއްވެސް އޭނައަކަށް އިނގެނީކީ ނޫނެވެ. ފަހަތުން އަންނަ މީހުންނާ ފިލަން އެކި ގޯޅި ގޯޅިން އަޅަމުން ގޮސް އެންމެފަހުން އެތާ ހުރި ކާރެއްގެ ފުރަގަހަށް ވަނެވެ.
މަގުމަތީ ހިނގާލާފައި ދިޔަ މާއިންގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އިޒީއެވެ. އިޒީއާއި އެކު ހޭދަކުރެވުނު އުފާވެރި ދުވަސްތަކެވެ. އެމޫނުމަތީގައި ވަނީ މާޔޫސްކަމެވެ. މާއިން އިޒީމަތިން ހަނދާން ކުރާހެން އިޒީވެސް ހަނދާން ކުރާނެބާއޭ ހިތައްއެރިއެވެ. ނޫނީ އިޒީ މާއިން މަތިން ހަނދާން ނެތުނީ ހެއްޔެވެ؟ އެކަމް އިޒީ އޭނައަށް ވައުދުވިއެވެ. މާއިން އަމިއްލަ ނަފްސަށް ވިސްނައިދެމުން ދިޔައީ އަދި އެއްދުވަހަކުން އިޒީއާއި ބައްދަލުވާނެކަމެވެ. އެދުވަހުން ހުރިހާ ސުވާލެއް އިޒީއާ ކުރާނެއެވެ. މާއިން މަތިން ހަނދާން ނެތުނީތޯ އަހާނެއެވެ. ” މާއިން..” މާއިންގެ ހިނގުމަށް ހުއްޓުމެއް އައީ ފަހަތުން އައި ދެ އަންހެން ކުދިން އޭނަގެ ނަމުން ގޮވާލުމުންނެވެ. އެދެ އަންހެން ކުދިން އައިސް އެދުނީ މާއިން އާއިއެކު ސެލްފީއެއް ނެގުމަށެވެ. ހިނިތުންވުމަކާއެކު ބޯޖަހާލިނަމަވެސް މާއިން އިނީ ފޫހިވާގޮތް ވެފައެވެ. އެދެކުދިންގެ ފަހަތުން އަދި އިތުރު ބަޔަކު އޭނަ ފެނިގެން އެދިމާލަށް އަންނަތަން ފެނުމުން އަވަހަށް ނޭނގޭ ކަމަށް ހަދާފައި އެތަނުން ދާން ހިނގައިގަތެވެ. ބާރުބާރަށް ހިނގާލާފައި ދިޔަ މާއިން ފަހަތް ބަލާލިއިރުވެސް އެމީހުން ފަހަތުން އަންނާތީ އެންމެފަހުން ވަކި ހިސާބަކަށް ގޮސް ދުވަމުން އައިސް އެތާ ޕާކު ކޮއްފައި އިން ކާރެއްގެ ފުރަގަހަށް ވަދެ ފިލިއެވެ. ކާރުބުޑުގައި އުޑަފައިން އިށީނދެ މަގުމައްޗާ ވީފަޅިއަށް ބަލަހައްޓައިގެން ހުރީ އެމީހުން ދާނެ އިރެއްގެ އިންތިޒާރުގައެވެ. އެމީހުން އެތަނުން ދިޔުމުން މާއިންއަށް ފުންނޭވައެއް ދޫކޮއްލެވުނެވެ. އެއަށްފަހު އަނެއްފަރާތަށް އެނބުރުނުތަނާ ސިއްސައިގެން ދިޔައީ އެތާއިން އަންހެން ކުއްޖާފެނުމުންނެވެ. ކަކުލާހަމައިން ދެއަތުން ހިފަހައްޓާ ބާރުކޮއްލެވިފައިވާއިރު މާއިންއާއި ދިމާލަށް ބަލަހައްޓާއިގެން އިނީ ދެލޯ ބޮޑުކޮއްލައިގެންނެވެ.
ނުނިމޭ