
” މާއިން.. މާއިން.. މާއިން.. މާއިން” އެއްވެފައިވާ މީހުންގެ އަޑުން އިވެމުން ދިޔައީ އެންމެ ނަމެކެވެ. ދޭސީންގެ އިތުރުން ގިނަ އަދަދެއްގެ ބިދޭސީންވެސް އެތަނަށް ޖަމާވަމުން ދިޔައީ ހަމަ އެންމެ ބޭނުމަކުއެވެ. އެ އެންމެންގެ ލޯބިވާ މާއިންގެ އަޑު އަހާލުމުގެ ބޭނުމުގައެވެ. އާއެނކެވެ. މާއިން އަކީ ރާއްޖޭގެ ނަން މަޝްހޫރު ލަވަކިޔުންތެރެއިން އެކަކެވެ. ގިނަ ބައެއްގެ އަދި ޚާއްސަކޮށް ޒުވާން އަންހެން ކުދިންގެ ލޯބި ލިބިގެންވާ ކުޅަދާނަ ފަންނާނެކެވެ. އުމުރުން އެންމެ ފަންސަވީސް އަހަރުގައި މާއިން އަށް ލިބިފައިވާ ކާމިޔާބީތައް މަދެއް ނޫނެވެ. ކިޔެވުމުގެ ދައުރުން އެއްވެސް އެވޯރޑެއް ނުލިބުނެއް ކަމަކު ލަވަކިޔުމުގެ ރޮނގުން މާއިން ވަނީ އެންމެން ފަހަތައް ޖައްސާލައިފައެވެ. އެއްވެފައިވާ މީހުން އިންތިޒާރު ދިޔައީ ހައްތަހާ ދިގުލައިގެންނެވެ. ކުރިމަތީ އޮތް ބޮޑު ސްޓޭޖު އޮތީ ހުހަށެވެ. އެތާ ހަރަކާތް ކުރަމުންދާ މުވައްޒަފުންވެސް މާއިން ވީތަނެއް ނޭނގިގެން ކަންބޮޑުވާންފެށިއެވެ.
” ވަޓް ދަ ހެލް… ވީތަނެއް ނޭނގެއޭ.. ކަލެއަށް ދޯ ހަވާލު ކުރީ..” ފޯނުން ވާހަކަ ދައްކަމުން ގެންދިޔަ މާއިންގެ މެނޭޖަރ ރުޅިއައިސްގެ ހަޅޭލަވަމުން ގެންދިޔައީ މާއިންގެ ޑްރައިވަރަށެވެ. ބޮޑު ޝޯއެއް އޯރގަނައިޒް ކޮށް އެތައް ބަޔަކު އެތަނަށް ޖަމާވިފަހުން އެންމެ ފަހުވަގުތު މާއިން ވައިން ތަނެއް އެކަކަށްވެސް ނޭނގުނެވެ. ވަގުތު ފާއިތުވަމުން ދިޔަވަރަކަށް މީހުންގެ ރުޅިވެސް ދިޔައީ ގަދަވަމުންނެވެ. ބައެއް މީހުން ކުދިކިޔަމުން ދިޔައިރު އަނެއްބައި މީހުން އެތަން ދޫކޮށް ދާންފެށިއިރު އަދިވެސް ކެތްތެރިކަމާއެކު އިންތިޒާރުގައި ތިބި މީހުންވެސް މަދެއް ނޫނެވެ. މާ ބޮޑަށް ލަސްވުމާއެކުހެން މީހުންތައް އަނބުރާ ގެއަށް ދާން ފެށުމުން އެންމެފަހުން މަޖުބޫރު ވެގެން ޖެހުނީ ޝޯ ކެންސެލް ކޮއްލުމަށެވެ. މެދުކެނޑުމެއްނެތި މާއިން އަށް ގުޅަމުން ދިޔަ ނަމަވެސް މާއިން ގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ” ރީތި ވެއްޖެ އެއްނު.. މަޝްހޫރުކަން ލިބުނީމަ މިއުޅޭ މީހުންނަށް ހުންނާނީ އަމިއްލަ މީހާ ފެނިފަ.. އެހެންނޫނަސް މާއިން ގެ ފަރާތުން މިކަހަލަ ކަމެއް މިވީ ފުރަތަމަ ފަހަރަކުއެއް ނޫނެއްނު… ހީޒް ނޯން ފޯ ހިޒް ބޭޑް ބިހޭވިއާ…” އެއްވެފައިވާ މީހުންގަނޑު ތެރެއިން ނިކުންނަމުން އެކަކު ބުނެލިއެވެ. ” އާނެކޭ.. އެވަރުންވެސް މިއުޅޭ އަންހެން ކުދިންނަށް މިނޫނަވަރުގެ މީހެއް ނުފެންނާނެ..” ޖަވާބުގައި އަނެކަކު އިއްވާލިއެވެ. ހަމައެކަނި މިދެމީހުނެއް ނޫނެވެ. އެތަނުން ނިކުއިން ގިނަބައެއްގެ ދުލުން މާއިން އަށް އެތިވަރު ގޮވަމުން ދިޔައެވެ. އެމީހުންގެ ދުލުގައި އެތައް ޝަކުވާއެއްވިއެވެ. އިސާހިތަކު މުޅި ރާއްޖޭގައި މިހަބަރު ހަލުވިކަމާއެކު ފެތުރިގެން ދިޔައެވެ. ފޭސްބުކްފަދަ ތަންތާގައި މާއިން އާއި ދިމާލަށް އެއްޗެހި ކިޔަމުން ދިޔައިރު އަނެއް ބަޔަކު މާއިން ދިފާއު ކުރެވޭތޯ ބަލަމުން ދިޔައެވެ.
” މިނޫން ދުވަހެއް އަހަންނަށް ފެންނާނެބާ.. މާއިން އުފާވަނީ ކަންނޭނގެ އަހަރުމެން ބަދުނާމް ކުރަން…” މުޅި ގޭތެރޭގައި ގުގުމައިގެން ދިޔައީ މާއިންގެ ބައްޕަ، މަނިކުގެ އަޑެވެ. ފަހަރަކު މީހަކާ ދިމާލަށް އެއްޗެހި ކިޔަމުން ދިޔައިރު އެންމެން ތިބީ އިސްޖަހާލައިގެންނެވެ. ” އާހިލް… އޭނަ އަބަދު އުޅެނީ އާހިލް އާ އެކީއެއްނު… ވީތަނެއް ނޭނގެ ހަމަ؟..” މަނިކު އެންމެ ފަހުން މާއިންގެ ދެބެންގެ ދެދަރި އަދި އެންމެ ގާތް އެކުވެރިޔާ އާހިލް އާ ވާހަކަދެއްކިއެވެ. ދެކޮނޑު އަރުވާލުމަށްފަހު މި ނިކުންނަނީ މާއިން ހޯދަން ކަމަށް ބުނެ އަވަސް އަވަހަށް ގެއިން ނިކުމެގެން ދިޔައެވެ. ” އޭ އޭ.. ދޮންބޭ މަ ގެންދޭ…” ފަހަތުން ދުވެފައި އައި އާހިލް ގެ ކޮއްކޮ އައްފާނު އެދުނެވެ. އުމުރުން ސޯޅަ އަހަރުގެ އައްފާނު އަބަދުވެސް އުޅެން ބޭނުންވަނީ އޭނަ ދޮންބެމެންނާއެކީއެވެ. ” ޕާޓީ ކުރާކަށް ނޫން މިދަނީ.. އައި ހޭވް ސަމް ސީރިއަސް ބިޒްނަސް..” ކާރާއި ދިމާލަށް ދަމުން އާހިލް އިއްވާލިއެވެ. އެއަށްފަހު އައްފާނުއަށް އެތެރެއަށް ދާން އަމުރުކުރިއެވެ. ” ބޮޑުބެ ބުނެގެން މިއައީ.. ބިކޯޒް ހީ ޓްރަސްޓްސް މީ މޯ ދެން ޔޫ..” އައްފާން ފޮނިވެލަމުން މިހެން ބުނުމާއެކު އާހިލް އަށް ވައްތަރެއް ޖައްސާލެވުނެވެ. ” ދޮންބޭ.. މިއަދު މީ ކިހާވަރެއްތަ..” ” މިއަދު މީ ކިހާވަރެއްތޯ ކީއްކުރަންތަ ބަލަނީ.. މިއުޅެނީ މާއިން ނުފެނިގެން.. މީނަ އަދި މަ މަރާލާނެ އެއްދުވަހަކުން..” އާހިލްވެސް މާއިން އާއި މެދު ކަންބޮޑުވާންފެށިއެވެ. ” މިއަދު މީ ބާރައޭ.. ދޮންބެ އަށް އިނގޭތަ އަޅުގަނޑުގެ އުފަންދުވަސް އަންނަން ކައިރިވަނީ..” އައްފާނު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. ” ތި ބާރައޭ ސާދައޭ ނުކިޔާ ތި އަނގަ މައި……… އޭ… މިއަދު ބާރަ… މިއަދު ބާރަ.. ކީއްވެތަ ކުރިން ނުބުނީ…” އާހިލްގެ އަޑު ކުއްލިއަކަށް ބާރުވިއެވެ. މާއިންވީތަނެއް އޭނައަށް އިނގުނު ކަހަލައެވެ.
” ހޫމް އޫ އޫމް އޫ..” ގިޓައެއް ހިފައިގެން ހުރިއިރު މަޑުމަޑު ރާގެއް އިއްވަމުން ދިޔަ މާއިންގެ ނަޒަރު ހުއްޓިފައިވަނީ ކުރިމަތިން ފެންނަމުން ދިޔަ މޫދަށެވެ. ބޮޑުގަހެއްގެ ހިޔަލުގައި ބަހައްޓާފައި ހުރި ބެންޗުގައި އިށީނދެ އިންއިރު އެހިތް ގޮވަމުން ދިޔައީ އެންމެ ނަމެކެވެ. ޖެހެމުންދާ ފިނި ވައިރޯޅީގެ ސަބަބުން އެއިސްތަށިގަނޑުވަނީ ހޭވިފައެވެ. ބެންޗުގެ އެއްފަރާތުގައި ހުރި ހޮޅިދަނޑީގެ އަލިވަނީ އެދޮންމޫނަށް އެޅިފައެވެ. އެމޫނުން ފެންނަނީ ހިތާމައެވެ. ވޭނެވެ. ކުރިމަތިން ފެންނަމުންދިޔަ މޫދާ ދިމާލަށް ބަލަހައްޓައިގެން އޭނަ އިންނަނީ މިހާރު ކިހާއިރެއް ވެއްޖެ ކަމެއްވެސް ނޭނގެއެވެ. އަދިވެސް ހަމަ އިންތިޒާރު ކުރެވެނީއެވެ. އަނބުރާ ދާން އުޅެފައިވެސް ހުއްޓެވެނީ މާއިން ދާގަޑީގައި އޭނަ އަތުވެދާނެތީއެވެ. ” އިޒީ…” މަޑުމަޑުން މާއިންގެ ދުލުން ބޭރުވިއެވެ. އިޒީގެ އެ މައުސޫމް ސޫރަ އަދިވެސް މާއިންގެ ކުރިމަތީ ސިފަވާ ކަހަލައެވެ. އިޒީ ނުފެންނަތާ ކިތައްމެ ގިނަ ދުވަހެއް ވީނަމަވެސް އެހަނދާންތައް އެހިތަކުން ނުފުލައެވެ. އެހިތުގައި އިޒީއަށްޓަކައި އޮތް ލޯބި ކުޑަކޮންވެސް ފަނޑެއް ނުވެއެވެ. އެއް އަތުން ހިފަހައްޓައިގެން އިން ޕާސްޕޯޓް ސައިޒް ފޮޓޯއަށް އަދިވެސް އެއްފަހަރު ބަލައިލެވުނެވެ. އެ ފޮޓޯއިން ފެންނަމުން ދިޔައީ ކުޑަ އަންހެން ކުއްޖެކެވެ. އެފޮޓޯގައި މަޑުމަޑުން ފިރުމާލުމަށްފަހު މާއިން ދެލޯ މަރާލިއެވެ.
” މާއިން..” ސިއްސައިގެން ގޮސް ލޯ ހުޅުވާލެވުނީ ފަހަތުން މީހަކު ގޮވާ އަޑުއިވިގެންނެވެ. ބަލައިލިއިރު ފަހަތުން އާހިލް އާއި އައްފާން ކާރުން ނިކުމެގެން އެދިމާލަށް އަންނަނީއެވެ. އެމީހުންނާ ދިމާލަށް ބަލައިލުމަށްފަހު އަނެއްކާވެސް ކުރިން ހުރި ފަރާތަށް މާއިން އެނބުރުނެވެ. އެއަށްފަހު ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ” ސީރިއަސްލީ؟…. މާއިން..” މާއިންއާއި އަރާހަމަކުރަމުން އާހިލްގެ ދުލުން ބޭރުވިއެވެ. އާހިލްގެ އަޑުންވެސް އޭނަ ހިތްހަމަނުޖެހިފައި އިންވަރު ހާމަވެގެންދިޔައެވެ. ” މާއިން އަށް އިނގޭތަ ތި ކުރެވުނީ ކިހާ ބޮޑު ކަމެއްކަން… އަހަރުމެން އެންމެން ކަންބޮޑުވެގެން ހަލާކު ވަނީ… އެންޑް ޔޫ ޑޯންޓް އިވެން ކެއާ.. ކީއްވެ… ޝީ އިޒް ނޮޓް ވޯތް އިޓް…….” އާހިލް ގެ ދުލުން ބޭރުވަމުން ދިޔަ ލަފްޒުތައް އަޑުއަހަން މާއިން އިސްޖަހާލައިގެން އިނީ އަދިވެސް އަތުގައި އޮތް ފޮޓޯގަނޑަށް ބަލަހައްޓައިގެންނެވެ. މާއިން ހިތައް އެއްވެސް އަސަރެއް ނުކުރާ ކަހަލައެވެ. ” މާއިން… ސްޕީކް..” އާހިލްގެ އަޑު މިފަހަރު އައީ ކުރިއަށްވުރެ ބާރަށެވެ. އަނެއްކާވެސް މާއިން އާއި ދިމާލަށް އެއްޗެހި ކިޔަން ފެށުމުގެ ކުރިން އެތާ ހުރި އައްފާން ފެނިފައި ހުއްޓުނެވެ. ވަގުތުން އައްފާން ކައިރީ ކާރުގައި ގޮސް މަޑުކުރުމަށް އަމުރުކުރިއެވެ. އާހިލް ރުޅިއައިސްފައި އިނުމުން އައްފާނުވެސް އިތުރު އެއްޗެކޭ ނުބުނެ އެތަނުން ދާން ހިނގައިގަތެވެ. އިރުކޮޅެއް ވަންދެން މާއިން އާއި ދިމާލަށް ބަލަހައްޓައިގެން އިނުމަށްފަހު އާހިލް އައިސް މާއިން ކައިރީގައި އިށީނނެވެ. ” އެއްވެސް އުއްމީދެއް ނެތް ކަމެއްގައި ކީއްކުރަން ވަގުތު ތި ބޭކާރު ކުރަނީ” މިފަހަރު އާހިލް ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކީ މާއިންއަށް ވިސްނައިދޭ ރާގެއްގައެވެ. ” އޯލް އައި ހޭވް އިޒް ހޯޕް..” ހިތާމަވެރި އަޑަކުން މާއިން އިއްވާލިއެވެ. ރަހުމަތްތެރިޔާގެ ހާލު ފެނިފައި އާހިލް ކިތައްމެ ދެރަވިނަމަވެސް އޭނައަށް މިއަދު ކުރެވޭނެ އެއްވެސް ކަމެއްނެތެވެ. މާއިން އަށް ވިސްނައިދެވޭތޯ އާހިލް އެތައް ގޮތަކުން މަސައްކަތް ކުރިއެވެ. ” ޔޫ ހޭވް އަ ކަރިއަރ ޓު ތިންކް އެބައުޓް.. އިޒީ އަންނާނެ ކަމުގެ އެއްވެސް އުއްމީދެއް އެބައޮތްތަ؟ އެހެންނޫނީ އޭނަ ވީތަނެއް އިނގޭތަ؟ ދުނިޔޭގަ ހުރިކަމެއްވެސް …… އިޓްސް ބީން ސޯ ލޯންގް….. މޫވް އޮން މާއިން.. ކޮންމެ މަހެއްގެ ބާރަ ވަނަ ދުވަހު މިތަނަށް އަޔޭ ކިޔާފަ އެއްދުވަހުވެސް ދިމާވޭތަ؟….. ” ” ސްޓޮޕް…” އާހިލް ގެ ވާހަކަތައް އަޑުއަހަން ކެތް ނުވެގެން އެންމެފަހުން މާއިން ބާރަށް ބުންޏެވެ. އާހިލްގެ ދުލުން ބޭރުވި ކޮންމެ ލަފުޒެއްވެސް އެހިތް ކަފާ ކުދިކުރަމުން ދިޔައެވެ. އިޒީ މަތިން ހަނދާން ނައްތާލުމަކީ އޭނަ ދުނިޔޭގަ ހުރިހާ ހިނދަކު ކުރެވޭނެ ކަމެއް ނޫނެވެ. އިޒީގެ ހަނދާންތަކާ ދުރަށް ދާކަށް މާއިން ބޭނުމެއް ނުވެއެވެ. ކިރިޔާވެސް އުފާވެރިކަމެއް ގެނެސްދެނީ އިޒީގެ ހަނދާންތަކުންނެވެ. އިޒީ ހޯދުމަށްޓަކައި އޭނައަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެއެވެ.
ގެއަށް ވަދެވުމާއެކު އެކަކާވެސް އަނގައިން ނުބުނެ މާއިން އޭނަގެ ކޮޓަރިއާއި ދިމާލަށް ދާން ހިނގައިގަތެވެ. ސިޑިއާ ދިމާލުން އޭނަގެ ފިޔަވަޅުތައް ހުއްޓުނީ މަނިކުގެ އަޑާއެކުއެވެ. ” ކޮންތާކު އުޅެފަ ތިއައީ…… އޭން.. ކޮންތާކުހޭ އުޅެފަ ތިއައީ…. އަހަރުމެން ބަދުނާމުކޮށްގެން އާރްޔަން ހިތައް ހަމަޖެހުން ލިބެނީތަ؟” މަނިކުގެ ރުޅިގަނޑު ދިޔައީ ހައްތަހާ ގަދަވަމުންނެވެ. ” ވަރަށް ބޮޑަށް..” ފަހަތައް އެނބުރިގެން ހުރި މާއިން މަނިކާއި ދިމާލަށް އެނބުރުމަށްފަހު އިއްވާލިއެވެ. ” ބަލަ ލަދެއް ނުގަނޭތަ ތިހެން ވާހަކަ ދައްކާކަށް.. ” މަނިކުގެ ފަހަތުން އައި ފިއުނާ މާއިން އާއި ދިމާލަށް ބުންޏެވެ. ” ކަލެޔޭ މިތާ މަދުވަނީ.. އަވަހަށް އާދޭ ފިރިމީހާ ޑިފެންޑް ކުރަން…” މާއިންގެ އެޖުމަލަ އަޑު އަހާފައި މަނިކުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އައި ރުޅީގައި މާއިން ކަންފަތްމައްޗަށް ހޫނު އެތިފަހަރެއް ވީއްލައިލިއެވެ. ” މަންމަ އާ ތިހެން ތަ ވާހަކަ ދައްކަނީ..” މަނިކުގެ ހަޅޭއްލަވައިގަތެވެ. ” އޭ އަހަރެންގެ މަންމަ އެއް ނޫން.. ކިތައްފަހަރު ބުނާނީ އޭ އަހަރެންގެ މަންމަ އެއް ނޫނޭ.. އަހަރެންގެ މަންމަ އަށް ކިޔަނީ ޒާހިދާ ނަސީމް..” އެއަށްވުރެ ބާރަށް މާއިން ބުންޏެވެ. އެއަށްފަހު ބާރުބާރަށް ގޮސް ކޮޓަރިއަށްވަނީ މަނިކު ގޮވަގޮވާ ހުއްޓައެވެ.
ނުނިމޭ