
*** *** *** ***
އެއްރެއެއްގެ މެންދަމުގެ ވަގުތެވެ. ނަމްރަން ހުރި ރީތިވާށެވެ. މިކިއްލާތެރެ ބަލައިލަން ނުކުތުމުގެ ނިޔަތުގައި ނަމްރަން ކޮޓަރިން ނުކުތީ، އޭނަގެ ބާރުތައް، އޭނަ ގެންގުޅޭ ކުޑަކުޑަ އަސައެއްގައި ފޮރުވާފައެވެ. އެއި، މިދަންވަރު އެކަހަލަ ބާރެއް ބޭނުން ކުރަން ނުޖެހޭނެކަމަށް ހިތުން ޔަގީންކޮށްފައެވެ.
ނަމްރަން ހިނގަމުން ދިޔައެވެ. ހަނި މަގަކުން އޭނައަށް ނިކުމެވުނީ ކުޑަކުޑަ ގޮޅިއަކަށެވެ. މިއީ ދުވަހަކުވެސް އޭނައަށް ފެނިފައިވި ގޮޅިއެއް ނޫންކަމުން ވަށައިގެން ބަލައިލެވުނީ ހައިރާންވެފައެވެ. ފަހަތުން އަޑެއް އިވުނު ހެން ހީވެގެން ބަލައިލިއިރު ބޮޑު ދޮރެއް ލެއްޕެނީއެވެ. ޔަގީނެވެ! އެއީ އެގޮޅީގެ ބޮޑު ދޮރެވެ.
ނަމްރަން ތެޅިގަތެވެ. ސަލާމަތްވުމަށެވެ. ނަމަވެސް ރައްކާވާން ގޭނިގޭނި އޮތްވައި އެ ދަގަނޑު ގޮޅިއާއި އެކު ނަމްރަން ގެންދިޔައީ އުންމީދުވެސް ނުކޮށް އޮށްވައެވެ.
ނަމްރަންއަށް ހޭލެވުނުއިރު އޮތީ މިބޮޑު ހޮހޮޅައިގެ ތެރޭގައެވެ. އަތާއި ފައި ހަލުވަން ބަލައިލި އިރު ބަނދެފައެވެ. އެނައްޓުވާލަން، ކުރި މަސައްކަތް ދެނެވޮޑިގަންނަވާނީ މާތް ރަސްކަލާންގެއެވެ. ނަމްރަން އިރުކޮޅަކު ހުރުމަށްފަހު ކުރިމައްޗަށް ބަލައިލިއިއެވެ. ދެފޭރަ ދަތް ދައްކައިގެން ނުލަފާ ހިންޏެއް އައިސްފައި ހުރި ފުރޭތަ ނަމްރަންއަށް ފެނުނީ ދެނެވެ.
“ކަލޭގެ މަގުސަދަކީ ކޮބާ؟ އަދި ކަލެޔަކީ ކާކު؟ ..”. ކިތަންމެ ވަރުބަލިވެފައި ހުއްޓަސް ނަމްރަން ހިތްވަރު ދޫކޮށެއް ނުލިއެވެ. މިއީ ކޮންތާކުން އައި ކާކުބާއޭ ހިތަށް އަރައި އޭނައަށް އެކަމާއި މެދު ވިސްނާލެވުނެވެ. އަތުގައި ހުރި ބަރުތަކުގެ ބޭނުންކުރަން ހިތަށް އެރީވެސް އެވަގުތުއެވެ.
” މަށަކީ ކާކުހޭ؟ ހައްހައްހާ! މަށަކީ ފުރޭތައެއް؟ ކަލެއަށް އެނގޭތަ އަހަރެން؟ ފަތްގަނޑު ފުރޭތަ އެނގޭތަ؟ ..” އެފުރޭތަ ކޮށްލި ސުވާލުން ނަމްރަންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. މިއީ ފަތްގަނޑު ފުރޭތަ ބާއެވެ. މާތްކަލާއްކޯއެވެ!
“ކަލެއަކީ ފަތްގަނޑު ފުރޭތަ ކަމުގައި ވަނީނަމަ އަހަރެން މިތަނަށް ގެނައި ސަބަބު ބުނޭ! ..” ނަމްރަން ހަރުކަށިކޮށް ވާހަކަ ދައްކަން ފެށިއެވެ. “ކަލޭ ގެ އިންފޯއެއް އަދި ނުދެމެއްނު؟ ..” އެފުރޭތަ ހިނިގަނޑެއް ޖަހާލިއެވެ. ” މަށަކީ ކާކުކަން ކަލެއަށް ހަމަ ރަނގަޅަށް ވެސް އެނގޭ! ..” ނަމްރަންއަށް އެކަން އެނގުނީ އޭނަގެ އަތުގައި ހުރި ކުދިކުދި ބާރުތަކުންނެވެ.
” ކިހިނެއް ކަލެއަށް އެނގުނީ؟ ..” ފުރޭތަ ރުޅިވެރި ކަމާއިއެކު އަހާލިއެވެ. ކަލެއޭ ކިޔާފައި ވާހަކަ ދައްކަން ޖެހުމުން ނަމްރަންއަށް ހަމަގައިމުވެސް ވަރަށް އުނދަގޫ ވިއެވެ. އެއީ ދުވަހަކުވެސް އޭނަ ގެންގުޅުނު ބަހުރުވައެއް ނޫން ވިއްޔާއެވެ!
“ބުނަން ރަނގަޅު ވާހަކަ އެއް؟ އަހަންނެއް ދުވަހަކުވެސް ކަލެއޭ ކިޔާފައި ވާހަކަދައްކާ ހިތެއް ނުވޭ! އެހެންވެ މިބުނަނީ ކަލޭގެ މަގުސަގަކީ ކޮބާހޭ؟ ..” ނަމްރަން އަށް އައި ރުޅިން ބުނެލެވުނެވެ. ފަހު ލަފުޒު ބޭރުވީވެސް ހަޅޭކެއްގެ ގޮތުގައެވެ. “އޭތް .. ހަޅޭއް ނުލަވާ މަޑުން ހުންނަން ދަސްކުރޭ! އެހެންނޫނީ ނުކުންނަ ނަތީޖާ މާރަނގަޅެއް ނުވާނެ! ..” އެފުރޭތަ ދޮރާއި ދިމާލަށް ހިނގައިގަތީ އިންޒާރެއް ދީފައެވެ.
ދޮރުން މީހަކު އެތެރެއަށް ވަންނަން އުޅޭހެން އޮށޯވެލައިގެން އޮތް ނަމްރަންއަށް ހީވިއެވެ. ޔަގީންކޮށްކޮށް ހުއްޓާ ނަމްރަންއަށް ފެނުނީ އޭނަގެ ހިތް ރޮއްވައި ނުލައި ނުހުންނާނޭ ފަދަ މަންޒަރެކެވެ.
” ނިމްޔަން! ..” ނަމްރަންއަށް ހަޅޭއް ލަވައިގަނެވުނެވެ. ކިތަންމެ ދެލިދެލިކޮށް ލެއި އުނގުޅިފައިވި ނަމަވެސް އެއި އޭނަގެ ކޮއްކޮކަން އޭނައަކަށް ނުއޮޅޭނެއެވެ. ހިތަށް އެތަކެއް އަސަރެއްކޮށް ނަމްރަން އެބޮޑު ދޮރުގައި ތަޅައިގަތެވެ. އެކޮށީގެ ދޮރުން ބޭރުވާން ކިތަންމެ މަސައްކަތެއް ކުރިއަކަސް ނުނިކުމެވޭނެކަން އެނގިހުރެ ވެސް އެކަހަލަ އަގެއް ނެތް މަސައްކަތް ކުރަންވީ ކީއްވެބާއޭ އޭނަގެ ހިތަށް އެރިއެވެ.
ނިމްޔަން އަކީ އަންހެން ކުއްޖެކެވެ. އެއީ ނަމްރަންގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. ނަމްރަންގެ ބައްޕަ، ރަސްކަމުގައި އުޅުއްވަނިކޮށް ކުއްލި ބަލިހާލަތަކަށް ރުޖޫޢަވުމަށްފަހު އެއްވެސް ބޭސްވެރިޔަކަށް އެކަން ރަނގަޅު ނުކުރެވި ހުއްޓާ އެރަސްކަލުން އަވަހާރަވުން އެއީ އެ ދެކުދިންގެ މުޅި ދިރިއުޅުން ފަނާކޮށްލިފަދަ ކަމެކެވެ. ނަމަވެސް އެކަމުގައިވެސް ނިމްޔަންގެ އެހީތެރިކަން ބަރާބަރަށް ނަމްރަންއަށް ލިބުނެވެ.
ނިމްޔަންއަކީ ރަނގަޅު ކުއްޖެކެވެ. އެއީ ޖިންނިއެއް ކަމުގައި ވިޔަސް ހުލްޤުހެޔޮ ހިތްހެޔޮ ކުއްޖެކެވެ. އެހީތެރި އޯގާތެރި ކުއްޖެކެވެ. މީހުންނަށް އަޅާލާ، އަނެކާގެ ހިތާމަތަކުގައި ގަވާއިދުން ބައިވެރިވާ ހަންޑި ކުއްޖެކެވެ.
“ކަލޭތީ ހާދަހާވާ ނުބައި މީހެކޭ! މަގޭ ކޮއްކޮއޭ އެއީ! އެހެން ހަނދާކަށް ނުވާނެއްނު؟”. ނަމްރަންގެ އަޑު ކުރެހުނެވެ. މިތަން ބަލަން ހުރި ފުރޭތަ ބަރު ހިނިގަނޑެއް ޖަހައިލިއެވެ. ންމަރަންގެ ގާތަށް އިތުރަށް ރުޅިއައެވެ. ” މިބުނަ ..” ބުނަން އުޅުނު އެތި ހުއްޓައިލުވައި އެފުރޭތަ ނަމްރަންއަށް އަތުން އިށާރާތެއް ކުރިއެވެ. ދޮރާއި ދިމާލަށް ބެލުމަށެވެ. ތަންބަލަން ހުރި ނަމްރަން ދޮރާއި ދިމާލަށް ބަލައިލީ ދެން ވާނޭ ގޮތް އަންދާޒާ ވެސް ނުކުރެވޭ ހާލުގައެވެ. އޭނަގެ ކޮއްކޮ މިފާނާވެނިވި ދުނިޔެއާއި އަލްވަދާއު ކިޔައިފިއެވެ. ހަމަ އޭނަގެ ސަބަބުންނެވެ. ދެން ހަމަ އެގޮތަށް އޭނަގެ ސަބަބުން މި ދުނިޔެއާއި ވަކި ވާނީ ކިތައް ފުރާނަކަމެއް ނަމްރަން އަކަށް ކަލްކިޔުލޭޓަރަކުން ވެސް ކަލްކިޔުލޭޓެއް ނުކުރެވޭނެއެވެ. މިއީ އެއަށްވުރެ ބާރުގަދަ އެއްޗެކެވެ. މިއީ ފަތްގަނޑު ފުރޭތައެވެ!
(ނުނިމޭ)