އަހަރެންނަށް ވާނުވާ އެގެން ފެށިއިރު އަހަރެން ވަނީ ކޮށްޓަކަށް ލާފައެވެ. ދެއަތް ފުރަގަހަށް ވާގޮތަށް އަައްސާފައިވާއިރު ދެފައިވެސް ވަނީ އައްސާފައެވެ. އަނގައިގައި ފޮތިގަނޑެއް އައްސާފައި ހުރުމުން ވާހަކައެއް ނުދެއްކުނެވެ. ބޮލަށް ވަމުންދިޔަ ތަދު ބުނާކަށްވެސް ނޭނގެއެވެ. އަހަރެންނަށް މަޑުމަޑުން ތަންދޮރު އެގެން ފެށިއިރު ކައިރީގައި މީހަކު ހުރިކަން އެނގުނެވެ. އަހަރެން އިސްއުފުލާފައި ބަލާލިއިރު މޫނުގައި އެއްޗެއް އަޅައިގެން ހުރި މީހާ ހުރީ އަހަރެންނާއި ދިމާލަށް ބަޑިއެއް ދިއްކޮށްގެންނެވެ. ތެޅެގަނެވުނު ވަގުތު އެމީހާ ބަޑި ގޮައްވާލިއެވެ. ދެން ވީގޮތެއް ނޭނގުނެވެ. އަނެއްކާވެސް ހޭވެރިކަންވީ އެމީހުން ކުރިމަތީގައި ބައިންދައިގެން ސުވާލު ތަކެއް ކުރަނިކޮށެވެ. ފައިގައި ފާޑެއްގެ ހަންގަނޑަކުން ތަޅަނި ކޮށެވެ.
************
ސިހިފައި އަހަރެންނަށް ހޭލެވުނެވެ. އަހަރެންގެ ސިކުނޑީގައި އެބުރެގަތީ އަހަރެން މިތަނަށް ގެންނައި ދުވަހުގެ ރޭގެ ކަންތައް ހިގައި ދިޔަ ގޮތެވެ. މުހައްމަދުބެ އަހަރެންނަށް ސަމާލުވުމަށް އެބުނީ މިކަހަލަ ކަމެއް ދިމާވާނެކަން މުހައްމަދުބެއަށް ކުރިން އެނގުނީ ހެއްޔެވެ. އެހެން ވެއްޖެނަމަ މިއީ ވަރަށް ބޮޑަށް ރާވައިގެން ކުރެވޭ ކަމެއްކަން އަހަރެންނަށް ވިސްނުނެވެ. މުޅި ގައިގައި ރިއްސަމުން ދިޔައެވެ. ތަދު ނުވާ އެންމެ ކަށިކޮޅެއްވެސް ނެތެވެ. ފިރިހެނެއް ކަމަކު ކެތް ކުރެވޭނީ ވަކި ވަރަކަށެވެ. އަހަރެންނަށް ކެތް ކުރެވޭނެ ބާއެވެ. މިކަމުން ސަލާމަތް ވާނެ ބާއެވެ. ނޫނީ ފަރީޤް ބުނިހެން މިއީ އަހަރެންނަށް ފެންނާނެ އެންމެ ފަހު ތަން ހެއްޔެވެ. ވަމުން ދިޔަ ތަދުގެ ސަބަބުން އަހަރެންނަށް ގުޑިލަންވެސް ނޭނގިފައި އޮވެ ވުނެވެ. ކުރު ގެޅިފައި އޮވެވުނީ ހަށިގަނޑު ދެމިލައިފިނަމަ ބުރި ބުރި ވެގެން ކަށިތަކެއް ހިގައިދާނެ ތީއެވެ. ދެލޯ މަރާލާ އަހަރެން ހެއްދެވި ފަރާތް ހަދާން ކޮށްލީމެވެ. މި މީހުންނާއި ކުރިމަތި ލުމުގެ ހިތްވަރާއި ކެތްތެރިކަން ދެއްވުން އެދި ދުޢާ ދެއްނެވުނެވެ. އަދި އަހަރެންނަކީ ޤައުމަށް ޙިޔާނާތްތެރި ނުވާނެ މީހެއްގެ ގޮތުގައި ލެއްވުން އެދި ދުޢާ ދެއްނެވުނެވެ. ދެލޯ މަރާލީ އަނެއްކާވެސް ވަމުން ދިޔަ ތަދު ކުޑަކޮށް ނަމަވެސް ކުޑަ ވޭތޯ ދުޢާ ކުރަމުންނެވެ.
*******
“ސަރ” އެފުން މިފުށަށް ޖަހަމުން ދިޔަ ކޮޓަރި ތެރެއިން ފައިސަލް އަށް ކުއްޖަކު ގޮވާލިއެވެ. “ކީކޭ..” އެކުއްޖާ ކައިރިއަށް ޖެހިލަމުން ފައިސަލް އަހާލިއެވެ. އޭރު އެކުއްޖާ ހުރީ ނިދާ އެނދުގެ މަތީގައި އޮންނަ ފިލާގަނޑު ހިއްލާލައިގެންނެވެ. “ހިލްމީ” ފައިސަލް ހިލްމީއަށް އަޑަށް ބާރު ލަމުން ގޮވާލިއެވެ. އަދި އެކުއްޖާގެ އެހީގައި އެ ފިލާގަނޑު ފާރުގައި ލައްގާލިއެވެ. ހިލްމީ އަވަސް ކަމާއި އެކު އައިސް އެތަނުގައި މަޑުކޮށްލިއެވެ. އެ ފިލާގަނޑުގައި ވަނީ ކުޑަވަރެއްގެ ޗާޓެކެވެ. ރަށު މީހުން އެކަކު އަނެކަކާއި ގުޅުވާފައެވެ. ރަތް، ފެހި އަަދި ރީދޫ ތިން ކުލައެއްގެ މާކަރެއް ބޭނުން ކޮށްފައި ހުއްޓެވެ. ފޮތްތަށް ހާވަމުން ދިޔަ ކުއްޖަކު އެވަގުތު ފޮތެއް ހިފައިގެން އައިސް ފައިސަލް އަށް ދައްކާލިއެވެ. “ސަރ.. ބަލާބަލަ” އެފޮތުގެ ތެރޭގައި ހަދާފައިވާ ކަރުދާސް މަލެއް ނަގަމުން ފައިސަލްއަށް ދިއްކޮށްލިއެވެ. “ތިއީ.. ތިއީ ޖިނާން ބޭނުން ކުރާ އުކުޅެއް..” ހިލްމީ އަވަސްކަމާއި އެމާ ފެނުމުން ބުނެލިއެވެ. ފައިސަލް ތިބުނީ ކީކޭހޭ އަހާލާ ގޮތަށް ހިލްމީއާއި ދިމާލަށް ބަލާލިއެވެ. “ތިއީ ޖިނާން މެސެޖްއެއް ދޭން ބޭނުންނަމަ ބުނާ ގޮތް ސަރ.. އަޅުގަނޑަށް ތިކަހަލަ ދެތިން މާ ފެނިއްޖެ.. އަދި ކޮންމެ މަލެއްގައި ވަނީ ތަފާތު މެސެޖްއެއް..” ހިލްމީ އޭނަ ކޮތަޅަކަށް އަޅާފައި ހުރި މާތަށް ދައްކާލަމުން ބުނެލިއެވެ. އަދި ފައިސަލްގެ އަތުގައި އޮތް މާ ހިފަމުން އޭގެ ފިޔަތަށް ގޮތަކަށް ( ހަތަރެސްކަން ޑިޒައިނެއް) ވާގޮތަށް ހަނދާލިއެވެ. އެވަގުތު އޭގެ އިން މެސެޖް އެނގިގެން ދިޔައެވެ. އޭގައިވާ މެސެޖް އެގުމުން ފައިސަލް އެންމެންނަށް އެކަހަލަ މާ ހޯދުމަށް ބުނެލިއެވެ.
ފެންނަމުން ދިޔަ ޗާޓަށް ފައިސަލް ބަލަމުން ދިޔައެވެ. އޭގައި ރަށު މީހުންގެ ފޮޓޯތަށްވެސް ތަތްކޮށްފައި ހުއްޓެވެ. ދެން ހުރީ ކުލަ ކުލައިން ގުޅުވާފައެވެ. އެތަނުގައި ޖައިލަމް ބުނެދެން މަސައްކަތް ކުރާ އެއްވެސް އެއްޗެއް ފައިސަލްއަކަށް ނަގައެއް ނުގަނެވެ. އޭގައި ގޭގެ ވެރިމީހާ ފާތުމައިގެ ފޮޓޯއަކާއި އެމީހުން އެގެ ކައިރީގައި ތިއްބާ އެތަނުން ހިގި މީހާގެ ފޮޓޯއެއްވެސް ހުއްޓެވެ. އަދި އެދެމީހުންވަނީ ރަތް ކުލައިން ގުޅުވާފައެވެ. ކޮންމެ މީހެއްގެ ފޮޓޯ ކައިރީގައި ނަން ޖަހާފައި ހުރުމުން އެއީ ކާކުކަން އެގިގެންދެއެވެ. ބޮޅެއް އަޅާފައި އިނީ އެންމެ މީހެއްގެ އެވެ. އެއީ މުހައްމަދުބެ މިހެން ޖަހާފައިވާ މީހާގެ ފޮޓޯގައެވެ. އެހެންކަމުން ޖައިލަމް ބުނަން އުޅޭ އެއްޗެއް ހޯދުމަށް އެމީހާ އާއި ބައްދަލު ކުރުމަށް ފައިސަލް އެތަނުން ނިކުތެވެ. ނިކުތުމުގެ ކުރިން ފާތުމަ އާއި ސުވާލު ކުރުމަށްޓަކައި ޕޮލިސް ސްޓޭޝަންއަށް ގެންދިއުމަށް އެތަނުގައި ހުރި ކުއްޖެއް ކައިރީގައި ބުނެލިއެވެ. އަދި ހިލްމީ ގޮވައިގެން ފައިސަލް މިސްރާބު ޖެހީ މުހައްމަދުބެ ހޯދުމަށެވެ.
************
އަހަރެން ސިހިގެން ދިޔައީ ފިނި ފިނި އެއްޗެއް އަހަރެންގެ ބޮލުގައި ޖެހޭތީއެވެ. ސިހިފައި ކުއްލިއަކަށް އަހަރެންނަށް މީހެއްގެ އަތުގައި ހިފަހައްޓާލަމުން ތެދުވެ އެތަނުގައި އިށީދެލެވުނެވެ. އެވަގުތު އެމީހަކު ވަގުތުން އަތް ޖަހައިގަތުމުން އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކުރިމަތީގައި އިނީ މޫނު ބުރުގާ އަޅާފައިވާ އަންހެން ކުއްޖެކެވެ. އަހަރެން އޮތީ ސޯފާއެއް މަތީގައެވެ. އަތާއި ފައި މޮހެލާފައި އޮތް އިރު އަހަރެންގެ މަތިން އެއްވެސް އެއްޗެއް ނެތެވެ. އަހަރެން ލައިގެން ހުރި ފަޓްލޫން ހަޑިވެފައިވާ ވަރު އެވަގުތު އަހަރެންނަށް ފެނިގެން ދިޔައެވެ. “ތިއީ ކާކު.. އަހަރެން މިތަނަށް އައީ ކިހިނެއް.. މިއީ ކޮންތަނެެއް.. ކީއްވެ އަހަރެން މިތަނަށް ގެންނައީ..” އަހަރެން އަވަސް އަރުވާލި ވަރުން ވާހަކަ ދެއްކުނީ ބާރަށް ދިވެހިންނެވެ. އަހަރެންގެ ލޯ ހުރިހާ ތަނަކަށް ބަލަމުން ދިޔައެވެ. އެއީ ކުޑަ ވަރެއްގެ ކޮޓަރިއެކެވެ. ކުޑަދޮރެއް ލާފައި ހުރި އިރު ހަމައެކަނި އެތަނުގައި ހުރީ ސޯފާއަކާއި ގޮޑިއެކެވެ. އަހަރެން އެހެން ބުނުމުންނާއި އަތުގައި ހިފުމުން ބިރުގަނެ ފަހަތަށް ޖެހިފައިވާ ކުއްޖާއާއި ދިމާލަށް އަހަރެންނަށް ބަލާލެވުނީ އަދި ތަންކޮޅެއް ފަހުންނެވެ. މޫނު ބުރުގާ އަޅާފައި ވުމުން ހަމައެކަނި ފެންނަން ހުރީ ދެލޮލެވެ.
އެވަގުތު އެއީ އަހަރެން ދަންނަ ލޮލެއްކަން އަހަރެންނަށް ޔަގީންވިއެވެ. ބޮޑު ދެލޮލެވެ. އެބޮޑު ދެލޮލަށް ރީތިކަން ގެނެސްދެނީ ދިގު އެސްފިޔަ ތަކާއި މުށިކުލައިގެ ކަޅިއެވެ. އެއީ އަހަރެންނަށް ދުވަހަކުވެސް އޮޅޭނެ ލޮލެއް ނޫނެކެވެ. ކެޔޮދޫން ފެނުނު އެންމެ ރީތި ލޮލަކީ އެއީއެވެ. “ރީޝާ..” އަހަރެން މަޑުމަޑުން އޭނަގެ ނަން ކިޔައިލީމެވެ. އެވަގުތު އެ މޫނު މައްޗަށް ހިނިތުންވުމެއް ވެރި ކަން އަހަރެންނަށް އެނގުނީ ލޮލަށް އައި ހަރަކާތުންނެވެ. “އެއީ އަހަރެންގެ އަންހެނުން.. ރީޝާއެއްނުން.. ރިފްޤާ.. ” ފަހަތުން އިވުނު އަޑާއި އެކު ރީޝާ ތެޅިގަތް މަންޒަރު އަހަރެންނަށް ފެނުނެވެ. އަދި އެދެލޮލުން ބިރުވެރިކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. “ދޯ..” ދެއްކުމަށްޓަކައި ފަރީޤް އައިސް ރީޝާގެ ބުރަކަށީގައި ފިރުމާލިއެވެ. އެވަގުތު ރީޝާ ފަހަތަށް ޖެހިލި ގޮތުން އަހަރެންނަށް ސިފަވީ އޭނަ ހިތްހަމަނުޖެހިފައި ހުރި މިންވަރެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވާލަން އުޅޭފަވެސް މަޑުމަޑުން އިނީ ވާން އުޅެނީ ކީއްކަން ނޭނގޭތީއެވެ. އެހެންކަމުން އަހަރެން ދަތްޕިލަ ފިއްތާ ބާރުކޮށްލީމެވެ. “ރިފްޤާ ދޭ އެތެރެއަށް” ރީޝާއަށް ހަރުކަށި ކަމާއި އެކު އެމީހާ ބުނެލިއެވެ. އަހަރެންނާއި ދިމާލަށް ބަލާލަމުން ރީޝާ އެތަނުން ބޭރަށް އަވަސް ކަމާއި އެކު ނިކުތެވެ.
އަހަރެން ފަރީޤްއާއި ދިމާލަށް ބަލާލީމެވެ. ކުރިން އަޅަމުން ދިޔަ ވޭން ވަނީ ކުޑަކޮށް ކެނޑިފައެވެ. ހަށިގަނޑުގައި ހުރި ފިއްގަނޑުތައް ހުރި ނަމަވެސް އެތަނުގައި ވަނީ ފާޑެއްގެ އެއްޗެއް އުގުޅާފައެވެ. އެއީ ރީޝާގެ ކަމެއްކަން އަހަރެންނަށް އެނގުނެވެ. “މިއީ ހަފްތާއިން ކިތައްވަނަ ދުވަސްތަ” އަހަރެން ތެދުވެ ހަށިގަނޑު ދަމާލަމުން ފަރީޤް އާއި ދިމާލަށް ބަލާލީމެވެ. އެވަގުތު ފަރީޤްގެ މޫނުމަތިން ހައިރާންކަން ފެނުނެވެ. އޭނަ ހިތަށް އެރި ސުވާލު އަހަރެން ނުކުރުމުން ހައިރާން ވީ ކަމަށް ވެދާނެއެވެ. “އަހަރެންނަށް އެނގޭ އަހަރެން މިތަނަކަށް ގެންނަތާ މިހާރު ދެތިން ދުވަހެއް ވެދާނެކަން… އެއީ ހޯމައެއް.. އެހެންވީމަ މިއަދު މިއީ ބުރާސްފަތި ތަ.ނޫނީ ހުކުރުތަ.” ކުޑަދޮރާއި ދިމާލަށް ހިގައިގަންނަމުން އަހަރެން ވާހަކަ ދެއްކީމެވެ. ހިގައިގަތުމުން ހީވީ ހަށިގަނޑުގެ ކަށިތައް މުގުރުނު ހެންނެވެ. މުޅިގައިގައި ތުރުތުރުއެއް އަޅަމުން ދިޔަކަން އަހަރެންނަށް އިހްސާސް ވަމުން ދިޔައެވެ. ނަމަވެސް އަހަރެން ބެލީ ފަރީޤްއަށް އެކަން ނައަންގާ ވޭތޯއެވެ. އަހަރެން މަޑު ހިގުމެއްގައި ކުޑަ ދޮރުން ބޭރު ބަލާލީމެވެ. އެއްވެސް ތަރުތީބެއް ނެތި އުކާލެވިފައިވާ އިމާރާތެއް ފިޔަވާ ދުރުން ފެނަން ހުރި އެއްވެސް އެއްޗެއް ނެތެވެ. ހަނަފަސް ބިމެއް ފެންނަން އޮތެވެ. ދެތިން ކުޑަ ފަރުބަދައެއް ހުރި އިރު އަހަރެން ތިރިއަށް ބަލާލުމުން ހީވަނީ ސަތޭކަ ބުރީގެ އިމާރާތެއްގައި ހުރެ ފައި ތިރިއަށް ބަލާލެވުނު ހެންނެވެ. އެވަގުތު މޭގަނޑު ގުޑައިގެން ދިޔައެވެ. އަހަރެން މިހުރީ ދިވެހި ރާއްޖެގައި ނޫންކަން ޔަގީން ވިއެވެ. މިއީ ކޮންތަކެއްކަން ނޭނގޭ ކޮންބައެއްކަން ނޭނގޭ މީހުން އަހަރެންނަށް އެއުޅެނީ ކީއްކުރަން ހެއްޔެވެ. ބޮލަށް އެބުރުން އެރުމާއި އެކު އަހަރެން މަޑުމަޑުން ފަހަަތަށް ޖެހިލީމެވެ.
ފަރީޤް ކުރިންވެސް ބަލަހައްޓައިގެން ހުރި ގޮތަށް އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އަހަރެންނަށް އެވަގުތު ބަނޑުގައި އަތްޖައްސާލެވުނީ ބަނޑުހައި ހޫނު ކަމުގެ އިހްސާސް ވުމުންނެވެ. “އަހަރެން ތިންދުވަސް ވަންދެން މިހުރީ އެއްޗެއް ނުކައިތަ.. ” އަހަރެން ބަލާލީ ފަރީޤް އާއި ދިމާލަށެވެ. ފަރީޤް އެއްވެސް އެއްޗެއް ނުބުންޏެވެ. “ކަލޭމެންގެ އަހަރެންނަށް ކާންވެސް ނުދީ.. ހަމައެކަނި ފެން ފޮދެއް ބޯންދިނީ.. އަޅެ ތިއީ އިންސާނުންތަ” އަހަރެން ފަރީޤް ކައިރީގައި ވާހަކަ ދައްކަނީ އިނގިރޭސި ބަހުންނެވެ. އަހަރެންގެ ހަށިގަނޑަށް އަހަރެންނަށް ބަލާލެވުނެވެ. ލައިގެން ހުރި ފަޓްލޫންގައި ކިލާ ހޭކިފައި ހުރި ކަމުގެ ނިޝާން ހުއްޓެވެ. އަދި ގައިގެ އެކިތަންތައް ނޫފައި ގަނެފައި ނުވަތަ ދުޅަވެފައި ނޫނީ ހަލާކުވެފައި ހުއްޓެވެ. އެވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ އަހަރެންގެ އަތުގެ އުޅަބޮށިއާއި ކައިރިއަށް ވާގޮތަށް ހުރި ނިޝާނެއެވެ. އެއީ ކޮންމެވެސް ކައްޓެއް ގިނަ ވަގުތަކަށް ޖަހާފައި ވުމުން ހުންނަ ކަހަލަ ނިޝާނެކެވެ. އަހަރެން ފަރީޤް އާއި ދިމާލަށް ހައިރާން ކަމާއި އެކު ބަލާލީމެވެ. “މިއީ ކޮންއެއްޗެއް.. ކަލޭ އަހަރެންނަށް ކޮންއެއްޗެއް ދީފަ މިހުރީ.. ބުނޭ.. ކީއްކުރީ އަހަރެންނަށް” އަހަރެން ރުޅިވެރިކަމާއި އެކު ހަޅޭލަވައި ގަތީމެވެ. އެވަގުތު ފަރީޤްގެ މޫނު މަތިން ފެނުނީ ބިރުވެރި ހިނިތުން ވުމެކެވެ.
*******
ފައިސަލް އާއި ހަލީމް އަދި ރޭޝަމް އާއި ނިހާން މަޑުކޮށްލީ މުހައްމަދުބެ ކިޔާ މީހާ އުޅޭ ގޭ ދޮރު މައްޗަށެވެ. އެންމެންވެސް ތިބީ ޔުނިފޯމްގައި ކަމުން މަގުމަތިން ދަމުން ދިޔަ މީހުންވެސް ދިޔައީ އެމީހުންނާއި ދިމާލަށް ބަލަމުންނެވެ. ފައިސަލް އެތެރެއަށް ވަދެ ސަލާމް ގޮވާލިއެވެ. އެތެރެއިން ސަލާމް ބަލައިގަންނަމުން ނިކުތީ މެދު އުމުރެއްގެ އަންހެނެކެވެ. “މުހައްމަދުބެ އުޅުއްވާތޯ” ފައިސަލް އަހާލިއެވެ. އެވަގުތު އެމީހާ ބޯ ޖަހާލުމަށްފަހު އެތެރެއަށް ވަނެވެ. ދެން ނިކުތީ މެދު އުމުރެއްގެ ފިރިހެނެކެވެ. އެއީ ޖައިލަމްގެ އަތުގައި އިން ފޮޓޯގައި ހުރި މީހާއެވެ. އެހެންކަމުން އެއީ މުހައްމަދުބެ ކަން އެމީހުންނަށް އެގުނެވެ. ބޭރުގައި ތިބި ހަތަރު ޕޮލިހުން ފެނުމާއި އެކު މުހައްމަދުބެ ހައިރާން ވިއެވެ. “ކިހިނެއްތޯ ހަދާދެންވީ” އަދަބުވެރިކަމާއި އެކު މުޙައްމަދުބެ ސުވާލު ކުރިއެވެ. އޭރު ގޭދޮށަށް މީހުން އެއްވަން ފެށިއެވެ. އެއީ ޕޮލިހުން އުޅޭތީކަން މުހައްމަދުބެ އަށް އެގެއެވެ. “އަހަރުމެން މި އައީ ވަރަށް މުހިއްމު ވާހަކަ އެއް.. ދައްކާލަން..” އެހެން ބުނުމަށްފަހު ފައިސަލް ބޭރަށް ނަޒަރު ހިންގާލިއެވެ. “އެކަމަކު ކުޑަކޮށް އެކަނިވެރިކޮށް” ފައިސަލް ފުރިހަމަ ކޮށްލިއެވެ. “ދުރުވޭ… އެތެރެއަށް.. އައިމިނާ.. މި މީހުންނަށް އެއްޗެއް ގެނެސްދީބަލަ” އެހެން ބުނަމުން މުހައްމަދުބެ ދިޔައީ ފައިސަލްމެން ގޮވައިގެން ގޭގެ އަނެއް ފަރާތަށެވެ. އެފަރާތުގައި ހައްދާފައިވާ ގަސްތަކުގެ ހިޔާގައި ބަހައްޓާފައިވާ ޖޯލި ފަތީގައި އެންމެންވެސް އިށީނެވެ.
“ދަންނަތަ ޖައިލަމް ކިޔާ ކުއްޖެއް.. މިރަށަށް އަރުވާލާފައި ހުރި” ފައިސަލް ޖޯލި ފަތީގައި އިށީނަމުން ވާހަކަ ދައްކަން ފެށިއެވެ. “އާދެ.. ވަރަށް ރަނގަޅަށް ދަންނަން.. އެއީ ވަރަށް ބަސް އަހާ ކުއްޖެއް.. ކިހިނެއްތޯ ވީ..” މުހައްމަދުބެ ވާހަކަ ދެއްކިއެވެ. “އެންމެ ފަހުން އޭނަ ދެކުނީ ކޮން އިރަކު” ފައިސަލް އަނެއްކާވެސް އަހާލިއެވެ. “މީގެ ތިން ދުވަސް ކުރިން.. މި ދެތިން ދުވަހު އޭނަ ނާދޭ މިގެއަކަށް.. ނޭނގެ ކީއްވީ ކަމެއް.. ކިހިނެއްވީތޯ.. އޭނާއަށް ކަމެއްވީތޯ..” މުހައްމަދުބެ ގެ މޫނުމަތިން ކުޑަކޮށް ހައިރާކަން ފާޅުވާން ފެށިއެވެ. “އޭނަ ގެއްލިގެން މިއުޅެނީ..” ފައިސަލް ބުނެލިއެވެ. “ހޭ.. ކީކޭ.. ކިހިނެއް.. ކޮން އިރަކު.. އެކަމް މިރަށުން ތިކަހަލަ ވާހަކަ އެއް އަޑެއްވެސް ނާހަން.. އާ.. އެހެންވެ ތާ މިސްކިތުންވެސް ދިމާނުވަނީ.. އަޅެ އެގޭ ފާތުމަ ކައިރީގައި އެހީމަ ބުންޏޭ އެކަމަކު ބަލިވެގެންނޭ އުޅޭނީ” މުހައްމަދުބެ ސިހިފައި ވާހަކަ ދެއްކިއެވެ. “ކޮން އިރަކު ފާތުމަ ކައިރީގައި އެހީ” ހިލްމީ އަހާލިއެވެ. ” އެއީ އިއްޔެ.. އާ.. އަހަރެން އެހީ އިއްޔެ.. އެހެނެއްނުން ވާނީ ޖައިލަމް އަކީ ކޮންމެ ދުވަހަކު މިގެއަށް އަންނަ ކުއްޖެއްވިއްޔަ.. އެހެންވެ އެއްދުވަސް ވީމަ ފާތުމަ ފެނިގެން އަހާލީ..” މުހައްމަދުބެ ކުޑަކޮށް އިސްޖަހާލިއެވެ. “އަހަރެން އަބަދުވެސް ޖައިލަމް ކައިރީގައި ބުނަމޭ.. ވިސްނައިގެން އުޅޭށޭ.. ދެރައެއް ލިބިދާނެއޭ..” މުހައްމަދުބެ ބުނެލި އަޑު އިވުނެވެ. “މާނައަކީ އޭނައަށް މީހަކު ކަމެއް ކުރީއޭތަ…” މުހައްމަދުބެ މަޑުން ބުނި ނަމަވެސް ކައިރީގައި އިން ފައިސަލްއަށް އަށް އެޖުމްލަ ކިތައްމެ ރަނގަޅަކަށްވެސް އިވުނެވެ.
އެހެން ބުނުމާއި އެކު މުހައްމަދުބެ ބަލާލީ އޭނަގެ އަނގައިން ނުބުނަންޖެހޭ އެއްޗެއް ބޭރުވެއްޖެކަން އެނގިގެން ތެޅެގަންނަ ކަހަލަ ގޮތަކަށް ތެޅިގަންނަމުންނެވެ. “ޖައިލަމް އަކީ އަޅުގަނޑުމެންގެ ރައްޓެއްސެއް.. މިތަނަށް އަރުވާލާފަ ހުއްޓަސް އެއީ އެކުވެރިއެއް.. މުހައްމަދުބެއަށް އޭނައަށް ވީ ގޮތް އެގެންޏާމު ބުނެދެއްވާ..” ރޭޝަމްއަށް ބުނެވުނެވެ. އެވަގުތު ކައިރީގައި ތިބި ތިން ފިރިހެނުންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ރޭޝަމްއާއި ދިމާލަށް ބަލާލެވުނެވެ. ރޭޝަމްއަށް ބުނެވުނީ ކިހާ ބޮޑު އެއްޗެއްކަން އެވަގުތު ރޭޝަމްއަށް ނަގައި ގަނެވުނެވެ. “ހިލްމީ… ރޭޝަމްއާއި ދެމީހުން ދޭބަލަ ޖައިލަމްގެ ރޫމްއިން އެއްޗެއް ފެނިއްޖެތޯ ބަލާލަން..” ފައިސަލް ދެލޯ ބޮޑުކޮށްލަމުން ރޭޝަމްއާއި ދިމާލަށް ބަލާލަމުން ހިލްމީއަށް އެންގިއެވެ. ރޭޝަމް އިސްޖަހާލީ ކުއްވެރިއެއް ފަދައިންނެވެ. އަދި އެއްވެސް އެއްޗެއް ނުބުނެ އެތަނުން ތެދުވިއެވެ. ހިލްމީވެސް ހިނިތުންވެލުމެއް ރައްދު ކޮށްލަމުން ތެދުވިއެވެ.
“އެކުވެރިއެކޭ.. ޖައިލަމް އަކީ ޕޮލިހެއްތަ” މުހައްމަދުބެ ވީ ފައިސަލް ހީކުރި ކަހަލަ ނުވިސްނޭ މީހަކަށް ނޫނެކެވެ. ރޭޝަމްއަށް ބުނެވުނު އެތީގެ އަޑީގައިވާ މާނަ މުހައްމަދުބެއަށް ވިސްނުނެވެ. “އާ.. ކުރިން.. އެކަމަކު އޭނަ ކުރި ކަމެއްގައި ޕޮލިހުން ކަނޑާލީ.. ދެން މުހައްމަދު އަށް އެގޭ އެއްޗެއް ބުނެބަލަ.. ޕޮލިހެއް ނޫން ކަމަކު އެއީ ދިވެހި ދަރިއެއް.. އަހަރުމެން އޭނަ ހޯދަން އެބަޖެހޭ..” ފައިސަލްގެ އަޑުގައި ހިތްހަމަނުޖެހުމުގެ ރާގެއް ހުރިކަން ފާހަގަ ކުރެވުނެވެ. “އޭނަ އަކީ މިޒާޖުގައި ވަރަށް މަޑުމައިތިިރި ކުއްޖެއް.. އޭނައަކީ އެހާ ރައްޓެހިން ގިނަ ކުއްޖެއްވެސް ނޫން.. އަދި ރަށަށް އަރުވާލިތާ ކުރީ ކޮޅު.. އެއްވެސް މީހަކާއި ވާހަކައެއް ނުދައްކާ.. ދާނީ ގެއިން މިސްކިތައް.. މިސްކިތުން ގެއަށް.. އިތުރު ތަނަކަށް ދަނިކޮށެއް ނުވެސް ފެންނާނެ.. އޭގެންވެސް އޭނައަށް ކުރެވުނު ކުށަށް ތައުބާވާން ބޭނުން ވާކަން އެގިގެން ދޭ.. އެހެން އުޅެނިކޮށް.. މިރަށުގައި އުޅޭ ބައެއް.. އެމީހުން އޭނަ އަތުއަޅުވާލީ.. ދެން އެމީހުންނާއި އެކު ގިނައިން އުޅުނީ.. އަހަރެން ނަސޭހަތް ދިނިން.. ބުނިން ވިސްނައިގެން އުޅޭށޭވެސް..” މުހައްމަދުބެ ހުއްޓާލިއެވެ. “ކޮންބައެއްގެ ވާހަކަ ތިބުނަނީ” ފައިސަލް ސުވާލު ކުރިއެވެ. މުހައްމަދުބެ ބަލާލީ ޖަވާބު ދޭން ބޭނުން ނުވާ ކަހަލަ ގޮތަކަށެވެ. “އަހަރެންނަށް އެނގޭ އެއްރަށެއްގައި ވީމަ ވަރަށް ގިނަ ކަންތައް ހުންނާނެކަން ސިއްރު ކުރަން ބޭނުންވާ… އެކަމަކު މިހާރު މިއުޅެނީ މީހެއް ގެއްލިގެން” ފައިސަލް ހަނދާން ކޮށްދިނެވެ. “އެއީ މިރަށު އުޅޭ ބައެއް.. ދީނީ ގޮތުން މާ ކުރި އަރާފަ ތިބޭ.. އެމީހުންގެ ލޮލުގައި ޖައިލަމް އަޅައިގަތީ ވަގުތުން ވަގުތަށް ނަމާދަށް ދާތީ.. ދެން އެމީހުން ވާ ވަންދަމުން ވާ ވަންދަމުން އެންމެ އެތެރެއަށް ލީ..” މުހައްމަދބެ ބުނެލިއެވެ. “ހީވޭތަ ބަޔަކު އޭނައަށް ގެއްލުމެއް ދީފާނެއޭ..” ފައިސަލް އަހާލިއެވެ. “ނޫނެކޭ ނުބުނާނަން..” އެހާ ހިސާބަށް ބުނިތަނާ މުހައްމަދުބެ ގެ އަންހެނުން ޖޫސް ހިފައިގެން އަންނަތަން ފެނިއްޖެއެވެ. “އަހަރެންނަށް މިހާރުވެސް މާގިނަ ވާހަކަ ދެއްކިއްޖެ.. ހިނގާ ޖޫސް ބޮމާ..” އެހިސާބަށް އރާ ހަމަވުމުން ޖޫސް ތަށިތައް ދައްކާލަމުން މުހައްމަދު ބެ ބުންޏެވެ. “ނޫން ޝުކުރިއްޔާ.. އެހެން ފަހަރަކުން އަންނާނަން ޖޫސްބޯން: އެހެން ބުނުމަށްފަހު ފައިސަލް އާއި ނިހާން އެތަނުން ނިކުންނަން ހިގައިގަތެވެ.
******
އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ފަރީޤްގެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުން އެއީ އޭނައަށް ކަމެއް ކާމިޔާބު ކުރެވުނު ކަމުގެ ހެއްކެވެ. އަނެއްކާ އެމީހުން އަހަރެންނަށް ދިނީ ކޮން އެއްޗެއް ހެއްޔެވެ. ޑްރަގް އެއް ދިނީ ހެއްޔެވެ. އެހެން ވެއްޖެނަމަ.. “އަހަރެންނަށް އެނގޭ ދުވަހެއްގަވެސް ޖައިލަމް އަކީ އަނގަ ހޮޅުވާނެ ކުއްޖެއް ނޫންކަން.. އެހެންވީމަ އަހަރުމެން އެހެން މެތަޑް ތަކުގެ ބޭނުން ހިފަން ޖެހުނީ” ކުރިއަށް ފިޔަވަޅެއް އަޅަމުން ފަރީޤް ބުނެލިއެވެ. އަހަރެންނަށް ބޭއިޙްތިޔާރުގައި ފަހަތަށް ޖެހިލެވުނެވެ. ގަތް ބިރެއްގެ ބޮޑުކަމުންނެވެ. އަނެއްކާ އެމީހުންނަށް އެއުޅެނީ ކޮންއެއްޗެއް އެގިގެން ހެއްޔެވެ. އަހަރެން މިވަރުން ފޮރުވައިގެން އުޅުނު މައިލޫމާތު ހޯދީ ހެއްޔެވެ. އެހެން ވެއްޖެނަމަ އަހަރެންނަށް ދެން ދުވަހަކުވެސް މިތަނުން ސަލާމަތެއް ނުވެވޭނެއެވެ.
“ބިރު ނުގަނޭ.. އަހަރުމެންނަށް މާގިނަ މައުލޫމާތެއް ނުހޯދުނު ޑްރަގް ދީގެންވެސް.. ޖައިލަމް ވަނީ ރަނގަޅަށް ޓްރެއިން ކުރުވާފަ.. އެހެން ނޫންނަމަ އަހަރުމެން އެހާ ބާރުގަދަ ޑްރަގް އެއް ދިނީމަވެސް ޖައިލަމް އަށް އެހާ މަދު އެއްޗެއް ބުނެވިގެން ނުވާނެ.. އެކަހަލަ ޑްރަގް ތަކަކުން ޓްރެއިން ނުކުރާނަމަ..” ފަރީޤް ބުނެލިއެވެ. އަހަރެންނަށް ހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ. އެމީހުން ބޭނުންވާ ހުރިހާ މައުލޫމާތެއް ނުހޯދުނުކަން އެގުނީމައެވެ. އެކަމަކު އަނެއްކާ އެމީހުންނަށް ހޯދުނީ ކޮން މައުލޫމާތެއް ހެއްޔެވެ.
އަހަރެން ހަމަ އެހުރި ތަނުގައި ހުރީ އެވެ. ފަރީޤް އަހަރެންނާއި ދިމާލަށް ބަލާލަމުން ހިނިތުންވެލީ މަލާމާތް ކުރާ ގޮތަށެވެ. (ކުރިން ނުބުނެ ވި ދިޔަ ވާހަކައެއް ބުނެލާނަމެވެ. ފަރީޤް އެތަނަށް ވަތް އިރު މޫނުމަތީގައި ކުރިން އަޅާފައިވާ ފޮތިގަނޑު ވަނީ ނަގާފައެވެ. ފަރީޤް އަކީ ފުޅާ ނިއްކުރިއަކާއި ބޮޑު މަތިމަހެއް ލާފައިވާ މީހެކެވެ. އަދި ތުބުޅިއެއް ލާފައިވާ ޒުވާނެވެ). އަހަރެންނަށް އެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. ފަރީޤް އޭނަގެ އަތުގައިވާ ރިމޯޓެއް ކަހަލަ އެއްޗަކަށް އޮއްބާލިއެވެ. އެވަގުތު މަތިން ޕްރޮޖެކްޓަރ އަޅުވާ ކަހަލަ ހުދު އެއްޗެއް މަޑުމަޑުން ތިރިވިއެވެ. އަހަރެން އެދިމާލަށް ބަލާލީމެވެ. އެވަގުތު އަހަރެންނަށްނަށް އެތައް ގުނައެއްގެ ހައިރާން ކަމެއް ލިބިގެން ދިޔައެވެ. އަޅުވާފައިވަނީ މީހެއްގެ ފޮޓޯއެކެވެ. ފިރިހެނެއްކަމަކު އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. އެތަނުގައި އެހުރީ އެކެއްގެ ފޮޓޯއެއް ނޫނެކެވެ. ހަތަރު މީހެއްގެ ފޮޓޯއެކެވެ. އަހަރެންގެ ދަތްޕިލަ ފިއްތާ ބާރު ކޮށްލީމެވެ. އަހަރެންނަށް ކިތައްމެ އަނިޔާއެއް ވިޔަސް އަހަރެންގެ އެކުވެރިންނަށް އަނިޔާއެއް ލިބޭކަން އަހަރެން ބޭނުމެއް ނޫނެކެވެ. އަތް މުއްމަޅާ ލެވި ބާރު ކޮށްލެވުނީ ފަރީޤް ދެކެ އާދެވުނު ރުޅީގެ ސަބަބުންނެވެ.
ނުނިމޭ…
9 Comments!
Comments are closed.
ކިހިނެއްތަ ހުރިހާ ކުދިންގެ ހާލު… ހުރިހާ ކުދިންނަށް ރަމަޟާން މުބާރިކް… ހުރިހާ ކުދިންގެ ހިޔާލުތަކަށް މަރުޙަބާ 🙂
Stry nice.. ramazaan nubaarik fantasy ah ves
Ma sha allah..varah reethi mi story..and varah different and interstinn..waiting for the next part
ramazaan kareem
varah kamudhey abadhuves fantasy ge vaahaka tha varah intersting story eh.. keep it up.. ur the best
thankyu fantasy,,, v rythi mibai vx… ramazan mubaarik fantasy n hurihaa kudhinnah… aneh part awaskohdhehchey fantasy
fantasy thy poliheh tha? fantasy mikahala waahaka thah liyaaleh haadha furihama eyy… faai varah hairaan weyy…. kurin vx hithah eri ehen ahaalan,, bt nukeruny
Thank u fantasy..Ramadan mubarik fantasy ah……I like to read this type of story..this story is beyond perfect….
.I have noticed “Ai muhmalhaalun” in your previous story too I Think ” Ai muhkavaalun ” would be better. Great going and Happy Ramadan!! 😀
ހެހެ.. ކީއްވެ ފައި ނުކެރެންވީ އަހަން… ފެންޓަސީއަކީ ޕޮލިހެއް ނޫން އިނގޭފައި… 🙂
ހުރިހާ ކުދިންގެ ކޮމެންޓްތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ 🙂