އަހަރެން ހަމަ އެހުރި ތަނުގައި ހުރީ އެވެ. ފަރީޤް އަހަރެންނާއި ދިމާލަށް ބަލާލަމުން ހިނިތުންވެލީ މަލާމާތް ކުރާ ގޮތަށެވެ. (ކުރިން ނުބުނެ ވި ދިޔަ ވާހަކައެއް ބުނެލާނަމެވެ. ފަރީޤް އެތަނަށް ވަތް އިރު މޫނުމަތީގައި ކުރިން އަޅާފައިވާ ފޮތިގަނޑު ވަނީ ނަގާފައެވެ. ފަރީޤް އަކީ ފުޅާ ނިއްކުރިއަކާއި ބޮޑު މަތިމަހެއް ލާފައިވާ މީހެކެވެ. އަދި ތުބުޅިއެއް ލާފައިވާ ޒުވާނެވެ). އަހަރެންނަށް އެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. ފަރީޤް އޭނަގެ އަތުގައިވާ ރިމޯޓެއް ކަހަލަ އެއްޗަކަށް އޮއްބާލިއެވެ. އެވަގުތު މަތިން ޕްރޮޖެކްޓަރ އަޅުވާ ކަހަލަ ހުދު އެއްޗެއް މަޑުމަޑުން ތިރިވިއެވެ. އަހަރެން އެދިމާލަށް ބަލާލީމެވެ. އެވަގުތު އަހަރެންނަށްނަށް އެތައް ގުނައެއްގެ ހައިރާން ކަމެއް ލިބިގެން ދިޔައެވެ. އަޅުވާފައިވަނީ މީހެއްގެ ފޮޓޯއެކެވެ. ފިރިހެނެއްކަމަކު އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. އެތަނުގައި އެހުރީ އެކެއްގެ ފޮޓޯއެއް ނޫނެކެވެ. ހަތަރު މީހެއްގެ ފޮޓޯއެކެވެ. އަހަރެންގެ ދަތްޕިލަ ފިއްތާ ބާރު ކޮށްލީމެވެ. އަހަރެންނަށް ކިތައްމެ އަނިޔާއެއް ވިޔަސް އަހަރެންގެ އެކުވެރިންނަށް އަނިޔާއެއް ލިބޭކަން އަހަރެން ބޭނުމެއް ނޫނެކެވެ. އަތް މުއްމަޅާ ލެވި ބާރު ކޮށްލެވުނީ ފަރީޤް ދެކެ އާދެވުނު ރުޅީގެ ސަބަބުންނެވެ.
******
ފައިސަލް ދިޔަ ބާރު މިނުގައި ހުއްޓުނީ ރޭޝަމް ކުރި މައްޗަށެވެ. އޭރުވެސް ފައިސަލް އަރާފައިވާ ރުޅިގަނޑު މަޑެއް ނުވެއެވެ. ރޭޝަމް އިސްޖަހާލީ ކުށެއް ކުރެވިފައވާ ކުޑަކުއްޖެއް ފަދައިންނެވެ. “އެނގޭތަ ރޭޝަމްއަށް ތި ކުރެވުނު ކަމެއް..” ކިތައްމެ ރުޅިގަދަވެފައި ވީނަމަވެސް ފައިސަލް ވާހަކަ ދެއްކީ މަޑުންނެވެ. ރޭޝަމް ބަލާލީ ފައިސަލް އާއި ދިމާލަށެވެ. “އެގޭތަ ތި ބުނެވުނު އެއްޗަކުން ޖައިލަމްއަށް އިތުރު ގެއްލުން ތަކެއް ލިބިދާނެކަން.. އެނގޭތަ އެކަން” ފައިސަލް ބުނެލިއެވެ. “ސޮރީ ސަރ” ރޭޝަމް ބުނެލިއެވެ. އޭރު ރޭޝަމްގެ ލޯ ވަނީ ކަރުނުން ފުރިފައެވެ. “ބުނަން.. އެއީ ރޭޝަމްގެ އެކުވެރިއެއް ގޮތަށް އަހަރުމެންގެ ޓީމްގެ މެންބަރެއް.. ރޭޝަމް އޭނައަށް ކެއަރ ކުރާ ގޮތަށް އަހަރުމެން އެންމެން އޭނައަށް ކެއަރ ކުރަން.. އެހެންވީމަ މިހާރު އަހަރުމެންނަށް ކުރެވޭނެ ކަމަކީ ލިބޭ މައުލޫމާތުތައް ރަނގަޅަށް ހޯދާ ބެލުން.. އަދި ޖައިލަމް ހުރި ތަނަކު ސަލާމަތުން ލެއްވުމަށް އެދި ދުޢާ ކުރުން” ފައިސަލް ބުނެލިއެވެ. ކިތައްމެ ބޭނުން ނުވި ނަމަވެސް މިހާރު ޖައިލަމް ދިރިހުއްޓާ ފެންނާނެ ކަމުގެ އުއްމީދު ފައިސަލްއަށްވެސް ވަރަށް ކުޑައެވެ. ޖައިލަމްއަކީ އެތައް ގޮތަކަށް ޓްރެއިނިން ތަކެއް ހޯދައިވާ ކުޅަދާނަ ކެރޭ ޒުވާނެކެވެ. ނަމަވެސް ކޮންމެ މީހަކީވެސް ކޮންމެވެސް އިރަކުން “ބްރޭކް” ވާނެ މީހެއްކަން ފައިސަލް އަށް އެނގެއެވެ. އެހެންކަމުން ފައިސަލްވެސް ބޭނުންވަނީ ވީހާވެސް އަވަހަށް ލިބިފައިވާ މައުލޫމާތު އިތުރަށް އޮޅުން ފިލުވާށެވެ.
“ނިހާން އާއި ރޭޝަމް ދޭ… ފާތުމަ ދައިތަ އާއި ވާހަކަ ދައްކަން.. ހަނދާން ކުރާތި.. ނަމަ ނަމަ އެމީހުންނަށް ޖައިލަމްގެ އަސްލު އެގުނު ދީގެން ނުވާނެ.. އަހަރެންނާއި ހިލްމީ ދާނަން މުހައްމަދު ބުނި މީހާގެ މައުލޫމާތެއް ލިބޭތޯ.. ވީހާވެސް އަވަހަށް މައުލޫމާތު ހޯދޭތޯ ބަލާތި.. އަހަރެންގެ ހިތް ބުނޭ ޖައިލަމްގެ ވަގުތު ވަރަށް ކައިރި ވެއްޖެއޭ” ފައިސަލް ބުނެލިއެވެ. ކިތައްމެ ބުނަން ބޭނުން ނުވިޔަސް އެއީ އެތަނުގައި ތިބި އެންމެންގެވެސް ހިތުގައިވާ އެއްޗެވެ.
ރޭޝަމް މަޑުމަޑުން ގޮސް އިންޓޮގްރިއޭޝަން ރޫމްގެ ދޮރު ހުޅުވާލިއެވެ. ފާތުމަ އޭރު އިނީ ކުޑަކޮށް ހާސްވެފައެވެ. މީގެ ކުރިން ދުވަހަކުވެސް އެކަހަލަ ތަނަކަށް ގެނެސްފައިނުވާ ފާތުމަ ރޭޝަމް ފެންނަ އިރަށް ކޮޅަށް ތެދުވިއެވެ. “ތިއީ ދައްތަ މެންގެއަށް ދިޔަ ކުއްޖާ ދޯ.. އަޅެ ދައްތަ ކީއްވެ މިތާ ބައިންދާފަ މި އިނީ.. މިތަނުން މީހަކު ނައޭ ގޮވާ ގޮވާ ވެސް.. ދައްތަ މިތަނުން ނެރެދީ” ފާތުމަ އަވަސް ވެފައިވާ އަޑަކުން ވާހަކަ ދެއްކިއެވެ. “އަހަރެންނަކީ ރޭޝަމް އަހްމަދު.. ދައްތަ އަހަރުމެން މިތަނަށް ގެނެވުނީ މައުލޫމާތެއް ސާފް ކުރުމަށް.. މިކަމުގަ އޮތް ގޮތަކީ އަހަރުމެންނަށް އެހީވުން.. ނޫނީ ދައްތައަށް މިކަމުން ސަލާމަތެއް ނުވެވޭނެ” ރޭޝަމް ވާހަކަ ދެއްކީ މަޑުމައިތިރި ކަމާއި އެކުގައެވެ. “ކަލޭއަށް ހީވަނީ ކީކޭ ކަމަށްތަ.. މި ރާއްޖޭގަ އުޅޭ އެންމެންނަށް ކަލޭމެން ބޭނުން ގޮތެއް ހެދި ދާނެއޭތަ.. މަށަށް އޭރުވެސް އެގުނީ ކަލޭ ތިއީ ޕޮލިހެކޭ..” ފާތުމަ ހަޅޭލަވައިގަތެވެ. ހިތްހަމަ ނުޖެހިގެންނެވެ. އެއްއިރެއްގަވެސް ފާތުމަ އަކީ ޕޮލިހުން ދެކެ ލޯބި ވާ މީހެއް ނޫނެކެވެ. “އަހަރުމެން ބޭނުންވަނީ ތިގޭގައި ހުރި ޖައިލަމް އާއި ބެހޭ މައުލޫމާތު.. ޖައިލަމް ވީ ތަނެއް ދައްތައަށް އެނގޭތަ” ރޭޝަމް އޭނަގެ އަޑު މަޑުކުރުމަށް މަސައްކަތް ކުރަމުން ފާތުމަ އާއި ސުވާލު ކުރިއެވެ.
” ކަލޭމެންނަކީ ސަރުކާރުން ބޭނުން ގޮތެއް ހަދަން ތިބޭ ބައެއް.. ރާޒުވާ ކުޅިބައެއްގެ ކަލޭމެންތީ.. ބޭނުންތަނެއްގައި ކަލޭމެން އަތުރާލެވޭނެ… ” ފާތުމަ އަނެއްކާވެސް ހަޅޭލަވައިގަތެވެ. ރޭޝަމް ފާތުމަ ކުރިމައްޗަށް އަރާ ހަތަރު ކަޅި ހަމަކޮށްލިއެވެ. “ޖައިލަމް އަކީ ދިވެހި ދަރިއެއް.. ތިކަހަލަ މައެއްގެ ދަރިއެއް.. އަހަރެން އަދި އެއްފަހަރު ސުވާލު ކޮށްލާނަން.. ޖައިލަމް އާއި ބެހޭ އެއްވެސް މައުލޫމާތެއް ފާތުމައަށް އެނގޭތަ.. އެގެންޏާ ބުނެދީ.. އެހެން ނޫނީ އަހަރުމެންގެ ތަހްޤީޤަށް އެއްބާރުލުން ނުދޭ މީހެއްގެ ގޮތުގައި މުއްދަތު ޖަހަން ޖެހިދާނެ.. އަހަރެންނަށް ރަނގަޅަށް އެނގޭ ފާތުމައަށް ޖައިލަމްއާއި ބެހޭ މައުލޫތު އެނގޭކަން.. ރަނގަޅު ގޮތަކީ އަވަހަށް ވާހަކަ ދައްކަން ފެށުން” ހަރުކަށިކަމާއި އެކު ރޭޝަމް ފާތުމަ އަށް ޖަވާބު ދިނެވެ. އަދި އެތަނުން ބޭރަށް ނިކުމެ ގައިގައި ހުރި ބާރެއް ލާފައި ދޮރު ޖެހިއެވެ.
“ކިހިނެއްވަނީ” އިންޓޮރިގޭޝަން ރޫމްގެ އަނެއް ފަރާތުގައި މަޑުކޮށްލައިގެން ހުރި ނިހާން ރޭޝަމް ނިކުތުމާއި އެކު އަހާލިއެވެ. “ފެނިއްޖެއެއް ނުން” ރޭޝަމް ހިތްހަމަ ނުޖެހިފައި ވާހަކަ ދެއްކިއެވެ. “އަހަރެން ހާދަ ރުޅި އެކޭ މި އަންނަނީ.. ކޮންމެ މީހަކުވެސް އެހެން ބުނާތީ.. ކީއްވެތަ ސަރުކާރުގެ ކުޅިބައޭ ބުނަނީ.. ބަލަ އަހަރުމެންނަކީ މިނިވަން މުއައްސަސާއެއް.” ރޭޝަމް ހިތްހަމަނުޖެހިގެން ވާހަކަ ދެއްކިއެވެ. ” އަހަރުމެން ކުރަނީ އަހަރުމެންގެ ވެރިން ކަންތައް ކުރާ ގޮތަށް.. ބަލަން ޖެހޭ އެތައް ގަވައިދެއް ހުރޭ.. އެކަމަކު ކަމެއް ކިރިޔާ ގޯސްވިޔަސް، މީހަކު ތަނެއްގައި ތަޅައިގަތަސް، ތަނެއްގައި ރޯކުރިއަސް، އެކްސިޑެންޓެއްވިޔަސް އެއީ އަހަރުމެންގެ މައްސަލަ.. މިދެން ކިހާ ހެއްވާކަމެއް” ރޭޝަމް ރުޅިގަނޑުމަތީގައި އެތަނުގައި ހުރި ގޮޑިއެއް ނަގާ އިށީދެލިއެވެ. ނިހާން ހަށަން ބަދެލަމުން ރޭޝަމްއާއި ދިމާލަށް ބަލަހައްޓާއިގެން ހުއްޓެވެ. “އަސްލު ފާތުމަ އެހެން ބުނީމަ ތަ ރޭޝަމް ތިހާ ހިތްހަމަ ނުޖެހިފަ ތިހުރީ” ނިހާން ރޭޝަމްގެ މޫނަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދެއްކިއެވެ. ރޭޝަމް ބަލާލީ ނިހާންގެ މޫނަށެވެ. “އެންމެންނަށްވެސް އެނގޭ ރޭޝަމް ޖައިއަށް ކެއަރ ކުރާ ވަރު..” ނިހާން ބުނެލިއެވެ. ރޭޝަމް އިސްޖަހާލަމުން ތުންފަތުގައި މަޑުމަޑުން ދަތް އަޅާލިއެވެ. ދެލޮލުން އޮހޮރެން ތައްޔާރުވެގައިވާ ކަރުނަތައް ހިފަހައްޓާލުމުގެ ބޭނުމުގައެވެ. “އަހަރެންނަށްވެސް.. އަދި ފައިސަލް ސަރ އަށްވެސް..” ނިހާން ވާހަކަ ދެއްކިއެވެ. “އަހަރެން އަހާލަން ބޭނުންވަނީ އެންމެ އެއްޗެއް.. އަމިއްލަ އިހްސާސްތަކާއި ވަޒީފާގައި އުޅޭ އިރު ދިމާވާ ކަންތައްތަކާއި މިކްސް ނުކޮށް ރޭޝަމްއަށް މި ކަންތައް ކުރިއަށް ގެންދެވޭނެހޭ..” ނިހާން އަހާލއެވެ. ރޭޝަމް އަނެއްކާވެސް ނިހާންއާއި ދިމާލަށް ބަލާލިއެވެ. އެބެލުމުގައި ނިހާންއަށް ޔަގީންކަށް ފެނުނެވެ. “އޯކޭ.. އަހަރެން ކުޑަކޮށް މަސައްކަތް ކޮށްލާނަން ފާތުމަ ކްރެކް ވޭތޯ.. މަޑުކޮށްލާ..” ހިނިތުންވުމެއް ރައްދު ކޮށްލަމުން ނިހާން އެތަނުގައި އޮތް ފައިލްއެއް ހިފައިގެން ފާތުމަ އިން ތަނަށް ދިއުމަށް ހިގައިގަތެވެ.
*************
“އަހަރެންނަށް މި އެންމެންނާއި ބެހޭ މައުލޫމާތު އެނގޭ.. މި އެންމެންގެ ނަންތަކާއި އުޅޭތަނާއި ކުރާ މަސައްކަތާއި އާއިލާއާއި ބެހޭ މައުލޫމާތުވެސް.. އަހަރެންނަށް ނޭނގޭ އެއްޗަކީ ޖައިލަމް އެމީހުންނަށް ބުނެދިނީ ކޮންއެއްޗެއްކަން..” ފަރީޤް ވާހަކަ ދެއްކިއެވެ. އަހަރެންނަށް ރުޅިވެރި ނަޒަރަކުން ފަރީޤް އާއި ދިމާލަށް ބަލާލެވުނެވެ. “ކޮންމެހެން މިކަންތައް އިތުރަށް އުދަގޫ ކުރާނެ ކަމެއްނެތް.. އަވަހަށް މައުލޫމާތު ކިޔައިދީ” ފަރީޤް ބުނެލިއެވެ. އަހަރެން އިށީދެ އިން ސޯފާގެ ދެފަރާތުގައި އަތުން ވަރަށް ބާރަށް ހިފަހައްޓާލެވުނެވެ. “އަދިވެސް ކިޔައިދޭން ވީތަ.. އަހަރުމެންނަށް މައުލޫމަތު ހޯދުނު ކަމާއި މެދު ޝައްކު ވަނީތަ..” ފަރީޤް އަހަރެން ބަލަން އިން ގޮތުން މަލާމާތް ކުރާ ފާޑަކަށް ހީގަތެވެ. “އޯކޭ އޯކޭ.. ހިގާ ފަށާމާ ދޯ..” އެހެން ބުނުމަށްފަހު އެހެން ފޮޓޯއަކަށް އަޅުވާލިއެވެ. އެއީ އަހަރެންގެ ފޮޓޯއެކެވެ. އަހަރެން ޕޮލިސް ޔުނީފޯމްގައި ހުރި ފޮޓޯއެކެވެ. “މިއީ ޖައިލަމް.. ހީވާ ގޮތުން މީގެ އެއްއަހަރު ކުރީގެ ފޮޓޯއެއް.. ބަލަ ޕޮލިސް ޔުނިފޯމްގަ..” ފަރީޤް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އެފޮޓޯ އެއީ އަހަރެން ޕޮލިސް ޔުނީފޯމްގައި ނަގާފައިވާ ފޮޓޯއެކެވެ. އަހަރެން ރުޅިވެރި ނަޒަރަކުން ފަރީޤް އާއި ދިމާލަށް ބަލާލީމެވެ. “މަޑުކޮށްބަލަ.. މީ ކޮންއެއްޗެއް..” ފޮޓޯއަށް ޒޫމް ކޮށްލަމުން ފަރީޤް އަހަރެންނަށް ދައްކާލީ އަހަރެންގެ ނަން ޑެގް ކޮޅެވެ. “އާދަމް ޖަނާން…” ފަރީޤް ހައިރާން ކަމާއި އެކު އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “އަދި ޖައިލަމް އެއްވެސް ނޫން ދޯ ކިޔަނީ.. ޖަނާން ދޯ..” ފަރީޤްގެ މޫނު މަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. “އަނެއްކާ އެރަށަށް އަރުވާލީ ހަމަ އެކަހަލަ އެއްޗެއް ބޭނުންކޮށްގެންތަ.. ނޫނީ އެއީވެސް އެކްޓްއެއް ތަ…” ފަރީޤް އޭނައަށް ވަރަށް މައުލޫމާތު ލިބިފައިވާކަން އަންގާލިއެވެ. “ދެން އެހަށް އެވާހަކަ ބާއްވަމާ ދޯ.. ހިގާ ދެން ތިބި މީހުން ބަލާލަމާ” އިނގިރޭސި ބަހުން ފަރީޤް ބުނެލިއެވެ. އެހެން ބުނުމަށްފަހު އިތުރު ފޮޓޯއެއް އަޅުވާލިއެވެ.
“މިއީ ހިލްމީ.. މިއީ ނިހާން.. ފައިސަލް އަދި ރޭޝަމް” ފެންނަން ހުރި ފޮޓޯގައި ތިބި ހަތަރު މީހުން ދައްކާލަމުން ވާހަކަ ދެއްކިއެވެ. އެތަނުން ފައިސަލް އާއި ހިލްމީ ތިބީ ޕޮލިސް ޔުނީފޯމްގައެވެ. ރޭޝަމް އާއި ނިހާން ތިބީ ކުލަ ހެދުމުގައެވެ. “އެގޭތަ މި ފޮޓޯއަކީ ކޮން އިރަކު ނެގި ފޮޓޯއެއްކަން.. މިއަދު ހެނދުނު.. އެމީހުން ކަލޭ ހޯދަން ގޮސް އެބައުޅޭ.. ކަލޭ އުޅުނު ރަށުގައި.. އަހަރެން އަދިވެސް ސުވާލު ކުރަން ބޭނުން.. ކަލޭ އެމީހުންނަށް ނާޝިދުއޭ ކިޔައިގެން ކޮން މައުލޫމާތެއް ދިނީ” ފަރީޤް ވާހަކަ ދެއްކިއެވެ. “އެހެންވީމަ ކަލެއާއި ނާޝިދުއާއި ދޯ ގުޅުން އޮންނަނީ” އަހަރެންނަށް އަހާލެވުނެވެ. ފަރީޤް ބަލާލި ގޮތުން ކުޑަކޮށް އެމޫނުން ސިހުން ވެރިކަން ފެންނަން ހުއްޓެވެ. އެހެންވުމުން ދެންމެ އެބުނި ޖުމްލައަކީ އޭނަ ނުވިސްނާ ބުނި ޖުމްލައެއްކަން އަހަރެންނަށް ނަގައި ގަނެވުނެވެ. “ކަލޭ އެހެންވީމަ ތަހުގީގު ކުރަމުން ދިޔައީ ނާޝިދު ތާ ދޯ” އަހަރެންގެ ކުރިމައްޗަށް ހުއްޓި ލަމުން ފަރީޤް އެހިއެވެ. އަހަރެން އަނެއް ފަރާތަށް މޫނު އަބުރާލީ ފަރީޤް އަށް ޖަވާބު ދިނުން އަހަރެންނަށް މުހިއްމު ނުވާތީއެވެ. “ބުނަން.. ޖައިލަމް ނުބުނިއްޔާ ބުނާނެ އެހެން މީހުންވާނެ.. އެތަނުން މީހަކުވެސް އަހަރުމެންނަށް ގެނެވިދާނެ.. އެއީ އުދަގޫ ކަމެއް ނޫން..” ފަރީޤް އަހަރެންނަށް އިންޒާރު ދިނެވެ. އަހަރެންނަށް ވަގުތުން ކޮޅަށް ތެދުވެވުނެވެ.
އެވަގުތު ކުއްލިއަކަށް އެކޮޓަރީގެ ދޮރު ހުޅުވާލަފައި އެތެރެއަށް ވަނީ އުމުރުން ބާރަ އަހަރުވެސް ނުފުރޭނެ ކުޑަ ކުއްޖެކެވެ. އެކުއްޖާއަށް އަހަރެން ފެނުމާއި އެކު ހުއްޓުން އެރިއެވެ. އެކުއްޖާގެ ފަހަތުން ދެ މީހަކު މޫނުގައި އެއްޗެއް އަޅައިގެން ދުވަމުން ކަހަލަ ގޮތަކަށް އެތެރެއަށް ވަނެވެ. އަހަރެން އެކުއްޖާއަށް ބަލާލަމުން ފަރީޤްއާއި ދިމާލަށް ބަލާލީމެވެ. ފަރީޤް އެކުއްޖާ ކައިރީގައި ކަކޫ މައްޗަށް ވާ ގޮތަށް އިށީދެލިއެވެ. އެވަގުތު ފަހަތުން އައި ދެމީހުން އައިސް އަހަރެންގެ ދެއަތުގައި ބާރަށް ހިފެހެއްޓިއެވެ. އަހަރެން ގަދަ ހަދަން ފެށީމެވެ. ފަރީޤް އެކުއްޖާއާއި ކޮންމެވެސް ވާހަކަ ތަކެއް ކިޔާފައި މީހަކަށް އިޝާރާތް ކޮށްލިއެވެ. އެވަގުތު ހުޅުވިފައި ހުރި ދޮރުން މީހަކު އައިސް ދިއްކޮށްލީ ކުޑަ ޖެކެޓްއެކެވެ. އަހަރެންނަށް އެތައް ގުނައެއްގެ ހައިރާން ކަން ލިބުނެވެ. އެތައް ބޮމަކުން އެ ޖެކެޓްވަނީ ފުރާލެވިފައެވެ. އަހަރެންނަށް ގަދައަށް ތެޅެގަނެވުނެވެ. އެވަގުތު އަހަރެން ހިފަހައްޓައިގެން ހުރި މީހާ އަަހަރެންގެ ބޮލުގައި ވަރުގަދަ އެތި ފަހަރެއް އެޅިއެވެ. އަހަރެން ވެއްޓެމުން ދިޔަ އިރު ފަރީޤް އެ ކުއްޖާގެ ގައިގައި އެޖެކެޓް އެޅުވިތަން ފެނުނެވެ. ދެން އިތުރަށް އެއްވެސް އެއްޗެއް ނޭނގުނެވެ.
*************
“އާދަމް ޖަނާން” ސެލްގެ ދޮރު ހުޅުވާލަމުން އެތެރެއަށް ވަންނަމުން ފައިސަލް ގޮވާލިއެވެ. ޖަނާންއަކީ ޕޮލިހުގައި އުޅެނިކޮށް މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގައި ވަޒީފާއިން ވަކި ކުރެވުނު މީހެކެވެ. އުމުރުން 28 އަހަރުގެ ޒުވާނެކެވެ. އާއިލާއެއްގައި ހުރި ދެބެންގެ ތެރެއިން އެންމެ ބޮޑު މީހާވެސް ވެއެވެ. ރަނގަޅު ވަޒީފާއެއް ލިބި އޭގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފުނު ޒުވާނެއްވެސް މެއެވެ. “ސަރ” ކިތައްމެ ގޯސް ކަންތައް ކުރެވުނު ކަމުގައި ވިޔަސް ޖަނާން އަކީ އޭނައަށް ވުރެއް ބޮޑެތި މީހުންނަށް އިޙްތިރާމް ކުރާ ޒުވާނެކެވެ. އޭނަގެ މައިންބަފައިން އޭނައަށް ދީފައިވަނީ ރަނގަޅު ތަރުބިއްޔަކެވެ. މަސްތުވާތަކެތި ބޭނުން ކުރަން ފެށުނީ އެމީހުން ދިން ތަރުބިއްޔަތުގެ މައްސަލައެއް އުޅޭތީއެއް ނޫނެކެވެ. ނަމަވެސް ނުވިސްނާ އެޅުނު ކަތި ފިޔަވަޅެކެވެ. ފައިސަލް އަކީ ޕޮލިސް އިންޓެލްގައި މަސައްކަތް ކުރަން އުޅޭ ބޮޑު މީހެކެވެ. “ކިހިނެއްވަނީ” ޖަނާން ތެދުވުމާއި އެކު އަތުން އިށީނުމަށް ބުނަމުން ސެލްއަށް ބަލާލަމުން ފައިސަލް ވާހަކަ ދެއްކިއެވެ. “އަޅުގަނޑު ކުރި ކުށުގެ އަދަބު ދެއްތޯ މިއީ” ހިތި ހިނިތުންވުމެއް ރައްދު ކޮށްލަމުން ޖަނާން ވާހަކަ ދެއްކިއެވެ. “ރަނގަޅު.. އެކަމަކު ސުވާލަކީ ކިތައް އަހަރު ވަންދެން ޖަނާން މި ގޮޅީގައި ގަނަ ތެޅެން ބޭނުންތޯ” ފައިސަލް ވާހަކަ ދެއްކިއެވެ. “ކޮންމެ ގޮތެއް ވިޔަސް ޖަނާންއަށް އަންނާނެ މަދުވެގެން 12 އަހަރުގެ ހުކުމެއް.. މި މައްސަލަ ޖެހުނު ދުވަހުން ފެށިގެން ޖަނާންގެ މަންމަ އަދި ޖަނާންގެ ކޮއްކޮ އެތިބެނީ ރޯލަ ރޯލާ.. ޖަނާންގެ ބައްޕައަށް މިހާރު ޖަނާން ކިޔާ ދަރިއެއް ނުލިބޭ ކަހަލަ..” ފައިސަލް ވާހަކަ ދެއްކިއެވެ. ޖަނާން އިސްޖަހާލިއެވެ.
އާއެކެވެ. ކުރެވުނު އެންމެ ކުށެއްގެ ސަބަބުން ލޯބިވާ އެތައް ބަޔަކު ގެއްލިއްޖެއެވެ. ބައްޕަ ވަނީ ޖަނާންއަކީ ދިރިހުއްޓަސް ނެތް ދަރިއަކަށް ހަދާފައެވެ. މަންމަ އާއި ކޮއްކޮގެ ލޮލުން ކިތައްމެ ކަރުނައެއް އޮހޮރުނަސް އެމީހުންވެސް ޖަނާންގެ މޫނު ދެކެންވެސް ބޭނުމެއް ނުވެއެވެ. “އަޅުގަނޑަށް އެނގޭ މިއީ އަޅުގަނޑަށް ކުރެވުނު ގޯސްކަމެއްކަން.. އަޅުގަނޑު މިހާރު މިކަމުން ސަލާމަތް ވެއްޖައީން.. ބަސްޓްވި ފަހުން އެއްގޮތަކަށްވެސް އަޅުގަނޑު ބޭނުމެއް ނުކުރަން.. ރަނގަޅަށް އުޅެފިނަމަ އަވަހަށް ބޭރަށް ނިކުމެވޭނެ” ޖަނާން އިސްޖަހައިގެން އިދެ ވާހަކަ ދެއްކިއެވެ. “ހަމަ 12 އަހަރު ވަންދެން މިތަނު އިންނަންތަ ބޭނުންވަނީ” ފައިސަލް އަނެއްކާވެސް އަހާލިއެވެ. “އަޅުގަނޑަށް އިތުރު ގޮތެއް އެބަ އޮތްތޯ” ޖަނާން ފައިސަލްގެ މޫނަށް ބަލާލިއެވެ. “ގޮތް ގޮތަކީ ހޯދީމަ ފެނޭ އެއްޗެއް..އެއްވެސް މީހަކު އަތް އުރާލައިގެން ހުއްޓަ އެއްވެސް ގޮތެއް ނުފެންނާނެ.. އެކަމަކު މިއަދު އަހަރެން މިއައީ ޖަނާން ކައިރިއަށް ގޮތެއް ހޯދައިގެން.. ޖަނާން ބޭނުން ނަމަ މިކަމުން މިހާރުވެސް ސަލާމަތް ވެވޭނެ..” ފައިސަލް އޭނަ ބޭނުންވާ މައުލޫއަށް ދިޔައެވެ. ޖަނާން އަދި ނޭނގުނޭ ބުނާ ކަހަލަ ގޮތަކަށް ފައިސަލްގެ މޫނަށް ބަލާލިއެވެ. “އަހަރެންނަށް އެނގޭ ޖަނާންއަކީ ރަނގަޅު އަހްލާގެއްގެ ވެރިއެއްކަން.. ވަޒީފާ އަދާކުރި އިރު ނުލާހިކު ރަނގަޅަށް މަސައްކަތް ކުރީ… އެއްވެސް މައްސަލައެއް ނެތް ޖެހިފައެއް މި ނޫނީ..އެހެންވީމަ އަހަރެން ބޭނުންވަނީ ޖަނާން އަހަރެންގެ ދަށުން މަސައްކަތް ކުރަން..” ފައިސަލް ބުނެލިއެވެ.
“އަޅުގަނޑުތޯ..” ޖަނާން ހައިރާންވެ ހުރެ ވާހަކަ ދެއްކިއެވެ. “އާ ޖަނާން.. އަހަރެން ބޭނުންވަނީ ތިކަހަލަ ކުއްޖެއް.. މަސައްކަތަށް.. ޖަނާންއަށްވެސް ފައިދާ ވާނެ.. އަހަރެންގެ މަސައްކަތް ކޮށްދީ ނިއްމާލައިފިނަމަ ޖަނާންގެ 12 އަހަރުގެ ހުކުމް އަހަރެން ފުހެލަދޭނަން.. އެކަމަކު އެއީ ކްލީންކޮށް ހުރެވޭނަމަ.. މި ކަމުގެ ތެރޭގައި އެއްވެސް ކަހަލަ މަސްތުވާއެއްޗެއް ބޭނުންކުރާކަން އަހަރންނަށް ޝައްކުވިޔަސް 12 އަހަރުގެ އިތުރަށް 2 އަހަރު ޖަލުގައި ޖަނާން މަޑު ކުރަން ޖެހޭނެ..” ފައިސަލް އިންޒާރު ދިނެވެ. “އަޅުގަނޑަށް އިތުބާރު ކުރައްވަންތޯ..” ޖަނާން އަހާލިއެވެ. “އިތުބާރު އަހަރެން ކުރާނަން.. އަހަރެންގެ އިތުބާރު ގެއްލުވާނުލާހާ ހިދަކު.. އެކަމަކު ތެދައް ބުނަންޏާމު އަހަރެން ޖަނާންއަށް ކުރަނީ 50 އިންސަންތައިގެ އިތުބާރެއް.. މާނައަކީ އަހަރެން ފުލީ އިތުބާރެއް ނުކުރާނަމޭ.. އެކަމަކު ޖަނާންގެ މަސައްކަތުން އަހަރެންގެ އިތުބާރު ފުލީވެސް ހޯދި ދާނެ..” ފައިސަލް ސެލްގެ ފާރުގައި ލެގިލައި އެއްފައި ފާރުގައި ޖައްސާލިއެވެ. އަދި ހަށަން ބަދެލިއެވެ. “އަހަރެން މިދެނީ ޖަނާންއަށް އިތުރު ފުރުސަތެއް.. ޕޮލިހެއްގެ ހައިސިއްޔަތުން ޖަނާންއަށް ނުކުރެވުނު މަސައްކަތް ރައްޔިތެއްގެ ގޮތުގައި ހުރެ ކުރެވިދާނެ.. މި މަސައްކަތް ކާމިޔާބު ވެއްޖެނަމަ ޖަނާންއަށް ހަމަ ގެއްލުނު ވަޒީފާވެސް ލިބިދާނެ. އަނއްކާ އާއިލާގެ ލޯބިވެސް..” ފައިސަލް ވާހަކަ ދައްކަމުން ދިޔައެވެ. “ޖަނާންއަކީ ކެރޭ ޒުވާނެކޭ ޖަނާންގެ ރައްޓެހިން ވަރަށް ބުނޭ.. އަހަރެންނަށް އެނގޭ ޖަނާން ބަސްޓް ވީމަވެސް އެއްބަސްވީ ޖަނާން ތިކަމުން ސަލާމަތްވާން ވެގެންކަން.. އަދި މިކަމަށް އެއްބަސް ނުވެ ވެސް ޖަނާންއަށް މި މަޅިން ސަލާމަތް ވެވެން އޮތްކަންވެސް.. އަދި ތި ކުރި ކަމެއް ކުރީ ޖަނާން އެކަނި ނޫންކަންވެސް އަހަރެންނަށް އެނގޭ.. އަދި ޕޮލިހުން ތިކަމުގައި ބައިވެރިވާކަން ވެސް އެނގޭ.. އެކަމަކު އޭގެން އެކެއްގެ ނަންވެސް ޖަނާނުން ނުބުނެ ހުންނަ ކަމުން ދޭހަ ކޮށްދެނީ ތިއީ ވަރަށް ތެދުވެރި އެކުވެރިއެއްކަން” ފައިސަލް ވާހަކަ ދެއްކިއެވެ. ޖަނާން އިނީ އެއްވެސް އެއްޗެއް ނުބުނެއެވެ. “އެހެންވީމަ އަހަރެން މި ބުނާ މަސައްކަތް ކޮށްގެން-ޖަނާންއަށް ލިބޭނެ މާ ބޮޑު ގެއްލުމެއް ނެތް..” ފައިސަލް ޖަނާންއާއި ދިމާލަށް ބަލާލިއެވެ.
“އަޅުގަނޑު ކީއްތޯ ކުރަންވީ” މާ ބޮޑު ވިސްނުންތަކެއް ނުވިސްނާ ޖަނާން ބުނެލިއެވެ. ފައިސަލް ހިނިތުން ވެލިއެވެ. “އަދި ވަރަށް މުހިއްމު ވާހަކައެއް އަހަރެން ހަދާން ނެތުނީ ބުނަން.. އަހަރެން މި ކުރުވަން އުޅޭ ކަމުގެ ސަބަބުން ޖަނާންއަށް ގެއްލުމެއްވެސް ލިބިދާނެ.. އަހަރެން ދޮގު ހަދާކަށް ބޭނުމެއްނުވޭ.. ޖަނާން މިކަމަށް އެއްބަސް ނުވިޔަސް ގެއްލުމެއް ނުލިބޭނެ.. ހަމަ އެކަނި 12 އަހަރު ވަންދެން ޖަލުގަ އެކަނިވެރި ކަމާއި އެކު އިންނަން ޖެހޭނީ..” ފައިސަލް ބުނެލިއެވެ. “އަޅުގަނޑު ކުރަންވީ ކޮންކަމެއްތޯ..” އަނެއްކާވެސް ޖިނާން އަހާލިއެވެ. “އަދިވެސް އަސްލު ޖަނާންއަކަށް އަހަރެން ބުނަން މިއުޅޭ ވާހަކައެއް ނަގައެއް ނުގަނެވޭ ކަންނޭނގެ… އަހަރެން ޖަނާން ވަރަށް ބޭނުން.. އެކަމަކު ޖަނާންއަށް ރަނގަޅު ގޮތެއް އެނގޭނީ ޖަނާންއަށް.. ބުނަން މިއުޅެނީ.. މި މަސައްކަތަކީ.. ވަރަށް އެހެން ކަހަލަ މަސައްކަތެއް.. ޖަނާންއަށް ޖަލުން ނިކުމެވިދާނެ.. އެކަމަކު އެކަން އެނގޭނެ އެކަކުވެސް ނުހުންނާނެ.. މާނައަކީ ޖަނާންގެ އާއިލާއަކަށް ޖަނާން އުޅޭތަނެއް ނޭނގެނެ.. އަދި ރައްޓެއްސަކަށްވެސް ނޭނގޭނެ.. މިއީ ވަރަށް ސިއްރުން ކުރަން ޖެހޭ ކަމެއް.. ވަރަށް ސިއްރުން..” ފައިސަލް ކިޔައިދިނެވެ. ޖަނާން ހައިރާން ކަމާއި އެކު ބަލާލިއެވެ. “އާ.. މިއީ ވަރަށް ސިއްރުވެރި ގޮތަކަށް ކުރިއަށް ގެންދާ ކަމެއް.. މި ކަމުގެ ބޮޑު ކަމުން އަހަރުމެން މިކަމަށް ނެރެން ޖެހޭ މީހާއަށް ‘ނިއު އައިޑެންޓިޓީ’ އެއްވެސް ދޭނަން.. އެހެންވެ އަހަރެން ޕޮލިހުން މީހަކު މިކަމަށް ނަގަންވެސް ބޭނުން ނުވަނީ.. ޖަނާންއަށް އަހަރެން ފުރުސަތު ދޭން މި ނިއްމީ ޖަނާން ޖަލުގައި ހުރީމަ މީހުން ޖަނާން ހޯދުމަށް މަސައްކަތް ކުރާ ވަރު މަދު ވާނެ..” ޖަނާން އާއި ދިމާލަށް ބަލާލަމުން ފައިސަލް އޮޅުން ފިލުވައި ދިނެވެ. “އެކަމަކު މިކަމުގެ ސަބަބުން އަހަރުމެންގެ ރާއްޖެއަށް ދިމާވެދާނެ ބޮޑު ގެެއްލުމަކުން ސަލާމަތް ކުރެވިދާނެ..” ފައިސަލް އިތުރު ކޮށްލިއެވެ. ޖަނާން އިސްޖަހާލިއެވެ. ކިތައްމެ ހާވެސް އޭނަ އެފުރުސަތު ބޭނުންވެއެވެ. އެކަމަކު އޭނަ ބޭނުންވަނީ އާއިލާ ކައިރީގައި އުޅޭށެވެ. “އަހރެން އަންނާނަން އަދި.. ޖަނާންއަށް ވިސްނާލަން ފުރުސަތެއް ދޭނަން.. ކޮންމެ ގޮތަކަށް ވިސްނިއަސް އަހަރެންގެ ހިތް ބަރެއް ނުވާނެ” ފައިސަލް ބޭރަށް ނިކުންނަން ހިގައިގަންނަމުން ބުނެލިއެވެ.
**********
ފައިސަލް ސިހިގެން ދިޔައީ ހިލްމީގެ އަޑަށެވެ. ހިޔާލުގެ ވާފަށްތަކުގެ ތެރެއަށް ގެބެމުން ދިޔަ ފައިސަލް ސިހިފައި ބަލާލިއެވެ. “ކަމެއްވީތޯ” ފައިސަލް ސިހިގެން ދިޔަވަރު ފެނިފައި ހިލްމީ ކުޑަކޮށް ޖެހިލުން ވިއެވެ. “ނޫނޭ.. ކުޑަކޮށް ވިސްނާލީ.. ޖަނާންއާއި ފުރަތަމަ އަހަރެން ވާހަކަ ދެއްކި ދުވަސް ހިޔާލަށް އައީ.. އަޅާނުލާ.. ކިހިނެއްވަނީ..” ފައިސަލް ކުޑަ ހިނިތުންވުމެއް ވެރިކޮށްލަމުން ވާހަކަ ދެއްކިއެވެ. “މާ ބޮޑު ކުރިއެެރުމެއް މި ކޮޅުން ނުލިބޭ،.. އެކަމަކު ނިހާން މެންނަށް އެއްޗެއް އެގިއްޖެ.. ވަރަށް ވަރުން އެ ފާތުމަ ވާހަކަ ދައްކަން ފަށައިފިއޯ.. ނާޝިދު އެކޯ ބުނީ..” ހިލްމީ ބުނެލިއެވެ. “ނާޝިދު.. ނާޝިދު.. އެއީ ދޯ ފާތުމަ ދައިތަ އާއި ރަތް ކުލައިން ގުޅުވާފަ އިން މީހަކީ..” ފައިސަލް ކަމެއް ހަދާން ވެފައި ބުނެލިއެވެ. “އާދެ..އަދި އެމީހަކީ އަޅުގަނޑުމެން ފާތުމަ މެން ގެ ކައިރީގައި ތިއްބަ ދިޔަ މީހަކީވެސް” ނާޝިދުގެ ފޮޓޯ ފައިސަލް އަށް ދައްކާލަމުން ހިލްމީ ބުނެލިއެވެ. “އެހެންވީމަ.. މީނައާއި ބެހޭ މައުލޫމާތު ލިބިއްޖެތަ..” ފައިސަލް ފޮޓޯއަށް ބަލާލަމުން ބުނެލިއެވެ. “އާދެ.. ބޭނުންވާ ހުރިހާ މައުލޫމާތެއް…” ހިލްމީ ބުނެލިއެވެ. “އެހެންވީމަ ހިނގާ ބައްދަލު ކުރަން ދަމާ ދޯ…” ފައިސަލް ފާތުމަގެ ގެއިން ނިކުންނަމުން ބުނެލިއެވެ. ހިލްމީވެސް ބޭރަށް ނިކުތެވެ. އޭރުވެސް ޖައިލަމްގެ ކޮޓަރިގައި ދެތިން ފުލުހުން ހަރަކާތް ތެރިވަމުން ދިޔައެވެ.
*********
އަހަރެންނަށް ހޭވެރިކަން ވި އިރު އަހަރެން އޮތީ ވަރަށް އަދިރި ތަނެއްގައެވެ. ދެލޮލަށް އެއްވެސް އެއްޗެއް ފެންނަ ގޮތެއް ނުވިއެވެ. އަތުން މަޑުމަޑުން ތަންތަނުގައި ހާކާލީމެވެ. އެތަނުގެ ހުރި އަޑިގުޑަން ކަން އަހަރެންނަށް އިހްސާސްވިއެވެ. އެއީ ހިލައިގެ ތަނެއްކަން އަހަރެންނަށް އެގުނީ އެތަނުގައި އަތްޖަންސަން ފެށުމުންނެވެ. އޭރުވެސް މީހާގެ ބޮލުގައި ވަރަށް ރިއްސަމުން ދިޔައެވެ. ވާން އުޅެނީ ކީއްކަން އަހަރެންނަކަށް ނޭގެއެވެ. މަޑުމަޑުން އަދިރި ތެރެއަށް ލޯ ހޭނެމުން ދިޔަ ވަރަކަށް އެތަނުގެ ބޮޑުމިން އެގެމުން ދިޔައެވެ. އެއީ ބޮޑު ހޮހަޅައެއް ކަހަލަ ތަންގަނޑެކެވެ. އެއްވެސް އަލިކަމެއް ވަންނަން ނެތް އިރު އެތަނުގައި ވަނީ މަޑު ފިނިކަމެއް ހިފާފައެވެ. އަހަރެން މަޑުމަޑުން ބުރަކަށި އެއްފަރާތެއްގައި ޖައްސާލީމެވެ. އަހަރެންގެ ރައްޓެހިން އަހަރެން ހޯދުމަށްޓަކައި މަސައްކަތް ކުރަމުންދާ ވާހަކަ ފަރީޤް އޮތީ ބުނެފައެވެ. އަނެއްކާ އެމީހުންނަށް އަހަރެން ދޭން އުޅުނު މެސެޖް ލިބުނު ބާއެވެ. ކޮޓަރީގެ އެނދުގެ ފިލާގަނޑުގައި އެގި ގޮތްގޮތަށް ހަދާފައި ހުރި ޗާޓްގެ މާނަ ނަގައިގަނެވުނު ބާއެވެ. އެމީހުންނަށް އޭގެ މާނަ އެނގޭނަމަ އެމީހުން އަހަރެން ހޯދުމުގެ މަސައްކަތް ވަގުތުން ހުއްޓާލާނެއެވެ. އޭރުން އެމީހުންނަށް އަނިޔާއެއް ނުލިބި ސަލާމަތް ވާނެއެވެ. އެކަމަކު އޭގެ މާނަ ނޭނގޭނަމަ.. އެމީހުން އަހަރެންގެ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނަމަ.. އެމީހުން އެކި މީހުންނާއި ސުވާލު ކުރަމުން ދާނަމަ ފަރީޤް އަށް އެނގޭކަށް މާ ގިނަ އިރެއް ނުވާނެއެވެ. އަދި އަމުދުން ނާޝިދުއާއި ސުވާލު ކޮށްފިނަމަ.. އަހަރެންނަށް މައިނޭވާއެއް ލެވުނެވެ. ހެއްދެވި ފަރާތް މަތިން ހަނދާން ކޮށްލެވުނެވެ. އަހަރެންގެ ރައްޓެހިން ސަލާމަތް ކޮށްދެއްވުން އެދި ދުޢާ ކުރެވުނެވެ.
ނުނިމޭ….
8 Comments!
Comments are closed.
V vv nice..
Dhn kn orakuntha nxt patr up kh dheyny
Umm interesting.. Keep it up..
V v v rythi mi part vx… Faai v v wait kohfin up kuraane irakah… Thanks,, n next part ehaa las nukurahche…plx
Im So intresting
ނީމް އަނެއްބައި އިރާދަކުރެއްވިއްޔާ ބުދަ ނޫނީ ބުރާސްފަތި ދުވަހު ގެނެސްދޭނަން އިނގޭ.
ލަސް ނުކޮށް ގެނެސްދެވޭތޯ ޓްރައި ކުރާނަން އިނގޭ ފައި
ވަރަށް ބޮޑަށް ޝުކުރިއްޔާ ހުރިހާ ކުދިންގެ ލޯބި ކޮމެންޓްތަކަށް 🙂
Vvv salhi story … love dis
oooh… nice try fantacy
vrh vrh salhi