
ނުފިލާނޭ މިހިތަކުން.. (ފަހުބައި)
ހިންދިރުވާލުމަށްފަހު، ހިތްވަރު ކޮށްލަމުން މާކިން ތުރުތުރު އަޅަމުން ދިޔަ އަތަކުން އެންމެ ފުރަތަމަ ޖެހުނު ދޮރުގެ ތަޅުގައި ހިފާލިއެވެ. އެއާއިއެކު ވަރަށް ފަސޭހައިން އެދޮރު ހުޅުވުނެވެ. ހުޅުވުނު ދޮރާއިއެކު ކޮޓަރީގެ ތެރެއިން ފެނުނު މަންޒަރަކުން މާކިން އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ. ހިނދުކޮޅަކުވެސް ބޭރުގައި މަޑުކުރުމެއްނެތި އޭނާ ކޮޓަރީގެ ތެރެއަށް ދެމިގަތީ ހަށިގަނޑުގެ އެތެރޭގައި ދައުރުވަމުން ދިޔަ ލޭ ކެކި އަރަން ފެށުމުންނެވެ. އޭނާއަށް ފެނުނީ ފުރާނަ ފަދައިން ލޯބިވާ އޭނާގެ މެހެކް، ހަށިގަނޑު ވަރުގަދަ ޒުވާން ފިރިހެނެއްގެ އަތްމަތީގައި ޚަބަރު ހުސްވެފައި އޮއްތަނެވެ. މާކިންގެ ހަޅޭކުގެ އަޑަށް ސިއްސައިގެން ދިޔަ ނަމަވެސް އެ ޒުވާނާގެ މޫނަކުން މާބޮޑު ކަންބޮޑުވުމެއް ނުފެނެއެވެ. ހަލުވި ހަލުވިކޮށް މާކިން އެތެރެއަށް ދެމިގަތް އިރު އޭނާގެ އަތްމަތީގައި އޮތް މެހެކް އެނދުމަތީގައި ބޭއްވިއްޖެއެވެ.
“ކަލޭ.. ކީއްކުރީ.. ކީއްކުރީ މަގޭ މެހެކްއަށް.. ކީއްވެ އޭނަ ގައިގަ އަތްލީ.. ކީއްވެ މިތަނަށް ގެނައީ.. ކީއްކުރީ.. ކީއްހޭ ކުރީ..” މާކިން ކޮންޓްރޯލުން ނެއްޓިފައިވާ ރުޅިގަނޑާއިއެކު އެ ޒުވާނާގެ ގަޔަށް ޖެހިގަތީ ސިންގާއެއް ފަދައިންނެވެ. ރުޅި އައިސް ތުރުތުރު އަޅަމުން ދިޔަ ހާލު އެޒުވާނާ ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފާ އަޑުގެ ކޮޅަށް ހަޅޭއްލަވަން ފެށިއިރު އޭނާގެ ރަތްވެފައި ދެލޮލުން ރުޅިވެރިކަމާއި ވޭނުގެ ކަރުނަ ހިލިއްޖެއެވެ. އެހެން ނަމަވެސް އެޒުވާނާގެ ވަރުގަދަ ދެއަތުން މާކިންގެ ދެއަތުގައި ހިފާ ދުރަށް ލާކަށް މާ އުނދަގުލެއް ނުވިއެވެ. މާކިންގެ ރުޅިވެރިކަން ފެނި ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް އެމޫނުމަތިން ފެނުނު ކަމުގައި ވިޔަސް ޖެހިލުންވުމުގެ ކުޑަވެސް ކުލަވަރެއް އެ މޫނަކު ނެތެވެ.
“މާކިން.. ދޯ؟..” ރުޅީގެ ސަބަބުން ހަރަކާތްތައް ހަމައިން ނެއްޓިފައިވާ މާކިންގެ އަތުން ދޫކޮށްލުމެއްނެތި އެ ޒުވާނާ ވާހަކަ ދެއްކިއެވެ. އޭނާގެ އަޑުގައި ހުރި ޖެހިލުން ކުޑަކަމާއި، އިހްތިރާމްގެ ގޮތްގަނޑުން މާކިންއަށްވެސް ހަރަކާތްތައް މަޑު ޖައްސާލަން މަޖުބޫރުވިއެވެ.
“ލުކް.. އަހަރެން.. އައި އޭމް ޖައިލަމް.. އެކުއްޖާ އޮތް ގޮތަށް ބަލާލާފަ ހީވޭތަ އަހަރެން ކަމެއް ކުރިހެން..” ޖައިލަމް މެހެކްއަށް ލޮލުން އިޝާރާތް ކޮށްލަމުން ވަރަށް މަޑުމައިތިރި އަޑަކުން އަހާލިއެވެ. އެއާއިއެކު އެނދުމަތީގައި ޚަބަރު ހުސްވެފައި އޮތް މެހެކްގެ މޫނަށް އަނެއްކާވެސް މާކިން ބަލާލިއެވެ. ތެމިފައިވާ އެސްފިޔަތަކާއިއެކު ލޯ މެރިފައި އޮތް އިރުވެސް އެމޫނުމަތިން ބިރުވެރިކަން ފެނެއެވެ. ބުރުގާއާއިއެކު ހެދުމަށްވެސް މާ ބޮޑެތި ބަދަލުތަކެއް އައިސްފައި ނެތުމުން މާކިންއަށް ކޮންމެވެސް ވަރަކަށް ޖައިލަމްގެ ވާހަކަ ގަބޫލު ކުރުވޭގޮތްވިއެވެ. އެހެން ނަމަވެސް އޭނާ އެ ޒުވާނާއަށް އިތުބާރު ކުރާކަށް ބޭނުމެއް ނުވިއެވެ. އޭނާގެ ޣައިރު ޙާޟިރުގައި އޭނާގެ މެހެކް ކުރިމަތިލީ ކޮންފަދަ އަނިޔާއަކާއި ކަމެއް ވެސް ނޭނގެއެވެ. ހިތައް އަރަން ފެށި އެއްޗަކުން މާކިން ދެދަތްޕިލަ ޖައްސާފައި އަނެއްކާވެސް ތެޅިގަތެވެ. އެހެން ނަމަވެސް އޭނާގެ ކުރިމަތީގައި ހުރި ޖައިލަމް އެއަށްވުރެ މާ ހުޝިޔާރެވެ. ފަސޭހަކަމާއިއެކު މާކިންގެ ދެއަތު މުލައްދަނޑީގައި ހިފާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.
“މާކިން.. މާކިން.. އަހަރެންނަށް އިނގޭ އަހަރެން ދައްކާ ވާހަކަ މާކިންއަށް ގަބޫލު ނުކުރުވޭނެކަން.. އެކަމު އެއް ފަހަރު އަޑު އަހާ.. އަހަރެންނަކީ ބިލާލްގެ މުވައްޒަފެއް.. ސިއްރު މުވައްޒަފެއް އަސްލު.. ވަރަށް ގިނަ.. ވަރަށް ގިނަ ގާނޫނާއި ޚިލާފު ކަންކަން އަހަރެން ލައްވާ ބިލާލް ކުރުވާ.. މިކަހަލަ ކަންކަން.. ކުރީކޮޅު ކުރަންވެސް ކުރަން.. އެކަމަކު މިހާރަކު ނުކުރަން..ބިލާލްއަށް ނޭނގި ނަމަވެސް ބިލާލްގެ މުވައްޒަފެއްގެ ގޮތުގައި ހުރެ އަހަރެން މުޅިންވެސް އަމަލު ކުރީ އޭނާއާއި ދެކޮޅަށް.. ހައްގާއި އެއްކޮޅަށް.. މީހުންނަށް ބިރު ދެއްކުމާ.. މީހުން ބްލެކްމެއިލް ކުރުމާ.. އެކަހަލަ ކަންކަން އަހަރެން ލައްވާ ކުރުވަނީ… މިރޭ ބިލާލް އަހަރެންނަށް ގުޅީ މި އަންހެން ކުއްޖާއާ ހަވާލުވާން.. އޭނާގެ ގަދަރު ވެއްޔާ މޮޑެލަން.. ދުވަސް ދުއްވާލަން.. އެކަމު..މިކުއްޖާ ގޮވައިގެން އަހަރެން މިތަނަށް ވަނީ އެއްގޮތަކަށްވެސް ގޯސް ނިޔަތެއްގަ ނޫން.. ބިލާލް ފުށުން ސަލާމަތް ކޮށްދޭން.. އެއްވެސް ގެއްލުމެއް.. އެއްވެސް ކަމެއް އަހަރެން އެކުއްޖާއަށް ނުކުރަން.. ގަބޫލު ކުރޭ.. މިތަނަށް ގެނައިއްސުރެ އެ ކުއްޖާ ރުއީ.. ހުއްޓާ ނުލާ ރުއީ.. މާކިންއަށް ގޮވީ.. އަހަރެންނަށް އާދޭސް ކުރީ މާކިން ގެނެސްދޭން.. އެހެން އުޅެނިކޮށް އެ އަނބުރައިގަތީ.. ހީވަނީ ނުކައި މާ ގިނަ އިރު ވީހެން.. މީ ކަން ވީ ގޮތް.. ހޭ އެރީމަ އަހާ އޭނަ ކައިރި.. އޭނަގެ ޖަވާބު ލިބެންދެން އަހަރެން ހުންނާނަން.. ބިލީވް މީ..” ޖައިލަމް ދައްކަމުން ދިޔަ ވާހަކަ އަޑު އަހަން މާކިން ހުރީ ވަރަށް ފަރުވާތެރި ކަމާއިއެކުއެވެ. އޭނާގެ ވާހަކަ ދެއްކުމުގައި ހުރި ގާތްކަމާއި، މަޑުމައިތިރިކަމުން ވަރަށް ފަސޭހައިން މާކިންއަށް އޭނާގެ ވާހަކަތައް ގަބޫލު ކުރެވުނެވެ. ހިތާމައިން ފޯވެފައި ވާހާލު މޫނުގައި އަތް ހިންގާލަމުން މާކިން މެހެކްގެ ގާތުގައި އިށީނދެލިއެވެ. ކަރުނައިން ތެމިފައިވާ އެސްފިޔަތައް ލެއްޕިފައި ވާއިރުވެސް އެދެލޮލުގެ ރީތިކަން ފަނޑުވެގެން ނުދެއެވެ. މާކިންގެ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން މެހެކްގެ ކޯތާފަތުގައި އަތް ބާއްވާލިއެވެ. އޭނާގެ މެހެކް އޭނާއަށް މަޢާފް ކުރާނެ ހެއްޔެވެ؟
މާކިން މެހެކް ގޮވައިގެން ހޮސްޕިޓަލަށް ދިއުމަށްފަހު ގަޑިއެއްހާ އިރުވީއެވެ. އެހާއިރު ވީއިރު އިޝާންއާއި ޝުބާވެސް ހޮސްޕިޓަލަށް އަތުވެއްޖެއެވެ. އަދި ޖައިލަމްވެސް އޭނާ ބުނިފަދައިން މެހެކް ހޭ އަރަންދެން ހޮސްޕިޓަލުގައި މަޑުކޮށްލައިގެން ހުއްޓެވެ. ޑޮކްޓަރުގެ ބެލުމުގެ ދަށުން މެހެކް ގައިގައި ވަރު ޖެހެންދެން އެޑްމިޓް ކުރަން އެދުމުން، މެހެކްއަށް މާ ބޮޑު ގެއްލުމެއް ނުވާކަން ޔަގީންވެ މާކިން ހުރީ ކޮންމެވެސް ވަރަކަށް ހަމަޖެހިފައެވެ. މެހެކްގެ އަތުގައި ހިފަހައްޓާލައިގެން، އެ ވަރުބަލުވެފައިވާ މޫނުން ނަޒަރު ވަކިކޮށްލުމެއްނެތި މާކިން އިންތިޒާރު ކުރަމުން ދިޔައީ މެހެކް ލޯ ހުޅުވާލާނެ ވަގުތަކަށެވެ. އޭރު އިޝާންއާއި ޝުބާވެސް މެހެކް އޮތް އެނދާއި ތަންކޮޅެއް ދުރުގައި ޖައިލަމްއާއި ވާހަކަ ދައްކަން މަޑުކޮށްލައިގެން ތިއްބެވެ. ކަންތައްތައް ވީގޮތް މާކިންގެ ފަރާތުން އެނގުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިފައިވީ ނަމަވެސް މެހެކްގެ ހާލު ރަނގަޅު ނުވާތީ އަދި އެމީހުންނަށްވެސް ހަމަ ޖެހިއެއް ނުލެވެއެވެ. ވަގުތު އެހިސާބަށް ދިޔައިރު ޓީވީ ޗެނަލްތަކުގައި، މަޝްހޫރު ވިޔަފާރިވެރިޔާ ބިލާލް އާދަމް ހައްޔަރު ކުރެވުނު ޚަބަރާއިއެކު، ސޯޝަލް މީޑިއާއަށް މާކިން ދޫކޮށްލި ލައިވް ވަނީ އާންމުވެފައެވެ. އެހެން ނަމަވެސް މާކިންއަށް މިވަގުތު އެ ކަންތައްތައް މުހިންމެއް ނޫނެވެ. މިވަގުތު އޭނާއަށް މުހިންމީ އޭނާގެ މެހެކްއެވެ. މެހެކްގެ މަޢާފެވެ.
ކަރުނައިން ތެމިފައިވާ އެސްފިޔަތައް ތަޅުވާލުމަށްފަހު މެހެކް ލޯ ހުޅުވާލީ މާކިން އޭނާގެ ދެއަތުގެ ތެރޭގައި މެހެކްގެ އަތްތިލަ ހައްޔަރުކޮށްލައިގެން އެމޫނަށް ބަލަހައްޓައިގެން އިންދައެވެ. މެހެކް ލޯ ހުޅުވާލަން އުޅުމާއިއެކު އޭނާގެ މަޑުޖެހިފައިވާ ހިތުގެ ހިނގުން ބާރުވެލާ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ކޮންމެވެސް ވަރެއްގެ އުނދަގުލަކާއިއެކު ކުޑަކުޑަކޮށް ލޯ ހުޅުވާލި މެހެކް ކުޑަކުޑަކޮށް ކުކުރާލަމުން ބޯ ހިއްލާލަން މަސައްކަތް ކޮށްލުމާއިއެކު އޭނާގެ އަތުގައި ހިފަހައްޓާލައިގެން އިން މާކިން ފެނުނެވެ. އެއާއިއެކު އޭނާގެ ހަރަކާތްތައް ވަގުތުން ހުއްޓި، ދެފަހަރަކު އެސްފިޔަ ޖަހާލަމުން މާކިންއާއި ނަޒަރު ސީދާކޮށްލިއެވެ. ހަމަ އެވަގުތު އޭނާ އަނބުރައިގަތުމުގެ ކުރީގައި ވެގެން ދިޔަ ހުރިހާ ކަމެއް ހަލުވިކަމާއިއެކު އޭނާގެ ސިކުނޑިއަށް ޖަމާވެލައިފިއެވެ.
“މާކިން.. މާކިންގެ ބައްޕަ.. ބައްޕަ..” މެހެކް އަވަސް އަވަހަށް ތެދުވެ މާކިންގެ އަތުގައި ބާރަށް ހިފަހައްޓާލަމުން ބުނެލިއެވެ.
“ހުރިހާ ކަމެއް އޯކޭ.. ހަމަ ޖެހިލަބަލަ.. މެހެކްއަށް ކިޔާދޭނަމޭ..” މާކިން މަޑުމަޑުން ތެދުވެ މެހެކް އެނދުގައި ބާއްވާލަމުން ވާހަކަ ދެއްކިއެވެ. އޭރު މެހެކް ހޭއެރިކަން އެނގިގެން ދުރުގައި ތިބި އިޝާންއާއި ޝުބާ އަދި ޖައިލަމްވެސް އެތަނަށް އަތުވެއްޖެއެވެ.
“މީ.. އެތާ.. ކޮޓަރިއަކަށް..” ޖައިލަމް ފެނުމާއިއެކު މެހެކް މާކިންގެ އަތަށް ބާރުކޮށްލަމުން އޭނާއަށް އިޝާރާތްކޮށްލިއެވެ. އެއާއިއެކު މާކިން ވިސްނުންތެރިކަމާއިއެކު ޖައިލަމްގެ ފަރާތުން އެއްވެސް ގެއްލުމެއް ވީތޯ މެހެކްއާއި ސުވާލުކޮށްލިއެވެ. އެވަގުތު އޭނާގެ ޖަވާބަކަށް ވީ ޖައިލަމް އޭނާ އެ ކޮޓަރިއަށް ގެންދިއުމަށްފަހު އިތުރަށް އެއްވެސް ކަމެއް ނުކުރާ ކަމުގައެވެ. މެހެކްގެ އެ ޖަވާބު ލިބުމާއިއެކު މާކިން ލޮލުގެ އިޝާރާތުން އޭނާ ޖައިލަމްގެ ވާހަކަ ގަބޫލުކޮށްފީމޭ ބުނާފަދަ ގޮތެއް ހަދާލިއެވެ.
“ޓޭކް ކެއަރ ގާރލް.. ޔުއަރ މާކިން އިޒް ހިއަރ..” ހިނިތުން ވެލުމަކާއިއެކު މާކިންގެ ކޮނޑުގައި ޖަހާލަމުން ޖައިލަމް އެތަނުން ދިއުމުން އެ ހަތަރު މީހުންނަށް އެކަހެރި ވެލުމަށް ފުރުސަތު ލިބުނެވެ. އެހެން ނަމަވެސް މެހެކްގެ ހާލަތު މުޅިން ރަނގަޅު ނުވާތީ ހޮސްޕިޓަލުން ދޫކޮށްލަންދެން އެމީހުން މާ ގިނަ ވާހަކަތަކެއް ނުދައްކައެވެ.
މެހެކް ހޮސްޕިޓަލުން ދޫކޮށްލީ ދެގަޑިއެއްހާ އިރު ފަހުންނެވެ. އޭރުވެސް ހަށިގަނޑުގައި ވަރުބަލިކަން ހުރި ނަމަވެސް ކުރިއާއި ބަލާފައި އޭނާގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅެވެ. އެހާއިރު ވީއިރު ޚަބަރުތައް ފެނިގެން ކައިސްއާއި ނާޔާވެސް މެހެކްއަށް ގުޅައިގެން ވީނުވީ އޮޅުން ފިލުވައިފިއެވެ. އަދި އޭނާ މިވަގުތު ހުރީ މާކިންގެ ބެލުމުގެ ދަށުގައިކަން އަންގަމުން ކައިސްގެ ހިތްހަމަ ޖައްސައިދިނެވެ.
މެހެކް ގޮވައިގެން މާކިންއާއި ޝުބާ އަދި އިޝާންއަށް ގެއަށް ދެވުނުއިރު ވަރަށް ބޮޑަށް ލަސްވެއްޖެއެވެ. ގެއަށް ވަދެވުމާއިއެކު މާކިންއާއި މެހެކްއަށް ވަގުތު ދިނުމަށްފަހު ޝުބާއާއި އިޝާން އެމީހުންގެ ކޮޓަރިއަށް ވަދެއްޖެއެވެ. އޭރު މެހެކް އާއި މާކިން ތިބީ ސިޓިންގ ރޫމް ސޯފާގައި އިށީނދެލައިގެންނެވެ. އެދެމެދަށް ވެރިވެފައިވާ ނުތަނަވަސް ހިމޭންކަމާއިއެކު ދެމީހުންކުރެ އެކަކުވެސް އަނެކަކާއި ދިމަ އިސް އުފުލާ ބަލައެއް ނުލިއެވެ. ހަގީގަތުގައި މެހެކް އިންތިޒާރު ކުރަމުން އެދަނީ މާކިން އިސްވެ އޭނާއާއި ވާހަކަ ދައްކާނޭ އިރަކަށެވެ. ވީ ގޮތެއް، ވާންވީ ގޮތެއް އަންގާލުމަކާއި ނުލާ، ހަތަރު އަހަރު ވީ އިރުވެސް އެކަނި ހާލަށް އޭނާ ދޫކޮށްލާފައި މާކިން އުޅެމުން ދިޔައީ އުފަލުގައި ކަމުގައި ނުވިޔަސް އޭނާއަށް މިވަގުތު މާކިންދެކެ ރުޅި އައުމުގެ ހައްގު އެބަ އޮތެވެ. މާކިންއަށްޓަކައި އެހިތުގައި ނަފްރަތު ނުވިޔަސް، އެތައް އެތައް ޝަކުވާއެއް އެބަހުއްޓެވެ. އޭނާގެ ހައްގުގައި މަޖުބޫރުވެގެން މާކިން އޭނާއާއި ދުރަށް ދާން ޖެހުމުން އޭނާއަށް އަންގާލި ނަމައެވެ. އެވާހަކަ ބުނެލި ނަމައެވެ. އޭނާއަށް ކެތްކުރުވޭނެ ކަމަށް ޔަގީން ކުރި ނަމައެވެ. އޭނާއަށް އިތުބާރު ކުރި ނަމައެވެ.
ހިތައް އަރަމުންދިޔަ ޝަކުވާތައް ގިނަވާން ފެށުމާއިއެކު އިސާހިތަކު މެހެކް ލޯ ފުރިގެން ބަނޑުން ވެއްޖެއެވެ. މަޑު މަޑު ގިސްލުމަކާއިއެކު ދެތުންފަތުގައި ތުރުތުރެއް އުފެދިއްޖެއެވެ. އެއާއިއެކު އޭނާއާއި ނުހަނު ކައިރީގައި އިސްޖެހިފައި އިން މާކިންއަށް ތުންފަތުގައި ދަތް އަޅާލަމުން ލޯ މަރާލެވުނެވެ. އަދި ނުތަނަވަސްކަމާއިއެކު ލަސްލަހުން މެހެކްގެ އަތް އޭނާގެ ދެއަތުގެ ތެރެއަށް ލުމަށްފަހު އެ ނާޒުކު އަތުގައި ތުންފަތް ޖައްސާލިއެވެ. މާކިންގެ އެ ހަރަކާތުގެ ސަބަބުން މެހެކްގެ ގިސްލުމުގެ އަޑު ވީ ގަދައެވެ. އެ މޫނަށް ނުބެލި ކަމުގައި ވިޔަސް އެ ގިސްލުމުގެ އަޑު އިވުމުން އޭނާ ހިތުގައި ޖެހިފައިވާ މިންވަރު މާކިންއަށް އަންދާޒާކޮށްލެވުނެވެ.
“އަހަންނަށް.. މަޢާފް ކުރޭ މެހެކް.. މަޢާފް ކުރޭ.. އަހަންނަކީ ކުއްވެރިއެއް.. ބޮޑު.. ބޮޑު ފިނޑިއެއް.. މެހެކް…” މާކިންގެ އަޑު ބެދިއްޖެއެވެ. އެއާއިއެކު މެރިފައިވާ ދެލޮލުގެ ތެރެއިން ފޫ އަޅުވާލާފައި ނުކުތް ހޫނު ކަރުނަތައް އޭނާގެ އަތުގެ ތެރޭގައި އޮތް މެހެކް އަތުގެ ތެރެއަށް ހިނދެމުން ދިޔައެވެ. އެ ކަރުނަތަކުގެ އިހުސާސްވުމާއިއެކު މެހެކްގެ ކެތްތެރިކަން ކޮޅުން ލިއެވެ. ބާރު ބާރަށް ރޮއިގަންނަމުން މާކިންގެ އަތުގެ ތެރޭގައި ބޮނޑިވެލިއިރު އޭނާގެ ހަށިގަނޑު ތުރުތުރު އަޅައެވެ. އެއާއިއެކު މެހެކްގެ ލޫޅާފަތި ހަށިގަނޑުގައި ބާރަށް ބައްދާލި މާކިންއަށްވެސް އަޑުން އަޑު ނަގާ ރޮއިގަނެވުނެވެ.
އެގޮތުގައި އެތައް އިރަކު އެދެމަފިރިން ތިއްބެވެ. ކަރުނަ އަޅާ، ބާރު ބާރަށް ރުޔެވެ. މެހެކްގެ ހިތުގައިވާހާ ޝަކުވާއެއް ބޭރުކުރިއެވެ. މާކިންދެކެ އޭނާ ރުޅި އައިސްފައިވާކަން ހާމަ ކުރިއެވެ. މާކިންއާއި ނުލާ އުޅެން ޖެހުނު ދަތިހާލު ކިޔައިދިނެވެ. މާކިންއަށްޓަކައި އިންތިޒާރު ކުރި ވަރު ބުނެދިނެވެ. މެހެކްގެ އެހުރިހާ ޝަކުވާއެއް މާކިން ކެތްތެރިކަމާއިއެކު އަޑުއެހިއެވެ. އެތައް ފަހަރަކު މަޢާފަށް އެދުނެވެ. އޮޅުވާލެވުނީތީއެވެ. ދުރަށް ދެވުނީތީއެވެ. އަޅާލުން ނުދެވުނީތީއެވެ. ފިނޑިއަކަށް ވެވުނީތީއެވެ. މެހެކްގެ ކޮންމެ އަދަބަކަށްވެސް އޭނާ ހިތުން ރުހުމުން ގަބޫލު ކަމުގައި ބުނަމުންނެވެ. އޭނާގެ ނޭވާ ހިނގާހާ ހިނދަކު، އެހިތުގެ ވިންދު ހިނގާހާ ހިނދަކު، ދެން ދުވަހަކުވެސް، އެންމެ ވަގުތުކޮޅަކަށްވެސް މެހެކްއާއި ވަކި ނުވާނެ ކަމަށް ބުނަމުންނެވެ.
ދުވަސްތައް ހިނގަމުން މާޒީއާއި އެކުވަމުން ދިޔައެވެ. ބިލާލްގެ ޝަރީއަތްތައް އެކި ދުވަސް ދުވަހަށް ލަސް ކުރަމުން ދެއެވެ. އޭނާއަށް ހައްގު އަދަބު ދިނުމަކީ ފަސޭހަ ކަމަކަށް ނުވާނެކަން މާކިން ދެނެހުއްޓެވެ. އެހެން ނަމަވެސް ޖަލުން ނުކުތަސް، ދެން އޭނާއަށް ކުރިން އުޅުނުހާ ހާމަކަން ބޮޑު ގޮތުގައި މާކިންއަށް ބިރު ދައްކަން ނުކެރޭނެކަންވެސް އޭނާއަށް އެނގެއެވެ. އެހެން ކަމުން މިހާރު އޭނާ ބައްޕައާއި މެދު ވިސްނުން ހުއްޓާލައިފިއެވެ. މިހާރު އޭނާގެ ހަމައެކަނި މަގްސަދަކީ މެހެކްއާއިއެކު ލޯބިވެތި، އުފާވެރި ދިރިއުޅުމެއް އުޅުމެވެ.
މާކިންއާއި މެހެކްގެ ހަޔާތަށް އައި ވަރުގަދަ ހައިޖާނު ގަނޑަށްފަހު އެންމެ ފަހުން އެދެމީހުންގެ ދިރިއުޅުން ހަމައަކަށް އެޅެން ފަށައިފިއެވެ. ޝުބާއާއި އިޝާންއާއި އެކު މާކިންއާއި މެހެކް އުޅެމުން ދިޔައީ މާކިންމެން ކުރިންވެސް އުޅެމުންދިޔަ އެޕާޓްމެންޓްގައެވެ. މެހެކްއަށް ވަގުތު ހުސްކުރުމަށް އޮފީހުން ޗުއްޓީ ނަގައިގެން މާކިން އުޅެމުން ދިޔައީ މެހެކްގެ ޚިދުމަތުގައެވެ. ލޯތްބާއި އަޅާލުން ދިނުމުގައެވެ. އެހެން ނަމަވެސް އަދިވެސް ދޭތެރެ ދޭތެރެއިން މާކިންއާއި ދޭތެރޭ މެހެކްގެ ހިތުގައި އުފެދިފައިވާ ޝަކުވާތައް ބޭރުކޮށްލައެވެ. އެކަމާއި މާކިން ކުޑަކޮށްވެސް ރުޅިއެއް ނާދެއެވެ. އޭނާގެ ސަބަބުން މެހެކްގެ ހިތުގައި އުފެދުނު ލަކުނު އެހާ އަވަހަށް އެހިތުން ނުފިލާނެކަން އޭނާ ގަބޫލު ކުރެއެވެ. އެހާ ދުވަހު، އެހާ އެކަނިވެރިކަމާއިއެކު އުޅެމުންވެސް ހަމައެކަނި މާކިންގެ ހައްގެއްގެ ގޮތުގައި މެހެކް ހުރެދިނުމަކީ އޭނާ ތާއަބަދަށް މެހެކްއަށް ޝުކުރުވެރިވާނެ ކަމެކެވެ. އެ ގެއްލުނު ދުވަސްތައް އަނބުރާ ހޯދައި ނުދެވުނަސް އެދުވަސްތަކަށް މަޢާފަށް އެދުމަކީ މާކިން އުމުރު ދުވަހަށްވެސް ކުރާނެ ކަމެކެވެ.
“މާކިން..” މެހެކް ފާހާނާއިން ނުކުތުމާއިއެކު އެނދުމަތީގައި އިން މާކިންއަށް ފުންމައިގެން ކޮޅަށް ތެދުވެވުނެވެ. އަދި ހިން ދިރުވާލާ، ދެލޯ ބޮޑުކޮށްލަމުން މެހެކް އަތުގައި އޮތް ޕްރެގްނެންސީ ކިޓަށް އިޝާރާތް ކޮށްލިއެވެ. އޭރު ހިނިތުންވެގެން ހުރި މެހެކްގެ ދެލޮލަށް ކަރުނަ ޖަމާވާން ފަށައިފިއެވެ. އަދި ލަސްލަހުން މާކިންގެ ގާތަށް އައުމަށްފަހު ކިޓް ދައްކާލަމުން “އައިމް ޕްރެގްނެންޓް” އޭ މަޑުމަޑުން ބުނެލިއެވެ. އެއާއިއެކު މާކިންއަށް ވީގޮތެއްވެސް ނޭނގުނެވެ. ބާރުބާރަށް ހޭން ފެށުމާއެއިއެކު އޭނާގެ އަތްމައްޗަށް މެހެކް ނަގާ ކުޑަ ގޮތަކަށް އެނބުރިލިއެވެ.
“އަލްހަމްދު ލިﷲ.. ތޭންކްސް މެހެކް.. އައި ލަވް ޔޫ.. އައި ލަވް ޔޫ ސޯ މަޗް..” މޭގެ ތެރޭގައި މެހެކް ބޮނޑިކޮށްލަމުން މާކިން އުފާވެރިކަމާއިއެކު ބުނެލިއެވެ. “އައި ލަވް ޔޫ ޓޫ..” އުފާވެރިކަމުގެ ކަރުނައާއިއެކު މެހެކް ޖަވާބުދިނެވެ.
އެދެމަފިރިންނަށްޓަކައި އެކަކު އަނެކަކީ އެކަކު އަނެކަކުގެ ދިރިއުޅުމެވެ. އެކަކު އަނެކަކާއި އެކުގައި ވުމަށް އެމީހުން ވީ ގުރުބާނީ ދުވަހަކުވެސް އެދެހިތުން ފިލައިގެން ނުދާނެއެވެ. އެކަކު އަނެކަކަށްޓަކައި ކުރި އިންތިޒާރު ދުވަހަކުވެސް އެދެހިތުން ފިލައިގެން ނުދާނެއެވެ. ދިރިއުޅުމުގައި އަންނަ ކޮންމެ ގޮންޖެހުމެއްގައި، އެކަކު އަނެކަކު ދެކެ ރުޅި އާދެވޭ ކޮންމެ ހިނދެއްގައި އެދެމީހުން ވަކިވީ ދުވަހު އުޅުނު ހާލު ހަނދާން ކުރާނެއެވެ. މެހެކްއަކީ މާކިންގެ ދުނިޔެއެވެ. މާކިންއަކީ މެހެކްގެ ދިރިހުރުމުގެ ބާރެވެ. އަބަދުގެ އަބަދަށްވެސް އެދެހިތުގައި އެކަކު އަނެކަކުގެ ނަން ނުފިލާނެ ފަދައިން ލިޔެވިފައި ވާނެއެވެ.
ނިމުނީ