އިމްތިޙާން 43
“ފާއިދު! ދަރިފުޅު މީހަކާ އިންނަންވީނު؟” ސީމާ ބުނެލި ޖުމްލައިން ފާއިދު ސިއްސައިންގޮސް ބަލައިލިއެވެ.
ފާއިދުގެ ކުރިމަތީގައި ސީމާ ސުވާލެއް ކޮށްފިނަމަ ނޫނީ ފާއިދަށް ނިސްބަތްކޮށް އެއްވެސް އެއްޗެއް ބުނެފިނަމަ ހަނު ހުރުމަކީ ފާއިދުގެ އާދައެއް ނޫނެވެ. ކޮންމެޔަކަސް މަންމައަކަށް ދޭންޖެހޭ ވަރުގެ ޤަދަރަކާ އިޙްތިރާމެއް ފާއިދު ސީމާއަށް ދެނީ ނުހަނު ލޯބިންނެވެ. އެހެންކަމުން ފާއިދު އަބަދުވެސް ވިސްނަނީ، ފާއިދު އަނގައިން ނުބުނެ ހުރެއްޖެނަމަ ސީމާ ދެރަވެދާނެ ކަމަށެވެ.
“ދައްތާ! ހަމަ އަސްލުވެސް ތިކަމާ އުޅެންވީތަ؟ އަހަރެންމީ ބައްޕަވެސް ނެތް ކުއްޖެއް. އަނެއްކޮޅުން މިހާދުވަސް ވީއިރު އަހަރެންގެ މަންމަ ނޭނގެ ދުނިޔޭގަ ހުރިކަމެއްވެސް. އެހެންވެ އެހުރިހާކަމަކާ އަހަރެން ޖެހިލުންވޭ. ބައެއް ރައްޓެހި ކުދިން އަހަންނާ އެއްކޮށް އުޅުނަސް އަސްލު އަހަންނާ ދޭތެރޭ އެހެން ގޮތަކަށް ދެކެނީ. އެކަމު އަހަރެންގެ ދިފާޢުގަވެސް އެއްބަޔަކު ވާހަކަ ދައްކާ.. ދައްތާ! މީހަކާ ކައިވެނި ކުރަންޏާ އަންހެން ކުއްޖާގެ އާއިލާއަށް މިކަންކަން އެނގެން ޖެހޭނެ. އަހަރެން ވަރަށް ލަދުގަނޭ އެކަމާ.” ފާއިދު އައިސް ސޯފާގައި އިށީންދެ ސީމާގެ އަތްތިލައިގާ ހިފާލަމުން އުދާސްތައް ބޭރުކުރަން ފެށިއެވެ.
“ތީގަ ނެތޭ ދަރިފުޅުގެ އެއްވެސް ކުށެއް.. ތިކަމާ އެވަރަށް ނުވިސްނާ.. ކޮންމެ މީހެއްގެވެސް އޮންނާނެ ހިތްހަމަ ނުޖެހޭ ކަޅު މާޒީއެއ.ް ފަހަރެއްގަ އެތައް ޞަފްހާއެއްގަވެސް އެވާހަކަތައް ލިޔެވިދާނެ. ކިތަންމެ މޮޅު ގަލަމަކުން ވަރަށް ރީތި ފޮތެއްގަ ލިޔުނަސް އެވާހަކަތައް ދެން އިތުރަށް މޮޅުވެފަ ރީތި ކުރެވިދާނެތަ؟.. ނުކުރެވޭނެދޯ؟.”
“ދަރިފުޅާ! އެހެންވީމަ އެއީ އެއްވެސް މައްސަލައެއް ނޫން. އެކަމަކު ދެންޖެހޭނީ އެކަމުގެ ސަބަބުން މުސްތަޤްބަލް އުޖާލާކުރަން ރަނގަޅު އަލިމަގެއް ހޯދަން. ފާއިދު!.. އެއްވެސް މީހެއްގެ ދިރިއުޅުމަކީ އެންމެ އުފާވެރި އެއްޗެއް ނޫނޭ. އަނެއްކޮޅުން ކޮންމެ މީހެއްގެ ދިރިއުޅުމަކީ އެންމެ ހިތާމަވެރި ދިރިއުޅުމެއްވެސް ނޫނޭ. އަބަދުވެސް ވިސްނަންވާނީ އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫންކަން.” ސީމާގެ ކަނާއަތުން ފާއިދުގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ.
“އަހަންނަށް ވިސްނިއްޖެ.. ތީ ވަރަށް ބޮޑު ތެދެއް. އެހެންވީމަ އަހަރެން އެބަޖެހޭ ހަނދާން ހުރިވަރަކުން އެ މާޒީ ކުޑަ ހިނދުކޮޅަކަށްވެސް މުސްތަޤްބަލު ތެރެއަށް ވައްދާލަން.. އެކަމަކު ދައްތައަށް ހަޤީގަތް އެނގިފަ އިނަސް.. އަހަރެން ވަރަށް.. ވަރަށް ލަދުގަނޭ އަހަންނަކީ މަންމައާ އާއިލާގެ މީހުންތިބެ މަގުމަތިވީ ކުއްޖެކޭ ބުނަން.. އަދި ބައްޕަވެސް ނެތް ކުއްޖެކޭ ބުނަން.. ދައްތާ އަހަރެން ވަރަށް ހިތްވަރު ކުރާނަން. ދައްތައަށްޓަކާ އަހަރެން ތިކަމާ ކުރިމަތިވެސް ލާނަން.” ފާއިދަށް ވިސްނުން އެންމެ ރަނގަޅަކަށް ވިސްނަމުން ބުނެލިއެވެ.
އާ ދުވަހަކަށް މަރުޙަބާ ކިޔަމުން އެހެން ދުވަހަކަށް އިރު އަރައިފިއެވެ. ފަތިސް ނަމާދުން ފައިބައިން ގެއަށް އައި ގޮތަށް
ގޯތި ތެރޭ ހުރި ޖޯލިފަތީގައި ސަމީރު އޮށޯއްވެލައިން އޮތެވެ. ތަޤްދީރުގެ ފުރިހަމަ ރޭވުންތެރިކަމާއެކު ސަމީރުގެ ޙަޔާތަށް ނަގާ ކޮންމެ ބަނަ ވިލާގަނޑަކާ ދޭތެރޭ އެތައް ގޮތަކުން ވިސްނަން އަނެއްކާވެސް ސަމީރަށް މަޖްބޫރު ވެއްޖެއެވެ.
ސަމީރުގެ ދެވަނަ ކައިވެނި ރޫޅާލަން ޖެހުމުގެ އިތުރުން ޚަދީޖާގެ ވަކިވެ ދިޔުން ސަމީރަށް އެތައް ހިތްދަތިކަމެއް ގެނުވިއެވެ. ލޯބިވާ މަންމަގެ ލޯތްބާ އުމުރު ދުވަހަށް ވަކިވާން ޖެހުމަކީ މި ދުނިޔޭގައި މީހަކު ކުރާނެ އެންމެ ހިތްދަތި ތަޖްރިބާއެވެ. ހަމަ އެފަދައިން އުންމީދާއެކު ސަމީރުގެ ހަޔާތް އާރާސްތު ކުރަން އެޅި ދެވަނަ ބިންގާވެސް ބިންހެލުމެއްގެ ސަބަބުން ރޫޅިދިއުމަކީ އުފަލެކޭ ބުނެވޭނެ ޖާގައެއް ނެތެވެ.
“ސަ.. ސަމީރު.. އަހަރެން ބޭނުން ވާހަކައެއް ބުނަން.”
ޖޯލިފަތީ ޚިޔާލެއްގެ ތެރެއަށް ގެއްލިފައިއޮތް ސަމީރު ކައިރީ އިށީންނަމުން އަފީފާ ވާހަކަ ދައްކަން ފެށިއެވެ. ޖެހިލުންވެފައިވާ އަފީފާގެ އަޑުގައިވަނީ ކުރަކި ކަމެވެ.
“ބުނެބަލަ” އަފީފާއަށް ބަލާވެސް ނުލާ އޮވެ ސަމީރު އެދުނީ އަފީފާގެ އިޚްސާސްތައް އޭނަ ބޭނުންވާ ފަދައިން ބޭރުކޮށްލުމަށެވެ.
ސަމީރުގެ މޫނުގައިވެސް ތާޒާކަމެއް ނެތެވެ. އެ އަޑުގައިވަނީ މަޑުމައިތިރިކަމުގެ އިތުރަށް ފޫހިކަމެވެ. އެހެން ގޮތަކަށް ބުނަނީނަމަ ސަމީރު ދެރަވެފައި ހުރުމުން މާބޮޑަށް ޖަޒްބާތުގައި ޖެހުނީއެވެ.
“އަހަރެން ވަރަށް އަވަހަށް ފުރާނަން.. ސަމީރު ދެރައެއް ނުވޭތަ؟” އަފީފާ ވަށްކަޅިން ބަލައިލަމުން ޖެހިލުންވެ އިނދެ އަހާލިއެވެ.
“ދެރަވިޔަސް ކީއްކުރާނީ؟ މި ދުނިޔޭގަ އެއްވެސް ހުޅުކޮޅަކީ އެއްވެސް މީހެއްގެ ޙަޔާތަށް އަބަދު އަލިކަން ދޭނެ އެއްޗެއް ނޫން… މީގެ ކުރިންވެސް އަހަރެން އެކަނި އުޅުނީމެއްނު. ދެންވެސް އުޅެވޭނެ.. ހަމަގައިމުވެސް މަރުވަންދެން އުޅެވޭނެ..
އެކަނިވެރި ދިރިއުޅުން ކަންކޭނގެ ދޯ އަހަންނާ ގުޅެނީ.. އެހެންވެ ކަންނޭނގެ އަބަދުވެސް އަހަރެން މިހާ ބާކީވަނީ… އަޅާނުލާ!! އަހަރެން ބުނީމެއްނު ކުރިންވެސް “އެހެން މީހެއްގެ އުފަލަށްޓަކާ އަހަރެންގެ ދިރިއުޅުން ހަލާކޮށްލަފާނަމޭ.” އެހެންވީމަ އަފީފާގެ އުފަލަށްޓަކާ އަހަރެންގެ ދިރިއުޅުން މިއަދު މި ހަލާކޮށްލީ.. އަފީފާ އުފަލުގަ ބަހައްޓަން.”
ސަމީރުގެ ދިރުމެއް ނެތް ދެލޮލުން ދިރުން ހުރި އެތައް ކަރުނައެއް އެއްފަރާ ބޭރުވާން އުޅޭހެން އޭނާއަށް ހީވެއެވެ.
“މާލިކްގެ މިޒާޖް އެގޮތައް ހުއްޓަ އަފީފާ ވަރަށް ކެތްކޮށްފީމެއްނު މިތާ އުޅެން. އަހަންނަށް އިނގޭ.. އަހަންނަށް ފެނޭ މާލިކް އަފީފާއާ ދިމާލަށް އެއްޗެސް ކިޔާކިޔާ ކުޑަކޮށްލާތަން. އަހަންނަށް ގަބޫލު ކުރެވޭ އަފީފާއާ ޖެއްސުން ކުރަން އޭނަ ކަންތައްތައް ކުރަމުންދިޔަ ގޮތް. މައްސަލައަކީ އަހަރެން.. އަފީފާ ކުރިން ދެއްކި ވާހަކަތައް އަހަންނަށް ޤަބޫލު ނުކުރެވުނީ.. އެދުހު އަފީފާ ބުނީމެއްނު “ކުޑައިރު ނަސޭޙަތް ދީގެން ކައިރި ކުރިއްޔާއޭ ފަހުން ނަތީޖާ ފެންނާނީ”.. އެކަމަކު މާލިކްއާ ގުޅުން ބަދަހި ކުރަން އަހަންނަށް ނޫޅެވުނީ.. މާލިކްއަކީ އެހާ ވާހަކަ ދައްކާ ކުއްޖެއް ނޫނޭކިޔާފަ އަހަންނަށް އަޅާނުލާ ދޫކޮށްލެވުނީ.. އެހެންވެ އެސޮރު އަހަންނާ އެހާ ދުރުވީ. އަހަންނަށް ރަޙުމެއް ނުކުރެ. ޤަދަރެއް ނުކުރެ. އެސޮރު އަހަންނަކަށް އިޙްތިރާމެއް ނުކުރެ.” ސަމީރުގެ ލޮލުން ފައިބަމުން ދިޔަ ފެންތިކި ފޮހެލިއެވެ.
“އަހަރެން މިއުޅެނީ މާދަން މާލެދާން. މަހޫ ބުނި އާދިލާގެއަށް ކާން ދާނަމޭ ކޮންމެ ގަޑިއަކު. އަހަރެން އަންނާނީ ދުވަސް ކޮޅަކު ތުގާ ކައިރި ހުރެލާފަ. މަންމަގެ ބައްޔަށް ބޭސްކުރަން ހަމަޖެއްސި ފައިސާއިން ސީމާއަށް އެވީ ވަރަށް ބޮޑު ގެއްލުމެއް. ފުރަން ޓިކެޓްވެސް ނަގާފަ އޮތީމަ.”
ސަމީރު ނިންމީ އަފީފާ ބަލާއައުމުގެ ކުރިން އެރަށުން ދާށެވެ. ފަހަރެއްގަ އަފީފާ އެގެއިން ނުކުމެގެން ދާ ވަގުތަކީ ސަމީރަށް ވަރަށް އަސަރު ކުރާނެ ވަގުތަކަށް ވާތީ ކަންނޭންގެއެވެ.
“އަފީފާގެ މީހުން އަފީފާ ބަލާއައިމަ ދެންދޭ.. އަފީފާ ބުނީމެއްނު ތަންކޮޅެއް ކުރިންވެސް، މާލިކް އެހެން އުޅުނަސް ކެތްކުރާނަމޭ އެކުދިން ކިޔަވާ ނިމެންދެން.. އަހަރެން ވަރަށް ބޮޑަށް ޝުކުރުއަދާ ކުރަން. އަހަންނަށް މާފްކުރޭ.. އަހަންނަށް މާލިކް އެއްލާލެވޭކަށް ނެތް.. އަފީފާ ދޫކޮށްލަން ޖެހުނަސް..” ސަމީރު އެހެން ބުނުމާއެކު އަފީފާ ރޮމުން ދުއްވައިގަތެވެ.
ހަފްތާއެއް ފަހެވެ. ސައިކަލުގައި ދުއްވާފައިދިޔަ ޝާމްގެ ފަހަތުގައި ލަހުމާ ހަމަޖެހިލަން އިނެވެ. މަގުމަތީގެ އެކި ދިމަދިމާލަށް ނަޒަރުހުއްޓަމުން ދިޔަ ލަހުމާގެ ލޮލުގައި ކުއްލިއަކަށް އަޅައިގަތީ މީގެ އެތައް އަހަރެއް ކުރިން ދެކެފަރިތަ ވެފައިވާ މޫނެކެވެ. ހިނދުކޮޅަކަށް ދިމާވި މީހެއް ނަމަވެސް އޭނާގެ ފަރާތުން ލަހުމާއަށްވަނީ އެތައް ހަނދާންތަކެއް ރައްކާކުރެވިފައެވެ. އެހާ ގިނަ ދުވަހަށް ފަހު އެމީހާ ފެނުނުމުން ލަހުމާ އެއީ ކާކުތޯ ޔަޤީން ކުރަން ބޭނުންވިއެވެ.
– ނުނިމެ –
—————–*******——–
ކޮބާ މިއޮތީ ހަފްތާގެ ބޮޑު ހަދިޔާ! ?
26 ޑިސެމްބަރވާ ހޮނިހިރު ދުވަހު އަޅުގަނޑުގެ އާ ވާހަކަ (ކުރުވާހަކަ) އެއް ކިޔާލަން ލިބޭނެ. إن شآءالله