
ފަތްގަނޑު ފުރޭތަ 9
އަނެއްކާވެސް ބޮލަށް އެނބުރުން އެރިކަން ސާމިއު އަށް އެނގުނެވެ. ވެއްޓިގަތުމުގެ ކުރިން ގަހުގައި ހިފަހައްޓަން ސާމިއު އުޅުނެވެ. އައި ގާގަނޑާއިއެކު މަތަނުވެގެން ސާމިއު ބިންމައްޗަށް ގުޅަޔަކަށް ޖެހުނެވެ. ތެދުވާން މަސައްކަތް ކުރިޔަކަސް ނުތެދުވެވުނީ ވެއްޓުނު ގޮތުންނެވެ.
ދުރުން އަޑުއިވެމުން ދިޔަ ފިޔަވަޅުތަކުގެ އަޑާއިއެކު ސާމިއުއަށް މަޖުބޫރުވީ ހިމޭނުން އޮންނާށެވެ. ފުރޭތަކަމަށް ހީކޮށެވެ. ނަމަވެސް އެއީ ސާމިއު ހީކުރި ކަހަލަ އެއްޗެއް ނޫނެވެ.
” ސާމީ !! ..” އަލަމް އަޑު އިވުނެވެ. “ސާމިއު !! ..” މިހާދުގެ އަޑުވެސް ފުސް ފުސްކޮށް އިވުނެވެ. ދެވަނަ ވިސްނުމަކަށް ނުދެވިގެން އުޅެނިކޮށް ސާމިއުގެ ބޮލަށް ތޫނު ތަދެއް ވެރިވިއެވެ. ލޮލަށް ތަންތަން ނުފެންނަ ވަރަށް ދުންގަނޑެއް ބޯވިކަން އެނގުނެވެ. ނަމަވެސް އެއީ އޭނައަށް ހީވި ހީވުމެކެވެ. އޭނަގެ ހަބަރުހުސްވީތީ ވީ ކަމެކެވެ. ސާމިއުގެ ކައިރީގައި މަޑުކޮށްލި މިހާދާއި އަލަމްގެ މޫނުމަތީގައިވަނީ މަކަރުވެރިކަމެވެ. އަތުގައި އޮތް ކަތިވަޅި ކައިރީގައި ބާއްވައިލަމުން އެމީހުން އެމީހުންގެ އަސްލު ސިފައަށް ބަދަލުވެލިއެވެ.
** ** ** ** **
އަލަމް އޮތީ ގަދަ ނިދީގައެވެ. ބޭރުގައި ހިނގަމުންދާ ކަންތައްގަނޑު އޭނައަށް ނޭނގޭ ކަހަލައެވެ. ކުއްލިއަކަށް ހުވަފެންކުން ތެދުވެވުނު ފަދަޔަކުން އޭނައަށް ފުއްމައިގެން ތެދުވެވުނެވެ. ފޫކޮޅުގައި ކައްޓެއް ޖެހީމާ ތެދުވާ ގޮތަށެވެ.
ދެކޮޅު ހޯދާ ބަލާލިއެވެ. އަލަމްގެ ލޮލުގައި ހުޅުވައިފައިވާ ކުޑަދޮރު އަޅައިގަތެވެ. “ކާކުބާ މިދޮރު ހުޅުވީ ؟ ..” އަލަމް ކުޑަދޮރު ކައިރީގައި އާފުރިލަމުން ހުއްޓުނެވެ. އަދި ލޯ ސާފުކޮށްލަމުން ރަނގަޅަށް ބަލައިލިއިރު އޭނަގެ ތޫނު ދެލޮލުގައި ތޫނު ނިޔަފަތިތަކުގެ ނިޝާން ފެނުނެވެ. ” އަނެއްކާ ފުރޭތަބާ .. ސާމީ!! .. މިހާ!! .. އޭތް؟؟ ..” އަލަމް އަށް ހާސްވީވަރުން ގެއިން ނުކުންނަން ދުއްވައިގަނެވުނެވެ. އެނދުމަތީގައި ރޫޖެހި ގުޅައަކަށް އޮތް އޭނަގެ ޓީޝާޓު ހިފައިގެންނެވެ. ލިވިންގ ރޫމް ގައި އެކަކުވެސް ނެތުމުން ކަންތައްގަނޑު ބޮޑުވެއްޖެކަން އެނގުނެވެ.
މަންމައާއި ބައްޕަ ނިދާ ކޮޓަރި ބަލައިލިއިރު އަބަދުހެން ދިއްލިފައި އެހުންނަ އަލިކަން ވީނުވީއެއް ނޭނގެއެވެ. އޭނަގެ މައިންބަފައިންނަކީ ރޭނގަޑު ގަޑީގައި ބޭރުތެރޭ އުޅޭ ބައެއް ނޫނެވެ. އެއަށްވުރެ ހަރުދަނާ އުސޫލުތަކެއްގެ މަތީގައި ދެމިތިބޭ ބައެއްކަން އަލަމަށް އެނގޭތީ ހަބަރު ބަލަން ދާން އަލަމަށް ހިނގަން ނުކުޅެދުނެވެ. ހާސްވެފައި ހުރުމުން އަލަމަށް ދުއްވައިގަނެވުނީއެވެ. އޭނަގެ ހަލުވި ފިޔަވަޅުތަކުގެ މިސްރާބުހުރީ ސީދާ ހަމްދީބޭގެ ގެއާއި ދިމާލަށެވެ. ހަމްދީބޭގެ ހަބަރެއްވެސް ބަލައިލަން ޖެހެއެވެ.
** ** ** **
މިހާދު ކޮޓަރީގައި ގުރުއާން ކިޔަވަން އިނެވެ. ރޭނގަޑު ގަޑީގައި އަބަދުވެސް މިހާދު ކުރާ ކަމަކީ އެއީއެވެ. މައިންބަފައިން ނުބުންޏަސް އޭނައަކީ ފަސްވަގުތު ބަރާބަރަށް ނަމާދުކޮށް ހެޔޮކަންތައްތަކަށް އިސްކަންދޭ ކުއްޖެކެވެ. މިޒާޖުގައި މަޖާ ކަމެއް ހުއްޓަކަސް އޭނަގެ އަސްލަކީ އެއެއްނޫނެވެ. ޤުުރުުއާން ކިޔެވުމުގައި މިހާދު އިންއިރު ފަންކާ ޖައްސައިފައެއް ނެތެވެ. އެހެންކަމުން ބޭރުންއިވޭ އަޑުތަކާއި ހުރިހާ ކަމެއް މިހާދަށް ފެނެއެވެ. ގުރުއާން ކިޔަވަކިޔަވައިފާ މިހާދު ބޭރަށް ބަލައިލީ ހޫނު ވައިރޯޅިއެއް އޭނަގެ ގައިގައި ބީހިލައިގެން ދިޔުމުންނެވެ. އެވަގުތު އޭނަ ކުޑަދޮރުން ބޭރު ބަލައިލިއެވެ. ގަސްތަކުގެ ތެރެއިން ހޫނު ވައިރޯޅިއެއް އަންނަންވީ ސަބަބެއް ނެތެވެ.
ކުއްލިޔަކަށް ދޮރު ހުޅުވިގެން ދިޔުމާއިއެކު މިހާދު ފަސްއެނބުރި ބަލައިލިއެވެ. އޭރު ދޮރު ކުރިމަތީގައި އޭނަގެ މަންމަ މިދުހާ ހުއްޓެވެ. ފާޑެއްގެ ހިންޏެއް އައިސްފައެވެ.
” މަންމާ ކިހިނެތްވީ ؟ .. ބުނީމެއްނު ބައްދަލައުމަށް ދާ ވާހަކަ ؟؟ ..” މިހާދު އަތުގައި އޮތް ހަތިމް މުށުތެރެއަށް ލަމުން މިދުހާ އާއި ދިމާލަށް ހިނގައިގަތެވެ. އެވަގުތު މިދުހާ ބިރެއް ފެނުނު ފަދަޔަކުން ދުރަށް ޖެހިލިއެވެ. ” އަން މި ފެންތަށި ބޮއެލާ! .. ބައްދަލައުމަށް ދާން މިއުޅެނީ !! ..” މިދުހާ އަތުގައި އޮތް ފެންތަށި ދިއްކޮށްލިއެވެ. މިހާދު ހައިރާންވި ވަރުން އަނގަ ހުޅުވުނެވެ. މިދުހާ އަކީ ދުވަހަކުވެސް އެގޮތަށް ރަނގަޅަށް އޭނައާއި މެދު ކަންތައް ކުރި މީހެއް ނޫނެވެ. ނަމަވެސް އޭނަގެ ހިތަށް އުފާވެރިކަންވެސް ވަނެވެ. ފަސްޖެހުމެއްނެތި ފެންތަށި ބޮއެލި މިހާދަށް މިދުހާގެ މޫނުމަތީގައި ހުރި ކިބުރުވެރި ހިނިތުންވުމެއް ނުފެނުނު ކަމީ އޭނާގެ ނަސީބު ދެރަކަމެވެ.
” އާހް ..” މިހާދުގެ ބަޑަށް ޒީލަގަދަ ތޫނުތަދެއް ވެރިވިއެވެ. ލޯމަރައިލައި އެނދުގައި އިށީދެލައި އިރުކޮޅަކަށް މަޑުކޮށްލުމަށް ބޭނުން ވިއެވެ. ” މަންމާ!!! … މީގައި ކޯއްޗެއް ހުރީ؟؟؟ ..” މިހާދަށް އޮޅިގެން ނަމަވެސް ސުވާލު ކުރެވުނީ ކުރިމަތީގައި ހުރި ނުފެންނަ ހިޔާލީ މަންމައާއިއެވެ. މީގެ ސިކުންތުކޮޅެއް ކުރިން މިހާދުގެ ކުރިމަތީގައި ހުރި މިދުހާ، ޖެހި ތާނގައި ލަކުނު ވެސް ނެތެވެ.
(ނުނިމޭ)