Skip to content
އެސްފިޔަ

ފަތްގަނޑު ފުރޭތަ 3

ރޭނގަޑެވެ. ކައިނިމުނުތަނާ، ކޮޓަރިއަށް ދާން ސަންފަ ބުނުމުން ސާމިއު ބަހާނާއެއް ނުދައްކާ، ކޮޓަރިޔަށް ވަނެވެ. ލައިޓު ދިއްލާ އެނދާއި ދިމާލަށް އެނބުރިލި ސާމިއުއަށް ހަޅޭއްލަވައިގަނެވެން އުޅުނެވެ. ނަމަވެސް މީހަކު އަނގަމަތީގައި އަތް އަޅައިފައި ހުރި ކަމުގެ އިހްސާސް ކުރެވުނެވެ. ސާމިއު އަކަށް ދެން ވީގޮތެއް ނޭނގުނެވެ.*

 

ހޭލެވުނީ މީހަކު ވާހަކަ ދެއްކި އަޑެއް އިވުމުންނެވެ. ދަންވަރުއަމިއްލަ ކޮޓަރީގައި މީހަކު ކުރަނީ ކޮންކަމެއް ކަން ނޭނގިހުރެސާމިއު އެނދުން ތެދުވިއެވެ. ކުރިމަތީގައި ފުރަގަސްދީގެންހުރި ފިރިހެން ކުއްޖާ އޭނަޔަށް ފެނުނީ ދެނެވެ. އެއީ އޭނަޔާއިއެއް އުމުރެއްގެ ފިރިހެންކުއްޖެކެވެ. އިންސާނެކެވެ. މޫނުގެ ބޮޑު ބައި ވަނީ ފަރުދާ ވެފައި ވަނީ ފުރަގަސް ފަރާތަށް އެނބުރިގެންހުރުމުންނެވެ.

 

އެކުއްޖާ ވާހަކަ ދައްކަނީ ކާކާއިތޯ ބަލާ ހިތުން ސާމިއު އަކަށްނުހުރެވުނެވެ. ނަމަވެސް ކުރިޔަށް ނެގި ފިޔަވަޅު ހުއްޓުނީ މީހަކުކުރިމައްޗަށް ހުއްޓުމުންނެވެ. ބޮލުގައި ރަން ތާޖެކެވެ. ބޮޑު ބިޔަ މީހެކެވެ. ހެދުން އަޅައިފައިވާ ގޮތުން ޝާހީ ގޮތެއް ހުއްޓެވެ. ފައިން ފެށިގެން އޮލަ ދުންތަކެއް އަރަމުން ދާތީ ސާއިދު ކެއްސައިލިއެވެ.

 

” ތިއީ ކާކު ..” އުނދަގުލުން އެހެން ބުނެލުމަށްފަހު ސާއިދު ލޯ މަރައިލިއެވެ. މިއީ ޖިންނި ރަސްގެފާނު ބާއޭ ހިތަށް އޭނަގެ އެރިއެވެ.

 

” ޖިންނީން ގެ ރަސްގެފާނު … ނަމަކީ ފަލްކަން .. މިހިރީ އަހަރެންގެ ވަޒީރު ހާޖީ ..” ކުރު ތަޢާރަފެއް ފަލްކަން ދެއްވިއެވެ. “މަނިކުފާނު އަޅުގަނޑުގެ ފަރާތުން ކަމެއް ބޭނުންފުޅުވީތޯ؟؟..” ރުޅި އައިސްފައި ނަމަވެސް ސާމިއު ވާހަކަދެއްކީ މާތް ބަހުރުވައިންނެވެ. އެބުނީ ޖިންނީންގެ ރަސްގެފާނޭވެ. އެއީތަފާތު ބާރު ތަކެއް ލިބިގެންވާ ބައެކެވެ.

 

” އާނ .. ވަރަށް ބޮޑު ކަމެއް .. މާތް ބަހުރުވައިން ވާހަކަ ނުދެއްކިޔަސް އެންމެ ރަނގަޅު .. މިކަން ނުކޮށް ދީފިއްޔާ ބޮޑު އަދަބެއް ލިބޭނެ .. ހީވެސް ނުކުރާ ކަހަލަ ..” ފަލްކަން އިންޒާރެއް ދެއްވިއެވެ.

” ކޮށްދީފިއްޔާ؟ “.. ސާމިއު އެއްސެވެ.

 

” އެންމެ ބޭނުންވާ އިނާމު ލިބޭނެ ….  މިކަން ކުރަން ކުޑަ ހިތްވަރެއް ކޮށްލަން ޖެހޭނީ …. ކުރާނަންތަ؟؟ ..” ފަލްކަންއެނދުގައި އިށީނެވެ. “ބުނީމަ ދޯ ކުރާނީ ..” ސާމިއު ގެ ބިރުވެރިކަން އެކީ ހިނގައްޖެއެވެ. ” ޖެހޭނީ އެއްޗެއް މަރާލަން ..” ފަލްކަންގެ ލޮލުގައި ނުބައި ވިދުވަރެއް ހުއްޓެވެ. ” މީހަކު؟”..ސާމިއުގެ މޭގަނޑު އަތަށް އައި ފަދައެވެ. ބިރުން ތުރުތުރު ލައިގަތެވެ. “މީހަކު ނޫނޭ .. ނުބައި ފުރޭތައެކޭ ..” ފަލްކަން ސާމިއު ހިތްހަމަ ޖެއްސެވިއެވެ.

 

” ކޮން ފުރޭތައެއް؟ .. ފަތްގަނޑު ފުރޭތަތަ؟ ..”ސާމިއު އަށް ބުނެވުނެވެ.

 

” އާން .. އޭތީގެ އުނދަގޫ ވަރަށް ބޮޑު .. އެހެންވެ އޭތި މަރާލަން މި ނިންމަނި .. ސާމިއު މިކަން ކޮށްދީފިނަމަ ސާމިއު ރީތި ވާނެ .. އޭރުން ސާމިއުއަށް މިރަށު އެންމެން ސަލާމަތް ކޮށްދެވުނީ … ” ފަލްކަން ރުޅި ދުރުވެފައި ވާހަކަ  ދެއްކެވިއެވެ. ސާމިއުއަށް ނޭނގުނީ އެއީ އޭނަގެ ބޮލަށް ފަލްކަން ދެއްކި ދަޅައެއް ކަމެވެ.” ކީއްވެ އަހަންނަށް މިރަށު އެންމެން ސަލާމަތް ކޮށްދެވެނީ؟ ..”

 

ސާމިއު އަލުން އެނދުގައި އިށީނެވެ. އޭނަ ވަނީ ފިކުރު ބޮޑުވެފައެވެ. ” އެއީ އޭގެ އުދަނގޫ އަބްދުލްގާދިރަށް ލައިގަތީމަ … އޭނަ ކިރިޔާ މަރުނުވީ …. އަދި ބުނަން … އޭތީގެ ނާސްތާ އަކީ ކޮންމެ ދުވަހަކު އެއް އިންސާނެއް .. މާދަމާ ފެންނާނެ މީހަކު މަރުވެފަ އޮންނަތަން ..” ފަލްކަން ބުނުއްވިއެވެ. އަބްދުލްގާދިރަކީ ރަށު ސުކޫލު ޕުރިންސިޕަލެވެ.

 

” މިރަށު މީހެއް؟ ކާކު؟ ..” ސާމިއުގެ ނޭވާ އަވަސްވިއެވެ.

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.