Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އެކުއްޖާ 2 – 6

yooon 10 Stories100 Comments100 Login100 Stories
December 16, 2020 8 Mins Read
2 Comments

* “އިށީންނަން ދިޔަސް އެންމެ ރަނގަޅު..” ލެކްޗަރާ ބުނެލިއެވެ. ނީޝަލް ޝުކުރު އަދާކޮއްފައި އިށީންނަން ދިޔައެވެ. ނީޝަލް އައިސް އިށީންނަންދެން އިޒްކާން ހުރީ ހިނިތުންވެލައިގެންނެވެ. “ޔޫ ޑިޑް ގްރޭޓް..” އިޒްކާން ތައުރީފު ކޮއްލިއެވެ. “ރިއަލީ..؟ ތޭންކްސް..” ނީޝަލްވެސް ހީނލިއެވެ. ހޫރީން ފާޑަކަށް އިޒްކާންގެ މޫނަށް ބަލާލިއެވެ. އިޒްކާންގެ މޫނުމަތީގައިވާ އުފާވެރިކަމުގެ ފަހަތުގައި ދެވަނަ މަގުސަދެއް ވާކަމަށް ހޫރީންއަށް ހީކުރެވުނެވެ. *

ލެކްޗަރާ ކިޔަވައިދޭން ފެށުމުން އެންމެން ލެކްޗަރާއަށް ސަމާލުކަން ދިނެވެ. ލެކްޗަރާގެ ވާހަކަތައް އަޑު އަހަން ހުރިކަމަކު އިޒްކާންގެ ނަޒަރު ވަނީ ނީޝަލްގެ މޫނަށް ހުއްޓިފައެވެ. އެ ކިޔައިދެނީ ކޮން ބަޔެއް ކަމެއް ނޭނގިގެން ފަންސުރު ތުންފަތުގައި ޖައްސާލައިގެން އިނދެ އެއްފަހަރު ފޮތަށް އަނެއް ފަހަރު ލެކްޗަރާއަށް ބަލަންއިން ނީޝަލް ނުހަނު ލޯތްބެވެ. އިޒްކާން ވަރަށް ނުވާކަމަށް ހަދާލާފައި ނީޝަލްގެ ފޮތުގައި ގަލަން ޖައްސާލިއެވެ. އެ ކިޔައިދޭ ބައި ނީޝަލްއަށް ދެއްކުމުގެ ގޮތުންނެވެ. ނީޝަލް ކުޑަކޮށް ހައިރާންވި ނަމަވެސް އިޒްކާންގެ މޫނަށް ބަލާލާފައި ހިނިތުންވެލިއެވެ. އިޒްކާންވެސް ހިނިތުންވުމަކުން ނީޝަލްއަށް ރައްދުދިނެވެ. ހޫރީންއަށް އެދެމެދުގައި ހިނގި އެ ކުޑަ ހާދިސާވެސް ފާހަގަވިއެވެ.

ކޮލެޖް ގަޑި ފާއިތުވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ކްލާސްތައް ދިޔަގޮތާއި ދޭތެރޭ ހިތްހަމަޖެހިގެން ހުރެ ނީޝަލް ދަބަހައް ފޮތްތައް އަޅަންފެށިއެވެ. އޭރު ދެތިން ކުއްޖެއް އައިސް ނީޝަލްމެންގެ ކައިރީ މަޑު ކޮށްލައިގެން ހުއްޓެވެ. އިޒްކާން ދަބަހަށް ފޮތްތައް އަޅާ ނިމުނުކަމުގައި ވިޔަސް މަޑުކޮށްގެން ހުރީ ނީޝަލް ނިމެންދެނެވެ. “އޭތް… އިނގޭތަ.. އިއްޔެ ކުއްޖަކު ގެއްލިގެން އެބައުޅެޔޯ..” އެތަނުން އެއް ކުއްޖަކު ބުނެލިއެވެ. ”ސީރިއަސްކޮށް..؟” ހޫރީން ޝައުގުވެރިވެފައި އެކުއްޖާއާއި އިތުރަށް ސުވާލު ކުރަންފެށިއެވެ. ”އާނއެކޭ… އިނގެއެއްނު މި ކޮލެޖުގައި އުޅޭ ޝަހާމާ..؟ އޭނަ އިއްޔެރޭ މަންމަ މެންނަށް އޮޅުވާލައިގެން ދިޔައިއްޔޯ އޭނަގެ ބޯއިފްރެންޑާއި މީޓް ކުރަން… އޭނަ މަންމަ ބުނިގޮތުގައި ޝަހާމާ ގެއިން ނުކުމެގެން ދިޔައީ މިކްލާހުގައި އުޅޭ އޭނާގެ ބެސްޓްފްރެންޑްގެ ގެއަށް ގްރޫޕް ސްޓަޑީޒް އަށޯ… އެކަމަކު ޝަހާމާ ގެއަށް ނައިސް ލަސްވެގެން އޭނަގެ ބެސްޓްފްރެންޑަށް ގުޅިއިރު އޭނަ ބުނީ ޝަހާމާ އެގެއަކަށް ނުދެޔޯ… ދެން ޝަހާމާގެ ބެސްޓްފްރެންޑް މެދުވެރިކޮށް ޝަހާމާގެ ބޯއިފްރެންޑަށް ގުޅިއިރު އެ ފިރިހެން ކުއްޖާ އާއި ޝަހާމާ އަކާއި އެރޭ ދިމާވެފައެއް ނެތޯ އެ ފިރިހެން ކުއްޖާ ބުނީ… ވަރަށް ކްރީޕީ ވާހަކައެއް އެއީ…” އެ ކުއްޖާ އެ ވާހަކަ ކިޔައިދިނީ އަތުގެ އިޝާރާތާއި އެކީގައި ނުހަނު ރާގުލާފައިކަމުން ނީޝަލްގެ ގައިންވެސް ހީބިހި ހިލުވާލިއެވެ. “ކިޑްނެޕް ކުރީ ނޫންބާ..؟ ކިހިނެތް އިނގޭނީ ދޯ..؟” އެތަނުގައި ހުރި އަނެއް ކުއްޖާ ބުނެލިއެވެ. އިޒްކާން އަޅާ ވެސް ނުލާ އިނެވެ. އެތައް އަންހެން ކުއްޖެއް އިޒްކާންއަށް ހިތް ހަދިޔާ ކުރިނަމަވެސް އިޒްކާން އެއިން އެއްވެސް ކުއްޖަކަށް ބަލާވެސް ނުލައެވެ. އަޅާނުލާ ކަމަށް ހެދިގެން އިނަސް އިޒްކާންއަށްވެސް ސަމާލު ކަން ދެވިފައިވަނީ އެ ކުދިންތައް ދައްކަމުން ދިޔަ ވާހަކައަށެވެ. “ނޭނގޭ މީހަކު ޝަހާމާ ކިޑްނެޕްކުރީ ކަމެއް ނޫނީ ހަންޑިއެއް އައިސް ޝަހާމާ އާއި އަވަލީ ނޫންކަމެއް ވެސް… އިޓް ރިމެއިންސް އަ މިސްޓްރީ.. ފުލުހުންނަށް ވެސް އަންގައިގެން މިހާރު އުޅެނީ..” އެކުއްޖާ އެއް ނޭވައިން އެ ޚަބަރުވެސް ދިނެވެ. “ހަންޑިއެއް ކަމެއް ކަމަށް މަށަކަށް ނުކުރެވޭ ގަބޫލެއް.. ތި ވާނީ ކޮންމެވެސް ބަޔަކު ރާވައިގެން ކުރި ކަމަކަށް…” ހޫރީން އެހެން ބުނެލުމުން އެކުއްޖާ ދެކޮނޑު އަރުވާލައިފިއެވެ.

“ހޫރީން.. ކަލޭވެސް މަގުމަތީގައި ދެން ބަލައިގެން އުޅެން ވާނީ…” އަނެއް ކުއްޖޖާ ބުނެލިއެވެ. ހޫރީން މަޑުމަޑުން ބޯ ޖަހާލިއެވެ. “ނީޝަލް.. ނީޝަލް އަދި ޚާއްސަކޮށް ނުވާނެ މަގުމަތީގައި އެކަނި އުޅޭކަށް.. ތިހާ ރީތި ކުއްޖެއް ފެނިއްޖެއްޔާ އެކަމެއް ކުރި ބަޔަކު މޮޔަވާނެ…” ނީޝަލްއަށް ބަލާލާފައި ނުހުރެވިގެން ހޫރީން ބުނެލިއެވެ. ”އަހަރެން މީހުން މޮޔަވާހާ ރީއްޗެއް ނޫން..” ނީޝަލް ބުނެލިއެވެ. ތީ ދޮގެކޭ ކިޔާ އިޒްކާންއަށް ފުންމައިނުގަނެވުނީ ކިރިޔާއެވެ. އޭގެބަދަލުގައި އިޒްކާންއަށް ދޫކޮއްލެވުނީ ފުންނޭވާއެކެވެ. އިޒްކާން އެފުންނޭވާ ދޫކޮއްލުމުން ފަހަތުގައި ތިބި އަންހެން ކުދިންތައް ކަންބޮޑު ވެގެން ތެޅެން ފެށިއެވެ. “އިޒްކާން ހާދަ ފޭމަސްއޭ..” ނީޝަލްއަށް ބުނެވުނެވެ. އެއަޑަށް އިޒްކާންއަށް ބަލާލެވުނެވެ. “އެއީ އެވަރުކަމެއްނޫން.. ނީޝަލް ގާތަށް އަންނަން އުޅޭ މީހުން ދެން ގިނަވާނީ..” ސަމާސާ ހިނިތުންވުމަކާއެކީ އިޒްކާން އެހެން ބުނެލި ވަގުތު ދެކޯތާފަތަށް އަޑިކޮޅު އެޅުނެވެ. ލިޔާންގެ ފަރާތުން އިޒްކާންއަށް ލިބުނު އެންމެ ރީތި ސިފައަކީ އެއަޑިކޮޅެވެ.

ނީޝަލްއަށް ހުރެވުނީ އިޒްކާންގެ މޫނަށް ބަލަހައްޓައިގެންނެވެ. އެ ދެކޯތާފަތަށް އެޅިފައިވާ އަޑިކޮޅަށް ބަލަން ނީޝަލްއަށް އިނދެވުނީ ހުވަފެނީ ގޮތަކަށެވެ. “އޭތް…” ނީޝަލް އިޒްކާންގެ މޫނަށް ގެއްލިފައި ހުއްޓާ ހޫރީން މަޑުމަޑުން ނީޝަލްގެ ކޮނޑުގައި ޖަހާލައިފިއެވެ. “ކީކޭ..؟؟” ނީޝަލްއަށް އެހުނެވެ. “ކީއްވެ މާ ވަރަކަށް އިޒްކާންއާއި ދިމާ ތިބަލަނީ..؟ ރީތިވީތަ..؟” މަލާމާތުގެ ރާގަކަށް ހޫރީން އެއްސެވެ. “ސާބަސް.. މިއަދު ކުރީގެ ފިލާވަޅުތައް ލިބިދާނެތަ..؟ ކޮލެޖް ފެށިފަހުން އެންމެ ދެހަފްތާއެއްނު އެވީ.؟ ވަރަށް ގިނަ ފިލާވަޅުތައް ދިންތަ..؟” ނީޝަލް އެއްސެވެ. އިޒްކާން އޭރު ޑެސްކުގައި އިނގިލިން ތަޅާލަތަޅާލަ އިނެވެ. “އަހަރެންވެސް މިއަދު ދަން ހޫރީންމެންގެ ގެއަށް.. އެންމެން އެކީގައި ފިލާވަޅުތައް ހަދަން ހިނގާދޯ..؟ އަހަރެންގެ އަތުގައި ހުރިހާ ފިލާވަޅެއް ހަމައަށް އެބަހުރި..” އިޒްކާން އަވަހަށް ބުނެލިއެވެ. ހޫރީން ލޯ ހަނިކޮއްލަމުން އިޒްކާންގެ މޫނަށް ބަލާލިއެވެ.

އިޒްކާންއަކީ ފޮނިކަމުން އަންހެންކުއްޖަކާއި މަދުފަހަރަކު ނޫނީ އަނގައިން ބުނެވެސް ނުލާ މީހެކެވެ. ނީޝަލް ފެނުމުން ހީވަނީ ނީޝަލްގެ ސަމާލުކަން ހޯދަން އިޒްކާން މަސައްކަތް ކުރާހެންނެވެ. “އޯހް.. ތޭންކްސް.. ހިޔެއް ނުކުރަން މިކޮލެޖްގައި އުޅޭ ކުދިން އެހާ ސްވީޓްވާނެކަމަށް… ހޫރީން އޯކޭތަ އަނެއްކާ..؟” ނީޝަލް އަހާލިއެވެ. ”އާނ އަހަރެންގެ އެއްވެސް މައްސަލައެއް ނޯންނާނެ.. މިއަދު މެންދުރުގަޑީގައި އަންނައްޗޭ… އޭރުން އަހަރެމެންނަށް ހަވީރު ގަޑީގައި ހިނގާލަންވެސް ދެވޭނީ…” ހޫރީން ބުނެލިއެވެ. “ވާވް.. މަ ހީކުރީ މިތަނަށް އައީމަ އަދި ވަރަށް މީހުން އަންފްރެންޑްލީވާނެ ކަމަށް.. އެކަމަކު ނުބައިކޮށްތާ މި ހީކުރެވުނީ..” ހީނލާފައި ނީޝަލް ބުނެލިއެވެ. “ސާބަސް.. ނީޝަލް ކޮންތާކުތަ އުޅެނީ..؟” ހޫރީން އަހާލިއެވެ. “އަމްމް.. ޒިވީން އިނގޭތަ..؟” ނީޝަލް ފާޑަކަށް އަހާލިއެވެ. “އާނ… ޕޮލިސް އަލާންބެގެ ވައިފް ދޯ..؟” ހޫރީން ހަނދާންވުމާއި އެކީގައި އެއްސެވެ. “އާނ.. އެގޭގައި އުޅެނީ..” ނީޝަލް އިތުރު ތަފްސީލުތަކަށް ނުގޮސް ބުނެލިއެވެ. “އިޒްކާންވެސް އުޅެނީ ތިދިމާލުގައި… މާ ރަނގަޅަށެއް ނޫންތަ އެވީ..؟” ހޫރީން ބުނެލިއެވެ. ނީޝަލް ކުޑަކޮށް ހީނލިއެވެ.

އޭރު އިޒްކާން އުފާވެގެން ހިތުތެރޭގައި ޕާޓީ ބާއްވަނީއެވެ. ނީޝަލް އުޅެނީ އޭނާގެ ގޭކައިރީގައި ކަމަށް ވުމުންނެވެ. އެއީ މާ އުފާވާންޖެހޭ ވަރުގެ ކަމަކަށް ނުވިޔަސް އިޒްކާންގެ ހިތުން އެއީ ޕާޓީއެއް ބާއްވާ ކޭކެއް ފަޅަން ޖެހޭ ވަރުގެ ކަމެކެވެ. ނީޝަލް ފުރަތަމަ ފެނިލި ފެނިލުމުންވެސް އިޒްކާންގެ ހިތުގެ އެންމެ ހިމަނާރަށް ދާންދެން ފިނިކޮއްފިއެވެ. އެހިތުން ދެން ނީޝަލް ފުހެލުމަކީ އިޒްކާންއަށް ނުހަނު ދަތިކަމަކަށް ވާނެއެވެ. ނަމަވެސް އެއީ އަދި އަލަށް އިޒްކާންއަށް ކުރެވުނު އިހުސާސެކެވެ. ކޮލެޖް ތެރޭގައި އުޅޭ ބައެއް އަންހެން ކުދިންނާއި ސަމާސާ ކޮއްލާ އުޅުނަސް މިފަދަ އިހުސާސެއް ހިތް ފަތަހަ ކޮއްލީ ކިހިނެތްކަމެއް ނޭނގެއެވެ. ނަމަވެސް އިޒްކާންއަށް ޖެހޭނީ ވަރަށް ބަލައިގެން އުޅޭށެވެ. ހިޔާންގެ ދެލޮލުގައި ނީޝަލްގެ އެހެރަ ރީތިކަންވަނީ އަޅައިގަނެފަކަން އިޒްކާންއަށް އެނގެއެވެ. އިޒްކާން ނީޝަލްއާއި ގަޔާވާކަން ހިޔާންއަށް އެނގިއްޖެނަމަ ހިޔާންގެ ކަންތައް ވަރަށް ބޮޑުވާނެއެވެ.

“އާނ..” އިޒްކާން ބުނެލިއެވެ. “ނީޝަލް ގޮވައިގެން ސައިކުގައި އަންނައްޗޭ.. މިފަކީރު އަހަރެމެންގެ ގެއަށް ހިނގާފައި ފޮނުވާކަށް ނުވާނެއްނު..؟ އަހަރެމެންގެ ގެ އެއީ އަދި ހާދަދުރޭ…” ހޫރީން ބުނެލި ޖުމްލައިން ނީޝަލްއަށާއި އިޒްކާންއަށް އެކަކު އަނެކަކާއި ދިމާލަށް ބަލާލެވުނެވެ. ނީޝަލްގެ މޫނުމަތީ ގައި ވަނީ އޯކޭވާނެ ހެއްޔޭ ބުނާފަދަ ކުލައެކެވެ. “ހޫމް.. އަހަރެން އޯކޭ.. ތައްޔާރު ވެގެން ހުންނާތި.. މަ ހުންނާނަން ތިރީގައި..” އިޒްކާން ބުނެލިއެވެ. “ގަޑި ބުނޭ..” ނީޝަލް ބުނެލިއެވެ. “ގެނޭ ނީޝަލްގެ ނަންބަރު.. ގަޑި ޔަގީނެއް ނޫން އެހެންވެ.. ދެން އަހަރެން ގުޅީމައި ފައިބާ..” އިޒްކާން ވިސްނާލާފައި އަވަހަށް ބުނެލިއެވެ. ނީޝަލްގެ ނަންބަރު ހޯދަން މިއަށްވުރެ ރަނގަޅު ފުރުސަތެއް ލިބޭނެހެން ހީނުވާތީއެވެ. ނީޝަލް ބޯޖަހާލަމުން ދަބަސް ތެރެ ހާވާލީ ގަނޑުކޮޅެއް ފެނޭތޯއެވެ.

ނީޝަލްއަށް ދަބަހުން ނޯޓްފޮތެއް ނުފެނުނެވެ. ހެޔޮކޮށް ވިއްޔާ ހަނދާން ނެތިގެން އެބާއްވާފައި އާދެވުނީ ކަންނޭނގެއެވެ. ”އިޒްކާންގެ ފޯނު ނަގާބަލަ..” ނީޝަލް ކުޑަކޮށް ހީނލިއެވެ. އިޒްކާންފަދަ ރީތި ހިތްހެޔޮ ކުއްޖަކު ނީޝަލްގެ ނަންބަރު ދޭން އެހުމުންނެވެ. ނީޝަލް އެހެން ބުނެލުމުން ވިދުވަރެއްހާ އަވަހަށް އިޒްކާން ފޯނު ނެގިއެވެ. އިޒްކާން ނަންބަރު ކިޔުމުން ނީޝަލް ފަހުން އެ ނަންބަރު ސޭވް ކުރަންވެގެން އިޒްކާންގެ ނަންބަރަށް ގުޅާލިއެވެ. ޖެއްސުން ކުރާހިތުން އިޒްކާން ފޯނުނެގިއެވެ. “އަމް… އުޑުގެ ކޮން ހިސާބަކުންތޯ ތި ޕަރީ ތިގުޅުއްވާލީ…؟” ފޯނު ކަންފަތުގައި ޖައްސާލައިގެން ހުރެ އިޒްކާން އެއްސެވެ. “އުޑުގެ އުތުރުން…” ނީޝަލްވެސް ސަމާސާގައި ބައިވެރިވިއެވެ. ހޫރީން ހީގަތެވެ. އެއަޑަށް ފަހަތުގައި ފައިލަމް އާއި ވާހަކަ ދައްކަން ހުރި ހިޔާންވެސް އެދިމާލަށް ބަލާލިއެވެ.

ސަކަރާތް ޖަހަމުންދިޔަ ނީޝަލްއާއި އިޒްކާން ފެނިފައި ހިޔާންގެ ހިތުގައި ކުޑަ އަލިފާންކޮޅެއް ރޯވިއެވެ. އެހެންޏާ ކޮންމެ އަންހެން ކުއްޖެއްގެ ހިތުގައި އިޒްކާން ވާނީ ދެވަނައަށެވެ. ނީޝަލް ކަހަލަ އާދަޔާޚިލާފަށް ރީތި ކުއްޖެއްގެ ހިތުގައި އޭނަގެ ނަމުގެ ބަދަލުގައި އިޒްކާންގެ ނަން ފުރަތަމައަށް ލިޔެވުމަކީ ހިޔާން އެއްގޮތަކަށްވެސް ރުހޭނޭ ކަމެއްނޫނެވެ. އެއީ އެންމެ ގާތް އެކުވެރިޔާއަށް ވިޔަސްވެސް ހެވެއެވެ.

“އޯކޭ.. އަހަރެމެން މިދަނީ ގެއަށް.. ދެން މާދަން އައިސް ބޮޑުތަކުރުފާނު ވާހަކަ ކިޔައިދޭނަން..” ޝަހާމާ ގެއްލުނު ވާހަކަތައް ހިއްސާ ކުރި ކުއްޖާ އޭނަޔާއި އެކީގައި ހުރި އަނެއް ކުއްޖާ އާއި އެކީގައި ކްލާހުން ބޭރަށް ނުކުންނަން ހިނގައިގަތެވެ. ނީޝަލްއަށް ވަށްކަޅިން ބަލާލާފައި އިޒްކާން ދަބަސް އެއް ކޮނޑުގައި އަޅުވާލައިގެން ކްލާހުން ނުކުތެވެ. ހިޔާން މަޑުމަޑުން ހިނގާލާފައި ގޮސް ނީޝަލްއަށް ހިލަމެއް ނުވާނޭހެން ނީޝަލް ފައިދަތި އެޅުވިއެވެ. ނީޝަލް ބިންމައްޗަށް ވެއްޓެން ދިޔުމުން ނީޝަލް ވެއްޓުމުން ސަލާމަތް ކުރީވެސް ހަމަ ހިޔާންއެވެ. “އާހް.. ކިރިޔާއެއްނު..؟ އެހެންނޫނީ ނީޝަލް ބޭރަށް ދާ ކޮންމެ މީހެއްގެ ފައިދަށުވީހެއްނު..؟” ހިޔާން ހިނިގަނޑެއްޖަހާލާފައި ބުނެލިއެވެ. “ތެންކިއު..” ނީޝަލް ހިޔާންއާއި ވާހަކަ ދެއްކިއެވެ. “އެހެން..؟ ގިނަގިނައިން ދިމާ ކުރައްޗޭ އިނގޭ އޭރުނންނެއްނު އެކުވެރި ވެވޭނީ…” ހިޔާން ދިމާކުރައްޗޭ ބުނުމުން ނީޝަލްއަށް އޭގެ މާނަ އޮޅުމެއް ނުފިލިއެވެ. އޭގެ މާނަ ސާފުކުރުމުގެ ކުރިން ނީޝަލްގެ ކޮލުގައި ހިފާލާފައި ދަބަސް އެއް ކޮނޑަށް އެއްލައިގެން ހިޔާން ފައިލަމްއާއި އައިހަމްއާއި އެއްވަރު ކުރިއެވެ.

އިޒްކާން ހުރީ ހައިރާންވެފައެވެ. ނީޝަލްގެ ކޮލުގައި ހިޔާން ހިފާލުމުން ނީޝަލްއަށް އުނދަގުލެއްވެސް ނުވަނީހެއްޔެވެ.؟ ގައިމުވެސް ދެންމެ އިޒްކާންގެ ހިތަށް އުނދަގޫވެއްޖެއެވެ. އިޒްކާންގެ ހިތް ބޭނުން ވަނީ އެކަކުވެސް ނީޝަލްއާއި މާ ގާތްނުވުމަށެވެ. ހިޔާންއަކީ އިޒްކާންގެ އެންމެ ގާތް އެކުވެރިޔާ ނޫންނަމަ އިޒްކާން ދެންމެ ހިޔާންވެސް ފޮޅުވާލީހެވެ.

“އޭތް އިޒްކާން..” ފަހަތަށް އެނބުރިފައި ބޭރަށް ނުކުންނަން އިޒްކާން ފިޔަވަޅެއް އެޅިތަނާހެން ނީޝަލް ގޮވާލިއެވެ. “ކީކޭ..؟” އިޒްކާން އެއްސެވެ. “ނުހޭތި.. އެކަމަކު ދިމާކުރައްޗޭ.. އޭގެ މާނައަކީ ކޮބާތަ..؟ ހޫރީންގެ ބޭބެ ދަމުން ދިޔައީ އެހެން ބުނެފައި.. މަށަށް އޭގެ މާނައެއް ނޭނގުނު..” ނީޝަލް ޖެހިލުމަކާއި ނުލާ އެހެން އެހުމުން އިޒްކާންއަށް ހިނިގަނޑު މަތަ ކުރެވުނީ ކިރިޔާއެވެ. “އޭގެ މާނައަކީ ގިނަގިނައިން އޭނަޔާއި ބައްދަލުވީމައި ވާހަކަދައްކާ ހަދައްޗޭ..” އއިޒްކާން ނީޝަލްއަށް ދޭހަވާނެ ގޮތަކަށް ބުނެލިއެވެ. ހަގީގަތުގައި އިޒްކާންއަށް އަނގަބަހުން އެ ބަހުގެ މާނަ ބުނެދޭން އުނދަގޫވިއެވެ. “އެހެންދޯ..؟ އޯކޭ.. ތޭންކްސް..” ނީޝަލް ބުނެލިއެވެ. ”ޔަޕް.. ބާއި.. މަ ގުޅަންވާއިރަށް ރެޑީގައި ނުހުރެފިއްޔާ ތި ގެއަށް ވަންނާނަން..!” އިޒްކާން ހިނިތތުންވެފައި ހިޔާންމެންނާއި ދިމާލަށް ހިނގައިގަތެވެ. ނީޝަލް ހީނލާފައި ކްލާހުން ނުކުންނަން ދާން އެނބުރުނެވެ.

ކުއްލިއަކަށް އަންހެންކުއްޖެއް ކުރިމައްޗަށް އެރިއެވެ. “އޭތް އަންހެނާ..! ކަލޭ އިޒްކާން އާއި މާ ގާތް ވެގެން ނޫޅެއްޗޭ.. އަހަރެން ހުންނާނީ އިޒްކާންއަށް ޑިބްސް ކިޔާފައި..” އެއަންހެންކުއްޖާ ބުނެލިއެވެ. އޭނާގެ ގާތުގައި ހުރި އަނެއް ދެއަންހެންކުއްޖަކު އެބުނީ ތެދެކޭ ކިޔާ ބޯޖަހާލިއެވެ. “ތިބުނަނީ ކީކޭ..؟ މީހުން ޑިބްސް ކިޔަނީ މީހުންނަށްތަ..؟” ނީޝަލް ރައްދުދިނެވެ. “މަ މިބުނަނީ އިޒްކާން އެއީ މަގޭ ކުރިމަގުގެ ބޯއިފްރެންޑޭ… އެއީ އަހަރެން ގަބޫލުކުރާ ގޮތް..” އެ އަންހެން ކުއްޖާ ބުމަ ގޮށްޖަހާލައިގެން ހުރެ ބުނެލިއެވެ. “ފްރާންސްގައި ތިހެން ގަބޫލެއް ނުކުރޭ..” ނީޝަލް ބުނެލިއެވެ. “މަށަށް ހެޔޮ ކަލޭ އައީ މައްކާއިން ވިޔަސް.. އިޒްކާންއާއި ދުރުގައި ހުރޭ.. މަގޭ ނުބައި ކަން އަދި ނުފެނިގެން ތިއުޅެނީ..” އެ އަންހެން ކުއްޖާ ހުރީ ވަރަށް ރުޅިއައިސްފައެވެ. އެހެން ބުނެލާފައި ކުރިއަށް ޖެހިލިގޮތުން ހީވީ ނީޝަލްގެ މޫނުމަތީގައި ބޮނޑިއެއް އަޅަން އުޅުނުހެންނެވެ. ނީޝަލް އެކުއްޖާ އާއި ދިމާލަށް ބަލާލިއެވެ. އެކުއްޖާގެ ހުރީ ކަންފަތާއި ހަމައަށް އަރާވަރުގެ ކުރުކުރު އިސްތަށިކޮޅެކެވެ. އެއިސްތަށިކޮޅުގައިވެސް ވަނީ ދަނބުކުލަ ޖައްސާލާފައެވެ. ދޮނެވެ. ހުރީ ކަޅުކަޅިއެކެވެ. ލައިގެންހުރީ ކުރު ސޯޓުބުރިއަކާއި ރިޕްޑް ޓީޝާޓުކޮޅެކެވެ.

“ޝައިމާ ދެން ހެވޭ.. އިޒްކާން ރީއްޗަށް ވާހަކަދައްކާއުޅޭ ކޮންމެ އަންހެންކުއްޖަކާއި ބެހެން ނޫޅެބަލަ..” ހޫރީން އައިސް ނީޝަލް ދިފާއު ކުރިއެވެ. ޝައިމާއޭ ބުނެ ހޫރީން ވާހަކަދެއްކީ އެ ދަނބުކުލައިގެ އިސްތަށިގަނޑުގެ ވެރި އެ ރުޅިގަދަ އަންހެން ކުއްޖާއެވެ. “އިޒްކާން ފޮނިކަމުން އަހަރެމެން އޭނަގެ ފަހަތުގައި ހުންނަ އިރުވެސް އަނގައިން ނުބުނޭ.. ދެން މި އަންހެން ކުއްޖާއާއި ވާހަކަދައްކަންޏާ އަދި ޝައިމާއަށް ކިހާވަރެއް ވާނެ..؟” އެ އަންހެން ކުއްޖާގެ ކަނާތަށް ހުރި އަންހެން ކުއްޖާ ބުނެލިއެވެ.

“އިޒްކާން ވާހަކަ ދައްކަން ބޭނުން ނުވާތީދޯ ކަލޭމެންނާއި ވާހަކަ ނުދައްކަނީ..” ހޫރީން ބުނެލިއެވެ. “ބަލަ ކަލެއާއި އިޒްކާން ވާހަކަ ދައްކަނީ ހިޔާންގެ ކޮއްކޮއަކަށް ވީތީ… އެނޫނިއްޔާ ހީވޭތަ އޭނަ ކަލެއާއި އަނގައިންވެސް ބުނާނެހެން…؟” ޝައިމާ މަލާމާތުގެ ހިނިގަނޑެއް ޖަހާލާފައި ބބުނެލިއެވެ. “މަށާއި އިޒްކާން ވާހަކަ ދައްކަނީ ހަމައެކަނި ހިޔާންއަކީ މަގޭ ބޭބެއަށް ވީމައެއްނޫން..” ހޫރީން ބުނެލިއެވެ. “ކަލޭ މާ ފޮނި ނުވެބަލަ.. ކަލޭ ތިއީ ހިޔާންގެ ކޮއްކޮއަށް ނުވިނަމަ އިޒްކާން ކަލެއާއި ދިމާ ބަލާވެސްނުލާނެ.. އަހަރެމެންނާއި ދޭތެރޭ ކަންތައް ކުރާގޮތަށް ކަލެއާއި ދޭތެރޭވެސް ކަންތައް ކުރާނީ.. އެކަން އިނގޭތަ.؟” އެ މާނައެއް ނެތް އަރާރުންވުން އެހިސާބަށް ދިޔުމުން ނީޝަލްއަށްވެސް މަޑަކުން ނުހުރެވުނެވެ.

“އަހަރެން އާ ވީމައި މިވާނުވާ އެހާ ބޮޑަށް އޮޅުން ނުފިލިޔަސް ތި ޒުވާބު ކުރަނީ ކީއްވެގެންކަން އިނގޭ…. އެހެންވެ ޕްލީޒް ސްޓޮޕް ދެޓް..” ނީޝަލް ނުރުހިފައި ބުނެލިއެވެ. “”އައްދޭ.. އެހެންވިއްޔާ ކަލޭ ބުނެބަލަ..! މަގޭ ގައިގައި ނެތް ކަލޭގެ ކޮން ސިފައެއް ހުރެގެން އިޒްކާން ކަލެއާއި ވާހަކަ ދައްކަނީ..؟ ކަލޭގެ ހަންގަނޑުގެ ރީތި ކުލަ އެކަނި ހުރީ..” ޝައިމާ އެހެން ބުނެލުމުން ހޫރީން ބުމަ އަރުވާލާފައި ފެށިއެވެ. “އޭނ..؟ އަހަރެން ކިޔާދީފާނަން ލިސްޓެއް.. ނީޝަލް ކަލެއަށްވުރެ ރީތީ ކޮން ގޮތްގޮތަކުންތޯ..” ޝައިމާގެ އަނގަ ބަންދުވޭތޯ ހޫރީން ބުނެލިއެވެ. “ތި ލިސްޓެއްގައި ކަލެއަކަށް އެކައްޗެއްވެސް ނުލިޔެވޭނެ..” ޝައިމާ ހިނިގަނޑެއް ޖަހާލިއެވެ.

“ޔުނީކް ވަރަކަށް ދިގު އިސްތަށިގަނޑު.. ދޮންދޮން ހަންގަނޑު.. ކަޅިރަވަ.. ދިގު އެސްފިޔަތައް.. ރީތި ތުންފަތް.. އެސްތެޓިކް ދެލޯ…” ހޫރީންއަށް އެހިސާބަށް ބުނެވުނުތަނާހެން އަނގަބަންދުވެގެން ބިންމަތީ ގައި ބާރަށް ފައިޖަހާފައި ޝައިމާ ހިނގައިގަތެވެ. ހޫރީންއާއި ނީޝަލް އެކަކު އަނެކަކަށް ބަލާލީ ހިނިތުންވެލައިގެން ހުރެއެވެ. “ވާވް މަށަކަށް އަދި ނޭނގޭ ފްރާންސްއިން އަންނަކުދިން އެހާ އޯސަމް ކަމެއް..” ހޫރީން ބުނެލިއެވެ. “އޯވް ޕްލީޒް.. އަށާރަ އަހަރު ވެގެންދިޔައިރު އަދި މިވާހަކަ ދެއްކުނީ ވަރަށް މަދު ދިވެހި ކުދިންނާއި.. ދެންމެ އެ ދިޔަ ތިންމީހުން.. ދެން ހޫރީންގެ ބޭބެ.. އަމް ހިޔާން ދޯ ކިޔަނީ..؟ ދެން ހޫރީން.. ދެން އިޒްކާން..” ނީޝަލް އިޒްކާންގެ ނަން ކިޔާލިއިރު ތުންފަތުގައި ކުޑަ ހިނިތުންވުމެއް ކުޅެލާފައި ވުމުން ހޫރީންއަށް ޝައްކުވިއެވެ. ނީޝަލް އިޒްކާން އާއި ގަޔާވާ ކަމެވެ. ނީޝަލް އިޒްކާންއާއި ގަޔާވާނަމަ ހޫރީންއަށް ހެވެއެވެ. އެހެން ނޫނަސް ހޫރީންގެ ނަޒަރުގައި އިޒްކާން އާއި ނީޝަލް ނުހަނު ބޮޑަށް ގުޅެއެވެ.

”އައްޔޭ.. އިޒްކާންގެ ނަން ބުނެފައި ކޮންހާ ހިންޏެއްތަ ތިއަންނަނީ؟” ގަސްތުގައި ނީޝަލްއާއި ހޫރީން ދިމާކޮއްލިއެވެ. ނީޝަލް ކިތަންމެވަރަކަށް އެ ހިނިތުންވުން ފޮރުވަން މަސައްކަތް ކުރި ނަމަވެސް ނީޝަލްއަށް ހެވިއްޖެއެވެ. “ލޮލް.. މިއަދުން ފަށައިގެން ނީޝަލް ތިއީ މަގޭ ބެސްޓް ފްރެންޑް.. އެގޮތް ރަނގަޅުތަ..؟” ހޫރީން އެއްސެވެ. ”އަހަރެންގެ އެއްވެސް މައްސަލައެއް ނެތް…” ނީޝަލް ބުނެލިއެވެ. ހީނލާފައި ނީޝަލްގެ ކޮނޑަށް އަތް ވައްޓާލައިގެން ހޫރީން ހިނގައިގަތެވެ. ކޮލެޖްގެ ދޮރުމަތީގައި ޕޮލިސް ކާރެއް ޕާރކް ކޮށްފައި އޮތުމުން އަލާން ނީޝަލް ބަލާ އައީކަން ނީޝަލްއަށް އެނގުނެވެ. އޭރު ޒިވީން އާއި ނަވާން މަޑުކޮއްގެން ހުއްޓެވެ. ނީޝަލް އެ ޕޮލިސްކާރާއި ދިމާލަށް ހިނގައިގަތުމުން އެންމެން އެއްފަހަރާ ކަހަލަގޮތަކަށް ނީޝަލްއާއި ދިމާލަށް ބަލަން ފެށިއެވެ.

”ކޮން ކުށެއް ކޮއްގެން ތި ޕޮލިސްކާރަށް އަރަން ތިދަނީ..؟” ހޫރީން އެއްސެވެ. “ސާބަހޭ.. ކުށްކޮއްގެން އެކަނިތަ މީހުން ޕޮލިސް ކާރަށް އަރަންދަނީ..؟ އެއީ މަގޭ ތިއްތަބެއޭ.. ބަލާ އައިސް އެހުރީ..” ނީޝަލް ކިޔައިދިނެވެ. “އޯހް.. ތިހެންވެސް ބުނެލިނަމަ.. އޭނ ކީކޭ..؟ އެކަމަކު އެހުރީ އަލާންބެއެއް ނޫންތަ..؟ ވެއިޓް.. އެއީތަ ނީޝަލްގެ ތިއްތަބެއަކީ..؟” ހައިރާންވެ ދެލޯ ބޮޑުކޮށްލައިގެން ހުރެ ހޫރީން އެއްސެވެ. “އާނ އެއީ މަގޭ ތިއްތަބެއަކީ..” ނީޝަލް ހޫރީން އާއި ސަލާން ކޮށްލަމުން ބުނެލިއެވެ. “ހްމްމް ހްމްމް… ހަނދާންކޮށް ތައްޔާރުވާތި.. އިޒްކާން ގުޅާނެ އިނގޭ..” އިޒްކާންގެ ނަން ލާނެތް ފާޑަކަށް ބޭރުކޮއްލަމުން ސައިކަލުގައި މަޑުކޮއްގެން ހުރި ހިޔާންއާއި ދިމާލަށް ހޫރީން މިސްރާބު ޖެހިއެވެ. ނީޝަލް ހިޔާންއަށް ހީނލިއެވެ. ރައްދުގައި ހިޔާން އެއްލޯމަރާލީއއެވެ.

ކާރާއި ހަމައަށް އަރާފައި ނީޝަލް ލޮލުގެ ކުޑަކޮޅުން އިޒްކާންއާއި ދިމާލަށް ބަލާލިއެވެ. އިއްތިފާގުން އޭރު އިޒްކާންވެސް ހުރީ ނީޝަލްއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. “ބާއި..” އިޒްކާން އޭނަޔާ ދިމާލަށް ބަލަން ހުރުމުން ނީޝަލް ބުނެލިއެވެ. “ސީ ޔޫ..” ރައްދުގައި އިޒްކާން އެހެން ބުނެލަމުން އަތްހޫރާލިއެވެ. ނީޝަލް ކާރަށް އަރަން ދޮރު ހުޅުވާލުމުން ޒިވީން ނީޝަލްގެ މޫނަށް ބަލާލިއެވެ. ނީޝަލްގެ މޫނުމަތިން ފެނުނު އުފާވެރިކަމުން ނީޝަލްގެ ފުރަތަމަ ދުވަސް ކުރިއަށް ދިޔައީ ނުހަނު އަމާންކަމާއި އެކީގައި ކަން ޒިވީންއަށް ޔަގީނާއި ގާތަށް ހީކުރެވުނެވެ.

“އައްދޭ..! ދިޔަ ފުރަތަމަ ދުވަހު ފިރިހެންކުއްޖަކާއި ސެޓު ކުރީތަ.؟ ނީޝް ހާދަ ހިންގާލައޭ…” ޒިވީން ދިމާކޮއްލިއެވެ. އިޒްކާން އާއި ނީޝަލް ވާހަކަދެއްކި މަންޒަރު ފެނިގެންނެވެ. “އެއީ ފްރެންޑެކޭ.. ބަލަ ތިއްތާ..” ނީޝަލް ބޯހޫރާލިއެވެ. ޒިވީން އެހާ ލލާނެތް ކަމެއް ނީޝަލް ކުރިން ނުދަނެ ހުއްޓެވެ. އަޅެފަހެ ފިރިހެންކުއްޖަކާއި އަނގައިން ބުނެލިޔަސް އެސިކުންތުގައި އެސެޓުވެ ނިމުނީ ހެއްޔެވެ.؟ “އޭތް ދޮންތާ… މާވަރަކަށް ފޯރިގަދަވެގެން ކާކު އެމެސެޖް ކުރަނީ…؟” ނީޝަލްގެ ފޯނަށް ހުއްޓާނުލާ ނުވެސް ދަންނަ ނަންބަރަކުން ފަސްހަވަރަކަށް މެސެޖް ކުރުމުން ނަވާން އަހާލިއެވެ. ނީޝަލް ފޯނަށް ބަލާލީ އެއީ ކާކުތޯ ޔަގީން ކުރުމަށެވެ.

އަތުގައި އޮތް ފޯނު ޖީބަށް ލާފައި ސިނގިރޭޓްގެ ދުންތައް ބޭރު ކޮށްލުމަށްފަހު ރޫހާން ސިގިރޭޓް ހިފައިގެން ކޮޅަށް ތެދުވިއެވެ. އޭނާ ހުރީ އޭނާ ރާއްޖެއަށް އައުމުގެ ކުރިން މާޔާ އޭނާ އުޅެން ހަމަ ޖައްސައިދީފައިވާ ގޭގައެވެ. މާޔާ ބުނި ގޮތުންނަމަ އެއީ މާޔާގެ މައިންބަފައިންގެ ގެއެވެ. އަލިކަމުގެ ޒައްރެއްގެ މިންވަރުވެސް ނުވާ އެ ގޭގައި ވަނީ މަރުގެ ހަމަހިމޭންކަމެވެ. ރޫހާން ލުއި ފިޔަވަޅުތަކެއްގައި ކުރިއަށް ހިނގާލާފައި ގޮސް އެންމެ އަވަހަށް ޖެހުނު ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އޭރު އެނދުގައި ބަނދެފައި އޮތް އަންހެން ކުއްޖާ އޮތީ ހަޅޭއްލަވާ ރޮމުން ގޮސް ވަރުބަލިވެގެން ނިދިފައިކަމަށް ރޫހާން ޔަގީން ކުރިއެވެ. އޭސީއެއް ނުވަތަ ފަންކާއެއްހާ ހިސާބުވެސް ނެތް އެ ކޮޓަރީގެ ތެރޭގައި ރަސްކަން ކުރރަމުން ގެންދިޔައީ އުދާސްކަމެވެ. ދަލުން ފޯވެފައިވާ އެ އަންހެން ކުއްޖާގެ މޫނަށް ރޫހާން ބަލާލިއެވެ. ރޫހާން ސިނގިރޭޓްގެ ކޮޅު އެ އަންހެން ކުއްޖާގެ ފަލަމަސްގަނޑުގައި ޖައްސާލުމުން ވޭނީ އާހެއް ބޭރުކޮށްލާފައި އެ އަންހެން ކުއްޖާ ދެލޯ ތަންމިނަށް ހުޅުވާލިއިރު އެދެލޮލުން ބިރުގަނެފައިވާ މިންވަރު ހާމަކޮށްދެއެވެ. ނުރައްކާތެރިގޮތަކަށް އެ އަންހެން ކުއްޖާގެ މޫނަށް ބަލަން ހުރި ރޫހާން އެއް މިޔަކަނުން ހިނިތުންވެލިތަން ފެނިފައި އެ އަންހެންކުއްޖާގެ ހިތުގެ ތެޅުން ބާރުވިއެވެ.

“ހެއި ދެއަރ ލަވްލީ… ޔޫ ވޯކް އަޕް…..” އެ ކޮޓަރީގެ ތެރޭގައިވީ ހަމަހިމޭންކަން ނަގާލީ ރޫހާން ވައި އަޑަކުން ބުނެލި ޖުމްލައެވެ.

 

= ނުނިމޭ =

Share Article

Follow Me Written By

yooon

10 Stories100 Comments100 Login100 Stories

Transcend reality in this little safe space <3

Other Articles

Previous

ނޭދެމޭ ވަކިވުމެއް-35

Next

މި ހިތުން މަޤާމޭ މި ދެނީ 16

Next
December 17, 2020

މި ހިތުން މަޤާމޭ މި ދެނީ 16

Previews
December 16, 2020

ނޭދެމޭ ވަކިވުމެއް-35

2 Comments!

  1. ?Ril? says:
    December 17, 2020 at 7:20 am

    Wow mi part vxx vrh Sali ❤️❤️❤️
    Masha Allah❤️❤️❤️❤️
    Aleyy izkaan dhw so cute ❤️❤️❤️❤️❤️
    Pis hiyaan kuraa kantha dhw keekuraany
    Izkaan party baahvany hahahhhaha???????????????
    Sahaamaa gehlunu sababakee roohaan kaneyge roohaan eoleny sahaamaa kidnap kohgen vrh heveyyy????????
    Btw waiting for the next part❤️❤️❤️❤️❤️❤️
    Love u soo much ❤️❤️❤️❤️
    Stay safe and take gud care❤️❤️❤️?

  2. Xem says:
    December 17, 2020 at 9:56 am

    Maasha Allah it is beautiful.. I am speachless.. And Hiyaan sounds so bad… And yay Hooreen and Nyshal became bestfriends.. dhen Roohaan.. O my god is he the one who kidnapped Shahaamaa..? That is so bad … This keeps getting interesting day by day.. Can’t wait for the next part yoon.. Love u always

Comments are closed.


All Right Reserved!