މަޑު ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަނެވެ. އާރްޔަން އެގަޑީ ގޭގައި ނޫޅެނީ ނަސީބެކޭ މަލްދާގެ ހިތައް އެރިއެވެ. ސާރާގެ ދުލުން ބޭރުވަމުން ދިޔަ ހުރިހާ ޖުމްލައެއްހެން މަލްދާގެ ސިކުނޑި ތެރޭގައި ގުގުމަމުން ދިޔައެވެ. މަލްދާ އަކީ ހަމަ އެހާ ގޯސް ކުއްޖެއް ހެއްޔެވެ. ހަޔާތުގައި އެންމެ އިތުބާރު ކުރި ދެމީހުންގެ ފަރާތުން މަލްދާއަށް ލިބުނީ ކެއްސެވެ. ދެން އިތުރަށް އިތުބާރު ކުރާނީވެސް ވަކި ކާކަށްހެއްޔެވެ؟ އަޒްހާން އޭނަ ކައިރީ އެހެދީ ހުސް ދޮގުހެއްޔެވެ؟ އަޒްހާން ދުވަހަކުވެސް މަލްދާ ދެކެ ލޯބިވި ހެއްޔެވެ؟ ލޯބިވާނަމަ އެހެން ކަންތައް ކުރާނެ ހެއްޔެވެ؟ ހަމަގައިމުވެސް މަލްދާގެ ހިތުގައިވާ ސުވާލުތަކަށް ޖަވާބުދޭން މިއަދު އަޒްހާން އެއް ނާންނާނެއެވެ. މިހެން ހިތައް އެރުމުން މަލްދާގެ ހިތައް ވީތަދު އިތުރުވިއެވެ. މުޅި އުމުރުދުވަހު އެސުވާލުތަކާ އެކީ އުޅޭކަށް ހަމަގައިމުވެސް މަލްދާއަކަށް ކެތެއް ނުވާނެއެވެ.
ގަޑިއިރެއްހާއިރު ވިއިރުވެސް މަލްދާ ހުރިތަނުން ގުޑައިނުލައެވެ. ދެކަކޫ މަތީގައި ބޯ އަޅައިގެން އޮތްއިރު އަދިވެސް އެދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އެއާއި އެކު މީހަކު ދޮރު ހުޅުވާލި އަޑުއިވުނެވެ. ބޭރަށް ގޮސް އައިސް ކޮޓަރިއަށް ވައިން އާރްޔަން ލިބުނީ ހައިރާންކަމެވެ. ކޮޓަރިތެރޭގައި ވި އަނދިރިކަމަށް ހޭނެން ކުޑަވަގުތުކޮޅެއް ނެގިއެވެ. އެނދުގެ އެއްފަރާތުގައި އިން މަލްދާ ފެނުމާއެކީ ކަމެއް ގޯސްވެއްޖެކަން އާރްޔަން އަށް ނަގައިގަނެވުނެވެ. މަޑުމަޑުން ގޮސް މަލްދާ އާއި ކުރިމަތިވާނެހެން އިށީނދެލި އާރްޔަން އަށް ބުނާނެ އެއްޗެއް ނޭނގިގެން އެމޫނާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. މަލްދާގެ މިލާފައިވާ މޫނު ފެނުމުން އެހިތައް ތަދުވިއެވެ. މަލްދާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލުމަށްޓަކައި އެއަތް އުފުލާލެވުނީ އެއްވެސް އިހުތިޔާރަކާ ނުލައެވެ. އާރްޔަންގެ އަތް މަލްދާގެ ކޮލުގައި ބީހިލުމާއެކީ މަޑުމަޑުން ބޯހިއްލާލިއެވެ. މަލްދާގެ މޫނުން މިއަދު އާރްޔަންއަށްޓަކައި އެހެންޏާ ފެންނަ ނަފުރަތެއް، ރުޅިވެރިކަމެއް ނެތެވެ. މިއަދު އެލޮލުން އެދެނީ މީހެއްގެ އަޅާލުމާ އޯގާތެރިކަމެވެ. އާރްޔަންއާއި ދިމާލަށް ބަލަހައްޓައިގެން އިން މަލްދާގެ ބަޑި ފަޅައިގެން ދިޔައީ ހަމަކުއްލިއަކަށެވެ. މަލްދާ ރޯތަން ބަލަން ނުހުރެވިގެން އަވަހަށް މަލްދާ ގެނެސް އޭނަ އަތުތެރެއަށް ލެވުނީ އެއްވެސް އިހުތިޔާރަކާ ނުލައެވެ. ކުރެވުނުކަންތައް އިހުސާސްވީ މާފަހުންނެވެ. އާރްޔަން ހީކުރީ މަލްދާ އޭނަ ދުރަށް ކޮއްޕާލާނެ ކަމެވެ. ނަމަވެސް ކަންތައްވީ އެހެނަކުން ނޫނެވެ. އެއާ ހިލާފަށް މަލްދާ އާރަޔަންގެ ކޮނޑުގައި ބޯއަޅާލިއެވެ. މަލްދާ ހިތްފުރެންދެން ރޯނެ ފުރުސަތު އާރްޔަން ދިނެވެ. ” މަލް.ދާ.. ކިހިނެތްވީ..” މަލްދާ ހަމައަކަށް އެޅިލިހެން ހީވުމުން އާރްޔަން ސުވާލުކޮއްލިއެވެ. ” އެންމެން ދޮގު ހަދަނީ.. ” ރޮވިފައިވާ އަޑަކުން މަލްދާގެ ދުލުން ބޭރުވިއެވެ. އެއަށްފަހު ކަންތައް ވެގެން ދިޔަ ގޮތް އާރްޔަންއަށް ކިޔައިދިނެވެ. މަލްދާގެ ވާހަކަތައް އަޑުއެހުމަށްފަހު އާރްޔަންގެ ހިތުގައި ރިއްސާލިއެވެ. މަޑުމަޑުން މަލްދާގެ ގައިން އަތް ދޫކޮށްލިއެވެ. މަލްދާ އަދިވެސް ލޯބިވަނީ އަޒްހާންދެކެއެވެ. އެހާ ފަސޭހައިން އެހަގީގަތް ހަނދާން ނައްތާލެވެނީ ކީއްވެހެއްޔެވެ؟
ނަފީސާމެން ފުރާތަނަށްވެސް މަލްދާ ނުދިޔައީ ސާރާގެ މޫނު ދެކެން ބޭނުން ނުވާތީއެވެ. ބޮލުގައި ރިއްސާކަމަށް ހެދިގެން އެނދަށް އަރާ އޮވެގެން ވިސްނެމުން ދިޔައީ ސާރާ މަލްދާ އާއި ދިމާލަށް ބުނި ވާހަކަތަކެވެ. ހަމަ އަސްލަށްވެސް އޭނައަކީ އެހާ އަމިއްލަ އެދުން ބޮޑު މީހެއް ހެއްޔެވެ؟ ސާރާ ދެއްކި ވާހަކަތައް ގަބޫލުކުރެވެންފެށިއެވެ. އާރްޔަން އާއި މެދު ކަންތައް ކުރެވިފައި އޮތް ގޮތާ މެދު ފުންކޮށް ވިސްނާލިއެވެ. ތެދެކެވެ. މަލްދާ އަށް އާރްޔަން އާއި މެދު ކަންތައް ކުރެވިފައިވަނީ ރަނގަޅަކަށް ނޫނެވެ. މަލްދާގެ އެހާގިނަ އުނދަގޫތަކަށްފަހުވެސް އާރްޔަން މަލްދާދެކެ ރުޅިއައިސްގެނެއް ނޫޅެއެވެ. މަލްދާ ދެރަވިގަޑީ ކައިރީގައި ހުއްޓެވެ. މަލްދާއަށް ހިފެން މިއުޅެނީ ކޮންކަމެއްގެ ބަދަލެއް ހެއްޔެވެ؟ އަޒްހާން އާއި ދުރުވުން ހެއްޔެވެ؟ އެހެން ކަންތައްވީ އާރްޔަންގެ ސަބަބަކުން ނޫނެވެ. އަޒްހާންގެ ސަބަބުންނެވެ. އަޒްހާން މަލްދާދެކެ ލޯބިވާނަމަ އެހެން ކަންތަކެއް ނުކުރީހެވެ. މަލްދާދެކެ ލޯބިވަނީ އާރްޔަންއެވެ. ސާރާގެ ދުލުން އާރްޔަން ކުރިންވެސް މަލްދާ ދެކެ ލޯބިވާކަން އިނގުމުން ރުޅިއައުމުގެ ބަދަލުގައި އެހިތަށް ހަމަޖެހުން ލިބެންވީ ސަބަބާ މެދު މަލްދާ އަށް ވިސްނުނެވެ. އާރްޔަން އަށް އުނދަގޫ ކުރަން ކުރި ކަންތައްތައް ހިތައް އެރުމުން މަލްދާއަށް ހެވޭ ގޮތްވިއެވެ. ކުއްލިއަކަށް އެމޫނުމަތީގައިވާ ހިނިތުންވުން ފިލައި ނުތަނަވަސްވެރިކަން ވެރިވިއެވެ. އަނެއްކާ އާރްޔަން ދެކެ ލޯބިވެވުނީބާއޭ ހިތައް އެރުމުން މަލްދާގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅެން ފެށިއެވެ. އެހެން ވެގެން ނުވާނެއެވެ. ކުއްލިއަކަށް އައި ހިޔާލުން ދެފަރާތަށް ބޯހޫރާލިއެވެ. މުޅި ދުވަސް ހޭދަވެގެން ދިޔައީ އެކަހަލަ ހިޔާލެއްގައެވެ.
އަޒްހާން މަތިން މަލްދާ މުޅިން ހަނދާން ނެތުނު ކަހަލައެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް މަލްދާގެ އުޅުމަށް އަންނަމުން ދިޔަ ބަދަލުތައް އާރްޔަންއަށްވެސް ފާހަގަ ކުރެވެއެވެ. ކުރީގައި އަބަދު މޫނު ހަދައިގެން ހުންނަ މަލްދާގެ މޫނުމަތިން ފެންނަނީ ރީތި ހިނިތުންވުމެކެވެ. އާރްޔަން އަށް ކުރަމުން ދިޔަ އުނދަގޫތައް ހުއްޓާލިއެވެ. އާރްޔަންގެ ހުރިހާ ކަމެއް މަލްދާ ކުރެވޭތޯ ބަލައެވެ. އާރްޔަން ހިތުން މި ބަދަލުތައް އައީ އަޒްހާން އާއި ސާރާގެ ހަގީގަތް އެނގުމުންނެވެ. މަލްދާ ކައިރިއަށް ކިތައްމެ ދާން ބޭނުންވިޔަސް ފަސްޖެހެވެނީ ކައިރީގައި ހުންނަ ވަރަކަށް އޭނައަށް އަމިއްލަ ނަފްސު ހިފަހައްޓަން އުނދަގޫ ވާނެތީއެވެ. އެހެންވެ އާރްޔަން ބަލަނީ މަލްދާ އާއި ވީހާވެސް ދުރުން އުޅެވޭތޯއެވެ.
ރޭގަނޑު އަށެއް ޖެހިއިރު މަލްދާ ތައްޔާރުވަމުން ދިޔައީ އަސްމާ އާއި އެކީ ކުޑަކޮށް ބާޒާރު ކޮއްލަން ނިކުމެލުމަށެވެ. މާލެ އައިފަހުން އޭނަ މަދުފަހަރަކު ނޫނީ ބޭރަށް ނުނިކުމެއެވެ. މިރޭވެސް ދާންމިޖެހުނީ އަސްމާ ކިޔާ ވަރުންނެވެ. ކޮޓަރީގެ ދޮރު ހުޅުވުނީ އެގަޑީއެވެ. އެތެރެއަށް ވަދެގެން އައި އާރްޔަން ފެނުމުން މަލްދާގެ މޫނު އުޖާލާވެގެން ދިޔައެވެ. އިރުކޮޅެއްވަންދެން މަލްދާގެ ރީތި ކަމަށް ބަލަން ހުރެފައި އަވަސްއަވަހަށް މޫނު އަނބުރާލިއެވެ. އެއަށްފަހު ގޮސް ވަނީ ފާހަނައަށެވެ. އާރްޔަން ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރުމަށްފަހު މަލްދާ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. އާރްޔަން ފާހަނައިން ނިކުތީ މަލްދާ ދިޔަކަން ޔަގީން ކޮއްފައެވެ.
ކާރުގައި ވަކި ހިސާބަކަށް ގޮއްސައި އަސްމާ އާއި މަލްދާ ފިހާރަތަކަށް ދިޔައީ ހިނގާފައެވެ. އެއްފިހާރައިން އަނެއް ފިހާރައަށް ހިނގަމުން ދިޔައިރު ކަމުދާ ހެން ހީވާ ކަހަލަ އެއްޗެހި ގަންނަމުން ދިޔައެވެ. އަސްމާ ވިޔަފާރިކުރަން ލަސް ކަމުން މަލްދާ އިނީ ކުޑަކޮށް ފޫހިވެފައެވެ. ފިހާރައަކަށް ވަދެއްޖެއްޔާ މުޅި ފިހާރަތެރޭ އަތްފުނާ އަޅައިގެން ކަމުދާ އެއްޗަކާ ލައްވާލަނީ މަދުފަހަރަކުއެވެ. ” މިއޮއް ގޯޅިގަނޑުގައި އިންނާނެ ވަރަށް ރީތި ހެދުން ވިއްކާ ފިހާރައެއް… ހިނގާބަލަ..” އަސްމާ ވަރަށް ފޯރިއާއެކު ބުންޏެވެ. މަލްދާ ބޯ ޖަހާލުމަށްފަހު އަސްމާ ފަހަތުން ދާން ހިނގައިގަތެވެ. ވަކި ހިސާބަކަށް ގޮސް ހުއްޓުނީ އަރައިގެން އިން ސްނީކާސް ބޫޓުގެ ނާޑުވާ މޮހިގެންނެވެ.
އަނގަ ހުއްޓާނުލާ ވާހަކަ ދައްކަމުން ދިޔަ އަސްމާ ފަހަތް ބަލައިލީ މަލްދާގެ އެއްވެސް އަޑެއް ބަޑެއް ނީވިގެންނެވެ. ދުރުދުރަށް ދާންދެންވެސް މަލްދާ ފެންނަން ނެތުމުން އަސްމާ ފޯނު ނެގުމަށްފަހު މަލްދާއަށް ގުޅާލިއެވެ. އަސްމާ ހައިރާންވީ ފޯނު ރިންގްވާ އަޑު ކައިރި ހިސާބަކުން އިވޭތީއެވެ. ވަށައިގެން އެހިސާބު ހޯދާ ބެލިއިރު މަގުގެ އެއްފަރާތުގައި މަލްދާގެ ފޯނު ވެއްޓިފައި އޮތެވެ. އަސްމާ ހާސްވާން ފެށީ އެހިސާބުންނެވެ. އެ އަނދިރިގަނޑު ތެރޭ އެހެން މީހެއްގެ ހިލަމެއް ވާކަށް ވެސް ނެތެވެ. އަވަހަށް މަލްދާ ފެނޭތޯ މުޅި ހިސާބުގަނޑުގައި ބެލިއެވެ. އެންމެ ފަހުން ހަދާނެ ގޮތެއް ނޭނގިގެން އާރްޔަންގެ ފޯނަށް ގުޅިއެވެ. ދެފަހަރަކު ރިންގުވުމަށް ފަހު އާރްޔަން ފޯނު ނެގިއެވެ. ” ދަރި.. ދަރިފުޅާ… މަލް..މަލްދާ…..” ހާސްވެފަ އިންވަރުން އަސްމާ އަށް ވާހަކަ ދެއްކެނީ ކިރިޔާއެވެ. މަލްދާގެ ނަން ބުނެވުމާއެކު އަސްމާ އަށް ރޯން ފެށުނެވެ. އެއާއެކު އާރްޔަންގެ ހާސްކަން ވީ އިތުރެވެ. ” މަންމާ.. މަލްދާ އަށް ކިހިނެތްވީ.. ” ހާސްކަމާއެކު އާރްޔަން އަށް ސުވާލު ކޮއްލެވުނެވެ. އަސްމާ އަށް ވީގޮތް ކިޔާދެވުނީ ވަރަށް ވަރުންނެވެ. އަސްމާގެ ވާހަކަތައް އަޑުއަހާފައި އާރްޔަން ހިތައް އުނދަގޫ ވާންފެށިއެވެ. އަވަހަށް އަސްމާ ހުރިތަނަށް ދެވޭތޯ ގެއިން ނިކުތެވެ. އާރްޔަން އާއި އެކީ އަލީވެސް ދިޔައެވެ. އަސްމާ ކައިރިއަށް ދެވުނު އިރު އަސްމާ ދެރަވެގެން ރޮނީއެވެ. މަންމަ ހަމައަކަށް އެޅުވޭތޯ ބަލާފައި އާރްޔަން ޑްރައިވަރު ލައްވާ މަންމަ ގެއަށް ފޮނުވާލިއެވެ. އެރޭ 12 ޖެހިއިރުވެސް މަލްދާގެ އެއްވެސް ހަބަރެއް ނުވުމުން އެމީހުން ފުލުހުންނަށް ރިޕޯޓް ކުރިއެވެ. އާރްޔަން އިނީ ހަދާނެ ގޮތް ހުސްވެފައެވެ. މަލްދާ އަށް ކަމެއް ވެއްޖެއްޔާ އޭނަ ދުނިޔެއިންވެސް މޮޔަވެދާނެއެވެ. މުޅި މާލެ ކުޑަކުރިއިރުވެސް މަލްދާގެ ހަބަރެއް ނުވުމުން މާޔޫސް ވާގޮތް ވިނަމަވެސް އާރްޔަން ހިތްވަރު އެލުވައެއް ނުލައެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އޭނާ މަލްދާ ހޯދާނެއެވެ.
މެރިފައިވާ ދެލޯ މަޑުމަޑުން ހުޅުވުނެވެ. ފެންނަމުން ދިޔައީ ފުސް މަންޒަރު ސާފުވާން ފެށީ ދެތިންފަހަރު އެސްފިޔަ ޖަހާލުމުންނެވެ. އެއަށްފަހު މަލްދާއަށް މިއޮވެވުނު ތަނާމެދު ވިސްނާލެވުނެވެ. ބޮޑަށް ލަފާ ކުރެވެނީ ހަދަން ފަށާފައި ހުރި އިމާރާތެއް ހެންނެވެ. މަލްދާ ތެދުވަން މަސައްކަތް ކުރަނިކޮށް ބޮލަށް އެރި ތޫނު ތަދުން އަނެއްކާވެސް އެ އޮތް ތަނަށް ތިރިވިއެވެ. ބޮލުގައި ރިއްސާވަރުން ކެތް ނުވެގެން ދެއަތުން ބޮލުގައި ބާރަށް ހިފަހައްޓާލިއެވެ. ބިރުންގޮސް މަލްދާ ހިތްބާރުބާރަށް ތެޅެމުން ދިޔައެވެ. އޭނަ މިތަނަށް ގެނައީ ކާކު ކޮންބޭނުމަކުބާއޭ ހިތައް އަރަމުން ދިޔައެވެ. އިތުރަށް އެތާ ނޯންނަން ވަރަށް މަސައްކަތުން ނަމަވެސް ތެދުވެވިއެވެ. އަވަހަށް ނިކުންނަން ވެގެން ކުރިއަށް އަޅާލި ފިޔަވަޅު ހުއްޓުނީ ކުރިމައްޗަށް އެރި މީހެއްގެ ސަބަބުންނެވެ. ބިރުން ގޮސް މުޅި މީހާ ތުރުތުރު ލާންފެށިއެވެ. ފަހަރަކު ފިޔަވަޅެއް ފަހަތައް އަޅަމުން ގޮސް އެންމެ ފަހުން އެތާ އޮތް އެއްޗެއްގައި އަޅައިގެންފައި މަލްދާ ވެއްޓުނެވެ. ވަގުތުން ދެލޮލަށް ކަރުނަތައް ޖަމާވާންފެށިއެވެ. “މިސްޑް މީ..” ނުލަފާ ހިނިތުންވުމަކާއެކީ އެ ފިރެހެން މީހާ ސުވާލުކޮއްލިއެވެ. ” ވަހީދު….” ތުރުތުރު ލެވިފައިވާ އަޑަކުން މަލްދާގެ ދުލުން ނިކުތެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Maasha Allah! varah reethi mi part ves ! and when next !
stay safe minnu
love yaa