އިމްތިޙާން 36
“މަހޫ! ގޮސް ދޮންމާ ކައިރި ބުނެބަލަ އަހަންނަށް ދީބަލާށޭ ފަންސާސް ރުފިޔާ.. ދޮންބެ ބުނުމަށްވުރެ ރަނގަޅުވާނީ މަހޫ ބުނީމަ.” އާދޭހުގެ ރާގެއްގައި މާލިކް ބުނެލިއެވެ.
“ޕިސް.. ތިހެން ނުކިޔަބަލަ. އެވެސް މަންމައެކޭ. ބައްޕަ އެހާ ދެރަވާއިރުވެސް ދޮންބެ ނޫޅެ ތިހެން ކިޔުން ހުއްޓާކަށް. ދޮންބެވެސް ގޮސް ހަމަ ބުނަންވީނު. ދޭނެ..” މަހޫ ބޭނުންވަނީ މާލިކް ލައްވާ ބުނުވާށެވެ.
“ބައްޕަ ދެރަވާނެކަމެއް ނެތް. މަހޫއަކަށް އެއްވެސް އެއްޗެއް ނޭނގޭނެ. އަހަންނަށް އެނގޭ ބައްޕަގެ ގޮތް. މަ ހަނދާންވޭ… ނުބަލާންވެގެންދޯ ތުގާ ކޮއްކޮވެސް ގެންގޮސް މީހަކަށް ދިނީ.” ގޮތްދޫ ނުކުރާ ރާގެއްގައި މާލިކް ބުނެލިއެވެ.
“އަޅެ.. ދެން ކިހާދެރަކަމެއް.. ތިހެން ކިޔާތީ ބައްޕަ ކިހާވަރަކަށް އެ ކިޔާދެނީ ތިޔެއްނޫނޭ އެކަން ވީގޮތް.. ދޮންބެއަށް ވިސްނެންވާނެދޯ އެހެން ކިޔާދޭއިރު.. ޕިސް ޕިސް.. މިވީހާ ދުވަސްތަކުގަ ދޮންބެ ބައްޕައާ ވާހަކައެއް ނުދައްކަ ގާތްކޮށެއް. ދެން އަފީފާ ދައްތައަށްވެސް ތިކުރަނީ ހެޔޮވަރުތަ؟ އެމީހާއަށް މިގޭގަ އުޅުނަ ނުދޭން… ދޮންބެއަށް ތިހުންނަނީ ކީއްތަވެފަ އަޅެ.؟” އެހެން މީހުންގެ ދިފާޢުގަ މަހޫ ވާހަކަ ދައްކަން ފެށުމުން މާލިކް ރުޅިއައެވެ.
“ދަރިފުޅާ ސަމީރު! މަންމަ ބޭނުން މާލެ ދާންވާއިރަށް ކަމެއް އޮޅުން ފިލުވަން. އެޔަށްފަހު ތި އޮޕްރޭޝަން ކުރަން އެއްބަސް ވާނަން.” ޚަދީޖާ އެހެން ބުނުމުން ސަމީރު ސިއްސައިން ދިޔައެވެ.
“ކޮންކަމެއް އޮޅުން ފިލުވަން.؟ ކޮންމެހެނެއް ވިޔަސް ތިކަން ކޮށްގެންވެސް އަހަރެން ބޭނުން މަންމަ އޮޕްރޭޝަން ކުރަން. އަދި އިނގޭތަ؟ ދެންމެ އަހަރެން ގެއަށް ދިޔައިރު އާދިލާ ފިރިމީހާ ހުރީ މާލޭން ފޮނުވި ސިޓީއެއް ހިފައިން އައިސް. އޭގަ ލިޔެފަ އޮތީ މަންމައާ އަހަރެން ވަރަށް އުފާވާނެ ވާހަކައެއް.. މަންމާ.! އޭގަ ބުނެފަ އޮތީ މަންމަގެ ލޯ އޮޕްރޭޝަން ކުރަންވެސް ފައިސާ ޚަރަދު ކޮށްދޭނަމޭ.. ދެކަމަށް ބޭނުންވާ ފައިސާހުރީ ހަމަޖެހިފަޔޯ. ކިހާ ބޮޑު ރަޙްމަތެއް އަހަރުމެނަށް މިއޮތީ ލައްވާފަ. އަހަރެން އެމީހާ ކައިރި އެކަމަށް އާދޭހެއް ނުކުރަން. އެކަމަކު މަންމަގެ ޙާލަތާ ގުޅިގެން އަހަރެން ފޮނުވި ސިޓީގަ އެވާހަކަވެސް ބުނެލާފަ އޮތީމަ ކަންނޭނގެ މިކަމަށްވެސް ޖަވާބެއް އެދިނީދޯ؟” އުންމީދީ ހިނިތުން ވުމަކާއެކު ސަމީރު ބުނެލިވާހަކައަށް ޚަދީޖާވެސް ގަދަކަމުން ހިނިތުން ވެލިއެވެ.
“ދޭބަލަ ކުޑަ ރުމާލެއް ގެނެސްދޭން.” ޚަދީޖާ އެހެން ބުނުމުން ސަމީރު މުޅިން ހައިރާން ވިއެވެ.
ސަމީރު އެހާފޯރީގާ އެވާހަކަތައް ދެއްކުމުންވެސް ޚަދީޖާގެ މޫނުމަތިން އެހާ އުފާވެރިކަމެއް ނުފެނުނެވެ. އެހައިރާން ކަމުގައިހުރެ ސަމީރު ހިނގައިގަތީ މަންމަ އެދުނުފަދައިން އެކަން ކުރުމަށެވެ.
ލޯގަނޑު ކުރިމަތީގައި ހުރެ އަމިއްލަ ސޫރައަށް ބަލަމުންދިޔަ ފާއިދަށް ބަލަހައްޓައިގެން ސީމާ ހިނިތިންވެފާ ހުއްޓެވެ. ފާއިދު ގެނުވާ އެކިއެކި ހަރަކާތްތަކުގެ އިތުރުން ބޮލުގެ އިސްތަށި ތަކުގައި އިނގިލިތައް ވިނުވާލަމުން އެކި ގޮތްގޮތް ހަދަމުން ދިޔައެވެ.
“ދައްތަ ބަލާވަރުންވެސް ފާއިދު މިހާރުއެބަ ލަދުގަނޭ. ދެން ފާއިދަކަށް ނޭނގުނު ބޮލަށް ހަދާނެ ގޮތެއް. ދައްތަ ޕްލީޒް ރީތި ގޮތަކަށް ސްޓައިލް ކޮށްދީބަލަ.” ލޯގަނޑުން ސީމާއަށް ބަލަމުން ފާއިދު ހިނިގަނޑެއް ޖަހާލިއެވެ.
“ދައްކާ.. ތުގާއަށް އިނގޭނީ ދޮންބެގެ ތި ބޮލަށް ހަދާނެ ގޮތް.” ތުގާގެ ބޮލުގައި ޖަހާފައިވާ ދައްޗެއް ނައްޓާލަމުން ބުނެލިއެވެ.
“ހޫމމ.. އެއްކަލަ ތުގާކޮއްކޮ. މީނަ އުޅޭނީ އަބަދުވެސް ދޮންބެއަށް ކޮންމެސް އުނދަގުލެއް ކުރާ ހިތުން. އެއުޅެނީ މިހާރު އެ ދަތި ޖަހަން މިބޮލުގަ. ދައްތައަށް އިނގޭތަ އެއްރޭ ބޭރަށް ދާން އުޅެނިކޮށް ސެންޓް ޖަހަންނޯ ކިޔާފަ އައިސް މޫނުގަ ގަނޑުގަނޑަށް ފުށްވެސް ޖަހުވައިފި. މީލޯބި ކުއްޖެކޭ.. ދޮންބެގެ ދޮން ތުގާ.”
ފާއިދާ ތުގާގެ ސަމާސާ ކުރުމާ ލޯބި ލޯބި ސަކަރާތް ޖެހުމަށް ބަލަން ހުރި ސީމާއަށްވެސް އުފާވެރިކަން ވެރިވިއެވެ.
“މަ މިދަނީ ބޯޅަކުޅެން. ދެން އާދެވޭނީ މޫދަށްވެސް އެރިފަ. މިރޭ އެބަޖެހޭ ރައްޓެހި ކުއްޖެއްގެ ގެއަށް ނިދަން ދާންވެސް. މިގެއަކުން ނުކާނަން. ބައްޕަ މަ ހޯދިއްޔާ ބުނޭ އެހެން.” ރުންކުރު ގޮތަކަށް އަފީފާއާ ވާހަކަ ދައްކަމުން މާލިކް ބުނެލިއެވެ.
“ދަރިފުޅާ މާލިކް! ބޯޅަ ކުޅުމަކީ މައްސަލައެއް ނޫން. މޫދަށް އެރުމަކީވެސް މައްސަލައެއް ނޫން. އެކަމަކު ކީއްކުރަން ގޭގެއަށް ނިދަން ދަނީ. ބައްޕަވެސް އަބަދު އެއިންނަނީ ޞިއްޙީ މަރުކަޒުގަ. އެއްފަހަރުވެސް ގޮސް މާމައަށް ގޮވާލީންތަ؟” އަފީފާ
އެހެން ބުނުމާއެކު މާލިކް ރުޅިއައެވެ.
“ކިހާދެރަކަމެއް.. ރައްޓެއްސެއް ކައިރި ނިދާލެވޭކަށް ނެތް. އަހަންނަށް ވަރަށް އުނދަގޫ ބަލި މީހުންކައިރި އިންނަން. ބައްޕަ ނޫނަސް މާމަގެ އެހެން ކުދިންވެސް ތިބޭނެދޯ.؟ ބައްޕަވެސް ނުވެ އެމީހުން ކައިރި އެހީއަކަށް އެދިގެން. ތީ ބައްޕަ އަމިއްލަ އަށް ކުރާކަމެއް. ދޮންމާވެސް އުޅޭނީ އަބަދުވެސް މަށަށް ކުރެވޭ ކުށްތައް ހޯދަން. މިހާރު ވަރިކުރި ފަހުންވެސް ތިން ދުވަސް ވެއްޖެއެއްނު. ކޮން އިރަކުންތަ މިގޭން ނުކުމެގެން ދާނީ” މާލިކް ބޮމުން ދިޔަ ސިނގިރޭޓުގެ ދުންތަށް ވައިގެ ތެރެއަށް މިނިވަން ކުރަމުން ހިތްހަމަ ނުޖެހިފައިހުރެ ބުންޏެވެ.
“ދަތުރެއް ހަމަޖެހުނީމަ ވަރަށް އަވަހަށް އަހަރެން ބަލާ އަންނާނެ. މިއޮއްހާ ދުވަހުވެސް އަހަރެން ކެތްކުރީ. ދެންވެސް ކެތް ކުރާނަން. އަހަރެން ސަމީރާ އިނީ ވަރަށް ބޭނުންވެގެން. ކަލޭމެން ކުދިން ކުޑަވީމަ… ސަމީރަށާ ތިކުދިންނަށް އަޅާލުމުގެ ނިޔަތުގަ. އަހަރެން މިހާ ރަނގަޅަށް އުޅުނީމަވެސް އަހަރެންގެ ދުވަސްތަކެއް ގެއްލިގެން އެދިޔައީ. އެކަމަކު އަހަރެންގެ ދިރިއުޅުން މާލިކްގެ އަތުން ފިއްތަމުން ދާންފެށީމަ އަހަންނަށް މިތާ އުޅެން ވަރަށް އުނދަގޫ. މާލިކް ތިހިރީ އަހަންނަށް ވަރަށް ޖެއްސުން ކޮށްފަ. މާލިކްގެ ސަބަބުން އަހަރެންގެ މުޅި ދިރިއުޅުން ބޭކާރުވެއްޖެ.” އަފީފާ ވަރަށް ޖަޒްބާތާއެކު ބުންޏެވެ.
“ތިވީ… އަހަރެން ބޭނުންވީ އަހަންނާހެދި ދޮންމާ ވަރިވާންވެސް. އެހެންވީމަ، ޖެއްސުންކުރާނެ ގޮތާ ބޮލުގެ ބޭނުން ހިފަންވީ ގޮތް އަހަންނަށް ދަސްކޮށްދިން މީހުންވެސް މޮޅީނު. ހައްހައްހާ.. ދޮންމާގެ ނަސީބެއް ކަންނޭނގެ ތި އާއިލާގެ މީހަކު މިހާރު މިރަށުގަ ނެއްކަން. އެހެން ނޫންނަމަ ދޮންމާ އަނެއްކާވެސް މިތާ އުޅެންޏާ މަށަށް ވަރަށް ޖެއްސުން ކުރެވޭނެ. އަސްލު އަހަރުމެން މިބޯ ސިނގިރޭޓަކަށްވުރެ ދޮންމާ މިތާ ހުރީމަ ލިބޭ ގެއްލުން ބޮޑު.” ބޮމުން ދިޔަ ސިނގިރޭޓުގެ ބާކީބައި ވައިގެ ތެރެއަށް އެއްލާލަމުން މާލިކް ހިނގައިގަތެވެ.
( ނުނިމެ )
——–******—————
ވާހަކަ ކިޔާލުމުގައި ތިޔަ ހޭދަކޮށްލެއްވި ވަގުތުކޮޅަށް ވަރަށްް ބޮޑަށްް ޝުކުރިއްޔާ ❤️❤️❤️
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.







V reethi mi vaahaka
Thanks M@L@N@ ♥️♥️???
V ufaavejje comment libuneema ?