ނޯޓު؛ މީ އަޅުގަނޑު މިސައިޓަށް ލިޔާ ފުރަތަމަ ވާހަކައެވެ. އެހެންކަމުން ކުށް ހުރުން އެކަށީގެންވުމާއެކު އެކަމަށް މާފަށް އެދެމެވެ.
————————————————————————————

އޭނާ ހަމަ ފެނުމާއެކު އަހަރެން ކުރި ދިގު އިންތިޒާރު ނިމުމަކަށް އަތުވެއްޖެއެވެ. އެތަށް ދުވަހަކަށް ފަހު އަހަރެންގެ ލޯބިވާ ފިރިމީހާ މަނާލް މިހުރީ އަހަރެންގެ ކުރިމަތީގައެވެ. މޫނުމަތިން ބަލިކަމަށް ފެނުނު ނަމަވެސް އޭނާގެ ހާލަތު އެދަނީ ރަނގަޅު ވަމުންކަން އަހަންނަށް އެނގެއެވެ. ލަންކާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދުމަށް ހަތް މަސްދުވަސް ހޭދަކުރުމަށްފަހު ރާއްޖޭގެ ފަސްގަނޑުގައި ފައިޖެހުމުން އޭނާހުރީ ވަރަށްވެސް ހިތްހަމަޖެހިފައެވެ. މޫނުމަތީގައިވި ހިތްގައިމު ހިނިތުންވުންވެސް އެކަމަށް ހެކިދެއެވެ.
ހަތް މަސް ދުވަސް ފަހުން މަނާލްގެ ހިނިތުންވުން މިފެނުނީ އަލަށެވެ.އަހަންނަށް އޭނާގެ ގައިގައި ބައްދައި ގަނެވުނެވެ. ވީއުފަލެއްގެ ބޮޑުކަމުން ރޮވެންވެސް ފެށުނެވެ. ހެޔޮ ހާލުގައި މަނާލް އަހަރެންގެ ގާތަށް އައި ކަމަށްޓަކައި ﷲއަށް ޙަމްދު ކުރެވުނެވެ. ލަސްނުކޮށް އަހަރެން އޭނާގެ އަތުގައި ހިފައިގެން އެއާޕޯޓުގެ ތޮށްޖެހިފައިވާ މާހައުލުން ނިކުންނަން ހިނގައިގަތީމެވެ. ދެމީހުން ހިނގާލާފައި ގޮސް ބޭރުގައި ޕާކުކޮށްފައި އޮތް ވޭނަށް އެރީމެވެ. އަދި ޑުރައިވަރު ގާތު އެޑުރެސް ބުނެދިނުމަށްފަހު ސީޓުގައި ހަމަޖެހިލީމެވެ. އަހަރެންގެ އަތް މަނާލް ގެ އަތުތެެރެޔަށް ލައި ބާރު ކޮށްލުމަށް ފަހު ބޭރަށް ނަޒަރު ހުއްޓާލީމެވެ. ކުރިމަތިން ފެންނަން އޮތީ ބަލާ ފޫހި ނުވާ ފަދަ މަންޒަރެކެވެ. އެހެންނަމަވެސް އަހަރެންގެ ޚިޔާލު ހުރީ އެހެން ދިމާލަކަށެވެ. އަހަރެންގެ ސިކުނޑި އަހަރެން ގެންގޮސްދިނީ މީގެ ހަތް މަސް ކުރިޔަށެވެ.
އެއީވެސް ހަމަ މިފަދަ ދުވަހެކެވެ. އަހަރެންނާއި މަނާލް ސައިކަލުގައި މިސްރާބުޖެހީ ހުޅުމާލެ އާއި ދިމާލަށެވެ. އުޑުމަތި ސާފު ދުވަހެއް ކަމުން ދެމީހުން އެކުގައި އިރުއޮއްސޭ މަންޒަރު ބަލާލައި އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމުގެ ނިޔަތުގައެވެ. ސިނަމާލެ ބުރިޖު ހުރަސްކޮށް ހުޅުމާލެއަށް އަރައި މަޑު ދުވެއްޔެއްގައި ތަންތަން ބަލަމުންގޮސް ގޮނޑުދޮށާ ހަމަޔަށް އަހަރެމެން ދިޔައިމެވެ. އޭރު އެސަރަހައްދު ވަނީ އެކި އުމުރުފުރާގެ މިހުން އެއްވެ ތޮއްޖެހިފަ އެވެ. ކޮންމެ މީހެއްވެސް އުޑުމަތީގައި ކުރަހާލެވިފައިވާ ތަސްވީރެއް ފަދަ ރަތާއި ރީނދުލުގެ މަންޒަރުތަކުން އުފާލިބިގަންނަމުން ދިޔައެވެ. އެއްބަޔަކު ފޯނުތަކުންނާއި ކެމެރާތަކުން އެމަންޒަރުތައް ރައްކާކުރަމުން ދިޔައިރު އަނެއްބަޔަކު ތިބީ އެވަގުތުގެ ފުރިހަަމަ ކަމާއި ރީތިކަމަށް ގެނބި ހުސްވެފައެވެ.
އަހަރެމެންވެސް ތަންކޮޅެއް ދުރުގައި ސައިކަލު ޕަކުކޮށްލުމަށް ފަހު ގޮނޑުދޮށާއިދިމާޔަށް ދާން ހިނގައި ގަތީމެވެ. މަނާލްގެ އަތުގައި އަހަރެން ހިފާއްޓާލައިގެން ހުރި އިރު ދެމީހުންވެސް ދިޔައީ އެކިއެކި ވާހަކަ ދައްކަމުންނެވެ. ދެމީހުންގެ މޫނުމަތިންވެސް އެވަގުތު ފެންނާނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. އެވަގުތުގެ އެއުފާވެރިކަމާއި ހިތްހަމަޖެހުމަކީ ހިނދުކޮޅެއްގެ ކަމެކޭ ބުނާނެ މީހަކު ނުހުންނާނެކަން ގައިމެވެ. އެހެންނަމަވެސް ކަންތައްވީ ވަރަށް ދެރަކޮށެވެ. ދުވާރު މަތިން ފައިބާ މަގުހުރަސް ކުރަން ހިނގައިގަތް ވަގުތަކީ ބާރު ދުވެއްޔެއްގައި އައި ސައިކަލެއް މަނާލްގެ ގައިގައި ޖެހުންވަގުތެވެ. އަހަރެންގެ އަތުން މަނާލްގެ އަތް ދޫވެ އޭނާވިއްސައިގެންގޮސް ހަދަން ފަށާފައިހުރި އިމާރާތެއްގެ ކައިރީހުރި ގާފުންޏެއް ތެރެއަށް ޖެހުނެވެ.
އަހަރެންނަށް ރޮއެގަނެވުނެވެ. މަނަލްއޭ ކިޔާ ހަޅޭލަވައި ގަނެވުނެވެ. ފަޔަށް ލެވުނުހާ ބާރެއް ލަމުން މަނަލްއާއި ދިމާޔަށް ދާން ދުއްވައިގަތީމެވެ. މަނާލްގެ ހަށިގަނޑު ފެނުމާއެކުހެން އަހަރެންނަށް ހީވީ ދުނިޔެ އެނބުރިގަތް ހެންނެވެ. ވާނީވެސް އެހެންތާއެވެ. އަހަރެންގެ ފުރާނަ ފަދައިން ލޯބިވާ އަހަރެންގެ ފިރިމީހާ އެވަގުތު އޮތީ ކިރިޔާ ކައްޓާއި މަހާ ވަކިނުވާ ހާލުގައެވެ. ބޮލުގެ ބޮޑުބައެއް ފެޅިފައި އޮތްއިރު އަތާފައިގެ ދެތިންތަނެއްވެސް އޮތީ ބިންދައިގެން ގޮސްފައެެވެ. ގައިގެ އެކިތަންތަން މަށައިގެންގޮސް މުޅި މީހާ ލެއިން ކަޅިވެފައެވެ. އަހަރެންގެ ފައިން ވަރުދޫވިއެވެ. ވަށައިގެންވާ މާހައުލު ފުސްވެ އަހަރެންގެ ޚަބަރު ހުސްވިއެވެ.
އަހަރެންނަށް ހަމަހޭވެރިކަން ވީއިރި އޮވެވުނީ ހޮސްޕިޓަލުގައެވެ. ކައިރީގައި އަހަރެންގެ މަންމަ އާއި މަނާލްގެ ދައްތަ އިނެވެ. އެދެމީހުންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހިތާމައާއި މޮޅިވެރިކަމެވެ. ވެގެން އުޅެގޮތެއް އޮޅުންފިލަން އަހަރެންނަށް ވަގުތުކޮޅެއް ނެގިއެވެ. އޭރު ދިމާވި ކަންތައް ސިކުނޑިއަށް ގެނެވެން ފެށިއެވެ. ލޯމަރާލެވުމާއެކު މަނާލްގެ ހަށިގަނޑު ސިފަވާން ފެށިއެވެ. އަހަރެންނަށް ރޮވެން ފެށިއެވެ. މަނާލްގެ ކައިރިޔަށްދާން ބޭނުމޭބުނެ ހަޅޭވެސްލެވުނެވެ. މަނަލްވީ ކޮންތާކުތޯ އެތައް ފަހަރަކު ސުވަާލު ކުރެވުނެވެ. އަހަރެންގެ ހާލު ފެނި މަންމަގެ ލަގޮނޑިއަށް ކެތް ނުވެގެން އަހަރެން ގާތުން ދުރަށް ހިނގައިގަތެވެ. މަނާލްގެ ދައްތަ އަހަރެން ހިތްހަމަޖައްސައި ދެވޭތޯ މަސައްކަތް ކުރިއެެވެ. އަދި އަހަރެންނަށް ވީގޮތް ކިޔާދެން ފެށިއެވެ. ދައްތަ ބުނިގޮތުގާ އޭރު މަނާލްވީ ލަންކާގަ އެވެ. އޭނާގެ ހާލަތު މާބޮޑަށް ދެރަވެފައި ވުމުންނާއި އަދި މާލެއިން ފަރުވާ ހޯދެން ނެތުމުން ވީހާވެސް އަވަހަކަށް ލަންކާއަށް ފޮނުވީއެވެ. އަހަރެން މަނާލް ކައިރީ ހުންނަން ދާން ބޭނުމޭބުނެ އެތައް އާދޭހެއް ކުރީމެވެ. އެހެންނަމަވެސް އަހަރެންގެ ހިތް ބަލިކަމުންނާއި އެނާގެ ހާލުފެނި ކެތް ނުވާނެތީ އެކަކުވެސް އަހަރެން ލަންކާއަށް ފޮނުވާކަށް އެއްބަހެއް ނުވިއެވެ.
އެދުވަހުގެ ފަހުން މިއަދާ ޖެހެންދެން ކޮންމެ ދުވަހަކު އަހަރެން އިންތިޒާރު ކުރަމުން އައީ މަނާލް ފެންނާނޭ ދުވަހަކަށެވެ. އެތަށް ދުވަހެއްގެ ދިގު އިންތިޒާރަށްފަހު މާތް ﷲގެ ރަޙްމަތްފުޅުން މިއަދު އޭނާ މިއިނީ އަހަރެންގެ ގާތުގައެވެ. އިރާދަ ކުރެއްވީތީ ހެޔޮހާލުގައެވެ.
އެދުވަހު މީހެއްގެ އިހުމާލުން އަހަރެންގެ ފިރިމީހާ އަހަރެންނާއި ވަކި ނުވީ ހަމަ ކިރިޔާއެވެ. މަގުމަތީގައި އުޅަނދުތައް ދުއްވުމަށް ހަދައިފައިވާ ގަވައިދުތަކަށް ނުކިޔަމަންތެރިވުމުން މި ލިބެނީ ކިހާބޮދު ދެރައެއް ނޫންހެއްޔެވެ. އެފަދަ މީހުންނާހެދި އެތަކެއް އާއިލާތަކެއް ހަލާކުވެގެން އެބަދެއެވެ. އެތަކެއް ބައެއްގެ ފުރާނަ ގެއްލިގެން ދެއެވެ. އެތަކެއް ދަރީންނެއް ޔަތީމުވެގެން ދެއެވެ.
އަހަރެންނަށް ޚިޔާލުތަކުން ނިކުމެވުނީ މަނާލް އަހަރެންގެ ކޮނޑުގައި އަތް ބާއްވާލުމުންނެވެ. އަހަރެންގެ ލޮލުން މާޒީގެ ހަނދާން ތަކާ އެކުވެގެން އައިސްފައިވާ ކަރުނަތަށް މަނާލްގެ ދެއަތުން ފުހެލަދިނެވެ. އަދި ވަރަށް ލޯބިން އަހަރެންގެ އަށްމަހަށް އަޅާފައިވާ ބަނޑުގައި ފިރުމާލަމުން އަހަރެންނާއި އަހަރެންގެ ބަނޑުގައި މިވާ މަނާލްގެ ދަރިފުޅު ދޫކޮށް ދެން ނުދާނަން ކަމަށް ބުނެ ވައުދުވިއެވެ. އަހަރެންވެސް އަހަރެންގެ ބަނޑުމަތީ އޮތް މަނާލްގެ އަތުގައި ހިފާއްޓާލަމުން ހިނިތުންވެލީމެވެ. މާޒީގެ އެހިތި ހަނދަނަށް ފަސްއަޅައި ފޮރުވާލުމަށްފަހު ކުރިޔަށް އޮތް އުފާވެރި ދުވަސްތައް ހިތައް ގެންނަމުންނެވެ.
– ނިމުނީ –

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!