ފިލާވަޅު
ނައުލް އާއި އަހަރެން ކައިވެނިކޮށް ހަޔާތެއްފެށީ ދިރިއުޅުމުގެ ނައު ހިންގޭނެ އެއްވެސް ލިޔެކިޔުމެށް ނޫނީ ތަޖުރިބާ އަކާއި އެކުގައެއް ނޫނެވެ. ލޯބިވާތީ އެވެ. އެކަކު އަނެކެއްގެ މައްޗަށް ކުލުނުވެރިކަމާއި އަޅާލުމާއި އިހުތިރާމާއެކު ހަޔާތުގެ ދަތުރު ކަނޑު ގަދަވިނަމަވެސް ބެހިނުދާނޭ ކަމަށް ޔަގީންކުރަމުންނެވެ.
ކައިވެނިކުރީ މައިންބަފައިންގެ ރުހުމުގައެއް ނޫނެވެ. ކޮންމެޔަކަސް ނައުލް އާއި އަހަރެންގެ ކައިވެންޏަށް ތިންއަހަރު ފާއިތުވެ ގޮސްފިއެވެ. ހަތަރު ދަރިން އަހަރެމެންގެ އެބަތިއްބެވެ. ދަރިން ތިއްބަސް އަހަރެންނާއި ނައުލް އުޅުނީ ވަރަށްވެސް ހަމަޖެހޭ ދިރިއުޅުމެކެވެ. އެހެނަސް ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ނައުލް އާއި އަހަރެންގެ ދެމެދުގައި ޖެހޭ މައްސަލަތައް އިތުރުވެގެން ދިޔައެވެ.
ނައުލް އަކީ މަސްވެރިޔެކެވެ. މަސްނުބާނާ ނަމަ އަހަރެމެން އުޅެންޖެހެނީ ވަރަށްވެސް ހާލުގައެވެ. ދަރިންގެ ކަންކަން ނުކުރެވި ފުނިޖެހޭތީ އަހަންނަށް ޝަކުވާ ކުރެވެއެވެ. މައްސަލަތައް ބޮޑުވެ ނައުލް އަހަރެން ވަރި ކުރިއެވެ. އެހެނަސް ދަރިންގެ ހައްގުގައި ކައިވެނި ރުޖޫއަ ކުރީމެވެ. ނައުލް އާއި ވަކިވުމަކަށް އަހަރެން ނޭދޭތީވެސް މެއެވެ. ނައުލްދެކެ އަހަރެންވަނީ ތެދުވެރި ލޮތްބެވެ. އެހެނަސް އަހަރެންނާއި ނައުލްގެ ދެމެދުގައި ޖެހޭ މައްސަލަތައް ހުހެއްނުވިއެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ފަހަރަށްވެސް ނައުލް އަހަރެން ވަރިކުރީ އަހަރެންގެ އާއިލާ މީހުންނާއި ޖެހުނު މައްސަލަތަކެއްގައެވެ.
އަނެއްކާވެސް ކައިވެނި ރުޖޫއުކުރީ ނައުލްގެ މީހެއްގެ ގޮތުގައި ހުންނަން ބޭނުންވާތީ އެވެ. ނައުލް މަސްތުވާތަކެތި ބޭނުންކުރާކަން އަހަންނަށް އެނގުނު ހިސާބުން ނައުލް އާއި އެކު ދިރިއުޅެން ނިންމި ނިންމުން ރަނގަޅު ނޫންކަން ފުރަތަމަ ފަހަރަށް އަހަންނަށް އިހުސާސްވާންފެށި އެވެ. މަސްތުގެހާލަތުގައި ހުރެ ނައުލް އަހަންނަށް އެތަކެއް އަނިޔާތަކެއް ކުރިއެވެ. ނަތީޖާ އެއްގެ ގޮތުން ނައުލްގެ ގާތުގައި ވަރިޔަށް ކިޔަންފެށީމެވެ.
ނައުލް އަހަރެން ވަރިކޮށް އަހަރެންގެ ރަށްދޫކޮށް ދިޔައ އެވެ. މުޅިދުނިޔެއަށް އަހަރެން ގިނަ ކޮއްލަމުންނެވެ. އަހަރެންގެ ދަރިންގެ ހައްގުގައިވެސް ދިރިހުންނަން އަހަންނަށް މަޖުބޫރެވެ. ސަރުކާރުން އެކަނިވެރި މައިންނަށްދޭ ރުފިޔާ ނުލިބޭނަމަ އަހަރެންނާއި ދަރިންކޮޅު އުޅޭނެ ހާލެއްވެސް ނޭނގެއެވެ. ނައުލްގެ އަޅާލުމެށް ނުލިބި އަހަރެން އުޅެންޖެހިފަ އިވަނީ ވަރަށްވެސް ދަތިހާލެއްގައެވެ.
މަންމަގެ އަޅާލުން އަހަންނަށް ލިބޭކަމީ އަހަރެންގެ ނަސީބެވެ. އެހެން ނޫންނަމަ އަހަރެންގެ ސިކުނޑި ފަޅައިގެންގޮސް މަރުވިތާ ކިތަންމެ ދުވަހެކެވެ. އަހަރެންނަށްވެސް ފަހުން ފަހުން އުޅެވެންފެށުނީ މާކަ ރަނގަޅަކަށްނޫނެވެ. ހިލޭ ފިރިހެނުންނާއި ގުޅުން ބޭއްވުނެވެ. ގޯސްކަމެއްކަން އަހަންނަށް އެނގެއެވެ. އެހެނަސް ހަމަމަގު ދައްކާދޭނެ ބަޔަކުނެތި އަހަރެންގެ އުޅުން އިސްލާހު ނުކުރެވުނީ އެވެ.
އެކަމުގެ ހިތި ނަތީޖާ މިދުނިޔެ އިން އަހަންނަށް ލިބުނެވެ. ކައިވެނިން ބޭރުގައި އަހަންނަށް ދެކުދިން ލިބުނެވެ. ރަށުމީހުން ކުރީ މަލާމާތެވެ. ކީއެއްޗިއްސެވެ. އަހަރެންގެ އެކަނިވެރިކަމުގެ ފައިދާނެގި މީހުންނަކީ މާތްބަޔެކެވެ. ގޯހީ އަމަ އެކަނި އަހަރެންނެވެ. އަހަރެންވެސް އަހަރެންގެ ކުށްގަބޫލުކުރަމެވެ. ކުރެވުނު ފާފަތަކާމެދު ލަދުވެތިވަމެވެ. އެހެނަސް ހެޔޮމަގު ދައްކަދޭނެ ބަޔަކު އަހަންނަކަށް ނުވިއެވެ.
މީހަކާ ކައިވެނިކޮށް އާ
ހަޔާތެއް ފަށަން އަހަރެންވެސް ބޭނުމެވެ. ނައުލްވެސް ނެގީ އަހަރެން އޭނަދެކެވާ ލޯބީގެ ފައިދާ އެވެ. ދަރިން ބޮޑެތިވެއްޖެއެވެ. ނުބައިމަގަކުން ހިނގަން އަހަރެން ދެނެށް ނެތީމެވެ.ﷲގެ ހަޒުރަތުގައި ދަންނަވައި ތައުބާ ވީމެވެ. ލޮލުން ކަރުނަ އަންނަ ހާލު އަފޫދެއްވާތޯ ދެންނެވުނު އަދަދެއް އަހަންނަކަށް ނޭނގެއެވެ.
މާތްﷲ އަހަރެންގެ ދުޢާ އިޖާބަ ކުރައްވައިފި އެވެ. އަހަންނަށްވުރެ އުމުރުން ދޮށްޓަސް ޝަހާން އާއި އަހަރެން ކައިވެނިކުރީމެވެ. ދިރިއުޅުގެ ހަނގުރާމައިގައި ކުރިޔަށް ގޮސް އުފާވެރި ހަޔާތެއް ﷲގެ އިރާދަފުޅުން އަހަންނަށް ލިބިގެން ހިނގައްޖެއެވެ. ޝަހާން އާއި އެކު އަހަރެންގެ ދަރިންގެ ހައްގުގައި އަހަރެން މިހިރީ ކުރިޔަށްދާށެވެ. ޒުވާނަކަށް ނުވިޔަސް ޝަހާން އަހަންނަށް ހެޔޮވެފައި އޯގާތެރި އެވެ. ނަވާލު ފަދަ އިން މަސްތުވާތަކެތި ބޭނުމެށް ނުކުރެއެވެ.
ވުމާއެކު މިލިބުނު ފިލާވަޅާއެކު ނުބައި ކަންކަމަށް އަރައިނުގަނެ ޝަހާން އާއި އެކު ލޯބިވެތި ހަޔާތެއް ވޭތުކުރެވޭތޯ އަހަރެން ބަލާނަމެވެ. ކޮންމެ މީހަކުވެސް ބަލަންވީ ގޯސްކޮށް ކަމެށް ދިމާވާހިނދު ހިތްވަރު އެލުވާނުލާށެވެ. މާތްﷲ ވޮޑިގެންވަނީ ހަމަ ޔަގީނުންވެސް ކެތްތެރިންނާއި އެކުއެވެ. ހިތްވަރާއި އަޒުމުގައި ކުރިޔަށް ދާބަޔަކަށް ކާމިޔާބީގެ ފޮނިކަން ﷲގެ މިންވަރުފުޅުން ލިބޭނެއެވެ. އަހަރެން ފަދައިން ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެއެވެ. ތައުބާވެ ހެޔޮއަމަލް ކުރާށެވެ. ދިރިއުޅުމާއި މެދު މާޔޫސް ނުވާށެވެ.
ނިމުނީ

