އެސޫރަ – 02
ހަމަ އެއާއެކު އަވަސް ހަރަކާތަކާއެކު ލޯގަނޑުގައިވާ ސޫރަ ގުދުވެލާފައި ތެޅިފައިވާ ބިއްލޫރިކޮޅުތަކެއް ބިންމަތީން ނަގައި އަނގަޔަށްލައި ހަފަންފެށައިފިއެވެ. އެއާއެކު އެ ސޫރައިގެ އަނގައިން ހޯސްލައިފައި ލޭ އަންނަންފެށިއެވެ. އޭރުވެސް އެ ސޫރައިގެ މޫނުމަތީގައި ވަނީ ހިނިތުންވުމެކެވެ. އެހެނަސް ލޯގަނޑުގެ ކުރިމަތީގައި ހުރި އޮފީހު މަސައްކަތު މީހާގެ ވޭނީ ހަޅޭކުގެ އަޑު، އޭރު ކެނޑިނޭޅި އިވުމުން ދިޔައެވެ. އޭނާ އަނގަ މަތީގައި ދެ އަތް އަޅައިގެން ހުރި އިރު މުޅި އަތާއެކު ލޭފައިބަމުން ދިުައެވެ. އަދި ކޮލާއި ކަރުބަޑުގެ އެކި ހިސާބުތަކުން ތަޅައިލައިފައިވާ ބިއްލޫރިކޮޅުކޮޅުގެ ތޫނު އެތިކޮޅުތައް ނުކުންނަމުން ދިޔައެވެ.
އަހަރެންނަށް ކުއްލިއަކަށް ސިއްސައިގެން ހޭލެވުމާއެކު، ފެނުނު ހުވަފެނުގެ ސަބަބުން ހިތަށް ވެރިވެފައިވާ އިންތިހާ ދަރަޖައިގެ ބިރުވެރިކަމާއެކު، ހަޅޭއްލަވައިގަނެވުނެވެ. އޭރު ވެރިވެފައިވާ ވަރުބައްޔާއެކު އަހަރެންނަށް ވަރަށްބޮޑަށް މާނޭވާލެވެމުން ދިޔައެވެ. ހަމަޖެހިލަން، ކުޑަ ހިނދުކޮޅެއް ހޭދަވިއެވެ. ފެނުނު ހުވަފެނުގެ ހާސްކަމުގެތެރެއިން ނުކުމެވި ހަމަޖެހިލެވުމުން އަހަރެން ތެދުވެގެން ގޮސް ފާޙަނައަށް ވަނީމެވެ. މޫނު ދޮންނަން ލޯގަނޑުގެ ކުރިމައްޗަށް ހުއްޓުނު ވަގުތު ސިހިފައި ފަހަތަށް ޖެހިލެވުނެވެ. ލޯގަނޑުން އަހަރެންނަށް ބިރުވެރި ސޫރައެއް ފެނުނުހެން ހީވެގެންނެވެ. ކުރެވުނު ކުއްހީއެއްކަން ޔަގީންވުމުން އަވަހަށް އޮފީހަށް ދިއުމަށް ތައްޔާރުވާން ފެށީމެވެ.
އޮފީހަށް ދިޔުމާއެކު ލިބިގެން ދިޔައީ ވަރަށް ވެސް ހިތާމަވެރި ޙަބަރެކެވެ. އޮފީހުގެ މަސައްކަތު މީހެއް ރޭގެ ވަގުތެއްގައި މަރުވި ހަބަރެވެ. އަހަރެން ވަގުތުން އެމީހާގެ ގެއަށް ދިޔައީމެވެ. އޭރު ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށްފައެވެ. ވަރަށް ގިނަ ބަޔަކު އެ ގެ ކައިރިއަށް ޖަމާވެފައިވެއެވެ. ވަރަށް އުނދަގުލުން އެމީހާ އޮތް ހިސާބަށް ދެވުމާއެކު އަހަރެންގެ ޙައިރާންކަން އެތައް ގުނައަކަށް އިތުރުވިއެވެ. މަރުވެފައިވާ އެ މީހާ އަކީ ރޭގެ ހުވަފެނުގައި އަހަރެންނަށް ފެނުނު މީހާއެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

