އެސޫރަ-1
އެއީ ކާކު ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެމީހަކު ހުއްޓިގެން ހުރީ ލޯގަނޑެއްގެ ކުރިމަތީގައެވެ. މާހައުލަށް ވެރިވެފައިވާ އަނދިރިކަމުގެ ތެރޭގައި އެމީހަކު ހުއްޓިގެން ހުރިއިރު، އަލިކަމެއް ހޯދަމުން ގެންދިޔައީ އަތުގައިވާ އާދައިގެ ބައްތިއަކުންނެވެ. އެމީހާގެ މޫނު ލޯގަނޑުން ފެނުނު ހިނދު އަހަރެންނަށް ލިބިގެން ދިޔައީ ހައިރާންކަމެވެ. އެއީ އަހަރެމެން އޮފީހުގައި މަސައްކަތްކުރާ މަސައްކަތު މީހެކެވެ. އޭނާގެ މޫނުމަތީގައި ވަނީ ލާނެތް ހިނިތުންވުމެކެވެ. އޭރު އޭނާ ޗުއިންގަމެއް ފަދަ އެއްޗެއް ހަފަމުން ގެންދިޔައެވެ.
ކުއްލިއަކަށް ލޯގަނޑުގައިވާ އެމީހާގެ ސޫރަ ހުއްޓިއްޖެއެވެ. މިހާރު ފެންނަމުން އެދަނީ ހިތައް ތަސައްވަރު ވެސް ނުކުރެވޭފަދަ ހައިރާންކުރަނިވި މަންޒަރެކެވެ. ލޯގަނޑުގެ ކުރިމަތީގައި ހުރި އެ މީހާގެ މޫނުމަތިން އިންތިހާއަށް ހައިރާންކަމާއި ބިރުވެރިކަން ފާޅުވަމުން ދިޔައެވެ. އެ މީހާ އަތުން އެކިގޮތްގޮތަށް އިޝާރާތްކުރަމުން ގެންދިޔައެވެ. އެހެން ނަަމަވެސް ކުރިމަތީގައިވާ ލޯގަނޑުގައިވާ އޭނާގެ ސޫރަހުރީ ހުއްޓިފައެވެ. ކުއްލިއަކަށް އެސޫރަ ހަރަކާތް ކުރަން ފެށިއެވެ. ލޯގަނޑުގައިވާ ސޫރަ އަތުގައިވާ ބައްތި ދޫކޮށްލުމާއެކު އެއްވެސް އިޙުތިޔާރަކާއިނުލައި، ލޯގަނޑު ކުރިމަތީ ހުރި އެ މީހާގެ އަތުން ބައްތި ދޫވެގެން ވެއްޓއްޖެއެވެ. ހަމަ އެއާއެކު އަވަސް ހަރަކާތަކާއެކު ލޯގަނޑުގައިވާ ސޫރަ ގުދުވެލާފައި ތެޅިފައިވާ ބިއްލޫރިކޮޅުތަކެއް ބިންމަތީން ނަގައި އަނގަޔަށްލައި ހަފަންފެށައިފިއެވެ. އެއާއެކު އެ ސޫރައިގެ އަނގައިން ހޯސްލައިފައި ލޭ އަންނަންފެށިއެވެ. އޭރުވެސް އެ ސޫރައިގެ މޫނުމަތީގައި ވަނީ ހިނިތުންވުމެކެވެ. އެހެނަސް ލޯގަނޑުގެ ކުރިމަތީގައި ހުރި އޮފީހު މަސައްކަތު މީހާގެ ވޭނީ ހަޅޭކުގެ އަޑު، އޭރު ކެނޑިނޭޅި އިވުމުން ދިޔައެވެ. އޭނާ އަނގަ މަތީގައި ދެ އަތް އަޅައިގެން ހުރި އިރު މުޅި އަތާއެކު ލޭފައިބަމުން ދިުައެވެ. އަދި ކޮލާއި ކަރުބަޑުގެ އެކި ހިސާބުތަކުން ތަޅައިލައިފައިވާ ބިއްލޫރިކޮޅުކޮޅުގެ ތޫނު އެތިކޮޅުތައް ނުކުންނަމުން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

