އާނ ދަރިފުޅާ އަޒްހާން މިދުނިޔެ ދޫކޮއްފި..” އެއާއެކު ނަފީސާއަށް އޭނަގެ ކަރުނަތައް ހިފަހައްޓަން އުނދަގޫވިއެވެ. ނަފީސާގެ މޫނަށް ބަލަހައްޓައިގެން މަލްދާ އިނީ ހުއްޓުން އަރާފައެވެ. ނަފީސާ ދެއްކި އެއްވެސް ވާހަކައެއް މަލްދާ ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. ” މަންމަ ތި ހަދަނީ ދޮގު… ހުސް ދޮގު” އިސްޖަހާލައިގެން އިން މަލްދާގެ ބަޑިގަޑު ފަޅައިގެން ދިޔައީ ހަމަ ކުއްލިއަކަށެވެ. ނަފީސާ ރޮމުން މަލްދާ އަށް ވިސްނައިދޭން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް މަލްދާ އިނީ އެކަކުވެސް ދައްކާ ވާހަކައެއް އަޑު އަހާ ގޮތަކަށް ނޫނެވެ. ކުއްލިއަކަށް މަލްދާ އެނދުން ތެދުވެ ދުއްވައިގަތީ ބޭރަށެވެ. ދުވަމުން ކަހަލަ ގޮތަކަށް މަލްދާގެ ފަހަތުން ނިކުއިން ނަފީސާ ސިޑިއާ ހިސާބުން ފައި ފުރޮޅާލައިގެން އިތުރަށް ކުރިއަށް ދެވޭގޮތެއް ނުވިއެވެ. އޭރުވެސް ނަފީސާ މަލްދާއަށް ގޮވަމުން ދިޔައެވެ. ނަފީސާގެ އަޑަށް އެތަނަށް އަސްމާ ދުވަމުން ކަހަލަ ގޮތަކަށް އައެވެ. އޭރު މަލްދާ ގެއިން ނިކުމެގެން ގޮއްސިއެވެ.
ބޯކަޅު ވިލާތަކުން ޖައްވު ދިޔައީ ބަނަކުރަމުންނެވެ. އެހެން އޮވެ އޮވެފައި ވިއްސާރަ އޮއްސައިގަތީ ހަމަ ކުއްލިއަކަށެވެ. ވެހެމުންދިޔަ ބޯވާރައިގެ ތެރޭގައި މަލްދާ އެކަނިމާއެކަނި ހިނގަމުން ދިޔައިރު މުޅިމީހާ ދިޔައީ ތުރުތުރު އަޅަމުންނެވެ. ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ދިޔައީ ވާރެޔާއެކުވަމުންނެވެ. މަލްދާއަށް ވިސްނެމުން ދިޔައީ އަޒްހާން އާއި މެދުއެވެ. އެންމެފަހުން އޭނަ އާރްޔަން އަށް ވީ ވައުދުތަކާ މެދުއެވެ. އެންމެން މަސައްކަތް ކުރަމުން ދިޔައީ އޭނަ އަޒްހާން އާއި ދުރުކުރުވުމަށެވެ. މިވަގުތު މަލްދާގެ ހިތުގައިވީ ޝަކުވާއެވެ. ދާނެ މިސްރާބެއް ނެތި ހިނގަމުން ދިޔަ މަލްދާ މަގުއެއްފަރާތުގައި ފާރެއްގައި އަތް ޖައްސާލިއެވެ. އެއަށްފަހު ހުރިތަނަށް ތިރިވެވުނެވެ. އޭރު މަގުމަތިން ދިޔަ މީހެއްވިއްޔާ ދިޔައީ މަލްދާއަށް ބަލަމުންނެވެ. ނަމަވެސް އެތަނުން އެއްވެސް ކަމަކަށް މަލްދާގެ ފަރުވާލެއް ނެތެވެ. އެއަށްވުރެ ބޮޑަށް ވަނީ މަލްދާގެ ހިތައް އަސަރު ކޮއްފައެވެ.
އަނެއްކޮޅުން މަލްދާ ވީތަނެއް ނޭނގިގެން އާރްޔަންގެ ބޯދިޔައީ ހާސްވަމުންނެވެ. ނަފީސާ އައިސް އޭނަ ކައިރީ މަލްދާ ވީ ތަނެއް ނޭނގިގެން ބުނުމާއެކު އަވަހަށް ނިކުތީ މަލްދާ ހޯދަންށެވެ. އަނެއްކާ މަލްދާއަށް ކަމެއް ވާކަށް އާރްޔަން ނޭދެއެވެ. ކާރުގައި މުޅި މާލެތެރޭ ދުއްވަމުން ދިޔައީ މަލްދާ ފެނޭތޯއެވެ. ކުރިންވެހެމުން ދިޔަ ބޯވާރޭ ވެސް މިހާރު ތުނި ކޮއްލައިފިއެވެ. ނަފީސާގެ ފަރާތުން މަލްދާ ގެއިން ނިކުމެގެން ދިޔަ ވާހަކަ ބުނި ފަހުން އާރްޔަންގެ ހިތުގެ ހަމަޖެހުން ވަނީ ނަގާލެވިފައެވެ. މަލްދާ އަށް ކަމެއް ވެއްޖެއްޔާ އޭނަ މި ދުނިޔެއިންވެސް މޮޔަވެދާނެއެވެ. ވަކި ހިސާބަކަށް ދެވުނުތަނާ އާރްޔަން ގެ ލޮލުގައި އަޅައިގަތީ މަގުގެ އެއްފަރާތުގައި ފާރެއްގައި ބުރަކަށި ޖައްސާލައިގެން ދެކަކޫ އަތުން ހިފަހައްޓައިގެން އިން އަންހެން ކުއްޖާއެވެ. އެއީ ދެވަނަ އެހެން ކުއްޖެއް ނޫނެވެ. ހަމަ މަލްދާއެވެ. އާރްޔަން އަވަހަށް އައިސް ކާރު މަޑުކޮއްލީ މަލްދާ ކައިރީއެވެ. މަލްދާއަށް މީހަކު އައި ކަމެއްވެސް ނޭނގެއެވެ. މުޅި މީހާ ހުރީ ގަބުކައިފައެވެ.
“މަލް…” އާރްޔަން މަލްދާ ކައިރީ އުޑަފައިން އިށީނދެލުމަށްފަހު ގޮވާލިއެވެ. އަޒްހާންގެ ހިޔާލުތަކުން ވަށާލެވިފައިވާ މަލްދާއަށް ހޭވެރިކަމެއްވީ އާރްޔަން ދެތިންފަހަރަކު ގޮވާލިފަހުންނެވެ. އިސްއިފުލާލުމަށްފަހު ބަލައިލި މަލްދާއަށް އާރްޔަން ފެނުނީ ކަރުނައިގެ ސަބަބުން ކުޑަކޮށް ފުސްކޮށެވެ. އާރްޔަން ފެނުމުން ހިތުގައި ސުވާލުތަކެއް އުފެދުނު ނަމަވެސް އެއްޗެއް އަހާނެހާ ހިތްވަރެއް މަލްދާގެ ގަޔަކު ނެތެވެ. ” ހިނގާ ގެޔަށް.. މަލް މަންމަ އިނީ ވަރަށް ކަންބޮޑުވެފަ..” މަލްދާއާއި ދިމާލަށް އަތް ދިއްކޮއްލުމަށްފަހު އާރްޔަން މަޑުމައިތިރި ކަމާއެކީ ވާހަކަ ދެއްކިއެވެ. އާރްޔަން އާއި ދިމާލަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު، އާރްޔަންގެ އަތުގައި ހިފިއެވެ. އެހެން ކަންތައް ކުރެވުނީ ކީއްވެ ކަމެއް ޚުދު މަލްދާއަކަށްވެސް ނޭނގުނެވެ. ސްކޫލް ދައުރުން ފެށިގެން އާރްޔަން ދަންނާތީ ކަންނޭނގެއެވެ. އާރްޔަން އާއި ދިމާލަށް ރީއްޗަށް ބަލާލެވުނީ އާރްޔަން އަތުގައި ހިފަހައްޓައިގެން ކާރަށް އަރަން ދިޔަ ގަޑީއެވެ. ސްކޫލް އިރާ އާރްޔަން މިހާރު ހާދަ ތަފާތެވެ. ގެއަށް ދިޔަ މަގުމަތީ އެކަކުވެސް އަނގައަކުން ނުބުނެއެވެ. މަލްދާއިނީ ފިނީގެ ސަބަބުން މުޅިން މަގުމައްޗާ ދިމާލަށް ބަލަން ގެއްލިފައެވެ.
” ނަފީސާ ދެން ހުއްޓާލާ… ދެންމެ އާރްޔަން އެބުނީއެއްނު މަލްދާ ފެނުން ވާހަކަ.. މިހާރު އަނ.. މިއޮއް އައި..” ރޮމުން ދިޔަ ނަފީސާއަށް ހިތްވަރު ލައިދެމުން ދިޔަ އަސްމާއަށް އެތެރެއަށް ވަދެގެން އައި މަލްދާ އާއި އާރްޔަން ފެނުމުން ހަމަޖެހުމުގެ ނޭވާއެއްދޫކޮއްލެވުނެވެ. މަލްދާ ފެނުމާއެކީ ނަފީސާ މަލްދާ ގޮވައިގެން ކޮޓަރިއަށް ވަނެވެ. މަލްދާ ދިޔަ ދިމާލަށް ބަލަހައްޓައިގެން އާރްޔަން އަށް ހުރެވުނީއެވެ. ހަގީގަތް އިނގުމުން މަލްދާ އޭނަދެކެ ނަފްރަތު ކުރާނެ ވަރު ވިސްނާލުމުން ހިތުގައި ރިއްސާލިއެވެ. ލޮލަށް ގިނަވަމުން ދިޔަ ކަރުނަތައް ހިފަހައްޓާލީ އެތާ އަސްމާ އިނުމުންނެވެ. ނަމަވެސް ދަރިފުޅު ކުރަމުންދާ ހިތާމަ އަސްމާއަކަށް ސިއްރެއް ނުވިއެވެ. އަސްމާއަށް އަށް ފަނޑު ހިނިތުންވުމެއް ދިނުމަށްފަހު އާރްޔަންވެސް ކޮޓަރިއަށް ދާން ހިނގައިގަތެވެ. އާރްޔަން ގޮސް ގެއްލެންދެން އަސްމާ އެތާ އިނެވެ. ދަރިފުޅުގެ ހާލާއި މެދު ކިތައްމެހާވެސް ދެރަވެއެވެ. ނަމަވެސް ކުރެވޭނެ ކަމެއް މިވަގުތު ނެތްކަން އަސްމާ ދަނެއެވެ.
ދެދުވަސް ވޭތުވެގެން ދިޔައިރު މަލްދާ އެކަކާވެސް އަނގައަކުން ނުބުނެއެވެ. އަބަދުވެސް އިންނަނީ ކޮންމެވެސް ހިޔާލަކަށް ގެއްލިފައެވެ. މަރުވެފައިވާ މައްޔިތެކޭ މަލްދާއެކޭ ތަފާތެއް ނެތްފަދައެވެ. ނަފީސާ ކިތައްމެ ވަރަށް ކިޔަސް މަލްދާ އަޅައެއްވެސް ނުލައެވެ. އާރްޔަންއަށްވެސް މަލްދާ އާއި އަނގައިން ބުނަން ނުކެރެނީއެވެ. ކިތައްމެ ވަރަށް އެކީގައިވާން ބޭނުން ވިޔަސް އާރްޔަން އެނަސީބު ލިބެން ނެތްކަމަށް އާރްޔަން ގަބޫލު ކުރެއެވެ.
ޖެހެމުން ދިޔަވަޔާއެކީ މަލްދާގެ އިސްތަށިގަނޑު ވިހުރެމުން ދިޔައެވެ. ބެލްކަނީ ކައިރީ ހުއްޓިލައިގެން އިން މަލްދާގެ މޫނުގައި އެއްވެސް ދިރުމެއް ނެތެވެ. އަޒްހާން އާއި އެކީ ހޭދަކުރި އުފާވެރި ދުވަސްތައް އިއްޔެ ވީކަމެއްހެން ލޮލު ކުރިމަތީ ސިފަވަމުން ދިޔައެވެ. ހަމަ އެންމެ ކަމަކުން ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީއެވެ. ދެލޯމެރުމަށްފަހު ހުޅުވާލެވުނުއިރު މަލްދާގެ މުޅި ދުނިޔެ އެފުށް މިފުށަށް ޖެހުނީއެވެ. މަލްދާ އަށް އިނގޭހާވެސް އެއްޗަކީ އަޒްހާންގެ ހަނދާންތަކުން އޭނައަށް ދުވަހަކުވެސް ދުރަށް ނުދެވޭނެކަމެވެ. އަޒްހާން އަށް ހިތުގައި ދެވިފައިވާ މަގާމު އެހެން އެއްވެސް މީހަކަށް ދެވޭކަށް ނެތެވެ. “މަލް…” ފަހަތަށް އައިސް ހުއްޓުނީ އާރްޔަންއެވެ. ވަރަށް ހިތްވަރު ކޮއްފަ މިއަދު އާރްޔަން މަލްދާ ކައިރިއަށް އެއައީ ހަމަ އެންމެ ކަމެއްގެ ބޭނުމުގައެވެ. މަލްދާގެ މާފު ނުލިބޭހާ ހިނދަކު އާރްޔަންގެ ހިތައް ހަމަޖެހުމެއް ލިބޭކަށް ނެތެވެ. މަލްދާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން އާރްޔަންގެ ހިތް މާޔޫސް ވިނަމަވެސް ވާހަކަ ކުރިޔަށް ގެންދިޔައީ މަލްދާ އަޑުއަހަން އިން ކަން އިނގޭތީއެވެ. ” އައި… އައި ..އެމް.. ސޮރީ.. އައި ރިއަލީ އޭމް.. އަހަރެން ގަސްތުގަ އެއް ނޫން..” އާރްޔަން އަށް ވާހަކަ ދެއްކުނީ އުނދަގުލުންނެވެ. މަލްދާގެ ހިތުގައި ސުވާލުތައް ގިނަވާންފެށިއެވެ. ފަހަތައް އެނބުރުމަށްފަހު އާރްޔަން އާއި ދިމާލަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. އާރްޔަންގެ މޫނުން އޭނައަށް ފެނުނީ ހިތާމައެވެ. ނަމަވެސް އާރްޔަން މާފަށްއެދޭވަރުގެ ކޮންކަމެއް ކުރީބާއޭ މަލްދާގެ ހިތައް އެރިއެވެ. ” އައި އެޑްމިޓް ބަލައިގެން ޕިކަޕު ދުއްވިނަމަ އެހެނެއް ނުވީސް.. އެގަޑީ ވީގޮތެއް ނޭނގެ.. ބުރޭކް ޖެއްސިއިރު ވާނެކަމެއް އޮތީ ވެފަ.. އައި އޭމް ރިއަލީ ސޮރީ.. އަހަންނާ ހެދި މަލްދާ ފަސް އަހަރު ވަންދެން ހޮސްޕިޓަލުގައި އޮންނަން ޖެހުނީ..” އެއާއެކު އާރްޔަންގެ ލޮލުން ކަރުނަ ފައިބަންފެށިއެވެ. އަނެއްކޮޅުން މަލްދާގެ ދެލޯ ބޮޑުވެގެންދިޔައެވެ. މަލްދާ އާއި ދިމާލަށް ބަލަން ނުކެރިގެން އާރްޔަން އިސްޖަހާލިއެވެ. ޖަވާބަކަށް އިންތިޒާރު ކޮއްގެން އިން އާރްޔަން ސިއްސައިގެން ދިޔައީ މޫނުމަށްޗަށް އެރި ހޫނު އެތިފަހަރުންނެވެ. މަލްދާގެ އަތުން އައި ހޫނު ހަމަލާ އެރި ފަރާތުގައި އަތްޖައްސާލުމަށްފަހު މަލްދާއާއި ދިމާލަށް ބަލާލިއިރު މަލްދާގެ މޫނުމަތިން އޭނައަށް ފެނުނީ އިންތިހާ ދަރަޖައިގެ ނަފްރަތެވެ. އެއަށްފަހު މަލްދާ އެތަނުން ދުއްވައިގަތެވެ. މަލްދާ ދިޔަ ދިމާލަށް ބަލަހައްޓައިގެން އިން އާރްޔަންގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބާން ފެށިއެވެ. ކުރިންވެސް ވާނީ މިހެން ކަން އާރްޔަން އަށް އިނގެއެވެ. މަލްދާގެ ފަރާތުން ނަފްރަތު ނޫން އެއްޗެއް ލިބެން ނެތަކަންވެސް އާރްޔަން އަށް އިނގެއެވެ. މިހުރިހާކަމެއް އިނގޭއިރުވެސް ހިތުގައި މިހާ ރިއްސަނީ ކީއްވެގެން ހެއްޔެވެ؟ ރެއިލިންގައި ބާރަށް ދެއަތުން ހިފަހައްޓައިލީ ހިތުގައި އަޅަމުންދާ ވޭނަށް ކުޑަވެސް ލުޔެއް ލިބޭތޯއެވެ. ނަމަވެސް ހިތުގައި އަޅަމުން ދިޔަ ވޭން ދިޔައީ ހިނދެއް ހިނދަކަށް އިތުރުވަމުންނެވެ.
ދުވެފައި ގޮސް ކޮޓަރިއަށް ވައިން މަލްދާ ފުރަތަމައިނުންވެސް ކޮޓަރިއަށް ވަނުމާއެކީ ދޮރު ބާރު ބާރަށް ޖެހިއެވެ. މޭޒުމަތީ ބަހައްޓާފައި އިން ވާސް ނަގާ ލޯގަނޑާ ދިމާލަށް އެއްލިއެވެ. އެއާއިއެކު ލޯގަނޑު ތަޅައިގެން ދިޔައެވެ. އެއަށްފަހު ރީތިވާ މޭޒުގައި ބަހައްޓާފައި އިން ހުރިހާ އެއްޗެއް ހޫރާލިއެވެ. އެވަރުންވެސް ހިތައް ހަމަޖެހުމެއް ނުލިބިގެން އެނދުގައިވާ ބާލީސްތައް އުކާލިއެވެ. މަލްދާ ހުރިތަނަށް ތިރިވިއިރު ކޮޓަރިއަށް ހީވަނީ ބޮޑު ތޫފާނެއް އައިސްފަ އޮތް ހެންނެވެ. އެއާއި އެކު ކޮޓަރި ތެރޭ ގުގުމައިގެން ދިޔައީ މަލްދާގެ ރުއިމުގެ އަޑެވެ. މިހުރިހާ ކަމެއް މިވީ އާރްޔަންގެ ސަބަބުން ކަން މަލްދާއަށް ގަބޫލުކުރެވުނެވެ. އެކްސިޑެންޓް ވީ އާރްޔަންގެ ސަބަބުންނެވެ. އެހެންނޫންނަމަ އެދުވަހު މަލްދާއަށް އަޒްހާން ކައިރިއަށް ދެވުނީހެވެ. އަޒްހާންގެ މަރުވެފައި އޮތް މޫނު ދެކިލުމުގެ ފުރުސަތުވެސް ނުލިބުނީ ހަމަ އާރްޔަންގެ ސަބަބުންނެވެ. މަލްދާގެ ހިތުގައި އާރްޔަން އާއި މެދު އުފެދެމުން ދިޔައީ ނަފްރަތެވެ.
އޭގެ ފަހުން ހަފްތާއެއް ވަންދެން މަލްދާ އެއްގޮތަކަށްވެސް ކޮޓަރިން ނުނިކުމެ އުޅުނެވެ. މަލްދާގެ އަމަލުތައް ހުންނަ ގޮތުން ނަފީސާ އާއި ޚާލިދު ކިތައްމެ ކަންބޮޑުވިނަމަވެސް މަލްދާ ހަމަޖެހެން ވަގުތު ނަގާނެކަން ދެމީހުންނަށްވެސް ވިސްނެއެވެ. އެހާ ގިނަދުވަސް ކޮއްފައި ފުރަތަމަ ފަހަރަށް މަލްދާގެ އަނގައި ބަހެއް ބޭރުވިއެވެ. މަލްދާ ބޭނުންވީ އެނބުރި ރަށަށް ދާށެވެ. ނަފީސާވެސް ބޭނުންވީ ދެން އެންމެ ރަނގަޅުވާނީ ރަށަށް ދިޔުން ކަމުގައިވާތީ ނުލާހިކު ފަސޭހައިން މަލްދާގެ އެދުމަށް އާނ ބަސް ބުންޏެވެ. އަނެއްކޮޅުން އާރްޔަންގެ ހިތައް ލިބުނު ޒަހަމުވީ އިތުރެވެ. ދެން އިތުރަށް މަލްދާގެ ރީތި މޫނަށް ބަލާނުލެވޭނެ ކަން އިނގުމުން ހިތުގައި ރިއްސާލިއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ މިއީ އާރްޔަންގެ ތަޤުދީރުގައި ހުރި ގޮތެވެ. ކިތައްމެވަރަކަށް ރޮއެ ހިތާމަކުރިނަމަވެސް ތަގުދީރުގައި ނެތް އުފަލެއް ނުލިބޭނެކަން އާރްޔަން ދަނެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.


Oh noooo. Please mal aaryan aa dhuru nukohba.. I’m so sad for aaryan. He truly deserve her. Alhe mal ves vaane dhw visnaalan.. Maaf kurumaky kihaa reethi sifaeh kan neyguny thaa dhw.. Anyway mi part ves hama varah cool. Ekam thankolheh kuru. Dhen oiyy bai dhigu kohlahchey. Much love
Ekahala kameh experience kurevuniima ingeynii dhera vaa varu… Malge Pov in balaifiyyaa edhuvahu aaryan men ehn nuhedhinama azhan kairyah vx dhevuniis dhw… Mal gossiyyaa azhan maru nuve salaamaiy vx vedhaane Hama… Circumstance vrh thafaathu vaane eyrah… Ehaa easy eh nuvaane dhw ehnmma ehn forgive kuraakah
Ehurihaa kameh ves evee minvatufulhuga liyevifai vaathee dho vaguthu jehuneema laheh faheh noannaane Aharemen insaanunnah onnaanee kehtheri kamaaeku ekalaange hazrathun vaagi edhun ma’aaf dhinumakee islaamee rivethi sifaeh
Yeah I totally agree with you “Broken angel” ? Yup hama aslu ves Thibunyves thedheh ? ? Mal ah varah undhagooverne forgive kuran. For me dhe goiyy ves hama okay. As you said e ekahala situation eh experience koffa huri meehakah ihusaas vaany
Aryan gasthuga kuruvi accident eh noon dho eiy n magumathee hingaa meehunves dhuvvaa ehchissah ves balan vaane hama egothah dhuvvaa meehun ves maguga hingaa bingaavaa meehunnah samaalukan dheyn vaane
Thankyou all for reading and giving feedbacks.. means a lot to me.. you all are encouraging me to write more ??
Varah salhi ❤️❤️❤️