މި ހިތުން މަޤާމޭ މި ދެނީ 3
“މިރޭ ކޮން ކަމެއް އޮވެގެން އަހަރެން ތި ގެނައީ؟” ޒިއާމް އެހިއެވެ.
“މައި އެބަ ކިޔާ ދަތުރަކު ދާން ހިނގާށޭ. ހިނގާބަލަ ދަތުރެއް ރާވަން. އަހަރުން ފެމިލީއާ މައިގެ ފެމިލީ އެކީގަ” އައިދަން ބުންޏެވެ.
“އާނ، މަ ހަމަ ރެޑީ. އެކަމަކު ތި ރާވާ ކަމެއް ރާވަން ވާނީ މައިމެން. އަޒްއާ އާލި ކައިރީ ބުނެގެން މާދަމާ ކަންތައް ހަމަ ޖައްސަންވީނު؟ މަންމަމެން ކައިރީ ބުނެފިންތަ؟” ޒިއާމްއަށް އެ ޚިޔާލު ކަމުދިޔައެވެ.
“އަދި ނުބުނަން އެކަކު ކައިރީވެސް. މާދަމާ އެންމެންނާ ވާހަކަ ދައްކާނީ. އަންނަ ހުކުރު ދުވަހަށް ހަދާނީ ދޯ؟” މައިރާ ބުންޏެވެ.
“އޯކޭ. ދެން އަހަރުމެންނަށް ކޮފީއެއް ދޭންވީނު؟” މައިރާގެ އަތްތިލަ ތުންފަތުގައި ޖައްސާލާފައި އައިދަން އެދުނެވެ.
“ކޮފީތަ މި ގަޑީގަ ބޯން ވީ؟ ކާނީއެއްނު؟ ދޯ ޒިއާމް؟” އައިދަންގެ އަތުތެރޭން އަތްތިލަ ދަމައިގަންނަމުން މައިރާ ބުންޏެވެ.
“އަހަރެން ދާނީ ގެޔަށް” ޒިއާމް ތެދުވިއެވެ.
“ނޫން. އަދި މި ގެޔަށް އައި ކޮންމެ ރެއަކު ޒިއާމް ކެއީ ބޭރުން އެއްޗެހި ގެނެސްގެން. މިރޭ އަހަރެން ކެއްކި އެއްޗެހި ކައިގެން ދާން ވާނީ” މައިރާ އެދުނެވެ.
“ޒެޑް ހީވަނީ ނުދެވިގެން ލަސް ވެގެން އުޅޭ ހެން. ތަނަކަށް ދާން އޮތީތަ؟” އައިދަން އަހާލިއެވެ.
“ނޫން…” ޒިއާމް ބަހަނާއެއް ދައްކަން މަސައްކަތް ކުރިއެވެ. ނަމަވެސް އައިދަން ހުރީ އެ އަޑު އަހާ ގޮތަކަށް ނޫނެވެ.
“އެއީއޭ މަ މިބުނާ ވާހަކަ. އެ އުޅެނީނު އަވަހަށް ދާން؟ އަހަރުމެންނަށް އުނދަގޫ ވެދާނެ ހެން ހީވަނީތަ؟” ހިނިއައިސްފައި އައިދަން ޒިއާމްގެ އަތުގައި ހިފާ އަނެއްކާވެސް ސޯފާގައި ބޭންދިއެވެ.
“އައިދަން، އަސްލުވެސް ޒިއާމް ތަނަކަށް ދާން އޮތީ ކަމަށް ވެދާނެއެއްނު؟” މައިރާ އެ ވަގުތު ބުންޏެވެ.
“މިރެއަކު ދެން އެއްވެސް ތަނަކަށް ނުދެވޭނެ. ދިޔަޔަސް ދެވޭނީ ކައިގެން. މަޑު ކުރާތީ އިނގޭ. ހިނގާ މައި، އަހަރެންވެސް ހެލްޕް ވާނަން ކާން ހަދަން” އެހެން ބުނެފައި އައިދަން މައިރާއާ އެކު ބަދިގެއަށް ވަނެވެ.
އައިދަންއާ މައިރާ ދިޔަ ތަން ބަލަން އިނދެފައި ޒިއާމް ލޯ މަރާލަމުން ސޯފާގައި ބޯ ޖައްސާލިއެވެ.
“އައިދަން، ޔޫ ޑޯންޓް ނޯ ވަޓް ދިސް ޑަޒް ޓު މީ ބްރަދަރ. ތި ދެ މީހުން އެކީގަ ފެނުނީމަ އަހަންނަށް ވާ ގޮތް އެނގޭ ނަމަ ގަދަ ކަމުން އަހަރެން ނުގެންނާނެ ކަން ޔަގީން…” ހިތާހިތުން ޒިއާމް ޝަކުވާ ކޮށްލިއެވެ. ނަމަވެސް ކުރެވޭނެ ކަމެއް ނެތެވެ. އައިދަން ގާތު އެއްވެސް އެއްޗެއް ނުބުނެވޭނެއެވެ. އައިދަން ބުނުމުން އެ ގެޔަށް ނައިސްވެސް ވާކަށް ނެތެވެ. ހިތަށް ތަދުވާ ފަދަ މަންޒަރުތައް ނުފެންނާނެ ގޮތެއްވެސް ނެތެވެ.
އެހެން ނަމަވެސް އެ މަންޒަރުތައް ބަލަން ޒިއާމްއަށް ކެތްވާނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ ޒިއާމްގެ ކުރިމަތީގައި އައިދަން ލޯބިން މައިރާއާ ސަމާސާ ކޮށްލާ ކޮންމެ ފަހަރަކު ހިތަށް ވާ ތަދު ފޮރުވޭނެ ހެއްޔެވެ؟ މައިރާ ދެކެ އައިދަން ލޯބިވާ ކަން އަބަދުވެސް އައިދަން ފާޅު ކުރެއެވެ. ބަހުންނާއި އަމަލުންނެވެ. ޒިއާމްގެ ކުރިމަތީ މައިރާ ދެކެ ލޯބިން ބޮސް ދިނުމާ ބައްދާލުން ނުވަތަ ކޮންމެވެސް ބަހެއް ބުނެލުން އެއީ އައިދަންއަށް ބޮޑު ކަމެއް ނޫނެވެ. އެ ފަދަ ކޮންމެ ފަހަރަކު ދިމާކޮށްލުމަށް މަޖާ ބަހެއް ބުނެލައިގެން އެ ރިހުން މޫނު މަތިން ނުދައްކާ ސިއްރު ކުރެވޭނެ ހެއްޔެވެ؟ އެ ގޮތަށް ކެތް ކޮށްގެން އެ ހިތުގެ ސިއްރު ފާޅު ވިޔަނުދީ ހިފަހައްޓައިގެން ޒިއާމްއަށް ހުރެވޭނީ ކިހާ ދުވަހަކު ހެއްޔެވެ؟
އޭރު ބޭރަށް ދިޔަ ގޮތަށް މާލެއަށް ނާދެވުނު ނަމައޭ ޒިއާމްގެ ހިތަށް އެރީ ކިތައް ފަހަރު ކަމެއް ނޭނގެއެވެ. އެހެން ހިތަށް އަރާ ކޮންމެ ފަހަރަކު އެއީ ނުވާނެ ކަމެއް ކަންވެސް ޒިއާމްއަށް ވިސްނެއެވެ. ބައްޕަ ވަކި ވުމަށް ފަހު މަންމަ އެކަނި ވުން އެއީ ޒިއާމް ދުވަހަކުވެސް އެދޭނެ ކަމެއް ނޫނެވެ. އެ ހިތާމައަށް ފަހު މަންމަ ހަމަ ޖެހުނީ ބޮޑުދައިތައާ ބޮޑުބޭބެގެ ހެޔޮ ކަމުންނެވެ. އެ މީހުންގެ އެހީ ނުލިބުނު ނަމަ އެ ހިތާމައިން މަންމައަށް އެހާ އަވަހަށް އަރައިނުގަނެވުނީހެވެ. ޒިއާމް ކައިރިއަށް މަންމަ ގެންދިޔަ ނަމަވެސް މަންމަ އެކަނި ވީއެވެ. އެއީ ޒިއާމް އެދޭ ގޮތެއް ނޫނެވެ. އެ ދުވަހު ބޮޑުދައިތަގެ ފަރާތުން ލިބުނީ މަންމައަށް އެންމެ ބޭނުން ވި އެހީއެވެ. އަދި އައިދަންގެ ފަރާތުން ޒިއާމްއަށް ލިބުނީ އެ ހިތާމައަށް ކެތް ކުރުމަށް ހިތްވަރެވެ. ޒިއާމް އެކަނި ވިޔަ ނުދީ އަބަދު ހެން ޒިއާމް ކައިރީ ހުރީ އައިދަންއެވެ. މައިރާއަށް ވުރެ އެ ދުވަހު އައިދަން އިސްކަން ދިނީ ޒިއާމްއަށެވެ. އައިދަންގެ އާއިލާއިން ޒިއާމް ބަލައިގަތީ އައިދަންއެކޭ އެއްގޮތަށެވެ.
ކުރިންވެސް ހާފިޒްއާ ރައިހާނާ އެއީ ޒިއާމްގެވެސް މަންމައާ ބައްޕަ ފަދައެވެ. އާލިޔާއާ އަޒްހާއެއީ ހަމަ ޒިއާމްގެވެސް ކޮއްކޮމެން ފަދައެވެ. އާރިޒް ނިޔާވުމަށް ފަހު ކުރިއަށް ވުރެ ބޮޑަށް އެ މީހުން ޒިއާމްއާ އަޅާލިއެވެ. އާލިޔާއާ އަޒްހާވެސް އެކިއެކި ގޮތްގޮތުން ޒިއާމްއާ ރަޒާނާއަށް އެހީވިއެވެ. ޚާއްސަކޮށް ރަޒާނާއަށް އޭރު ލިބުނު އެހީތެރިކަމާ އަޅާލުން ޒިއާމްގެ ހިތުން ދުވަހަކުވެސް ނުފިލާނެއެވެ.
ވީ އިރު އައިދަންގެ އުފަލަކަށް ހުރަސް އެޅުމަކީ ޒިއާމް ދުވަހަކުވެސް ހިތަށްވެސް އަރުވާނެ ކަމެއް ނޫނެވެ. ހިތަށް ކިތަންމެ ތަދު ވިޔަސް، ކިތަންމެ ދުވަހަކު އެހެން އުޅެން ޖެހުނަސް ޒިއާމް ކެތް ކުރާނެއެވެ.
“ހިނގާ…” މައިރާގެ އަޑަށް ޒިއާމް ސިހިފައި ލޯ ހުޅުވާލިއެވެ. އެއާއެކު އިސްޖަހާލީ އެ ދެލޯ މައިރާއަށް ނުދައްކާށެވެ.
ޒިއާމް ތެދުވެގެން ގޮސް އައިދަންއާ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. މައިރާ އައިސް އަލަމާރި ކައިރިއަށް ދިޔައީ ޖޫސްފުޅި ނަޣާށެވެ. ނަމަވެސް ފުޅި ނަގައިގެން އެތާ މައިރާއަށް ހުރެވުނީ ޚިޔާލަކަށް ގެއްލިފައެވެ.
އައިދަންއާ މައިރާގެ ސަބަބުން ޒިއާމްގެ ހިތަށް ވާނެ ގޮތް މައިރާއަށް އަންދާޒާ ކުރެވެއެވެ. އައިދަންއާ މައިރާ އެހާ ގާތްކޮށް އުޅޭ ތަން ބެލުމަކީ ޒިއާމްއަށް ފަސޭހަ ކަމަކަށް ނުވާނެކަން މައިރާއަށް އެނގެއެވެ. އައިދަން އަބަދު ޒިއާމް ގެންނަން އުޅޭތީ އެހެން ނުހެދުމަށް އެދެން ބައެއް ފަހަރު މައިރާ ހިތަށް އަރައެވެ. ނަމަވެސް އައިދަންއަށް ހަގީގަތް ނޭނގޭހާ ދުވަހަކު މައިރާ އެ ފަދަ އެއްޗެއް ބުނެފި ނަމަ އައިދަންއަށް މައިރާ ބުނާ އެއްޗެއްގެ މާނަ ނެގޭނީ ގޯސްކޮށް ނޫން ބާއެވެ؟ އައިދަންއާ މައިރާ ގުޅުނު ފަހުން އައިދަން ކޮށްލާ ސަމާސާ އަދި ބުނެލާ ބަސްބަހަކީ ޒިއާމްގެ ކުރިމަތީ އާންމު ކަމެކެވެ. ކުރިންވެސް އައިދަން އެ ގޮތަށް އުޅުމަށް މައިރާ ތަރުހީބއް ނުދެއެވެ. އެހެން ވިޔަސް ޒިއާމްގެ ކުރިމަތީ އެއްވެސް ކަމަކަށް އައިދަން ފަހެއް ނުޖެހެއެވެ. އަދި އައިދަންގެ ފަރާތުން ފެންނަ އެ ފަދަ ކަންކަމަށް ޒިއާމްވެސް ފާޑެއް ނުކިޔައެވެ. އެއީ އައިދަންގެ އާދައެއް ކަމަށް ގަބޫލުކޮށް ސަމާސާއަކަށް ހަދާފައި މައިރާއާ ދިމާކޮށްލުން އެއީ ޒިއާމްގެ އާދައެވެ.
ވީ އިރު ކައިވެންޏަށް ފަހު އައިދަންގެ ސަމާސާތައް ޒިއާމްގެ ކުރިމަތީ ނުކުރުމަށް ބުނެފި ނަމަވެސް އައިދަން ހިތަށް އަރާނީ ކީކޭ ހެއްޔެވެ؟ އެ ހުރިހާ އެއްޗެއް އައިދަންއަށް ވިސްނައިދޭނީ ކިހިނެއް ހެއްޔެވެ؟ ޒިއާމްގެ ހިތުގައި މައިރާއާ މެދު ވަނީ ކީކޭ ކަން އެނގިއްޖެ ނަމަ އައިދަންއަށް ވާނީ ކިހިނެއް ހެއްޔެވެ؟ އެ ކަން އެނގޭ ދުވަހަކުން އައިދަންއަށް އަމިއްލަ ނަފްސަށް މާފު ކުރެވިދާނެ ހެއްޔެވެ؟
ހަދާނެ ގޮތެއް މައިރާއަކަށް ނުވިސްނެއެވެ. އެ ރޭ އެނގުނު ކަންތަކުގެ ވާހަކަ މައިރާ އެކަކު ކައިރީވެސް ނުބުނެއެވެ. އެންމެ ގާތްކޮށް އުޅޭ އެކުވެރިން ތެރޭން ކުއްޖަކާވެސް އެ ވާހަކަ މައިރާ ހިއްސާއެއް ނުކުރެއެވެ. ނަމަވެސް އެހެން މީހަކާ އެ ކަމާ މަޝްވަރާ ނުކޮއް ހުންނަން މިހާރު މައިރާއަށް އުނދަގުލެވެ. އެ ފަދަ ކަމެއް ހިއްސާ ކުރުން އެންމެ ރަނގަޅު ވާނީ އާރާއާއެވެ. މާދަމާ އާރާއަށް ގުޅައިގެން ގެންނާނީއެވެ.
“މައި…؟” އައިދަން ގޮވާލި އަޑަށް މައިރާ ބަލާލިއެވެ. “ކިހިނެއް ވެފަ؟” ތެދުވެގެން އައިސް މައިރާގެ ކޮނޑުގައި އަތް ޖައްސާލަމުން އައިދަން އަހާލިއެވެ.
“ކަމެއް ނުވޭ… ހިނގާ” މައިރާ ހީލަމުން ބުންޏެވެ.
އެކިއެކި ވާހަކައިގައި ތިބެ ކައި ނިންމާފައި މައިރާ ތަށިތައް ހިފައިގެން ތެދުވުމުން އައިދަންވެސް މައިރާއަށް އެހީވާން އުޅުނެވެ.
“އައިދަން ދޭބަލަ ޒިއާމް ކައިރިއަށް. ޒިއާމް ގެނެއްސަ ތިހެން އަހަރެންގެ ފަހަތުން އުޅުނީމަ އޭނަ ފޫހިވާނެ. މީ އެހާ ބޮޑު ކަމެއްވެސް ނޫނެއްނު؟ ނިންމާލާފަ އަހަރެންވެސް މި އަންނަނީ” އައިދަން މައިރާގެ ފަހަތުން އަންނަން ފެށުމުން މައިރާ އެކަން މަނާ ކުރިއެވެ.
ހީލަމުން އައިދަން އައިސް ޒިއާމްއާ އެކު ސޯފާގައި އިށީނެވެ.
“ގޯޑް! އައި ލަވް ހަރ ސޯ މަޗް!” ބަދިގެ ތެރޭ ހުރި މައިރާއަށް ބަލަން އިނދެ އައިދަން ބުނެލިއެވެ.
“އަހަންނަށް ނޭނގޭ ކަމެއް ނޫނޭ ތީ” އައިދަން ބުނި ބަސް ހިތާހިތުން ތަކުރާރު ކޮށްލަމުން ޒިއާމް ބުންޏެވެ.
“ޒެޑްއަށް ނޭނގޭތީއެއް ނޫނޭ… ޒެޑްވެސް ދެން އުޅެބަލަ މައި ކަހަލަ ކުއްޖަކު ހޯދައިގެން މެރީ ކުރަން. ލައިފްއެއް ފެށީމަ އެނގެނީ އެއީ ކިހާ ވަރެއްގެ އުފަލެއް ކަން” އައިދަން ޒިއާމްއާ ދިމާއަށް އެނބުރުނެވެ.
“މައި ކަހަލަ އެހެން ކުއްޖަކު ދެން ނުހުންނާނެ. އެންމެން އައިދަން ހާ ލަކީ ނުވެދާނެއެއްނު؟ އަހަރެން މެރީ ކުރަން ބޭނުން ވާ ކަހަލަ ކުއްޖަކު ނުފެނޭ. ފެނިއްޖެއްޔާ ފުރަތަމަވެސް އައިދަން ކައިރީ ބުނާނަން” ޒިއާމް ސަމާސާ ރާގެއްގައި ޖަވާބު ދިނެވެ.
“ކުއްޖަކާ ދިމާ ވާނީވެސް ޓްރައި ކޮށްގެން. ޒެޑް ހިއެއް ނުވޭ މެރީ ކުރަން ބޭނުން ވާ ހެނެއް” އައިދަން ބުނީ ޒިއާމްގެ ޙަޔާތަށް އަންހެން ކުއްޖަކު ނާންނަކަން އެނގޭތީއެވެ.
އައިދަން ބުނި އެއްޗަކަށް ޖަވާބެއް ނުދީ ޒިއާމް ކޮފީޓޭބަލް މަތިން ދުފާއެއްޗެހި އަޅާފައި ހުރި ތަށި ނަގާ އެއަށް ސަމާލުކަން ހުއްޓާލައިގެން އިނެވެ.
“ޒިއާމް…” އެހެން ފަހަރުތަކާ ޚިލާފަށް އައިދަން ޒިއާމްގެ ނަމުން ގޮވާލީ ޖަވާބެއް ބޭނުން ވެގެންނެވެ.
ކުރިން ޒިއާމް އަކީ އެހެން އުޅުނު މީހެއް ނޫނެވެ. ދިރިއުޅުމެއް ފަށަން ނުވިސްނި ނަމަވެސް ޒިއާމްއަކީ އަންހެން ކުދިންނާ ދުރުން އުޅުނު ޒުވާނެއް ނޫނެވެ. ސްކޫލް ނިމުނު ދުވަސްވަރުން ފެށިގެންވެސް އަންހެން ކުދިން ތެރޭ މަގުބޫލް ޒުވާނަކަށް ޒިއާމް ވާ އިރު، “ގަރލް ފްރެންޑެއް” ޒިއާމްގެ ޙަޔާތުގައި ނުވާ އިރެއް ނުދެއެވެ. އައިދަންއާ ދެ މީހުންވެސް އޭރު އުޅުނީ އެހެންނެވެ.
ޒިއާމްގެ ފަރާތުން މައިރާއާ ދިމާ ވި ދުވަހުން ފެށިގެން އައިދަން ދިރިއުޅުމާ މެދު ވިސްނަން ފެށިއެވެ. ފުރަތަމަ ބައްދަލުވިތާ ގިނަ ދުވަސްތަކެއް ނުވެ ޙަޔާތަށް ގެންނަން ބޭނުން އަންހެން ކުއްޖަކީ މައިރާ ކަން ވިސްނުމާއެކު ކުރިއަށް ފިޔަވަޅު އަޅާކަށް އައިދަން ލަހެއް ނުކުރެއެވެ. އައިދަން ހުށަހެޅި ލޯބި މައިރާ ގަބޫލު ކުރީ، ފުރަތަމަ ފެނިލުމާއެކުވެސް މައިރާގެ ހިތް އައިދަންއަށް ދެވިފައި ވީތީއެވެ. އެހާ އަވަހަށް އިތުބާރު ކުރެވުނީ އައިދަން އަކީ ޒިއާމްގެ ކޮއްކޮއަކަށް ވީތީ ކަން އައިދަންއަށް އެނގެއެވެ.
ނަމަވެސް އޭރު ޒިއާމް ވަނީ ބަދަލުވެފައެވެ. ކުއްލިއަކަށް ޒިއާމްއަށް އައި ބަދަލާ ބެހޭ ގޮތުން އޭރުވެސް އައިދަން ސުވާލު ކުރިއެވެ. އައިދަންއާ މައިރާ ބައްދަލު ވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ޒިއާމްގެ މޫނު މަތިން ފެންނަމުން ދިޔަ އުފާވެރިކަން ގެއްލުނީ ކުއްލިއަކަށެވެ. ޒިއާމްގެ ޙަޔާތަށް ޚާއްސަ އަންހެން ކުއްޖަކު އައި ކަން އައިދަންއަށް އެނގުނީ ޒިއާމް ބުނެގެންނެއް ނޫނެވެ. އެކުގައި އުމުރުގެ އެހާ ދުވަސް ހޭދަ ވެފައި ވީ އިރު ނުބުނި ނަމަވެސް ޒިއާމްއަށް އައި ބަދަލު އައިދަންއަށް ފާހަގަ ކުރެވުނެވެ. އެ ބަދަލުތައް އަންހެން ކުއްޖަކާ ގުޅުވާ އައިދަން ޒިއާމްއާ ދިމާވެސް ކުރިއެވެ. އެ ކުއްޖަކާ ބައްދަލު ކޮށްދިނުމަށް އައިދަން އެދުމުން، ވަގުތު ޖެހުމުން އާއިލާ އިން ފުރަތަމަވެސް ބައްދަލު ކޮށްދޭނީ އައިދަން އާ ކަމަށް ޒިއާމް ބުންޏެވެ.
މައިރާއާ އައިދަންގެ ގުޅުން ފެށުނު އިރު ޒިއާމްގެ ދިރިއުޅުން ބަދަލު ވީއެވެ. އައިދަން އެ އަންހެން ކުއްޖަކާ ބައްދަލު ކުރުމަށް އެދެމުން ދިޔަ އަންހެން ކުއްޖާ ޒިއާމްގެ ޙަޔާތާ ދުރަށް ހިނގައްޖެއެވެ. އެއާއެކު ޒިއާމް ކިޔަވަން ދިޔުމަށް ނިންމީ ކުއްލިއަކަށެވެ. އެއްވެސް މީހެއް ގާތު އިތުރަށް އެއްވެސް އެއްޗެއް ނުބުނެއެވެ. ކިޔަވަން ދާން ބޭނުން ވެގެން ބުނުމުން ޒިއާމްގެ މަންމައާ ބައްޕަ އިތުރު ސުވާލެއް ނުކޮށް އެއްބަސްވިއެވެ.
ޒިއާމް މެލޭޝިޔާއަށް ދިޔައީ ކިޔެވުމަށް ކަމަށް ބުނި ނަމަވެސް އެއީ ބަހަނާއެއް ކަން އައިދަންއަށް އެނގެއެވެ. ދެ ފަހަރަށް ޒިއާމް ކައިރިއަށް ގޮސް ވީ ގޮތެއް އޮޅުން ފިލުވަން އައިދަން މަސައްކަތް ކުރިއެވެ.
އައިދަންއާ ޒިއާމް އެއްވެސް ކަމެއް ހިއްސާ ނުކުރި ނަމަވެސް އޭރު ކަންތައް ވީ ގޮތް ކޮންމެވެސް ވަރަކަށް އައިދަންއަށް އެނގުނެވެ. ޒިއާމްގެ ހިތް ދެވުނު އަންހެން ކުއްޖާ ޒިއާމްގެ ލޯބި ގަބޫލު ނުކުރީ ކަމެއް، ނުވަތަ ކޮންމެވެސް ސަބަބަކާ ހެދި ދެ މީހުން ވަކި ވާން ޖެހުނީ ކަމެއް ނޭނގެއެވެ. އައިދަންއަށް އެނގޭ ކަމަކީ އެ ކުއްޖަކު ދެކެ ޒިއާމް ލޯބި ވާ ކަމެވެ. އެހެން ވިޔަސް އިތުރަށް އެ ލޯބި ހޯދަން މަސައްކަތް ކުރަން ޒިއާމް ބޭނުން ނުވި ކަމެވެ.
އޭރުން ފެށިގެން ޒިއާމްގެ ޙަޔާތަށް އިތުރު އަންހެން ކުއްޖަކު ނާދެއެވެ. ޒިއާމްއާ އަންހެން ކުދިން ގުޅުވަން އައިދަން މަސައްކަތް ކުރިއެވެ. ނަމަވެސް ކާމިޔާބެއް ނުވެއެވެ. ޒިއާމްގެ ހިތުގައި އަދިވެސް ވަނީ އެ އަންހެން ކުއްޖާގެ ނަން ކަން އައިދަންއަށް އެނގެއެވެ. ނަމަވެސް ސުވާލު ނުކުރަނީ ޒިއާމް އެ ވާހަކަ ދައްކަން ބޭނުން ނުވާ ކަން އެނގޭތީއެވެ.
ނަމަވެސް އޭގެ ފަހުން ދުވަސްތަކެއް ވެއްޖެއެވެ. އައިދަންއަށް ލިބޭ ކޮންމެ އުފަލެއް ޒިއާމްއަށް ލިބުން އައިދަން އެދެއެވެ. މާޒީގައި ވީ ކަންތައް ހަނދާން ނައްތާލާ، އަލުން ދިރިއުޅުމާ މެދު ޒިއާމް ވިސްނަން އައިދަން ބޭނުން ވަނީ އެހެން ވެއެވެ.
“އޭރު ވީ ގޮތެއް އަދިވެސް ނުބުނާނަންތަ؟” އައިދަން އަހާލީ ޒިއާމް ދެންވެސް އެއްޗެއް ނުބުނުމުންނެވެ.
“އައިދަން ޕްލީޒް…” ޒިއާމްއަށް ބުނެވުނެވެ.
“ޔޫ ސްޓިލް ލަވް ހަރ؟” އައިދަން ހީވީ އެ މަޢުޟޫ ދޫކޮށްލަން ބޭނުން ނުވާ ހެންނެވެ.
ޒިއާމް ލޯ މަރާލަމުން އިސްޖަހާލިއެވެ.
“ކާކުތަ އެއީ؟ ކިހިނެއްތަ އޭރު ވީ؟ ކީއްވެތަ ނުބުނަން ތި އުޅެނީ؟” ޒިއާމްގެ ކޮނޑުގައި އަތް ޖައްސާލަމުން އައިދަން ސުވާލު ކުރިއެވެ.
“މިހާ ދުވަސް ވީ އިރުވެސް އައިދަން ކުރި އެއްވެސް ސުވާލަކަށް އަހަރެން ޖަވާބު ނުދިނީ އެ ވާހަކަ ދައްކަން ބޭނުން ނުވާތީ. އެއީ މާ ކުރީގެ ކަމެއް، ވެ ނިމިފަ އޮތް ކަމެއް. އިތުރަށް އެ ވާހަކަތައް ދައްކައިގެން ވާނެ ކަމެއް ނޯންނާނެ. އޭރު އެ ގޮތަށް ވީ އެއީ އެންމެ ރަނގަޅު ގޮތަށް ވީމަ. އަދިވެސް ބޭނުމެއް ނޫން އެ ވާހަކަ ދައްކާކަށް. ސޯ ޑޯންޓް އާސްކް މީ…” އިސް ޖަހައިގެން އިނދެ ޒިއާމް ބުންޏެވެ.
“ޒިއާމް…” އައިދަން އަނެއްކާވެސް ޒިއާމްގެ ނަމުން ގޮވާލިއެވެ. އެރޭ އެހާ ފަސޭހައިން އެ ވާހަކަ އައިދަން ހުއްޓާނުލާނެ ކަން ޒިއާމްއަށް ޔަގީންވިއެވެ.
“ވަރަށް ލަސް ވެއްޖެއެއްނު؟ މިރޭ އެބަ އޮތް އޮފީހުގެ ކަމެއް ނިންމަންވެސް. ދެން ދަނީ، މައި ކައިރީ ބުނެލައްޗޭ” އިން ތަނުން ތެދުވެ އެހެން ބުނެލާފައި އައިދަންއާ ދިމާއަށް ބަލާވެސް ނުލާ ޒިއާމް ނިކުތެވެ.
ދޮރު ލައްޕަލާފައި ޒިއާމް ދުވެފައި ސިޑިން ފައިބައިގެން ގޮސް ގެޔަށް ވަނެވެ. ސިޓިންގ ރޫމްގައި އިން ރަޒާނާ ޒިއާމް ފެނުމުން ކާން ގޮވިއެވެ.
“މަންމަ ކައިފިންތަ؟” ޒިއާމް ހުއްޓިފައި އެހިއެވެ.
“އާނ، ޒިއާމް އާދޭތޯ ތިބެތިބެފަ ދެންމެ ދޮންތައާ ދެމީހުން މި ކެއީ” ރަޒާނާ ޖަވާބު ދިނެވެ.
“މި އައީ އައިދަންމެންނާ އެކީ ކައިގެން. މަންމަ ދެން ނިދަން ދާން ވީނު. އަހަރެންވެސް މި ދަނީ ކޮޓަރިއަށް” ޒިއާމް ބުންޏެވެ.
ރަޒާނާ ބޯ ޖަހާލުމުން ޒިއާމް ކޮޓަރިއަށް ވަނެވެ.
ފެން ވަރާ ތާޒާ ވެލުމަށް ފަހު ޒިއާމް މޭޒު ކައިރީ އިށީނދެ ލެޕްޓޮޕް ހުޅުވާލިއެވެ. ފަނަރަ ވަރަކަށް މިނަޓް ވަންދެން ލެޕްޓޮޕްގެ ސްކްރީނަށް ބަލަން އިނދެފައި ޒިއާމް އެ ލައްޕާލީ އެރޭ އެއްވެސް މަސައްކަތެއް ނުކުރެވޭނެތީއެވެ. އެއަށް ވުރެ ބޮޑަށް އެ ހިތާ ސިކުނޑީގައި ވަނީ މައިރާގެ ޚިޔާލެވެ. އިރުކޮޅެއް ކުރިން އައިދަން ކުރި ސުވާލުތައްވެސް އެ ހިތަށް އުނދަގޫ ކުރަމުން ދިޔައެވެ. ގޮނޑީގައި ލެނގިލާ ލޯ މަރާލަމުން ޒިއާމް ދެ އަތުން ނިތްކުރިމަތީ ފިރުމާލިއެވެ.
“މައިރާ… މައިރާ… ކީއްވެތަ މިހާ ދުވަސް ފަހުންވެސް ހަނދާން ނުނެތެނީ؟” މޭގައި އަތް ޖައްސާލަމުން ޒިއާމް މަޑުމަޑުން ބުނެލިއެވެ.
ޒިއާމް ޖީބުން ވޮލެޓް ނަގާ މައިރާގެ ފަށް އޭގެން ނެގިއެވެ. އިރުކޮޅަކު ފަށަށް ބަލަން އިނދެފައި ގެނެސް ތުންފަތުގައި ޖައްސާލިއެވެ.
“ކިހިނެއް އަހަރެން ހަދަން ވީ؟ ކިހިނެއް ހެދިއްޔާ ހަނދާން ނެތޭނީ؟ ކިހިނެއް ހެދިއްޔާ މިހާ ވަރަށް ލޯބި ނުވެވޭނީ؟ އަހަރެން ބޭނުމެއް ނޫން ލޯބި ވާކަށް، ހަނދާން ނައްތާލަން ބޭނުމީ. ތީ އަހަރެންގެ ކޮއްކޮގެ ހައްގެއް. ހުވަފެނުގަވެސް އައިދަންއަށް ދެރައެއް ދޭކަށް ބޭނުމެއް ނޫން… އައިދަންގެ ވައިފް ދެކެ ލޯބި ވާކަށް ބޭނުމެއް ނޫން… އެކަމަކު ހަނދާން ނައްތާލަން ހަދަން ވީ ގޮތެއް ނޭނގުނު… މުޅި އުމުރަށްވެސް އަހަރެން އުޅެން ޖެހޭނީ މިހެންތަ؟” ފަށަށް ބަލަން އިނދެ ޒިއާމް ވާހަކަ ދައްކަމުން ދިޔައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.








Hi, part 3 myny, hope like vaane kamah. Plz read and comment inge. Part 4 on Thursday. Lots of ❤️❤️❤️❤️
Really nice I like it..
Keep it up Marsha..
Your amazing..
Thank u butterfly ?❤️
Masha Allah varah reethi mi part ves ????? waiting for next part
Keep it up marsha ☺️
Thank u Nuzu ❤️
Maasha Allah varah furihama?? hama rovijje? Ziam ulhey gothun haadha dhera veyey? sifa kurunthah varah salhi???❤️
Thank u Naani ❤️
Masha allah mi part vx varah reethi ???❤?
Waiting for next part ??❤???
Keep it up sisoo marsha ❤?????
Luv u ❤????????
Thank u Ishoo ❤️
Maasha Allah Varah reethi mi part vas waiting for next part ???????☺️☺️☺️☺️☺️☺️☺️????this is my favorite story ???????????
Thank u so much dear, ❤️❤️