Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ޤަބޫލްކުރަންދަތި ހަޤީޤަތް..؟؟ ހަތަރުވަނަ ބައި

shan Level 410 Stories100 Comments500 Comments100 Login
April 25, 2013 6 Mins Read
4 Comments

ކުއްލިއަކަށް ނަޢުމާ ލޯ މަރާލީ ނިދާފައި އޮތް ޝަޙީން ތެދުވުމުންނެވެ. އޭނާ ތެދުވެގެން ގޮސް ކޮޓަރިން ބޭރަށް ނެކުތެވެ. އިރުކޮޅަކު ނަޢުމާ އޮތުމަށްފަހު އެނދުން ތެދުވިއެވެ. އަދި މަޑުމަޑުން ކޮޓަރި ދޮރާ ދިމާލަށް ހިނގައިގަތެވެ. ދޮރު ހުޅުވާލުމަށް ތަޅުގައި އަތްލުމާއެކު ނިދާފައި އޮތް ޝާން ބާރަށް ރޮއި ގަތެވެ. ނަޢުމާ ފުންނޭވާއެއް ބޭރުކޮށްލަމުންގޮސް ޝާން ނަގާއުރާލައިގެން ގޮސް އެނދުގައި ޖައްސާލިއެވެ. ޝަހީން ކޮޓަރީ ދޮރު ހުޅުވާލީ އެވަގުތެވެ. ނަޢުމާ ހައިރާނެއް ނުވެއެވެ. ޝާން ރޮއެ ގަތުމުން އޭނާ އަންނާނެކަން ނަޢުމާއަށް ވިސްނުނީއެވެ. ޝަހީން ކޮޓަރީގައި ފެންނެތުމުން ފެންފޮދެއް ބޯލަން ދިޔައީ ކަމަށް ބުންޏެވެ. ނަޢުމާ އެއްވެސް އެއްޗެއް ނުބުނެއިނީއެވެ. ޝާން ބޭއްވުމަށް ފަހު އައިސް އޮށޯތް އިރު ޝަހީން އޮތީ ނިދާފައެވެ. ލޯ މަރާލިއެވެ. ލޯ މަރާލުމާއެކު ލޯ ހުޅުވާލާފިއެވެ. އޭނާއަށް ފެނުނު މަންޒަރުތައް ސިފަވަނީއެވެ. ޝާން އަށް ހޭނުލެވުން ނަމަ ދެންވާނެގޮތް ހިތަށްވަނީއެވެ. ނިޝްވާ އުޅުމަށް އަންނަމުންދާ ބަދަލްތައް ހަނދާނަށް އައީއެވެ. އިސާހިތަކު އޭނާ ފެންކަޅި ވެއްޖެއެވެ.

*******

ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. ނައުމާ އާއި އޭނާގެ އެކުވެރިޔާ ލައިލާ ވާހަކަދައްކަން ތިބީ ނައުމާ މެންގޭ ސިޓިން ރޫމްގައެވެ. ނައުމާ އިނީ ހާސްވެ ފިކުރު ބޮޑުވެފައެވެ. އޭނާގެ ދެލޯ ވަނީ ރަތްވެފައެވެ. ރޭގަ ނުނިދުނީމައެވެ. ނިޝްވާ އޭނާގެ ކޮޓަރިގައި ނިދާފައި އޮތެވެ. ނަޢުމާ ދިޔައީ ހިތަށް ހަމަޖެހުމެއް ލިބޭތޯ އޭނާގެ ދިރިއުޅުމުގެ ކަންތައް ހިއްސާކުރަމުންނެވެ.

“…ނުވިސްނާށޭ ބުންޏަސް ކިހިނެއް ނުވިސްނާ ހުންނާނީ…” ނައުމާ ބުންޏެވެ. “… މީހުން ބުނާނެ އަހަރެން އުޅެނީ ވަރަށް އުފާވެރި ދިރިއުޅުމެކޭ .. އެއްވެސް ކަމަކާ ވިސްނާކަށް ނުޖެހޭނޭ.. އެކަމް އަހަރެންވަރު ހާލުގަ އުޅޭ މީހަކު ނޫޅޭނެ.. އަހަރެންގެ ކުށުން ހުރިހާކަމެއްވެސް ދިމާވަނީ… އެއްކަމަކުން ސަލާމަތް ނުވެގެން އުޅެނިކޮށް.. އަނެއްކަމެއް މިދިމާވަނީ..”

“މިހާރު ކިހިނެއްވީ؟…” ލައިލާ އެހިއެވެ.

“ނިޝްވާގެ ކޮންމެސް ކަމަކާ ވިސްނާހެން ހީވަނީ.. ދެތިން ދުވަސް ވެއްޖެ މިކަމެއް ފާހަގަކުރެވޭތާ..” ނައުމާ ބުންޏެވެ.

މިހެން ބުނެފައި ކުރީރޭ ފެނުން ހުވަފެނާ އިއްޔެ ހަވީރާއި ރޭގަ ހިނގާދިޔަ ކަންތައް ލައިލާއަށް ކިޔާދިނެވެ. “ހުވަފެނަކީ ބިލާހެއް..” ލައިލާ ވިސްނާލާފައި ބުންޏެވެ. “.. ތި ވެދާނެ ހީވާ ކުށް ހީއަކަށްވެސް…ޝަހީން އަކީ އެކަހަލަ މީހެއް ހެނެއް ހިޔެއް ނުވެ..އެކަމްވެސް އެއްވެސް މީހަކަށް އެހާބޮޑަށް އިތުބާރުވެސް ކުރާކަށްވެސް ނުވާނެ…. އެކަހަލަ ކަންތައް ގިނަފަހަރަށް ދިމާވަނީވެސް އާއިލާ މީހެއް ފަރާތުން…ވެދާނެ ތިކަލަ ކަމެއް މެދުވެރި ވީމަކަމަށްވެސް ނިޝްވާ ނައު މެނާ ދުރުދުރުން އެއުޅެނީ..”

“…ދެން އަހަރެން ކިހިނެއް ހަދަންވީ؟؟؟..” ނައުމާ ފެންކަޅި ވިއެވެ. “..އަހަރެން ބޭނުމެއް ނޫން މި އާއިލާ ރޫޅިގެން ދާކަށް… ޝަހީން އާ ވަކިން ނޫޅެވޭނެ.. އާއިލާއަށްޓަކައި ޝަހީން އަށްޓަކައި ނިޝްވާއަށްޓަކައި ކުރެވުނު ކުށަކުން މިހާރުވެސް ….” ނައުމާއަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ. އަޑުބެދިއްޖެއެވެ.

“.. ނައު ނުރޮއެ ހުއްޓާލާ..” ލައިލާ ހިތްވަރު ދިނެވެ. “..ވެދިޔަ ކަމެއް ބަދަލެއް ނުކުރެވޭނެ…ދެން ތިކަމުގެ ހަޤީގަތެއް އޮތްތޯބަލަން ވީ..ކަމުގެ ހަޤީގަތް ނުބަލާ އެއްވެސް ނިންމުމެއް ނުނިންމާތި.. ތިކަމާ ބެހޭ ގޮތުން ރީޝާ އާ ސުވާލުކޮށްލަން އަހަންނަށް ފެންނަނީ.. އޭރުން ވެގެން އުޅޭ ގޮތެއް އެނގިދާނެ..ރީޝާއަށް ކޮންމެކަމެއް ދިމާވިޔަސް ކިޔާ ދޭނެހެން ހީވަނީ… ނައުމާ ތި ހީކުރާ ކަހަލަ ކަމެއް ވެއްޖާ ނިޝްވާ ގާތު އަހާގެން އެއްޗެއް އޮޅުން ފިލާނެ ހެނެއް ހިޔެއްނުވެ.. އޭނަ ނަޢުމާގެ ދިރިއުޅުން ހަލާކުވެދާނެތީ ނުބުނަން ހުރުންވެސް އެކަށީގެންވޭ…”

ލައިލާ ބުނިގޮތަށް ކަންތައްކުރުމަށް ނައުމާ ނިންމިއެވެ. އަދި އެކަމުގެ ހަޤީގަތް ހޯދާ އެކަމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ހިތުގައި އަޒުމް ކަނޑައެޅިއެވެ. އޭނާގެ އާއިލާއަށްޓަކައި ކޮންމެފަދަ ކަމެއް ކުރަންޖެހުނަސް ފަސްނުޖެހި އެކަމެއްކުރާނެއެވެ. ނިޝްވާ އަށް ނޭގުނަސް މީގެ ކުރިންވެސް އޭނާ ވަނީ އާއިލާއަށްޓަކައި ކިތަންމެ ކަމެއްކޮށްފައެވެ. އޭނާ ރީޝާއަށް ގުޅީ އެދުވަހު މެންދުރު ވަގުތެއްގައެވެ.

“..ހަލޯ ރީޝާ..” ރީޝާ ފޯނު ނެގުމުން ނަޢުމާ ވާހަކަ ދައްކަންފެށިއެވެ. “.. ބިޒީތަ؟..” ނައުމާ ވާހަކަދެއްކީ ހަމަޖެހިލާގެން އިނދެއެވެ.

“..ބިޒީއެއް ނޫން..ކިހިނެއްވީ ދޮންތާ..” ރިޝާ އެހިއެވެ. އޭރު ރީޝާ އިނީ އޭނާގެ ކޮޓަރީގައި އެފް.ބީ އަށްވަދެ ޗެޓް ކުރާށެވެ.

“..ރިޝްއާ ބައްދަލުކޮށްލަން ބޭނުންވެގެން..” ނަޢުމާ ބުންޏެވެ. “..ކަމެއް އޮޅުން ފިލުވާލަން..”

“…ކޮން.. ކޮންކަމެއް؟..” ރީޝާ ހާސްވިއެވެ. ނައުމާ އޮޅުން ފިލުވަން އެއުޅޭ ކަމެއް އޭނާއަށް އެނގުނީއެވެ.

“..ފޯންއަކުން މިވާހަކައެއް ނުދެއްކޭނެ.. ދޮންތަ އެބަދަން ތިގެއަށް..” މިހެން ބުނެފައި ރީޝާއަށް އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ ފޯން ކަނޑާލިއެވެ.

ރީޝާ ލެޕް ނިއްވާލުމަށްފަހު ދެތުވެ ދެކޮޅަށް ދެކޮޅަށް ހިނގަންފެށިއެވެ. ކަންތައް ކުރާނެ ގޮތަކާމެދު ވިސްނަމުންނެވެ. ދޮގެއް ހަދަންޖެހޭތީ ޖެހިލުން ވަނީއެވެ. އަސްލު ސަބަބު ހާމަކުރެވޭކަށްވެސް ނެތެވެ. އެހެންކަމުން ގެއިން ނެކުމެގެން ދާންވެސް ހިތަށް އެރިއެވެ. ނަމަވެސް ކޮންމެސް ދުވަހަކުން ދޮންތަގެ އެސުވާލްތަކާ ކުރިމަތި ލާންޖެހޭނެތީ އެޚިޔާލް ދޫކޮށްލީއެވެ. “..ނިޝް ދޮންތަ މެނާ ދުރުދުރުން ނޫޅުންނަމަ..” ރީޝާ ހިތަށްއެރިއެވެ. “..އަހަރެން ބުނާގޮތް ނަހަދާތީ ވާގޮތް..” ހަދާނެގޮތެއް ނޭގިގެން ފޯން ނަގާ ނިޝްވާއަށް ގުޅާލިއެވެ. ނަމަވެސް އޭނާ ފޯނެއް ނުނަގައެވެ. ދެތިން ފަހަރު ގުޅާލުމުންވެސް ފޯނުނުނެގުމުން ފާހާނައަށް ވަނެވެ. އަދި މޫނު ދޮވެލާގެން ނެކުމެ އެނދުގައި އިށީނެވެ.

“..ދަރިފުޅާ ރީޝާ..” ރީޝާގެ މަންމަ ރަޝީދާ ގޮވާލިއެވެ. ރީޝާ ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ. އޭރު ކޮޓަރި ދޮރުމަތީގައި ނަޢުމާ ޝާން އުރާލާގެން ހުއްޓެވެ. ރަޝީދާ އާއި ރީޝާގެ ކޮއްކޮ އަލްޔާން އިނީ ސިޓިންގ ރޫމް ސޯފާގައި ޓީވީ ބަލާށެވެ. ރީޝާ ހަމަޖެހޭ ގޮތް ދައްކަމުން ބޮލުގެ އިޝާރާތުން އެތެއަށް ވަނުމަށް އެދުނެވެ. ނަޢުމާ ޝާން ގާތު އަލްޔާން ބޭބެކައިރިއަށް ދާށޭ ބުނަމުން ކޮޓަރިއަށް ވަދެ އެނދުގައި އިށީނެވެ.

“.. ދޮންތަ މިއޮއް ހޫނު ގަދަ ގަޑީގައި ކީއްކުރަން ތިއައީ.. އަހަރެން ކައިރީ ބުނި ނަމަވެސް ދިޔައީމުހޭ.. ނިޝް ކޮބާ؟ ނިޝް ނައީ ކީއްވެ؟ އަދިވެސް ނުހޭލަނީތަ؟ ކިޔަވާ ނިމުނީމަ ނިދުން ދޯކަމަކީ؟..” ރީޝާ ފަތިފައްޗަށް ސުވާލްތައް އަމުނާލިއެވެ. ހާސްކަން ފޮރުވުމުގެ ގޮތުންނެވެ.

“..ރީޝާ..” ނައުމާ މަޑުމަޑުން ބުންޏެވެ. “..އަހަންނަށް މިހީވަނީ ރަނގަޅަށް ދޯ އެހެންވީމާ..” ރީޝާގެ އަމަލްތައް ހުރިގޮތުން އޭނާގެ ހިތުގައިވާ ޝައްކުތައް ޔަޤީންވިކަހަލައެވެ.

“..ކޮން ކަމެއް ކޯއްޗެއް ހީވަނީތަ؟..” ނަޢުމާ ދައްކަން އުޅޭ ވާހަކައެއް ނޭގޭ ކަމަށް ހަދަމުން ރީޝާ ބުންޏެވެ.

“..ރީޝާގެ މޫނުމައްޗަށާ މީހާއަށް ތިވާ ގޮތުން ހުރިހާ ސުވާލެއްގެ ޖަވާބު ލިބިއްޖެ..” ނަޢުމާ ދެލޮލަށް ކަރުނަ ޖަމާވިއެވެ.

“..ދޮންތަ ކީކޭ ތި ކިޔަނީ.. ކޮންސުވާލެއްގެ ޖަވާބު ލިބުނީތަ؟..” ރީޝާއަށް ދައްކަން އުޅޭ ވާހަކައެއް ނޭގޭ ކަހަލައެވެ.

”..ޝަހީންގެ ފަރާތުން ނިޝް އަށް ގޯނާތަކެއް..” ނަޢުމާއަށް ބުނެވުނީ އެހިސާބަށެވެ.

“..ކީކޭ ތިކިޔަނީ.. އަޑު މި އިވުނީ ރަނގަޅަށްތައް..” ނަޢުމާއާ ދިމާލަށް ބަލާލަމުން ހައިރާންވެ އިނދެ ބުންޏެވެ. ރީޝާ ހީކުރީ އޭނާއަށް އިވުނުގޮތް ރަނގަޅުނޫން ކަމަށެވެ. ނައުމާ އޭނާގެ ވާހަކަ ތަކުރާރުކޮށްލިއެވެ.

“ދޮންތާ..” ރީޝާ ކުއްލިއަކަށް އެނދުން ތެދުވިއެވެ. ލިބުނު ސިހުމާ ހައިރާން ކަމާއެކުއެވެ. އޭނާއަށް އިވުނުގޮތް ގޯހެއް ނޫނެވެ. “..އަހަރެން ހިޔެއް ނުކުރަން ދޮންތަ ތިކަހަލަ ނުބައި ވިސްނުމެއް ގެންގުޅެފާނެ ކަމަކަށް.. ބަލަ އެއީ ދޮންތަގެ ފިރިމީހާ އޭ.. ތިކަހަލަ އެއްޗެއް ހިތަށް އަރުވަން ކެރުނީތީ ވެސް އަހަރެން ހައިރާން ވެއްޖެ.. ނިޝްވާ އެބުނަނީ ހަމަ ރަނގަޅަށް.. ދޮންތަ ތީ..” ރީޝާ ބުނެވެން އުޅުނު އެއްޗަކާމެދު ވިސްނާލެވުމުން ވާހަކަ މެދުކަނޑާލިއެވެ. އަދި ނައުމާއަށް ފުރަގަސް ދިނެވެ. އޭނާއަށް ވާހަކަ ދެއްކުނީ ވެސް ތަންކޮޅެއް ބާރަށެވެ. ކުރިން ހާސްވެފައި އިން ރީޝާގެ މޫނު މަތިން މިހާރު ފެންނަނީ ފޫހިކަމެވެ.

“..އަހަރެން ނަށް މިހީވީ ގޯސްކޮށްތައް..” ނަޢުމާ އެނދުން ތެދުވަމުން އަހާލިއެވެ. ރީޝާ އަށް ބުނެވެން އުޅުނު ވާހަކައަށް ނަޢުމާގެ ސަމާލުކަމެއް ނެތެވެ. އެއަށްވުރެ ބޮޑަށް އޭނާ ބޭނުންވީ ނިޝްވާއަށް ވެގެން އުޅޭ ގޮތެއް އޮޅުންފިލުވުމަށެވެ.

“..އާނ…” ނައުމާއާ ދިމާލަށް އެނބުރެމުން ރީޝާ ބުންޏެވެ. “.. ކީއްވެގެން ތިކަލަ ވިސްނުމެއް އަމިއްލަ ފިރިމީހާއާ ދެމެދު ތި ގެންގުޅެނީ.. ދޮންތަ އޭނައަށް އިތުބާރެއް ނުކުރަންތަ؟..”

ރީޝާ އެހެންބުނުމުން ވޭތުވެ ދިޔަ ދުވަސްތަކު ނިޝްވާގެ އުޅުމާ ޝަހީންގެ ކިބައިން ފާހަގަވިކަންތައްތައް ކިޔާދިނެވެ. އަދި ފެނުނު ހުވަފެންވެސް ކިޔާދިނެވެ. “.. މިވީހާ ދުވަހު އެކަހަލަ ޝައްކެއްވެފަވެސް ނެތް.. ދެން މިހާރު ކީއްވެ ވަކި ވާންވީ.. ކަމެއްނުވާނަމަ ނިޝްގެ އުޅުމަށް އެހާ ބޮޑު ބަދަލެއް އަންނަންވީ ކީއްވެ؟.. ރީޝާ ދޮންތައަށް އޮޅުވާލަންތަ ތިއުޅެނީ..”

“..ދޮންތާ..ހުވަފެނަކީ ބިލާހެއް..” ރީޝާ ބުންޏެވެ. “.. މާބޮޑަށް ނިޝް އާމެދު ވިސްނާ ފިކުރު ކުރާތީ ތިހެން ތިވަނީ.. ނިޝްއަށް ޝަހީންބެގެ ފަރާތުން އެއްވެސް އުނދަގުލެއް ނުފޯރާ..ދޮންތަ އަހަރެން ދައްކާވާހަކަ ޤަބޫލްނުކުރެވެންޔާ ނިޝް ކައިރީން އަހާބަލަ.. ނަސީބެއް ދޮންތަ އަށް ހީވި ހީވުމަށް ޝަހީންބެ އާ އެއްވެސް ސުވާލެއް ނުކުރިކަން….”

“..ދެން ކީއްވެގެން ނިޝްވާގެ އުޅުމަށް އަންނަ ބަދަލެއް އެއީ..” ނައުމާ އެހިއެވެ.

“…ނިޝް އެއުޅެނީ އިޝާން އާ ކުޑަ މައްސަލައެއް ޖެހިގެން…” ރީޝާ މިފަހަރު އެހެދީ ދޮގެކެވެ. “..ދެން ޝަހީންބެ ކިބައިން އެގޮތަށް ޢަމަލުތައް ފެނުން އެއީ އިއްތިފާޤެއް.. ނިޝްއަށް އެއްވެސް ކަހަލަ ގޯނާ އެއް ނުލިބެ ޝަހީންބެގެ ފަރާތަކުން..” ރީޝާ ނިޝްވާ އިޝާން އާ މައްސަލަޖެހިގެން އުޅޭކަމަށްބުނެ ދޮގުހެދީ އަސްލު ސަބަބު ހާމަކުރެވެން ނެތީމައެވެ. ނަޢުމާއަށް ހީވި ގޮތަށް ނިޝްވާއަށްވެސް ކުރެވިގެން އުޅެނީ ކުއް ހީއަކަށް ވެދާނެތީއެވެ. ނަޢުމާ ވިސްނާލިއެވެ. އެއީ ވެދާނެކަމެކެވެ. އިޝާން އާ މައްސަލަޖެހިގެން އުޅޭނަމަ އެކަހަލަ ބަދަލްތަކެއް އައިސްފާނެއެވެ. އިޝާންއާ ނަޢުމާ އާ ދިމާނުވާތާވެސް ހަފްތާއެއްވަރު ވެއްޖެއެވެ. އެހެންކަމުން އޭނާއަށް އެވާހަކަތައް ޤަބޫލްކުރެވުނެވެ. ނަޢުމާ ލަދުގަތެވެ. ފިރިމީހާ ބޮލުގަ އެޅުވުނު ތުހުމަތުގެ ސަބަބުންނެވެ. އަދި އެހެންމެ ޝަހީންކައިރީ އެކަހަލަ ވާހަކައެއް ނޭހުނީތީ ޝުކުރުވެރިވިއެވެ. އޭނާ ހިނިތުން ވެލިއެވެ. ލަދުވެތި ކަމާއެކުއެވެ. ނަމަވެސް އޭނާގެ ބޮލަށާއި ހިތަށް ލުއި ކަމެއް ލިބުނެވެ.

ނަޢުމާ ދިޔުމުން ފޯން ނަގާ ނިޝްވާއަށް ގުޅާލިއެވެ. މިފަހަރު ނިޝްވާ ފޯން ނެގިއެވެ. އަދި ވެދިޔަ ކަންތައް ވަރަށް ތަފްސީލްކޮށް ކިޔާދިނެވެ.

“..އަހަރެން ފުރަތަމަ ހުރީ ވަރަށް ހާސްވެފަ..” ރީޝާ ބުންޏެވެ. ” ..ނިޝްއަށްވެސް އެނގޭނެ ދޮގެއް ހަދަންޖެހިއްޖާ ހާސްވާ ވަރު.. އެހެންވެ ކަންނޭގެ ދޮންތަ އެހާ ޖެހިލުމެއް ނެތި އެވާހަކަ އެބުނެލީ.. އަހަރެން ވަރަށް ހިތްހަމަ ނުޖެހުން.. އައި ރުޅީގަ ދޮގެއްވެސް ހެދިއްޖެ.. އަހަރެން ބުނީ އިޝާން އާ މައްސަލަ ޖެހިގެންނޭ އެއުޅެނީ.. ޝަހީންބެ ސަލާމަތްކުރަން މަޖުބޫރު ވީމަ ދޮގުވެސް ހެދުނީ”

“..އަހަރެން ބުނީމެއް ނުން އޭރުވެސް އޭނަ އެއީ އެހާ މާތް އަންހެނެއް ނޫނޭ..” ނިޝްވާ ރުޅިގަދަވިއެވެ. “.. ލަދު ގަނޭ ދޮންތަ ކިޔަންވެސް.. އޭނަ ހީކުރަނީ އޭނަ އުޅޭ ވައްތަރަށޭ އެހެން މީހުންވެސް އުޅޭނީ..”

“..ނިޝް ހަމަޖެހިބަލަ.. ތިވެދާނެ ނިޝްއަށްވެސް ހީވާ ހީވުމަކަށް..” ރީޝާ ބުންޏެވެ.

“..ބަލަ އަހަރެން ދެކަންފަތުން އަޑު އެހީމޭ އޭނަ މީހަކަށް ގުޅާގެން މިރެއަކު ނުދެވޭނޭ..ޝަހީންގެ އޮފް ދުވަހޭ.. މާދަމާ މެންދުރު ދާނަމޭ..” ނިޝްވާ އަދިވެސް ހުރީ ރުޅި އައިސްފައެވެ. “..އޭނަ އެދުވަހުވެސް އެފޯނެއް އައިމަ ދުރައްގޮސް ސިއްރު ސިއްރުންނޭ ވާހަކަ ދެއްކީވެސް.. ގޯހެއް ނޫޅޭނަމަ އެވައްތަރަކަށް ނޫޅޭނެ..” ނިޝްވާއަށް އަސްލުވެގެން އުޅޭ ގޮތަކީ މިއީއެވެ. އޭނާއަށް ނަޢުމާ ފޯންއިން މީހަކާ ވާހަކަ ދައްކަނިކޮށްވަނީ އަޑު އިވިފައެވެ. ދެއްކި ވާހަކަ ތައް ހުރިގޮތުންނާ ޢަމަލުތައް ހުރި ގޮތުން ނިޝްވާއަށް ޤަބޫލްކުރެވުނީ ނަޢުމާ އާއި އެހެންފިރިހެނަކާ ގުޅުމެއް އޮންނަކަމުގައެވެ. އޭނާއަށް ސިފަވީ ނަޢުމާއަކީ ފިރިމީހާއަށް ވަފާތެރިނޫން އަންހެނެއްގެ ގޮތުގައެވެ. އެހެންކަމުން ނަޢުމާގެ އެ އުޅުމާމެދު ނިޝްވާ ހިތްހަމަ ނުޖެހުނީއެވެ.

“..ނިޝް ރުޅި މަޑުކޮށްފަ..ވިސްނާލަބަ..” ރީޝާ އުޅުނީ ވިސްނައިދެވޭތޯއެވެ. “..އަހަރެން ބުނިގޮތަށް ދޮންތައަށް ފާރަލާގެން ތިކަމެއްގެ ހަޤީޤަތް ބަލާ..ކަމުގެ ހަޤީގަތް ނުބަލާ ކަންތައްތަކަށް ޝައްކު ކުރީމަ ދޮންތައަށް ވީގޮތް އެނގޭނުން.. އަހަރެން ބުނާގޮތަށް ކަންތައްކޮށްގެން ނިޝްއަށް ގެއްލުމެއް ނުވާނެ.. އަދި ބުނަން ތިވާހަކަތައް އިޝާންއަށްވެސް ކިޔާދޭތި..” ރީޝާ ވަރަށް ނަސޭހަތް ދިނުމަށްފަހު ފޯން ބޭއްވީ ނިޝްވާވެސް އެގޮތަށް ކަންތައް ކުރުމަށް އެއްބަސް ވުމުންނެވެ.

ނަޢުމާ ގެއަށް ވަތްއިރު ނިޝްވާ އިނީ ޓީވީ ބަލަން ސިޓިންގ ރޫމް ސޯފާގައެވެ. ކައިރީގައި އަރީކާވެސް އިނެވެ. “އަރީކާ.. ކޮއްކޮ ނިންދަވާލަން ދޭބަ…” ނަޢުމާ ބުންޏެވެ. އަރީކާ ދިޔުމުން ނައުމާ ގޮސް ނިޝްވާ ކައިރީ އިށީނެވެ. އަދި ފަރުވާތެރިކަމާއެކު އެމޫނަށް ބަލާލިއެވެ. އެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. އުޖާލާކަމެއް ނެތެވެ. ހިތްހަމަނުޖެހިފައި އިންނަހެންވެސް ހީވެއެވެ.

“..ކޮއްކޮ ކައިފިންތަ؟..” ނައުމާ އެހިއެވެ.

“..އަހަރެންނަށް ހުރިހާ ވާހަކައެއް ރީޝާ ކިޔާ ދީފި..” ނިޝްވާ ދިނީ ނަޢުމާ ކުރި ސުވާލުގެ ޖަވާބެއް ނޫނެވެ. “..ދޮންތަ އެކަހަލަ އެއްޗެއް ހިތަށް ތިއެރުވީކީއްވެ.. ދޮންތަބޭ މަތިން ފޫހިވީތަ؟..”

ނަޢުމާ އިސްޖަހާލިއެވެ. ލަދުވެތިކަމާއެކުގައެވެ. “..ކޮއްކޯ ދޮންތައަށް މާފު ކުރޭ.. އެގޮތަށް ހީކުރެވުނީ..” ނައުމާ އިސްޖަހައިގެން އިނދެ ބުންޏެވެ.

“..އަހަރެންނަށް އިނގޭ ދޮންތައަށް ތިހެން ތިހީވީ އަހަރެންނަށް އުޅެވުނު ގޮތުން އެކަމާ ފިކުރު ބޮޑުވެގެންކަން..” ނައުމާގެ ދަތްދޮޅީގައި އަތްޖައްސާ ހިއްލާލަމުން ނިޝްވާ ބުންޏެވެ. އަދި ނައުމާ ގައިގާ ބައްދާލިއެވެ. ނީޝްވާ އެކަންކުރީ ހިތުން ރުހުމަކުން ނޫނެވެ. ރީޝާ ކުރިންވެސް އުޅުން ގޮތަށް އުޅެވޭތޯ ބެލުމަށް ބުނެފައިވާތީއެވެ. އެގޮތަށް އުޅެގެން ހަޤީގަތް ހޯދުމުގެ އަޒުމާވެސް އެކުގައެވެ. (ނުނިމޭ)

ފަސްވަނަބައިގެ ތެރެއިން:-

ނިޝްވާމެންގެ ގެ ހުންނަނީ ގޯޅި ގަނޑެއް ތެރޭގައި ކަމަށް ވުމުން ގޯޅި ގަނޑުން ސޯސަން މަގަށް ނެކުތުމަށް ދެކުދިން އެކުގައި ހިނގައިގަތެވެ. ހަމައެޔާ އެކު ނިޝްވާ ހުއްޓުނެވެ. ސޯސަންމަގު އަނެއް ފަރާތުގައި ގޯޅިގަނޑާ ކުރިމައްޗަށްވާ ގޮތަށް ތިބި އިމާދު އާއި އިލްހާމް ފެނުމުންނެވެ. އެމީހުން ތިބީ ނިޝްވާ އާ ދިމާލަށް ބަލަހައްޓައިގެންނެވެ. “..ކިހިނެއް ވީ؟..” ރީޝާ އެހިއެވެ. ނަމަވެސް ނިޝްވާ އެއްވެސް ޖަވާބެއް ނުދީ ރީޝާ އަތުގައި ހިފާގެން ސޯސަންމަގަށް ނެކުތެވެ. އަދި މަޖީދީމަގަށް ނެކުތުމަށް ހިނގައިގަތެވެ. ރީޝާއަށް އިމާދު އާއި އިލްހާމް ފެނުނީ އެވަގުތުއެވެ.

ނޯޓް:- މިއީ އަޅުގަނޑުގެ އަމިއްލަ ޚިޔާލެއްގެ މައްޗަށް ލިޔެފައިވާ ޚިޔާލީވާހަކައެކެވެ. އެހެންކަމުން މިވާހަކައިގެ އެއްވެސް ކަމެއް މީހެއްގެ ދިރިއުޅުމާ އެއްގޮތްކަމުގައިވާނަމަ އެއީ އިއްތިފާޤެކެވެ. މިވާހަކައިގެ މައިގަނޑު ހާދިޘާތައް ފެށިގެންދާނީ ފަސްވަނަބައިން ފެށިގެންނެވެ. އިންތިޒާރުކޮށްލައްވާށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

އެސިއްރު……….. ތިން ވަނަ ބައި

Next

ހިތް އަދު ރޮނީއޭ ނުދާށޭ – 21 ވަނަ ބައި –

Next
April 25, 2013

ހިތް އަދު ރޮނީއޭ ނުދާށޭ – 21 ވަނަ ބައި –

Previews
April 23, 2013

އެސިއްރު……….. ތިން ވަނަ ބައި

4 Comments!

  1. Rose says:
    April 25, 2013 at 10:44 am

    ނައިސް.. މާލަހީ ނިކުންނަ ލެއް..

  2. nishan says:
    April 25, 2013 at 11:13 am

    ލަހެއް ނޫނެއްނުން..ވަން ވީކް އިން ހަތަރު ޕާޓް މިގެނެސްދެވުނީ.. އެވަރު އޯކޭ އެއްނުން.. ތޭންކް ޔޫ ރޯޒް

  3. ނަޒާ says:
    April 25, 2013 at 12:20 pm

    ނައިސް

  4. nishan says:
    April 25, 2013 at 2:01 pm

    ޝުކުރިއްޔާ ނަޒާ

Comments are closed.

Next Episodeޤަބޫލްކުރަންދަތި ހަޤީޤަތް…؟؟؟ ފަސްވަނަ ބައި←


All Right Reserved!