ތިޔަ ލޯބި އަދު ލިބޭނެބާ……
ތިޔަ ލޯބި އަދު ލިބޭނެބާ……………………
“ކީކޭ؟ ބަލަ ތި ކިޔޭ އެއްޗެއް އެބަ އިނގޭތަ؟ ބައްޕަ އާ ސިއްރުން މަލް އަކަށް ނުކެރޭނެ ދާކަށް..” މަލްދާ ފޯނުން ވާހަކަ ދައްކަމުން ދިޔައީ އޭނާގެ އެންމެ ގާތް އެކުވެރިއެއް ކަމުގައިވާ ސާރާއާއެވެ. “ދެން މަލް ހުރޭ ތިހެންވީރު އެކަނި.. އަހަރެން އެކަނި ގޮސްދާނަން..” މަލްދާ އަށް ވިސްނައިދީ ވަރުބަލިވުމުން އެންމެ ފަހުން ސާރާ ބުންޏެވެ. ” ދެން އެކަމް މަލް ބޭނުމޭ ދާން..” މަލްދާ ޅަގޮތަކަށް ބުނެލިއެވެ. ” ސާބަހޭ ދޫންޏާ.. ދެން އަޅެ އަހަރެން ބުނި ގޮތައް ހަދާބަލަ… 8:30 ވާއިރަށް ހުންނާނަން ތިގޭ ދޮރު މަތީ.. ކުޑަ ދޮރުން ފުންމާލައިގެން އަންނާތި… އެންޑް ބައިދަވޭ…… އަޒްހާން އެބައުޅޭ ރަށަށް އައިސް..” މިހެން ބުނުމަށްފަހު ސާރާ ފޯނު ކަނޑާލިއެވެ. އަޒްހާންގެ ނަން އިވުމާއެކު މަލްދާގެ ހިތް އަވަސްވެލިއެވެ. ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
އަޒްހާން އާ މަލްދާ ދިމާވީ މީގެ ހަތް އަހަރު ކުރިންނެވެ. އޭރު މަލްދާގެ އުމުރުން އެންމެ ދިހަ އަހަރެވެ. އަޒްހާން ބައްޕަ މަރުވުމުން އޭނަ މަންމަ އާއެކީ މަންމަމެން ރަށަށް ބަދަލުވީއެވެ. އަޒްހާންމެން އުޅެމުން ދިޔައީ މަލްދާމެންގޭ ދިމާ ކުރިމަތީގައި ހުންނަ ގޭގައި ކަމުން ދެމީހުން ވަރަށް ގިނައިން ދިމާވެއެވެ. އޭގެ ފަހުން އަޒްހާން އާއި މަލްދާގެ އެކުވެރިކަން ފެށިގެންދިޔައެވެ. އުމުރުން އެންމެ ބާރަ އަހަރުގައި ބައްޕަ ނިޔާވުމުން ދިރުމެއްނެތް މައްޔިތެއްހެން ހުންނަ އަޒްހާންގެ ހަޔާތައް އުޖާލާކަން ގެނެސްދިނީ މަލްދާއެވެ. މަލްދާ ކޮންމެ ދުވަހަކުހެން އެގެޔަށް ގޮސްހަދައެވެ. ދެކުދިން އެކުގައި ކުޅެ ސަކަރާތް ޖަހަމުން ދާއިރު ވަގުތު ދާ ގޮތެތްވެސް ނޭނގެއެވެ. އުފާވެރި އެދުވަސްތަކަށް ހުއްޓުމެއް އައީ އަޒްހާން ހަތަރު އަހަރު ފަހުން އޭލެވެލް ހަދަން މާލެ ދިޔުމުންނެވެ. އެދުވަހު މަލްދާ ގެ ހިތައް ހީވީ ތޫނު އެއްޗަކުން މީހަކު ހަމަލާއެއް ދިން ހެންނެވެ. އެދުވަހަކީ އަޒްހާން އަށްޓަކާ އޭނަގެ ހިތުގާ ޚާއްސަ މަޤާމެއްވާކަން އިހުސާސް ކުރެވުނު ފުރަތަމަ ދުވަހެވެ. އެދުވަހާއި ޖެހިގެން މިއަދާ ހަމައަށް މަލްދާ އިންތިޒާރުކުރަމުން އެއަންނަނީ އަޒްހާން އެނބުރި އަންނާނެ ދުވަހަކަށެވެ. އޭލެވެލް ނިންމާފައި ހަފްތާއަކަށް ރަށަށް އައިސް އަޒްހާން އަނެއްކާ އެނބުރި މާލެ ދިޔުމުން މަލްދާ ވަރަށް ދެރަވި ނަމަވެސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. ހަތަރު އަހަރު ތެރޭގައި ދެމީހުންނަށްވެސް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ކުރިން އޮތްހާ ގާތްކަމެއް ނެތްނަމަވެސް މަލްދާގެ ހިތުގައި އަޒްހާން އަށްޓަކާ ފޮރުވިފައިވާ ލޯބި ދިޔައީ ދުވަހެއް ދުވަހަކަށްވުރެ ފުންވަމުންނެވެ. އަނެއްކާ އެހާ ގިނަދުވަސް ފަހުން އަޒްހާން ރަށަށް އައުމުން މަލްދާ އަށް ކުރެވުނީ ބަޔާންކުރަންދަތި އުފާވެރި އިހުސާސްތަކެކެވެ.
“މަލްދާ!..” އަޒްހާންގެ ހިޔާލުތަކަށް ގެއްލިފައިވާ މަލްދާ ސިހުނީ އޭނަގެ މަންމަ ނަފީސާ ގޮވާލުމުންނެވެ. “ދަރިފުޅާ!! ބައްޕަ އެ ޝޯއަށް ދާން ހުއްދަ ނުދިނީމަ އެކަމާ އަދިވެސް ހިތްހަމަ ނުޖެހިފަތަ… ” ނަފީސާ މަލްދާއިނީ ޝޯއަށް ވަރަށް ދާހިތުން ކަން އިނގޭތީ އަހާލިއެވެ. ” އަޅެ އެތަނަން ދިޔުމުން ކޮބާތަ މައްސަލަ އަކީ.. އެކަންޏެއް ވެސް ނޫން ދާނީކީއެއް.. ސާރާ މެންވެސް ހުންނާނެ.. ދެން ކީއްވެތަ ބައްޕަ ހުއްދަ ނުދޭން އެއުޅެނީ.. މަލް ގޮސް ގޯސް ކަމެއް ނުކުރާނަން ވިއްޔަ.. ” މަލްދާ ހުރީ ހަގީގަތުގައިވެސް ދެރަވެފައެވެ. ރަށުގެ މީހުން އެއްވާ އެއްތާކަށްވެސް ދާކަށް މަލްދާގެ ބައްޕަ ޚާލިދު ގަބޫލެއް ނުވެއެވެ. ޚާލިދުގެ އެ ހަރުކަށި މިޒާޖުގެ ސަބަބުން މަލްދާ އޭނަ ބައްޕައާއި ވާހަކަ ދައްކަން ޖެހިލުންވެއެވެ. “މިހާރު އިޝާ ނަމާދަށް ގޮވީ އެ.. ދެންވެސް ނަމާދުކޮށްގެން އާދޭ ކާން..” ނަފީސާ ވާހަކަ އޮޅުވާލީ މަލްދާގެ ސުވާލުތަކަށް ދޭނެ ޖަވާބެއް ނޭނގޭތީއެވެ. ޚާލިދު ރުޅި އައިސްފިނަމަ ކޮންމެ ފަދަ ކަމެއް ކޮށފާނެކަންވެސް ނަފީސާ ވަރަށް ރަނގަޅަށް ދަނެއެވެ. ” ނަމާދުކޮށްގެން މަލް ނިދާނީ… އިރުއޮއްސުނު އިރު ކެއީމާ މިހާރު ބަނޑުހައެއް ނޫން..” މަލްދާ މޮޅު ދޮގެއް ހަދާލިއެވެ. ” އެންމެ ރަނގަޅު..” ނަފީސާ ހިނިތުންވުމަކާއެކު މިހެން ބުނެލުމަށްފަހު ކޮޓަރިން ނިކުތެވެ. އަވަހަށް ދޮރު ތަޅުލުމަށްފަހު މަލްދާ ނަމާދުކޮށްގެން ތައްޔާރުވާން ފެށިއެވެ. ކަޅުކުލައިގެ ޖިންސަކާއެކީ ރަތްކުލައިގެ އަތްދިގު ކުރުތާހެދުމެއް ލައިގެން އިންއިރު މަލްދާ މޫނުމަތީގައިވަނީ އުފާވެރިކަމެވެ. ގުދުރަތުން ލިބިފައިވާ މަޑު މުށިކުލައިގެ އިސްތަށިގަނޑު ފަހަތައް ދޫކޮއްލިއެވެ. ފައިވާނަށް އެރުމަށްފަހު ގަޑީ ބަލާލިއެވެ. އޭރު އަށްގަޑި ބައިވާން ހުރީ ފަސް މިނެޓެވެ. ޗާރޖަށް ޖަހާފައިވާ ފޯނު ނެގުމަށްފަހު ސާރާ އަށް ގުޅާލިއެވެ. ” ހަލޯ…. އޭ މި އަރާހަމަވީ.. ނިކުމޭ އަވަހަށް..” ފޯނު ނެގުމާއެކީ ސާރާ މިހެން ބުނުމަށްފަހު ފޯނު ކަނޑާލިއެވެ. މަލްދާއަށް ކުޑަކޮށް ހެވުނެވެ. އަވަހަށް އެނދުގައި ކަންނެޔޮ ބޭއްވުމަށްފަހު މަތިން ރަޖާގަނޑު އަޅާލިއެވެ. އެއަށްފަހު ނިދާބޮތްކަށް ބަދަލު ކުރުމަށްފަހު ކުޑަދޮރުން ބޭރަށް ފުންމާލިއެވެ.
މަގުމައްޗައް ނިކުމެވުން އިރު އެއްކައިރީގައި ސާރާ މަޑުކޮށްގެން ހުއްޓެވެ. “މަށަށް އެނގުނޭ އޭރުވެސް އަޒްހާންއޭ ބުނެފިއްޔާ ނައިހެއް ނުހުންނާނޭ..” މަލްދާ އަރާހަމަވުމާއެކު ސާރާ ފެށީ ދިމާކުރާށެވެ. ” އެއްކަލަ ފެށީއްޔޭ.. މަލް ދާން މިއުޅެނީ އަޒްހާން ކައިރިޔަކަށް ނޫނެއްނު..” މަލްދާ ނޫންކަމަށް ހެދުނެވެ. ދެމީހުން އެކީދާން ހިނގައިގަންނަމުން އަޒްހާންމެންގެއާ ދިމާލަށް ބަލާލިއެވެ. އެއާކު އިއްޔެވީކަމެއްހެން އަޒްހާން އާއެކު އުޅުނު ދުވަސްތައް ސިފަވާން ފެށިއެވެ. ” އޭ… ތިވަރަށް ބެލިޔަސް އޭނަ އެއް ނުފެންނާނެ.. ދޮންބެ އާ ދެމީހުން ބޭރަށް ދިޔައީ..” މަލްދާ އަށް ހަމަހޭވެރިކަންވީ ސާރާ ގޮވާލުމުންނެވެ. ތެދެކެވެ. މި ހަތަރު އަހަރު ތެރޭ ދެމީހުންގެ ހަޔާތައްވެސް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ކުރިން އަބަދާއަބަދު ވާހަކަ ދައްކާ އުޅުން ދެމީހުން މިހާރު އަނގައިން ބުނަނީ މަދުފަހަރަކުއެވެ. މަލްދާގެ އެންމެ ގާތް އެކުވެރިޔަކަށް ސާރާވެފައިވާ ފަދައިން އަޒްހާންގެ އެންމެ ގާތް އެކުވެރިޔަކީ މިހާރު ސާރާގެ ދޮންބެ، ޝައިހާންއެވެ.
ޝޯ އޮތް ހިސާބަށް އާދެވުންއިރު މުޅިއެހިސާބުގަނޑުގައިވެސް އިވެނީ މީހުން ހަޅޭއްލަވާއަޑެވެ. ލަވައިގެ އަޑު ބާރުކޮށްލެވިފައިވާއިރު ބައެއް ފިރެހެންވެރިން އަންހެން ހެދުން ލައިގެން ނަށަމުން ދިޔައިރު އަންހެނުން ތޫލި އަޑުން ހަޅޭލަވަމުން ގެންދިޔައެވެ. އިރުކޮޅަކު ހުރެފައި މަލްދާގެ ކައިރީގައި ހުރި ސާރާވެސް ހަޅޭއްލަވައިގަތެވެ. މަލްދާ އިނީ ބޮލުގައި ރިއްސައިގެންފައެވެ. އެ އެންމެން ތަކު ތެރެއިންވެސް މަލްދާ ހޯދަމުން ދިޔައީ ހަމަ އެންމެ މޫނެކެވެ. ދެކޮޅަށް ދެކޮޅަށް ހޯދާ ވަރުބަލިއިރުވެސް އަޒްހާން ނުފެނުމުން މާޔޫސްކަމާއެކު މީހުންގަނޑު ތެރެއިން ނިކުމެގެން އެއްފަރާތަކަށް ޖެހިލިއެވެ. އެވަގުތު އެތަނަށް ވަދެގެން އައި މީހެއް އައިސް ޖެހުނީ މަލްދާގެ ގައިގައެވެ. “ސޮރީ…….. މަލް؟” އެ އިވުނީ ދެވަނަ އެހެން މީހެއްގެ އަޑެއް ނޫނެވެ. އެއީ ހަމަ އަޒްހާންއެވެ. ކަޅުކުލައިގެ އަތްކުރު ޓީޝާޓަކާއެކު ކަޅުކުލައިގެ ޖިންސެއް ލައިގެން ހުރި އިރު އަޒްހާން ހުރީ ނުލައިހިކު ހިތްގައިމުކޮށެވެ. އެދޮންމޫނަށް ބަލަހައްޓައިގެން މަލްދާއަށް ހުރެވުނީއެވެ. “މަލް… ޔޫ އޯކޭ؟..” އަޒްހާން ތަންކޮޅެއް ބާރަށް ގޮވާލުމާއެކު މަލްދާއަށް ހަމަހޭވެރިކަން ލިބުނެވެ. “އާނ.. ޔެސް… ” މަލްދާ ހަމަޖެހެން މަސައްކަތް ކުރަމުން ޖަވާބު ދިނެވެ. ” އެކަނިތަ……؟” އަޒްހާން އަޑުގައިވީ ކަންބޮޑުވުމެވެ. ” ނޫން… ސާރާ އާއެކީ… ” މަލްދާގެ ޖަވާބު އިވުމުން އަޒްހާން ހިނިތުންވެލިއެވެ. މަލްދާގެ އިހުސާސްތައް ބޭޒާރުވެދާނެތީ އިތުރަށް އެތާ ހުންނަން ނުކެރިގެން ސާރާ ހުރިދިމާލަށް ހިނގައިގަތެވެ. ” އައި މިސްޑް ޔޫ މަލް…..” މަލްދާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރި އަޒްހާން ގެ ދުލުން އެ ލަފްޒުތައް ނިކުތީ އެއްވެސް އިހުތިޔާރަކާ ނުލައެވެ.
“ސާރާ!! ސާރާ!!” މަލްދާ ގޮވަމުން ދިޔައީ ސާރާއަށެވެ. ލަވައިގެ އަޑު ގަދަކަމުން އެތަނުން މީހަކު ކިޔާ އެއްޗެއް ވަކިވާ ވަރެއް ނޫނެވެ. އެންމެފަހުން މަލްދާ ސާރާ އަތުގައި ހިފައިގެން އެތަނުން ބޭރަށް ނިކުތެވެ. ” ކިހިނެއްތަވީ މަލް..” ސާރާ ހުރީ ނިކުންނަ ހިތަކުން ނޫނެވެ. “މިހާރު ދިހައެއް ޖަހަން އުޅެނީ…. ހިނގާބަ ގެޔަށް ދާން.. މަލް ވަރަށް ބިރުގަނޭ އެބަ ސިއްރުން އައިމަ..” މަލްދާ ބޭނުންވީ ގެއަށް ދާށެވެ. ” އަޅެ މަލް.. އަދި ފޯރިގަދަވީ އެ.. އެހެންނޫނަސް މަލް ބައްޕަ ނެތެއްނު ރަށަކު.. މާދަން އަންނާނީ.. ދެން ކޮން ބިރެއް..” ސާރާ އިނީ އެއްގޮތަކަށްވެސް ދާހިތަކުން ނޫނެވެ. ” ދެން އެކަމްވެސް…. ޕްލީޒް..” މަލްދާ ކިޔަންފެށުމުން އެންމެފަހުން ސާރާއަށް ޖެހުނީ އެއްބަސް ވާށެވެ. ދާން ހިނގައިގަންނަމުން މަލްދާ ފަހަތައް އެނބުރި ބަލައިލީ ހަމަ އެންމެ ސޫރައެއް ދެކިލުމުގެ އުއްމީދުގައެވެ. “މިހާރު ކޯއްޗަކަށް ތި ބަލަނީ.. ދާހިތުން އުޅުން މީހާތީ…” ސާރާ މަލްދާ އާ އަނެއްކާވެސް ދިމާކުރަން ފެއްޓިއެވެ. ” އިނގޭތަ؟…… ދެންމެ އަޒްހާން އާ ދިމާވި… އެންޑް ހީ ޓޯކްޑް ޓު މީ..” މަލްދާގެ އަޑުންވެސް އޭނަ އުފާވެފައި ހުރި މިންވަރު ހާމަވެގެން ދިޔައެވެ. ” އަސްލު… ކީކޭ ކީ…. ދެން ކީއްކުރަން އެހާ އަވަހަ……..” ސާރާ އަށް ބުނެވުނީ އެހާ ހިސާބަށެވެ. ސާރާއަށް ވީ ގޮތް ފެނިފައި މަލްދާ، ސާރާ ބަލަހައްޓައިގެން އިން ދިމާލަށް ބަލައިލިތަނާ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. “ބައްޕާ…”
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.


Varah reethi…. ❤️❤️?waiting for the next part.. ☺️☺️
thankyou so much…. Insha Allah next part varah avahah genesdheynan
Cover picture ga ethibee hardin and tessa dho after ga ulhey.. salhi mi part..when next❤️❤️❤️❤️❤️❤️❤️?❤️❤️
Yowww wowwww ?❤️?❤️?❤️? Keep it up gurll.. When next? ? Anyway verhaka hama varah rythi varne henn heevany. I’m dying to read next part ? Stay safe and wash your hands frequently. Saranghae ♥️
i clicked this story bcox i saw tessa and hardin! OMG! and this story is awesome… waiting for next!