ނޭނގި ވެވުނީ ލޯތްބޭ- 25& 26
25 ވަނަ ބައި
“ރީމް!” ރީމްއާއި ދިމާލަށް ފަތަމުން ދިޔަ ޔޫޝައު ގޮވައިލިއެވެ. “ހަމަޖެހެ ރީމް… ފްލޯޓު ކުރޭ! ފްލޯޓު ކުރޭ!” ޔޫޝައު ރީމް ސަލާމަތް ކުރުމަށްޓަކައި ރީމްއަށް އިރުޝާދުދޭން ފެށިއެވެ. އެއްސިކުންތެއްގައި ރީމް ފްލޯޓުކުރެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އަނެއްސިކުންތިގައި ނޭފަތަށް ފެންއެޅުމުގެ ސަބަބުން ރީމްއަށް ތެޅެގަނެވުނެވެ. އެއްލިއަތަކުން ޔޫޝައު ލައިގެން ހުރި ޓީޝާޓުގެ ގިރުވާން ބައިގައި ރީމްއަށް ހިފުނެވެ. އެމަންޒަރު އެއީ ފެންނާނެ ކޮންމެ މީހެއްވެސް ރޮއްވާލާނެހާ ބިރުވެރި، ހިތާމަވެރި މަންޒަރެކެވެ. ނަމަވެސް ޔޫޝައު އެއަށް ވުރެ ހުޝިޔާރެވެ. ޔޫޝައު ރީމްގެ ދެއަތް ފަހަތަށް ލައި އޭނާގެ ދެއަތާއި ބުރަކަށީ ދެމެދަށް ޔޫޝައުގެ ދެއަތް ލައްވައިލިއެވެ. އަދި ފަތަމުން ރީމްއެއްގަމަށް އެރުވިއެވެ. ޔޫޝައުގެ އެހީގައި އެއްގަމަށް އެރި ރީމްއަށް މައިނޭވާލެވެނީއެވެ. ކޮށިވެސްއެރިއެވެ. ގައިން ހަކަތަ ހުސްވުމުގެ ސަބަބުން ރީމް ހީވަނީ ދެންމެ ދެންމެ ހޭހުސްވެގެން ވެއްޓިދާނެ ހެންނެވެ. ރީމް ގެންގޮސް ގަހުގެ ހިޔަލުގައި ބޭންދިއެވެ. އައިނާއާއި ހުދާއާއި ޒިއުނީގެ އިތުރުން މަރިޔަމްވެސް ރީމް ގާތުގައި އިށީންދެ އޭނަ ހަމައަކަށް އެޅުވޭތޯބެލިއެވެ.
“އަހަ…އަހަރެން ރަށު ހޮސްޕިޓަލަށް މިގުޅަނީ!” ހާސްވެފައު ހުރި ނާހިލް ބުންޏެވެ.
“ރީމް… ކިހިނެއް ގެނބުނީ؟” ޔޫޝައު ރީމް ގާތު އެހިއެވެ. އެއްވެސް އެއްޗެއް ނުބުނެ ރީމް އޭނާގެ އަތްމަޑުމަޑުން ނަގައި ޝަހާދަތް އިނގިލި ލަމްނާއާއި ދިމާލަށް ދިއްކޮށްލިއެވެ. މިކަމަށް ތައްޔާރު ނުވެ ހުރި ލަމްނާ ދިޔައީ ސިއްސައިގެންނެވެ. ރީމް އެހެން ހަދާފާނެކަމަކަށް ލަމްނާ ކުޑަކޮށްވެސް ހިއެއްނުކުރެއެވެ. އޭނަ ހިތުން ގަބޫލުކޮށްގެން ހުރީ ރީމްއަކަށް ވީގޮތެއް ނުފެންނާނެ ކަމަށެވެ. ނޫނީ ވަގުތުން ހޭހުސްވެގެން ވެއްޓިދާނެ ކަމަށެވެ. ހައިރާންވެފައި ހުރިކަން ދައްކަމުން ލަމްނާ ދިޔައީ ތިމަންނައެއް ނޫނޭ ބުނާފަދައިން އަތުން އިޝާރާތް ކުރަމުންނެވެ. އެންމެންގެ ލޯތަށްވެސް ލަމްނާއަށް ހުއްޓިފައި ވީއިރު އެންމެންގެ ލޮލުން ފެނިގެންދަނީ ރުޅިވެރިކަމެވެ. ޙުދު ލަމްނާގެ މައިންބަފައިންގެ ލޮލުންވެސް މެއެވެ.
“އަހަންނެއް ރީމް ގަންބައެއް ނުލަން! ކީއްވެތަ އަހަންނާއި ދިމާލަށް ބަލަނީ؟ އަހަރެން ކީއްކުރަން ރީމް ގަންބާލަންވީވެސް!؟” ލަމްނާ ހާސްވެފައި ހުރެ ވާހަކަ ދެއްކިއެވެ.
“މިތަނުން އެކަކުވެސް ބުނިތަ ލަމްނާ ރީމް ގަންބާލި ވާހަކަ؟!” ޔޫޝައު ލަމްނާ ކުރިމައްޗަށް އަރަމުން ބުނެލިއެވެ. “ބުނިތަ؟!” ޔޫޝައު އެއަށްވުރެ އަޑު ހަރުކޮށް ބުނެލިއެވެ.
“ޔޫޝައު… ޔޫޝައު ހަމަޖެހެ… މީއެހާ ރަނގަޅު ވަގުތެއް ނޫން!” ނާއިފް ބެލީ ޔޫޝައުއަށް ވިސްނައިދެވޭތޯއެވެ.
“ނޫން! މިއަދު މިކަން ނުކޮށްފިއްޔާ އަހަންނަކަށް ނޭނގެ އަހަންނަށް ވާނެ ވަރުވެސް!” ޔޫޝައުގެ ކޮނޑުގައި އޮތް ނާއިފްގެ އަތް ފޮޅައިލަމުން ޔޫޝައު ބުނެލިއެވެ. މައްސަލަ އިތުރަށް ހޫނުވެދާނެ ކަމުގެ ބިރު އޮތުމުން ސުމައްޔާ އައިރީން ގޮވައިގެން ރަށުގެ އަނެއްފަރާތަށް ދާން ހިނގައިގަތެވެ.
“ލަމްނާ! މިހާރު ކަންތަށް މާ މައްޗަށް ދަނީ އިނގޭ! އޭނައަށް އެވަރު ކުރަން ޖެހުނު ސަބަބެއް އަހަރެން ގާތު ބުނެބަލަ!” ޔޫޝައު ބުނެލިއެވެ.
“ރީމް ގާތު ބުނޭ ޔޫޝައުއާއި ދުރުން އުޅޭށޭ!” ލަމްނާގެ ކެތްތެރިކަން ކޮޅުން ލައިގެން ގޮސް އޭނައަށް ބުނެވުނެވެ. “އަހަންނަށް އިނގެޔޭ އޭނަ އެއުޅެނީ ޔޫޝައު އަތުލަންކަން! އޭ ރީމް! ބުނެބަލަ ދޯ ޔޫޝައު ދެކެ ލޯބިވާތީ އޭނަ ނުލިބެގެންކަން ތިއުޅެނީ!”
“އާން! ލޯބިވޭ ޔޫޝައު ދެކެ!” ރީމް މިހެން ބުނުމުން ޔޫޝައުއަށް ލިބުނީ ހައިރާންކަމެވެ. ވަގުތުން ރީމްއާއި ދިމާލަށް ޔޫޝައުއަށް ބަލާލެވުނީ ރީމް ބުނި އެތި ގަބޫލު ނުކުރެވިގެންނެވެ. ކިތަންމެ ވަރުބަލި ވެފައި ހުއްޓަސް ކަށިން ހިތްވަރުނެރެގެން އައިނާގެ އެހީގައި ރީމް ކޮޅަށް ތެދުވެ ޔޫޝައުއާއި ދިމާލަށް ރީމް ހިނގައިގެތެވެ. އަދި ޔޫޝައުއާއި އަރާ ހަމަވުމުން ޔޫޝައު އޭނަގެ އިނގިލިތަށް ރީމްގެ އިނގިލިތަކުގެ ތެރެއަށް ހިންގާލިއެވެ. ލަމްނާއަށް ދެމީހުން އަތު ހިފައިގެން ހުރި ތަންފެނުމުން އޭނަ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.
“އެކަމު އަދި ނުލިބިގެނެއް ނޫޅެން! އަހަރެން ބޭނުންވަނީ ލަމްނާގެ އަނދިރި ފަރާތް ޔޫޝައުއަށް ފަޅާ އަރުވާލަން!” ރީމް ވަރަށް ހިތްވަރު ކޮށްގެން ބުނެލިއެވެ.
“ކޮން އަނދިރި ފަރާތެއް ކިޔާކަށް؟! މަޑުން ހުރޭ!” ލަމްނާ ވަގުތުން ބުނެލިއެވެ.
“ނާއިފް!” ރީމް ނާއިފަށް ގޮވާލީ ވަރަށް ބަލިކަށި އަޑަކުންނެވެ.
“ނާއިފް ހެޔޮނުވާނެ އެހީވެދީ!” ރީމް އާދޭސް ކުރަން ފެށިއެވެ.
“ކޮންކަމަކަށް؟” ޔޫޝައުގެ ހިތުގައި ސުވާލު އުފެދުނެވެ.
“ޔޫޝައު! މިއަދު ލަމްނާގެ ހުރިހާ ވާހަކައެއް ފަޅާއަރުވާނަން! ޝީ އިސް ޗީޓިންގ ޔޫ!” ރީމް ބުނެލިއެވެ.
“އާއްޗާ! ކޮންހާ މޮޅެތި ވާހަކަތަކެއް ތިދައްކަނީ؟” ލަމްނާއަށް ހަމައެކަނި ޔޫޝައުއާއި ރީމް ފެންނަ ފަދައެވެ. ބާކީ ތިބި އެހެންމީހުންނަށް ބަލައިނުލާ ލަމްނާ ވާހަކަ ދައްކަމުން ގެންދިޔައެވެ. “ކޮބާ ޔޫޝައު! އަހަރެން ބުނީމެންނު އެ އުޅެނީ އަހަރުމެން ދެމީހުން ދުރު ނުކުރެވިގެންނޭ!” ދެމީހުން ދެމީހުންވެސް ދިޔައީ ބަހުގެ ހަމަލާތަށް އެކަކު އަނެކަކަށް ރައްދު ކުރަމުންނެވެ. މި މަންޒަރު ބަލަން ހުރި ނާއިފްގެ ކަންފަތް ދަށުގައި ގުގުމާލީ ރީމްގެ އާދޭހުގެ ބަސްތަކެވެ.
“ނާއިފް! އަދި ލަހެއް ނުވޭ! އިންޝާﷲ ޔޫޝައު ނާއިފަށް މާފު ކުރާނެ! ޕްލީސް އަހަރެން ބޭނުން ނާއިފްގެ އެހީތެރިކަން! ޔޫޝައުގެ ހަޔާތް ބަރުބާދުވިޔަ ނުދީ ލަމްނާގެ މަކަރުވެރިކަމުން ސަލާމަތް ކުރަން ބޭނުން! ނާއިފް ޕްލީސް!”
“އިނަފް!” ނާއިފް އައި ގޮތަށް އައިސް ލަމްނާއާއި ޔޫޝައު ދެމެދަށް ވަދެ ހަޅޭއްލަވައިގެތެވެ.
“އެންމެންވެސް ބޭނުން ދޯ ހަގީގަތް އެނގެން!” ނާއިފް ބުނެލިއެވެ. ޔޫޝައު އަވަހަށް ބޯޖަހައިލިއެވެ. ލަމްނާއަށް މަޑުމަޑުން ދެފަރާތަށް ބޯހޫރުވަން ފެށުނީ ތިމަންނަ ގެ ނިމުން ގާތްވަނީއޭ ހިތައްއަރައިގެންނެވެ. “ތިހެން ވެއްޖިއްޔާ އަޑު އަހާ! ރީމް އެބުނީ ތެދެއް! ލަމްނާ ވޯސް ޗީޓިންގ ޔޫޝައު! އެންޑް ދެޓް ޓޫ ވިތް މީ!” ނާއިފްގެ ބަސްތަށް ޔޫޝައުއާއި ހަމައަށް ފޯރީ ހޮނު ގުގުރިއެއް ފަދައިންނެވެ. ދެލޯ ބޮޑުކޮށްލައި ޔޫޝައުއަށް ނާއިފްއާއި ދިމާލަށް ބަލައިލެވުނީ ލިބުނު ހައިރާން ކަމެއްގެ ބޮޑުކަމުންނެވެ.
“އެކަމު މިހާރު އެގުޅުން ނިމުނުތާ ކިތަންމެ ދުވަހެއް! ޔޫޝައު! އަހަންނަށް އިނގޭ އަހަރެން މާފު ހައްޤު ނޫންކަން-” ނާއިފަށް ބުނެވުނީ ހަމައެކަނި މިހާހިސާބަށެވެ.
“އާން! މާފު ހައްޤެއް ނޫން!” ޔޫޝައު ބުންޏެވެ. “ތިއީ ތަ އެންމެ ގާތް އެކުވެރިޔާ ކަންތަށް ކުރާ ގޮތަކީ؟ ތިއީ ތަ މީހަކު ދެކެ ލޯބިވަންޏާ ކަންތަށް ގޮތަކީ؟!” އެއްފަހަރު ނާއިފްއަށް އަނެއް ފަހަރު ލަމްނާއަށް ދިމާލަށް ބަލަން ހުރެ ޔޫޝައު ބުނެލިއެވެ.
“ޗީޑި!” މޫސާއަށް ބުނެވުނެވެ. “ލަމްނާ… ދަރިފުޅާ ތިއީތަ މަންމައާއި ބައްޕަ ދަރިފުޅަށް ދިން ތަރުބިޔަތުގެ ނަތީޖާ! ހިތަށް އަރާ މިދުވަސް ދެކުމުގެ ކުރިން މަރުވި ނަމައޭ!”
“މޫސާ… ތިހެން ނުބުނޭ!” ޒާހިދާ ރޮވޭ ހާލު މޫސާއާއި ވާހަކަ ދެއްކިއެވެ. މަރިޔަމާއި ހަސަނުގެ އިތުރުން ނާހިލްވެސް މި މަންޒަރަށް ބަލަން ތިބީ ގަބޫލު ކުރަން ދަތިވެފައެވެ. އެމީހުންނަށް ހީވާ ގޮތުންނަމަ ވަރުގަދަ ފިލުމެއްގެ “ކްލައިމެކްސް ސީން” ކުރިއަށް ދަނީއެވެ. އެހާވެސް ކަންތަށް މައްޗަށްގޮސްފިއެވެ.
“ނާއިފް… އަހަރެން ދުވަހުގެ ކޮޅުންވެސް ހީ ނުކުރަން ނާއިފް ތިހެން ހަދާފާނެ ކަމަކަށް! ތެދަށް ބުނަންޏާ ލަމްނާ އެހެން ހަދާފާނެ ކަމަކަށް ކުރިއަކުން ހިއެއް ނުކުރަން! އެކަމު ލަމްނާގެ ނުލަފާކަން ފަޅާ އެރި ދުވަހުން ފެށިގެން އަހަންނަށް ހީވި އެކަހަލަ ކަމެއްވެސް ލަމްނާ ކޮށްފާނެޔޭ! ނާއިފް ވީމަ އަހަރެން ގަބޫލު ނުކުރަން ހުރީވެސް! ރީމް އަހަރެން ގާތު އެއޮށް ވަރަށް ކީއިރުވެސް އަހަރެން އޭނަ ބުނި އެއްޗެއް ގަބޫލު ނުކުރީ ނާއިފްގެ ނަން މިކަމުގައި ވާތީ! އަޅެ އަހަންނަށް ރީމް ބުނެވުނު އެއްޗެއް ގަބޫލު ކުރެވުން ނަމަ މިއަދު މިދުވަސް ދެކޭކަށް ނުޖެހުނިސް!” ޔޫޝައު ބުންޏެވެ. “ސޮރީ ރީމް! ރީމް ބުނެވުނު އެއްޗެއް ގަބޫލު ކުރެވުންނަމަ!” އައިނާގެ އެހީގައި ކޮޅަށް ހުރި ރީމް ކުރިމައްޗަށް އަރައި ޔޫޝައު ބުނެލިއެވެ.
“ނޫން ޔޫ…ޔޫޝައު…” ރީމް ބުންޏެވެ.
“ޔޫޝައު! ހެޔޮނުވާނެ ޔޫޝައު! އަހަންނަށް މަފު ކުރޭ!” ލަމްނާ ޔޫޝައުގެ ފައިދަށައް ވެއްޓި އާދޭސް ކުރަން ފެށިއެވެ.
“ދުރަށް ޖެހޭ! އަހަންނާއި ގާތްވެސް ނުވާތި!” ޔޫޝައު އިންޒާރު ދިނެވެ.
“ޔޫޝައު އަހަންނަށް ތިހެން ނަހަދާ! އިތުރު ފުރުސަތެއް ދީ! ދެނެއް އެހެނެއް ނަހަދާނަން!” ލަމްނާ އާދޭސް ކުރަމުން ގެންދިޔައެވެ.
“އަޅެ ލަމްނާ ލަދެއް ނުގަނޭތަ!؟ މިހުރިހާ ކަމެއް ފަޅާ އެރީމަވެސް ކަމެއް ވެގެން އުޅޭ ހެނެއް ހިޔެއްނުވޭތަ؟ މިހުރިހާ ކަމެއް ފަޅާއެރީމަ ލަމްނާ އަދިވެސް ހީކުރަނީތަ އަހަރެން ލަމްނާ ދެކެ ލޯބިވަމޭ؟ އޭނ! އަހަރެން ލަމްނާ މަތިން ހަނދާން ނައްތާލިން ލަމްނާ ބްލެކްމެއިލް ކުރި ދުވަހުން ފެށިގެން! ލަމްނާވެސް އަހަރެން މަތިން ހަނދާން ނައްތާލާ!” ޔޫޝައު އޭނަގެ ފަހު ނިންމުން އިއްވާލިއެވެ.
“ޔޫޝައުއާއި ނުލާ އަހަރެން މަރުވެދާނެ! އަޅެ ޔޫޝައު އެއްފަހަރުވެސް އެހިންތަ އަހަރެން ނާއިފް ގާތަށް ދިޔަ ސަބަބު؟” ލަމްނާ އެހިއެވެ.
“ބޭނުމެއް ނޫން އެނގޭކަށް!” ޔޫޝައު ބުނެލިއެވެ.
“ނޫން! އަޑުއަހަން ޖެހޭނެ! ހަމަ ޔޫޝައުއާއު ހެދި އަހަރެން ނާއިފް ގާތަށް ދިޔައީވެސް! ޔޫޝައު އަހަންނަށް ވަގުތު ނުދިނީމަ!” ލަމްނާ ބުނެލިއެވެ.
“އަހަރެން ކޮން އިރަކު ލަމްނާއަށް ވަގުތު ނުދިނީ! ކިތަންމެ ބިޒީކޮށް އުޅުނަސް ކޮންމެ ދުވަހަކު ގުޅަން! މެސެޖުވެސް ކުރަން!” ޔޫޝައު ފެންކަޅިވެފައިވާ ހާލު ބުނެލިއެވެ.
“ހަނދާންވޭތަ؟ އެއްދުވަހު ނުވެސް ގުޅަމެންނު؟” ލަމްނާ އޭނަގެ ކޮޅަށް ބަރުވޭތޯ މަސައްކަތް ކުރިއެވެ.
“ލަމްނާ ސީރިއަސްލީ؟! ދެން އަހަރެން ބޭނުމެއް ނޫން މި ވާހަކަ އިތުރަށް ދައްކާކަށް! އައި ހޭޓް ޔޫ ލަމްނާ! އައި ހޭޓް ޔޫ! ދެން މީގެ ފަހުން އަހަރެން ކުރިމައްޗަށްވެސް އަރައިގެން ނުވާނެ!” ޔޫޝައު އަދިވެސް އެއްފަހަރު އޭނަގެ ނިމުން އިއްވާލިއެވެ. އެވަގުތު ރީމްގެ ލޯކުރިމައްޗަށް އަނދިރި ވާން ފެށިއެވެ. ރީމްއަށް ފިޔަވަޅެއް ފަހަތަށް އެޅުނީ ވެއްޓެން އުޅޭކަން އިހުސާސް ވެގެންނެވެ. ރީމް ޙަބަރު ހުސްވެގެން ވެލިގަނޑު މަތީ ދެމިގެން ދިޔައިރު އެންމެންވެސް ރީމް ވަށާލިއެވެ.
“ދުރަށް ޖެހޭ! ވައި ވަންނަން ތަން ދައްކާ!” އައިނާ އިރުޝާދު ދެމުން ގެންދިޔައެވެ. ހުދާ ރީމްގެ ބޯ އޭނަގެ ފައިމަތީގައި ބޭއްވިއެވެ. ޔޫޝައު އެވަގުތު ދިޔައީ ރީމްގެ އަތްތިލައިގައި އޭނަގެ އަތްތިލައާއި ކާއްތަމުންނެވެ. އައިނާ ރީމްގެ އަތުގެ “ޕަލްސް” ޗެކު ކުރި އިރު އޭނަގެ “ޕަލްސް” ދަނީ ހިނދެއް ހިނދަކަށް ދައްވަމުންނެވެ. ނަރުހެއް ކަމުން އައިނާއަށް މިކަހަލަ ހާލަތުގައި ކަންތަށް ކުރަންވީ ގޮތް އެނގެއެވެ.
“ކޮބާތަ ސީ އެމްބިއުލެންސް؟ ރީމްގެ ޕަލްސް ވަރަށް ދަށް! އަވަހަށް ނުގެންދެވިއްޖެއްޔާ…” އައިނާއަކަށް ފަހު ޖުމުލަ ފުރިހަމަ ކުރާނެހާ ހިތްވަރެއް ނުލިބުނެވެ.
“ނޫން ނޫން! ރީމް… ނޫން!” ޔޫޝައުއަށް ބުނެވުނީ ލޮލުން ކަރުނެ އޮހޮރޭ ހާލުގައެވެ.
“އެކޮޅުން އެބަ އާދޭ ސީ އެމްބިއުލެންސް! ހިނގާ ދާން!” ރަށުގެ އަނެއްފަޅިން ދުވެފައި އައި ސުމައްޔާ ބުނެލިއެވެ.
އިތުރު ލަސްތަކެއް ނުކޮށް ރީމް ރަށައް ގެންދެވި އަވަސް ފަރުވާ ދޭ ކޮޓަރިއަށް ވެއްދިއްޖެއެވެ. މުޅި މާހައުލުގައި ވަނީ ނުތަނަވަސް ކަމެވެ. މަރިޔަމަށް ރޮވެމުން ދިޔައިރު ހުދާއާއި ޒިއުނީ ދިޔައީ އޭނަ މަސަލަސް ކުރަމުންނެވެ.
“ދައްތާ! އައިނާއޭ އެތެރޭގަ ވަނީ! އިރާދަކުރެއްވިއްޔާ ރީމް ރަނގަޅު ވާނެ!” ހުދާ މަރިޔަމަށް ހިތްވަރު ލައިދެމުން ދިޔައެވެ.
ގޮނޑިބަރީގައި އިށީންދެ އިން ޔޫޝައު އިނީ ކަކުލުގައި އަތްވިއްދައިލައިގެން މޫނު ފޮރުވައިގެންނެވެ. ހަސަނު އައިސް ޔޫޝައުގެ ކޮނޑުގައި އަތްބޭއްވުމާއި އެކު ޔޫޝައު އޭނަގެ މޫނުމަތިން އަތްނެގިއެވެ. ޔޫޝައުގެ މުޅި މޫނުވަނީ މިލާ މޯޅިވެފައެވެ. ރޮއެ ރޮއެ އޭނަގެ ލޯކައިރި ވަޅުޖެހިފައި ވާއިރު މުޅި މޫނުވަނީ ރަތްވެފައެވެ. ބައްޕާއޭ ކިޔާ ޔޫޝައުއަށް ހަސަނު ގައިގައި ބައްދައިގަނެވުނެވެ. އެތަށް އިރެއް ވަންދެން ޔޫޝައު ހަސަނުގެ ކޮނޑުމަތީގައި ބޯއަޅައިގެން އޮވެ ރޮއެ ހިތާމަ ކުރިއެވެ.
“ލަމްނާ! މީގެ ފަހުން ލަމްނާ ގޭބަންދު!” ގެއަށް ވަދެވުމާއި އެކު މޫސާ އިންޒާރު ދިނެވެ.
“ބައްޕާ! މީ ކުރީގެ ކުޑަ ލަމްނާއެއް ނޫނޭ ކަމެއް ވާ އިރަށް ގޭބަންދު ކުރާކަށް! އަނެއްކާ މިއަދުވީ ކަންތަށްވެސް މަދީތަ ތިހުރިހާ ވަރެއް ތިކުރަނީ؟!” މަންމައަކަށް ބައްޕައަކަށް ނުބަލާ ލަމްނާ ހިތަށް އެރި އެއްޗެއް ގޮވާލިއެވެ.
“ލަމްނާ! ތިއީތަ ބައްޕައާއި ވާހަކަ ދައްކަން ޖެހޭ ގޮތަކީ؟” ޒާހިދާ ހައިރާންވެ ހުރެ އެހިއެވެ.
“ވަކި ގޮތެއް އޮންނަ ކަމެއް އަހަރެން ނުދެނެހުރިން! ގައިމު މިއަދު ޔޫޝައު އަހަރެން ދޫކޮށްފަ ދިޔައިރު ތިނަނުން ކާކު އަހަންނަށް ހަމްދަރުދީ ލޮލަކުން ބަލާލީ؟!” ލަމްނާ ހަޅޭއްލަވައިގަތެވެ.
“ތީ އެވަރުގެ މީހެއް ނޫން! ބައްޕަ ހިތަށް އަރާ މިދުވަސް-”
“އާން! މިދުވަސް ދެކުމެގެ ކުރިން މަރުވި ނަމައޭ!؟” މޫސާގެ ޖުމުލަ ލަމްނާ ފުރިހަމަ ކޮށްލިއެވެ. “ހަމަ އަސްލަށްވެސް މަރުވިނަމަ އަހަންނަށް ކިހާ ބޮލަށް ފަސޭހަ ވާނެ!؟”
“ލަމްނާ!” ޒާހިދާގެ ބަރުއަތުގެ ހަމަލާ ދިޔައީ ލަމްނާގެ ކޯތާފަތް މައްޗަށެވެ. ވީތަދެއްގެ ބޮޑުކަމުން ރަތްވެފައިވާ ކޯތާފަތް މަތީ ލަމްނާ ފިރުމާލީ ދެލޯ ކަރުނުން ފުރި ބަންޑުން ވަމުން ދިޔަ ހިނދުގައެވެ. އަވަސް އަވަހަށް ލަމްނާ އޭނާގެ ކޮޓަރިއަށް ވަދެ ބާރަށް ދޮރު ޖަހައި ތަޅުލިއެވެ. ލަމްނާ ވަނުމުން ޒާހިދާއާއި މޫސާ ރަށު ހޮސްޕިޓަލާއި ދިމާލަށް މިސްރާބު ޖެހީ ގޭތެރެ ތަޅުލާ ހަދައިފައެވެ. ބޭރު ދޮރު ތަޅުލި އަޑު ލަމްނާގެ ކަންފަތުގައި ޖެހުމާއި އެކު ލަމްނާ ސިޓިންރޫމަށް ނުކުމެ މުޅި ތަން ސުންނާފަތި ކުރަން ފެށިއެވެ. ސޯފާގެ ބާލީސްތަށް އެތަށް މިތަނަށް އުކައި ޓީވީ ރިމޯޓުވެސް ހޫރުވާލިއެވެ.
26 ވަނަ ބައި
“ލަމްނާ!” ޒާހިދާގެ ބަރުއަތުގެ ހަމަލާ ދިޔައީ ލަމްނާގެ ކޯތާފަތް މައްޗަށެވެ. ވީތަދެއްގެ ބޮޑުކަމުން ރަތްވެފައިވާ ކޯތާފަތް މަތީ ލަމްނާ ފިރުމާލީ ދެލޯ ކަރުނުން ފުރި ބަންޑުން ވަމުން ދިޔަ ހިނދުގައެވެ. އަވަސް އަވަހަށް ލަމްނާ އޭނާގެ ކޮޓަރިއަށް ވަދެ ބާރަށް ދޮރު ޖަހައި ތަޅުލިއެވެ. ލަމްނާ ވަނުމުން ޒާހިދާއާއި މޫސާ ރަށު ހޮސްޕިޓަލާއި ދިމާލަށް މިސްރާބު ޖެހީ ގޭތެރެ ތަޅުލާ ހަދައިފައެވެ. ބޭރު ދޮރު ތަޅުލި އަޑު ލަމްނާގެ ކަންފަތުގައި ޖެހުމާއި އެކު ލަމްނާ ސިޓިންރޫމަށް ނުކުމެ މުޅި ތަން ސުންނާފަތި ކުރަން ފެށިއެވެ. ސޯފާގެ ބާލީސްތަށް އެތަށް މިތަނަށް އުކައި ޓީވީ ރިމޯޓުވެސް ހޫރާލިއެވެ. އިސްތަށިގަނޑުގައި ދެއަތުން ބާރަށް ހިފައި ލަމްނާ ހަޅޭއްލައިގަންނަމުން ދެކަކޫ މައްޗަށް ތިރިވިއެވެ.
“ރީމް!! ޔޫ ހޭވް ޑިސްޓްރޮއިޑް މައި ލައިފް!” ރޮމުން އިނދެ ލަމްނާ އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުން ދިޔައެވެ. “ޔޫޝައު އަހަރެންނަށް ނަފްރަތު ކުރާނެ!؟ ނޫން… ނޫން… ރީމް މަރުވިނަމަ!!” ދަތްކުނޑިވިކައިގެން ހުރެ ލަމްނާ ބުނެލިއެވެ. އައި ރުޅީގައި ބަދިގެއަށް ވަދެ ހުރިހާ ތެލިތަކެއް އަތުން ޖަހައި ވަރައިލިއެވެ. މިވަރު ނުފުދިގެން ކާގޭގެ ގޮނޑިތަށް ވެސް ވައްޓާލިއެވެ.
“އަހަރެން ބޭނުމެއް ނޫން ޔޫޝައު އަހަންނަށް ނުލިބޭ ދުނިޔެއެއްގަ އުޅޭކަށް!” ފެންބޯ ތައްޓެއް ވައްޓައިލަމުން ލަމްނާ ބުނެލިއެވެ.
“ޔޫޝައު އިސް އޮންލީ މައިން! ރީމް މަރުވި ނަމަ! މަރުވިނަމަ!؟” އަތު ޖެހުނުހާ ތައްޓެއް ހޫރަމުން ވާހަކަ ދެއްކި ލަމްނާގެ އަޑުގައި ރުޅިވެރިކަން ނޫން ކަމެއް ނުފެނެއެވެ. އެގޮތަށް އެއްޗެހި އުކާ ހާވަމުން ދަނިކޮށް ލަމްނާގެ ލޮލުގައި އަޅައިގަތީ ކަބަޑު ތެރޭގައި ބާއްވައިފައި އޮތް ވަޅިއެވެ. ވަޅި އަތަށް ހެޔޮވަރު ކޮށްލަމުން އެއަށް ބަލައިލި ލަމްނާގެ ތުންފަތް މަތީ ދުވެލި އަސަރެއް ނުވާ ހިނިތުންވުމާއިއެކު އޭނާގެ ލޮލުން ކަރުނަ ތިކެއް ވެއްޓުނެވެ. ދުވެފައި ކަހަލަ ގޮތަކަށް ލަމްނާ ބަދިގެއިން ނުކުމެގެން ދިޔައީ އާ ކަމެއް ކުރުމަށް ހުންނަ ޝައުގުވެރި ކަން މޫނުން ފާޅުވަމުން ދިޔަ ވަގުތުއެވެ.
***
އަވަސް ފަރުވާ ދޭ ކޮޓަރީގައި ޑަކުޓަރާއި ނަރުހުން ހަރަކާތްތެރި ވަމުންދިޔައެވެ. މެޝިނުތަކުން “ޓީއްޓީއް” ގޮވާ އަޑުމެދުނުކެނޑި އިވެމުން ދިޔައެވެ. އަވަސް ފަރުވާ ދޭކޮޓަރީގެ ބޭރުގައި ތިބިއެންމެންގެ މޫނުމަތިން ހާސްކަމާއި ކަންބޮޑު ފިލައިގެން ނުދާތާ އެކަމަށް ލުޔެއް ލިބޭ ގޮތެއްވެސް ނުވިއެވެ. ޔޫޝައު ފާރުގައި ބޯލައްކޮށްލައިގެން އިރު އެ ހަށިގަނޑުގައި އެއްވެސް ދިރުމެއް ވާހެނެއް ހިޔެއް ނުވެއެވެ. ކުރިމައްޗަށް ވާގޮތަށް އޭނަގެ ކަޅި ހުއްޓިފައި އިން އިރު ފިލްމެއްގެ ސީނެއް ރޯލުވާހެން ރީމް ގެނބެމުން ދިޔަ މަންޒަރު ދިޔައީ ޔޫޝައު ކުރިމަތީ ސިފަވަމުންނެވެ. ބޭރުން ކިތަންމެ މަޑުމަޑުން އިންހެން ހީވިއެއްކަމަކު ޔޫޝައުގެ ސިކުނޑި ތެރޭގައި ބޮޑު ހައިޖާނު ގަނޑެއް ހިނގަނީއެވެ. އެހެންއިންދައި ޔޫޝައު ސިހިގެން ދިޔައީ ކުރިމަތިން ފެނުނު މޫސާގެ ސަބަބުންނެވެ. ޙިޔާލީ ފުންކަނޑުތެރެއަށް ޢަރަގުވެފައި އިން ޔޫޝައު އައްސޭރިއަށް އަންނަންފެށީ ދެނެވެ. އެއީ ހަމަ މޫސަކަން ޔަގީންކޮށްލުމަށްޓަކައި ޔޫޝައު ތިރިން ފެށިގެން މައްޗަށް އޭނައާއި ދިމާލަށް ބަލައިލުމަށްފަހު އަވަސް އަވަހަށް އިންތަނުން ތެދުވިއެވެ.
“މޫސަބެ؟” ޔޫޝައުގެ އަޑުގައި ވަނީ މާޔޫސީކަމެވެ.
“ޔޫޝައު… މިއައީ ލަމްނާގެ ފަރާތުން މާފަށް އެދެން!” އެއްއަތުން ޔޫޝައުގެ އަތުގައި ހިފައި އަނެއްއަތުން ޔޫޝައުގެ ކޮނޑުގައި ހިފައިގެން ހުރި މޫސާ އިސްޖަހައިލަމުން ބުނެލިއެވެ. ގާތުގައި ޒާހިދާވެސް ހުރީ އިސްޖަހައިގެންނެވެ.
“ނޫން ނޫން! ލަމްނާ ކުރި ކަމަކަށް މޫސަބެ ނުޖެހޭނެ މާފަށް އެދޭކަށް!” ޔޫޝައުވެސް މޫސަގެ އަތްމަތީ އަތް ބާއްވައިލަމުން ބުނެލިއެވެ.
“އުހުނ! ލަމްނާ ކުރި ކަމަކީ ވަރަށް ގޯސްކަމެއް! އޭނައަށް މީގެ ހައްގު އަދަބު ލިބެން ވާނެ!” މޫސާ ބުނެލިއެވެ.
“ތިބުނީ؟” ޔޫޝައުއަށް ވާނުވާ ނޭނގުމުން އަހައިލިއެވެ.
“ޕޮލިހަށް އަންގާ!” މޫސާ ދެލޯ މަރައި ތަގުޅިކޮށްލަމުން މިހެން ބުނި އިރު ޒާހިދާގެ ލޮލުން ކަރުނަ ނިރާލިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި ޔޫޝައުއަށް ޖެހުނީ އެހެން ހުންނާށެވެ.
“ޔޫޝައު؟” ޔޫޝައުގެ ފަރާތުން އެއްވެސް ކަހަލަ ޖަވާބެއް ނުލިބުމުން މޫސާ ޔޫޝައުއަށް ގޮވައިލިއެވެ.
“ލައްބަ! ހައްގު އަދަބު ދޭންވާނެ!” ޔޫޝައު ފުންނޭވާއެއް ދޫކޮށްލަމުން ބުނެލިއެވެ.
“އަހަންނާއި ޒާހިދާއާ އަމިއްލައަށް ޕޮލިހަށް އަންގާނީވެސް! މިދަނީ ތިކަމަށް! ހިތްހެޔޮކުރާތި!” ލަދު ގަނެފައިވާ ވަރުން މޫސައަކަށް ޔޫޝައުއާއި ހަތަރު ކަޅި ހަމަކޮށްލަކަށްވެސް ނުކެރުނެވެ. ދެމީހުންވެސް އެތަނުން ނުކުންނަން ހިނގައިގަތް ވަގުތަކީ ނާއިފް އައިސް ވަން ވަގުތެވެ. ނާއިފް މަޑުހިނގުމެއްގައި ގޮސް ޔޫޝައު ގާތު ހުއްޓިލިއެވެ.
***
ބަދިގެއިން ނުކުމެގެން ދިޔަގޮތަށް ލަމްނާ ދުއްވައިގަތީ އޭނަގެ ކޮޓަރިއާއި ދިމާލަށެވެ. ދޮރުތަޅުލައި ހަދައިފައި ލަމްނާ އޭނާގެ އެނދަށް އެ ވަޅިތަށް ހަރަން ފެށިއެވެ.
“ރީމް! ރީމް! ރީމް!” ބާލީސްތަކަށްވެސް ވަޅި ހަރައި އޭގެ ކަފަތަށް އުކަމުން ލަމްނާ ހަޅޭއްލަވައިގަތެވެ. “މި ބާލިސް ތަކުގެ ބަދަލުގައި ރީމް އޮތް ނަމަ މިކަމުން ލިބޭ ހިތްހަމަޖެހުން ދެގުނަ ވެގެން ދާނެ! އޭރަށް އޭނަ މަރުވާނީ އަހަރެންގެ މިދެއަތުން!” ލަމްނާ އުޅުނު ގޮތުން ހީވީ ސިކުނޑި ހަމަނުޖެހޭ މީހެއް ހެންނެވެ. އެއް ސިކުންތެއްގައި ރޮއިލައިފިއްޔާ އަނެއް ސިކުންތު ކޮޅުގައި އަޑުގެ ނެތްތަނަށް ހޭންފަށައެވެ. ލޯގަނޑާއި ވީދިމާލަށް ވަޅި އެއްލައިލުމާއިއެކު ލޯގަނޑު ތަޅައިގެން ގޮސް އެކި ދިމަ ދިމާލަށް ބުރައިގެން ދިޔައެވެ.
“އޭ ލަމްނާ! ޔޫޝައު ދެނެއް ލަމްނާއަކަށް ނުލިބޭނެ!” ތަޅައިގެން ގޮސްއިން ލޯގަނޑާއި ދިމާލަށް ބަލަމުން ލަމްނާ އަމިއްލަ ނަފްސާއި ވާހަކަ ދެއްކީ މޮޔައެއް ފަދައިންނެވެ.
“ނޫން ނޫން! އެހެނެއް ނުވާނެ! އައި ކާންޓް ލިވެ ވިތައުޓް ހިމް!” ރޮއެ ހޭރެމުން ލަމްނާ އަނެއްކާވެސް އަމިއްލަ ނަފްސާއި ވާހަކަދެއްކިއެވެ. ހީވަނީ ހަމަ ފިލުމެއްގެ ތަންކޮޅެއް ކުޅެލާހެންނެވެ. ޖައްސާ ވައްތަރުތަށް ހަމައެހާވެސް މޮޅީއެވެ.
“އިފް ޔޫ ކާންޓް ލިވް… ދެން ޑައި!” އަނެއް ސިކުންތުގައި މޫނަށް ސީރިއަސްކަން ގެނުވަމުން ލަމްނާ ވާހަކަ ދެއްކިއެވެ. ކައިރީ އިން މޭޒުމަތީގައި ފޮތް ނަގައި އޭގައި ކޮންމެވެސް އެއްޗެއް ލިޔަން ލަމްނާ ފެށިއެވެ.
***
“ޔޫޝައު” ނާއިފް ގޮވައިލިއެވެ.
“ހުދާ ޒިއުނީ… މަންމައާއި ބައްޕަ ގޮވައިގެން ގެއަށް ދޭ! އަހަރެން މަޑުކުރާނަން މިތާ! އޯކޭ މަންމަމެން ގެޔަށް ލާފަ އަޔަސް!” ނާއިފްއަށް އެއްވެސް ސަމާލުކަމެއް ނުދީ ޔޫޝައު ބުނެލިއެވެ.
“އެކަމު ދަރިފުޅާ.. ރީމް..” މަރިޔަމަށް އިތުރަކަށް ނުބުނެވުނެވެ. އޭގެ ކުރިން ކަރުނަތަށް އޭގެ އަސްލު މަގާމު ދޫކޮށް ފައިބާން ފެށިއެވެ.
“މަންމާ! މީ ހިތްވަރު ކުރަން ޖެހޭ ވަގުތު! މަންމަމެން ގޮސް އަރާމުކޮށްލާ… މިހާރު ނުކައި އުޅޭތާވެސް ކޮންއިރެއް؟” ޔޫޝައު ކިތަންމެ ދެރަވެ ވަރުބަލިވެފައި ހުއްޓަސް އޭނަ ބޭނުންވީ އެހެންމީހުން ހަމަޖައްސައިދޭށެވެ.
“މަރިޔަމް… ދެން ހިނގާ! ޔޫޝައުވެސް ހުންނާނެ! އައިނާވެސް އެބައުޅޭ! އަހަރެން މިދަނީ މަރިޔަމް ގޮވައިގެން… ހުދާއާ ޒިއުނީވެސް އާދޭ… ގޮސްލާފަ އަންނާނީ!” ހަސަން ގެއަށް ދާން ހިނގައިގަންނަމުން ބުނެލިއެވެ.
“ޕްލީސް… އައިނާ ގާތު ބުނައްޗޭ ރީމް ސަލާމަތް ކުރަން ކުރެވެން އޮތް ކަމެއްވެސް ކުރާށޭ!” ހުދާ ރޮމުން ރޮމުން ބުނެލިއެވެ. ޔޫޝައުއަށް ވަގުތުން އިސްޖަހައިލެވުނީ ލޮލުން އައި ކަރުނަތަށް ފޮރުވާށެވެ.
“ހުދާ… ހިނގާ!” ހުދާގެ އަތުގައި ހިފައި ބޭރަށް ނުކުންނަމުން ޒިއުނީވެސް ބުނެލީ ރޮވޭ ހާލުއެވެ.
“ޔޫޝައު!” ނާއިފް ޔޫޝައުއާއި ދިމާލަށް ހިނގައިގަންނަމުން ބުނެލިއެވެ.
“އަހަރެން ގާތަށް ނާންނާތި! ކީއްކުރަން މިތަނަށް ތިއައީ؟ ހަމަ މިހާރު މިތަނުން ނުކުމެގެން ދޭ!” ބޭރަށް އިޝާރާތް ކުރަމުން ޔޫޝައު ބުނެލިއެވެ. ތަނާއި ހާލަތުގެ ގޮތުން ޔޫޝައު ބެލީ ވީހާވެސް މަޑުން ވާހަކަ ދެއްކޭތޯއެވެ.
“ޔޫޝައު-” ނާއިފަށް އިތުރަށް ވާހަކަ ދައްކާނެ ފުރުސަތެއް ނުލިބުނީ ޔޫޝައު އޭނަގެ އަތުން ވާހަކަ ނުދައްކާ ހުރުމަށް ބުނުމުންނެވެ.
“ނުދާނަން! މިތާ ހުންނާނީ!” ނާއިފްވެސް ބުނެލިއެވެ.
“ދޮންތާ!” އަވަސް ފަރުވާ ދޭކޮޓަރިން ނުކުތް އައިނާފެނި ޔޫޝައު އޭނައާއި ދިމާލަށް ދުއްވައިގެތެވެ.
“ރީމް… ރީމް ކިހިނެއް؟” ޔޫޝައު ހުރީ ހިތްއަވަސްވެފައެވެ.
“އަދިވެސް ހަމަ ޕަލްސް ނޯމަލްއެއްނުވޭ! އަނެއްކާ ބީޕީވެސް އެހާ ދަށް! އެއްޗެކޭ ބުނަން އެނގޭނީ ރީމް ހޭއެރީމަ!” އަވަސް ވެފައި ހުރި އައިނާ މިހެން ބުނެ ކައުންޓަރާއި ދިމާލަށް ހިނގައިގަތެވެ. ފަހަތަށް ފިޔަވަޅު އެޅެމުން އެޅެމުން ގޮސް ޔޫޝައުއަށް ގޮނޑި ބަރީގައި އިށީންދެވުނެވެ. މި މަންޒަރު ފެނުނު ނާއިފް އަވަހަށް ގޮސް ޔޫޝައު ހަމައަކަށް އަޅުވަން މަސައްކަތް ފެށިއެވެ.
މިކަހަލަ ގޮތަކަށް މުޅި ދުވަސް ހޭދަވެގެން ގޮސް މިހާރު ގަޑިން އިރުއޮއްސި ހަތެއް ޖަހަނީއެވެ. ޑަކުޓަރު ކޮޓަރިން ނުކުތް ގަޑިއަކީ ހުދާއާއި ޒިއުނީ ހޮސްޕިޓަލަށް ވަން ވަގުތެވެ.
“އަލްހަމްދުލިއްލާހި! ރީމްގެ ހާލަތު މިހާރު ވަރަށް ރަނގަޅު!” ޑަކުޓަރު ނިކުތް ގޮތަށް ނުކުމެ ޔޫޝައުގެ ކޮނޑުގައި އަތްބާއްވާލައިފައި ބުނެލިއެވެ. “އަޅުގަނޑުމެން ހީކުރީ މާލެ ގެންދަން ޖެހޭ ވަރު ވާނެކަމަށް! އެކަމު ނުޖެހުނު!” ޑަކުޓަރު އިތުރު ކޮށްލިއެވެ.
“ވަދެވޭނެތަ؟” ރީމްއާއި ބައްދަލު ކުރަން ކެތްމަދުވެފައި ހުރި ހުދާއާއި ޒިއުނީއަށް އެއްކޮށް އަހައިލެވުނެވެ.
“ޔެސް… ވަދެވޭނެ… އެކަމް އެހާ އަޑުގަދަ ނުކުރާތި… ޕޭޝަންޓް އޮތީ ނިދާފަ” މިހެން ބުނެ ޑަކުޓަރު ދިޔައެވެ. އަވަސް އަވަހަށް ހުދާމެން ކޮޓަރިއަށް ވަނެވެ. އެންމެންގެވެސް ފިޔަވަޅުތަށް ހުއްޓިގެން ދިޔައީ ރީމް އޮތް ހާލުފެނިފައެވެ. ވަށައިގެންވާ މެޝިނުތަކުން އަޑުފައްގަނޑު ގޮވަމުންދިޔައިރު ރީމް ގަޔަށް ވަނީ އައި.ވީ ގުޅާފައެވެ. ވެންޓިލޭޓަރެއްގެ އެހީގައި ނޭވާ ލަމުން ދިޔައިރު ރީމްއަށް ނޭވާލާން އުނދަގޫ ވާކަން ހާމަވެގެން ދިޔައެވެ. ޔޫޝައުއަކަށް ރީމް އޮތް ހާލު ފެނި ބަލާކަށް ނުހުރެ ރީމްގެ އެނދާއި ޖެހިގެން އިން ގޮނޑީގައި އިށީންދެލިއެވެ. ރީމްގެ ބޮލުގައި ފިރުމާލައިފައި ޔޫޝައު ރީމްގެ އަތުގައި ހިފާލީ ނިކަން ލޯބިންނެވެ.
“ރީމް…” އަރުތެރެ ބެދޭގޮތް ވުމުން ޔޫޝައުއަކަށް އިތުރަށް ވާހަކައެއް ނުދެއްކުނެވެ. ކަރުނަތަށް ޔޫޝައުގެ ކޯތާފަތް މަތީ ފިރުކެން ފެށީ އެއްވެސް ހުއްދައަކާއި ނުލައެވެ. އަނެއްފަޅީގައި މި މަންޒަރު ބަލަން ހުރި ހުދާއާއި ޒިއުނީގެ އިތުރުން ނާއިފްގެ ހިތަށްވެސް އެތަށް ފުންއަސަރެއް ކުރި ކަން ހެކިދިނީ އެމީހުންގެ ލޮލުން ނިރާލި ކަރުނަ ތިކިތަކެވެ.
“ރީމް… ދެން އަވަހަށް ހޭލަބަލަ! މިހާރު ތިހެން އޮންނަތާ ކޮންއިރެއް؟ ރީމް އަހަރެން ދެކެ ރުޅިއައިއްސަ ދޯ؟ ރީމް ދެއްކި ވާހަކަތަށް ގަބޫލު ނުކުރީމަ ރުޅި އައިސްގެން ދޯ ތިއޮންނަނީ؟” ޔޫޝައު އެވަގުތު ވާހަކަ ދެއްކީ ކުޑަކުއްޖަކު ބޮޑާހާކާ ފަދައިންނެވެ. ލިބިފައިވާ ބޮޑު ހިތްދަތި ކަމެއްގެ ސަބަބުން ޔޫޝައުއަށް ދެއްކޭ ނުދެއްކާ ވާހަކައެއް ނޭނގެއެވެ. ޔޫޝައު އުޅުނު ވައްތަރު ފެނި ހުދާއަށް އޭނަ އަނގަމަތީ އަތް އަޅައިލެވުނީ އެހިތަށް ވާވަރަށް ކެތް ނުވެގެންނެވެ. އަވަސް ފިޔަވަޅުތަކެއްގައި ހުދާ ބޭރަށް ނުކުންނަން ހިނގައިގަތީ މާ ބާރަށް ރޮވިދާނެ ކަމުގެ ބިރު އޮތުމުންނެވެ. ޒިއުނީވެސް އޭނަ ފަހަތުން ހިނގައިގަތް އިރު ނާއިފްވެސް އޭނަ ފަހަތުން ދިޔައެވެ.
“ބަލަ… ހުދާއަށްވެސް ކެތް ނުކުރެވިގެން އެދިޔައީ… ދެން ރީމް އަވަހަށް ތެދުވެބަލަ! ރީމް… މިއަދު ބުނީމެންނު ދޯ އަހަރެން ދެކެ ލޯބިވާ ވާހަކަ؟ އަހަރެން ބޭނުން އަދި އެއްފަހަރު ރީމްގެ އަނގައިން އެ ބަސްތަށް އަޑުއަހާލަން! ހެޔޮނުވާނެ ރީމް… ޕްލީސް! ތެދުވެބަލަ!” ޔޫޝައުގެ ދެލޮލުން ކަރުނަ ހުސްވާކަށް ނޫޅޭހެންވެސް ބައެއް ފަހަރު ހީވެއެވެ. ރީމްގެ އަތުގައި ހިފައްޓައިލައި ލޯމަރައިގެން އިން ޔޫޝައު ސިހުނީ މީހަކު އޭނަ އަތްމަތީ އަތް ބޭއްވުމުންނެވެ. ލޯހުޅުވާލި އިރަށް ޔޫޝައުގެ މީލާ މޯޅިވެފައިވާ މޫނަށް އުޖާލާކަން ވެރިވެގެން ދިޔައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ. ރީމް އެ އޮތީ ހޭލައެވެ.
“ރީމް!” ޔޫޝައުއަށް ރީމްއަށް ގޮވައިލެވުނު އިރު ހީވީ އެތަކެއް އަހަރެން ވަންދެން ގެއްލިފައި އޮތް، ތިމާއަށް ވަރަށް މުހިންމު އެއްޗެއް ފެނުނުހެންނެވެ. މާނަފުން ހިނިތުންވުމެއް ޔޫޝައުއަށް ރައްދުކޮށްގެން އޮތް ރީމްގެ ލޮލުން ވިދާލީ އުފާވެރިކަމުގެ ކަރުނައެވެ. ރީމްއަށް އިށީންނަން އެހީވެދިނުމަށްފަހު ޔޫޝައު ރީމް ގައިގައި އޮޅުލައިގަތެވެ. ޔޫޝައު ރީމް ގައިގައި ބައްދައިލީ އަބަދުމެ އަބަދަށް ރީމްއާއި އެކު ވާން ވައުދުވާ ފަދައިންނެވެ.
“އައި ލަވް ޔޫ!” ޔޫޝައު ގެ ކަންފަތް ދޮށުގައި ރީމް ވައިއަޑަކުން ބުނެލިއެވެ.
“ލަވް ޔޫ ޓޫ!” މިހެން ބުނެ ޔޫޝައު އެއަށް ވުރެ ބާރަށް ރީމްގައިގައި ބައްދައިގަތެވެ.
“ޔޫޝައު… ނޭވާ ލާން އުނދަގޫވޭ އެބަ!” ރީމް ބުނެލިއެވެ.
“އުޕްސް… ސޮރީ!” އަވަހަށް ރީމް ގާތުން ދުރަށް ޖެހިލަމުން ޔޫޝައު ބުނެލިއެވެ. “ރީމް ތެދުވޭތޯ ހިތާއި ހިތުން ދުޢާ ކޮށްކޮށް އިންދާ ރީމް ތެދުވީވެސް! ވަރަށް އުފާވެއްޖެ! ހުދާމެން އެބަތިބި ބޭރުގަ މަންމަ މެނަށް ގުޅަންވެސް ޖެހޭނެ! ވަރަށް އުފާވާނެ!” ޔޫޝައުގެ އުފަލުގެ ކޮޅެއް ނެތެވެ.
“އެހަށް މަޑުކޮށްލާ! ކޮބާ ނާއިފް؟” ރީމް އެހި ސުވާލުން ޔޫޝައުގެ މޫނު ކުލަވަރު ބަދަލުވެގެން ދިޔަ ކަހަލައެވެ. ފުންނޭވާއެއް ދޫކޮށްލައިފައި ދޮރު ކައިރި ހުރި ޔޫޝައު މަޑުމަޑުން ރީމްއާއި ދިމާލަށް ހިނގައިގަތެވެ.
“ރީމް… ދެން ތިވާހަކަ ނުދައްކާ! އެއީ މާޒީ! މާޒީއަށް މިއަދަށް ބާރުފޯރުވިޔަ ނުދީ ރީމް!” ވަރަށް އޯގާތެރިކަމާއި އެކު ޔޫޝައު ރީމްއަށް ވިސްނައިދިނެވެ.
“ނޯ ޔޫޝައު! އޭނަ ނެތްނަމަ… ނޫނީ ހުރިހާ ވާހަކައެއް ނުކިޔައިދިންނަމަ މިހާރުވެސް ޔޫޝައު ހުންނާނީ އެ ލަމްނާ ގާތު!” ރީމް އެބުނީ ތެދެއްކަން ޔޫޝައުއަށްވެސް ގަބޫލު ކުރެވުނެވެ. އެހެންކަމުން ޔޫޝައު ބޭރަށް ނުކުމެ އެތާ ތިބި އެންމެން ގާތު އެތެރެއަށް ވަންނަން ބުންޏެވެ. އެންމެންގެ މޫނު މަތިންވެސް އުފާވެރިކަން ފާޅުވެގެން ދިޔައެވެ.
“ތޭންކްސް ނާއިފް!” ރީމް ހިނިތުންވެލަމުން ބުނެލިއެވެ. ރައްދުގައި ނާއިފްވެސް ހިނިތުންވުމެއް ބަދަލު ކޮށްލައިފައި ޔޫޝައުއާއި ދިމާލަށް ބަލައިލިއެވެ.
“ޔޫޝައު… އަހަންނަށް މާފު ކުރޭ!” ނާއިފް ބުނެލިއެވެ.
“ތިވާހަކަ ދައްކާނީ ފަހުން!” ޔޫޝައު މިހެން ބުނެފައި މަރިޔަމަށް ގުޅައި ރީމް ހޭރިވާހަކައާއި އަވަހަށް ހޮސްޕިޓަލަށް އައުމަށް އެދުނެވެ.
***
ވަގަތު އޭގެ ހަލުވި މިނުގައި ގޮސް ގަޑިން އަށްގަޑި ބައިވަނީއެވެ.
“ޔެސް… އެންމެ ފަހުން ފޮނުވި އިންވިޓޭޝަން ޑިޒައިން ފައިނަލް ކުރޭ… ވެޑިންގ ފަހަރެއްގަ ޕޯސްޕޯންޑު ވެދާނެ މިހެން ދަންޏާ! އެހެންމަ އަދި އޭތި ހަދަން ނުފަށާ ބާކީ ހުރި ކަންތަށް ނިންމާލާ! އޯކޭ!” ހޮސްޕިޓަލު ގޯތިތެރޭގައި އޮފީސް މުއައްޒަފަކަށް ގުޅައިގެން ވާހަކަ ދައްކަން ހުރި ހުދާގެ ކަޅި ހުއްޓުނީ ހޮސްޕިޓަލުން މަގަށް ނުކުތުމުން ފެންނަ ލަމްނާމެންގެއަށެވެ. ރޭގަނޑުގެ ވަގުތުގައި މީހުންތަށް އެތަނަށް އެއްވެފައި އޮތުމުން ވަނީ ކީއްކަން ބެލުމަށް ހުދާގެ ހިތުގައި ޝައުގުވެރިކަން އުފެދުނެވެ. ދުވެފައި ކަހަލަ ގޮތަކަށް އެގެއާއި ދިމާލަށް މިސްރާބު ޖެހި ހުދާގެ ފިޔަވަޅު ކުރިއަށް ނޭޅުމަށް އޭނާގެ ސިކުނޑި އިންޒާރު ދިނީ އެގެއާއި ދިމާލަށް ދުވެފައި ދިޔަ ދެމީހުންގެ ވާހަކަ އަޑުއިވިގެންނެވެ. ހުދާގެ ދެލޯ ބޮޑުވެގެން ދިޔައީ އެއްވެސް އިޙުތިޔާރާކައި ނުލައެވެ. ދުންޖަހައިފައި އަނބުރާ ހޮސްޕިޓަލަށް ދާން ހުދާ ދުއްވައިގަތީ ތުންތުން މަތިން އިވުނު ބަސްތަށް ގަބޫލު ނުކުރެވޭތީއެވެ.
ރީމް ގާތު އިށީންދެ އިން މަރިޔަމް ދިޔައީ ރީމްއަށް އޭނަގެ އަތުން ކާން ދެމުންނެވެ.
“މަންމާ! ގައިމު އަހަންނަށްވެސް ތިހާ ލޯބިން ކާންދޭނަމަ!” ޔޫޝައު ސަމާސާ ރާގަކަށް ބުނެލުމާއިކު އެންމެންވެސް ހީގަތެވެ.
“ދެން މަންމައެއް ނޫނޭ! ރީމްއޭ ކާންދޭނީ!” މަރިޔަމްވެސް ޔޫޝައު އަކަށް ދުލެއް ނުދިނެވެ. އެކަހަލަ ސަކަރާތެއްގައި ތިއްބާ އެންމެންވެސް ސިއްސައިގެން ދިޔައީ ހުދާ އައިސް ބާރު ބާރަށް ދޮރު ހުޅުވާލުމުންނެވެ.
“ޔޫޝައު… ލަމްނާ… ލަމްނާ!” މައިނޭވާ ލެވޭވަރުން ހުދާއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ.
“އަޅެ ޔޫޝައު ދޭބަލަ ކީއްތޯވީ ބަލާފަ އަންނަން!” ޔޫޝައު އެކަމަށް އެހާ ބޮޑަށް ސަމާލުކަން ނުދިނުމުން ރީމް އެދުނެވެ.
“ރީމް… ލަމްނާ ކޮންމެވެސް މޮޔަކަމެއް ކޮށްގެން އަހަރެން ހޯދަނީ ތޯއްޗެއް! ދެން ކީއްކުރާކަށް ދަނީ؟!” ޔޫޝައު އިނީ ހިތްހަމަނުޖެހިފައެވެ.
“ޔޫޝައު! ހިނގާބަލަ… ގަބޫލުވެސް ނުކުރާނެ ވީކަމެއް!” ހުދާ ބުނެލިއެވެ. އަނެއްކާވެސް ރީމް އެދުމުން ޔޫޝައު ހުދާއާއި އެކު އެގެއަށް ދާން ހިނގައިގަތެވެ. ނާއިފްވެސް އެމީހުންނާއި ބައިވެރިވިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.



Amihla maru vi dw
Mihaaru ge stry thakuga heevani dhanjehi maruvun ae v salhi kameh heh?♀️?♀️ Ekm stry v reethi ❤️❤️❤️
Thanks??
Mi part ves v v reethi.. Curiously waiting… Stay safe dear ❤️❤️❤️❤️?????❤️❤️❤️❤️
Thanks lam??
Keep waiting??
Wow mi part ves vrh Sali ??????
Masha Allah??????????
Alhamdhulihlaahi hurihaa hageegathe falaaeree dhw yes yes?????
Lamnaa huree Hama ragalah ves moya vefaa mihaaru keekuree baa amila ah maeuveetha anekaa???? pis pis ??
Fainally yooshau and reem guluny dhw
So happy?????
Sis stry nimenytha ???
Waiting for the next❣️❣️❣️
Luv uuuu??
Stay safe ???
Thank you soo much ril❣❣ yes… hurihaa hageegatheh falhaa ery? lamna kuri kameh balama hinga❣? yes!! Fahu bai submit kohlaifin? kuv u moree and stay safe❣??
Sis last bayey stry nimuny the ???????????????????
Thank you soo much shudhua??Shudhuha ge comment iny pending ah gossa ekm vx mi reply kohly ingey?
Thank you shamm..??
Thank you soo much Eekko_11 ??
The next part is last part tha??? Vrh reethi n very curious to read the next part ?❤️Lot’s of love n stay safe ❤️❤️
yes! next is last part! 🙂 reyga submit kohlin! in sha allah miadhu noony maadhama kiyaalan libeyne! thank you soo much anonymous! lots of love from me too and stay safe!