ވަކިވެދިޔަޔަސް…(1)
ކެފޭއަށް ވަދެގެން އައި ކޮންމެ މީހެއްގެވެސް ލޮލުގައި އަޅައިގަންނަނީ ކަނެއްގައި ހުރި މޭޒެއްގެ ދޮށުގައި އެކަނިމާ އެކަނި އިން އަންހެން ކުއްޖާއެވެ. އާކާލްއެވެ. ނަމަވެސް އޭނާގެ ގަދަ މުށިކުލައިގެ ރާޅުބާނި އިސްތަށިގަނޑު ކޮނޑުމަތިން އެއްފަރާތަށް ވައްޓާލައިގެން، އާކާލް އިސްޖަހައިގެން އިނީ ފޮތެއްގެ ތެރެއަށް ގެއްލިފައެވެ. ދޭތެރެއަކުން މޭޒުމަތީގައި ހުރި ކޮފީ ތަށިން ކޯވަރެއް ބޯލައެވެ. ހުދުކުލައިގެ ގަމީހެއްގެ މަތިން ނޫކުލައިގެ ޖެކެޓެއްލައިގެން، ކަޅުކުލައިގެ ލެގިންސްއެއްގައި އޭނާ އިން އިރު ރަސްމީ ވައްތަރު ޖަހައެވެ.
ކުއްލިއަކަށް ކެފޭގައި ހުރި ޓީވީ އިން އިވުނު ނަމަކުން އާކާލް އިސްއުފުލާ ބަލާލިއެވެ. ކިޔަންފެށި ކުއްލި ޚަބަރާއެކު އަވަސް އަވަހަށް އޭނާ ކައުންޓަރު ކައިރިއަށް ގޮސް ޓީވީގެ އަޑުގަދަ ކޮށްލަދިނުމަށް އެދުނެވެ. ” މީގެ ހަފްތާއެއްހާ ދުވަސްކުރީން މާފަންނު ސަހަރާ ކައިރީގައި ރޭޕްކޮށް، މަރާލާފައި އޮއްވާ ފެނުނު، ޢުމުރުން 22 އަހަރުގެ މޮޑެލް އަދި ފެޝަން ޑިޒައިނަރ، ހައްވާ ރޫޔާ ރައުފްގެ މަރާ ގުޅިގެން ދާދި ދެންމެއަކު މީހަކު ހައްޔަރު ކޮށްފި. ފުލުހުންގެ މީޑިޔާ އޮފިޝަލް މަޢުލޫމާތު ދެއްވި ގޮތުގައި، ކޯޓު ޢަމުރެއްގެ ދަށުން ހައްޔަރު ކުރެވިފައިވަނީ ޢުމުރުން 23 އަހަރުގެ ހުސެއިން އަނޫފް ނަމަކަށް ކިޔާ ފިރިހެނެއް. މީނާއަކީ ރޫޔާގެ ލޯބިވެރިޔާ ކަމަށާއި، ރޫޔާ ފެނުންއިރު އެތާގައި ހުރި މީހެއްކަމަށްވެސް ޚަބަރުތަކުން ބުނޭ.” އާކާލްގެ ކަންފަތްދޮށުގައި ހީވީ ހޮނު ގުގުރިއެއް ޖެހިހެންނެވެ. ދެވަނަ ސިކުންތުގައި އޭނާ ޓީވީއަށް ބަލާލީ އާއްމުކުރި އެ ފޮޓޮއިން ފެންނަން އެއިނީ ހަމަ އަނޫފްތޯ ބަލާލާށެވެ. ޓީވީ ކައިރިއަށް ގޮސް ހުއްޓި ދެތިން ފަހަރު އެސްފިޔަ ޖަހާލި ނަމަވެސް މަންޒަރު ބަދަލެއްނުވިއެވެ. އާކާލްއަށް ހުރީ ޤަބޫލުކުރަން ދަތިވެފައެވެ. ކުއްލި ޚަބަރު ނިމެންދެން އޭނާއަށް ހުރެވުނީ ނޭވާލާންވެސް ހަނދާން ނެތިފައެވެ.
އަވަސް އަވަހަށް އޭނާއިން މޭޒު ކައިރިއަށް ގޮސް ފޮތްލައްޕާ، ދަބަސް ކޮނޑުގައި އަޅުވާލަމުން ފޮތް ދަބަސްތެރެއަށް ލިޔެވެ. ލޮލުން ނީރާލި ކަރުނަ ފުހެލާފައި، ހަލުވި ފިޔަވަޅު ތަކެއްގައި އޭނާ ކެފޭއިން ނުކުމެގެންދިޔައެވެ.
އަނޫފްގެ އަތުގައި ބިޑިއަޅުވައިގެން ގެންގޮސް ޕޮލިސް ޖިޕަށް އެރުވިތަން ބަލާކަށް ހަސީނާއަކަށް ކުޅަދާނައެއް ނުވިއެވެ. މަގޭ ދަރިފުޅާއޭ ކިޔައި ދުއްވައި ގަނެވުނެވެ. މަގޭ ދަރިފުޅު ނުގެންދާށޭ، އޭނާ އެކަހަލަ ކަމެއް ނުކުރާނެއޭ ބުނި ނަމަވެސް ޖިޕު ނައްޓާލިއެވެ. ހަސީނާގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ.
**************
އަނޫފް ޖިޕުން ފޭބިއިރު މުޅިތަނަށް މީހުން އެއްވެފައި އޮތެވެ. ފުލުހުންނަށް ކިރިޔާ އެމީހުން ކޮންޓްރޯލް ކުރެވޭކަމެވެ. އޭނާ މުޅިތަނަށް ނަޒަރު ހިންގާލިއިރު ފެންނަނީ ނުރުހުމުގެ މޫނުތަކެވެ. އޭގެތެރެއިން އެއްމޫނެއް އޭނާއަށް ފާހަގަވިއެވެ. ރައުފްގެ ދެލޮލުން ކަރުނަ ހިލިފައި ވާޙާލު އޭނާ ހުރީ ރުޅިން ފޯވެފައެވެ. ލޮލަށް ކަރުނަތައް ޖަމާވާން ފެށުމުން އަނޫފް އިސްޖަހާލިއެވެ. ދެން އިވެންފެށީ ނުރުހުމުގެ ބަސްތަކެވެ. އޭނާ ނުކުރާ ކުށްތަކެއްގެ އިލްޒާމް ބޮލުގައި އެޅެމުންދިޔައެވެ. އޭނާ މަރާށޭ ބުނެ މީހުން ކިޔަމުންދިޔަ ބަސްތަކުން ހީވީ އެނާގެ ހިތުގައި ގަދަޔަށް މީހަކު ތަޅާހެންނެވެ. އަނޫފް ބޭނުންވީ ހަޅޭލަވައިގަންނާށެވެ. އަނޫފް ކުރިޔަށް ހިނގަމުން ގެންދިޔަ ވަރަކަށް މީހުންގެ ހަޅޭކުގެ އަޑު ގަދަވެގެންދިޔައެވެ. އެހެން ދަނިކޮށް އައި ނައިތަނެއް ނޭނގި އައި ބޮޑު ތޫނު ގާބުރިއަކުން އަނޫފްގެ ކަނާއަތް ޒަޚަމްވިއެވެ. އެއާއެކު ހީވީ މީހުންތައް އުފާ ފާޅުކުރިހެންނެވެ. ފުލުހުން އަވަސް ފިޔަވަޅުތަކެއްގައި އަނޫފް ގެންގޮސް އެތެރެއަށް ވެއްދިއެވެ.
ތޭރިތަކުގައި ހިފަހައްޓައިގެން އަތުގައި އަޅާފައި އޮތް ބޭސްގަނޑަށް ބަލަހައްޓައިގެން ހުރި އަނޫފް ސިހުނީ ދާދި ގާތުން މީހަކު ކަރުކެހިލުމުންނެވެ. ” ކަލޭގެ ގެ ބަލާ ފާސްކުރަމުން އެދަނީ. ކިތަންމެ މޮޅު ލޯޔަރެއް ގެނަޔަސް ދެން ސަލާމަތެއް ނުވެވޭނެ.” މަފާޒް ސިއްރު ސިއްރުން ބުނެލި ވާހަކައަކުން އަނޫފްގެ ފުރާނަ ރޫރޫ އަރައިގެންދިޔަ ކަހަލައެވެ. ރުޅިއައިސްގެންގޮސް ގޮށް މުއްކަވާލެވުނެވެ. މަފާޒްގެ ގިރުވާނުގައި ހިފައި ދަމައިގަނެ އޭނާގެ ގައިގާ ޖަހަންވެސް ހިތަށްއެރިއެވެ. ޕޮލިސް ޔުނީފޯރމެއްގައި، މަތީ މަޤާމެއްގައި ހުއްޓެއްކަމަކު މަފާޒްއަކީ ނުބައި މީހެކެވެ. އިންސާނިއްޔަތުކަމުގެ ކުލުނެއް ހުރި މީހެއްނޫނެވެ. އަނޫފްއަށް އެކަން ވަރަށް ރަނގަޅަށް އެނގިއްޖެއެވެ. މަފާޒްގެ ޔުނީފޯރމު އިރާލައި އޭނާގެ އަސްލު ކުލަ އެހެންމީހުންނަށް ދައްކަން އޭނާ ބޭނުމެވެ. ރޫޔާ މަރާލީ، ރޫޔާއަށް އެހުރިހާ ކަމެއްކުރީ އަނޫފްއެއް ނޫނޭ ބުނަން ބޭނުމެވެ. ނަމަވެސް ރަނގަޅު ލޯޔަރެއްވެސް ހޯދާނީ ވަކި ކޮންތާކުން ހެއްޔެވެ؟ އެވަރަކަށް ރުފިޔާއެއް ހުރީކީ ނޫނެވެ. ލޯޔަރެއް ނުހޯދިއްޖެނަމަ، އެމީހުން ‘ޕްރޮވައިޑް’ ކޮށްދޭނެ ލޯޔަރަކީ މަފާޒަށް ގަނެ ވިކިފައި ހުންނާނެ މީހެއްކަން ކަށަވަރެވެ. ދަރަނި ވެރިވެގެން ލޯޔަރެއް ލިބުނަސް އޭނާގެ ކުށެއް ނެތްކަން ސާބިތު ކޮށްދެވޭނެ ބާއެވެ؟ އޭނާގެ ވާހަކަތައް އަޑުއަހާނެ ލޯޔަރެއް ލިބޭނެބާއެވެ؟
ކިތަންމެ ރުޅިއައެއް ކަމަކު އަނޫފް މަޑުން ހުއްޓެވެ. ރުޅި ގަނޑު މައިތިރި ކުރެވޭތޯ މަސައްކަތްކުރިއެވެ. ” ރޫޔާ މަރާލީ ހަމަ ކަލޭގެ ދެއަތުންކަން ސާބިތުވާނެ.” މަފާޒް އެހެން ބުނުމާއެކު އަނޫފް ދެލޯ އަޅާލިއެވެ. މަލާމާތުގެ ހިނިގަނޑެއްޖަހާލައިފައި މަފާޒް އެތަނުން ދިޔައެވެ.
ފާރަށް އެރުވި ގޮށްމުށުގެ ޙަމަލާތަކުގެ ސަބަބުން އަނޫފްގެ ޒަޚަމްވެފައި އޮތް އަތަށް ތަދުވާންވެސް ފެށިއެވެ. ފަހަތަށް ޖެހެމުން ޖެހެމުން އައިސް އޭނާއަށް ބުރަކަށި ޖައްސާލެވުނީ އެކުޑަކުޑަ ގޮޅީގެ ކަނެއްގައެވެ. ގައިން ވަރުދޫވާހެން ހީވެގެން އޭނާ ބިންމަތީގައި އިށީނެވެ. ދެކަކުލުގައި ބޯ އަޅާލުމާއެކު އޭނާއަށް ގިސްލެވެން ފެށުނެވެ. ދެލޯ މަރާލުމުން ފެންނަނީ ރައުފްގެ ނަފްރަތުން ފުރިފައިވާ މޫނެވެ. އޭނާގެ މަންމަ އާދޭސް ކުރަމުންދާތަނެވެ. މަފާޒްގެ ނުލަފާ ހީލުމެވެ. ކަންފަތުގައި އަތް އެޅުމުންވެސް އިވެނީ އޭނާއަށް އަމާޒުވި ބަސްތަކެވެ. މަންމަގެ ރުއިމުގެ އަޑެވެ. މިހުރިހާ ކަމެއްގެ ތެރެއިން ދެން ފެންނަނީ ރޫޔާއެވެ. ލޯބިވާ ރޫޔާގެ ފުރާނަނެތް މަސްގަނޑެވެ. އިވެނީ ރޫޔާގެ އަޑެވެ. ސަލާމަތަށް އެދި ގޮވާ އަޑެވެ. އަނޫފަށް ރޫޔާއޭ ކިޔައި ހަޅޭލަވައި ގަނެވުނެވެ.
ދާދި ކައިރިން މީހަކު ގޮވާލުމުން އަނޫފް ސިހިފައ އިސް އުފުލާ ބަލާލިއެވެ. އެތާހުރި ފުލުސް މީހަކު އެގޮޅީގެ ދަގަނޑު ދޮރުހުޅުވާފައި ބައްދަލުކުރަން މީހަކު އައިސް އިންކަމަށް ބުންޏެވެ. އަދި ވާހަކަ ދައްކަން މޭޒު ކައިރިއަށް ދިޔުމުގެ ހުއްދަ ދިނެވެ. އަނޫފް ހައިރާންވިޔެވެ. އޭނާއާ ބައްދަލުކުރަން މިވަގުތު އަންނާނީ ކާކުބާއެވެ.
ވިސްނުމެއްގައި ހުރެ އަނޫފް ގޮސް ފަހަތަށް އެނބުރިގެން އިން އަންހެން ކުއްޖާގެ ކުރިމަތިގައި ހުރި ގޮނޑީގައި އިށީނެވެ. އެކުއްޖާގެ މޫނު ފެނުމާއެކު އޭނާ ލާން އުޅުނު ނޭވާވެސް ތާށިވީ ކަހަލައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.




yayyy… me first dhw ??
Nice
Thankyouu
zal… first prt varah interesting…
varah reethi ????
whn nxt prt…
waiting for the nxt..
tc n stay safe
luv u a lots..???
Thankyou ??. glad you liked it. Next part submit kollaifin maadhan upload vaane inshaallah. You too, Tgc and stay safe. love you more ??
Maasha allah vv furihama vaahaka eh…
Kuriah oi part thakugai reethi vamun asaru gadha vamun dhaane kamah heekuran……
Whn nxt mmm sis ehtha bro eh tha?
Waiting 4 nxt part…
Stay safe Nd lots of luv frm me…
yea.. btw i was kinda not comfortable asking that that’s y i didn’t ask…?????
r u a sis or a brw…?
luv you a lots..????
Masha Allah ?❤️. Varah furihama..keep it up.. waiting for the next part..up soon zal.. love you and TC.????❣️?
Wow I like this story ?