ނޭނގި ވެވުނީ ލޮތްބޭ- 1
“ބޭބެ… އަން!” ޓެކްސީ ދުއްވަން އިން މީހާ އަތަށް ރުފިޔާ ކޮޅު ހަވާލު ކުރަމުން ރީމް ބުންޏެވެ. ޓެކްސީގެ ދޮރު ހުޅުވާލުމަށްފަހު ޓެކްސީ އިން ނުކުމެ ޑްރައިވަރު ނަގައިދިން ފޮށި ދަމަމުން ރީމް މިސްރާބު ޖެހީ ވ.އަތޮޅަށް ދާ ލޯންޗު އަންނަ ދިމާލަށެވެ. ދިއްލާލައިފައިވާ ރަތް ދަކައަވިން ސަލާމަތްވުމަށްޓަކައި ކައިރީގައި ހުރި ގަހެއްގެ ހިޔަލުގެ ދަށުގައި ލޯންޗު އައުމުގެ އިންތިޒާރު ގައި ރީމް ހުއްޓެވެ. އެއްއަތުގައި ފޮށި ހިފަހައްޓައިލައިގެން ހުރިއިރު ކޮނޑުގައި ކަޅުކުލައިގެ ރަތް ފިނިފެންމާތަކެއްގެ ޑިސައިނަށް ހުރި ދަބަހެއް އަޅުވައިލައިފައިވެއެވެ. ލައިގެން ހުރި އައިސް ބްލޫ ޖީންސާއި މަޑު ފިޔާތޮށި ކުލައިގެ ކަކުލާއިހަމައަށް އަރާ ގަމީސްވައްތަރުގެ ހެދުމަކާއި އަޅައިގެންހުރި އަޅި ކުލައިގެ ޝޯލުން ރީމް ވަރަށް ލޯބި ވައްތަރު ޖަހައެވެ. ކޮށްލައިފައިވާ ލުއި މޭކަޕާއި ތުންފަތުގައި ޖައްސައިފައި ހުރި މެރޫން ކުލައިން ރީމް ފެންނަނީ ހޫރުޕަރީއެއްފަދައިންނޭ ބުންޏަސް ގޯހެއް ނުވާނެއެވެ.
ރީމްގެ މަޑު މުށި ކުލައިގެ ލޮލުގައި އަޅައިގަތީ ދުރުން އަންނަ “ގޮމަ” ލޯންޗެވެ. އެމް.އެމް.އޭ ގެ ކުރިމައްޗަށް ވާގޮތަށް ލޯންޗުގެ ދުވެލި މަޑުކޮށްލިއެވެ. އިރުކޮޅެއް ނުވެ ރީމް ލޯންޗަށް އަރަން ހިނގައިގަތެވެ. ލޯންޗުގެ އެންމެ ފަހަތުން ދެވަނަ ޝީޓުން ބޭރު ފެންނަގޮތަށް ރީމް އިށީނދެލިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ފޯނުން ގަޑި ބަލައިލި އިރު ގަޑިން ދޭއް ޖަހަނީއެވެ. ރީމް ސިއްސައިގެންދިޔައީ ކައިރިން އެއްޗެއް ވެއްޓުނު އަޑަށެވެ. އަނެއްފަރާތަށް ބަލައިލިއިރު ރީމްއާއި އެއް އުމުރެއްގެ ޒުވާން ފިރިހެން ކުއްޖެއް ރީމް ގާތު އިށީންނަނީއެވެ. އޭނާގެ ކުރިމަތީގައި ވެއްޓިފައި އޮތް ކޮތަޅު ނަގައިދެމުން ރީމް އެ ޒުވާނާއާ ހިނިތުންވުމެއް ބައްދަލު ކޮށްލިއެވެ.
“ތެންކިޔޫ! އަހަންނަކީ ޔޫޝައު!” އަޅައިގެން ހުރި ކަޅުކަންގަދަ އަވިއައިނު ނަގާ ބޮލުގައި ބައިންދާލުމުން ޔޫޝައު ބުނެލިއެވެ.
“ހާއި… އަހަންނަކީ ރީމް!” ރީމް މިހެން ބުނުމަށްފަހު އެދެމެދުގައި ހިމޭންކަންވެރިވިއެވެ. އިރުކޮޅެއްނުވެ މި ހިމޭންކަން ގެއްލުވާލީ ލޯންޗުގެ އިންޖީނު އިސްޓާޓު ކޮށްލި އަޑެވެ. ލޯންޗު މާލެ ފަޅު ތެރެއިން ނުކުމެގެން ވ.ފެލިދޫއަށް ދަތުރުފެށިއެވެ. ސާފު ބިއްލޫކޮޅެއް ފަދަ ފާނާލައިފައިވާ މޫދުގައި އިރުގެ ދޯދިތައް ދަނީ ވިދާ ބަބުޅަމުންނެވެ. ޖެހޭ ހިތްގައިމު ވައިރޯޅިތައް ދަނީ ރީމްއަޅައިގެން ހުރި ޝޯލުގެ ދޫކޮށްލެވިފައިވާ ބައި ވިހުރުވަމުންނެވެ.
“އަމްމް… އަހަންނަށް ހީވޭ ރީމް ކޮންމެވެސް ތާކުން ފެނުންހެން” ޔޫޝައުގެ ފިރިހެންވަންތަ އަޑުން ބުނެލިއެވެ.
“އެހެންތަ! ކޮންތާކުން ފެނުނުހެން ހީވަނީ؟” ރީމް ހިނިތުންވެލަމުން އަހާލިއެވެ.
“ވަރަށް ފަހުން ބޭއްވި އެންނު ވިޔަފާރި ވެރިންނަށް ހާއްސަ ކޮންމެވެސް އިވެންޓެއް… އެތަނުން ފެނުނީ!” ޔޫޝައު ބުންޏެވެ.
“އޯހް… އެތަނުން ފެންނާނެ އެންނު.. ރީމްމެން ވިއްޔަ އެތާ ތައްޔާރީ ތަކާ ހަވާލު ވެގެން އުޅުނީ” ޔޫޝައު އާއި ދިމާލަށް ބަލަން އިނދެ ރީމް ބުންޏެވެ.
“ރީމް އަކީ “ދަ ޕްލޭނާސް” ގެ އޯނާ ތަ؟” ޔޫޝައު އެހި ގޮތުން ރީމް ގާތަށް ހިނިއައެވެ.
“ހެހެހެ… އާން! ކިހިނެއްވީ ތިހެން ތި އެހީ؟” ރީމް ސުވާލު ކުރިއެވެ.
“ވަރަށް އަޑުއެހިން “ދަ ޕްލޭނާސް” އާ ބެހޭ ގޮތުން… ވަރަށް ފައްކާ ހުރިހާ ތައްޔާރީ ތަކެއްވެސް! “ދަ ޕްލޭނާސް” އަކީ ވަރަށް ނަން މަޝްހޫރު ތަނެންނު… އެދުވަހު ރީމްމެން ހޯދަން އުޅުނީމޭ… ހަމައެކަނި އިވެންޓު ވަރަށް ފައްކަލޭ ބުނެލަންވެގެން” ހިނިގަނޑެއް ޖަހައިލަމުން ޔޫޝައު ބުންޏެވެ. ޔޫޝައު ހިނިތުންވެލުމުން ކޮލަށް އަންނަ އަޑިކޮޅު ފެންނަ ކޮންމެ މީހަކުވެސް އޭނާގެ ދީވާނާއަކަށް ވާނެކަން ކަށަވަރެވެ. ޔޫޝައުގެ އިސްތަށިގަނޑުވަނީ މައްޗަށް ވާގޮތަށް ފުނާއަޅާލެވިފައެވެ. ރީތިވަރަކަށް ތުނިކޮށްލައިފައިވާ ތުނބުޅިއާއި މަތިމަހުން ޔޫޝައުގެ ރީތިކަން އިތުރު ކޮށްދެއެވެ. ލައިގެން ހުރި ކަޅުކުލައިގެ ޓީޝާޓާއި ގަދަނޫކުލައިގެ ޖިންސުން އޭނާގެ ކަސްރަތީ ހަށިގަނޑު އިތުރަށް ފުރިހަމަވެގެންދެއެވެ.
އަސްލުވެސް؟ ދެން އައިނަމަ ރީމް ހޯދަން!” ރީމް އޭނާގެ ޝޯލު ރަނގަޅު ކޮށްލަމުން ބުނެލިއެވެ.
“ނުކެރުނޭ ދާކަށް!” ސަމާސާ ރާގަކަށް ޔޫޝައު ބުނެލިއެވެ.
“ސާބަސް!” ރީމް ބުނެލިއެވެ.
“ވ.އަތޮޅު ކުއްޖެއްތަ؟” ޔޫޝައު އަހާލިއެވެ.
“ނޫން… އަދި އަލަށް މިދަނީ ފެލިދުއަށް! އޮފީސް ދަތުރަކަށް” ޔޫޝާއު އާއި ދިމާލަށް ބަލަމުން ބުނެލިއެވެ.
“އެހެންތަ؟ އަހަރެންވެސް މިދަނީ ފެލިދުއަށް! އެކަނިތަ އޮފީސް ދަތުރަށް ދަނީ؟” ޔޫޝައު އެހިއެވެ.
“ނޫން އެކޮޅުގަ އެބައުޅޭ އެހެން ދެމީހުންވެސް… ތަންކޮޅެއް އަވަހަށް ގޮސްވަނީ…މަސައްކަތް ފެށުމުގެ ކުރިން ބްރޭކަށް ނަގަން ބޭނުމޯ ކިޔާފަ ދިޔައީ ފެލިދުއަށް!” ރީމް ބުންޏެވެ.
“ރީމް ރަށައް އާވީމަ އެބަ ޖެހޭ ދޯ ރަށުތެރެ ދައްކާލަން!” ޔޫޝައު ރީމްއަށް ހިނިތުންވުމެއް ބަދަލު ކޮށްލަމުން ބުނެލިއެވެ. އޮލަ ވާހަކަތަކުގައި ވަގުތު ހޭދަވިގޮތެއްވެސް އެދެމީހުންނަކަށް ނޭނގުނެވެ. ނޭނގިނަމަވެސް އެދެމެދުގައި އެކުވެރިކަން ބަދަހިވަމުން ދިޔައެވެ. ގަޑިން ހަތަރެއް ޖަހަން ގާތްވެފައި ވަނިކޮށް ފެލިދޫ ފަޅަށް ވަދެވުނެވެ. ޔޫޝައު ދިޔައީ ރީމްއަށް ރަށްތައް ދައްކަމުންނެވެ. ފެލިދޫ ކުރިމަތީގައި އޮތީ ތިނަދޫއެވެ. އަދި ފަހަތުގައި އޮތީ ކެޔޮދޫއެވެ. ތިނަދޫ ފަހަތުގައި ފަޅުރަށަކާއި ރިސޯޓެއް އޮތެވެ. ފެލިދޫ ބަނދަރުތެރެއިން ވަދެގެން އައި އިރު ރީމް އޭނާގެ ފޯނުން ރަށުގެ ފޮޓޯތައް ނަގަމުންދިޔައެވެ. ލޯންޗުން އެންމެން ފައިބާން ފެށިއެވެ. ރީމް އަދިވެސް އިނީ ރަށް ފޮޓޯ ނަގާށެވެ. އަލަށް އެއްޗެއް ފެނުނީމަ ފޮޓާ ނަގާ ބީދައިން ރީމް ގެންދިޔައީ ފޮޓޯ ނަގަމުންނެވެ.
“ލޯންޗުން ނުފައިބަނީތަ؟” ޔޫޝައު ސަމާސާ ރާގަކަށް އަހައިލިއެވެ. ރީމް އަވަސް އަވަހަށް ފޯނު ދަބަހަށް ލައިފައި ތެދުވެގެން ލޯންޗުން ނުކުންނަން ހިނގައިގަތެވެ. ރަށުގެ ފަސްގަނޑުގައި ފައިޖެހުމުން ރީމްއަށް ކުރެވުނީ އުފާވެރި އިހުސާސެކެވެ. މާލޭގެ ހަލަބޮލި މާހައުލާއި އަޅާބަލައިފައި ރަށުގެ މާހައުލު ހާސްގުނަ ހިތްގައިމެވެ. ކުރިމަތިން ފެންނަ ހޮޅުއަށީގައި އެކި އުމުރުފުރައިގެ ފިރިހެނުން ތިއްބެވެ. ބައެއް އަންހެނުން އޮށްފަޅާ މަންޒަރުވެސް ފެނެއެވެ. ދެފަރާތު ދެ ކެފޭ ފެންނަން ހުއްޓެވެ. ބަނދަރު ސަރަހައްދުގައި ބޮޑުބައި ހިޔާވާނެހެން ރުއްތައް ހުއްޓެވެ. ރީމް ސިއްސައިގެންދިޔައީ ޔޫޝައުގެ އަޑަށެވެ.
“އައްދެ! ދޮންތައާ ތިއްތަބެއާ އެކަނިތަ އައީ؟” ޔޫޝައު އެނާގެ އާއިލާ މީހުން އިށީންދެގެން ތިބި ތަނާއި ދިމާލަށް ބަލާފައި ބުނެލިއެވެ. ލޯންޗުން ފޮށިތައް ބޭލުމާއިއެކު އެމީހެއްގެ ފޮށި ހިފައިގެން ޔޫޝައު އާއިއެކު ރީމްގެވެސް މިސްރާބު ހުރީ އެއްތަނަކަށެވެ. ދަންނަ މީހަކު އެތާ ހުރިހެން ހީވެގެން ރަނގަޅަށް ބަލައިލިއިރު މީހަކު ދުވެފައި ރީމް އާއި ދިމާލަށް އަންނަނީއެވެ.
“ރީމް!!” ދެއަތް ފުޅާކޮށްލައިގެން ރީމްއާއި ދިމާލަށް ދުވެފައި އައިނާ އައިސް ރީމް ގައިގައި އޮޅުލައިގަތެވެ.
“އައިނާ!” ރީމްއަށްވެސް އެއީ ކާކުކަން ފަހުމް ވެގެން ފޮށީގެ އަތްގަނޑު ދޫކޮށްލައިފައި ރީމްވެސް އައިނާ ގައިގައި ބައްދައިގަތެވެ. މި މަންޒަރު ބަލަން ހުރި ޔޫޝައު ހުރީ ވާނުވާގައެވެ.
“ދޮންތާ… ކިހިނެއް ދޮންތައަށް ރީމް އެއީ ކާކު ކަން އިނގެނީ؟” ހައިރާންވެހުރެ ޔޫޝައު އޭނާގެ ދޮންތައަށް ގޮވައިލައިފައި ބުންޏެވެ. އެއްފަހަރު އައިނާއަށް އަނެއްފަހަރު ރީމްއަށް ބަލަންހުރި ޔޫޝައު މިހާރު ބޯގޮވައިފިއެވެ. އައިނާ ރީމް ދުރުކޮށްލުމަށްފަހު އޭނާގެ މަޑުކޮލުގައި ހިފާލަމުން ޔޫޝައުއާއި ދިމާލަށް ބަލައިފައި ހީނަން ފެށިއެވެ.
“ދޮންތާ! ކިހި..ކިހިނެއް؟” ހައިރާންވެފައި ހުރިވަރުން ޔޫޝައުއަކަށް ވާހަކައެއްވެސް ނުދެއްކުނެވެ.
“ދޮންތައޭ؟” ރީމް ޔޫޝައުއާއި ދިމާލަށް ބަލައިލަމުން އެހިއެވެ.
“ހެހެހެ… ހަމަ ރަނގަޅަށްވެސް އޮޅިއްޖެ ދޯ!” އައިނާ ރީމްއަށާއި ޔޫޝައުއަށް ދޯދެމުން ބުނެލިއެވެ.
“ކޮބާ ހުދާއާ ޒިއުނީއާ؟” ރީމް އެހިއެވެ.
“މިތިބީ ޔޯ!” ފަހަތުން އަތް ހަނާއަޅަމުން ހުދާއާއި ޒިއުނީ ބުންޏެވެ.
“އެހަށް މަޑުކޮށްބަލަ! ދޮންތާ! އަހަންނަކަށް ނޭނގޭ މިތާ ވާއެއް ނުވާއެއް! ހޮޔޮނުވާނެ ކިޔާދީބަލަ!” ޔޫޝާއު އޭނާގެ އަތް އެކި ގޮތްގޮތަށް ހަރަކާތް ކުރަމުން ބުނެލިއެވެ.
“އޯކޭ.. އޯކޭ… މަޑު ކޮށްބަލަ! ތިދެމީހުންނަށް ކިހިނެއް އެކަކު އަނެކަކު އިނގެނީ؟” ދެއަތް އުނަގަނޑުގައި ވިއްދައިލައިގެން ހުރެ އައިނާ ރީމްއާއި ޔޫޝައު ގާތު އެހިއެވެ.
“ލޯންޗު ތެރެއިން ދިމާވީ” ރީމް ދިނީ ކުރު ޖަވާބެކެވެ.
“އޯހް… އެހެންދޯ!” ޔޫޝައުއާއި ދިމާލަށް ލާނެތް ފާޑަކަށް ބަލައިލަމުން އައިނާ ބުނެލިއެވެ.
“ދެން ދޮންތާ ޕްލީސް ބުނެބަލަ!” ޔޫޝައު ކުޑަކުއްޖެއްހެން ބޮޑާ ހާކަން ފެށިއެވެ. މި މަންޒަރު ބަލަން ހުރި ޔޫޝައުގެ ތިއްތަބެއާއި ހުދާއާއި ޒިއުނީގެ ތުންފަތްމަތީގައި ވަނީ ފުޅާ ހިނިތުންވުމެކެވެ.
“މީ ރީމް… ރީމް ކިޔަވަން އައިސް މަޑުކުރީ ދޮންތަ މެންގޭގަ! އެއީ މީގެ ފަސް ހަވަރަކަށް އަހަރު ކުރިން… ރީމް ކިޔަވަން ހުރި ދުވަސްކޮޅުތެރޭގަ ދޮންތަގެ އެންމެ ގާތް އެކުވެރިޔާއަށް ރީމްވި… ހުދާއާއި ޒިއުނީއަކީވެސް ހަމަ ރީމްއެކޭ އެއްފަދައިން ދޮންތަގެ އެންމެ ގާތް އެކުވެރިން!” އައިނާ ކިޔައިދިނެވެ. އެވަގުތު ރީމް އިރުއިރުކޮޅާ މަގަށްވީ ފަޅިއަށް ބަލައިލައެވެ.
“ރީމް… ކާކުތަ ތި ހޯދަނީ؟” އައިނާ އެހިއެވެ.
“މިއައީ އޮފީސް ދަތުރަކަށޭ! ކްލައިންޓު ހޯދަނީ މި!” ރީމް އަނެއްކާވެސް މަގަށް ވީފަޅިއަށް ބަލައިލަމުން ބުނެލިއެވެ.
“ކްލައިންޓު ތިހިރީ ކުރިމަތީގައެންނު!” ރީމްމެންނާއި ދިމާލަށް ހިނގަމުންއައި ހުދާ ބުނެލިއެވެ. އެވަގުތު ވީ އުފަލެއްގެ ސަބަބުން ރީމް އައިނާ ގައިގައި ބައްދައިގަތެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ރީމް ފެލިދުއަށް އައީ އެރަށުގައި އޮންނަ ކައިވެނި ޕާޓީއަކަށް އެތަން ތައްޔާރު ކުރާށެވެ. ކުރިން ކައިވެނި ކުރާ ދެމީހުންނެއް ރީމްއަކަށް ނޭނގުނެވެ. ނަމަވެސް މިހާރު އެ އެނގުނީތާއެވެ.
“ކީއްވެތަ ކުރިން ނުބުނީ އެކެއްވެސް؟ މި ހުދާ މެނަށް އިނގޭނެ ދޯ އައިނާގެ ޕާޓީއެއްކަން… އެހެންވެގެންނޭ އޮފީހުގަ ކުރަން ޖެހުނު ކަންކަން މިމީހުން ކުރީ! ކީއްވެ ތަ ގުޅާފަ ނުބުނީ؟” ރީމް އެހިއެވެ.
“ދެން ހުރިހާ ވާހަކައެއް ދައްކަނީ މިތާ ހުރެތަ؟ މަންމަ ހުންނާނެ މިހާރު ލަސްވެފަ! މަންމައަށް ސަޕްރައިޒެއް ދޭށޭ މިއުޅެނީ! ޔޫޝައު އަންނަ ކަމެއްވެސް ނޭނގޭނެ… ރީމް އަންނަކަންވެސް ނޭނގޭނެ! އަހަރެންގެ ކޮންމެވެސް ރައްޓެއްސެއް އަންނަ ވާހަކަ ބުނެގެން ޔޫޝައުގެ ކޮޓަރި ސާފުކޮށް ސައި ތައްޔާރު ކުރީވެސް! ހިނގާ ދާން އަވަހަށް!” ވެފައި ހުރި އުފަލެއްގެ ސަބަބުން ރީމްގެ ފޮށި އޭނަގެ ތިއްތަބެ ނާހިލް އަތަށް ދެމުން އައިނާ ބުނެލިއެވެ.
“އިއްތިފާގު!” ހިނގައިގަންނަމުން ޔޫޝައު އެހެން ބުނެލިމާއިއެކު އެންމެންވެސް ހިނިގަނޑެއް ޖަހައިލިއެވެ. ގެއަށް ދިޔަ މަގުމަތީގައި އެންމެންވެސް ދިޔައީ ކޮންމެވެސް ވާހަކައެއް ދައްކަމުންނެވެ. ހީސަކަރާތް ޖަހަމުންނެވެ. މާދުރަކަށް ހިނގާކަށް ނުޖެހުނެވެ. އައިނާ މެންގޭގެ ގޯތި ތެރެއަށް ވަދެ ގެއަށް ވަންނަ ދޮރުގެ އެއްފަޅީގައި ޔޫޝައުއާއި ރީމް މަޑުކޮށްގެން ތިއްބެވެ. އައިނާ ގޭގެ ދޮރު ހުޅުވުމުން ނާހިލް ފޮށިތައް ހިފައިގެން އެތެރެއަށް ވަދެ ސޯފާ ކައިރީގައި ފޮށިތައް ބެހެއްޓިއެވެ.
“ފުރަތަމަ ޔޫޝައު ވަދޭ! ދެން ފަހުން ރީމް ވަންނާނީ… އިނގޭ!” އައިނާ ހަދަންވީ ގޮތް ކިޔައިދިނުމުން ޔޫޝައު ގޭތެރެއަށް ވަދެ އެންމެންނަށް ގޮވަން ފެށިއެވެ.
“މަންމާ! ބައްޕާ! ތިއްތާ!” އަޑުގެ ނެތް ކޮޅަށް ޔޫޝާއު ގޮވަން ފެށިއެވެ.
“ކާކުތަ އެހާ ބާރަށް ހަޅޭއް…” ކޮޓަރިން ނިކުތް ޔޫޝައުގެ މަންމަ މަރިޔަމައަށް ޔޫޝައު ފެނުމުން ހުއްޓުން އެރިކަހަލައެވެ.
“ދަރިފުޅާ!” ޔޫޝައު އޭނާގެ އަތުތެރެއަށް ބޮނޑިކޮށްލަމުން ބުނެލިއެވެ. މަރިޔަމްގެ މޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. އެހާ ދުވަހަށް ފަހު އަމިއްލަ ދަރިފުޅު ފެންނަ ކޮންމެ މަޔަކަށްވެސް ވާނީ ހަމަ މިވަރުކަން ޔަގީނެވެ.
“މިހެން ވެގެން ދޯ އެހާ ވަރަކުން ޔޫޝައުގެ ކޮޓަރި ސާފު ކުރުވީ… އަދި ބުންޏެންނު ތިމަންނަގެ ރައްޓެއްސެއް އަންނަނީއޭ!” އައިނާއާއި ދިމާލަށް ބަލައިލަމުން މަޖާ ފާޑަކަށް މަރިޔަމް ބުނެލިއެވެ.
“ދަރިފުޅާ ބޭރު އެހެރީ ކޮން މަންޖެއެއްތަ؟” ގޭތެރެއަށް ވަން ޔޫޝައުގެ ބައްޕަ ހަސަން ބުނެލިއެވެ. ޔޫޝައު ފެނުމުން ހަސަނު ނުލާހިކު ލޯބިން އޭނާގައިގައި ބައްދައިލިއެވެ.
“ކޮން ކުއްޖެއް؟” މަރިޔަމް އެހިއެވެ.
“އަޅެ މަންމަ ދޭބަލަ ބަލައިލަން!” އައިނާ ބުންޏެވެ. މަރިޔަމް ދޮރު ކައިރިއަށް ގޮސް ބަލައިލި އިރު އެތާ ހުރީ ރީމްއެވެ. މަރިޔަމަށް ހީވީ ދެ ޢީދު އެއްފަހަރާ އައިހެންނެވެ.
“ނުވެސް ބުނެލަ އެންނު ތިއައީ… އެހެން ނޫނީ ރީމްއަށް އެންމެ މީރު އެއްޗިއްސެންނު ހަދާނީވެސް!” ރީމްގެ އަތުގައި ހިފާ ގެއަށް ވައްދަމުން މަރިޔަމް ބުނެލިއެވެ.
“ދައްތަ ދެން ހުސް ރީމްއަށް މީރު އެއްޗިސް ހަދަންޏާ ޔޫޝައުއަށް މީރު އެއްޗެށް ހަދާނީ ކިހިނެއް؟” ޒިއުނީ އެހިއެވެ.
“އެއްކަލަ ޒިއުނީ… ދެން ދައްތަ ޔޫޝައުއަށް މީރު އެއްޗިސްވެސް ހަދާ ދޭނަމެންނު! ހިނގާ އެންމެން ސައިބޮން ދާން ދޯ!” ކާގެއާއި ދިމާލަށް ހިނގައިގަންނަމުން މަރިޔަމް ބުނެލިއެވެ. ބޮޑު ތަނަވަސް ގެއެކެވެ. ބޮޑު ސިޓިންރޫމަކާއި ފަސް ކޮޓަރީގެ ތަނެކެވެ. ގޯތިތެރެއިން ގެއަށް ވަދެގެން އަންނަ އިރު “ވޯކްވޭ”ގެ ދެފަރާތުގައި އެކި ވައްތަރުގެ ގަސްތައް އިންދައިފައިވެއެވެ. އެތަނަށް ބަލައިލުމުން އެކަނިވެސް މަރިޔަމްއަކީ ގަސްއިންދަން ލޯބިކުރާ މީހެއްކަން ހާމަވެގެންދެއެވެ. ސިޓީންރޫމުގައި މަޑު އަޅި ކުލައެއްލައިފައި ހުރިއިރު ފަންސާސް އިންޗީގެ ޓީވީއެއް ކުރިމަތީގައި “ނޭވީ ބްލޫ” ކުލައިގެ ބޮޑު ސޯފާ ސެޓެއް އިނެވެ. ފާރުގައި އަތްތެރި މަސައްކަތުން ހަދައިފައި ހުރި ފްރޭމުތަކެއްވެސް އެލުވައިފައި ހުއްޓެވެ.
ސުފުރާ މަތީގައި ކުޅި ބޯކިބަލާއި، ހަނޑުލުގުޅައާއި، ބަޖިޔަލާއި، ގެރިކިރު ބޯކިބަލާއި ރޯސްޕާން ހުއްޓެވެ. ބާރަ މީހުންނަށް އީށީނދެގެން ތިބެވޭ ވަރުގެ ބޮޑު މޭޒެއްގައި އެންމެންވެސް ސަޔަށް އިންސާފު ކުރަން ފެށިއެވެ.
“ހަސަނަށް ހަމަ ނޭނގުނުތަ އެތާ ދޮރު ކައިރީ ހުރީ ރީމް ކަމެއް؟” މަރިޔަމް އެހިއެވެ.
“އާނއެކޭ! އަހަންނަށް ރީމް ފެނުނު އިރު ހީވި ދަންނަ ކުއްޖެއްހެން… ވިސްނާ ވިސްނާ ނޭނގުނު… އެހެންނު ވާނީވެސް! ބަލާބަލަ ބަދަލުވެފައި ހުރި ވަރު!” ހަސަން ބުނެލިއެވެ.
“ދޮގެއްވެސް ނޫނޭ! އޭރު އުޅުނީ ބުރުގާ ނާޅާ ވީއްޔަ ދޯ! ބުރުގާ އެޅީމަ މާ ލޯބި… ހަމަ ޖަހަނީ ރީމްގެ މަންމަ ވައްތަރު!” މަރިޔަމް ރީމްއާއި ދިމާލަށް ބަލައިލަމުން ބުނެލިއެވެ. ރީމްގެ ކޯތާފަތް ރަތްވި ތަން ޔޫޝައުއަށް ފެނުމުން ބޭއިޙްތިޔާރުގައި އޭނާއަށް ހިނިތުންވެވުނެވެ.
“އައިނާވެސް އެ އުޅެނީ މީހަކާއި އިންނަން… ދެން ރީމް މިހަކާއި އިންނަނީ ކޮން އިރަކުން؟” މަރިޔަމް ގެ ސުވާލުން ރީމްގެ އިތުރުން އައިނާއާއި ހުދާއާއި ޒިއުނީގެވެސް މޫނުމަތީ ކުލަވަރު ބަދަލު ވެގެން ދިޔައެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.



Yayyy me first dho … Varah reethi mi vaahaka ves curiously waiting for the next part ☺️ ☺️☺️
Yess!! you are first starlight? vrh bodah shukuriyya starlight?? vrh ufaa vehjje vaahaka reethi veema❤❤ 2 vana episode monday kiyaalan libeyne… in sha allah ??
masha allah. vr rythi first bai vs.. curiously waiting for the second part.. stay safe..
varah bodah shukuriyya nafu 🙂 in sha allah monday ga 2 vana bai submit kohlaanan… stay safe ly
Masha Allah varah reethi mi bai vx?????❤❤… waiting for the next part???
Thanks maii??❤???
Ma Sha Allah… Vvvvv reethi mi part ??
Vrh bodag shukuriyya shika???❤??
Ma Shaa Allah. Varah reethi mi part ????
Thanks aarsh??❤?
Kalhukulaige raiy finifenmaa inyma its confusing. I think it should be kalhukulaige finifenmaa
E kalhukula eii dhabahuge kula and raiy finifenmaa eii dhabahuga in design sifa kondheyn liyefa?