އިރު މެދު އުޑުގައި މުޅި ދުނިޔެއަށް އަލިކަން ކުރަމުން ދިޔައެވެ. އިރުގެ ރަންއަލިން މުޅި ދޮންވެލި ފަސްގަނޑު ދިޔައީ ވިދާ ބަބުޅަމުންނެވެ. ދޮންވެލި ގަނޑު މަތީގައި ރާޅުޖަހާ ފަށުގައި ހިނގަމުން އަހަރެން ދިޔައީ އަހަރެންގެ ކުދި ފިޔަވަޅުތައް ފަހަތައް ދޫކުރަމުންނެވެ.

ކުދި ރާޅުތައް މަޑު މަޑުން އައިސް އަހަރެންގެ ފައިތިލައިގައި ބޮސްދީފައި އެނބުރި މޫދުގެ ތެރެއަށް ގެއްލިގެން ދެއެވެ. އެރާޅުތައް އަހަރެން ފަހަތައް ދޫކުރަމުން އައި ފިޔަވަޅުތައް ފުހެލަމުން ގެންދިޔައެވެ.

އަހަރެންވެސް ބޭނުންވަނީ އެގޮތައް އަހަރެން ފަހަތައް ދޫކޮށްލައިފައި އައި މާޒީ ހިތާއި ސިކުނޑިން ފުހެލާށެވެ. ނަމަވެސް އާހް އެވެ.. އެއީ ވާނޭ ކަމެއް ނޫނެވެ. އެއްއަތައް ފައިވާން ޖޯޑު ލައިގެން މަޑު ހިނގުމެއްގައި އަހަރެން ގޮސް ހުއްޓިލީ ތުނޑީ ކޮޅުގައެވެ. އަވިގަނޑު މެދުގައި އަހަރެން އިށީންދެލީމެވެ. ބޮލުގައި އޮތް ތޮފިން މޫނަށް ހިޔާ އެޅިފައި ވެއެވެ.

އަހަރެން ނަޒަރު ހިންގާލީ ކުރިމަތިން ފެންނަން އޮތް ކޮޅާއި ކޮޅު ނުފެންނަ މާސިންގާ ބޮޑު ކަނޑަށެވެ. އިރުގެ ރަންދޯދި ތައް މޫދުގެ ލޮނުގަނޑައް އެޅިފައި އޮންނައިރު ހީވަނީ ޖަވާހިރު ތަކެއް ވިދާ ބަބުޅާހެންނެވެ.

ނަމަވެސް، އަހަރެންގެ ވިސްނުން މިސްރާބު ޖެހީ އޭގެ ހަތަރު ވަރަކަށް އަހަރު ކުރިއަށެވެ. އޭރު އަހަރެންގެ އުމުރުން އެންމެ ފަނަރަ އަހަރެވެ. ރެއަކީ ވަރަށް ރީތި ހަނދުވަރު ދިން ރެއެކެވެ. މާލޭގެ ހަލަބޮލި މަގުގައި އަހަރެން ގޮވައިގެން ކާރުގައި ބައްޕަ ދުއްވާލައިފައި ދިޔައީ އަހަރެން އާދޭސް ކުރާ ވަރުންނެވެ. އެރެއަކީ ވަރަށް ބާރު ބޮޑު ރެއެކެވެ. އަހަރެން އާދޭސް ކުރަމުން ދިޔައީ ބާރަށް ދުއްވުމަށެވެ.

ނަމަވެސް ބައްޕަ މަނާވެގަންނާތީވެ އަހަރެން ފުއްކުނޑި ދައްކަން ފެށީމެވެ. އެންމެ ފަހުން ބައްޕަ ކާރުގެ ދުވެލި ބާރުކޮށްލިއެވެ. މަޖީދީމަގުގެ ވަކި ހިސާބަކަށް ދެވުނެވެ. ކުރިމަތިން އައި ވަރަށް ބަރުކޮށް މުދާ އަރުވައިގެން އައި ޕިކަޕެއް ގައި ޖެހުނުކަން އިނގުނެވެ. ދެން ވީގޮތެއް އަހަރެންނަކަށް ވެސް ނޭނގުނެވެ.

ހޭއެރިއިރު އަހަރެން އޮތީ ހޮސްޕިޓަލުގެ ވޯޑުގައެވެ. ކައިރީގައި ދޮންމަންމަ ރޯން އިނެވެ. އަހަރެންގެ ސިކުނޑިއަށް ކަންތައް ތައް އައީ އިރުކޮޅެއް ފަހުންނެވެ. “ކަލޭ.. ކަލޭގެ ސަބަބުން އަހަރެންގެ ފިރިމީހާ މަރުވީ..” ދޮންމަންމަ ބުނި އެއްޗަކުން އަހަރެންގެ ދުނިޔެ އެފުއް މިފުށައް ޖެހުނެވެ.

އަހަރެންގެ އެންމެ ގާތް މީހަކަށް ވެސް ހުރީ އަހަރެންގެ ބައްޕަ އެވެ. އެބައްޕަ ނެތްނަމަ އަހަރެންގެ އެއްވެސް މީހަކު ނުހުންނާނެއެވެ. އުމުރުން ހައަހަރުގައި މަންމަވެސް މިފަނާވަނިވި ދުނިޔެއާއި އަލްވަދާއު ކިއީއެވެ. އަނެއްކާ ބައްޕަވެސް އެވެ.

“ނޫންންން..” އަހަރެން ހަޅޭއް ލަވައި ގަންނަމުން ރޮއެގަތީމެވެ. އަހަރެންނަކަށް މާބޮ އަނިޔާއެއް ނުލިބެއެވެ. އެއީ އަހަރެން އިނީ ފަހަތު ސީޓުގައި ކަމުންނެވެ. ނަމަވެސް ބައްޕަ ނިޔާވީ ބޮލައް ތޫނު އެއްޗެއް ހެރުމުގެ ސަބަބުންނެވެ.

ވަރަށް ހާލުން އަހަރެން އެކަމުން އަރައިގަތީ މެވެ. އެރޭގެ އެހާދިސާގެ ސަބަބުން ދޮންމަންމަ ގެއިން ނިކުމެގެން ދިޔައީ އެވެ. ބައްޕަގެ ބޮޑު ގޭގައި އަހަރެން އުޅެމުން އައީ އެކަންޏެވެ.

އަދިވެސް އަހަރެން ޤަބޫލު ކުރަނީ ބައްޕަ މަރުވީ އަހަރެންގެ ސަބަބުން ކަމަށެވެ. އެރޭ އަހަރެން ބާރަށް ދުއްވަން ބޮޑާ ނުހޭކިނަމަ ބައްޕަ ދުނިޔޭގައި ހުރީސް އެވެ. އެރޭ އެހެން ދިމާވީ ހަމަ އަހަރެންގެ ސަބަބުންނެވެ.

-ނިމުނީ-

31