Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 17

Shiu 💞🌸 Level 110 Stories
June 17, 2020 4 Mins Read
2 Comments

ޓެރެސްއިން ދުޖާނާއާ ދިމާވުމުން ލޫތު ހިތްހަމަ ޖެހުނީ ދިގު އިންތިޒާރެއް ކުރަން ނުޖެހުމުންނެވެ. ވަގުތުން ވާހަކައެއް ދައްކާލަން ބޭނުންވާ ކަމަށް ދުޖާނާ ގާތުގައި ބުނެލިއެވެ.

ލޫތު ދުޖާނާއަށް ކިޔައިދޭންފެށީ އެންމެ ކުޑައިރުގެ ވާހަކަތަކެވެ. މަލްހާ އާއި މާލިކްގެ ވާހަކަތަކެވެ. ކައިވެނި ކުރުމަށްފަހު ދިމާވި ހާދިސާއެވެ. އަހުސަމްގެ ފަރާތުން ޔައުޤޫބަށް އެނގިގެން ކިޔާދިން ވާހަކަތަކެވެ. ރޭގައި މަލާގެ މޫނު ފެނުނު ވާހަކައެވެ. އެހިސާބުން ދުޖާނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެއްޖެއެވެ. ދުޖާނާގެ ސިކުނޑި ވެގެން އުޅޭ ގޮތް ދެނެގަތްކަމުގެ ހެއްކަކަށް އޭނާގެ ލޮލުން ފައިބަން ފެށި ކަރުނަތައް ވިއެވެ.

” އައި ވޯންޓް ދަ ޑީޓެއިލްސް…. ޓެލް މީ އޯލް އެބައުޓް އިޓް…” ދުޖާނާގެ މޫނުމަތިން ފެނުނު ކުލަވަރާއެކު ދުޖާނާއަށް ހަގީގަތް އެނގޭކަމަށް ލޫތު ނިންމިއެވެ. ލޫތު އޭނާއަށް ވީވަރަކުން ދުޖާނާއަށް އިޚްތިރާމްކުރަން މަސައްކަތް ކުރިނަމަވެސް އަޑުގައި ކޮންމެވެސް ވަރެއްގެ ހަރުކަށިކަމެއްވިއެވެ.

ލޫތުގެ ސުވާލާއެކު ދުޖާނާއަށް މަޖުބޫރުވީ އޭނާގެ މާޒީތެރެއަށް ފީނައިގަންނާށެވެ. އެހަނދާންތަކަކުން އެތައް ހާސް ހިތްދަތިކަމެއް ލިބޭ ހަނދާންތަކެކެވެ.

**********

ބަލިވެއިން ދުޖާނާ ތުރާބާއެކު ހަސްފަތާލަށް ސްކޭންކުރަން ދިޔަ މަގުމަތީގައި މަޝްވަރާކުރަމުން ދިޔައީ އަންހެންކުއްޖަކަށް ވެއްޖެނަމަ ކިޔާނެ ރީތި ނަމަކާއި މެދުއެވެ. ތުރާބް ބޭނުންވީ ޖަންނަތު ކިޔުމަށެވެ. އެއީ ތުރާބަށް މާ ރީތި ނަމަކީޔޯލައެވެ.

އަންހެން ކުއްޖަކު ލިބުމަށް އުއްމީދުކޮށްގެން ހުރި ދުޖާނާގެ މޫނުމަތިން ކުލަ އޮއްސުނީ ފަސްމަހުގައި ކުރެވުނު ސްކޭނަށްފަހު ޑަކްޓަރު ފިރިހެން ކުއްޖެއް ކަމުގައި ބުނުމުންނެވެ.

ސްކޭން ހަދައިގެން ގެއަށް އައިއިރު 2 އަހަރުގެ ކުޑަ ދަރިފުޅު އާލިޝް ގޭތެރޭގައި ދުވެލާފައި އުޅެއެވެ. އޭނާގެ ނެނީ އޭނާގެ ފަހަތުން ދުވެދުވެ ވަރުބަލިވެފައި ހުރިކަން މޫނުމަތިން ހާމަވެއެވެ. ކާރު ގަރާޖަށް ވައްދާފައި ފިރިމީހާ ތުރާބް ފަހަތުން އަންނަންދެން ދުޖާނާ މަޑެއްނުކުރިއެވެ. އާލިޝްގެ ނެނީ ބަލަބަލާ ހުއްޓާ ދުޖާނާ އެތެރެއަށް ވަދެގެން ދިޔައީ ތުރާބް ފަހަތުން ގޮވަގޮވައި ހުއްޓައެވެ. ފިނި ހިނިތުންވުމެއް ނެނީއަށް ދީފައި ތުރާބް އާލިޝްއާ ސަމާސާ ކޮށްލާފައި އަވަސްކޮށްލައިގެން ދުޖާނާ ފަހަތުން ދިޔަތަން ދެކެން ނެނީ ހުރީ ހައިރާންވެފައެވެ. “ރޯޔަލް”ގައި އުޅޭތާ ދެއަހަރު ވެގެން ދިޔައިރު މިކަހަލަ މަންޒަރެއް މިފެނުނީ އަލަށެވެ.
ދުޖާނާއާ ތުރާބަކީ ދުވަސްވެފައި ތިއްބަސް “ކަޕްލް ގޯލްސް” އެވެ. އެމީހުންގެ ކައިވެންޏަށް 15 އަހަރު ވެގެން ދިޔައިރު ދެމަފިރިންގެ މެދުގައިވަނީ ބަދަލުވުމެއް ނެތް ފުން ލޯތްބެކެވެ.

ތުރާބް ކޮޓަރިތެރެއަށް ވަތް އިރު ދުޖާނާ އެނދުމަތީގައި އިށީންދެލައިގެން އިނެވެ. ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައިރު ދޭތެރެއަކުން ބޮޑުވެފައިވާ ބަނޑުގައި ފިރުމާލައެވެ. ތުރާބް ފުން ނޭވައެއް ދޫކޮށްލާފައި ދުޖާނާގެ ގާތުގައި އިށީންދެލާއިރަށް އޭނާގެ ބަޑިފަޅައިގެން ގޮސް ތުރާބްގެ ގައި ބައްދާލައިފިއެވެ.
“މީ އަޅުގަނޑުގެ ހަތަރުވަނަ ދަރިފުޅު.. އުމުރުން ދުވަސްވަމުން މިދަނީ… މިފަހަރު ވަރަށް ބޮޑަށް އުއްމީދުކުރިން އަންހެން ކުއްޖަކަށް… އިނގޭ ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން.. މިކަމާއި ޝަކުވާކުރުން ރަނގަޅު ނޫންކަންވެސް…. ދެރަވީ ވަރުން……” ރުއިމުގެ ތެރެއިން ވާހަކަ ދައްކަމުން ދުޖާނާއަށް މާބޮޑަށް ރޮވިއްޖެއެވެ. އައްޔޫބް ލިބުނުފަހުން މާބަނޑުވީ ކޮންމެ ފަހަރަކު އަންހެން ކުއްޖަކަށް އުއްމީދުކުރެވުނީ ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ.

ދުޖާނާ ދެރަވީ ތުރާބް ދެއްކި ވާހަކަތައް އަޑު ނާހައި އަވަސްކޮށްލައިގެން ވަދެވުމުންނާއި الله تعالى ގެ ޤަދަރާއި މެދު ޝަކުވާ ކުރެވުމުންނެވެ. އެދަރިފުޅު ލިބެން އެއުޅެނީ ތަޤުދީރުގައި އެހެން ލިޔެވިފައިވާތީއެވެ. އެކަމާއި ޝަކުވާކޮށް ރޮއި ހެދުމުގެ ބޭނުމެއް ނެތެވެ.
އެތައް އަހަރެއް ވަންދެން ކައިވެނިކޮށްގެން އުޅުނުއިރު ދުޖާނާވަނީ ފިރިމީހާއަށް ދޭންވާ އިޚްތިރާމާއި ޤަދަރު ފުރިހަމައަށް ދީފައެވެ. ކުރިމަތީގައި އުއްފުގެ ބަހެއްވެސް ނުބުނާއިރު މިއަދު އޭނާއަށް ކުރެވުނީ ބޮޑު ކުށެއް ކަމުގައި އިހްސާސްކުރެވިއްޖެއެވެ. ހަސްފަތާލުން ނުކުމެގެން ގެއާ ހިސާބަށް އާދެވުނު އިރުވެސް ފިރިމީހާ ދެއްކި ވާހަކަތަކަށް އޭނާވަނީ ބީރު ކަންފަތެއް ދީފައެވެ. ކޮޓަރިއަށް ވަދެގެން ދިޔައީވެސް ތުރާާބް ފަހަތުން ގޮވަގޮވައި ހުއްޓައެވެ. އެމަންޒަރު އާލިޝްގެ ނެނީއަށްވެސް ފެންނާނެކަން ޤައިމެވެ.

ތުރާބް ދުޖާނާއަށް ހިތްވަރު ލައިދިނީ ލޯބިންނެވެ. ކަރުނަ ފޮހެދީފައި ނިކަން ލޯބިން ބައްދާލަމުން ދުޖާނާއާ ސަމާސާކޮށްލާ ހެއްވާލިއެވެ. ތުރާބް ރުޅި އިސްކޮށް ވާހަކަ ދައްކަން ބޭނުމެއް ނުވެއެވެ. އެއީ އެއަށްވުރެ ދުޖާނާދެކެ ވާ ލޯބި މާ ބޮޑެވެ. ދީނުގައި ވާ ގޮތުން އަނބިމީހާއާ ދިމާލަށް ބަލާލެވޭ ގޮތަކުން އަނބިމީހާ ހިތުގައި ޖެހުނަސް މަޢާފަށް އެދެންޖެހެއެވެ.

އޭގެ ތިން މަސް ފަހުން ދުޖާނާ ލޯބި ލޯބި ފިރިހެންދަރިއެއް ވިހައިފިއެވެ. ދަރިފުޅު ފެނުމާއެކު ދުޖާނާގެ ހިތް މަޑުކަފަކޮޅަކަށްވެ އެކުއްޖާ މެޔާލާ ބޮޑިކޮށްލައިފިއެވެ. ތުރާބްގެ ހިތަށް މިކަމުން އުފާވެރިކަން ލިއްބުވައި ދިނެވެ. ދަރިފުޅަށް ކިޔާނެ ނަމެއް ޚިޔާރުހުރީ ވެސް ދުޖާނާއެވެ. އަައްޔާޝްގެ ނަމުން ދަރިފުޅަށް ނަން ދިނުމަށްފަހު “ރޯޔަލް” ގައި ކުލަ ގަދަ ހަފްލާއެއް ބޭއްވުނެވެ.

އައްޔާޝަށް 17 އަހަރުގައި ތުރާބްގެ ކުއްލި ވަކިވުމަށްފަހު ދުޖާނާގެ ހަޔާތް އެފުށް މިފުށަށް ޖެހުނު ކަހަލައެވެ. ކެތްކުރަން ދަތި ހިތާމައެއް ދުޖާނާއަށް ލިބުނެވެ. މައްސަރެއް ވަންދެން ހަސްފަތާލުގައި އެޑްމިޓްކޮށްފައިވެސް ބޭއްވުނެވެ. ނަފްސާނީ ގޮތުން އެތައް އަސަރުތަކެއް ކުރުވިއެވެ. ހަސްފަތާލުން ގެއަށް ދޫކުރީ ދުޖާނާ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުނުފަހުންނެވެ.

އެހެންނަމަވެސް އޭގެ ފަހުން ދުޖާނާ ހުންނަނީ ނެގިމަޑުވެފައެވެ. އަބަދުގެ ކަމަކީ ތުރާބްގެ ހަނދާންތައް އާކުރުމަށްފަހު ހިތާމަކުރުމެވެ.
އޭގެއިން ދުވަހެކެވެ. ދުޖާނާ އެކަނި ބޭރަށް ނުކުތީ ތުރާބް ވަޅުލެވިފައިވާ ތަނަށް ޒިޔާރަތްކުރުމަށެވެ. އެތައް އިރެއް ވަންދެން އެތަނުގައި ރުއިމުގައި ވަގުތު ހޭދަކުރިއެވެ. ތުރާބްގެ ފާފަތައް ފުއްސަވާދެއްވުމަށް އެދި ދުޢާ ކުރިއެވެ. އެންމެފަހުން ހިތްހަމަޖެހޭވަރުވުމުން ގެއާ ދިމާލަށް ދިޔުމަށް އެތަނުން ނުކުތެވެ.

މަގުގެ އެއްފަރާތެއްގައި ދުޖާނާ މަޑުކޮށްލައިގެން ހުރީ “ރޯޔަލް”ގެ ދުވަސްވީ ޑްރައިވަރު ޢަދިއްޔު އަންނަންދެނެވެ.
ކާރޫބާރޫ ބޮޑު މަގުމައްޗަށް ބަލަން ހުރި ދުޖާނާގެ ޚިޔާލުގައިވީ ތުރާބާއެކީގައި ހޭދަކުރެވުނު ދުވަސްތަކެވެ. އުފާވެރި ވަގުތުކޮޅުތަކެވެ. ޚިޔާލީ ވާފަށް ކަނޑައިގެންގޮސް ދުޖާނާ ސިއްސައިގެން ދިޔައީ ކުރިމަތިން ބޮޑު އެކްސިޑެންޓެއް ހިނގުމުންނެވެ. އެކްސިޑެންޓް ވި ކާރު އެނބުރެމުން ގޮސް ހުއްޓުނީ އިނދިކޮޅަށެވެ. އޭރު ކާރު ތެރޭގައި ފިރިހެންކުދިންތަކަކާއި އަންހެންކުއްޖަކު އޮތެވެ. އެތާ ހުރި މީހުން އަވަސްވެގަތީ ކާރު ތެރޭގައި ތިބި މީހުން ނެރުމަށެވެ. ފުރަތަމަ ވެސް ނެރުނީ މޫނު ބުރުޤާ އަޅައިގެން ހުރި މާބަނޑު އަންހެންކުއްޖެކެވެ. އޭރު ކޮންމެވެސް މީހަކު އެމްބިއުލޭންސަށް ގުޅައިފިއެވެ. އެތާގައި ތިބި މީސްކޮޅު މަދުކަމުން ޒަޚަމްވެފައިވި އަންހެންކުއްޖާއަށް އަޅާލާނެ މީހަކު ނެތެވެ. އެންމެވެގެން އުޅުނީ ކާރު ތެރޭގައި ތާށިވެފައި ތިބި އެހެން މީހުން ނެރުމަށެވެ. 
އަންހެން ކުއްޖާ އޮތީ ވަރަށް ކައިރީގައިކަމުން ދުޖާނާއަށް ހުރެވުނީ އަންހެންކުއްޖާގެ ހަރަކާތްތަކަށް ބަލާށެވެ. އޭނަަ ބަނޑުގައި އަތް އަޅާލައިގެން އޮވެ މަޑުމަޑުން ކުކުރަމުން ދިޔައެވެ. ދުޖާނާއަށް ބަލަން ހުރެވުނީ އިރުކޮޅަކަށެވެ. ކެތްނުވެގެން އަންހެންކުއްޖާ ކައިރީގައި އިށީންދެ ވާހަކަ ދެއްކޭތޯ އުޅުނެވެ.
“ޒަވްޖީ… ޒަވްޖީ…..” ކުކުރަމުން އޭނާގެ އަޑުން ހަމައެކަނި ނުކުތީ އެބަހެވެ. އިތުރު ވާހަކައެއް ދެއްކޭނެހާ ހިތްވަރުވެސް ނެތީ ކަންނޭނގެއެވެ. ‘ޒަވްޖީ’ އަކީ އަރަބި ބަހުން ‘އަހަރެންގެ ފިރިމީހާ’ އެވެ. އެހެންކަމުން އަންހެންކުއްޖާގެ ފިރިއެއް ހުންނަކަން ދުޖާނާއަށް ޔަޤީންވިއެވެ.

ޢަދިއްޔު ކާރުގައި މަގުގެ އެއްފަރާތުގައި ދުޖާނާގެ އިންތިޒާރުގައި އޮތެވެ. ދުޖާނާ އިންތިޒާރު ކުރަމުން ދިޔައީ އެމްބިއުލޭންސް އަންނާނެ އިރަކަށެވެ. އެ މައުސޫމް އަންހެންކުއްޖާ އެތަނަށް ދޫކޮށްލާފައި ދާން ދުޖާނާ ބޭނުންނުވީއެވެ. އެންމެފަހުން ތިރީސް މިނަޓް ވިއިރުވެސް އެމްބިއުލޭންސް ނައުމުން ޢަދިއްޔުގެ އެހީގައި އަންހެންކުއްޖާ ކާރަށް އަރުވައިގެން ހަސްފަތާލަށް ދިޔުމަށް ނިންމިއެވެ.

އޮޕެރޭޝަން ތިއޭޓަރުގެ ބޭރުގައި ދުޖާނާ މަޑުކޮށްލައިގެން ހުރީ މަލާގެ އޮޕެރޭޝަނެއް ކުރެވެމުން ދިޔައިތީއެވެ. އެއަންހެން ކުއްޖާއާ ހަވާލުވުމަށް އޭނާގެ އާއިލާއިން އަންނަންދެން މަޑުކުރަން ބޭނުންވެގެނެވެ. އެހެން ހުއްޓާ އެންމެ ފުރަތަމަ ދުޖާނާގެ އަތަށް އެރީ މަލާގެ ކުޑަދަރިފުޅެވެ. ކުޑަދަރިފުޅު ފެނުމާއެކު އެ މައުސޫމްކަމަށް ގެއްލިފައި އެތައް އިރަކު ހުރެވުނެވެ. އެއާއެކު ދަރިފުޅު މެޔާލާ ބޮޑިކޮށްލިއެވެ. ނަރުސްކުދިންނަށް ހީކުރެވުނީ ދުޖާނާ އަކީ މަލާގެ މަންމަކަމުގައެވެ. ދުޖާނާ އެމީހުނަށް ހަގީގަތް ކިޔައިދޭން މަސައްކަތެއްވެސް ނުކުރެއެވެ.

މަލާގެ ބޮލަށް ލިބުނު ގެއްލުމުގެ ސަބަބުން ކުރެވުނު އޮޕެރޭޝަނަށްފަހު ތިންދުވަސް ވަންދެން ހޭނާރާ އޮތެވެ. އެތިން ދުވަސްތެރޭގައި އެކްސިޑެންޓާއި ބެހޭގޮތުން ބަޔާން ނެގުމަށް ފުލުހުން ހަސްފަތާލަށް އަޔެވެ. ފުލުހުންގެ ފަރާތުން އެ އެކްސިޑެންޓްގައި ކާރުގައި ތިބި އެހެން އެންމެން މަރުވިކަން އެނގުމުން ދުޖާނާގެ ހިތަށް ނުބައި ގޮތެއްވިއެވެ. އެހެންކަމުން ދުޖާނާވެސް މަލާއަކީ ކާކު ތޯ ހޯދަން މަސައްކަތްކުރިއެވެ. ތުރާބާއި ދުޖާނާގެ އާއިލާއާ ގުޅިފައިވި އެތައް ބަޔަކު ފުލުހުންނަށް އުޅޭތީ ދުޖާނާ އެކަންތައް ކުރީ އަޑިއަޑިންނެވެ. މަލާގެ ފޮޓޯ ފޮނުވައި އެއީ ކާކުތޯ “ވެރިފައި” ކޮށްދިނުމަށް އެދުނެވެ. އެތައް ދުވަހެއްގެ މަސައްކަތުންވެސް މަލާ އަކީ ކާކުކަމެއް އެމީހުނަކަށް ނުޙޯދުނެވެ. ޒުއްނޫރު ވަނީ މަލާގެ ނަން މުޅި ދުނިޔެއިން ފޮހެލާފައިކަމެއް އެކަކަށްވެސް ނޭނގެއެވެ.

ތިން ދުވަހަށްފަހު މަލާ ހޭ އެރިއިރު އޭނާގެ އަމިއްލަ ނަަންވެސް އޭނަައަކަށް ނޭނގުނެވެ. ކުޑަ ދަރިފުޅާ ދިމާލަށްވެސް ބެލީ މުޅީން ބީރައްޓެހި ނަޒަރަކުންނެވެ. ފުލުހުން ބަޔާން ނެގުމަށް އައިއިރުވެސް މަލާ ހުރީ އެހެނެވެ.

އެންމެފަހުން ޑަކްޓަރު އިތުރު ޓެސްޓްތަކެއް ހެދުމަށްފަހު ބުނީ ބޮލަށް ލިބުނު ގެއްލުމުގައި މަލާގެ ހަނދާންތައް ފޮހެވިފައިވާކަމަށް ބެލެވޭ ވާހަކައެވެ. ހަނދާންތައް އެނބުރި ނައުމަކީވެސް އެކަށީގެންވާ ކަމުގައެވެ. ދުޖާނާ ކުރި މަސައްކަތުން މަލާގެ އެއްވެސް މީހަކު ނުފެނި ހުއްޓާ މަލާ ޑިސްޗާރޖް ކުރުމުން “ރޯޔަލް” އަށް މަލާ ގޮވައިގެން ދިޔައީ އެހަސްފަތާލަށް ދުޖާނާގެ ނަމްބަރު ދީފައެވެ. މަލާ ހޯދުމަށް އެއްވެސް މީހަކު އައިސްފިނަމަ އޭނަގެ ނަމްބަރު ދިނުމަށް އެދުނެވެ.

ދުޖާނާ އޭނާގެ ހުރިހާ ދަރިންނަށް މަލާ އަކީ ކާކުކަން ކިޔައިދިނުމަށްފަހު މަލާ ގާތުގައި ބުނީ އޭނައަކީ މަންމަ ކަމަށެވެ. ދުޖާނާ ވިސްނީ މަލާ ރަނގަޅުވަމުން ދާވަރަކަށް ހަޤީޤަތް ކިޔައިދިނުމަށެވެ. ނަމަވެސް ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ދުޖާނާގެ ހިތުގައި މަލާއަށްޓަކައި ޚާއްސަ ލޯތްބެއް އުފެދި އެ ލޯބި ވަރުގަދަވަމުން އަޔެވެ. ދުޖާނާ ދެކުނީ އެއީ އޭނާއަށް ނުލިބުނު އަންހެން ދަރިކަމަށެވެ. ލުޢައްޔު ދެކެވެސް އެހާ ލޯބިން އުޅެއެވެ.

ދުޖާނާގެ ހަތަރު ދަރިން މިކަމަށް ފާނޑުނުކިޔައި ތިބީ ބައްޕަގެ ނިޔާވުމަށްފަހު މަންމައަށް ލިބުނު ހިތާމަތަކަށް މަލާގެ ސަބަބުން ލުޔެއް ލިބިފައިވާހެން ހީވީތީއެވެ. މަލާ “ރޯޔަލް”ގައި އުޅެން ފެށި ފަހުން އެގެއަށް އާ ދިރުމެއް ލިބިފައިވާ ފަދައެވެ. މަލާގެ މަޑުމައިތިރި މިޒާޖާއި ރިވެތި އަޚްލާޤުން އެންމެންގެ ހިތްތަކުން ޖާގަ ހޯދަމުން ދިޔައެވެ.
އޭގެފަހުން ދުޖާނާ ހުންނަނީ މަލާ ގެއްލިދާނެތީ ބިރުހީވެފައެވެ. އެހެންކަމުން މަލާގެ އާއިލާ ހޯދުމަށް ފަހުން މަސައްކަތްވެސް ނުކުރެއެވެ.

*********

ކަންތައް ހިނގައިދިޔަގޮތް ކިޔައިދީ ނިމުން އިރު ދުޖާނާއާ ލޫތަށްވެސް ހުރީ ރޮވިފައެވެ.

ދެމީހުންވެސް ސިއްސައިގެން ދިޔައީ ފަހަތުން އަޑުފައްގަޑެއް އިވިގެންނެވެ. ލޫތު ފަހަތަށް ބަލާލިއިރު މަލާ އޮތީ ވެއްޓިފައެވެ. ކައިރީގައި ކޮފީ ތަށި ތަކަކާއި ތަބަކެއް ތެޅިފައި އޮތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shiu 💞🌸

Level 110 Stories

Other Articles

Previous

ވާލޯބި އެނގޭނަމަ…(18)

Next

އިޙްނާ (12)

Next
June 17, 2020

އިޙްނާ (12)

Previews
June 17, 2020

ވާލޯބި އެނގޭނަމަ…(18)

2 Comments!

  1. Anonymous says:
    June 17, 2020 at 9:01 pm

    އެހެން ވީމާ ލުއައްޔު އަކީ ލޫތު އާއި މަލާ ގެ ދަރިފުޅު ދޯ?

  2. ❤️ says:
    June 17, 2020 at 9:03 pm

    Anehkaa E dhehiki vaahaka mala ah adu ivunee baabaa

Comments are closed.

Next Episodeއިންތިޒާރު 18←


All Right Reserved!