ހެޔޮ ރަޙުމަތް 2
އަހަރެން އޭނާގެ ގޭގެ ދޮރުމަތީ މަޑުކުރީމެވެ. މާތް ﷲ ގެ ޙަޟްރަތަށް ބިރުވެތިވާހާލު އެހެން މީހެއްގެ މުދަލަކަށް ނުހައްގުން އަރައިގެންފައި މަޢާފު ނުހޯދާ ދާކަށް އަހަންނަކަށް ނުކެރޭނެއެވެ. މާތް ﷲ އަށް ދުޢާ ދަންނަވަން އަހަރެން މަޑުކުރީމެވެ.
އަހަންނަށް މަޑުކޮށްގެން އިނދެވުނުއިރު ވަގުތު ދިޔަ ގޮތެއް ވެސް ނޭނގުނެވެ. އިރުކޮޅަކުން އިވުނީ މެންދުރު ނަމާދަށް ބަންގި ގޮވިއަޑެވެ. ނަމަވެސް، އަހަރެން މަޑުކުރީމެވެ.
އަހަރެންގެ ހިތްހަމަޖެހުމަކަށް ފެނުނީ ދަނޑުގެ ވެރިފަރާތް ގެއިން ނުކުންނަތަނެވެ. އަހަރެން އޭނާގެ ފައިދޮށަށް ތިރިވެ އާދޭސް ކުރީމެވެ. “އާދޭސްކޮށްފަ ބުނަން، އަހަރެންނަށް މަޢާފު ކޮށްދީ. ތިބާގެ ނޯކިރީއަކަށްވެ މަސައްކަތް ކޮށްދޭންޖެހުނަސް މިހުރީ އެކަން ކޮށްދޭން ތައްޔާރަށް. ނަމަވެސް، އަހަންނަށް މަޢާފްކޮށްދީ.” އޭނާ ބުންޏެވެ. “އެންމެ ރަނގަޅު. އަހަރެން ތިބާއަށް މަޢާފު ކޮށްދޭނަން. އެކަމަކު، ޝަރުތެއްގެ މަތިން.”
މިހެން ބުނި އަޑުއިވިފައި އަހަރެން އިންތިހާއަށް އުފާވިއެވެ. ﷲގެ އަޅެއްގެ ހައްގަކަށް އެރުނުކަމުގެ ގޯސް ޢަމަލެއް ކުރެވިފައެއް ނޯންނާނެތާއެވެ. ނަމަވެސް، ޝަރުތެއް ބުނުމުން ހިތް އަވަސްވެހުރެ އަހަރެން ސުވާލު ކޮށްލީމެވެ. “ކޮން ޝަރުތެއްތޯ.” އޭނާ ބުންޏެވެ. “އަހަރެންގެ ދަރިފުޅާ ތިބާ ކައިވެނި ކުރުން.”
ހިތްހަމަޖެހި އުފާވެރިކަމެއް ވެރިވެފައިވި އެމީހާ ބުންޏެވެ. “އެކަމަކު… އެ އަންހެންކުއްޖާގެ ޢައިބުތަކެއް ހުންނާނެއެވެ. އޭނާ ބީރުވާނެއެވެ. ލޯފަންވާނެއެވެ. ސިކުނޑި ހަމަނުޖެހޭނެ އަދި އޭނާ ވަނީ ނުކުޅެދިފަ.”
“ކީކޭތޯ؟؟” ހައިރާންވެހުރެ އަހަންނަށް އަހާލެވުނެވެ. ނަމަވެސް ދަނޑުވެރިޔާ ބުންޏެވެ. “އަހަރެންގެ ދަރިފުޅާ ތިބާ ކައިވެނި ނުކުރާނަމަ އަހަރެން ތިބާއަށް މަޢާފު ނުކުރާނަން.” މިހެން ބުނެ އަހަރެންނާ އޭނާގެ ދަރިފުޅުގެ ކައިވެނި ކުރަން ތާރީޚެއް ކަނޑައެޅުނެވެ.
އަހަރެން އެދުވަހު ގެއަށް ގޮސް މާތް ﷲ އަށް ދުޢާ ދެންނެވީމެވެ. މިއަޅާގެ ދިރިއުޅުމުން ދަތިތައް ދުރުކުރެއްވުމަށެވެ. ކޮންމެއަކަސް ލިބުނު ޚަބަރުގެ ސަބަބުން އަހަރެން ހުރީ ދެރަވެ މާޔޫސްވެފައެވެ. ފަޤީރުވެފައިވާ ހާލު މިޖެހުނީ އުމުރު ދުވަހު ނުކުޅެދިގެންވާ ފަރާތެއްވެސް ބަލަންތާއެވެ. އަހަންނަށް މި ދިމާވީ އިތުރު ދަތިކަމެއްބާއެވެ.
މި ހިޔާލުތަކާއެކު އެ ކުއްޖާއާއި ބައްދަލުކުރުމަށް ހަމަޖެހުނު ތާރީޚުގައި އަހަރެން އެ ކުއްޖާއާއި ބައްދަލު ކުރަން ދިޔައީމެވެ. ބިންމަތީ ފައި ކާއްތަމުން ދަމަމުންނެވެ. ދެރަވެފައި ހުރެގެންނެވެ. ހާސްވެފައި ހުރެގެންނެވެ. ހިތްހަމަ ނުޖެހި ހުރެގެންނެވެ. މަޢާފު ލިބެންއޮތީ އެގޮތުން ކަމުގައިވާތީއެވެ.
އަހަރެން ގޮސް އެ ގޭގެ އެތެރެއަށް ވަނީމެވެ. އަހަރެންގެ އަޖައިބަކަށް ފެނުނީ ބުރުސޫރަ ރީތި ޒުވާން އަންހެން ކުއްޖެކެވެ. އެ ކުއްޖާ މަޑުމަޑު ހިނގުމެއްގައި ހިނގާފައި އައިސް އަހަންނާއި ހަމަކުރިއެވެ.
އަހަރެން ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. އަޖައިބުވެހުރެ އޭނާއަށް ބަލަހައްޓައިގެން ހުރެވުނެވެ. “ماشاء الله” އަންތަރީސްވެހުރެ އަހަންނަށް ބުނެވުނެވެ.
“ހައިރާންވީތަ” އަހަރެންނާ ކައިރިވެލަމުން މަޑުމަޑު އަޑަކުން އެ ކުއްޖާ އަހާލިއެވެ. އަހަރެން ޖަވާބު ދިނީމެވެ. “އާން. ތިބާގެ ބައްޕަ ބުނިގޮތުން ތިބާއަކީ ލޯފަން، ބީރު، ސިކުންޑި ހަމަނުޖެހޭ އަދި ނުކުޅެދިގެންވާ ކުއްޖެއް.”
“އަހަރެންނާ ކައިވެނިކުރާނެ ހެޔޮލަފާ މީހަކު ހޯދަން އަހަރެންގެ ބައްޕަ ވަރަށް މަސައްކަތް ކުރި. އަހަރެންގެ ބައްޕަގެ ދަނޑުން ހުއްދަނެތި އާފަލެއް ކެވުނު ދުވަހު ތިބާ ﷲ ގެ ޙަޟުރަތަށް ބިރުވެތިވިތަން ފެނުން.
މަޢާފު ކޮށްދިނުމަށްއެދި އާދޭސްކުރިތަން ދެކުނެވެ. އެހެންކަމުން، ތިޔައީ އަހަރެންނަށް އެންމެ އެކަށީގެންވާ މީހާކަން އަހަރެންގެ ބައްޕައަށް ގަބޫލުކުރެވުނު.”
މިހެން ބުނުމަށްފަހު ކުޑަ ވަގުތުކޮޅަކު މަޑުކޮށްލުމަށް ފަހު ވާހަކަ ކުރިއަށް ގެންދިޔައެވެ. “އާދެ، ބައްޕަ އެ ބުނުއްވީ ތެދަށް. އަހަރެންނަކީ ޙަރާމް ކަންތައްތަކަށް ބެލުމަށް ލޯފަން މީހެއް، އަދި ޙަރާމް ކަންތައްތައް އަޑުއެހުމަށް ބީރު މީހެއް. އަދި އަހަރެން ޙަރާމް ވާހަކައެއް ދެއްކުމަށް ބޯ ހަމަޖެހިގެނެއް ނުވޭ، އަދި އަހަރެންނަކީ ޙަރާމް ކަންތައް ކުރުމަށް ނުކުޅެދިންގެންވާ މީހެއް.”
“الحمدلله” އަހަންނަށް ހިތާހިތުން ބުނެލެވުނެވެ.
-ނިމުނީ-
2 Comments!
Comments are closed.

Mashaa allah
Ma sha allah vrh vrh vrh rythi … hope mikahala dheenee vhk thakeh adhives fennaane kamah..❣?