
ސިއްރެއް 17
އެތަން އަނދިރި ކަމުން އޭނާ އަތުގައި އޮތް ކުޑަ ލައިޓުން އެތަނަށް އަލި އަޅުވާލިއެވެ. އެތާގައިވެސް ހުރީ ބަސްތާ ތަކެކެވެ. ނަމަވެސް އެއީ ޑްރަގްތަކެއް ނޫންކަން ޔަނާލަށް ޔަގީންވިއެވެ. އެތަނުން އެ ބަސް ކުޑަކޮށް ހުޅުވިފައި ހުރުމުން ޔަނާލް އެތެރޭގައި ހުރި އެއްޗެއް ޔަގީން ކޮށްލަން ބަލާލިއެވެ. އޭނާގެ ހީ ޔަގީނަށް ބަދަލުވިއެވެ. އޭގައި ހުރީ ގަން ޕައުޑާއެވެ. އޭނާ އެތާނގައި ހުރި ފާރަށް އަލިއަޅުވާލެވުމާއެކު ދެލޯ ބޮޑުކޮށްލެވުނެވެ. އެތަނުގެ ހަތަރު ފާރު ފުރާ އެކި ވައްތަރުގެ ބަޑިއާއި އެހެނިހެން ހަތިޔާރު އަޅުވާފައި ހުއްޓެވެ.
ޔަނާލްގެ ފޯނުން އެތަނުގެ ފޮޓޯއެއް ނެގުމަށްފަހު އެތަނުން އުޝާ ގޮވައިގެން ނުކުމެ ދުރުގައި ޕާކް ކޮށްފައިވާ ކާރަށް އެރިއެވެ. އެމީހުން އިންތިޒާރުގައި ލިހާންމެން ތިއްބެވެ. ކާރު ދުއްވާލުމުން ޔަނާލް އެކޮޓަރިއާއި ބެހޭގޮތުން ސުވާލު ކުރުމުން އެމީހުން ފުރަތަމަ ތިބީ ހައިރާންވެފައެވެ. އެކަހަލަ ތަނެއް އެތަނުގައި ނުހުންނަ ކަމަށްވެސް ބުންޏެވެ. ނަމަވެސް ޔަނާލްގެ ފޯނޔގައިވާ ފޮޓޯ ދެއްކުމުން ޖެހުނީ ގަބޫލު ކުރާށެވެ. “ދެން މާދަމާ ތިކަމާ އުޅޭނީ.” އާފުރެމުން ލިހާން ބުނުމުން ޔަނާލް އެކަމާ އެއްބަސްވިއެވެ.
…………………………………………………
އިޝާންއަށް ފަތިހު ފަތިހާ ހޭލެވުނީ އޭނާގެ ފޯނު ރިންގް ވާއަޑަށެވެ. ދެލޯ ކުޑަކޮށްލަމުން ފޯނުގެ ސްކްރީނަށް ބަލާލިއިރު އޭނާއަށް ގުޅަނީ ނަޝްވާއެވެ. އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސާލަމުން ހަލޯ ބުނެލިއެވެ. ނަމަވެސް އެކޮޅުން ވާހަކަ ދެއްކީ ނަޝްވާއެއް ނޫނެވެ. ނަޝްވާގެ ބޭބެ މިއުވާނެވެ. “އޭ ވަރަށް އަވަހަށް އާދެބަ. ކުޑަ ކަމަކު. މާގިނައިރެއް ނުވާނެ. އިއްޔެ މަ ގޭބަންދުން ދޫކޮށްލާފި.” މިއުވާން ބުނުމުން އިޝާން މިދަނީއޭ ބުނެ ފޯނު ކަޑާލުމަށްފަހު ތެދުވެ ފާޙާނާއަށް ވަދެ ފެންވަރާ ރީތިވެލައިގެން ނުކުމެ ނަމާދު ކޮށްލުމަށްފަހު ފޯނު ހިފައިގެން ނުކުތެވެ. ސައިކަލުގައި ދާން އުޅެފައިވެސް އޭނާ ބޭނުންވީ ހިނގާފައި ދާށެވެ.
ނަޝްވާމެންގެ ގޭގެ ދޮރުމަތީގައި ހުއްޓިލަމުން ސަލާމް ގޮވާލުމުން ނަޝްވާ ސަލާމް ބަލައިގަތެވެ. އިޝާން ފެނުމުން އޭނާ އެދުނީ އޭނާއާއި މިއުވާންއާއެކު ކޮފީ ބޯން މަޑުކޮށްލުމަށްފަހު ދިޔުމަށެވެ. އިޝާން އެއްބަސްވިއެވ. ކޮފީ ބޮއެ ނިމިގެން މިއުވާންއާއެކު ނުކުމެ ހިނގައިގަތީއެވެ. “ކޮންތާކަށް މިދަނީ؟” އިޝާން ސުވާލު ކުރުމުންވެސް މިއުވާން އެއްޗެކޭ ނުބުނުމުން އިޝާން އިތުރު އެއްޗެއް ބުނަން ނެހެދިއެވެ.
މިއުވާން ހުއްޓުނީ އޭނާގެ ފޯނު ހަދަން ދިން ތަނުގެ ކުރިމައްޗަށެވެ. “އަދި އެމީހުން ނުނިމޭ ފޯނު ހަދާ. މަ ބެލިން.” އިޝާން ބުނުމުން މިއުވާން އޭނާއާއި ދިމާލަށް ބަލާލަމުން ދެލޯ ކުޑަކޮށްލިއެވެ. “ޔަގީން؟” މިއުވާން އެހުމުން އިޝަން ބޯޖަހާލީ ވާނުވާ ނޭގި ހުރެއެވެ. “ކައެ މަސައްކަތް ކުރަނީ ކޮންތާކު؟”
މިއުވާން އެހުމުން އިޝާން ބުނީ ވިޔަފާރިއެއްގެ ނަމެވެ. އެ ވިޔަފާރިތަކަކީ އޭޖެންސީ އިން ހިންގާ ތަންތަނެވެ. އެހެންކަމުން އިޝާން އެހަދަނީ ދޮގުކަން އެމީހުންނަށް ސާބިތެއް ނުކުރެވޭނެއެވެ. އޭޖެންސީގައި މަސައްކަތް ނުކުރާ އެންމެންނަށް ވެސް އެނގިފައި އޮންނަނީ އެގޮތަށް ކަމަށް ވާތީއެވެ.
“ކައެ ތީ ނަޝްވާއަށް މުހިންމު މީހަކަށް ވާތީ މިކަހަލަ ފުރުސަތެއް މިދެނީ. އެހެން މީހަކު ނަމަހީ ވާނެ ގޮތެއްވެސް ނޭނގެ. ވަރަށް ތެދުވެރިކަމާއެކު މަށަށް ޖަވާބު ދޭތި.” “ކޮންވާހަކައެއްތަ ތދައްކަނީ؟” އިޝާން އެހުމުން މިއުވާން އޭނާގެ ޖީބުން ފޯނެއް ނަގާ އިޝާންއަށް ދެއްކީ ވީޑިއޯއެއް ޕްލޭކޮށްފައެވެ. އިޝާން އިއްޔެ މިއުވާންގެ ފޯނު އެފިހާރައިން ނަގައިގެން ދާތަނެވެ. “މީކޮންކަމެއް؟” މިއުވާން އެހުމުން އިޝާން ވިސްނާލުމަށްފަހު ޖަވާބު ދިނީ ވަރަށް ފަރުވާތެރި ކަމާއެކުއެވެ. “މިތަނުން ވަރަށް އަގުބޮޑު ކޮށް ހަދާދެނީ. އެހެންވެ އެކުވެރިއެއް ހިލޭ ހަދާދޭނަމޭ ބުނީމަ އޭނާއާއި ހަވާލު ކުރީ. ބްރޯ ހިތްހަމަނުޖެހިދާނެތީ ކުރިން ނުބުނީ. އެއީ ވަރަށް މޮޅު މީހެކޭ. އޭނާ މާރަގަޅު ވާނެ.” “އެހެންތަ؟ އެހެންވީރުން މީ ކޯއްޗެއް؟” މިއުވާން ދައްކާލީ އިޝާންމެން ގޭންގު މެމްބަރުންގެ ފޯނުގައި ހަރުކުރި ރިކޯޑަރތަކުގެ ތެރެއިން ރިކޯޑަރެކެވެ. އިޝާން އެނގޭ ކަމަށް ނުހެދުމުން މިއުވާން ރުޅިގަދަވިއެވެ. “މަށަށް އޮޅުވާލަން ނޫޅޭތި. ކައެ ތީ އަހަރެމެންނަށް ސްޕައި ކުރަން ފޮނުވާފައި ހުރި މީހެއް. އެހެންވީމާ ތެދަށް ބުނޭ. ކައެ ތީ ކޮޕެއްތަ އެހެންނޫނީ އެހެން ގޭންގެއްގެ މީހެއްތަ؟”
އިޝާން އެއްބަސްނުވުމުން އެމީހުންގެ ޒުވާބު އަޑުއަހަން ހުރި ދެމީހަކު އޭނާގެ ގައިގައި ހިފެހެއްޓިއެވެ. މިއުވާން އޭނާގެ ޖީބުން ވަޅިއެއް ނަގާ އިޝާންގެ ބަނޑުގައި ޖައްސާލީ މަގުމަތީގައި އޭރު އުޅުނު މީހުންނަށް ނުފެންނާނެހެންނެވެ. “ދެފުރުސަތެއް ދެވިއްޖެ. ދެން ބަސްއަހާގެން އާދޭ އަހަރެމެންނާއެކު.” އެހެންކިޔާ ދަމަމުން ކަހަލަ ގޮތަކަށް އެމީހުން އިޝާން ގެންދިޔައެވެ.
އިޝާންއަށް ފަސޭހަކަމާއެކު އެތިން މީހުން އެއްފަހަރާވެސް ބަލި ކުރެވުނީހެވެ. ނަމަވެސް އޭނާގެ ބަނޑުގައި ޖައްސާފައިވާ ވަޅީގެ ސަބަބުން އޭނާއަށް ގުޑިވެސް ލެވޭކަށް ނެތެވެ. އޭނާ ދެން ބެލީ ކައިރި ފިހާރަތަކުގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާތަކަށް އޭނާގެ މޫނު ވަކިވާނެހެން ފެންނަ ގޮތަށް ބަހައްޓާށެވެ. އެއީ ފަހުން މިހުރާންމެން އޭނާ ހޯދާއިރު އެމީހުންނަށް ފަސޭހަ ކޮށްދިނުމަށެވެ.
އެތިންމީހުން އިޝާން ގޮވައިގެން ގޮސް އެރީ ލޯންޗަކަށެވެ. ލޯންޗުތެރޭގައި ލޯންޗު ދުއްވާ މީހާ އިނީ ތައްޔާރުވެގެންނެވެ. އެމީހުން އެރުމާއެކު ސިކުންތކޮޅެއްވެސް މަޑުނުކޮށް ނައްޓާލީއެވެ. އެތައް އިރަކު ދުއްވުމަށްފަހު އެމީހުން އައީ ފަޅުރަށަކަށެވެ. އެތަނަށް ރަގަޅަށް ބަލާލަމުން އެއީ ކޮން ރަށެއްތޯ ބަލަން ފެށިއެވެ. ނަމަވެސް އިޝާން ދަންނަ ރަށެއް ވައްތަރެއް ނުޖަހައެވެ.
އިރުކޮޅެއް ނުވެ އިޝާން ވެލިގަނޑު މައްޗަށް ވައްޓާލުމަށް ފަހު ދަމަމުން މިއުވާންއާއި އިތުރު ދެމީހަކު ގެންދަންފެށިއެވެ. ވަލުތެރެއަށް ވަދެގެންއައި އިރު ބިންމައްޗަށް ވެރިފައި ހުރި ދަނޑިކޮޅުތަކާއި އެހެނިހެން ތޫނު އެއްޗިހި އިޝާންގެ ގައިގައި އެޅި އޭނާ ލައިގެން ހުރި ޓީޝާޓާއި ކަކުލާއި ހިސާބަށް އަރާ ސޯޓު އެކިތަންތަނުން ވީދެން ފެށިއެވެ.
ރަށުގެ މެދަކާއި ހިސާބުގައި ހުރި ފަނުން ހަދާފައި ހުރި އާދައިގެ ގެއެއް ވަރުގެ ފަންގެއަކަށް އެމީހުން ވަނެވެ. އެ ޖިފުޓިތެރޭގައި ހުރި އެންމެ ކުޑަ ގޮޅިއެއް ފާޑެއްގެ ތަނަކަށް އިޝާން ވެއްދިއެވެ. އެތަނަށް ވަދެވުމާއެކު އިޝާންއަށް އޯކާ ދެމިގަނެވުނެވެ. އެ ގޮޅީގެ ތިން ކަނުގައި ތިން ގޮނޑީގައި ތިން މީހަކު އައްސާފައި ހުއްޓެވެ. އެމީހުން ތބީ މަރުވެ ކުނިވެފައެވެ. އެތަނުން ދުވާ ވަހުން ދެންތބި މީހުންނަށް އުދަނގުލެއް ވާ ހެންނެއް ހިޔެއް ނުވެއެވެ. އެމީހުން އިޝާން ދޮރާއި އެންމެ ކައިރީ ހުރި ގޮނޑިއަށް ގަންނަވާލުމުން އިޝާންއަށް އަޑުގެ ނެތްތަނަށް ހަޅެއް ލަވާގަނެވުނެވެ. އެގޮޑީގައި މީހެއްގެ އިނގިއްޔެއްހާ ދިގު އަފުނޯސް ކަށިތަކެއް ހަރުކޮށްފައި ހުއްޓޭވެ. އިޝާން ތެދުވެ ދުއްވައިގަތުމަށް މަސައްކަތް ނުކެރެވެނީސް އެމީހުން ނައިލޯނު ބޮޑިއަކުން އިޝާން އެގޮނޑީގައި އެއްސިއެވެ. އަޅާ ވޭނުން އިޝާންގެ ލޮލުން ކަރުނަ އައެވެ. ނަމަވެސް އެތިން މީހުންނަށް އެއިން އަސަރެއް ނުކުރިއެވެ. އެމީހުން އެއީ އިންސާނުން ބާވައޭވެސް އިޝާން ހިތަށް އެރިއެވެ. މިއުވާން ސިނގިރޭޓޭއް ތުބުގައި ޖަހާލަމުން އެ ރޯކޮށްލިއެވެ. އިޝާންއަށް ބަލާލަމުން އޭނާ އެއްމިޔަކަނުން ހީލިއެވެ. “މިއީ އަހަރެމެންނާއި ބެހެން އުޅޭ މީހުންގެ އަދަބަކީ.” އެހެން ކިޔާ އޭނާ ރޯކުރި ސިގިރޭޓް އިޝާން ބޮލުގައި ޖެއްސުމުން އިޝާންއަށް ހަޅޭއްލަވައިގަނެވެނެވެ.
އެމީހުން އެކި ވަރުވަރުގެ ސުވާލު އޭނާއާއި ކުރިއެވެ. އެތައް ވަރަކަށް އޭނާއަށް އަނިޔާ ދިން އިރުވެސް އޭނާ އޭޖެންސީއާއި ބެހޭގޮތުން އެއްވެސް އެއްޗެއް ބުނަން ހިތަށްވެސް ނާރުވައެވެ. އެއަށްފަހު އެމީހުން ހުއްޓާލީއެވެ. “ދެން އިނދޭ ތިހެން މަރުވަންދެން. ކައެ މަސައްކަތްކުރާ މީހުންނާއި ބެހޭ ގޮތުން މައުލޫމާތު ދީފިއްޔާ ފަހަރުގައި ފެންފޮދެއް ލިބިދާނެ. އަހަރެމެންނަށް މަސައްކަތް ކުރަން އެއްބަސް ވެއްޖެއްޔާ މިހާރުން މިހާރަށްވެސް ދޫކޮށްލާނަން. އެކަމަކު އަހަރެމެންނަށް ދޯކާދޭން އުޅެފިއްޔާ ވާނެ ގޮތް މިހާރު ތިފެންނަނީ.” މިއުވާންގެ އެވާހަކައަށް އިޝާން އެކައްޗެއްވެސް ނުބުނިއެވެ.
އެމީހުން އެދުވަހުގެ އިރު އޮއްސެންދެން އޭނާއަށް އެކި ގޮތްގޮތުން އެމީހުން އަނިޔާ ކުރިއެވެ. އިރުއޮއްސުމުން އެކަކު މަޑުކޮށްފައި ދެންތިބި މީހުން ފުރީއެވެ. އެމީހާ ޖިފުޓިގަނޑުގައި ހަދާފައިވާ އެނދުގައި ފޯނާއި ކުޅެލަ ކުޅެލަ އޮތީއެވެ. އެހުރިހާ އިރެއްވީއިރުވެސް އިޝާން ފާޙާނާ ކޮށްލަންވެސް ނުފޮނުވިއެވެ. އެމީހުން ކުރި އަނިޔާއިންނާއި ގޮނޑީގައި ހުރި ކަށިތަކުން އަޅާ ވޭނުން ކެތްނވެއެވެ. ބަނޑުހައި ކަމާއި ކަރުހިއްކުން ޒަހަމުތަކުގައި ލޮނުމިރުސް އަޅާލި ފަދައެވެ. އޭނާއަށް އޮތް ހަމައެކަނި އުއްމީދަކީ މިހުރާން އޭނާ ގެއްލިގެން ޝާފިއު ސާރއަށް ވީހާވެސް އެންގުމެވެ. އޭނާގެ އަތުގައި އައްސާފައިހުރި ވާތައް ބުރިކުރާނެ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. އެމީހުން އޭނާގެ ފޯނު ނިއްވާލުމަށްފަހު ވަލުތެރެއިން ފެނުން ގާގަނޑަކުން ޖަހާ ހަލާކު ކޮށްލާފައެވެ. މީހާ ހަމައަކަށް އެޅެން މަސައްކަތް ކުރަމުން އޭނާ ސަލާމަތް ވާނެ ގޮތަކާއި މެދު ވިސްނަން މަސައްކަތް ކުރިއެވެ. އެހެންނޫނީ އޭނާއަށް ލިބޭނީ އެކޮޓަރީގައި ދެންތިބި މީހުން ފަދަ ހިތި ނިމުމެކެވެ.
……………………………………………………..
ގެއަށް އާދެވުމުން ނިދަން ތައްޔާރު ވެލައިގެން ނިދަން އޮށޯތުމުގެ ކުރިން އުޝާ ފޯނު ބަލާލިއެވެ. މިހުރާން ތިން ފަހަރު ގުޅާފައި އިންތަން ފެނުމުން އޭނާ މިހުރާންއަށް ގުޅާލިއެވެ. މިހުރާން ފޯނު ނެގިގޮތަށް އިޝާން ގެއްލުނު ޙަބަރު ދިނެވެ. “ފާތިޙް ސާރ ސީސީޓީވީ ފޫޓޭޖްތައް ބަލައިގެން ހޯދީ. އެމިއުވާންއާއި އިތުރު ދެމީހަކާއި ވެގެން ލޯންޗަކަށް އަރުވައިގެން ގެންދިޔައީ. ސާރ ބުނީ ތިދެމީހުން މިކޮޅަށް އަންނާނެ ކަމެއް ނެތޯ. އަނެއްކާ ލަސްވާނެތީ. މިހާރު މިއިޅެނީ އޭނާ ހޯދުމުގެ މަސައްކަތުގައި. ތިމީހުންނަށް މިރޭ އެއްޗެއް އެނގުންތަ؟” މިހުރާން އެހުމުން އެރޭވީ ކަންތައް ކުރުކޮށް ކިޔާދިނެވެ. “ރަނގަޅު. ދެވަނަ މީހާވެސް ފެނުނީނު. ދެން އެވިޑެންސް އެއްކުރަން އުޅޭ. އިޝާންއާއި މެދު ހާސްވާނެ ކަމެއް ނެތް. އޭނާ އަދި ފެންނާނެ. ބާއްވަނީ އެނގޭ.” މިހުރާން ފޯނު ބޭއްވުމުން އުޝާ ޔަނާލް ކައިރި އިޝާންގެ ވާހަކަ ބުނުމުން އޭނާ ފުރަތަމަ ގަބޫލެއްވެސް ނުކުރިއެވެ. ނަމަވެސް މިހުރާން ފޮނުވި ފޫޓޭޖްތައް ދެއްކުމުން ޖެހުނީ ގަބޫލު ކުރާށެވެ.
“އޭނާގެ ފޯނު ލޮކޭޝަން ހޯދިންތަ؟” ޔަނާލް އެހިއެވެ. “ފާތިޙް ސާރ ބުނީ ލޮކޭޝަން އޮފް ކޮށްފައޯ އޮތީ.” އުޝާ މާޔޫސްކަމާއެކު ބުނެލިއެވެ. “އުޝާ ހަނދާން އެބަހުރިތަ އަހަރެމެންގެ ފުރަތަމަ ކޭސް؟ އެފަހަރު މިހުރާން ގެއްލިގެން އުޅުނީމެއްނު. ފަހުން އޭނާ ފެނުނީމަ އުޝާ އަހަރެމެން އެންމެން ފޯނަށް ކޮންމެވެސް އެއްޗެއް ލީމެއްނު. ލޮކޭޝަން އޮފް ކޮށްފައި އޮތަސް ފޯނު ހަލާކުވެފައި އޮތަސް ފޯނުގެ ލޮކޭޝަން ދެން އުޝާއަށް ހޯދޭނެއޭ ބުނީމެއްނު.”
ޔަނާލް ބުނުމުން އުޝާގެ ހަނދާނަށް އައެވެ. އެންމެ ސިކުންތެއްވެސް މަޑުނުކޮށް އުޝާ އޭނާގެ ލެޕޓޮޕް ނަގައި އިޝާންގެ ފޯނު ހޯދުމުގެ މަސައްކަތް ކުރަން ފެށިއެވެ. ބަރާބަރު އެއްގަޑިއިރުގެ މަސައްކަތަށް ފަހު އޭނާއަށް އިޝާންގެ ފޯނު ފެނުނެވެ.
ނުނިމޭ
3 Comments!
Comments are closed.
Varah interesting mihaaru plus varah reethi mi part vx, Ma Sha Allah ??? when is next part? Nd stay safe
thanku mihaaru submit koffa iny next part
☺❤❤❤❤❤❤