![](https://live.staticflickr.com/4367/37065657206_c3a8a1bc56_b.jpg)
ކަޝްފު 10
“މިހާއަވަހަށް ހަނދާން ނެތުނީ ދޯ. ހަނދާން ކޮށްދެންތަ. މިޝަލް ހަދާން އެބަހުރިތަ އަހަރެން ކިޔަވާނިމުނުތާ ދުވަސް ކޮޅެއްފަހުން މިޝަލްގެ އުފަންދުވަހު އަތިރިމަތީގައި އެހުރި ރުއްބުޑުކައިރިއަށް އަންނަން ބުނިކަން. އަހަރެން ބޭނުންވީ އެ އުފާވެރި ޚަބަރު އެރޭ މިޝަލްއަށް ދޭން. އަހަރެން އެއްވެސް ޝައްކެން ނުކުރަން މިޝަލް އަހަރެން ދޫކޮއްލަފާނެ ކަމަކަށް. ނަމަވެސް އެހާ އުއްމީދުތަކާއި އެކީ ދިޔައިރު އިނގޭތަ އަހަރެންނަށް އެތަނުން ފެނުނު މަންޒަރު. އެތަނުން ފެނުނީ ތި މިޝަލް އެހެން އަންހެނެއްގެ ގައިގައި އޮޅުލާ މަންޒަރު! ހަނދާން ވެއްޖެތަ. އިނގޭތަ އެއީ ކާކުކަން؟ އެއީ މިހާރު މިޝަލްގެ އަލަތު އަނބިމީހާ ޖީލާ.” ދިމްނާ ބުނިވާހަކައިން މިޝަލްއަށް ދިމްނާގެ ގައިން ދޫކޮށްލެވުނެވެ. މިވަނީ ކިހިނެއް ހެއްޔެވެ. އެއްކަންތައް ފަހު އަނެއްކަންތަކެވެ. މިޝަލްގެ މުޅި ދުނިޔެ ފުނޑު ފުނޑު ވަނީބާއެވެ.
“އޭރުވެސް ބުނިނަމަ އެއްނުން މިޝަލް ބޭނުންވަނީ ޖީލާއޭ. ދެން ބުނެބަލަ އަހަރެންގެ ލޮލުން ފެނި އަތުން ހިފީމާވެސް ކީކޭތަ އަދި އިތުރަށް ހީކުރަންވީ. އަހަރެން ޤަބޫލެއް ނުކުރާނަން މިޝަލް އެގޮތަށް އުޅެފައި އަހަރެންނާއި ދަރިފުޅު ބަލާނެކަމަކަށް.. އެހެންވެ އަހަރެން މިޝަލް ދޫކޮށްލީ.. އެހެންވެ އަހަރެން ދިޔައީ.. އަޑުއިވެއްޖެތަ..” މީގެ ދެ ދުވަސް ކުރިން ދިމްނާ ބުނި އެ ޖުމްލަތަށް މިޝަލްއަށް އެކިފަހަރުމަތިން އަޑުއިވޭކަހަލައެވެ.
ތެދެކެވެ. އެރޭ ޖީލާއާއި ދިމާވިއެވެ. އެކަމަކު ދިމްނާ އެ ފެނުނުކަމަށް ބުނާ އެއްވެސް ކަމެއް އެ ދެމެދުގައެއް ނުހިނގައެވެ. އެހެންނޫނަސް ޖިލާއާއި ދިމާވީކީވެސް އެ ރުއްބުޑުކައިރިންނެއް ނޫނުވެ. އެހެންވިއްޔާ ދިމްނާ އެހެން ބުނަންވީ ކީއްވެބާއެ މިޝަލްގެ ހިތަސް އެރިއެވެ. ދިމްނާވެސް އެރޭ އެތަނަށް އައެވެ. ދެމީހުން ވާހަކަވެސް ދެއްކިއެވެ. ނަމަވެސް އެ ހަނދާންތައް ފެންނަނީ ފުސްކޮން ކަހަލައެވެ. އެރޭ ފަހުންވީ ގޮތެއް މާ ބޮޑަކަށް މިޝަލް ހަނދާނަކަށް ނާދެއެވެ. ގެއަށް އައީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. ހަނދާންވަނީ އަނެއް ދުވަހު ހެނދުނު ހޭލެވުނު ކަމެވެ. ވީ ގޮތް އޮޅުންފިލުވަން ޖީލާއަށް ގުޅި ނަމަވެސް މިޝަލް ދޫކޮށްލީކަމަށް ބުނެ ފޯނުބޭއްވި ގޮތަށް ދެން ގުޅާގަޅާވެސް ފޯނު ނުނެގިއެވެ.
އެނދުގެ މަގަތުގައި އިށީދެލައިގެން ދަތްދޮޅީގައި ދެއަތް އަޅުވާލައިގެން އިން މިޝަލްގެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސް ކަމެވެ. ކޮޓަރި ދޮރު ހުޅުވާލުމަށް ފަހުން ވަން ޖީލާފެނި މިޝަލް އިސް އުފުލާލިއެވެ. ދިމްނާގެ އެވާހަކަތައް މިޝަލްއަށް އުނދަގޫކުރާވަރުން މި ދެދުވަސް ވޭތުވެގެން މިދިޔައީ އެ ނުތަނަވަސް ކަމެއްތެރެއެވެ. މިއަދު ހުރިހާ ކަމެއް ޖީލާގެ ފަރާތުން އޮޅުން ފިލުވުމަށް މިޝަލް ނިންމިއެވެ.
“އަހަރެން ބޭނުން ވާހަކައެއް ދައްކާލަން.. މިތާ އިށީދެބަ” އެނދުގައި އިށީނުމަށް އިޝާރާތް ކޮށްލަމުން މިޝަލް ބުނެލިއެވެ. ޖީލާ އެނދުގައި އައިސް އިށީދެލިއެވެ. “ކޮން ވާހަކައެއް؟” އެދުގައި ބާއްވާލެވިފައިވާ މިޝަލް އަތްތިލާގައި ހިފާލަމުން ޖީލާ ބުންޏެވެ.
“ހަނދާން އެބަހުރިތަ މީގެ ގާތްގަނޑަކަށް ހަ އަހަރު ކުރިން އައި އަހަރެންގެ ބާތްޑޭ މަތިން؟ އެރޭ ޖީލާއާއި ދިމާވި ދޯ.. ޗޮކްލެޓެއްވެސް ދިނީމެއްނުން..” މިޝަލް ވާހަކަ ފެށިއެވެ. “އާން.. މިސްކިތް ކައިރިން ދިމާވީ.. ކިހިނެއްވީ ކުއްލިއަކަށް އެވާހަކަ ތިއަހަނީ؟؟” ޖީލާގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ނުތަނަވަސް ކަން ފާޅުވިއެވެ.
“އެރޭ ފަހުން އެހެންތާކުން ޖީލާއާއި ދިމާވިތަ؟؟ އަތިރިމަތީގައި އެހަރަ ރުއްބުޑު ކައިރިއަށް އެރޭ ދިޔައިންތަ؟؟ ފަހުން އިތުރު ކަމެއް ވިތަ؟؟” މިޝަލް ކުރަމުން ދިޔަ ސުވާލުތަކުން ޖީލާގެ ހިތް އޮބިނޯންނަ ވަރަށް ތެޅެން ފެށިއެވެ. އޭރު އެ ނިއްކުރިން ކުދި ދާތިކިތަށް ފާޅުވަމުން ދިޔަތަން މިޝަލްއަށް ފެނުނެވެ. ޖީލާގެ މޫނަށް އަރާފައިބުން ދިޔަ ކުލަތަކުން އޭނާ ކަމެއް ސިއްރު ކުރަނީކަން މިޝަލްއަށް ޝައްކުވިއެވެ.
” ތީ ދެން ކޮންވާހަކައެއް.. ހިނގާ ކާން.. މެންދުރު ސްކޫލުން އައިގޮތަށް ތި އޮންނަނީ” ޖީލާ އެނދުން ތެދުވެ ވާހަކަ އޮޅުވާލުމަށް މަސައްކަތް ކުރުމުން މިޝަލްގެ ޝައްކު ޔަޤީނަށް ބަދަލުވިއެވެ. މިޝަލް ތެދުވެ ޖީލާގެ އަތުގައި ހިފާ އޭނާއާއި ދިމާއަށް އަނބުރާލިއެވެ. “ނުދެވޭނެ! މި ކުރި ސުވާލަށް ޖަވާބުދީ.. އަހަންނަށް އިނގޭ ޖީލާ ކޮންމެވެސް ކަމެއް ސިއްރު ކުރާކަން.. ދިމްނާ އަހަރެން ދޫކޮށްލާފައި ދިޔަ ސަބަބަކީ ވެސް ހަމަ ޖީލާ! ހަމަ ދިމްނާ ދާއިރަށް ޖީލާ ހީވީ އަހަންނާހެދި މޮޔަވިހެން.. އޭގެފަހުން އަހަރެން ޖީލާއާއި ގުޅުނީވެސް.. ސޯ ޔޫ ބެޓާ ނޮޓް ލައި!!” މިޝަލްގެ އަޑުއިވި ޖީލާ ބިރުން ދެ ފިޔަވަޅު ފަހަތަށް ޖެހެވުނެވެ. ޖީލާގެ ހުރިހާ ސިއްރުތަކެއް މިއަދު ބޭޒާރުވާނެކަން އޭނާއަށް އިނގުނެވެ.
” މި މިޝަލް.. ސޮރީ.. އަހަރެން ބޭނުންވީ މިޝަލް.. އެކަމަކު އެދިމްނާއާއި ހެދި އެކަންވެސް ނުވީ.. އެހެންވެ އަހަރެން އެރޭ މިޝަލްއަށް ދިން ޗޮކްލެޓަށް އެއްޗެއް އެޅީ.. އެދުހު ފައިސަލް ބުނީ އެރޭ މިޝަލް ދިމްނާ ކައިރިއަށް ދާނެ ވާހަކަ.. އެރޭ އެ ރުއްބުޑު ކައިރިއަށް ދިޔައީ އަހަރެން.. ދިމްނާއެއް ނޫން.. ދިމްނާ ދުރުގަ ބަލަން ހުރިކަންވެސް އިނގޭ.. އެކަމަކު މިޝަލްއަށް އަހަރެން މިއީ ދިމްނާކަން ނޭގުނީ އެ ޗޮކްލެޓް ކޭމަ..ދިމްނާއަށް އެ ހުރިހާކަމެއް ފެނުމުން އޭނާ މިޝަލް ދޫކޮށްލާނެކަން އަހަރެނަށް އިނގޭ… މިޝަލް ފަހުން ބޮލުގައި ރިއްސަނީއޭ ބުނެ ފައިސަލްއަށް ގުޅީމަ އޭނައައިސް މިޝަލް ގެންދިޔައީ.. އޭނާއަށް އަހަރެން ނުވެސް ފެންނާނެ.. ސޮރީ.. މިޝަލް ޕްލީސް.. އެ ހުރިހާ ކަމެއް ކުރީ ބިކޮޒް އައި ލަވް ޔޫ” ޖީލާ ގިސްލަ ގިސްލާފައި ދެއްކި ވާހަކަތަކުން މިޝަލްގެ ލޭ ކެކިގަތެވެ. ފައިސަލް އަކީ އަބަދުވެސް އޭނާ ދިމްނާއާއި އެކީ ތަނަކަށް ބައްދަލު ކުރަން ގެންގޮސް ގެއަށް ގެނެސްދޭ މީހާއެވެ. އެރޭ ފަހުން މިޝަލް ބޮލުގައި ރިއްސާތީ ގެއަށް ގެނައީކަމަށް އޭގެ އަނެއްދުވަހު ފައިސަލް ކައިރީގައި އެހުމުން އޭނާ އެހެންބުނި ހަނދާން މިޝަލްވިއެވެ. އެދުވަހު އެވާހަކަ އިތުރަށް ފައިސަލް ކައިރިން އޮޅުން ނުފިލުވީ އެވަރުގެ ކަމެއް ނޫންކަމަށް ހީކޮށްށެވެ. ޖީލާ މިހާ ދަށުދަރަޖައަކަށް ވެއްޓި ދާނެކަމަކަށް މިޝަލް ދުވަހަކުވެސް ހިއެއް ނުކުރެއެވެ. ދިމްނާ ދިޔައިމަ އެހަނދާން ތަކާއި ދުރުވެ އާ ހަޔާތެއް ހޯދުމަށް މިޝަލް ގުޅުނީ ޚުދު އޭނާއާއި ދިމްނާ ދުރުކޮށްލި ފަރާތާއެވެ.
ކުއްލިއަކަށް މިޝަލް އަތުގެ ހޫނު އެތިފަހަރެއް ޖީލާގެ ކޯމައްޗަށް އެރިއެވެ. ” މި ހުރިހާ ދުވަހު އަހަންނަށް މި އުޅެވުނީ އަހަރެންގެ ހުރިހާ އުފާތަކެއް ނިގުޅައިގެން ފަރާތާއެކީތަ؟؟ ޖީލާދެކެ ލޯބިވެވުނީތީވެސް އަހަރެން ލަދުގަނެ..” ޖީލާ އެނދުމައްޗަށް ވައްޓާލުމަށްފަހު ކޮޓަރިން ނިކުންނަށް ހިނގައިގެން މިޝަލްގެ އަތުގައި ހިފައި ޖީލާ ރޯންފެށިއެވެ. “ދޫކުރޭ!! މި ބުނީއެއްނުން ދޫކުރާށޭ..” މިޝަލްގެ ބާރު ހަޅޭކުގެ އަޑާއިއެކު ޖީލާގެ އަތް ފޮޅުވާލަމުން މިޝަލް ކޮޓަރިން ނިކުމެ ދޮރު ޖެހިއެވެ.
ފޯނުގައި އޮތް ޝަޒިން ސިއްސައިގެން ގޮސް އެނދުން ތެދުވީ އިވުނު ބާރު އަޑުފައްގަނޑާއި އެކީއެވެ. ވޭތުވެގެން ދިޔަ ދެދުވަހަކީ ޒަމާން ތަކަކަށްފަހު ޝަޒިންއަށް ހަމަޖެހިލައިގެން އުޅެވުނު ދެދުވަހެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ދާނިޝް ދިޔައީއެވެ. އެ ބިރުވެރިކަން ވެސް ހިތުން ފިލަގެން ދިޔަ ކަހަލައެވެ. ނަމަވެސް ކުއްލިއަކަށް އެ އިވުނުއަޑުން އެ ހިތަށް އަނެއްކާވެސް ބިރުވެރި ކަމުގެ ރާޅެއްއައިހެން ހީވިއެވެ.
“އެބަ ގުޅަންއިނގޭ.. ކަމެއް ވީކަންނޭގެ” ފޯނުން ޖުމައިލްއާއި ވާހަކަ ދައްކަމުން ޝަޒިން މިހެން ބުނެލުމަށްފަހު ފޯނުބޭއްވިއެވެ. ކޮޓަރިން ނިކުމެ ބަލައިލިތަނާ ބާރު ހިނގުމެއްގައި ގެއިން ނިކުމެގެން ދިޔަ މިޝަލް ފެނި ޝަޒިންގެ ހިތް ސުވާލުން ފުރުނެވެ. މިޝަލްގެ މޫނުމަތިން ފެނުނު ރުޅިވެރިކަން މިއިން ދުވަހެއްގަވެސް ޝަޒިންއަށް ފެނިފައެއް ނުވެއެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ޝަޒިންއަށް އިނގުނެވެ. ސިޑީގެ ހަރުފަތްތަށް ގިރާކުރަމުން މައްޗަށް އެރި ޝަޒިންގެ ނަޒަރު ހުއްޓުނީ މިޝަލްގެ ހުޅުވިފައިވާ ކޮޓަރީގެ ދޮރާއި ދިމާއަށްށެވެ. އޭރު ޖީލާ ދޮރުކައިރީގައި އިނދެ ރޮމުން ދިޔައެވެ.
“ކިހިނެއްވީ؟؟ ކީއްވެ ތިރޮނީ؟؟.. މަންމާ.. މަންމާ..” ވާނުވާ ނޭނގި ހުރި ޝަޒިން އިށީދެގެން އިން ޖީލާގެ ގައިގައި ހިފަހައްޓާލަމުން ޒާހިދާއަށް ގޮވިއެވެ. އޭރު ޒާހިދާ ސިޑިން އަރަނީއެވެ.
” ކިހިނެއް ވެގެންތަ މިއުޅެނީ؟؟ ދަރިފުޅާ ޖީލާ އަވަހަށް ތެދުވެ.. ދެ މީހުން މައްސަލައެއް ޖެހުނީދޯ.. މިޝަލްއައީމަ މަންމަ އޭނާއާއި ވާހަކަ ދައްކާނަމޭ.. ދެން ހުއްޓާލަ..” ޒާހިދާ ޖީލާގޮވައިގެން ކޮޓަރިއަށް ވަނެވެ.
“ދިމްނާ.. ދިމްނާ..” ގޭތެރެއިން އިވުނު އަޑާއި އެކީ ކޮޓަރީގައި ކިޔަންއަށް އާފަލެއް ކާންދޭންއިން ދިމްނާގެ ހަރަކާތްތައް ހުއްޓުނެވެ. އެ އަޑު އޭނާއަކަށް ދުވަހަކުވެސް ނޯޅޭނެއެވެ. ކިޔަން ގޮވައިގެން ކޮޓަރިން ނިކުން ދިމްނާގެ ނަޒަރު ހުއްޓުނީ ގޭތެރޭގެ ދޮރު ކުރިމަތީގައި ހުރި މިޝަލްއަށެވެ. އޭރު ސިޓިން ރޫމްގައި ތިބި އޭނަގެ ބައްޕައާއި ބޭބެ ހުރީ ކޮޅަށް ތެދުވެއެވެ. އެމީހުންގެ ކިބައިންވެސް ފެންނަމުން ދިޔައި ސުވާލުން ފުރިފައިވާ މޫނެކެވެ.
“ދިމްނާ.. އަހަރެންނަށް ހުރިހާ ހަޤީޤަތެއް އިނގިއްޖެ.. އަހަރެން މިއައީ ދިމްނާ ބަލާ.. އަހަރެންގެ މީހަކަށް ހަދަން.. ދެން އެންމެ ދުވަހެއްވެސް އަހަރެމެން ދެ މީހުން ދުރުކުރި ޖީލާއާއި އެކީއެއް ނޫޅެވޭނެ” މިޝަލް ދައްކަމުން ދިޔަ ވާހަކަތައް އެކަކަށްވެސް އޮޅުން ފިލާގޮތެއް ނުވިއެވެ. އޭރު އެތަނަށް ދިމްނާގެ މަންމައާއި ދައްތަވެސް އަތުވެއްޖެއެވެ.
“މިޝަލް ކޮން ވާހަކައެއް ތިދައްކަނީ؟؟ ކުއްލިއަކަށް މިގެއަށް ތި އައިއްޔޯ؟” ވަމުން ދިޔަގޮތް އޮޅުންފިލުވުމަށްޓަކައި ދިމްނާގެ ބައްޕަ ޒުހޭރު މިޝަލްއާއި ވާހަކަދެއްކިއެވެ.
“ޒުހޭރުބޭ.. އަޅުގަނޑަށް މާފުކުރޭ.. މިއީ އަޅުގަނޑުގެވެސް ކުށެއް.. ހުރިހާކަމެއް އިނގި ހާމަ މިވީ މާފަހުން..” މިޝަލް ހުރިހާ ވާހަކައެއް ޒުހޭރުއަށް ކިޔައިދިނެވެ. އެންމެ ފުރަތަމަ ދިމްނާއާޢި ރައްޓެހިވެގެން އުޅުނު އިރު ކަންތައްވީ ގޮތާއި އެމީހުން ދުރުވާން ދިމާވި ސަބަބާއި ހުރިހާކަމެއް މިއަދު އެނގިގެންދިޔަގޮތެވެ.
“ކިޔަން މިއީ މިޝަލްގެ ދަރިއެކޭތަ ތިބުނަނީ؟ ދިމްނާ ކައިރި އެތަށްފަހަރަކު ކިޔަންގެ ބައްޕައަކީ ކާކުހޭ އެހުމުންވެސް ހަމަ އެއްވެސް ޖަވާބެއް ނުލިބުން. އެހެންވެ ދިމްނާ ބޭރަށް ގޮސް މީހަކާއި އިންކަމަށާއި އެމީހާ މަރުވީކަމަށް ބުނެއާއިލާގެ އެންމެންނަށް ހަޤީޤަތް ފޮރުވަން މަޖުބޫރުވީ. މީ ތެދެއްތަ ދަރިފުޅާ؟ މިޝަލް އެދެއްކި ހުރިހާ ވާހަކައަކީ ހަޤީޤަތްތަ؟” ޒުހޭރު ސުވާލުކުރީ ކިޔަންގެ އަތުގައި ހިފައިލައިގެން ހުރި ދިމްނާއާއެވެ.
“ބައްޕާ.. އެއީ ތެދެއް.. ކަޔަންއެއީ މިޝަލްގެ.. އެކަން ސިއްރުކުރީ އަހަރެންގެ ދިރިއުޅުމަށް އިތުރަށް މިޝަލް ނުގެނުމަށް.. އެކަމަކު ޖީލާ އެކަހަކަލަ ކަމެއް ކުރިންކަން އިނގުންނަމަ މިހެން ނުވީސް.” ދިމްނާގެ ލޮލުގައި ބަބުޅަމުންދިޔަ ކަރުނަތަށް ފެނި މިޝަލްއަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ.
މިޝަލް ދުވެފައި ކަހަލަ ގޮތަކަށް ގޮސް ދިމްނާގެ ގައިގައި ބައްދާލިއެވެ. ދިމްނާ އުފުލި ވޭނާ ކުރި އަސަރު މިޝަލްއަށް އިހުސާސް ވިކަހަލައެވެ. “ޝުޝް.. ދެން ނުރޮއެ.. ދެން ދުވަހަކުވެސް ތި ލޮލުން އެންމެ ކަރުނައެއްވެސް އޮހޮރުނަކަ ނުދޭނަން.. އަހަރެން އަދިވެސް ދިމްނާދެކެ ލޯބިވަން.. ތީ އަހަރެންގެ ހިތުގެ ފުރާނައަކީ.. އަހަރެން ޖީލާދެކެ ލޯބިވިން.. އެކަމަކު އެކަން ވީވެސް އޭނާ އޮޅުވާލައިގެން ރޭވި ރޭވުމެއްގެ ސަބަބުން.. އަހަރެން ހާދަ ނަފްރަތެއް ކުރަމޭ މިހާރު އޭނައަށް.. އަހަރެން އޭނަ ދޫކޮށްލާނަން.. ދިމްނާ.. މެރީ މީ.. އަހަރެން ބޭނުން ވޭތުވެ ދިޔަ ދުވަސްތަކުގައި ދިމްނާއަށްށާއި ކިޔަންއަށް ނުދެވުނު ލޯބިދޭން..” މިޝަލްދެއްކި ވާހަކައަކުން ދިމްނާގެ ހިތުގައި އާ ވިންދެއް ޖަހާލިއެވެ. އޮޅުމެއްގެ ތެރޭގައި ހުރެ އޭނާދެކެ އިންތިހާއަށް ލޯބިވި އަދި މިހާރުވެސް ލޯބިވާ މިޝަލް ދޫކޮށް ލެވުނީއެވެ.
ދިމްނާ އެނާގެ ބައްޕައާއި އެހެން އެންމެންނަސް ނަޒަރު ހިންގާލިއެވެ. އެމީހުންގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަޖެހުމެވެ. ހުރިހާކަމެއް އޮޅުނަފިލައި ހަޤީޤަތް ހާމަވަމުން އެންމެވެސް ތިބީ ހިތްހަމަޖެހިއެވެ. ޒުހޭރު ހިނިތުން ވެލަމުން ބޯޖަހާލުމާއިއެކީ އެ އިޝަރާތުން ދިމްނާއަށް އޭނާގެ ޖަވާބުލިބުނެވެ.
“ވިލް ޔޫ މެރީ މީ..؟” މިޝަލް އެއްކަކޫ މަތީ އިށީދެލަމުން ބުނެލިއެވެ. އެންމެން ކުރިމަތީގައި މިޝަލް މި ކުރި ކަމަކުން ދިމްނާ ލަދުން މުޅި މޫނަށް ލޭއަރައި ރަތްވިއެވެ. ދިމްނާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. ކުޑަކޮން ބޯވެފައިވާ ތުނބުޅިގެ ތެރެއިން މިޝަލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
ދިމްނާގެ ކައިރީގައި ހުރި ކިޔަންއަށް މިޝަލް ނަޒަރު ހުއްޓާލިއެވެ. ” ހޭއި ކިޔަން.. މިއީ ކިޔަންގެ ޑެޑީ.. މީގެ ފަހުން ކިޔަންގެ ޑެޑީ އަބަދުވެސް ކިޔަން ކައިރީގައި ވާނެ..” މިޝަލް ދެއަތް ފުޅާކޮށްލަމުން އޭނާކައިރިއަށް އައުމަށް އެދުނެވެ. ކިޔަން ދެކޮޅުހެދުމެއް ނެތި މިޝަލްގެ އަތުގެ ތެރެއަށްވަދެ އެ ކުޑައަތް ގެނެސް މިޝަލްގެ ކޮނޑުގައި ބާއްވާލިއެވެ. މިޝަލްގެ ހިތަށް ފިނިކަމެއް ލިބުނެވެ. މިއީ އޭނާގެ ދަރިފުޅެވެ. އެތަށް ދުވަހަކަށްފަހު އެފުރާނަ މިޝަލްއަށް އިހުސާސް ކުރެވުމުން ދެލޯ ކަރުނުން ފުރުނެވެ.
“ޑޭޑީގެ ދޫނި” މިޝަލް ދެލޯ މަރާލަމުން ދުވަހުކުވެސް އެފުރާނަ އޭނާއާއި ދުރުނުކުރުމަށް ބާރަށް ކިޔަންގައިގައި ބައްދާލިއެވެ. “ޑެޑީ…” ކިޔަންވެސް އޭނާގެ ބައްޕަގެ ހިމާޔަތް ހޯދަމުން މިޝަލްގެ އެފުޅާ ކޮނޑުމަތީގައި ބޯ އަޅާލަމުން ބުނެލިއެވެ.
އިރުއޮއްސި އުޑުމަތިން ކަޅުވިލާތަށް ފާޅުވަމުން ދިޔައިރު ޖީލާގެ ދިރިއުޅުމަށް މިރޭ އަންނަން އޮތް ކަޅުވިލާގަނޑުގެ އަނދިރިކަން އޭނާއަށް އަންދާޒާވެސް ނުކޮށްލެވޭނެއެވެ. ގޭތެރޭގައި އިން ސޮފާގައި ޖޫސްތައްޓެއް ބޯންއިން ޖީލާގެ ހިތް އިންތިޒާރުކުރަމުން ދަނީ މިޝަލް އަންނާނެ އިރަކަށްށެވެ. ސޯފައިގައި އިށީދެގެންތިބި ޝަޒިންއާއި ޒާހިދާވެސް ތިބީ މިޝަލް ނައިސްގެންނެވެ.
“އަދިވެސް ނާދެ؟” ކޮޓަރިން ނިކުމެގެން އައި ސަލީމް ސިޓިންރޫމާއި އަރާ ހަމަކުރަމުން ޒާހިދާއާއި ސުވާލުކުރިއެވެ. ޒާހިދާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
ކުއްލިއަކަށް އެންމެގެ ނަޒަރު ހުއްޓުނީ ގޭތެރަށް ވަދެގެން އައި މިޝަލްއަށްށެވެ. ޖީލާގެ ތުންފަތަށް ވެރިވި ހިނިތުންވުން ހިނދުކޮޅެއްގެ ތެރޭގައި ފިލައިގެންދިޔައީ މިޝަލްގެ އަތުގައި ހިފައިގެން ފަހަތުން ވަން ދިމްނާފެނިފައެވެ.
އެކަކުވެސް އެއްޗެކޭ ނުބުނެ ހިމޭންކަމުގެ ވަގުތު ކޮޅެއް ދިޔައެވެ. މި ހިމޭންކަން ކަނޑުވާލީ މިޝަލްއެވެ. “ބައްޕާ.. އަޅުގަނޑު ބޭނުން ދިމްނާއާއި ކައިވެނި ކުރަން އަދި މިހިރީ އަޅުގަނޑު ދަރިފުޅު ކިޔަން..” ދިމްނާގެ އަތުގައި ހިފާލައިގެން ހުރި ކުޑަ ކުޑަ ކިޔަންއަށް އިޝާރާތް ކޮށްލަމުން މިޝަލް ބުނެލިއެވެ. ކުއްލިއަކަށް އެންމެން ސިއްސުވާލީ ސަލީމު މިޝަލްގެ ކޯމަތީގައި އަތްނަގާ ޖެހުމުންނެވެ. ސަލީމަކީ ދުވަހަކުވެސް އަމިއްލަ ދަރިއެއްގެ ގަޔަށް އަތް އިސްކުރި މީހެއް ނޫނެވެ. ނަމަވެސް މިޝަލް މީހަކާއި އިނދެގެން ހުރެ ކުއްލިއަކަށް އެހެން މީހެއްގެ ދަރިއަކީ އަމިއްލަ ލެއޭ ބުނުމުން ސަލީމުއަށް އަމިއްލަ ނަފްސު ނުހުއްޓުވުނީއެވެ.
“ބަލަ ތި ކިޔޭ އެއްޗެއް އެބަ އިނގޭތަ؟؟ މިއީ މިޝަލްގެ ދަރިއެކޭ؟” ސަލީމްގެ ހަޅޭނުލެވިއެއްކަމަކު އެ އަޑުގައި ހަރުކަށިކަމެއް ހުއްޓެވެ.
“ބައްޕާ.. އަޅުގަނޑަށް ކުށެއް ކުރެވުނު. އެ ކުށަށް ތަޢުބާވެ މި ދަރިފުޅަށް ގެއްލުނު ލޯބި ދޭން އަޅުގަނޑު ބޭނުން.” މިޝަލް ވާހަކަ ދެއްކީ އިސްޖަހައިގެން ހުރެއެވެ.
“ބައްޕަ އުފާކުރަން ދަރިފުޅަށް ވިސްނި ތަޢުބާވީތީ.. އެކަމަކު ޖީލާ..” ސަލީމު ދައްކަންފެށިވާހަކަ މެދުކަނޑާލީ މިޝަލްއެވެ.
“ޖީލާދޯ.. ބައްޕައަށް އަދި ނޭނގެ މިއީ ކޮންފަދަ ނުބައި އަންހެނެއްކަމެއް..”
“މިޝަލް..” މިޝަލް ބުނީ ވާހަކައިން ޒާހިދާ ހިތްހަމަނުޖެހި ތަންކޮޅެއްބާރަށް އޭނާ ބުންޏެވެ.
“މޮމް ޕްލީސް.. މިއީކީ މަންމަ ތި ހީކުރާހާ ރަނގަޅު މީހެއް ނޫނޭ..” މިޝަލް އެންމެނަށް ހަޤީޤަތް ހާމަކުރިއެވެ. ޒާހިދާއަށް ޖީލާ އެފަދަ ކަމެއް ކޮށްފާނެކަމަކަށް ޤަބޫލެއް ނުކުރެވުނެވެ. ނަމަވެސް ޖީލާގެ ހަމަހިމޭން ކަމާއި އޭނާ އަމިއްލަ ދިފާޢުގައި އެއްވެސް ވާހަކައެއް ނުދެއްކުމުން މިޝަލްގެ ވާހަކަތަކަކީ ހަޤީޤަތްކަން ޒާހިދާއަށް އިނގުނެވެ.
“ޖީލާ. ތިހިރީ ވަރިކޮއްފަ!”މިޝަލް އެ ބުނެލި ޖުމްލައިން ޖީލާގެ މުޅި ދުނިޔެ ފުނޑުފުނޑުވިއެވެ. އޭނާ ތިރިވެ މިޝަލްގެ ދެފައިގައި ހިފައި މާފުކޮށްދިނުމަށް އެދުނެވެ.
“ނޫން.. ނޫން.. އަހަރެން ވަރި ނުކުރޭ.. މިޝަލް ޕްލީސް. ސޮރީއޭ..” ޖީލާގެ ލޮލުން ކިތަންމެ ކަރުނައެއް އޮހުރުނަސް މިޝަލްއަށް މިއަދު އެއްވެސް ފަރުވާލެއް ނެތެވެ. އޭނާގެ ދިރިއުޅުން ހަލާކުކޮށްލި މީހަކާއި އިނދެގެން މިޝަލްއަށް ނޫޅެވޭނެކަމަށް ބުނެ ގެއިން ނިކުތުމަށް އެދުނެވެ.
މިމަންޒަރު ބަލާކަށް ދިމްނާއަށް ކެތެއްނުވިއެވެ. “އެހެން ނަހަދާ މިޝަލް.. ކީއްކުރަން ވަރި ކުރަނީ.. އަހަރެން އޭނާއަށް މާޢާފުކޮށްފީމޭ..” ދިމްނާ ތިރިވެ ޖީލާ ކޮޅަށް ނެގިއެވެ. އަދި ގެންގޮސް ސޯފައިގައި ބޭންދުމަށްފަހު ރުއިން ހުއްޓާލުމަށް އެދުނެވެ. ޖީލާއަށް މިކަމުންވެސް ދިމްނާގެ ރަނގަޅުކަމާއި ހިތްސާފުކަން ހާމަވިއެވެ. ޖީލާ ރުއިން ހުއްޓާލުމަށްފަހު މިޝަލް ކުރިމައްޗަށް އަރާ ހުއްޓެލިއެވެ.
“މައްސަލައެއް ވަރިކުރިޔަސް.. އަހަރެންނަށް އެ އަދަބު ހައްޤު. އަހަރެންނާއި ހެދި މިޝަލް އަމިއްލަ ދަރިފުޅާ ވަކިވީ.. ދިމްނާ ކަހަލަ ހިތްސާފު ކުއްޖަކާއި ދޭތެރޭ އެހެން ކަންތައް ކުރެވުނީ ތީ ދެރަވެ ލަދުގަނޭ މިއަދު.. އޭރު ތި ދެމީހުން ދުރުކުރިއެއްކަމަކު މިއަދު އެގޮތަށް ކަންތައް ކުރާކަށް އަހަރެން ނެތިން.. އެކަމަކު ދިއުމުގެ ކުރިން ބޭނުމަކީ އެންމެ ކަމެއް.. މިޝަލް އަހަރެންނަށް މާޢާފުކޮސްދީ..” ޖީލާ އަމިއްލައަށް ކުރެވުނު ކުށާއި ދޭތެރޭ ދެރަވެ ވާހަކަދެއްކިއެވެ.
“އޯކޭ.. އަހަރެން މަޢާފު ކޮށްފިން.. ދެން އެކަމު އެންމެ މިނެޓަކުވެސް ޖީލާ މިތާ ހުންނާކަށް އަހަރެން ބޭނުމެއް ނޫން.” މިޝަލް ޖީލާއަށް މަޢާފުކުރިއެވެ.
މަޑު ހިނގުމެއްގައި ޖީލާ އަމިއްލަ އެއްޗެހި ބަލާ ކޮޓަރިއާއި ދިމާއަށް ދާން މިސްރާބުޖެހިއެވެ. މިޝަލް އޭނާ ވަރިކުރީތީ އެލޮލުން ކިތަންމެ ކަރުނައެއް އޮހޮރުނު ކަމުގައިވިޔަސް އޭނާގެ މަޢާފު ލިބުމުން ޖީލާގެ ހިތަށް ފިނިކަމެއް ލިބުނެވެ. އޭނާ އިތުރަށް މިޝަލްގެ ދިރިއުޅުމަށް މައްސަލަތަކެއް ގެންނާކަށް ބޭނުމެއް ނުވެއެވެ. އޭނާއަށް ކުރެވުނު ކުށުގެ އަދަބު މިއަދު ލިބުން ހައްޤެވެ.
އެނބުރެމުން ދިޔަ ފަންކާއަށް ނަޒަރުހުއްޓާލައިގެން އޮތް ޝަޒިންގެ ޚިޔާލުތަކުގައި އެނބުރެމުން ދިޔައީ މިއަދުގޭގައި ހިނގައިދިޔަ ހާދިސާއެވެ. ހުރިހާ ހަޤީޤަތެއް ހާމަވެ ޝަޒިންގެ ދޮންބެގެ ދިރިއުޅުމަށްވެސް އުފާވެރިކަން އައީއެވެ. އެކަންތައް ސިއްރު ކުރިނަމަ މިއަދު އެމީހުންނަށް އެ ލިބުނު ހިތްހަމަޖެހުމާއި އުފާވެރިކަން ލިބޭނެ ބާއެވެ؟ ޝަޒިންވެސް އޭނާގެ ސިއްރުތައް ހާމަ ކޮށްފިނަމަ އެ އުފަލާއި ހިތްހަމަޖެހުން ލިބޭނެ ބާއްވައެވެ؟ ދިރިއުޅުމަށް އާފެށުމެއް ލިބިދާނެބާއެވެ؟ ޚިޔާލުތަށް އެއްފަރާތް ކޮށްލަމުން ޝަޒިން ފޯނުނެގީ ބޮޑުކަމެއް ކުރުމަށް ހިތުލައިގެންނެވެ.
“ހަލޯ..” ވާހަކަދެއްކީ ޖުމައިލްއެވެ. “ކެން ވީ މީޓް؟” ޝަޒިން ބުނިވާހަކަ ޤަބޫލުކުރަންވެސް ޖުމައިލްއަށް ދަތިވިއެވެ. ޝަޒިން އަބަދުވެސް އެކަހެރިކޮށް ބައްދަލުކުރުމަށް އިންކާރުކުރަމުން އައިސް ކުއްލިއަކަށް އަމިއްލައަށް އެވާހަކަ ބުނުމުން ޖުމައިލްއަށް ހަމަ ޤަބޫލު ނުކުރެވުނީއެވެ.
“ކީކޭ؟” ޝަޒިން ބުނިއެއްޗެއް ޔަޤީންކުރުމަށްޓަކައި ޖުމައިލް އެހިއެވެ.
“މީޓް ކޮއްލެވިދާނެހޭ؟ ވަރަށް މުހިއްމު ވާހަކައެއް ދައްކަންވެފަ އެބައޮތް. ނޭނގެ ޖުމައިލް މިވާހަކަ ޤަބޫލުކުރާނެކަމެއް.. ނޫނީ މި ވާހަކައިނގުމުން ކަންތައް ކުރާނެ ގޮތެއްވެސް.”ޝަޒިން ވާހަކަދެއްކިއެވެ.
“ޔެސް. ޝަޒިން ދައްކަން ތިއުޅެނީ ކޮންވާހަކައެއް ކަމެއް ނޭނގުނަސް އިނގޭ އެއްޗަކީ އެއީ ކޮންމެ ވާހަކައަކަށް ވިޔަސް އަހަރެން އަބަދުވެސް ޝަޒޫއާއި އެކީ ވާނެކަން. ތި ވާހަކައަކުން މި ޖުމައިލްގެ ހިތެއް ތި ޝަޒިންއަށްޓަކައި ބަދަލެއްނުވާނެ” ޖުމައިލްގެ މިޖުމްލައިން ޝަޒިންގެ ލޯ ކަރުނުން ވިދާލިއެވެ. އާނކެވެ. އެދެހިތް ދުވަހަކުވެސް ބަދަލެއް ނުވާނެއެވެ.
-ނުނިމޭ-
10 Comments!
Comments are closed.
sorry for the late update. i got buxy. hope u all will like this part too.
Nice.bt plx try to upload fast
late update viyma dhen mirey 11 th episode ves upload kohla dheyn v nun dho…. aneh part vrh kiyaalaa hithun mihireee :p plz upload fast cnt wait..
hehe. thankx. sorry mufff havn’t written the 11th episode yet . i’ll try to upload it asap. 🙂
mivaahaka keehvetha ehaa vahtharee ” mihayaatha dhurunuvey” vaahaka aa?….heevany baeh hisaabuthakun e story kiyey hen…shazinge bai ekani thafaathee…dhen hama same….
V nice waiting for next part:)
salhi salhi…
vedhaane idea same v kama, but this is a different concept. hope u wud like it
Alhey zaishoo haadha reehchey mi story.. Dhen avahah shazzin ge kanthah falha Aruba.. Danish ah vaane kulhi dhakkaalan.. I luv this story…
assu mithanah aee hama comment thah kiyaalaafa comment eh kollaahithun.. mi site in waahaka kiyaa baeh kudhin writers ah respect nukuraathy dhw.. keep up the good work zaisha.. i’ll read this story soon.. 🙂