Skip to content
އެސްފިޔަ

ފޮނި ފާރޮށި 12

ގަޑިން މެންދަމުން އަނބުރައި ދޭއް ޖަހައިފިއެވެ. ސާފުކުރުމުގެ މަސައްކަތް ނިންމާލާފައި ސޯފާގައި ޖައްސައިލި ނައިއަލްއާއި އީމާގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ޓީވީ ހުޅުވައިގެން ލުއި ކާނާ ސުންކަންޖަހަން ތިބިއިރު ދައްކަމުންދިޔައީ ކޫސަނި ވާހަކައެވެ.

“އަސްލު ކީއްވެތަ ބޮޑީގާރޑްއެއް ބޭނުންވަނީ؟ މީހަކު ގެއްލުމެއް ދޭން އުޅެނީތަ؟” ވާހަކަ ތަކުގެ ތެރެއިން ނައިއަލްގެ ހިތަށް އައި ސުވާލެއް އޭނާ ކޮށްލިއެވެ.

*****************************

“މަށަށް ހަސަދަލާ މީހުން ގިނަކަމުންނެއްނު. އެންމެ ފުރަތަމަ ބޮޑީގާރޑެއް ހޯދަން ނިންމީ އެ މީހާޔާ ހެދި…” އީމާ ފުން ނޭވާއެއް ދޫކޮށްލިއެވެ.

“ކޮން މީހާ؟” ނައިއަލް ޝައުގުވެރި ވިއެވެ. ބޯ ކަހާލާފައި އީމާ އެ މީހާގެ ވާހަކަ ފެށީ އެ ދުވަސް މަތިން ހަނދާން ކުރަންވެސް ބޭނުން ނުވެފައި އިނދެއެވެ.

އެއީ އޭގެ އެއް މަސް ކުރިއެވެ. އޮފީސް ބަންދު ދުވަހެއްކަމުން އީމާ ނުކުތީ ވަކި މަންޒިލެއް ނެތި ހަވީރު ފިންޏަށް ހިނގައިލަންށެވެ. ފަހަތު އަޅުވައިލި ކާރަށް ސަމާލުކަން ދޭން އީމާއަށް މަޖުބޫރުވީ އެޅި ފަސް މަގުންވެސް އޭތި ފަހަތުން ނުނެއްޓީތީއެވެ. އެއީ އޭނާ ފަހަތުން އަންނަ އެއްޗެއްކަން ޔަޤީންވީ އީމާ ކެފޭއަކަށް ވަނުމުން އެ ކާރު ކެފޭގެ ބޭރުގައި ޕާކު ކުރުމުންނެވެ. ނަމަވެސް އެތެރެއިން މީހަކު ނުފޭބިއެވެ. އެ ކާރު އޭނާގޭ ގޭ ކުރިމަތީގައި ހުއްޓާފައި އޮތްތަން ދެތިން ދުވަހަކު ފެނުން ހަނދާން ވިއެވެ.

އައިސް ކްރީމް ތަށި ހުސްކޮށްގެން ކެފޭއިން ނުކުތް އީމާ ވީހާވެސް މީހުން ގިނަ މަގުތަކުން ފިހާރަތަކަށް ވަންނަމުން ދިޔައީ އެ ކާރު އޭނާ ފޫބުޑުން ނައްޓާނެ އިރެއްގެ އިންތިޒާރުގައެވެ. އެގޮތުގައި އިރު އޮއްސެން ގާތް ވުމުން އީމާއަކަށް ކެތެއް ނުވިއެވެ. ފިހާރައަކުން ނުކުމެފައި ސީދާ ކާރާއި ދިމާލަށް ދިޔަ އީމާ ޑްރައިވަރުގެ ސީޓާއި ދިމާލަށް އިން ކުޑަދޮރުގައި ޓަކި ޖަހައިލިއެވެ. ޖެހިލުންވެފައި އިން ޑްރައިވަރު ފަހަތު ސީޓުގައި އިން މީހާގެ އަމުރަށް ބިއްލޫރިގަނޑު ތިރިކޮށްލިއެވެ.

“ކީއް ތި ކުރަނީ؟” އީމާ ވާހަކަދެއްކީ ޑްރައިވަރާއެވެ. އެ މީހާއަކަށް ދޭނެ ޖަވާބެއް ނޭންގުނެވެ. ފަހަތު ސީޓުގައި އިން މީހާ ދޮރު ހުޅުވައިލާފައި ބޭރަށް ނުކުތުމުން އީމާ އެ ދިމާލަށް ބަލައިލިއެވެ.

“ހަ..ހަ..ހައި…” ދެބައި އުމުރުގެ އެ ފިރިހެން މީހާ ވަރަށް ހިތްއަވަސްވެފައި ހުރެ އަތް ހިއްލައިލިއެވެ.

“ކާކު ތީ؟” އީމާ ދެބުމަ ގާތްކޮށްލަމުން ސުވާލުކުރިއެވެ.

“އަޅުގަނޑަކީ ޖީ.އެޗް.ސީ ކޮމްޕެނީގެ އޯނަރ، އަރީފް.” ސަލާމަށް އަތް ދިއްކޮށްލަމުން އަރީފް ތައާރަފްވެލިއެވެ. އޭނާގެ ހިނިތުންވުމުން ފަކުރު ގޮތެއް އީމާއަށް އިހުސާސުވިއެވެ.

“ކީއްވެ އަހަރެން ފަހަތު އަޅުވާލައިގެން ތި އުޅެނީ؟” އަރީފް ދިއްކުރި އަތަށް ފާޑަކަށް ބަލައިލާފައި އެ އަތުގައި ހިފުމެއް ނެތި އީމާ އަހައިލިއެވެ.

“ފަ..ފަ..ފަހަތު އަޅުވައެއް ނުލަން…” އަތުގައި ނުހިފީތީ ވަރަށް ކަޑަވެފައި ޖީބަށް އަތް ޖަހައިލި އަރީފް އީމާއަށް ނުބަލަން މަސައްކަތް ކުރި އަރީފްގެ އަޑު ތުރުތުރު އެޅިއެވެ. ހެދީ ހަމަ ރޯ ބުހުތާން ދޮގެކެވެ.

“އާނ ވަރަށް! މަގޭ ލޯ ކަނުކަމަށްތަ ހީކުރީ؟ ކޮބާ ކަލޭގެ މައްސަލައަކީ؟” އީމާ ރުޅި އަންނާކަށް މާ ގިނައިރެއް ނުނެގިއެވެ.

“ލޯ ކަނެކޭ އެންމެ ފަހަރަކުވެސް ހިތަކަށް ނާރާ! ތި ދެލޮލަކީ މި ދުނިޔެއިން އެންމެ ޗާލު ދެ ލޯ! އެންމެ ތޫނު ކަޅިރަވަ! މަށަށް ބަލަން ހުރެގެން މި ހިތަށް ތި ތޫނު ހަންޖަރު ނުހަރާ! ތި އެސްފިޔަތަކުގެ ހިޔަލުގަ އަހަރެން ނިންދަވާލަދީ! ތި…” ޖަޒުބާތުން ފުރިގެންވީ ފަތިވަރެއް ދަމައިލެވުނު އަރީފްއަށް އަނގަމަތީ އަތް އަޅައިލެވުނެވެ. ފަކުރުން އަނގަ ޗޭވެފައި ހުރި އީމާގެ މޫނު ފެނިފައި އޭނާގެ ހިތަށް ތީރެއް ހެރުނެވެ. “ފަކުރުގަނެފަ ހުންނައިރުވެސް ލޯބި…” އަނގައިގައި އަތް އަޅައިގެން ހުރި ގޮތަށް ވައި އަޑުން އޭނާ ކިޔައިލި އަޑު އިވިފައި އީމާއަށް ފައިގައި ހުރި ބާރެއް ލައި ހިނގައިގަނެވުނެވެ. ފަހަތުން އަރީފް އައުމުން އީމާގެ މޭ ތެޅިގަތީ އެއެއް މިއެއް ބަލާފައެއް ނޫނެވެ. އެތައް ކަމެއް ގޯސްކޮށް ހިނގާފާނެ މަންޒަރު އޭނާއަށް ސިފަކުރެވެން ފެށިއެވެ.

“މަޑުކޮށްބަލަ! އަހަންނަށް ވަގުތުކޮޅެއް ހުސްކޮށްލަދީބަލަ އީމާ! ތި ކުންފުންޏަށްޓަކައި… އުނހޫ މި ބުނީ ތި މަލިކާއަށްޓަކާ އަހަރެންގެ ކަރުގަ މިވާ ކަރުހިއްކުން ފިލުވާލަދީބަލަ!” އަރީފްގެ ހިތުގައިވީ ހަޤީޤީ އެދުން ފާޅުވާން އުޅުނު އަޑު އީމާއަށް ސާފުކޮށް އިވުނެވެ. އަރީފް ކަރުހިއްކައިގަތްފައި ހުރީ އީމާގެ މުދާގަނޑަށްޓަކައެވެ. ބާރު ހިނގުން، ދުވުމަށް ބަދަލުކޮށްލި އީމާއަށް ޓެކްސީއެއް އަތުވިކަން ނަސީބެކެވެ. އެހެން ނޫންނަމަ އަރީފް އޭނާ ފަހަތުން ގެއާއި ހަމައަށް ދިޔައީސް ކަންނޭންގެއެވެ.

އެލް.ވީ.ގެ ދަހިވެތިކަމުގައި އީމާއާއި ގާތްވާ އެތަށް ބަޔަކު އޭނާގެ މުޅި ހަޔާތުގައި ފެނިފައިވެއެވެ. ގެއަށް ވަދެގަންނަން އުޅޭ މީހުންނާއި އޮފީސް ދޮށަށް އަންނަ މީހުން ގުނާ އަދަދު ނުކުރެވެއެވެ. ނަމަވެސް އެހާ ފަކުރު ގޮތަކަށް މީހަކު ފަހަތު އަޅުވައިލީ އަލަށެވެ. އޭގެ ފަހުންވެސް އީމާއަށް ދޭތެރެއަކުން އެ ކާރު ފެނުނެވެ. ފުލުހަށް އަންގަން ބޭނުންވި ނަމަވެސް ވާހަކަ ފެތުރި އޭނާގެ ވިޔަފާރިއަށް ބުރޫ އަރާކަށް އީމާ ބޭނުން ނުވިއެވެ. އަރީފްގެ ކަންތައް މައްޗަށް ދިޔައީ ހަދިޔާގެ ނަމުގައި ގެއަށް އެއްޗެހި ފޮނުވަން ފެށި ހިސާބުންނެވެ. އެ ގޮތަށް ފޮނުވި މާ ބޮނޑިއެއްގައި ‘އައިމް ވޮޗިންގ ޔޫ’ އޭ ޖަހާފައި އިނުމުން އީމާ ގަތީ އަމަށަކު ބިރެއް ނޫނެވެ. ބޮޑީ ގާޑެއް ހޯދަން ނިންމީ އެ ހިސާބުންނެވެ.

”އެހެން ދޯ…” ނައިއަލް އީމާއަށް ހަމްދަރުދީ ވިއެވެ. އީމާ މައުލޫއު ބަދަކޮށްލީ އިތުރަށް އޭނާގެ ވާހަކަތައް ހިއްސާ ކުރަން ބޭނުން ނުވީތީއެވެ. ނައިއަލް ކައިރީނަމަ އޭނާ ފާޅުކުރަން ބޭނުން ނުވާ ވާހަކައެއްވެސް ހިއްސާ ކުރެވިދާނެތީއެވެ.

ފޮނި އަނގަތަޅަމުން ތަފާތު ވާހަކަތަށް އެދެމެދުގައި ދެކެވެމުން ދިޔައެވެ. މިޒާޖުގެ ގޮތުން އުޑާއި ބިންހާ ތަފާތު މީހުންވެސް ގުޅޭ ފަހަރުތަށްވެސް ވާނެ ކަމުގެ ހެއްކެކެވެ. ވާހަކައިގައި ބައިވެރިވި ނަމަވެސް އީމާގެ ސިކުނޑީގައި އެތަށް ހާސް ޚިޔާލުތަކެއް ކޮއްޓަމުން ދިޔައެވެ. ކުރީގައި އެ ދެމެދުގައި ވީ އެކުވެރިކަމަކީ ނުވާ ކަމެއް ކަމަށް ނައިއަލް ހަދަނީ ކީއްވެ ބާއެވެ؟ އޭނާގެ ސިކުނޑިއަށް ގޮތެއް ވެފަ ބާއެވެ؟ ނުވަތަ ހަމަ އިނގެރޭސި ވިލާތުން އެ ނެގި ޖެއްސުން ކުރާ ޑިގްރީގެ ހުނަރާއެކު އީމާގެ ކެތްތެރިކަން ކޮޅުންލަންދެން އޭނާ އެއުޅެނީ ނޭނގޭ ކަމަށް ހަދަން ހެއްޔެވެ؟

މެންދަމުން ތިންގަޑި ބައި ވީއިރު ސޯފާގެ އެއްކަނުގައި ނިދާފައި ގުޅައަކަށް އިން އީމާގެ ބޯ ގޮސް ލައްގައިލީ ނައިއަލްގެ ކޮނޑުގައެވެ. ލެނގޭ ބައިގެ މައްޗަށް ބޯ އެލުވާލައިގެން ނިދިފައި އޮތް ނައިއަލްގެ ބޯވެސް އިއްތިފާގަކުން ފުރޮޅާލައިގެން ވެއްޓުނީ އޭނާގެ ކޮނޑުމަތީ ޖައްސާލައިގެން އޮތް އީމާގެ ބޯ މައްޗަށެވެ. ހޮނު ގުގުރިއެއް ޖަހައިލީ ހަމަ އެ ވަގުތެވެ. ތަޤުދީރު ނިޔާކުރިގޮތް ފިލްމުގެ މަންޒަރަކަށް ފުދެއެވެ.

ބްލައިންޑް މައްޗަށް ނަގާފައި ހުރުމުގެ ސަބަބުން ބިއްލޫރިގަނޑުން ފޭދުނު އިރުގެ އަލި ސިޓިން ރޫމު ތެރެއަށް އަޅުވައިލިއެވެ. ބޮޑު ކުކުޅެއް ރޮއެ ހޭރޭ އަޑު އިވެންފެށީ ގެއިން ބޭރަކުން ނޫނެވެ. އެ ކުކުޅު ކޮރުޖަހަމުން ނުކުތީ ބަދިގެއާއި ދިމާލުންނެވެ. ކަންފަތަށް އުނދަގޫވާ އިހްސާސެއް ކުރެވިގެން ނައިއަލް އެސްފިޔަ ތަޅުވާލިއެވެ. އައިޝްވަރިޔާ ގާތު ކިތަންމެ ފޮންޏެއް ކެނޑިފައި ވިޔަސް އެހާ އަވަހަށް ދެލޯ ހުޅުވާކަށް ލާހިކެއް ނުވިއެވެ. ކަނދުރާގެ އެއްފަޅިއަށް ވާންވާ ކަހަލަ އިހްސާސެއް އޭނާއަށް ކުރެވުނެވެ. ނަމަވެސް އަތުތެރޭ އޮތް ކަންނެޔޮލުގައި ބައްދައިލަމުން އަނބުރާ ނިދީގެ ތެރެއަށް ފީނަން އުޅުނީ އަރާމު ކަމުންނެވެ.

ކުކުޅު މަޑުމަޑުން އައިސް އީމާގެ އުނގުމައްޗަށް އަރައި ބަނޑުގައި ކޮށްޖަހަން ފެށިއެވެ. އެތެރެއަށް ބޮނޑިވެ އޮވެވުނު ރަޖާ އަރާމުކަމުން ދެބަ ދޭތެރޭގައި އޮވެވުނު އީމާ ލޯ ހުޅުވާ ހިތެއް ނުވިއެވެ. ބަނޑު ކަހައިލާފައި އަނބުރާ ނިދަން މަސައްކަތް ކުރިއެވެ. ދެވަނަ ފަހަރަށް ކުކުޅު ގޮވައިލި އަޑަށް ލޯ ހުޅުވައިލެވުނު ނައިއަލްއަށާއި އީމާއަށް ކުރިމަތީ އިން ކުކުޅު ފެނުނީ ދެ މީހުންނަށް އެއްފަހަރާއެވެ. ނަމަވެސް އެއަށްވުރެ ބޮޑު ސަމާލުކަމަށް ދޭން މަޖުބޫރުވީ ނިދާފައި ތިބެވުނު ހާލަތަށެވެ. ބައްދައިގެން އިނދެވުނު ކަންނެޔޮލަކީ އީމާކަން ރޭކާލި ނައިއަލްގެ ދެލޮލާއި، އަރާމުގައި ބޮނޑިވެގަނެވުނު ރަޖަލަކީ ނައިއަލްކަން ސާފުވި އީމާގެ ދެލޯ ބޮޑުވީވެސް އެއް ސިކުންތުކޮޅެއްގައެވެ.

ނައިއަލްގެ މޭމަތިން އީމާ ވީއްލިގަތް ގޮތުން ހީވީ ކުރަތްޕެއް ފެނި ބިރުން ދުރަށް ޖެހުނުހެނެވެ. އީމާގެ ބޯ މަތީ އަޅައިލެވިފައި އޮތް ނައިއަލްގެ ކަރު ކުއްލިއަކަށް ސީދާކުރަން ޖެހުމުން ކަނދުރާއަށް އަރައިގެންދިޔަ ވޭނީ ތަދުން ނައިއަލްއަށް ހަޅޭއްލަވައިގަނެވުނެވެ. ދެވަނަ ސިކުންތުގައި އީމާގެ އުނގުމަތީގައި އިން ދިރޭ ކުކުޅު ފެނިފައި އޭނާގެ ފުރާނަ ގެންދަަވަން އުޅުނު ފަދައެވެ. އިތުރަށް ހަޅޭއްލަވަމުން ފުންމައިގެން ތެދުވެ ސޯފާގެ ފަހަތުން ސަލާމަތްތެރިކަން ހޯދިއެވެ.

އީމާގެ ހާލު މާ ގޯސް ނޫންކަމުގަވިޔަސް، އަނގައިން އަޑެއް ލައްވާލުމެއް ނެތި، ހިނގަމުން މި ދާ ކަންތައް ސިކުނޑީގައި ރަނގަޅަށް ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުންދިޔައެވެ. ގެއަށް ކައްކަން އަންނަ ކުއްޖާއަށްވުރެ މޮޅަށް ކެއްކޭނެކަން ދައްކަން އަމިއްލަ ދެ އަތުން ކަތިލައި ކެއްކުމަށްޓަކައި ގެނައި ކުކުޅު ނައިއަލްގެ ކުރިމަތީ މިފަދަ ގޮތަކަށް ހާމަވާނެ ކަމަކަށް ހީ ކުރެވިފައެއް ނެތެވެ. ކުކުޅު ކޮށީގެ ތަޅު ނޭޅުވޭކަން އޭނާގެ ސިކުނޑި ހަނދާން ކޮށްދިނީ ދެނެވެ.

ކުކުޅަށްވުރެ ބޮޑަށް ހަޤީޤަތުގައި ދެ މީހުންނަށްވެސް ވިސްނެމުން ދިޔައީ ގަސްތަކާއި ނުލައި ނިދަން ތިބެވުނު ގޮތާއި ދޭތެރޭގައެވެ. ވަށްކަޅިން ނައިއަލްއަށް ބަލައިލަމުން އީމާ ބޯ ކަހައިލިއެވެ. ނައިއަލްވެސް ނޭނގޭ ކަމަށް ހަދާލަމުން ކަރުކެހިލާފައި ކަނދުރާއަށް ފިތަމުން ދިޔައީ ތަދު ކުޑަވޭތޯއެވެ. އެ މަންޒަރު ހަނދާން ނައްތައިލުމަށްޓަކައި ދެ މީހުންވެސް ދިޔައީ ގަދައަޅައި މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ ދެމެދުގައި ހިތަށް އުނދަގޫ ކުރަނިވި ފާރެއް ލެވިއްޖެއެވެ.

“ކަލޭ ކައިރީ މަޑުން އެ ކޮށިތެރޭ އިންނާށޭ ބުނީމަ މުޅި ތާނގަ ބުރި ތަޅުވަމުން ދުވަނިއްޔޭ ދޯ! މާ ރީތި އެއްޗެއްވެސް ނޫނޭ ބަލާނެ މީހަކު ހުރިނަމަތާ ތިހެން އުޅެން ރަނގަޅީ.” ވަރަށް އޮޅުވައިލާފައި ކުކުޅާއި މުހާޠަބު ކުރަން ފެށި އީމާ ނައިއަލްއަކީ ނުފެންނަ މީހަކަށް ހަދާފައި ކުކުޅު އުރައިގެން ބަދިގެ ތެރެއަށް ވަންނަން ހިނގައިގަތެވެ. ލަދާއި ތަދާއިއެކުވެސް ނައިއަލް ހިނިގަނޑެއް ޖަހައިލީ އީމާގެ އޮޅުވާލުމުގެ ހުނަރަށް ސުމެއް ދެމުންނެވެ.

ކޫސަނި ލުއި ކާނާއިން ކޮޓަރި ފުރައިގެން އޮވެ ކަމުން، މުނިފޫހި ފިލުވުމުގެ ދުނިޔެއަށް ޣަރަޤުވެފައި އޮތް އީމާއަށް ޝުކުރު ކުރެވެމުން ދިޔައީ ނައިއަލްއާއި ކުރިމަތިލާން ނުޖެހޭތީއެވެ. ނައިއަލްގެ ހާލަކީތޯއެވެ؟ ދުވާލު ހަތަރުދަމު ޗިމްޕާ މޮޑެމޮޑެ ފޫއްސެއް ނުވިއެވެ. އެއީ އޭނާގެ ހިތުގެ ހަމަޖެހުން ފަދައެވެ. ހިއްސެއް ލިބިފައިނުވާ އެ އެއްޗާ ވާހަކަ ދައްކަމުން، ހިޕް ހޮޕް ލަވަތަށް ޖަހައިގެން އަމިއްލައަށް މަޖާވެގަނެގެން ނެށިއިރު އީމާ މަތިން ހަނދާންވެސް ނެތް ކަހަލައެވެ. ދެ ދުނިޔެއެއްގައި އުޅެވުނު ނަމަވެސް ދެ މީހުންގެވެސް އަޒުމަކަށް ވީ އެއް ކަމެކެވެ. ހަތަރު ކަޅި ހަމަނުކޮށް އާދިއްތަ ދުވަހާއި ހަމަޔަށް ވާސިލްވުމެވެ.

އާދިއްތަ ދުވަހަށް އިރު ފެނުން ތޮޅިލިއިރު އީމާގެ ހަވޭލީގެ ހިމޭންކަމަށް ބަދަލެއް ނާދެއެވެ. ސޯޅަޔަށް އަރުވާފައި ހުރި އޭސީގެ ރިމޯޓް ގެއްލުމުން، އޭގެ ގަދަ ފިނިން ގަނޑު ނުވެ ސަލާމަތްވުމަށްޓަކައި އެނދު ތަންދޮށުގައި ނިދާފައި އޮތް ނައިއަލްގެ އަތް ބޭރަށް ބޭރަށް ދިއްވިއެވެ. އީމާއާއި ދިމާވުމުގެ ބިރަށްޓަކައި ކޮޓަރިން ނުނިކުމެވުމުގެ ނަތީޖާއެވެ. އެލާމު ވާން ފެށުމުން ފޯނުގައި އަތްޖެހޭތޯ މަސަތްކަތް ކުރިނަމަވެސް ފިނި ތަޅުންގަނޑު ނޫން އެއްޗެއް އަތަކު ނުޖެހުނެވެ. އެންމެ ފަހުން ޖެހުނީ ބިމުގައި ހަށިގަނޑު ދަމަމުން އެނދު ދަށުން ނިކުންނާށެވެ. ހާމައަށް އޮތް މެދު ހައްޓަށް އޭސީގެ އަސަރު ކޮށްލުމާއެކު ހަނދާނަށް ގެނެވުނީ އެ އެއްޗަކާއި ހުރެ ރޭގައި އުޅެން ޖެހުނު ހާލެވެ. ފިނިން ސަލާމަތް ވުމަށްޓަކައި ނިދުމުގެ ކުރިން ލީ ޓީޝާޓު މާ ދުރުގައި އެއްލާލާފައި އޮތެވެ. ދެބަ ނިދީގައި ގައި ހިރުވައިގަނެގެން އެ ބާލައި އެއްލައިލެވުނު ހަނދާނެއް ނައިއަލްގެ ނެތެވެ. ގައިވެސް ހިރުވާނެތާއެވެ. އޭނާއަކީ ދުވަހަކުވެސް ޓީޝާޓު ލައިގެން ނިދި މީހެއް ނޫންވިއްޔާއެވެ.

ގަމީސް ބެގީ ޖަހާލަމުން ކަޅު ކޯޓު ވައްޓާލި އީމާ، އަތް ދަބަސް ހިފައިގެން ސިޑިން ފޭބިއެވެ. އޭނާއަށްވުރެ ކުރިން ތައްޔާރުވެގެން ނައިއަލް ސިޓިން ރޫމަށް ނިކުމެ ނީނުމުން ހިތްހަމަ ނުޖެހިފައި ހުރެ ނައިއަލްގެ ކޮޓަރިއާއި ދިމާލަށް ދިޔައިރު، ކައިވަތަކަށް ހުޅުވާފައި ހުރި ދޮރުން ދޭތެރެއިން، ނައިއަލް ފޯނުން ވާހަކަ ދައްކާ އަޑު އިވުނެވެ.

“…ކޯއްޗެއްތަ ލާން ޖެހޭނީ؟” އިވުނީ ނައިއަލް ރައްޓެއްސަކަށް ގުޅައިގެން އޮފީހަށް ދާއިރު ލާންވީ އަންނައުނެއް އޮޅުންފިލުވާ އަޑެވެ.

“ގަމީހަކާ ފަޓުލޫނަކާ އޯކޭވާނެ. އަހަރުން ސެކުއިރިޓީ ގާޑުންނަށް ޔުނިފޯމް ދިނަސް ބޮޑީގާޑަކަށް ނުދެއެންނު ޔުނިފޯމެއް.” ސްޕީކަރަށް ލާފައި އޮތް ފޯނުން ވާހަކަދެއްކި މީހާ ޖަވާބު ދިނެވެ. ނައިއަލް ލާނެ އެއްޗެއް ނޭންގިގެން އުޅޭތީ އީމާއަށް ހެވުނެވެ.

“ބަނާނާ ބޮކްސާރވެސް ލާންވާނެ. އެހެން ނޫނީ ކޮންޓްރެކްޓްގަ ސޮއި ނުކުރެވޭނެ.” އީމާ ޖެއްސުމަށް ގޮވައިލިއެވެ. ބޯ ހިއްކަން ހުރި ނައިއަލްއަށް ސިހިފައި ދޮރާއި ދިމާލަށް ބަަލައިލެވުނުއިރު މޫނަށް ޖަންބުކުލަ ވެރިވިއެވެ.

“މަގޭ ލަކީ ބޮކްސާރޔާ ބެހޭ އެބަ ހަމަ… ދެން އަބަދަކު ނުލެވޭނެދޯ. އެވެސް ދާވާނެދޯ.” ނައިއަލް ވައި އަޑުން ކުދި ކިޔައިލިއެވެ.

ބޮޑު ގޮނޑީގައި އިށީނދެގެން އިން އީމާގެ ކަނާތްފަރާތުގައި ގުދުވެ އޮތް ނައިއަލްގެ ނަޒަރުވެސް އީމާއެކޭ އެއްފަދައިން ސީދާވެފައިވަނީ އީމާގެ ކުރިމަތީގައި ހުރި ލެޕްޓޮޕުން ދައްކައިދެމުން ދިޔަ ސީސީޓީވީ ފުޓޭޖުތަކަށެވެ. އީމާ ވަރަށް ތަފްސީލުކޮށް ނައިއަލްއަށް ކޮންމެވެސް އެއްޗެއް ކިޔައިދިން ނަމަވެސް ނައިއަލްގެ ސިކުނޑި ވީ އެތައް މޭލެއް ދުރުގައެވެ.

“އަސްލު އެރޭ ކިހިނެތްތަ އެ ވީ؟ ފިލްމުތަކުގަ ވާހެން ނިދީގަ ކޮނޑުގަ ބޯ އެޅޭ ހިސާބުންބާ ފެށުނީ؟” ދެބުމަ ގޮށްޖަހާލަމުން ނައިއަލްގެ ސިކުނޑިއަށް ގޯނާ ކުރަމުން ދިޔަ އެ ދުވަހުގެ ހަނދާނަށް އަލިއަޅުވާލާފައި އީމާގެ ބޯ ދިރާސާކުރަންފެށިއެވެ. “މީނަގެ ބޯ ވަނީ މި ވަރު… އިހަށް ދުވަހު ޔޫސުފް ތޮއްޑޫއިން ގެނައި ކަރަޔަށްވުރެ ކުޑަ.” ނައިއަލްގެ އަތް ފޫޓުފީތާއަކަށް ބަދަލުވެ އީމާގެ ބޮލުގައި ނުޖެހޭނެހެން ބޯ މަތީ ހަރަކާތް ކުރަން ފެށިއެވެ. ” މަގޭ ކޮނޑު ވަނީ މިވަރު…” އަމިއްލަ ކޮނޑަށް އެއްފަހަރު ބަލާލަމުން ދެވަނަ ސިކުންތުގައި އީމާގެ ބޮލަށް ކަޅި އެއްލެން ފެށިއެވެ.

“ވަރަށް ސަޅިކޮށް ފިޓުވޭ.” ނައިއަލްއަށް ވައިއަޑުން ބުނެވުނީ ހިތުގައި އޮތް އެއްޗެވެ. ފުޓޭޖުތަކަށް ބަލަމުންދިޔަ އީމާ ފަސްނުބެލި ކަމުގައިވިޔަސް އޭނާގެ ހުނަރުވެރި ލޮލަށް، ސްކްރީނަށް އެޅުނު ނައިއަލްގެ ސޫރަ ފެނުނެވެ. ނައިއަލް އީމާގެ ބޮލާއި ކައިރިވެ ދިރާސާ ކުރަންފެށި ދަނޑިވަޅެވެ. ރޮބޮޓެއްހެން ކަރު އަނބުރައިލި އީމާއާއި ނައިއަލްގެ ކަޅި ހަމަވެގެން ދިޔައެވެ. ބޭރަށް ދޫކޮށްލަން އުޅުނު ނޭވާ ނައިއަލްއަށް ހިފަހައްޓައިލެވުނީ އޭނާގެ ކުރިމަތީ ފާޅުވެފައި ހުރި މަރުގެ އިންޒާރުގެ ސަބަބުންނެވެ.

އޭގެ އެއް ހަފްތާ ފަހެވެ. އީ.އެމް.އޭ ކޮމްޕެނީ ތެރެއަށް ވަދެގެން ދިޔަ ސިއްދީގު އޭނާގެ ބައްޕަގެ ކޯލަށް ޖަވާބު ދިނެވެ.

“ދަރިފުޅާ ކޮން ދުނިޔެއެއްގަ؟” ފޯނުގެ އަނެއް ކޮޅުން ވާހަކަ ދެއްކި ޔޫސުފް ބުނެލިއެވެ.

“އާނ ހެއްހެއް… ގެޔަށް ޖައްސާލާނަން މިހެން އުޅެފަ. މި ގަޑީ ބިޒީ އިނގޭ. އެހަށް ބާއްވަނީ.” ވާހަކަ ދައްކަން މާ ބޮޑު ޝައުގެއް ނެތި ސިއްދީގު ފޯނު ކަނޑާލިއެވެ. އޭނާގެ މިސްރާބަަކަށްވީ ކޮމްޕެނީގެ ވެރިޔާ އީމާގެ ކެބިންއެވެ.

“އާ ސެކްރެޓަރީ ދެއްތޯ؟” ދޮރުމަތިން ދިމާވި އަންހެން ކުއްޖާ އެއްސެވެ. ސިއްދީގު ހީލާފައި ބޯ ޖަހައިލިއެވެ. ހަފްތާއެއް ކުރިން ބޭއްވުނު އިންޓަވިއުއިން އީމާ ހޮވީ މި ސޮރުކަން އޭނާއަށްވެސް ފާހަގަކުރެވުނީ ސިއްދީގުގެ ރީތިކަމުގެ ވާހަކަ ކޮމްޕެނީ ތެރޭފައި މަޝްހޫރުވެފައި ވުމުންނެވެ.

ސިއްދީގު ދޮރުގައި ޓަކިޖަހާލިއެވެ. ލިބެމުން ދިޔަ ނަޒަރުތަކުގެ ސަބަބުން އޭނާއަށް ފަޚުރުވެރިވެވެމުން ދިޔައެވެ. އީމާގެ ހުއްދައާއެކު ސިއްދީގު ދޮރުހުޅުވާލިއެވެ. ވާހަކައެއްގައި ތިބި އީމާއާއި ނައިއަލްއަށް ސިއްދީގާއި ދިމާލަށް ބަލައިލެވުނީ އެއްފަހަރާއެވެ. އިއްތިފާގަކުން ހުދު ގަމީހާއި ކަޅު ފަޓުލޫނުގައި ތިބެވުނު ސިއްދީގާއި ނައިއަލް ވަރަށް އެއްވައްތަރު ޖެހިއެވެ. އީމާއަށް އަނގަ ފޭކޮށްލެވުނެވެ. ކަރުކެހިލާފައި، އިހްތިރާމް އަދާކުރުމުގެ ގޮތުން ސިއްދީގު ހިނިތުންވެލިއެވެ.

“އިށީންދޭ.” ހިނިތުންވެލަމުން އީމާ ސިއްދީގާއެކު ހިނގައިގަތީ ބޮޑު ސޯފާއާއި ދިމާލަށެވެ. މުއައްޒަފު ކުއްޖަކު ތައްޔާރުކޮށްގެން ގެނައި ދެ ކޮފީ ތަށިން އަރަމުންދިޔަ އާތްވަށްވުރެ ހޫނު ނަޒަރެއް ނައިއަލްއާއި ސިއްދީގުގެ ދެމެދުގައި ބައްދަލުވީ، އެއް އަންނައުނެއްގައިވެސް ތިމާއަށް ވުރެ އަނެކާ ސަޅި ވައްތަރުޖަހާ ކަމަށް ގަބޫލުކުރެވުމުންނެވެ. އާ ސެކްރެޓަރީއަށް މަސައްކަތް ދަސްކޮށްދޭން އީމާ ފެށުމުން، ބިއްލޫރިގަނޑުން ބޭރަށް ސަމާލުކަން ހުއްޓައިލި ނައިއަލްގެ ޚިޔާލުތަށް، އޭނާ މި ކުންފުންޏަށް އައި މަޤުޞަދާއި ގުޅިގެން ދިޔައެވެ.

“އެންމެ ފަހުގެ ޕްރޮޖެކްޓްތަކަށް އަލިއަޅުވާލަން ބާއްވާ މީޓީންގއެއް ދެ ގަޑިއިރު ފަހުން އޮންނާނެ. މި ބުނެލި މަސައްކަތްތައް އޭގެ ކުރިން ނިންމާލާތި. އައި އޭމް އެކްސްޕެކްޓިން އަ ލޮޓް ފްރޮމް ޔޫ.” އީމާ ވާހަކަ ކުރުކޮށްލިއެވެ. ސިއްދީގު ބޯ ޖަހައިލީ ނިކަން އުންމީދުން ފުރިގެންވީ ލޮލަކާއި އެކުގައެވެ. މަސަތްކަތްތެރިކަމާއި ކާމިޔާބަށް ސިއްދީގަށް ދެވޭ ލޮއެއްބެއްގެ ބޮޑުކަމުން، އީމާގެ ހަރުދަނާ މިޒާޖަށް ހިތުގައި ޤަދަރާއި އިޙްތިރާމް އުފެދޭކަން މާ ގިނައިރެއް ނުނެގިއެވެ. ކުރިއަށް އޮތް ތާންގައި މި ހީވާގި ލީޑަރާއިއެކު މަސައްކަތް ކުރުމުގެ ފޮނި ހުވެފަންތައް ބިނާކޮށްލިއެވެ. އެހެނަސް، ކަނެއްގައި ބަނޑު ކަހަން ހުރި ނައިއަލް ފެނިފައި ސިއްދީގުގެ ހުވަފެނުގައި ރެނދެއް އެޅިއެވެ. މީ ހާދަ ޕްރޮފެޝަނަލް ކަމާއި ދުރު މީހެކޭ ހިތަށްއެރިއެވެ. ސިއްދީގަށް އެއްގޮތަކަށްވެސް ނައިއަލް ކަމުދާ ގޮތެއް ނުވިއެވެ.

އީމާއަށް ކުރެވޭ އިޙްތިރާމުގައި ދެލޯ ވިދަ ވިދާ އިން ސިއްދީގު ދިރާސާކޮށްލި ނައިއަލްއަށް ހީވީ ސިއްދީގު ދެންމެ ދެންމެ ކުޑަކަކޫ މައްޗަށް ތިރިވެ އީމާގެ އަތްތިލައިގައި ބޮސްދީފާނެހެނެވެ.

“އިންސާނުންގެ ސިކުނޑި ހަމަ ތަފާތީއޭދޯ.” ސިކުނޑި ބޭނުންކޮށްގެން މަސަތްކަތް ކުރުމުގެ ޝައުގުވެރިކަން އެއްވެސް ވަރަށް ނެތް ނައިއަލްގެ ހިތް އޭނާގެ ވަޒީރުންނާއި ސުވާލުކުރަމުން ދިޔައީ އީމާއާއި ސިއްދީގުގެ ހިތުގެ މަސަތްކަތްތެރިކަމަށް ޖެހިފައިވާ ލޯބި ފެނިފައެވެ.

“އޭނަ އޮފީހުން ބޭރުގަ އުޅޭ ވައްތަރު ފެނުނީމަވެސް އެހެން ދެލޯ ދިއްލައިގެން އިނދެވޭނެބާ މި ސިއްދީގަކަށް.” ނައިއަލް ހިތާހިތުން ކިޔައިލާފައި ބޯ ހޫރާލިއެވެ.

އީމާ ފާހަނައަށް ޖެހިލި ވަގުތު ބަލާފައި ނައިއަލް ހަނީފަށް ގުޅައިލީ މިސްކޯލެއް އޮތުމުންނެވެ.

“ކޮބާ އެ އަންހެނާ ކޮން ފާޑަކަށް ތެޅެނީ؟” ހަނީފް އަހައިލިއެވެ.

“އާ ސެކްރެޓަރީއެއް ހޯދައިގެން އުޅެނީ.” މާ ބޮޑު ވިސްނުމެއް ނެތި ނައިއަލް ކުރު ޖަވާބެއް ދިނެވެ.

“ޕްލޭން ހަނދާން ނައްތާނުލާތި އިނގޭ.” ހަނީފް ހަނދާންކޮށްދިނެވެ.

“އަގުދޭން ހަނދާން ނައްތާ ނުލާތި އިނގޭ.” ނައިއަލް ރައްދު ދިނެވެ. ހިނިގަނޑެއް ޖަހާލާފައި ހަނީފް ފޯނު ބޭއްވުމުން ނައިއަލް ފުން ނޭވާއެއް ދޫކޮށްލިއެވެ. ފޯނު ކަނޑާލިއިރު ފާރެއްގެ ނިވަލުގައި ހުރި ސިއްދީގަށް އެ ކީ އެއްޗެހި އަޑުއިވުނު ކަމެއް ނައިއަލް ނުދެނެހުއްޓެވެ.

“ނައިއަލް!!!!.”

(ނުނިމޭ)

Comments (25)

  1. Shaiiii

    Mi part vx Vvv salhi ?❤️…. Um curiously waitingg to the next part??❣️

    1. afnaarj
      Shaiiii

      Thank you so much shaiii ❤ Next part around 25th insha allah ??

  2. Een

    So nice story and hee hee halaaku vehje anyway vrah lobi mi part ves thanks guys lockdown ga huregen meege fun vaahaka eh kiyan lebeythe stay safe stay home luv u guys

  3. Ibilees

    kurin part maa salhi mi part ah vureh waiting for the nexte part

  4. Ibilees

    eha salhi eh noon

  5. Shaakko

    Woww♥️♥️♥️♥️ Maasha Allah??? mi part ves varah loabi??? next part kon irakun???
    Stay safe???

    1. afnaarj
      Shaakko

      Awww thankewwww shakkooo ❤? we loved seeing ur comment too. Next part in 2 days insha allah ?? stay safe

  6. m-z-o-n-a

    Yaasss varah salhi… Love this story… When ever I’m feeling sad I can’t read mi noon ehen vaahaka eh… ? it’s soooo funny ? lols ingey…. waiting for the next part and lysm ???

  7. magnumm

    ahahahahaha??could stop laughing at all???ekm mi part vx expect kuri vrh vure salhi vefa majaa❤?impatiently waitinnnn for da next??much lavss

    EID MUBARAK#

  8. Kairaa

    WOWWW…..varah varah reethi??….masha allah…curiously waiting for the nxt part……nd eid mubarak??…lysm…be safe

    1. afnaarj
      Kairaa

      Thank youuuuu very much kairaa ?❤ stay safe we love u more and we r greatfullllll for u. Eid mubarak! ?

  9. Muthahhar Ibrahim (Mutha/S.Hithadhoo)

    Been waiting for this episode. Very very very nice, ma sha allah. Eid Mubarak to both of you. Hope both are doing fine now. ???

    1. afnaarj
      Muthahhar Ibrahim (Mutha/S.Hithadhoo)

      Awwwn thank you for your support ? we appreciate it alot ❤ we are doing well alhamdulillah! Hope you are doing great too. Eid mubarak. Have a blessed one ??

  10. No one

    Thankolheh lahun dhw comment mikureveny!! But varah varah salhi mi part ves!! Masha Allah!!! Hama habeys!!! Whn nxt part??? Curiously waiting!!! Luv ya ❤️
    STAY ?
    STAY SAFE

  11. No one

    Oh n Eid Mubarak to both of u???
    May joy and peace be upon you!!

  12. Nakathey

    When next part?

  13. No one

    Guys whn nxt prt???
    Is everything alright??

  14. Someone

    Afnaarj haadha lahey… Anyway vhk vrh Reethi.?☺️☺️???

  15. afnaarj

    Thank you everyone for the kind comments upto this prt. We have decided to stop uploading until we finish writing the whole story, due to us being in a slump. Uploading after completing was our initial plan but we became too impatient and started uploading too soon. Now we are going back to that plan. We are dearly sorry for our selfish acts and thus promise you all to come back with better parts as soon as possible. Hope you will read this story then too. Stay home, Stay safe. We pray this catastrophe will be over soon. Hope you all will continue to be well. WE WILL BE BACK INSHA ALLAH ❤️❤️❤️

  16. ra-naa

    wow.. vrh salhi….

  17. V.

    Heyyyyy…. Where?? Adhivx nunimeythe??? Tha men liyuntherin visnanjeheyne kiyuntherinnaaamedhuuuu…… Heyyyyy afnaaarj I’ve been waitinnnnnnn……… ??????where r u?? ????????????????????????????????????????????????????????????????????????????????‍??‍??‍??‍??‍??‍??‍??‍??‍?‍??‍?‍?❤️???????✋???????????????????

  18. Nakathey

    Adhives nunimeytha? Thankolheh avas kollan vee ennu.

  19. Chimmy

    hama obiness to the max!!!!!
    ma hama heehee halaaku

  20. Shaiiii

    Alheyyyy Kbaa thr mi vhk ge 14 vana episode…… Missed this story so badly????….. Avh aneh prt up kohdheche plxxxx??…… U guys can do it?❣️??♥️!!!

  21. Kehtheriyaa

    Minvaru mee dhehaas fansavees van aharu. Kobaaa aneh bag???

Comments are closed.