
ނަމަވެސް އެތަނަށް އެޅުނު ފުރަތަމަ ފިޔަވަޅާއެކު އިވެމުން ދިޔަ އަޑަކުން ތިންމީހުންގެ ފައިގައި ވެސް ތަޅުއެޅުވުނު ފަދައެވެ.
***
ހުރިހާ ފަރާތަކުން ބޯ ފިތެން ފެށުމުން ޔުނާން ކޮޓަރިން ނުކުމެ ހިނގައިގަތީ ރަސްފަންނަށް ބޯ ހަމަޖައްސާލަން ދިޔުމަށެވެ. ފޯނަށް ހުރިހާ ސަމާލުކަމެއް ދީގެން އިން ޔުނާންގެ ކަންފަތުގައި ޖެހުނު އަޑަކުން އޭނާގެ ހުރިހާ ހިއްސުތަކެއް ކޮޅަށް ޖެހުނު ފަދައެވެ. އެވަގުތަށް އޭނާގެ ކަންފަތް ބީރުވި ނަމައޭ އޭނާ އެތައް ފަހަރަކު ހިތައް އަރަމުން ދިޔައެވެ. ބިން ފަޅައިފައި އަޑިއަށް ދެވޭނެ ނަމައޭ ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް ނަމައަކު ކެއްކޭނެ ރިހައެއް ނޯންނާނެކަން ޔުނާން ދަނެއެވެ. އެހެންނަމަވެސް އެ އިވުނު އަޑުން އޭނާގެ ހިތް ހަމަ ރަނގަޅަށްވެސް ކުދިކުދި ކޮށްލާފިއެވެ. އޭނާގެ ހިތަށް ހީވީ މީހަކު ހަންޖަރެއް ހަރައިލި ހެންނެވެ.
”އަހަރެންވެސް ބޭނުމީ ތިކަން ކުރަން. ޝާހިދު ވެސް ގެޔަށް އައިސް ވަރަށް ކީ ޒައިކް އާ އައިލީޝް ވަރަށް ގުޅެއޭ. ޒައިކްއަށްވެސް ކަމުދާނެ ހެން ހީވޭ. އަހަރެން ގެޔަށް ގޮސް އެންމެންނާ ތި ވާހަކަ ދައްކާނަން.” އެއީ ނަތާޝާގެ އަޑުކަން ޔުނާންއަށް ހުރީ ގަބޫލު ނުކުރެވިފައިއެވެ. ގަބޫލުކުރެވޭނީވެސް ކިހިނަކުން ހެއްޔެވެ؟ އިސާހިތަކު ޔުނާންގެ ހިތުގައި ފެތުރިފައި ހުރި ނަފްރަތާ ރުޅިގަނޑު އިތުރަށް ގަދަވެގެން ދިޔައެވެ. އަތް މުށްކެވިފައިވާ އިރު ދަތްޕިލާ ވަނީ ފިއްތާ ބާރުކޮށްލާފައިއެވެ. ކަރުގެ މައި ނާރުތައް އަރާފައިވާ އިރު ދެލޯ ވަނީ ބޮޑުވެފައިއެވެ. ރުޅިއައިސް ރަތްވެފައި ހުރި ޔުނާން އެތަނުން ދިޔުމަށް ހިނގައިގަތީ ކައިރީގައި ހުރި ފާރުގައި އަތުން ޖެހުނު ހާ ބާރެއްލާ ޖަހާފައިއެވެ. އޭރުވެސް އޭނާގެ ކަންފަތުގައި ނަތާޝާގެ އެ ޖުމުލަތައް ގުގުމަމުން ދިޔައެވެ.
***
”މަ ވެސް ބޭނުން ތިކަން ވީހާވެސް އަވަހަކަށް ކުރަން. އެކަމު އާކިފް އައީމަ ދޯ ވާނީ. ހަމަސް ދުވަހުން އޭނާ އަންނާނެ. މިވާޙަކަ އާކިފް ގާތު މަ ދައްކާލާނަން. އައިލީޝްވެސް ހިޔެއް ނުވެ މިކަމާ ދެކޮޅު ހަދާނެ ހެންނެއް. މަށަށް ހީވޭ އޭނާއަށް ވެސް ޒައިކް ވަރަށް ކަމުދާނެހެން. ދެން އަވަހަށް ވާން މަ ބޭނުމީ.” ޔޫހާއަށް ޒާހިދާގެ ކޮންމެ ބަހެއް އިވެމުން ދިޔައީ ހޮނު ގުގުރިއެއްގެ ސިފާގައިއެވެ. އޭނާގެ ރުޅިގަނޑު ފަޅައިގެން ދިޔައީ ކެތްނުކުރެވިގެންނެވެ. ރުޅިގަނޑު ހިފަހައްޓާލަން ނުހަނު މަސައްކަތް ކުރި ނަމަވެސް އޭނާއަށް އެކަން ކުރެވޭ ގޮތެއް ނުވިއެވެ. ޒާހިދާގެ ގާތުގައި އޭނާ ޒައިކްދެކެ ލޯބިވާ ވާހަކަ ބުނިތާ އަދި ތިން ގަޑިއިރުނުވެ އުޅެނިކޮށް އިވުނު ބަސްތައް ހުރީ އޭނާއަށް ހަމަރަނގަޅަށްވެސް ގަބޫލުނުކުރެވިފައިއެވެ. ”އޭރުން މަންމަ ވަގުތުން ދަރިފުޅަށް ތި ކުއްޖަކު ހޯދައިދެނަން.” މި ބަސްތައް ޔޫހާގެ ކަންފަތުގައި ދިޔައީ މެދުކެނޑުމެއް ނެތި ތަކުރާރު ވަމުންނެވެ. ޔޫހާ އެތަނުން ދިޔުމަށް ހިނގައިގަތީ އައި ރުޅީގައިއެވެ. ނަމަވެސް ރުޅިއަށް ވުރެ ހިތާމައިގެ ކުލަވަރުތައް އޭނާގެ މޫނަށް ދިޔައީ މާބޮޑަށް ވެރިވެރިވަމުންނެވެ.
ކައިރީގައި ހުރި އައިލީޝްގެ ހާލަކީތޯއެވެ. ޒާހިދާ އޭނާއާ މެދު އެކަހަލަ ކަމެއް ކުރަން އުޅޭތީ އެހިތުގައި އެތައް ޝަކުވާއެއް ދިޔައީ އުފެދެމުންނެވެ. ބޮލަށް އެނބުރުން އަރައިގެން ދިޔަ ފަދައިން އެއް ފަރާތަކަށް އައިލީޝް އަރިއަޅައިލައިގެން ދިޔައިރު ހުށިޔާރު ކަމާއިއެކީ ނައިޝަމް އޭނާގެ ގައިގައި ހިފަހައްޓާލިއެވެ. އަދި އައިލީޝްގެ ގައިގައި ހިފަހައްޓާލައިގެން ހުރެ އެތަނުން ޖޯއްޔެއްގައި އިށީނުމަށް ހިނގައިގަތެވެ.
ޖޯލީގައި އިށީންނުމާއިއެކު އައިލީޝްގެ ބަޑިފަޅައިގެން ދިޔައެވެ. ކަރުނަތައް އެދޮން ކޯތާފަތުގައި ބޮސްދެމުން ދިޔައިރު ނޭފަތުން ފައިބަންނަމުން ދިޔަ ދަވަތައް އިރުއިރުކޮޅާ އަތުގެ ނުފުށުން ފުހެލައެވެ. ”ރޯލާ. އައިލީޝް ބޭނުން ވަރަކަށް ރޯލާ. ތިހިތަށް ފިނިކަމެއް ލިބޭނީ އޭރުން. ހިތުގައި ހުރި ހުރިހާ ޝަކުވާތަކެއް ބަންޑުންކޮށްލާ. ހިތަށް ފިނިކަމެއް ލިބޭނީ އޭރުން.” ނައިޝަމްގެ އަޑު ކުރެހިގެން ދިޔައެވެ. އައިލީޝް ރޯ އަޑު އަހަން އޭނާއަށް ވަކި ކެތް ވާނެ ހެންޔެވެ. ދިހަ ވަރަކަށް އިރު ނައިޝަމްގެ ކޮނޑުގައި ބޯ އަޅައިލައިގެން އޮވެ އައިލީޝް ރޮމުން ދިޔައިރު އޭނާއަށް ނޭނގުނުކަމީ ނައިޝަމްގެ ލޮލުންވެސް ކަރުނަތައް ފައިބަމުން ދިޔަކަމެވެ. ހިތްފުރެންދެން ރޯލުމަށްފަހު ނައިޝަމްގެ ކޮނޑުން އައިލީޝް ބޯ ނެގިއެވެ. ނޭފަތް ރަތްވެފައިވާ އިރު ދެލޯ ވަނީ ރަތްވެ ދުޅަވެފައިއެވެ.
”އަހަރެން މަންމަ އަބަދުވެސް ބުނާނެ ކަންތައްތައް ނުފޮރުވާ ތިމާއަށް އެހީވެ އޯގާތެރިވާ މީހަކަށް ކަންތައްތައް ހިއްސާކުރާށޭ. އަދި މީހަކަށް ހިއްސާ ނުކުރެވިއްޖެނަމަ ހިތް ފުރެންދެން ހިތުގައި ހުރި ޝަކުވާތައް ބަންޑުން ކޮށްލާށޭ. ގަލަމެއްގެ އެހީގައިވިޔަސް އެކަމެއް ފޮތަކަށް ބަންޑުން ކޮށްލާށޭ. މިއަދު އައިލީޝް ބޭނުން ވާހަކައެއް އަހަރެންނާ ހިއްސާ ކުރިޔަސް އަހަރެންގެ މައްސަލައެއް ނެތް. އަހަރެން އައިލީޝްއަށް އެހީވާނަން. އައިލީޝްގެ ވާހަކަތައް އަޑު އަހާނަން. އަބަދުވެސް.” ނައިޝަމް ސީދާ އައިލީޝްގެ ލޮލަށް ބަލަން ހުރެ ބުނެލިއެވެ. އަނެއްކާވެސް އައިލީޝްއަށް ފެށުނީ ރޯށެވެ. އޭނާއަށް އެހީވެ އަޅާލާނެ މީހަކު ކައިރީގައި ހުރިކަމުގެ އިހްސާސްވުމުންނެވެ. ހިތްފުރެންދެން ރޯލުމަށްފަހު އައިލީޝް އޭނާގެ ރުއިން ހުއްޓާލިއެވެ.
”ކީއްވެ؟ ކީއްވެ އަހަރެންނަށް މިހެން މި ދިމާވަނީ؟ ކީއްވެ އަހަރެންނަށް މިހުރިހާ ކަމަކާ ކުރިމަތި ލާން މިޖެހެނީ؟ އަހަރެންގެ ސަބަބުން އަހަރެންގެ މަންމަ ވެސް މަރުވީ. އަހަރެން ވިހެއުމަށްފަހު އަހަރެން ބައްޕަގެ އަތަށް ދޫކޮށްލާފައި މަންމަވެސް އަހަރެމެންނާ ވަކިވީ. ދޮންމަންމައަކީ އަހަރެން އުންމީދު ކުރި ފަދަ މީހެއް ނޫން. މަންމައެއްގެ ލޯބި ފުރިހަމައަށް ދޭނެ ކަމަށް އަހަރެން އުންމީދު ކުރީ. މީރު ކާ އެއްޗެހި ދޮންމަންމަގެ އަތުން ހަދާފައި އަހަރެންނަށް ކާން ލިބޭނެ ކަމަށް އަހަރެން ހީކުރީ. ނަމަވެސް އަހަރެންގެ އުންމީދުތައް ދިޔައީ ފެނަށް. އުންމީދު ކުރިގޮތާ ހިލާފަށް އަހަރެންނަށް ޖެހުނީ މަންމައަށް ކާންދޭން. އަމިއްލައަށް ކައްކާފައި. އުމުރުން ހަތް އަހަރުގައި މިހުރިހާ ކަމަކާ އަހަރެންނަށް ކުރިމަތިލާން ޖެހުނު. އަމިއްލަ އަތް ފިއްސާގެން ކޮށައިގެން ކައްކަން އުޅުނިން. ކާ ތަކެތީގައި މީރު ރަހަ ލެއްވޭތޯ މަސައްކަތް ކުރިން.”
އައިލީޝްގެ އަޑު ބެދުނު ފަދައެވެ. ލޮލުން ކަރުނައަކަށްފަހު ކަރުނައެއް ވެއްޓެމުން ދިޔައީ އެއްވެސް ބާރަކާ ނުލައިއެވެ.
”ނަމަވެސް.. ނަމަވެސް ކިތަންމެ މީރަސް ލިބުނީ އަނިޔާ. ކޮންމެ ދުވަހަކު ތިން އިރަށް ކެއްކީ ތައުރީފުގެ ބަހެއް ލިބޭތޯ. އުމުރުން އަށާރަ އަހަރު މިވީ ދޮންމަންމަގެ ފަރާތުން ރުހުމުގެ ބަހަކަށް އިންތިޒާރު ކުރަނިކޮށް. ނަމަވެސް އެއްވެސް ކަމަކަށް ބަދަލެއް ނައި. އަހަރެންގެ ބައްޕަގެ ލޮލުގައި ވެސް ހުރީ ބޮޑު ފޮތިގަނޑެއް އަޅުވާފައި. އެބައްޕައަށް އަހަރެންގެ ހިތުގައި އަޅަމުންދާ ވޭނެއް ލިބެމުން ދިޔަ އަނިޔާއެއް އެއްވެސް ވަރަކަށް ރޭކައިނުލާ. އެ ބައްޕަގެ ލޮލަށް ފެންނަމުން ދިޔައީ ދޮންމަންމަގެ ބޭރުފުށުގައި ހުރި ތޮށިގަނޑު. އެހެން މީހުންނަށް ވެސް ފެންނަމުން ދިޔައީ އެތޮށިގަނޑު. އެދޮންމަންމަ ބޭނުންވެގެން އުޅެނީ ބައްޕަގެ މުދަލާ ފައިސާ. އަހަރެން އެތައް ދުވަހަކު އަޑުއަހައިފިން ދޮންމަންމަގެ ލޯބިވެރިޔާއާ އެވާހަކަ ދައްކަނިކޮށް. އަހަރެންނަކަށް ކެތެއް ނުވާނެ ބައްޕަގެ ހުރިހާ މުދަލެއް ގެއްލިގެންދާ ތަން ބަލާކަށް. އެބައްޕައަށް މިއިން އެއްވެސް ކަމެއް ނޭނގޭނެ. އަހަރެން ބުނަން ކިތަންމެ ފަހަރަކު މަސައްކަތް ކުރިން. ނަމަވެސް ބައްޕައަކަށް ނުވޭ ވަގުތެއް އަހަރެންގެ ވާހަކަތައް އަޑުއަހާނެ.”
އަނެއްކާވެސް އައިލީޝްގެ ވާހަކަ މެދުކެނޑުނެވެ. އޭނާއަށް ވާހަަކަދެއްކުން ވީ އުނދަގޫ ކަމަކަށެވެ.
”އަހަރެން ދެން ކިހިނެއް ހަދާނި ނައިޝަމް؟ އަހަރެންގެ ގަޔަކު ނެތް ދެން އިތުރަށް ކެތްކުރާނެ ހިތްވަރެއް. އަހަރެންގެ ހަށިގަނޑު ވަރު ބަލިވެއްޖެ. ހިތް ކުދިކުދި ވެއްޖެ. ބޯ ގޮވާވަރު ވެއްޖެ. ދެން ކެތްކުރާނެ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތް. އަހަރެން ގޮތް ހުސްވެއްޖެ. ބޭނުމެއް ނޫން އެ ޒައިކްއަކާ އިންނާކަށް. ބޭނުމެއް ނޫން. މި ކެހިވެރި ދުނިޔެއާ އަލްވަދާއު ކިޔަން އަހަރެން ބޭނުމީ. އަހަރެން ދުނިޔެއަށް ފުރަތަމަ ނޭވާ ދޫކޮށްލީ މިފަދަ ދިރިއުޅުމެއް އުޅެން ކަމުގައި ވަންޏާ މި ދިރިއުޅުމުގައި އެއްވެސް އަގެއް ނެތް. މަރުވުންވެސް މާ ރަނގަޅު.” އަނެއްކާވެސް އައިލީޝްއަށް ރޯން ފެށުނެވެ. މިހުރިހާ ވާހަކަތަކެއް އަޑުއަހަން އިން ނައިޝަމްގެ ހިތަށް ދިޔައީ ފުން އަސަރުތަކެއް ކުރަމުންނެވެ. ފުން ނޭވާއެއް ދޫކޮށްލި އައިލީޝްގެ ހިތުން ހީވީ ބަރު ހިލަގަނޑެއް ނެގިހެންނެވެ. އޭނާގެ ހިތަށް މިއަދު އެތައް ޓަނެއް ލުވިވެއްޖެއެވެ. ހިލަހިތެއްގެ ވެރިއަކަށް މެނުވީ އައިލީޝްގެ ވާހަކަތަކުން އަސަރު ނުކުރާނެކަން ގައިމެވެ.
”ނޫން. އައިލީޝް ތިހެން ނުބުނޭ. ހުރިހާ ކަމެއް ވެސް ވާނި އެންމެ ރަނގަޅަކަށް. ކޮންމެ ކަމެއްގައިވެސް ފޮރުވިފައިވާ ހިކުމަތެއް ވާނެކަން އަަހަރެމެން ދަންނަން ޖެހޭނެ. މިއީވެސް އިމްތިހާނެއް. މި އިމްތިހާނުން ފާސްވާން އައިލީޝް މަސައްކަތް ކުރަން ޖެހޭނެ. ކޮންމެ މީހެއްގެ ހަޔާތުގައިވެސް ހިތާމަވެރި ސޮފްހާތަކެއް ވާނެކަން ގަބޫލުކޮށް ކެތްކުރަން ޖެހޭނެ. މިހުރިހާ ކަމަކަށްވެސް އޮތް އެންމެ ބޮޑު ފަރުވާއަކީ ދުއާ. ދުޢާ ކުރޭ. އެކަލާނގެ ހަޟްރަތަށް ދަންނަވާ. އެކަލާނގެ އީ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ. އަހަރެމެންގެ ހުރިހާ ޝަކުވާތަކެއް އަޑު އައްސަވާނީ އެކަލާނގެ. އަހަރެމެން އެއްވެސް ވަރުބަލި ކަމެއް ނެތި އެކަލާނގެއަށް އަޅުކަން ކުރަން ޖެހޭނެ. އެކަން ހުއްޓާލާކަށް ނުވާނެ. ހިތަށް ހިތްހަމަޖެހުމާ އުފާވެރިކަން ލިބޭނީ ނަމާދު ކުރީމަ. އަހަރެންވެސް ދެރަވެ އެކަނިވާ ވަގުތުތަކުގައި ހިތަށް ހިތްހަމަ ޖައްސާލަނީ ނަމާދުކޮށްގެންނާ ގުރުއާން ކިޔަވައިގެން. އައިލީޝްގެ ތި ހިތާމަތަކަށް ލުޔެއް ލިބޭނެ އަދި. ދުޢާ ކުރުން މަތީ ދެމިހުރޭ.” ނައިޝަމް އޭނާގެ މަންމަ ދީފައިވާ ނަސޭހަތްތަކުން ތަންތަންކޮޅު ނަގައިގެން އައިލީޝްއަށް ވިސްނައިދެވޭތޯ ބެލިއެވެ. ”އަސްލު އައިލީޝް ތީ ވަރަށް ހިތަވަރު ގަދަ ކުއްޖެއް. ވަރަށް ކެތްތެރި ކުއްޖެއް.” ނައިޝަމް އިތުރުކޮށްލިއެވެ.
ނައިޝަމްގެ ނަސޭހަތުގެ ބަސްތަކުން އައިލީޝްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ހިނދުކޮޅެއްގެ ތެރޭގައިއެވެ. އޭނާގެ ހިތާމަތައް އެވަގުތަށް ފިލާ ދިޔަ ފަދައެވެ. ނައިޝަމްގެ ކޮންމެ ސިފައެއްވެސް އައިލީޝްގެ ހިތުގައި ކަޑާ ނެގެމުން ދިޔައިރު އޭނާގެ އެސިފަވެސް އައިލީޝްގެ ހިތުގައި ކަޑާ ނެގިއްޖެއެވެ.
އައިލީޝް ހިނިތުންވެލިތަން ފެނިފައި ނައިޝަމްގެ ތުންފަތް މައްޗަށްވެސް ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް ފޮރުވިފައިވާ އެތައް އިހްސާސްތަކެއް އެހިނިތުންވުމުގެ ފަހަތުގައި ވިއެވެ. ދިހައެއް ޖަހަން ގާތް ވުމާއިއެކު ދެމީހުންވެސް އެތަނުން ތެދުވެލީ ގެޔަށް ދިޔުމަށެވެ. އަދި ދިޔުމުގެ ކުރިން ނައިޝަމް އޭނާގެ މައިންބަފައިންނާ އައިލީޝްގެ ފޯނުން ވާހަކަ ދައްކާލިއެވެ.
***
ކޮޓަރިއަށް ވަން ޔޫހާގެ ރުޅިގަނޑު ދިޔައީ ހައްތަހާ ގަދަވަމުންނެވެ. ދޮރުވެސް ލެއްޕުނުހާ ބާރަކަށް ލައްޕައި ޑްރެސިންޓޭބަލް މަތީގައި ހުރި ހުރިހާ އެއްޗެއް އަތުން ޖަހައި ހުރާލީ އެރުޅިގަނޑު މައިތިރި ކުރެވޭތޯއެވެ. ނަމަވެސް އެއްވެސް ވަރަކަށް އެރުޅިގަނޑު މައިތިރި ނުވުމުން ދެންވެސް ގޮސް އެނދުމަތީގައި ހުރި ބާލިސްތައް އުކައި ރަޖާގަނޑު ދަމައިގަތެވެ. ސައިޑް ޓޭބަލްމަތީގައި ހުރި ވާސްވެސް ނަގައި ތަޅުންމައްޗަށް ވައްޓާލީ އެއީ އޭނާ އެންމެ ލޯބިން ގެންގުޅޭ އެތިކަން ވެސް ހަނދާން ނައްތާލާފައިއެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ކޮށްގެން ވެސް ޔޫހާގެ ރުޅިގަނޑު ހިނދޭ ގޮތެއް ނުވިއެވެ. އެންމެ ފަހުން އަޑުގެ ނެތްކޮޅަށް ހަޅޭލަވަން ފެށީ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ކަރުނުން ފުރިފައިވި އެދެލޮލުގައި ބަބުޅަމުން ދިޔަ ކަރުނަތައް އޭރު ހުރީ ދެކޮޅަށް ކިރިލަކިރިލާއެވެ. އެންމެފަހުން އެ ކަރުނަތަކަށްވެސް ބަރުވަމުން ގޮސް އޭތީގެ މަގާމު ދޫކޮށް ފައިބަންނަން ފެށީ އެއްވެސް އިހްތިޔާރަކާއި ނުލައިއެވެ.
”ދަރިފުޅާ. އޭތް.. ދަރިފުޅާ ކިހިނެއްތަ ވަނީ ތި؟ ކޮންހާ ރުޅިއެއް މިތަނަށް ބާލައިފަ ތިހުރީ؟ ޔޫހާ! ތި ރުޅިގަނޑު މައިތިރިކޮށްފަ ވެގެން އުޅޭ ގޮތް ރަނގަޅަށް މަންމައަށް ކިޔައިދީބަލަ.” ޔޫހާގެ ކޮނޑުގައި އެޅި ޒާހިދާގެ އަތް ޔޫހާ ފޮޅުވައިލީ ރުޅިއައިސް ރަތްވެފައި ހުރެއެވެ.
”މަންމަ ތި ހޯދާ ދެނީތަ އަހަރެން ބޭނުންވެގެން އުޅޭ ކުއްޖަ؟” ޔޫހާ އަމާޒުކޮށްލި ސުވާލުން ކޮންމެސް ކަމެއް ގޯސްވެއްޖެކަމަށް ޒާހިދާއަށް ނަގައިގަނެވުނެވެ. ”އަ.އާން”
”އަޖައިބެއް ނުވާނެތަ؟ މަށަށް ބުނެވުނި އެއައިލީޝްއަށް ކުއްޖަކު ހޯދައި ދޭށޭތަ މަންމަ ކައިރީ؟ މިއަދު ޒައިކްގެ މަންމަގާތު މަންމަ ދެއްކި ހުރިހާ ވާހަކައެއް އަހަރެން އަޑު އެހިން. އަހަރެން ހިޔެއް ނުކުރަން މަންމަ އަހަރެންނަށް މިފަދަ ހާލެއް ޖައްސަފާނެ ކަމަކަށް. މަންމަ އަހަރެން ދެކެ ކުޑަކޮށްވެސް ލޯތްބެއް ނުވޭ. މަންމަ ނުބުނަންތަ އަހަރެން ގާތު ޒައިކް ހޯދައިދޭނަމެކޭ. މަންމާ ކީއްވެ؟ ކީއްވެ؟” ރުޅި އައިސްގެން ފެށި ވާހަކަ ޔޫހާ ނިންމާލީ ހިތާމަވެރި ކަމާއިއެކުއެވެ. ޒާހިދާއަށް ހުރީ އިވެމުންދިޔަ ބަސްތައް އެއިވެނީ ރަނގަޅަށް ކަމާއިމެދު ޝައްކެއްގެ މަތީގައިއެވެ.
”ދަރިފުޅު ކީކޭތަ ތިކިޔަނީ؟ މަންމައަކަށް ނޭނގޭ ދަރިފުޅު ތިކިޔާ އެއްޗެއް އެއްވެސް ވަރަކަށް.”
”އާން ނޭނގޭނެ. ނުބައި ނުލަފާ އަންހެނުންނަކަށް މީހުން ކިޔާ އެއްޗެއް އެއްވެސް ވަރަކަށް ނުވިސްނޭނެ. އެޔަށް ވުރެ ބޮޑަށް އަމިއްލަ އެދެމައިގެން ފޯވެފައި ވިޔަ ތިބެނީ.” ޔޫހާއަށް ކިޔޭ ނުކިޔޭ އެއްޗެއް ވެސް ނޭނގެއެވެ. އެއީ އޭނާގެ މަންމަކަން ވެސް އޭނާ ހަނދާން ނައްތާލައިފިއެވެ. ޒާހިދާއަށް އެބަސްތަކެއް ހަޖަމެއް ނުކުރެވުނެވެ. އަތުގައި ހުރި ބާރެއްލައި ޔޫހާގެ ކޯތާފަތް މައްޗަށް އޭނާގެ އަތުގެ ހަމަލާއެއް ދިނީ އައި ރުޅީގައިއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އޭނާގެ ހަގީގީ ސިފައާއި މެދު މީހަކު ވާހަކަ ދައްކަންޏާ އެކަމެއް އޭނާއަށް ފަސޭހައިން އަޑު އެހޭނެ ހެއްޔެވެ؟ އެއީ ޒާހިދާއަށް ފަސޭހަ ކަމެއް ނޫނެވެ. ޒާހިދާ އެތަނުން ނުކުމެގެން ދިޔައީ ދެވަނަ ފަހަރަށް ވެސް ގޯހެއް ހެދިދާނެ ކަމުގެ ބިރަށް ޓަކައިއެވެ. ޔޫހާވެސް ތަޅުންމައްޗަށް ވެއްޓުނު ގޮތަށް އެތަނުގައި އިނީ ލޮލުން ކަރުނަ ބާލާށެވެ. ތަޅުންމައްޗަށް ވެއްޓިގެންދާ ކޮންމެ ކަރުނަތިއްކަކަށް ނަޒަރު ހުއްޓާލާގެން އޭނާ އިނީ ޒާހިދާއާ ދިމާލަށް ކިޔުނު އެއްޗެއްސާ މެދު ވިސްނާށެވެ. ހަމަރަނގަޅަށް ވެސް އޭނާގެ ބޮލަށް ވަނީ ޝައިތާނާ ސަވާރުވެފައިއެވެ. އޭތީގެ ވަސްވާހަށް އޭނާގެ ސިކުނޑި ލެބެމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ.
***
އެނދުމަތީގައި ދެކޮޅަށް ފުރޮޅިލަ ފުރޮޅިލާ އޮތް އަންހެން ކުއްޖާގެ ދެލޮލުގައި ނިދީގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ފޯނުން ފޮޓޯގަނޑަކަށް ބަލަމުން ދިޔައިރު މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމުގެ ކުލަތަކެވެ. ތުންފަތުގައި ލުއި ހިނިތުންވުމެއް ވީ އިރު މޫނުމައްޗަށް ވަނީ ޖަންބު ކުލަ އަރާފައިއެވެ. ފަންދިގު އިސްތަށިގަނޑު އެނދުމަތީގައި ފަތުރާލައިގެން އޮތް އިރު އެއް އަތުން ދިޔައީ އިސްތަށިތަކާ ކުޅެމުންނެވެ. އެނެއް އަތުން ފޮޓޯގަނޑުގައި ފިރުމާލުމަށްފަހު ފޯނު ނިއްވާލިއެވެ. އަދި ދެލޯ މަރައި އަނެއްކާވެސް ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިކުރުވިއެވެ.
~ ނުނިމޭ ~
3 Comments!
Comments are closed.
Wowww….speechless?….varah varah reethi?…curiously waiting for the nxt part….lysm nd be safe
thanks kairaa nafu ah thidhey endless support ah.. n keep waiting.. u too be safe and stay home.. 🙂 🙂
Salaam dear all readers.. mi part vs readers ah kamudhaane kamah unmeedhu kuran.. adhi hedhifaivaa mistakes thah vs buneladheyne kamah unmeedhu kuran.. next part vs avahah upkohla dhevey thr balaanan..
Thank u all?
Stay home, stay safe??❤️
✨Have a blessed day?✨