
އަހަންނެކޭ އެއްވަރަށް ޝީރީން އަކީވެސް ކިޔެވުމަށް މޮޅު ކުއްޖެކެވެ. ދެމީހުންނަކީވެސް ހަމަ އެހާ ވާދަވެރި ދެމީހުންނަށް ވެއްޖެއެވެ. އެއްފަހަރު ޓެސްޓުން އޭނަ މަތީ މާކްސް ހޯދައިފިއްޔާއި ދެން އޮންނަ ފަހަރު މަތިން ހޯދާނީ އަހަރެންނެވެ. ނަމަވެސް ދުވަހަކުވެސް އޭނައާ މެދު ޙަސަދަވެރިކަމެއް އަހަރެން ނުބާއްވަމެވެ. އެއަށްވުރެ އޭނަ އަހަންނަށް ހިތްހެވެ. އެކަމުގެ ފަހަތުގައިވި ސިއްރެއް އޭރަކު އަހަރެންގެ ސިކުނޑިއަކަށް ނުވިސްނުނެވެ.
********************
އެޕިސޯޑް 2
ދުވަސްތަށް މާޒިއާ އެކުވަމުން ގޮސް ޖީސީ އައިސް ދޮރުގައި ޓަކި ދީފިއެވެ. އަހަރެން ކޮންމެ އިމްތިޙާނަކަށްވެސް ދަސްކުރަނީ ޝީރީންއާ އެކު ގްރޫޕް ސްޓަޑީ ހަދައިގެންނެވެ. އެންމެ ފަހުން އޮތީ ފިޒިކް އިމްތިޙާން ކަމުން ދެމީހުންވެސް ތިބީ ދަސްކުރާށެވެ. ދެމީހުން އަތުން ވެސް ފޮތް ދޫ ނުވެެއެވެ. މަޑުން ފޮތް ކިޔަމުން ދިޔައީ ހިތުދަސްކުރާ ބައިތަށް އަވަހަށް ހިތުގައި އަޅުވާށެވެ.
“ރީން؟ ތިހާ މޮޅިއްޔާ ނިކަން ނިއުޓަން ބޭބެ އުފައްދާފަ އޮތް 3 ލޯ ކިޔާބަލަ..” ކޮޓަރީގައި ރަސްކަން ކުރަމުން ދިޔަ ހިމޭންކަމަށް ނިމުމެއް ގެންނަމުން އަހަރެން ޝީރީން ކުރެން އެހީމެވެ. އަހަރެންނަށް ނޭނގިގެންނެއް ނޫނެވެ. ޝީރީންއަށް އިނގޭތޯ ބަލާލަންށެވެ. އޭނަ އަބަދުވެސް ފިޒިކްސް މާއްދާ އުނދަގު ވެގެން އުޅޭތީއެވެ.
ޝީރީން ފޮތަށް ބަލަން އިނދެ އަހަރެންނާ ދިމާލަށް ބަލާލި ގޮތުން ހީވީ އަހަރެންގެ މެޔަށް ހޫނު ތެޔޮ އެއްޗެއް ބަންޑުން ކޮށްލި ހެންނެވެ. އެހާވެސް އެ ބަލާލުން ތޫނެވެ.
“ފަސްޓް ލޯ އިޒް ……….. ” ހަމަ އެއިންގޮތަށް އިނދެ އެއްނެވާ މަތީން 3 ލޯ ޝީރީން ކިޔާލިއެވެ. އަހަރެން އިނީ ބަސް ހުއްޓި ބުނާނެ އެއްޗެއް ނޭނގިފައެވެ. ވާނީވެސް އެހެންތާއެވެ. އޭނާ އަކީ އަބަދުވެސް އެ ހިތުދަސް ނުވެގެން ތެޅި ފޮޅޭ މީހާއެވެ. ނަމަވެސް މިހާރު މިއޮތީ އެގޮތް ބަދަލުވެފައެވެ.
“މާޒް ހީކުރީތަ އަހަރެން އަދިވެސް އޭތި ދަސް ނުކުރެއޭ؟ އަހަރެން އޭތި ދަސް ކުރިތާ މާގިނަ އިރެއް ނުވަނީސް ތި އެހީ ވެސް… ހެހެހެ..” ދެންވެސް ވާހަކަ ދެއްކީ ޝީރީން އެވެ. “އެހެންވެ ތި އެނގުނީވެސް.. އެހެން ނޫންނަމަ.. ހެހެ..” އަހަރެން ބުނެލީމެވެ. “އެހެން ނޫންނަމަ ކިހިނެއް ވާނީ؟” ޝީރީން އަހަރެން ކުރެން އެއްސެވެ. ” އެހެން ނޫންނަމަ އޭގަ އަޅައިގަންފަ ވެއްޓުނަސް ނޭނގޭނެ ރީން އަކަށް.. ހެހެހެ..” އަހަރެން ޝީރީން އާއި ދިމާކޮށްލީމެވެ.
“އެނގޭނެ.. މާޒް އަކަށް ނޭނގޭނޭ ތާރާ ސުތާރިއާމެން އަނަންޔާ ޕާންޑޭ މެން އައިސް މާޒް އުރާލިއަސް.. ކިސް އެއް ދިނަސް… ހެހެ..” ޝީރީން ވެސް ވަކި ދުލެއް ނުކުރި އެވެ. “އައްޗި މަ ނޫޅެން ކޮންމެހެން އެ ކާފަރު އެއްޗިހި ބަލަ ބަލާފަ މާ ބޮލީވުޑް ވާކަށެއް.. ތެދަށް ބުނަންޔާ އެއިން މީހަކު އައިސް އެކަހަލަ ކަމެއް ނުވެސް ކުރާނެ ވިއްޔަ… އެޔަށް ވުރެ މާ ފޮނި ބޮޑު ބައެއް އެއީ… ރީން ހުންނަގަ ބޮލީވުޑް މީހުންނާ އެއްކޮށް ބައްދަ ބައްދާފަ ބޮލީވުޑް މީހަކަށް ވާން.. މަ ނޫޅެން ވިއްޔަ…” އަހަރެން ކޮޅުންވެސް ވަކި ދުލެއް ނުދެމެވެ. ދެން ފެށުނީ ބޮޑު ޒުވާބެވެ. އަހަރެމެން އާދަވެގެން ކުރާ ކޫސަނި ބޫސަނި ޒުވާބެވެ. މިކަހަލަ ކިތަންމެ ޒުވާބެއް މިވީ ކުޑަ ދުވަސްކޮޅު ތެރޭ ހަނދާންތަކެއްގެ ސިފައިގައި އަހަރެން ސިކުނޑީގައި ފޮރުވާފައި ހުންނާނެއެވެ.
ދެމީހުންވެސް ޒުވާބުގެ ހޫނުކަންމަތީ ތިއްބާ މަންމަ އައިސް ވަނެވެ. ދެމީހުންނަށް ނޫޑްލްސް ތާޒާ ކަންމަތީ ހިފައިގެންނެވެ. އެއީ މަންމަގެ އާދައެވެ. ޝީރީން އައިއްސިއްޔާ އަބަދުވެސް ކޮންމެވެސް މީރުހެން ހީވާ ކާއެއްޗެއް ހަދާނެއެވެ. އެހާވެސް މަންމަ ޝީރީންދެކެ ލޯބިވެއެވެ. މަންމަ އަހަރެންވެސް ބަލަމުން ދިޔައީ ހަމަ އެހާ ލޯބިންނެވެ. ބައްޕަގެ ލޯބިން މަޙްރޫމްވެފައިވާ އަހަރެންނަށް އެކަން އިޙުސާސްވެސް ވިޔަ ނުދެއެވެ. އުނި ނުވާ ވަރަށް އަހަރެންނަށް ލޯބިދެއެވެ. އަހަރެންވެސް އަހަރެންގެ މަންމަ ދެކެ ވަރަށް ލޯބި ވެއެވެ.
“ދައްތާ މާޒް އަށް ނުދޭތި.. އޭނަ އަޅުގަނޑާ ވަރަށް ޒުވާބު ކޮށްފި.. ބޮލީވުޑަށް ވެސް ވަރަށް އެއްޗިހި ކީ..” ޝީރީން ދެރަވެފަ ކަމަށް ހަދާފައި އެރީތި މަޑު ފިޔާތޮށި ކުލައިގެ ތުންފަތް އޫ ކޮށްލަމުން ބުންޏެވެ. “އެ ތެދެއް ދަރިފުޅާ؟ މަންމަ ބުނަމެންނު މީހުން ނެތް ތަންތާނގަ މީހުންގެ ވާހަކަ ނުދައްކާށޭ!” ކުޑަކޮށް ހިތް ހަމަ ނުޖެހިފައި މަންމަ ބުނެލިއެވެ. މަންމަ ހީކުރީ ބޮލީވުޑަކީ މީހެއް ކަމަށެވެ. އަހަރެން ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. ޝީރީން ވެސް ޕަކަ ޕަކަ ލާފައި ހޭން ފެށިއެވެ.
“އާން މާޒް އަކަށް ނެތް އެތިކޮޅެއް.. މި ތަށިވެސް ރީން ކޮއްކޮ ކާލާ އިނގޭ!” ދެތަށި އެއްފަހަރާ ޝީރީން އަތަށް ދިއްކޮށްލަމުން މަންމަ ބުނެލި އެވެ. “ދެން މަންމަ ވެސް އަރާނެ މި ރީންގަނޑު ކޮޅަށް.. ދުވަހަކުވެސް އަޅުގަނޑު ކޮޅަކަށް ނާރާނެ..” އަހަރެން ހިނިގަނޑު މައިތިރި ކޮށްފައި ރުޅި އައިސް ކަމަށް ހެދިފައި މަންމަ ނިކުންނަން ދަނިކޮށް ބުނެލީމެވެ. “އެ މަޖަލޭ ދަރިފުޅާ.. ދެން ދަރިފުޅު ދެކެ އެއްނު މަންމަ ލޯބިވާނީ.. ރީން ކޮއްކޯ އަވަހަށް ދައްތަގެ ބޭބީކޮޅަށް ދީ އެއް ނޫޑްލްސް ތަށި..” މަންމަ ބުންޏެވެ. “އަދި މަޑުކޮށްބަަލަ މަންމާ!” އަހަރެން، މަންމަ ދާން އެނބުރިލި ތަނާ ގޮވާލީމެވެ. “ކީކޭ ދަރިފުޅާ؟” ދެން އިވުނީ މަންމަގެ އަޑެވެ. “މަންމާ! ބޮލީވުޑަކީ މީހެއް ނޫން.. އެއީ ހިންދީ ފިލްމު ކުޅޭ މީހުންގެ މުޅި ފިލްމު އިންޑަސްޓްރީ..” އަހަރެން ތުންފަތް މައްޗައް ލުއި ހިނިތުންވުމެއް ގެނުވަމުން މަންމަ އަށް ކިޔާދިނީމެވެ. “އެހެންތަ؟ މަންމަ އަކަށް ނޭނގޭނެ އެއްނު.. ހެހެހެ” މަންމަ ވެސް ހިނިގަނޑެއް ޖަހާލަމުން ކޮޓަރިން ނިކުތެވެ.
“އަން.. ނޫޑްލްސް.. ބޭބީ ކޮޅު.. ހެހެ..” ޝީރީން އަހަރެންނަށް މަލާމާތް ކޮއްލަމުން ދޫ ނެރެލާފައި ބުންޏެވެ. “ދެން ހެވޭ!” އަހަރެންވެސް ދޫ ނެރެލަމުން މޫނަށް ގޮތެއް ހަދާލަމުން ބުނީމެވެ.
ދެމީހުންވެސް އެމަޖާ ގަނޑުގައި ތިބެފައި ވަކިވީ ދެން އޮތް އެންމެ ފަހު އިމްތިޙާނަށް އޯލް ދަ ބެސްޓް ކިޔާފަ އެވެ.
…. ނުނިމޭ ….
4 Comments!
Comments are closed.
Super??????????Maashaa Allah
Story nimendhen geness dhehchey? varah gina story’s hunnani nuninmaa??
InSha Allah story nimendhen hama genesdheynan..
Thank u for the nice comment
V salhi.. v furihama
Thanks Thitha???