
އިންތިޒާރު
‘ޓޭސްޓްސް’ ރެސްޓޯރެންޓްއިން ޗޮކްލެޓް ކޭކެއް ހިފައިގެން ނުކުތް ޒުވާނާއަށް ވަނީ ގިނަބައެއްގެ ލޯތައް އަމާޒު ވެފައެވެ. ހިތްގައިމު ހިނިތުންވުމެއް މޫނުމަތީގައިވިއިރު އޭނާގެ ޖާދޫގައި ޖެހެމުން ދިޔަ ޒުވާން އަންހެންކުދިންގެ ހިތްތައް ކަތިލެވެމުން ދިޔައެވެ. އަވިއައިނަކުން ލޯ ފޮރުވާލެވުފައިވިއިރު ދިގުކޮށްފައިވާ ތުބުޅިން ހަތަރެސްކަން ބައްޓަމުގެ މޫނަށް އިތުރު ފުރިހަމަކަމެއް ގެނުވިއެވެ. ލައިގެންހުރި ކަކުލާ ހިސާބަށްއަރާ ކަޅު ކުރުތާއާއި ފައިކުރި ކުރު ޖިންސުގެ ސަބަބުން ސުންނަތަށް ލޯބިކުރާ ޒުވާނެއްކަން ހާމަވެއެވެ. ކަޅުކުލަގަދަ ފަން އިސްތަށިގަނޑު ވަނީ ކަންފަތާއި ހަމައަށް ދިގުކޮށްފައި، ރީތި ގޮތަކަށް ސްޓައިލް ކުރެވިފައެވެ.
ފިރިހެންވަންތަ ހިނގުމެއްގައި ލޫތު ކާރަށް އެރިއިރު ހިތްވެސް ވަނީ އަވަސްވެފައެވެ. ކާރު ދުއްވާލުމުގެ ކުރިން އަތުގައި އޮތް ރިޕޯޓަށް ބަލާލެވުނީ ކިތައް ވަނަ ފަހަރުކަމެއްވެސް ނޭނގެއެވެ. ރިޕޯޓަށް ބަލާލެވުމާއެކު ލޮލުގެ ވިދުން ގަދަވެ ބޭއިޚްތިޔާރުގައި ހީލެވުނީ ވެފައިހުރި އުފަލެއްގެ ބޮޑުކަމުންނެވެ.
އުފަލުން ހިތް ނަށައިގަތެވެ. ކައިވެންޏަށް 4 އަހަރު ވެގެން ދިޔައީ މިދުވަހަށް އިންތިޒާރު ކުރަމުންނެވެ.
ލޯބިވާ އަނބިމީހާ މަލާއަށް މި އުފާވެރި ޚަބަރު ދިނުމަށްޓަކައި ލޫތުގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އަވަސް ހިތަކާއެކު ކާރު ދުއްވާލިއިރު މަލާ އުޅޭނެ ގޮތް ލޫތު ޚިޔާލަށް ގެންނަމުން ހީލިއެވެ.
މަލާގެ ބައްޕަ މާލިކްއަކީ ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރިވެރިއެކެވެ.
ޒުވާން އުމުރުގައި ލިބުނު ސްކޮލަރޝިޕްއިން ކިޔަވައިގެން އަމިއްލަ ވިޔަފާރިއެއް ފެށީ މައިންބަފައިންގެ ހުވަފެނުގަ ކުލަ ޖެއްސުމަށެވެ. ކާމިޔާބު ކަމާއެކީ ކުރިއަރައި ފުޅާވި ވިޔަފާރިން މުޅި ރާއްޖޭގެ ގަދަރު ހިފޭ މީހަކަށް މާލިކް ވިއެވެ. އަތްމަތި ތަނަވަސްވުމާއެކު މާލިކް އަވަސްވެގަތީ ބައްޕަ ނުޢުމާނުގެ ގެ ‘ކޮޓޭޖް’ އެންމެ ފެންވަރުގައި ހެދުމަށެވެ. ގަނޑުވަރު ފެންވަރުގައި ފަސްބުރީގެ އިމާރާތެއް އަޅައި މަތީ ހަތަރު ބުރި އެޕާރޓްމެންޓް ސްޓައިލަށް ހަދައި ކުއްޔަށް ދިނީ އާމްދަނީއެއް ލިބޭނެ އިތުރު މަގެއް ހޯދުމަށެވެ. ދިރިއުޅުން އަރާމުވެ ، މައިންބަފައިން ހިތްހަމަ ޖައްސައިދެވުނީތީ މާލިކް އިންތިހާއަށް އުފާވިއެވެ.
ތިރީހުގެ އަހަރުތައް ގުނަމުން ދިޔަ މާލިކްއަށް މަންމަ އުމެއިރާގެ ފަރާތުން ދެން އަންނަން ފެށި ޝަކުވާއަކީ ކައިވެންޏަކާމެދު ނުވިސްނާ ޝަކުވާއެވެ. އުމައިރާގެ އުމުރުން 60ގެ އަހަރުތައް ގުނަމުން ދިޔައިރު ހަމައެކަނި ހުރި ދަރިފުޅު ޒަވާޖީ ހަޔާތެއް ނުފަށާތީ ކަންބޮޑުވެއެވެ. ދުނިޔެ ދޫކޮށްފައި ދާއިރު މާލިކަށް ހެޔޮލަފާބައިވެރިއަކު ލިބުމަކީ އޭނާގެ އެންމެ ބޮޑު އުއްމީދެވެ.
ކަމުދާ ކުއްޖަކާ ދިމާނުވާކަމަށް ބަހަނާ ދައްކަމުން ދިޔަ މާލިކަށް، މަލްހާ އާއި ދިމާވީ ބޯކޮށް ވާރޭވެހެމުން ދިޔަ ރޭގަނޑެއްގައެވެ. ފޮށި ދަމަމުން މަލްހާ ދިޔައީ އޭނާގެ ޒީލަގަދަ ބޮޑުދައިތަ ގެއިން ނެރެލުމުންނެވެ. މިދުނިޔޭގައި އޭނާއަށް އަޅާލާން ހުރި ހަމައެކަނި މީހަކީވެސް އެއީއެވެ.
ދެ ޚިޔާލެއްގައި ހުރެފައި މަލްހާއަށް އެޚީތެރިވުމަށް މާލިކް އަތް ދިއްކޮށްލީ އިންސާނިއްޔަތުކަމަށް ޓަކައެވެ.
‘ކޮޓޭޖް’ ގައި މަލްހާ ބެހެއްޓި ދުވަސްކޮޅުގައި ދެހިތުގައި ލޯބި އުފެދި ކައިވެންޏާއި ހަމައަށް ދިޔައީ މާލިކްގެ މައިންބަފައިންގެ ރުހުމާއެކުގައެވެ.
ލޯބިން ދެމަފިރިން ހޭދަކުރި ދުވަަސްތަކުގައި ކުޑި ޖެހެން ފެށީ ކައިވެންޏަށް ފަސްއަހަރު ވިއިރުވެސް އެލޯބީގައި މޭވާއެއް ނޭޅުމުންނެވެ. ދެމަފިރިން، ބޭސް ފަރުވާއަށް އެކި ޤައުމުތަކަށް ދަތުރު ކުރަން ފެށިއެވެ. ބޭސްކުރަން ފެށިތާ ދެއަހަރު ވިއިރުވެސް މަލްހާގެ އުއްމީދުތަކުގައި ކުލަ ޖެހޭނެ ގޮތެއް ނުވިއެވެ.
އެންމެފަހުން ރާއްޖެއަަށް އައިއިރު ޔަތީމުޚާނާއަކުން ދެއަހަރުގެ ކުއްޖަކު އެޑޮޕްޓް ކޮށގެން އައީ ދެމަފިރިން ވަކިވާން ނޭދޭތީއެވެ. އެކަކު އަނެކަކުދެކެ ވާ ލޯބީގެ ބޮޑުކަމުންނެވެ.
ލޫތު ވީ ‘ކޮޓޭޖް’ ގެ ދިރުމަށެވެ. އެކުޑަ ކުޑަ ފުރާނަ ގޭތެރެ ފަޅުފިލުވައިދިނެވެ. އަބަދު އެހީލުމުގެ އަޑު މުޅި ގޭތެރޭގައި ހިފާފައިވާ ކަހަަލައެވެ. މަމީ ޑެޑީ ކިޔަމުން ގޭތެރޭގައި ދުވެލާއިރު ފެންނަ ކޮންމެ މީހެއްގެ ހިތްވެސް ލޯބިން ފުރިގެންދާނެއެވެ. 70ގެ އަހަރުތައް ގުނަމުން އައި ނުއުމާނު އާއި އުމެއިރާގެ މޫނުމަތިން ހިނިތުންވުން ނުފިލައެވެ.
ލޫތުއަށް ލިބިފައިވަނީ އާދަޔަ ޚިލާފު ރީތި ކަމެކެވެ. ހުދު ދޮނެއް ލިބިފައިވިއިރު މުށި ކުލައިގެ ކަޅިއެކެވެ. ފަންފަން ކަޅުކުލަގަދަ އިސްތަށިގަނޑެވެ. ލޯބިކަމުން ގޮސް މަގުމައްޗަށް ނެރެވޭ ވަރެއް ނޫނެވެ. މީހުންގެ ލޯތައް އަމާޒުވެ އެސްފީނާއެއް ޖެހިދާނެތީ މަލްހާ ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. ގިނަފަހަރު ނުއުމާނު ލޫތު ގޮވައިގެން ބޭރަށް ނުކުންނަންވެސް ހުރަސްއެޅެއެވެ. މީހަކު ލޫތުގެ ފޮޓޯއެއް ނެގިކަން އެނގުނަސް ހިތްހަމަ ނުޖެހެވެއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ލޫތު ގެންގުޅެން ފަށައިގެން އަހަރެއް ވާން އުޅެނިކޮށް މަލްހާ ބަލިވެ އިނެވެ. މި ޚަބަރު ވީ މާލިކު އާއި މަލްހާއަށް ބަޔާން ކުރަން ދަތިވި އުފަލެއް ލިބުނު ޚަބަރަކަށެވެ.
5 Comments!
Comments are closed.
This is my first story here ?
Leave a comment if you like it.
Mistakes thah faahaga kolladhehchey ?
Nice and when is the next part
2 varakah days therey up kolleveytho try kuraanan إن شاء الله
Story kuru kamah faahaga vey
Asluves kuru dho.
Next part dhigu kolleveytho balaanan ?