
ދަންވަރުގެ ހަމަހިމޭން ވަގުތުގައި ނައިޝަމްއަށް ހޭލެވުނީ ކަރުހިތްކައި ގަނެގެންނެވެ. ކޮޓަރީގައި އިން ފެންޖަގު ހުސްވެފައި އިނުމުގެ ސަބަބުން ނައިޝަމް ކޮޓަރިން ބޭރަށް ނުކުމެގެން ދިޔައީ ޖަގަށް ފެން އެޅުމަށެވެ. ބަދިގެއަށް ވަނުމާއިއެކު ފެނުނު މަންޒަރުން ނައިޝަމްއަށް ހީވީ އޭޏާގެ މޭގަނޑު އަނގައަށް އައި ހެންނެވެ. ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ.
އައިލީޝްގެ ބޯ ކައިރީ ލޭގެ ކޯރެއް ހެދިފައި ވާއިރު ފައި ވަނީ ކަފައިގެން ގޮސްފައިއެވެ. އައިލީޝް އޮތްގޮތް ފެނިފައި ނައިޝަމްގެ ހިތުގެ އެންމެ ހިމަ ނާރަށްވެސް އަސަރު ކުރިއެވެ. ބޮލަށް އެނބުރުން އަރައިގެން ދިޔައިރު އޭނާއަށް ކެތް ކުރަން ދަތިވިއެވެ. ބަލާކަށް ނުހުރެ ގޮސް އައިލީޝްގެ ގާތުގައި އިށީންދެ ގޮވަމުން ދިޔައީ ތުރުތުރު ލަމުން ދިޔަ އަޑަކުންނެވެ. އަނެއްކާވެސް ނައިޝަމް ތެދުވެގެން ދުވެފައި ދިޔައީ ޔޫހާގެ ކޮޓަރިއާ ދިމާލަށެވެ. ޒާހިދާ އަށް ގޮވަން ފަސްޖެހެވުނީމައެވެ. މިވީ ދުވަސްތަކުގައި އޭޏާއަށް ޒާހިދާގެ ގިނަ ހަގީގަތްތަކެއް ވަނީ އެނގިފައިއެވެ. ޔޫހާގެ ކޮޓަރި ދޮރު މައްޗަށް އަރައި ނައިޝަމްއަށް ބާޜަކަށް ތަޅައިގަނެވުނެވެ.
ނުނިދާ ހާސްކަމުގެ މަތީގައި އޮތް ޔޫހާ ދިޔައީ ސިއްސައިގެންނެވެ. ހިސާބަކަށް ބިރުގަނެގެން ދިޔައިރު އޭނާގެ މުޅި ހަށިގަނޑު ރޫރޫ އަޅަމުންދިޔައެވެ. އެސިހުމުގައި ހުރެ އޭނާ ގޮސް ކޮޓަރީގެ ދޮރު ހުޅުވާލުމާއިއެކު ކުރިމަތީގައި ހުރި ނައިޝަމް ފެނިފައި ބިރު ފިލައިގޮސް މޫނުމައްޗަށް ފޫހިކަން ވެރިވިއެވެ.
”ކިހިނެއްވީ؟”
”ޔޫ. ޔޫހާ.. އަ.. އިލީޝް. އާދެބަ..” ނައިޝަމްއަށް ވާހަކަ ދެއްކުން ވީ އުނދަގޫ ކަމަކަށެވެ. ބުނި އެއްޗެއް ނަގައި ނުގަނެވުނަސް ނައިޝަމްގެ މޫނަމަތިން ފެންނަމުން ދިޔަ ހާސްކަމުން ނައިޝަމްގެ ފަހަތުން ޔޫހާ ހިނގައިގަތީ ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވުމަށެވެ. ބަދިގެ ކުރިމައްޗަށް އެރި ޔޫހާ އަށް ވެސް ވީ ނައިޝަމްއަށް ވީވަރެވެ. އައިލީޝް ފެނިފައި ޔޫހާގެ ލޮލުން ކަރުނަތައް އޮހިގަތީ ހިތަށް ކެތް ނުވުމުގެ ސަބަބުންނެވެ. އަވަސްއަވަަހަށް އޭޏާގެ ފޯނު އަތަށް ހެޔޮވަރު ކޮށްލުމަށްފަހު ނަންބަރުތަކެއް ޖަހައިލުމަށްފަހު ކަންފަތުގައި ފޯނު ޖައްސައިލިއެވެ. އޭރު ނައިޝަމް އުޅުނީ އައިލީޝްގެ ބޮލުން ފައިބަމުން ދިޔަ ލޭތައް މަނާ ކުރެވޭތޯއެވެ. ޔޫހާވެސް އައިލީޝްގެ ފައިގައި ފޮތިގަނޑެއް ގެނެސް އައްސައިލީ ލޭ އަންނަމުން ދިޔަ ވަރުންނެވެ. ހިސާބަކަށް އޭނާގެ ބޮލަށް އެނބުރުން އަރާފައި ހުރި ނަމަވެސް އެންމެ ފަހަރަކުވެސް އައިލީޝްގެ ގާތުން ދުރަކަށް ނުދެއެވެ.
***
ހެނދުނު އިރުއަރައިގެން ދިޔައީ ޔުނާން އޭނާގެ ރޭސްޓޯރެންޓްގައި ކަންކަން ބަލަހައްޓަން ހުއްޓައެވެ. ރަނގަޅު ކުރަންވީ ކަންތައް ބެލުމަށްފަހު ހުރިޙާ ކަމެއް ނޯޓު ކުރަމުން ދިޔައީ ފެންވަރު ރަނގަޅު ކުރުމުގެ ބޭނުމުގައިއެވެ. އެ ރެސްޓޯރެންޓް ހިންގައިލަން އޭނާ ނުހަނު ބޭނުމެވެ. ރެސްޓޯރެންޓްގެ އެކި ތަންތަން ބަދަލު ކުރަމުން ދިޔައިރު ދުވަހަކަށްވުރެ ދުވަހެއް އެތަން ދިޔައީ ކުރިއަރަމުންނެވެ.
މިހުރިހާ މަސައްކަތެއްގައި އޭނާ އުޅުނު ނަމަވެސް އެންމެ ފަހަރަކުވެސް އައިލީޝް މަތިން ހަނދާނެއް ނުނެތެވެ. އައިލީޝްއަކީ އޭނާގެ ހިތުގެ ރާނީއަށް ވީއިރު އެދެލޯ އަބަދާއި އަބަދު ދުށުމަށް އެދެނީ އައިލީޝްއަށެވެ. ކައުންޓަރު ކައިރީ އޭޏާ އިށީންދެލައިގެން އިން އިރު އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އައިލީޝްގެ ހިޔާލުތަކެވެ. އައިލީޝް ނުފެންނަ ތާ ފަސް ދުވަސް ވެގެން ދިޔައިރު ޔުނާންގެ ދެލޯ ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރަމުން ދިޔައީ އައިލީޝް ފެންނާނެ ދުވަހަކަށެވެ.
***
އަލިފުޅު ގެނައި އެއްޗެހި ބެލުމުގައި ޝަމްހާއާއި އިޝާމް އުޅުނު އިރު އެމީހުންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. އިޝާމްއަށް ދެގަމީހާ ފަޓުލޫނަކާ ފައިވާނެއް އެއް ފޮށިގަނޑުގައި އޮތްއިރު އަނެއް ފޮށިގަނޑުގައި އޮތީ ރީތި ފޮތިގަނޑަކާއި ދެ ބުރުގަލާއި ފައިވާނެވެ. އެއެއްޗެހި ފެނިފައި ދެމީހުންގެ މޫނުމަތިން އުފާވެރިކަމުގެ ކުލަތައް ފެންނަމުން ދިޔައެވެ. އޭގެ ދެވަނަ ސިކުންތުގައި ދެމީހުންގެ ލޯ ވެސް ކަރުނުން ފުރުނީ އާކިފްގެ ރަނގަޅުކަން ތަސައްވުރު ކުރެވުމުންނެވެ.
”ހާދަ ރީތި ދެ ގަމީހޭ މީ. ހެޔޮވަރު ތޯ ބަލައިލަން ލާ ބަލަ.” ޝަމްހާ އިޝާމްގެ ގައިގައި ގަމީސް ޖައްސައިލަމުން ބުނެލިއެވެ. އިޝާމްވެސް ޝަމްހާގެ އަތުން ގަމީސް ނަގައި އެ ލާން އުޅުނެވެ. އޭނާއަށް އެގަމީސް ނުހަނު ހެޔޮވަރުވެފައި ރީއްޗެވެ. ނަމަވެސް އޭނާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައިއެވެ. އެއީ އޭނާ މީގެ ކުރިން ދުވަހަކުވެސް ނުލާފަދަ ރީތި ދެ ގަމީހެކެވެ. އެތައް ފަހަރަކު ހިތާ ހިތުން އާކިފްއަށް ޝުކުރު އަދާ ކުރިއެވެ.
***
އަވަދިނެތި އައިލީޝްގެ ކަންކަމުގައި ހޮސްޕިޓަލުގައި އުޅުމަށްފަހު ނައިޝަމްއަށް ގެޔަށް އާ ދެވުނީ އޭގެ އެނެއް ދުވަހު ފެންވަރާލުމަށެވެ. ދެދުވަސް ވެގެން ދިޔައިރުވެސް އައިލީޝް ހެޔެއް ނާރައެވެ. ބޮލަށް ލިބިފައި ހުރި ގެއްލުމުންނާއި އަދި ލޭމަދުވެފައި ހުރުމުގެ ސަބަބުންނެވެ.
ދެދުވަސް ވެގެން ދިޔައިރުވެސް ޒާހިދާ ހޮސްޕިޓަލަށް ބޯވެސް ދިއްކޮށްނުލައެވެ. ވީ ކީއްތޯ ބަލައިވެސް ނުލައެވެ. ނަމަވެސް ޔޫހާ ގެޔަށް ނާންނާތީ އެކަމާ ހާސްވެ ކަންބޮޑުވެގެން އެތައް ހާސް ފަހަރަކު ގުޅައެވެ. ނަމަވެސް ޔޫހާ ކަހައިތާ ހިރުވާވެސް ނުލައިއެވެ. އެންމެ ފަހަރަކުވެސް ފޯނެއް ނުނަގައެވެ.
އަނެއްކާވެސް ފެންވަރައިލައިގެން ނައިޝަމް ހޮސްޕިޓަލަށް ދާން ތައްޔާރު ވާން ފެށީ ޔޫހާ ގެޔަށް ފޮނުވައިލުމަށެވެ. އެރެއަށްފަހު ޔޫހާވެސް އަދި ގެއަކަށް ނާދެއެވެ. ރޭގަނޑު ނުނިދާ ދެމީހުންވެސް އައިލީޝްގެ މަގަތުގައި އިނީ އައިލީޝް ހޭއަރާނެ އިރަކަށް އިންތިޒާރު ކޮށްލަ ކޮށްލާއެވެ. ނަމަވެސް ދެދުވަސް ފާއިތުވެގެން ދިޔައީ ދެމީހުން ހަމައެގޮތުގައި ތިއްބައެވެ. އަޅި ކުލައިގެ ޓީޝާޓަކާއިއެކު ކަކުލާ ހަމައަށް އަރާ ކުރު ޖިންސެއްލައިގެން ނައިޝަމް އަވަސް ފިޔަވަޅުތަކެއްގައި ގެއިން ނުކުމަންނަން ދިޔައީ އޭޏާގެ ފަހަތުގައި ޒާހިދާ ހުރިކަން ނޭނގި ހުރެއެވެ.
”ކަލޭމެން ކޮންތާކުތަ މިދެ ދުވަހު ތިއުޅުނީ؟ ކޮބާ ޔޫހާ؟ ކަލޭއާ އެއްކޮށް ދޯ އޭނަވެސް ދިޔައީ؟” ޒާހިދާ ދެ ބުމަ ގޮށްޖަހަލައިގެން ހުރެ އެއްފައްޗަކަށް ސުވާލުތައް ކުރަމުން ދިޔައެވެ. ނައިޝަމްއަށް ފަހަތް ބަލައިލެވުނީ ބިރުން ހުރެއެވެ. އޭނާއަށް ލިބޭނެ ހަމަލާއެއް ނޭނގޭތީއެވެ. ޔޫހާގެ ފަރާތުން ޒާހިދާގެ ވަރަށް ގިނަ ހަގީގަތްތަކެއް އެނގިފައިވުމާއިއެކު ނައިޝަމް ޒާހިދާ ދެކެ ބިރުގަންނަން ފެށީ އިންތިހާއަށެވެ. އޭނާވެސް އަޑު އަހާ ވާހަކައެއް އޮވެއެވެ. ދޮންމަންމަ ވާނީ ހަމަ ދޮން ނިޔަދުރަކަށެވެ. މިބުނުން މިހާރު އޭޏާއަށް ވެސް ގަބޫލު ކުރެވިއްޖެއެވެ.
”ހޮސްޕިޓަލުގަ. އައިލީޝްގެ ބޯ ފަޅައިގެން ގޮސްގެން. އަދިވެސް ހެޔެއް ނާރަ. ޔޫހާވެސް ވީ އައިލީޝް ގާތު. ދައްތަ ކީއްވެ އައިލީޝް ކައިރިއަށް ނުދަނީ؟” ލިބޭނެ ޖަވާބު އެނގި ހުރެ ނައިޝަމް ޒާހިދާއަށް އެ ސުވާލު އަމާޒުކޮށްލިއެވެ. ބިރުންހުރެއެވެ.
”މަ ނުޖެހޭ ކޮންމެހެން އޭނާގެ ކައިރިއަކަށް ދާކަށް.” ޒާހިދާގެ ޖަވާބު ވަރަށްވެސް ސީދާވެފައި ކުރެވެ. ޒާހިދާ ފުރަގަސް ދިނުމާއިއެކު އަވަހަށް ނައިޝަމް ގެއިން ނުކުތުމަށް ހިނގައިގަތީ އިތުރަށް ޒާހިދާއާ ވާހަކަ ދައްކާނެ ހިތްވަރު އޭނާގެ ނެތުމުންނެވެ. އެވަގުތުކޮޅުގައިވެސް ނައިޝަމްގެ ސިކުނޑިއަށް ދިޔައީ އެތައް އެއްޗެއް އަރައި ފައިބަމުންނެވެ. އެކަހަލަ ގެއެއްގައި އޭނާއަށް ކިޔެވޭނެ ކަމާމެދުއެވެ. ޒާހިދާގެ ރުޅިވެރި ބަސްތަކުން މިހާރުވެސް އޭނާއަށް ކެތްކޮށްލައިގެން ހުރެވެނީ ކިރިޔާއެވެ. ގިނަ ފަހަރު ކޮޓަރިއަށް ވަދެވުމާއިއެކު އޭޏާއަށް ރޯން ފެށެއެވެ.
***
”ޔުނާން. ދޮންބެ އެބޮތް ވަރަށް ބޮޑު ވާހަކައެއް ބުނަން.” ހުންގާނުގައި ހިފަހައްޓާލައިގެން އިން ޒައިކް އެހެން ބުނެލީ ކާރުގެ ސީޓަށް ލެގިލައިގެން އިން ޔުނާންއަށެވެ. ވަރުބަލިވެފައިވާ އަޑަކުން ބުނާށޭ ޔުނާން ބުނެލީ އެއްވެސް ޝައުގުވެރިކަމެއް ނެތިއެވެ. ނަމަވެސް އެވާޙަކަ ސިއްރު ކުރާކަށް ޒައިކް ގަސްދެއް ނުކުރެއެވެ. ޔުނާން ކޮންމެ ގޮތަކަށް އިނަސް އޭނާ ވާހަކަ ބުނަން ނިންމިއެވެ.
”ދޮންބެއަށް ކުއްޖެއް ދެކެ ލޯބި ވެވިއްޖެ.” ޒައިކްގެ އަޑު ޔުނާންގެ ކަންފަތުގައި ޖެހުމާއިއެކު އޭނާގެ ހަށިގަނޑު ކޮޅަށް ޖެހުނެވެ. އެއީ އޭނާ އަޑު އަހަން އެންމެ ބޭނުންވާ އެއްޗެވެ. ޝާހިދުއާ ނަތާޝާވެސް ދުވަސްތައް ގުނަމުން އެދަނީ ޒައިކް މީހަކާ އެންނާނެ އިރަކަށެވެ.
”އަނެއްކާ ކުރިން ދުވަހު ދިޔަގޭގަ ދޮންބެ ކުރިމަތީގައި އިން ޔޫހާތަ؟ އޭނާ ބަލާލަ ދީފަ ހުއްޓޭ ދޮންބެ އާ ދިމާ. އަހަރެން ހުރީ އަޖައިބުވެފަ. އެންމެ ފަހަރަކުވެސް އެސްފިޔަ ޖަހައި ނުލައި.” ޔުނާންގެ ބޮޑު އަނގަ ފެށުނީ އެހައި ހިސާބުންނެވެ. އޭގެ އިރުކޮޅެއް ކުރިން ފޫހިވެފައި އިން ޔުނާންގެ މޫނުމަތިން މިހާރު ފެންނަމުން ދަނީ އުފާވެރިކަމެވެ.
”ނޫނޭ. އޭނައެއް ނޫން އަދި. އޭނާގެ ކައިރީ އިން ކުއްޖަ. އައިލީޝް.” ޒައިކް އެހެން ބުނުމާއިއެކު ޔުނާންގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. އެއިވުނީ އޭނާ އަޑުއަހަން ބޭނުންވާ ބަސްތަކެއް ނޫނެވެ. ހިނދުކޮޅެއްގެ ތެރޭގައި ޔުނާންގެ ހިތުގައި ޒައިކްއަށް ޓަކައި ނަފްރަތް އުފެދެން ފެށިއެވެ. ރުޅި އާދެވެން ފެށިއެވެ.
”ވަޓް. ކާރު ހުއްޓުވާ. އަހަރެން ފައިބަންނަން ވެއްޖެ.” ޔުނާންގެ މިޒާޖަށް އައި ކުއްލި ބަދަލާއިއެކު ޒައިކްއަށް ލިބުނީ ސިހުމެކެވެ. ވާނުވާއެއް ނޭނގިފައި ޒައިކް އިނީ ޔުނާން ދިޔަ ތަން ބަލަހައްޓާގެންނެވެ. ފަސް އެނބުރި ބަލައިވެސް ނުލައި ޔުނާން ދިޔައިރު ވީ ގޮތް އެއްވެސް ވަރަކަށް ޒައިކްއަށް ރޭކާ ނުލައެވެ.
***
ހަވީރު ގެޔަށް ދިޔަ ގޮތަށް އަދި ޔޫހާ ނާންނާތީ ނައިޝަމްއިނީ ފޫހިވެގެން ކުރާނެ ކަމެއް ނޭނގިފައިއެވެ. އަތުގައި ފޯނެއް ނެތުމާއިއެކު އަދި ކުޅެލާނެ އެއްޗެއް ނެތުމާއިއެކު އޭނާގެ ފޫހިކަން ދިޔައީ ހައްތާ އިތުރުވަމުންނެވެ. އަދި އޭނާގެ މައިންބަފައިންގެ މަތިން ދިޔައީ އިންތިިހާ ދަރަޖައަށް ހަނދާންވަމުންނެވެ.
”އަހަރެން މިއުޅޭ ގޮތް މަންމަމެންނަށް އެނގިއްޖެ ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅު މިފަދަ ގެއެއްގައި އުޅޭ ހަބަރު ލިބޭ ދުވަހު އެމީހުންގެ ލޮލުން ކަރުނަ ފައިބެއްޖެ ނަމަ ދެން ހަދާނީ ކިހިނެއް ހެއްުޔެވެ؟ އެއީ އަހަރެން ދުވަހަކު ވެސް ބަލަން ބޭޏުންވާ މަންޒަރެއް ނޫނެވެ. އަޑު އަހަން ބޭނުންވާ މަންޒަރެއްވެސް ނޫނެވެ. ވާހަކަނުދައްކާ ދެދުވަސް ވެގެން ދިޔައިރު އަހަރެންގެ ހާލުއަހުވާލު ނޭނގޭތީއާއިއެކު އެމީހުން ތިބެނީ ބޮޑު ހާސްކަމެއްގެ ތެެރޭގައިކަން ޔަގީނެވެ. ނަމަވެސް ދައްތަ އެފަދަ ރުޅިކަމެއްގެ ތެރޭގައި ހުއްޓާ ފޯނު ދެށޭ ބުނާނީވެސް ކިހިނަކުން ހެއްޔެވެ؟ މިހާރު ވެސް އަހަރެން ދެކެ އިންތިހާ ދަރަޖައަށް ރުޅި އާދެއެވެ. އަހަރެން ކަހަލަ ފަގީރަކު މުއްސަނދި، އެމީހުންގެ ގޭގައި އުޅެން އެމީހުން ރުހޭނެ ހެއްޔެވެ؟ އަހަރެން އުޅެ ބޮޑު ވީ ބޮލަށް ވެއްޓިފައި ހުރި ގެޔަކުއެވެ. ނަމަވެސް އެމީހުން އުޅެ ބޮޑުވީ ގަނޑުވަރެއްފަދަ ރީތި ތަނެއްގައިއެވެ. ކެއީ އެންމެ އިރަކުއެވެ. ގިނަ ފަހަރު ނުކައިވެސް ހުންނަން ޖެހުނެވެ. ނަމަވެސް އެމީހުން ހަތަރު އިރު ކައިގެންނެވެ. ލީ މީހުން ލާ ބާކޮށްފައި ހުރި އަންނައުނެވެ. ނަމަވެސް އެމީހުން ލައި އުޅުނީ އެންމެ އަގު ބޮޑެތި ރީތި އަންނައުނެވެ.”
ނައިޝަމްގެ ލޮލުން ކަރުނައިގެ ރާޅެއް އެނާގެ ކޯތާފަތްމައްޗަށް ބީއްސާލިއެވެ. ގިސްލެވެން ފެށިއެވެ. އަތް ތުރުތުރު އަޅަން ފެށިއެެވެ. އަމިއްލަ ހާލާ މެދު ޝަކުވާ ކުރެވެން ފެށިއެވެ. އޭނާއަށް ހަމަޖެހޭ ދުރިއުޅެމެއް ދައްކާނީ ކޮންދުވަހަކުން ބާއޭ ހިތަށް އަރަމުން ދިޔައެވެ. އަހަރެންގެ ހުވަފެންތައް ހަގީގަތަކަށް ވާނެ ބާއޭ އެތައް ފަހަރަކު އެހިތުގައި ސުވާލު އުފައްދައިފިއެވެ. ނަމަވެސް ޖަވާބެއް ނުލިބެއެވެ.
ނައިޝަމްއަށް އޭނާގެ ކަރުނަތައް ހިންދައި ކުރިމަތީގައި އޮތް އައިލީޝްއަށް ބަލައިލިއެވެ. އެމޫނުމަތިން ފެންނަމުން ދިޔައީ މައިސޫމުކަމާއި ވަރުބަލިކަމެވެ. ހިތާމައާއި މާޔޫސްކަމެވެ. އެއްވެސް އުޖާލާކަމެއް ނެތެވެ. ނައިޝަމްގެ ހިތަށް އެރިއެވެ. ”އޭނާއަށް ވުރެ މާ ހާލުގައި އުޅޭ މީހުންވެސް މިދުނިޔެމަތީގައި އުޅޭނެއެވެ. އޭގެ އެއް މިސާލަކީ އައިލީޝްއެވެ. މަންމައެއްގެ ލޯބިން މަހްރޫމްވެފައިވާ އައިލީޝްއަށް ހުރި މަންމަގެ ފަރާތުންވެސް ލިބެމުން ދިޔައީ ވޭނާ އަނިޔާއެވެ. ނަމަވެސް އެއިން ކޮންމެ ކަމަކާއި ވެސް ކުރިމަތި ލަނީ ހިތްވަރާއެކުއެވެ. ޝަކުވާއެއް ނެތިއެވެ. ބޮޑު ގަނޑުވަރެއްގައި އުޅި، ހަތަރު އިރު ކާން ލިބި، ލާނެ ރީތި އަންނައު ހުރިއެއްކަމަކު މީހާގެ ދިރިއުޅުން އުޖާލާވަނީ ލޯބި ލިބިގެންނެވެ. ނަމަވެސް އައިލީޝްއަށް ލިބެނީ ކާކުގެ ލޯތްބެއް ހެއްޔެވެ؟ ހުރި ބައްޕަގެ ފަރާތުންވެސް އެފަކީރަށް ލޯތްބާއި ހިތްހަމަޖެހުމެއް އެލިބެނީ އެންމެ ދެތިން ދުވަހަށެވެ. ނަމަވެސް އަހަރެންނަށް ބަރާބަރަށް މައިންބަފައިންގެ ލޯބި އެބަލިއެވެ. ހަމައެކަނި ފަގީރު ކަމެެވެ. އަހަރެންނާ އައިލީޝް އެތައް ތަނެއް ތަފާތެވެ. އަހަރެންމީ ފަގީރެކެވެ. އެއީ މުއްސަންޖެކެވެ. މުދަލާއި ފައިސާ ކިތަންމެ ވަރަކަށް ހުއްޓަސް އައިލީޝްއަށް ލިބޭ އުފާވެރިކަމެއް އެބައޮތް ހެއްޔެވެ؟ ކިތަންމެ މުއްސަންޖަކަސް ހިތާމަތަކާއި އަނިޔާތަކާއި ކުރިމަތިލާން ޖެހޭނެކަން މިއަދު އަހަރެންނަށް ވިސްނިއްޖެއެވެ. އެކަމާއި ކުރިމަތި ލާން ޖެހޭނީ ހަމައެކަނި ފަގީރުންނަށް ނޫންކަން މޭރުންވެއްޖެއެވެ.” ނައިޝަމްއަށް އަނެއްކާވެސް ރޮވުނެވެ. އައިލީޝްގެ ހަޔާތާއި އޭނާގެ ހަޔާތް އަޅާކިޔަމުން ދިޔައިރު އެކަމުގެ ސަބަބުން އޭނާއަށް އެތައް އިބްރަތެއް ލިބިއްޖެއެވެ.
ހުރިހާ ކަމަކާއިމެދު ފިކުރު ބޮޑުވެފައި އިން ނައިޝަމް ސިއްސައިގެން ދިޔައީ އައިލީޝްގެ ތުންފަތް ފޫ އަޅުވާލާފައި ނުކުތް ބަސްތަކުންނެވެ. އެބަސްތަކުން ހަމަރަނގަޅަށްވެސް ނައިޝަމް ފެންކަޅި ކޮށްލައިފިއެވެ. ނަމަވެސް ސުވާލު މާކެއްވެސް ސިކުނޑީގައި އުފެދުނެވެ.
”މަން..މާ. މަ..ންމާ. ކީއްވެ އަޅުގަނޑު.. ދޫކ..ކޮށްލާފައި.. ދިޔ..ދިޔައީ…”
~ ނުނިމޭ ~
8 Comments!
Comments are closed.
!Hey nafu
Mi vaahakaige name vrh reethi .. vhk vx hama habeysss … keep it up nafu …
??❤
thanks quiiin.
Varah varah reethi…..bunaane ehcheh vx neyge ehaa furihama….curiously waiting for the nxt part….be safe..ly
thanks kairaa.. be safe and stay home dear..
masha? allah varah ?varah reethi… varah emotional? mi part…curiously ?waiting for next…
thanks friend..
Salhi vaahakayae
thanks liyaa